މީހަކު ލޯކަލް މާރުކޭޓުން މިރުސްތަކެއް ބަލަނީ. ރޯދަ މަސް ފެށުނުއިރު މާރުކޭޓުގައި ދިވެހި އުފެއްދުންތައް ވަރަށް ބޮޑަށް މަދުވެ، އަގު ވަރަށް ބޮޑަށް އުފުލުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
30 ޖޫން 2016 - 15:22
ރޯދަ މަސް ނިމުމަކާ ކައިރިވަމުން އަންނަ އިރު މާރުކޭޓުގައި ދިވެހި އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިއްޖެ އެވެ.
މި ރޯދަ މަސް ފެށުނުއިރު މާރުކޭޓުގައި ދިވެހި އުފެއްދުންތައް ވަރަށް ބޮޑަށް މަދުވެ، އަގު ވަރަށް ބޮޑަށް އުފުލުނެވެ. ކަރާ ކިލޯއެއްގެ އަގު 50ރ. އަށް ވުރެ މައްޗަށް އަރައި ފަތްޕިލާވެލީގެ ބާވަތްތައް އެއްގޮތަކަށް ވެސް ނުލިބެ އެވެ. މީގެ އިތުރުން، މިރުހާއި ލުނބޯ ފަދަ ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކުރަން ބޭނުން ކުރާ އެއްޗެހީގެ އަގު ވެސް ވަރަށް ބޮޑަށް މައްޗަށް ދިޔަ އެވެ.
ނަމަވެސް، ރޯދަ މަހުގެ ފުރަތަމަ ދިހަ އަށް ފަހު މާރުކޭޓު ތިޔާގިވި އެވެ. އެއާ އެކު، ގިނަ ތަކެތީގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އޭގެ ތެރޭގައި ކިލޯއެއް 15-20ރ. އަށް އަގު ވެއްޓުނު ކަރާ ފާހަގަކޮށްލެވެ އެވެ.
ރޯދަ މަސް ނިމެން ކައިރިވެފައި ވާ އިރު، އޭރު އަގުތައް ވެއްޓުނު ގޮތަށް އަދިވެސް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެ ގޮތުން، ކަރާ ކިލޯއެއް އާއްމުކޮށް 15ރ. އަށް ލިބެން އެބަހުއްޓެެވެ. ކަރައެކޭ އެއްގޮތަށް ކުރުނބާގެ އަގު އުޅެނީ 25-30ރ.ގަ އެވެ. އެއީ ރޯދަ މަސް ފެށިގެން މިހާތަނަށް އައިރު ވެސް ކުރުނބާގެ އަގު އުޅޭ ވަރެވެ.
ކޮޕީ ފަތް އަދި ކުއްޅަފިލާފަތް ފަދަ މަސްހުންޏާއި ސަޓަނި ހަދަން އާއްމުކޮށް ބޭނުން ކުރާ ވައްތަރުތައް، ބޮނޑިއެއް 10ރ. އަށް މިހާރު ވެސް ގަންނަން ލިބެ އެވެ. އަދި 40ރ. އަށް 100 ގްރާމް މިރުސް ވިއްކާއިރު، ކިލޯއެއް 150ރ. އަށް ދެ އެވެ. މިއީ ރޯދަ މަސް ފެށުނުއިރު 200ރ. އާ ގާތްކުރާ ވަރަށް ކިލޯއެއް އަރައިގެން ދިޔަ މިރުހުގެ އަގަށް އައި ވަރަށް ބޮޑު ހެޔޮ ބަދަލެކެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި އެއްޗެހި ވިއްކާ ގިނަ މީހުން ބުނި ގޮތުގައި ރޯދަ މަސް ނިމެންދެން މިހާރު ހުރި އަގުތައް ހިފެހެއްޓޭނެ އެވެ. ގިނަ އެއްޗެހި މާލެ ގެނައުމުގައި ވެސް މާ ބޮޑު ދަތިތަކެއް ކުރިމަތި ނުވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
"މޫސުން ވެސް މިހާރު ރަނގަޅު. އެހެންވީމަ، އެއްޗެހި ގެންނަން އުދަނގުލެއް ނޫން،" އއ. ތޮއްޑޫގައި ކަރާ ހައްދާ މީހަކު ބުންޏެވެ.
ކޮންމެ ރޯދަ މަހާ ދިމާކޮށް މާރުކޭޓުގައި އެއްޗެހީގެ އަގު އުފުލެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy