މީހުން

މަރުގެ ތުންފަތްމަތިން ސަލާމަތްވެ ހަށިފޮޅާލި ފަހުލަވާނެެއް!

ނުކުޅެދޭ މީހުންނަށް ސަރުކާރު ދޭ 2000 ރުފިޔާއިން އޭނާގެ އާއިލާގެ ހަރަދުތަކެއް ނުފުއްދޭ. އެކަމަކު މީހެއް ކައިރީ ސަލާން ޖަހައެއް ނޫޅޭ

ޒަރީރު

ހދ. ވައިކަރަދުއިން ހުސެއިން ހަބީބު

30 އޮކްޓޯބަރ 2021 - 07:25

23 comments

ތިން ފުރޮޅުލީ ބައިސްކަލް ގޮޑީގައި އިނދެ، އޭނާ ކިޔައިދޭން ފެށީ އަޑުއަހަން ފަސޭހަ ވާހަކަތަކެެއް ނޫނެވެ. މީގެ ނުވަ އަހަރު ކުރިން ހދ. ވައިކަރަދޫ "މަދަދު" އަބްދުﷲ ޒަރީރު, 52, ފެންނާނީ މިހެނެއް ނޫނެވެ. އެކަމަކު، ދިމާވި ކުއްލި ހާދިސާއަކުން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ ނުކުޅެދޭ މީހަކަށް ހަދާލީ އެވެ.

އޭޕްރީލް 2012 އާ ހަމައަށް އައިރު ޒަރީރު އަކީ ހުރިހާ ގުނަވަނެއް ސަލާމަތުން ހުރި މީހެކެވެ. މުރާލި ހަރަކާތްތެރި މީހެކެވެ. އޭރު އޭނާ އަކީ އިމާރާތް ކުރުމުގެ މަސައްކަތުގައި މުޅި ރަށުގައި ނަން ހިނގާ މީހެކެވެ.

އެފަދަ މަސައްކަތެއް ނެތް ދުވަހެއް ނަމަ އެދުވަހަކީ ވާދާ ދުއްވާ ދުވަހެކެވެ. ހަމައެންމެ ދުވަހެއް ވެސް އަތް އުރާލައިގެން އޭނާ ނުހުރެ އެވެ. ރޭނުމާއި ސިމެންތި ޖެހުމާއި މުށި ޖެހުމުގައި އެފަދަ ދެވަނަ މީހަކު މި ރަށުން ނުލިބޭނެ އެވެ. މަސައްކަތަށް ފަރިތަ އެވެ. މަސައްކަތް ރީތިކޮށް ޗާލުކޮށް ނިންމާލަ އެވެ.

ހަވީރު 5:30 ވުމުން މަސައްކަތް ނިންމާފައި ގެއަށް ދިޔަ ދުވަހެކެވެ. އޭރު ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ އޭނާގެ ދަރިޔަކު ގޭގެ ޓެރަސްގައި ފިލާވަޅު ދަސް ކުރަން އޮތުމުން ޒަރީރު އުޅުނީ އެގޭގައި ހުރި ފޭރު ގަހަކުން ފޭރެއް ބިނދެ ދަރިފުޅަށް ދޭށެވެ. ހަފޫޓް ހުރި ފާރު މައްޗަށް އަރައި ގަހުގައި އަޅުވާފައި ހުރި ފުޅިތަކުގެ ތެރެއިން ފުޅިއެއްގައި އޮތް ފޭރު ނަގަން އޭނާ އަތް ދިއްކޮށްލުމާއެކު ދެންވީ ގޮތެއް ނޭނގުނެވެ. އޭނާ ބިންމައްޗަށް ވެއްޓި ޖެހުނީ އެވެ. ބިންމައްޗަށް ވެއްޓުނީ ފާރުގައި ޖެހިފައި ކަމެއް ނުވަތަ ހުރި ގޮތަށް ބިންމައްޗަށް ވެއްޓުނީ ކަމެއް ނޭނގެ އެވެ. އެނގުނީ ބިންމަތީގައި ޖެހުނު ކަމެވެ.

ޒަރީރު

"އެއްވެސް ހަރަކާތެއް ނުކުރެވޭ. އެކަމަކު ވާހަކަ ދެއްކޭ. އަޑު ބަރާބަރު. ދެން ޓެރަސްމަތީގައި ހުރި ދަރިފުޅު ރޯން ފަށައިފި. އަޅުގަނޑު ބުނިން ދަރިފުޅާއޭ ދަރިފުޅަކަށް ބައްޕަ ނުއެއް ނެގޭނޭ. ބައްޕައަކަށް އެއްވެސް ހަރަކާތެއް ނުކުރެވެއޭ. ބައްޕަ ފޯނުން އެންމެ ފަހުން ގުޅާފައި ނަންބަރުތަކަށް ގުޅާށޭ. އޭރު އަޅުގަނޑު އޮތީ ފާރާއި އެތާނގައި ޓިނު ޖަހައިގެން ހަދާފައި ހުރި ކޮއްޓެއްގެ ދެމެދު ތާށިވެފައި،" ޒަރީރު ކިޔައިދިނެވެ.

"ދަރިފުޅު ރޯތީ ސްކޫލުން ކުއްޖަކު ގޮވައިގެން ދިޔަ އަޅުގަނޑުގެ ކޮއްކޮއެއްގެ އަންހެނުން މަސައްކަތް ކުރީ އަޅުގަނޑު ނަގަން. ނުނަގާށޭ ބުނެވުނުކަން އެނގުނު ދެން އޭނަ އަތުގައި ހިފި ހިސާބުން އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގުނު. އޭގެ ފަހުން މީހުން ގޭދޮށަށް އެއްވިކަން އެނގޭ."

ރަށުގެ ކޮންމެ މީހަކީ ޒަރީރު ދަންނަ ދެކެފަރިތަ މޫނުތަކެކެވެ. އޭނާ ކައިރިއަށް ކަމަކު އައި ކޮންމެ މީހެއްގެ މުހުތާދު ފިލުވައިދޭ މަދަދުވެރިއެއްގެ ގޮތުގައި އޭރު ވެސް ފާހަގަވެފައިވުމުން ރަށުގެ ކޮންމެ މީހަކީ އޭނާ ގާތް މީހެކެވެ. މަސައްކަތް ކޮށްގެން އެއްކުރެވޭ ފައިސާއިން ހަރަދުކޮށްފައި ބާކީވާ ފައިސާކޮޅު ހާލުގައި އުޅޭ މީހަކަށް ދޭން ޖެހުނަސް ޖެހިލުމެތް ނެތި އޭނާގެ ދީލަތި އަތް ދިއްކޮށްލަ އެވެ. އެކަމަކު އެ ހާދިސާ ހިނގި ވަގުތު "މަދަދު" ގޭ ކައިރިއަށް ދިޔަ މީހުން ވަކި ކުރާކަށް ނޭނގުނެވެ. އޭނާ އުފުލައިގެން ގެންދިޔައީ ކޮން ބައެއްކަމެއް ހިލަމެއް ނުވި އެވެ. އެ ހާދިސާ ހިނގި ދުވަހު އޭނާގެ އެއްބަނޑު އެއްބަފާ އެއްވެސް މީހަކު ރަށުގައި ވެސް ނެތެވެ.

ޒަރީރު ފުރޮޅުލީ ގޮނޑީގައި އިނދެގެން ގަސްތަކަށް ފެން ދެނީ

"ރަށުގައި ހުރި ޑޮކްޓަރުގެ ކައިރިއަށް ގެންދެވުނީމަ ބުނެފި އެއްވެސް ގޮތަކަށް ކަރު ނުގުޑުވާށޭ. އެހެންވެ ކާއެއްޗެއް ވެސް ނުކައި އޮންނަން ޖެހުނީ. އެކަމަކު ވަރަށް ކަރުހިއްކާ. ކާއެއްޗެއް ނުކެވިގެ އަރުތެރެ އޮތީ ހިކިފައި. ފެން ފޮދެއް ވެސް ނުދިރުވޭ،" ޒަރީރު ބުންޏެވެ.

ކުޅުދުއްފުއްޓަށް ގެންގޮސް ދެވޭނެ ފަރުވާއެއް ނެތުމުން މާލެ ގެންދެވުނެވެ. މާލެއިން ވެސް އެކަށީގެންވާ ފަރުވާއެއް ނެތެވެ. މާލޭގައި ދެތިން ދުވަހު ބާއްވާފައިި ދެން ގެންދެވުނީ އިންޑިއާ އަށެވެ.

"މިރަށު މީހުންގެ އެހީތެރިކަމާއި މީހުން އަތުން އެހީ ހޯދައިގެން ލިބުނު ލާރިކޮޅުން އިންޑިއާ އަށް ދިޔައީ،" ޒަރީރު ބުންޏެވެ.

"ކިމްސް ހޮސްޕިޓަލުގައި ފަރުވާން ދޭން ފެށިތަނާ ތަދު ކެނޑިއްޖެ. އެކަމަކު އެހާހިސާބުން އެހެން ގޮތެއް ވާން ފެށި. ދެލޯ ބޮޑުވެ ބޮޑުވެފައި މޫނު ފުފެނީ. އަޅުގަނޑާއެއްކޮށް ދިޔަ އެއްބަނޑު އެއްބަފާ ދެ ކުދިން އަޅުގަނޑު އޮތް ކޮޓަރިން ނުކުމެ ނުކުމެފައި ރޯކަން އެނގޭ. އޭރު ނޭންގެ ކިހިނެއްވެ ކަމެއް އެހެން ވާން ޖެހުނީ. އެތަން ފެނިފައި މި ދެ ކުދިން ރޯން ފެށީ. ފަހުން މި އެނގުނީ އަޅުގަނޑަށް ތަދުކަނޑުވާ ބޭސް ދީފައި ހުރިކަން. އަޅުގަނޑަކީ ތަދުކަނޑުވާ ބޭހަށް އެލާޖިކްވާ މީހެއް."

ކިމްސް ހޮސްޕިޓަލުގެ ރެކޯޑްތަކުން ދެއްކީ އޭނާގެ ކަރު ބިނދިފައިވާ ކަމަށެވެ. އަދި މައިބަދަ އާއި އުނގަނޑުން ތިރީގައި ވާތްގެއް ނެތެވެ. އޮތް ފުށް ނޫން އަނެއް ފުށަށް ޖަހަން ވެއްޖެނަމަ އަނބުރަނީ އޭނާ އޮތް އެނދެވެ. ކާން އޮންނަނީ ހޮޅި ގުޅައިފަ އެވެ. ކިމްސްގެ ޑޮކްޓަރުން ފަރުވާ ނިމުމުން ދެން އޭނަ ފުރަންވީކަން ޑޮކްޓަރުން ބުންޏެވެ.

ޒަރީރު

"ކައިރީގައި ތިބި ކޮއްކޮމެން އަހާލީ ތެދުވެ އިނދެވޭނެތޯ. ޑޮކްޓަރު ބުނި ނުވާނެޔޭ. އެ ކުދިން ވިސްނާނެތާ އޮށޯވެގެން އޮވެ ގެންދަންޏާ އިތުރަށް ހަރަދު ހިނގާނެތާ. އޭރު ގެންދިޔަ ލާރިކޮޅުވެސް ހުރީ ހުސްވެފައި،" ޒަރީރު ކިޔައިދިނެވެ.

މާލެ ގެނެސްފައި އައިޖީއެމް ހޮސްޕިޓަލްގައި ބާއްވައިގެން ނާރުގެ ޑޮކްޓަރަކަށް ދެއްކި އެވެ. ޑޮކްޓަރުގެ ވާހަކައިން ޒަރީރު މުޅިން ހިތްދަތި ކުރުވި އެވެ. މުޅި އުމުރަށް ވެސް ގެންގުޅެން ޖެހޭނީ އެނދުގައި ބާއްވައިގެންނޭ ޑޮކްޓަރު ބުނި ހިސާބުން ޒަރީރުގެ ހިތް ކުދިކުދިވި އެވެ.

"އެހިސާބުން ކޮއްކޮމެން ކައިރީ ބުނިން ދެން ބޭބެ ގަންދަން ހަދާނެ ކަމެއް ނެތޭ. ބާއްވާފައި ދާށޭ. އެހެން ބުނެވުނީ ހިތްފަޅައިގެން ދާވަރުވީމަ،" ބޭއިހްތިޔަރުގައި ބުނެވުނު ޖުމުލަތައް ސިފަކޮށްދެމުން ޒަރީރު ބުންޏެވެ.

ޒަރީރު ވެއްޓި ބިމާ ހަމަވެ އޭނާގެ ހަޔާތް ބަދަލުވި އިރު ވެސް އުޅެނީ ދެ މީހުންނާ ކައިވެނިކޮށްގެންނެވެ. ހަގު އަނބީގެ ބަނޑަށް އޭރު ނުވަ މަހެވެ. އަނބިމީހާ އަށް އޭނާގެ އެހީ އެންމެ ބޭނުންވި ވަގުތު އޭނާ އޮތީ ނުކުޅެދޭ މީހެއްގެ ގޮތުގަ އެވެ. ރަށަށް ގެނައީމަ ދެ އަނބިން ކައިރީގައި ވެސް ޒަރީރު ބުނީ ދާން ބޭނުން އަންބަނކު ދިއުމުގެ އިހްތިޔާރު އޭނާ ދޭނެ ކަމަށެވެ. ނުކުޅެދޭ ހާލާއެކުު އަތްނބަކު ގެންގުޅެ ބެލެހެއްޓުމުގެ ގާބިލު ކަމެއް އަދި ފެންވަރެއް ވެސް އޭނާގެ ހަށިގަނޑާއި މާލީ ގޮތުން ވެސް ނެތެވެ.

"އެކަމަކު އެއްވެސް އަތްބަނކު އަޅުގަނޑު ދޫކޮށްލާފައި ދާ ހިޔާލެއް ނުކުރި. ދެ އަނބިން ވެސް ވަރަށް ހެޔޮ. ވަރަށް އަޅާލާ. ދެ ގޭގައި އުޅުނަސް ވަރަށް ރަނގަޅު. މޫދަށް ގެންދަން ޖެހުނަސް ކޮންމެވެސް އެއް އަތްނބަކު ވަގުތު ހުސްކޮށް އެހީވެދީ ހަދާނެ."

ޒަރީރް އޭނާ ދިރިއުޅޭ "މަދަދު" ގެއަށް ވަނުމަށް އޭނާގެ ކޮއްކޮއަކު އެހީތެރި ވަނީ

މޫދަށް އެރި ހަރަކާތްކޮށް އުޅެން ފެށުމުން ޒަރީރުގެ ގުނަވަންތަކަށް ލުޔެއް ލިބުނެވެ. އިށީންދެގެން އިނދެވޭ ވަރަށް އޭނާ ހިރިލެވެ އެވެ. ޒަރީރު އާއި އޭނާގެ ނުވަ ދަރިންނާއި ދެ އަނބިންގެ ހިތްވަރާއި އެއްބަނޑުއެއްބަފާ މީހުންގެ އެހީއާއެކު ހާސިލުވި އެ މިންވަރަކީ ޑޮކްޓަރުން އުންމީދުކޮށްފައި ވެސް ނެތް މިންވަރެކެވެ.

އޭގެ ކުރިން ވެސް ހަލާލު މަސައްކަތުން ކައިބައި އުޅުނު ޒަރީރުގެ އާމްދަނީ ދެން ބިނާ ކުރީ ދަނޑުވެރި ކަމަށެވެ. އޭނާ ބަލަހައްޓާ ފަތްކެޔޮ ދަނޑަށް ވަޅުކޮނެ ގަސްތަކަށް ފެންދީ ހަދަނީ ވެސް އަމިއްލަ އަށެވެ. އެ ހާލު ފެނިފައި ލޮލުން ކަރުނަ ހިލޭ ވަރުވެ އެވެ. ގޮނޑީގައި ދުއްވާފައި ގޮސް ދަނޑަށް ވަދެ ފަތްކެޔޮ ޖަހަން ވަޅުތައް ކޮންނަނީ ވެސް އޭނާގެ އަމިއްލަ އަށެވެ. ފައިން ކޮއްޕަމުން ހޮޅިން ފެންދެމުން ގެންދެ އެވެ.

"ނަމާދުގައި އިށީންދެގެން އިންނަ ގޮތަށް އިށީންދެ އިނދެ ވަޅު ކޮންނަނީ. އެހެން ނީންނަން ޑޮކްޓަރު ބުނެފައި އޮންނަނީ ވެސް. އެކަމަކު ވެސް ހިތްވަރުކޮށްފައި އުޅެނީ. ވަޅުކޮންނަން އެހެން މީހަކާ ހަވާލު ކުރިޔަސް ލާރި ނަގާނެ. ދެން އަޅުގަނޑު ބޭނުންވާ ގޮތަކަށް އެ ވަޅުތަކެއް ނުކޮންނާނެ. އެހެންވެ އަމިއްލަ އަށް ފައިބައިގެން ވަޅު ކޮންނަނީ ވެސް،" ޒަރީރު ބުންޏެވެ.

"އަޅުގަނޑަށް ނުކުރެވޭ ކަމެއް ވެއްޖެއްޔާ އެއްބަނޑު ކޮއްކޮއެއް ނޫނީ ދަރިއެއް ކައިރީ ބުނީމަ ދަނޑަށް ގޮސް އެކަމެއް ކޮށްލަދޭނެ."

އެ ހާދިސާ އާއެކު އޭނާގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް އައެވެ. ނަމާދުތަކަށް އޭރު ފަރުވާ ނުުބެހެއްޓުނު ޒަރީރުގެ ހަޔާތްވީ ނާމާދާ އަޅުކަމާ ގާތް ކުރުވި ދިރިއުޅުމަކަށެވެ. އެހެޔޮ ބަދަލާއެކު އެހެން ކަމެއް ވެސް ބަދަލުވި އެވެ.

"މިކަމެއް ދިމާ ނުވާއިރު އަބަދުވެސް ދިމާވާ ކަމެއް އޮވޭ. މަސައްކަތް ކޮށްފައި ލާރިކޮޅު ލިބުން ލަސްވަންޏާ ބޯ ހާސްވޭ. އަބަދުވެސް އެވެނި ކަމެއް ނުވެގެން މިވެނި އެއްޗެއް ނުގަނެވިގެން އުޅެން ޖެހުނީ. އެކަމަކު މިހާރު އެކަހަލަ އެއްވެސް ކަމެއް ނީންދޭ. އެވަގުތަކު އޮތް އެއްޗަކާ މެދު ރުހިގެން ހުރެވޭ. ބޯހާސްވުމެއް ނީނދޭ،" ޒަރީރު ބުންޏެވެ.

ފަތްކެޔޮ ވިއްކައިގެން އޭނާ އަށް ލިބޭ ފައިސާ ކޮޅު ހޯދަން ދައްޗެވެ. އޭނާ އަތުން ކެޔޮ ގަނެފައި ފައިސާ ނުދައްކާ މީހުން އެބަތިއްބެވެ. އޭނާގެ އަތްމަތި ދަތިވާ ވަގުތު އެއިން ފައިސާ ކޮޅެއް ދޭތޯ އާދޭސް ކުރެ އެވެ.. އެކަމަކު ފައިސާ އަދާނުކޮށް ތިބި މީހުންގެ ހިތަށް އެއްޗެއް އަރާހެނެއް ހީއެއް ނުވެ އެވެ. އަތުން އަނބުރަމުން ދަނޑަށްދާ ޒަރީރު އަތުގައި ހުރި ބެޓަރި ދުއްވާ ގޮނޑި ވެސް މިވަގުތު ހުރީ ގުދަނަށްލައި ތަޅުލައިފަ އެވެ. ހަދިޔާ އަކަށް ލިބުނު ގޮނޑީގެ ބެޓަރީގެ ބާރު ވަނީ ދަށް ވެފަ އެވެ. އެ ގޮނޑީގެ ސްޕެއާއެއް އަދި ބެޓަރި އެއް ވެސް ރާއްޖެ އަކުން ނުލިބެ އެވެ.

ނުކުޅެދޭ މީހުންނަށް ސަރުކާރު ދޭ 2000 ރުފިޔާއިން އޭނާގެ އާއިލާގެ ހަރަދުތަކެއް ނުފުއްދެ އެވެ. އެކަމަކު މީހެއް ކައިރީ ސަލާން ޖަހައެއް ނޫޅެ އެވެ. އެކަމަކު އޭނާގެ އޮތީ ޝުކުރުވެރި ހިތެކެވެ. ހަލާލު އަމިއްލަ މަސައްކަތުން ނޫނީ އޭނާ ދިރިއުޅުން ކޮޅަށް ނުނަގާނެ ކަން އޭނާ އަށް ޔަގީނެވެ.

23 ކޮމެންޓް, 212 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 42%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 51%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުލޮ

01 November 2021

ޒަރިރުގެ ވަހަކަ ކިޔަލިމައެނގެ އެއްޗެކި ޒަރިރުއަކި މަސައްކައް ކޮތްގެން ހަލަލުގޮތުގަ ހޮއޮދަފައިސައިން އަނބިދަރިން ގެންގުލެން ބެނުންވަ މިއިހެއްކަން ޒަރިރުއަތް އަަވަސްސިފައެތްމިންވަރުކުރެއްވައި ދުނިޔެއެގައިއުލުމުގައި ރަނގަލުތަނަވަސް ކަމެއް މިންވަރުކުރަތްވަނދެއެވެ އަމިން

The name is already taken The name is available. Register?

ޑޮނާޑުއިންވެސްޓުމެންޓު

31 October 2021

ޒަރީރައް ސަލާމް އަހަރެން ޒަރީރާ ވާހަކަދައްކާލަންބޭނުން. "ޑޮނާޑު"( ޢާއްމުކޮއްކިޔާނަން ) ފޯނުނަމްބަރ. 7776455 /9900009 ތޭންކުސް

The name is already taken The name is available. Register?

ކަބާބު

31 October 2021

މި ކޮމެންޓް މިތާ ނުޖަހާ އޭނާއަށް އަންގާލި ނަމަ

The name is already taken The name is available. Register?

ޚާލިދާޚާލިދު

31 October 2021

އިރު އޮއްސޭ ވަގުތު ޖިންނި ޝައިތޯނުން ގިނަ ވަގުތެއް. ގަސްގަހުން އެއްޗިހި ބިންނައިރު އަޢޫޒު ބިސްމި ކިޔަން ހަނދާން ބަހައްޓަންޖެހޭ.

The name is already taken The name is available. Register?

ކުޅެދޭ

30 October 2021

ހުރިހާ ނުކުޅެދޭ މީހުންނަށް އެއްވަރަށް އިނާޔަތް ލިބުމަށްވުރެ ރަގަޅުވާނެ ކަންނޭނގެ ކޮންމެ މީހެއްގެ ހާލަތު ބަލާފަ އެކި ވަރަށް އެކި މީހުންނަށް އިނާޔަތް ދިނިއްޔާ. ނުކުޅެދޭ މީހުންގެ ތެރެއިން ފޯރާ އާއިލާ ހުރި މީހުންނާ، އަޅާލާނެ ގިނަ ބަޔަކު ތިބި މީހުންނާ، ނުކުޅެދުންތެރިކަން އެހާ ބޮޑު ނޫން ފަރާތްތަކަށް، އެންމެ ބޭނުންޖެހިފައި ތިބޭ އެއަށްވުރެ ނިކަމެތި މީހުންނެކޭ އެއްވަރަށް ދިނުމަކީ އެންމެ ހަމަޖެހޭ ގޮތްހެން ހީނުވޭ.

The name is already taken The name is available. Register?

ދިވެހި-ސަރުކާރު

31 October 2021

ވަރަށް ރަނގަޅު ލަފައެއް. ނަމަވެސް ވައްކަމަށް ކޮށޭ އިތުރު ދޮރެއް. އެނގިހުރެ މި ބުނަނީ. ހާލަތު ބަލާފައި ފްލެޓްތައް ވެސް ދީފައި އެބަހުރި މުއްސަދިންގެ (މާލޭ ގޯތި ހުރި) ދަރިންނަށް ވެސް.

The name is already taken The name is available. Register?

ހާޟިދު ޝާޙިދު

30 October 2021

ގެޔަށްވެސް ކިޔަނީ މަދަދު. ޒަރީރަށް ބޭނުންވަނީވެސް މަދަދު. އޭރިު އޯލެވެލް އަށް ތައްޔާރުވި ދަރިފުޅު ރަނގަޅުވަޒީފާއަކަށް ގޮސްގެން ބައްޕައަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް އުންމީދުކުރެވެއެވެ. މިކަހަލަ ބޭފުޅުން އެދައްކުވައިދެނީ ނަމޫނާއެކެވެ. އެހެން މީހުނަށް އިބުރަތެކެވެ. މާތް ﷲ އެކިމީހުނަށް މުސީބާތް ޖައްސަވަނީ އެކިގޮތަށެވެ. ޒަރީރުފަދަ ބޭކަލުންނަށް އޮތީ ނަމާދާ ގާތްވެ، އަބަދުވެސް ހެޔޮދުއާކުރުމެވެ. އޭނާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ.

The name is already taken The name is available. Register?

ޝިޔާމް

30 October 2021

މާތްﷲ ޒަރީރުބެއަށް ދެދުނިޔޭގައިވެސް ހެޔޮ ރަޙުމަތް ލައްވާށި. އާމީން

The name is already taken The name is available. Register?

މަހމޭން ޒަރީރު

30 October 2021

ދިވެހި ފިރިހެން ކުދިން ޒަރީރުގެ ހަޔާތުން ހިތްވަރުހޯދާ ޒިންމާދާރު ފިރިހެނަކަށް ވެވޭ ތޯ ބަލާ ވީޑިޔޯ ގޭމުކުޅެ ބަރަހަނާ ފިލުމު ބެލުން ކަހަލަ ފީކަޅާ ދެރަވަރު ދައް ކަންތަކުގައި ވަގުތު އިސްރާފު ނުކޮށް އަބަދު ޝަކުވާ ކުރަން ތިބެގެން ހޯދޭނެ އެއްޗެއް ނޯންނާނެ ތާއަބަދު ޒުވާންކަން ދެމި ނޯންނާނެ ޒަރީރު އޭނާގެ ދުވަހުގައި އުޅެފައި ވަނީ ފިސާރި ފިރިހެންވަންތަ ރީތި ދިރިއުޅުމެއް

The name is already taken The name is available. Register?

ކޮރަލް

30 October 2021

ރާއްޖޭގަ މިލިއަނަރުން ވ ގިނަ އެވެ. ހަގީގަތް އެނގޭނީ ސާވޭ އެއް ކޮށްލީމަ އެވެ. އެކަމު ހިލޭ ސާބަހަށް ހާލުގަ އުޅޭ މީޙުންނަށް އެހީ ވާ މީހުން ވ މަދެވެ. އެހީ އަށް އެދުނީމަ އެހީވެ އެވެ.

The name is already taken The name is available. Register?

ބޮކަރުމާ

30 October 2021

އަތްފައިގާ ބާރުހުރި މީހުން އެބަތިބޭ މަޖީދީމަގު ބޮޑެތި ފިހާރަތައް ކައިރީގަޔާ އިސްލާމީ މަރުކަޒު ކައިރީގަ ބިންމައްޗަށް ވެއްޓިގަނެގެން އަތްދިއްކޮއްގެން. އެފަދަ މީހުންނަަށް ފައިސާނުދީ ޒަރީރު ފަދަ އަމިއްލަ މަސައްކަތުން އުޅޭ މީހުންނަށް އެހީވެދިނިއްޔާ މާރަނގަޅުވާނެ.

The name is already taken The name is available. Register?

ރަންތަރި

30 October 2021

މާތްﷲ އަށް އުރެދޭ މީހަކަށްވުރެ ހިއްސެއްމަދު އަދި ނިކަމެތިނަމަވެސް އެއިލާހަށް ކިޔަމަންތެރިވާ އަޅާގެއަގު އެއިލާހުގެ ހަޟްރަތުގައި މާމަތިވެރިވެގެންވޭ. ހަޤީޤީ ކާމިޔާބުގެ އަހުލުންނަކީ އެއީ. އަވަސް ޝިފާޔަކަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454