27 މެއި 2018 - 08:11
ބުރާސްފަތި ދުވަހާ ގުޅޭ
އެކަނިމާއެކަންޏެވެ. ރިހި ހަނދުވަރުން ދިޔަރެސް އޮތީ ޖަރީވެފައެވެ. ހަމައެހެންމެ، ހަނދާނުގެ ރަން ދޯދިތަކުން ބައްޕަގެ ހިތް އޮންނާނީ ގިރިޓީވެފައިކަން ޖެނީއަށް އެނގެއެވެ. މަންމަދެކެ ކިތަންމެ ފޫހިވާކަމަށް ބައްޕަ ހެދުނަސް ކަން އޮތީ އެހެން ގޮތަކަށެވެ. ޖިނާއަކީ މަންމަ ދިން ނަމެކެވެ. އެ ނަން ދޫކޮށްލާކަށް ވެސް ބައްޕައަކަށް ފަސޭހައެއް ނުވިއެވެ. އިންސާނެއްގެ ސިފަޔަށް ބަދަލުވެއްޖެއްޔާ ހުންނަނީ ރަތްކުލައިގެ ގޮޅިޖެހި ގަމީހުގައެވެ. އެ ހަނދާންތަކާ ދުރަށް ދާން ބައްޕަ މަސައްކަތްކުރާ ތަނެއް ޖެނީއަކަށް ނުފެނެއެވެ. އެކަމަކު ފަހަކަށް އައިސް ބައްޕަ ގިނައިން ހުންނަތަން ޖެނީއަށް ފެންނަނީ ބައްޓަމެއް ނެތް އަލިގަނޑެއްގެ ސިފައިގައެވެ. އެ އަލިގަނޑުގައި ސިފައެއް ނުހުރެއެވެ. އަލިގަނޑަށް ބަލަން ޖެނީ ހުއްޓައި ކުއްލިއަކަށް އިންސާނެއްގެ ސިފަޔަށް ބަދަލުވިއެވެ. ޖިނާގެ ސިފަޔަށެވެ. ގުދުވެފައި އެއްޗެއް ނެގިތަން ވެސް ޖެނީއަށް ފެނުނެވެ. އެއީ ވީރާނާވާން ކައިރިވެފައި އޮތް ކުޑަކުޑަ އަލިފާން ފޮށްޓެއްގެ ތަންކޮޅެކެވެ. އެ ހިނދު ލޯ ކުރިމަތީގައި ފިޔަޖަހައިލީ މާޒީގެ ވިދުވަރެކެވެ. ޒޫނާޔާ އެކުގައި ފަޅުގެއަށް ވަންތަނެވެ. އަލިފާން ރޯކުރުމަށް ޓަކައި އަލިފާންދަނޑި އަޅައިލި ތަނެވެ. އެ ހަނދާން ނުކުރަން މަސައްކަތް ކުރި ނަމަވެސް އެ ކަމެއް ނުވިއެވެ. ދެން ލޮލުގައި އަޅައިގަތީ އެ ތަނުގައި އޮތް ގަލެކެވެ. އެއީ ވެސް ހަނދާނެކެވެ. ފޮޓޯނަގަން ޒޫނާ ކެމެރާ ބެހެއްޓީ އެ ކަހަލަ ގަލެއްގެ މަތީގައެވެ. ކެމެރާގެ ފްލޭޝްގެ އަލި މުޅި ތަނަށް އެޅުނު ކަހަލައެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޒޫނާގެ ހަނދާންތަކާ ދުރަކަށް ނުދެވެއެވެ. ޒޫނާ އެ ވަގުތު ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ހިތާހިތުން ކުރެވޭ ސުވާލަކީ އެއީއެވެ. އެ ވަގުތު ލޮލުގެ ކަޅީގެ ވަށައިގެން ވިދުމެއް އުފެދުނެވެ. ޒޫނާ އޮތީ ގުރައިދޫގައި ހުރި ކޮޓަރިއެއްގެ އެނދުގައި ނިދައިފައެވެ. އެކަނިވެރި ވެފައެވެ. ދެވަނަ ސިކުންތުގައި ހުރެވުނީ އެނދު ކައިރީގައެވެ.
"ބުނި ގޮތް ހެދި ނަމަ ތިހެނެއް ނުވީސް!" ހިތާހިތުން ބުނެވުނެވެ.
ދަންވަރުގެ ވަގުތެވެ. މުޅި ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ޒޫނާ އެ ތަނުން ނެރުމަކީ، އެ ތަނުގައި ކޮޅަށް ހުރި މަޚްލޫޤަށް އެއްވެސް ކަމެއް ނޫނެވެ. އައްޔަށް ވުރެ ބާރު ދުވެއްޔެއްގައި ޒޫނާ ގެނެސް ފަޅުރަށަށް ލެވިދާނެއެވެ. އެކަމަކު ކީއްކުރަން ހެއްޔެވެ؟ ޖިންނިއެއް ގާތުގައި ހުންނާކަށް ޒޫނާ ބޭނުމެއް ނުވާނެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ޒޫނާ އެހެން ބުނެފިއެވެ.
"ބައްޕާ!" ޖެނީގެ އަޑު އިވުނެވެ.
ދެވަނަ ސިކުންތުގައި ބައްޕަ ހުރީ ޖެނީ ގާތުގައެވެ. ޖެނީގެ ދެ ލޯ ކަރުނުން ފުރިފައި ވިޔަސް ތުންފަތުގައި ވީ ހިނިތުންވުމެކެވެ.
"ކޮންތާކުން ތި އައީ؟" ޖެނީ އެހިއެވެ.
"ނުދަން އެއްވެސް ތާކަށް،" ޖެނީޔާ ހަތަރުކަޅި ހަމަނުކޮށް ބައްޕަ ބުންޏެވެ. "މި ތާނގައެއްނު މިހިރީ!"
"މަންމަ މަތިން ހަނދާންވޭ ދޯ؟" އެނގިހުރެ ޖެނީ އެހިއެވެ.
"ނުވޭ!" ޖެނީ ހީކުރި ގޮތަށް ބައްޕަ އެއްބަހެއް ނުވިއެވެ.
"އެހެންނުވާނެ!" ނުރޯން މަސައްކަތް ކުރަމުން ޖެނީ ބުންޏެވެ. "ބައްޕަ ދޮގު ތި ހަދަނީ."
ބައްޕަގެ މޫނަށް ޖެނީ ބަލަންހުއްޓައި ފެނުނީ ބައްޕަގެ ދެ އަތް ދަމައިލައިފައި ބޮޑު ފިޔަގަނޑަކަށް ބަދަލުކޮށްލިތަނެވެ. މައްޗަށް އުދުހިގަތްތަނެވެ. އެ ހިސާބުން ޖެނީގެ ލޮލަށް ބައްޕަ ގެއްލުނީއެވެ. އެ ގޮތަށް ގެއްލިގެން ހުންނައިރު، ފެންނަން ކިތަންމެ ބޭނުންވިޔަސް ޖެނީއަކަށް ބައްޕައެއް ނުފެނެއެވެ. އެހެންނަމަވެސް އަޑު އިވެއެވެ.
"ޖެނީ!" ބައްޕަ ބުނި އަޑު އިވުނެވެ. "އިރުއިރުކޮޅާ އަހަރުމެން މި ބަހުސު ކުރުމުގެ ބޭނުމެއް ނެތް. ދަރިފުޅުގެ މަންމައަށް ތަންދޮރު ވަކިވާއިރަށް އަހަރުމެން މޮޔަވާ ވަރު ކޮށްލާނެ."
ބައްޕަޔާ އަރާރުންވާކަށް ޖެނީ ބޭނުމެއް ނޫނެވެ. އެކަމަކު ބައެއް ކަންކަން ހަނދާންކޮށްދޭން ޖެނީ ބޭނުންވެއެވެ.
"ބައްޕަ ކަންތައް ކުރި ގޮތުން އެހެންވީ،" ޖެނީ ބުންޏެވެ. "ފުރަތަމަ ވެސް މަންމައަށް އޮޅުވާނުލި ނަމަ.."
"ދަރިފުޅު ރަނގަޅަށް ބުނެބަލަ!" ބައްޕަގެ އަޑު އެ ފަހަރު އައީ ޖެނީގެ ފުރަގަހުންނެވެ.
ޖެނީ ބަލައިލިއިރު އެ ތަނުގައި ހުރީ ކަޅު ހިޔަންޏެކެވެ. އަނދިރިއަށް ވުރެ އަނދިރިއެވެ.
"މަންމަ ދައްކާ ވާހަކަތަ ނޫނީ ބައްޕަ ދައްކާ ވާހަކަތަ ގަބޫލުކުރެވެނީ؟" ބައްޕަ ކުރިމަތިކުރީ ސާދާ ސުވާލެކެވެ.
"ދެން ނޭނގެ ބައްޕާ!" ޖެނީއަށް ރޮވެން ފެށިއެވެ. "މަންމަ ވެސް ބައްޕަ ވެސް ގޮތެއް ދުލެއް ނުކުރޭ! މަށަށް ހުރިހާ ދެރައެއް މި ލިބެނީ. މި ފަށް ވެސް ކިހާ ދުވަހަކު މަންމަ އަތުގަ އޮތް. މަންމަ ތި ބުނާހާ ގޯސް ނަމަ މީގެން ވެސް ބައްޕައަށް ކިހާ އުނދަގުލެއް ކުރެވުނީސް."
ބައްޕަ ހީނގަތް އަޑު ޖެނީއަށް އިވުނެވެ. ދަރިފުޅުގެ ވިސްނުން މޮޔަކަމުންނެވެ.
"އިސްކޮޅުން މިހާރު ބައްޕަޔާ އެއްވަރު ވެއްޖެ،" ބައްޕަ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އެކަމަކު ބުއްދިއެއް ނެތް. ތި ފަށަށް ހޫނުވާއިރަށް ބައްޕައަށް އެނގޭނެ. ބައްޕައަށް ކަމެއް ކުރުމުގެ ކުރިން ބައްޕަ ހުންނާނީ އެ މީހެއްގެ ކުރިމަތީގަ. މަންމައަށް އެ ކަން ވިސްނޭނެ. ދެން ހިތަށްއަރާފާނެ މަންމަ އަތުގަ ފަށް އޮތްއިރު ބައްޕަ އެ ފަށް ގެއްލިގެން އުޅުނީ ކީއްވެގެންހޭ؟ އެނގޭތަ؟ ފަށް ގެއްލިގެން އެ ވާހަކަ ބުނި ރޭ މަންމަ ހުރީ އަޑުއަހަން. އެ ކަން ވެސް އެނގޭ. މަންމަ އަތުން ފަށް އަތުނުލީ މަންމަ ތި ފަށް ބޭނުންކުރަނީ ކިހިނެއްތޯ ބަލަންވެގެން. ބޭނުންއިރަކު ބައްޕައަށް ގޮވައިލެވޭ ގޮތް ހެދީމަ ވެސް، ބައްޕައަށް ދެރައެއް ދޭން ނޫނީ މަންމަ ތި ފަށަކު އަތެއް ނުލާ! އެންމެ ރަނގަޅު. ދަރިފުޅަށް ދުވަހަކު ވެސް މަންމައަށް އިތުބާރު ކުރެވޭނެތަ؟"
އިރުކޮޅެއް ވަންދެން ޖެނީ ވިސްނިއެވެ.
"މަންމައިންނަކީ އިތުބާރު ކަނޑާލަން ހެޔޮވާ ވަރުގެ ބައެއް ނޫން." ޖެނީ ބުންޏެވެ.
ފާލުބަލާ މީހާގެ ގެއިން ސަކީނާ ނުކުތްއިރު ސަކީނާގެ ނިތްކުރީގައިވާ ރޫތައް ކުރިޔަށް ވުރެ ގިނައެވެ. ޒޫނާއަށް ދިމާވި ހާދިސާއަށް އަހަރުތަކެއް ވެގެންދިޔައިރު ވެސް ސަކީނާ އުޅެނީ އޭގެ ދެކޮޅު ނުޖެއްސިގެންނެވެ. ޒޫނާގެ ބަނޑު ކުއްލިއަކަށް ބޮޑުވުމާއި ވިހެއުމަކީ ސަކީނާގެ ލޯ ކުރިމަތީގައި ހިނގައިދިޔަ ކަންތަކެވެ. އެންމެން އެ ވާހަކައަށް ހަޖޫޖެހިޔަސް ސަކީނާ އެ ވާހަކަތައް ގަބޫލުކުރަނީ އެހެންވެއެވެ. ސަކީނާއަށް ނުވިސްނެނީ އެންމެ ކަމެކެވެ. ޙަޤީޤަތުގައި ވެސް ޒޫނާޔާ ޖިންނިއެއް އަވަލެވީ ހެއްޔެވެ؟ ޖިންނިއާއި އިންސާނުން އިނދެގެން އުޅޭ ވާހަކައާއި ދަރިން ލިބޭ ވާހަކަ ވެސް ސަކީނާ އަހައެވެ. އެކަމަކު އެ ތަންކޮޅު ގަބޫލެއް ނުކުރެވެއެވެ. އެކި މީސްމީހުން ގާތަށް ގޮސްގެން ސަކީނާ ޖަވާބެއް ލިބޭތޯ މަސައްކަތްކުރާ ސުވާލަކީ އެއީއެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ގަޑީގައި ދާހިތްލައި ފޯވެގެން ސަކީނާ އައިސް ގެއަށް ވަނެވެ. ވަތްގަނޑު ހުޅުވައިލައިފައި ޒޫނާގެ އަލްބަމް ނެގިއެވެ. އަދި ހައިރާންވެގެން އެ އަށް ބަލަހައްޓައިގެން އިނެވެ.
"ގާދިރު!" ސަކީނާ ގޮވައިލިއެވެ. "އައިސްބަލަ މި ކޮޅަށް."
ގާދިރު އޭރު އިނީ ކޮޓަރީ ދޮރުގެ ތަޅު ކުޑަކޮށް ތާށިވާތީ އެ ކަން ޙައްލު ކުރާށެވެ. ސަކީނާ ގާތަށް އައިއިރު ގާދިރު އަތުގައި ކަށިގަނޑެއް އޮތެވެ.
"ބަލާބަލަ މިއޮތް ކަމެއް،" ސަކީނާ ބުންޏެވެ. "ހަމަޖެހިލައިގެން ބަލައިލީމަ މި ފާހަގަކުރެވުނީ. ހިޔެއް ނުވޭތަ ޒޫނާ.."
"ތި ވާހަކަތާ މަ ވެސް ބުނީ،" ގާދިރު އަޑަށް ބާރުލައިފައި ބުންޏެވެ. "ހިޔެއްނުވޭ ޒޫނާ އެކަނިހެނެއް އެ ތަނުގަ ހުރީކީ. ޒޫނާގެ އަތް ހުރި ގޮތް ބަލައިލަބަލަ!"
"އޭނަ އަބަދުވެސް އުޅޭނެ ފަތިހު ދީފައޮންނަ ހަނދުވަރު ބަލަން މޫދު ކައިރިއަށް ދާން،" ސަކީނާ ބުންޏެވެ. "މި ދަތުރުދާން އުޅުނުއިރު ވެސް އެންމެ އުފާވެގެން އުޅުނީ އެ ކަމާ. މަ ބުނިން އެކަނި ނުދައްޗޭ!"
ސަކީނާ އަލްބަމުގެ ގަނޑުތައް އެއްލަމުންދިޔައިރު، މެދުތެރެއިން ހުސް ގަނޑެއް ފެނުނެވެ.
"ކޮބާ ތިތާ އޮތް ފޮޓޯ؟" ގާދިރު ސުވާލުކުރިއެވެ.
"ޒޫނާ މޮޔަވެގެން ގެންދިޔައިރު ސަމަދު ބުނެގެން އެ ގަނޑު އަހަރެން އަލްބަމުން ނެގީ،" ހަނދާންކޮށްލައިފައި ސަކީނާ ބުންޏެވެ. "ޒޫނާއަކަށް ނޭނގޭ ޒޫނާ އެއީ ކާކު ކަމެއް ވެސް. އެހެންވެ އެ ފޮޓޯގަނޑު ދޭންޖެހުނީ. އޭރަކު އަހަރެން ރަނގަޅަކަށް ފޮޓޯތަކެއް ނުބަލަމޭ! ފާލުބެލި މީހާ މިއަދު ބުނި އެއްޗަކުން އަލުން މި ބަލައިލީ."
"ކީކޭ އޭނަ ބުނީ؟" ގާދިރު އަލުން ދޮރުކައިރިއަށް ގޮސް ތަޅުގެ މަސައްކަތް ކުރަމުން ބުންޏެވެ.
"ޖެނީއަކީ ޒޫނާޔާ އަވަލެވި ޖިންނީގެ ދަރިޔެކޯ!" ހައިރާންވެފައި ސަކީނާ ބުންޏެވެ. "ފަހުން ލިބުނީ ވެސް ހަމަ އެ ކަހަލަ ކުއްޖެކޯ! އޭނަޔޯ އިހުސާން މަރާލީ."
ގާދިރު ޗޮކެއްކަނޑައިލިއެވެ.
"ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް،" ގާދިރު ބުންޏެވެ. "އިންސާނުންނަކީ އެއްދުވަހު ހަތަރުދަމުން ބަނޑުބޮޑުވެފަ ވިހާ ބަޔެއް ނޫނޭ ސަކީނާ. މަ ބުނާނީ ސާޖިދު މަރުވި ގޮތުން ޒޫނާއަށް ޝޮކެއް ލިބުނީއޭ."
"އެކަމަކު އަހަރެންގެ ކުރިމަތީގައޭ ޒޫނާ ވިހީ،" ކުޑަކޮށް ހިތްހަމަނުޖެހިފައި ސަކީނާ ބުންޏެވެ. "އަހަރެންގެ ލޮލުން ދުށީމޭ! އަހަންނަށް މިހާރު އެހެން އެއްޗެއް ވެސް އެބަ ހީވޭ! އަހަރެން މި ބުނަނީ ތެދެއްކަން ގާދިރަށް ގަބޫލުކުރެވޭ! އެކަމަކު އަހަރެން ބިރުގެންފާނެތީ ގަބޫލުކުރާކަމަށް ނުހެދެން ވެގެން ތި އުޅެނީ."
ގާދިރު ޖަވާބެއް ނުދިނެވެ. އިވުނުކަމަށް ވެސް ނުހެދުނެވެ.
އަޒްރާއަށް އަންނަ ފޯނުކޯލުގެ ވަގުތު ދިގުވާން ފެށިއެވެ. އެ މީހަކާ ވާހަކަދެއްކުމުގެ ޝައުޤުވެރިކަން އަޒްރާގެ ހިތުގައި ބޮޑުވަމުން އައެވެ. އަޒްރާ ގުޅައިފިއްޔާ ފޯނު ކެނޑެނީއެވެ. ވާހަކަދެއްކެނީ އަޒްރާއަށް އަންނަ ކޯލުން އެކަންޏެވެ. އަޑުގެ ޖާދޫގައި އަޒްރާ ރަނގަޅަށް ހައްޔަރުވިއެވެ. ބައްދަލުކުރަން ބޭނުންވިއެވެ.
"އަދި އަހަރެންގެ ނަން ވެސް ނޭނގެއެއްނު!" އޭނަ ބުންޏެވެ.
"ހެވޭ!" އަޒްރާ ކެތްމަދުވެފައި ބުންޏެވެ. "މަ ބޭނުން މީޓްކުރަން. ކޮން ނަމެއް އަސްލު ކިޔަނީ؟ އެހިޔަސް ނުބުނާނެހެން ހީވާތީ ނާހަން މި އުޅެނީ ވެސް."
"ކީއްވެ ނުބުނަންވީ؟" ލާނެތް ރާގެއްގައި އޭނަ ބުންޏެވެ. "އަހަންނަށް ބައިވަރު ނަންނަން ކިޔާ! ފުރަތަމަ މި ބުނަނީ އެންމެ އާންމު ނަން."
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުނާ
05 June 2018
އެއީ ޖިންނި ޖިނާހެން އަަހަރެންނަށް ހީވަނީ
ނާޝް
28 May 2018
ބިންމާ.. އަޅުގަނޑު ހިތުގަ އުފެދޭ ސުވާލަކީ ޖިންނި ޖިނާއާއި ނިހާ ( ފަތިސްހަނދުވަރުގެ ފެށުންއިން ) އަށް ދަރިއަކު ނުލިބޭތޯ.. އަދި ނިހާއަށް ލިބިފައިހުރި ފިިރިހެން ދަރިފުޅާ ޖިންނި ޖިނާއާއި މިހާރު އެއްވެސް ގުޅުމެއް ނޯންނަނީތޯ؟
ޝާމި
27 May 2018
ހަމަރަނގަޅަށް ތިބުނީ.
ޝާމި
27 May 2018
ފާލުބަލާ މީހެކޭ ނުކިޔާ. ރުގުޔާކުރާ މީހެކޭ ބުނިނަމަ... މަވެސް މޮޔަދޯ ހިހި.. ހިޔާލީވާހަކަ އެކ. މިވާހަކަ މިވަރަކުން މިކިޔެނީވެސް ފަތިސްހަދުވަރު ފިލްމު ބެލިފައޮތަތ
މީނު
27 May 2018
މި ވާހަކަ ކިޔާއިރު ޖިނާ ސިފަކުރެވެނީވެސް ރީކޮ މޫސަގެ ސިފައިގަ. ދެން މި ފިލްމު އޭނަ ލައްވާ ކުޅުވޭނެ ގޮތެއް ހަމަ ނޯންނާނެދޯ؟
ޝަނީފް
27 May 2018
"އަހަންނަށް ބައިވަރު ނަންނަން ކިޔާ! ފުރަތަމަ މި ބުނަނީ އެންމެ އާންމު ނަން." އަހަންނަށް ކިޔަނީ ޖިނާ.
ޙަމީ
27 May 2018
އެންމެ އާންމު ނަމަކީ ޖިނާ!!