01 ނޮވެމްބަރ 2021 - 11:32
މެޑްރިޑް (ނޮވެމްބަރު 1) - ސްޕެނިޝް ލަ ލީގާގައި އެތުލެޓިކޯ މެޑްރިޑުން ރެއާލް ބެޓިސްއާ ވާދަކޮށް 3-0 އިން ރޭ މޮޅުވިއިރު، އެތްލެޓިކޯ ބިލްބާއޯއާ އެއްވަރު ކޮށްލައިގެން ރެއާލް ސޮސިއެޑާޑް އެއްވަނަ އަށް ޖެހިލައިފި އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނިޓުގައި ޔަނިކް ކަރާސްކޯ ޖަހައިދިންއިރު، ދެވަނަ ލަނޑަކީ ބެޓިސްގެ ޑިފެންޑަރު ޖާމަން ޕަޒެއްލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޖެހީ ޔާއޯ ފެލިކްސް އެވެ.
ސޮސިއެޑާޑުން ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުވީ 1-1 އިންނެވެ. ސޮސިއެޑާޑްގެ ލަނޑު ދެވަނަ ހާފުގައި 58 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ސްވިޑަންގެ ފޯވަޑް އެލެކްޒަންޑާ އިސާކް ޖެހިއިރު، ބިލްބާއޯ އިން އެއްވަރުކުރީ ފަހު ވަގުތުގައި ލުބުނު ހިލޭ ޖެހުމަކުން އިކާ މުނިއައީން ޖެހި ލަނޑުންނެވެ.
މި މެޗުން މޮޅުވި ނަމަ ސޮސިއެޑާޑަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބެން އޮތް ނަމަވެސް، ޕޮއިންޓަކުން މެޗު ނިންމާލަން ޖެހުމުން ސޮސިއެޑާޑް އެއްވަނައިގައި އޮތީ ކުޅުނު 12 މެޗުން ލިބުނު 25 ޕޮއިންޓާ އެކު އެވެ. ލީގުގައި މިހާތަނަށް 11 މެޗު ކުޅެގެން 24 ޕޮއިންޓާ އެކު ސޮސިއެޑާޑްގެ ފަހަތުގައި އޮތީ ރެއާލް މެޑްރިޑާއި ސެވިއްޔާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ 22 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެތުލެޓިކޯ އިން ރޭ ބަލިކުރި ބެޓިސް ފަސްވަނައިގައި އޮތީ 12 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy