ރިޕޯޓް / ރަމަޟާން 2019

މިރޭ ހަނދު ފެނުމަށް އޮތީ ކޮން ފުރުސަތެއް؟

މާލެ: ޖެނުއަރީ 30، 2018- "ސުޕަ ބްލޫ ބްލަޑް މޫން"ގެ ނަން ދެވިފައިވާ ހަނދުކޭތަ ވީއްލާފައި: ރާއްޖޭ ގަޑިން މިއަދު ހަވީރު 5:50 ހާއިރުން ފެށުނު މިކޭތަ ވީއްލީ 7:40 ހާއިރު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަހުމަދު އަބްދުﷲ ސައީދު

04 މެއި 2019 - 09:32

20 comments

ރާއްޖެއެކޭ އެއްފަދައިން އިސްލާމީ ވަރަށް ގިނަ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމާ އެކު، ރަމަޟާން މަހަށް ހަނދު ފެނޭތޯ ބަލާނެ އެވެ. ރާއްޖޭގައި ވެސް ހަމަޖެހިފައި އޮންނަ އުސޫލުން އެކަން ކުރާނެ އެވެ.

ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުގައި، ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. ޢިލްމީ ހޯދުންތަކުން ވެސް ކަށަވަރުވަނީ، ހަނދު މަހެއްގެ އެންމެ ކުރު މުއްދަތަކީ 29 ދުވަސް ކަމެވެ. އަދި އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމެވެ.

އެހެންކަމުން އިސްލާމީ ޝަރުޢީ ހަމައަކީ، ކޮންމެ ހަނދު މަހެއްގެ 29 ވަނަ ދުވަސް ނިމުމާ އެކު، އަނެއް މަސް ފެށިއްޖެކަން ކަށަވަރު ކުރުމެވެ. އެއީ އެ ދުވަހުގެ އިރު އޮއްސުމަށް ފަހު، އުދަރެހުން މަތީގައި ހަނދު ހުރިތޯ ބެލުމެވެ. އެރޭ ހަނދު ނުފެނިއްޖެ ނަމަ، ހިނގަމުންދާ މަހުން 30 ދުވަސް ހަމަ ކުރުމަށް ފަހު އަނެއް މަސް ފެށުމެވެ.

މި އުސޫލުން ބަލާއިރު، ރަމަޟާން މަސް ވެސް ފެށޭނީ ޝަޢުބާން މަހުން 29 ދުވަސް ހަމަވުމަށް ފަހު، ރަމަޟާން މަހުގެ ހަނދު އުފަންވެއްޖެ ކަން ކަށަވަރުވުމުންނެވެ. އެއީ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ހަނދު ފެނުމެވެ. ހަނދު ނުފެނިއްޖެ ނަމަ، ޝަޢުބާން މަހުން 30 ދުވަސް ހަމަކުރުމެވެ.

މިއީ، ރާއްޖެ މަތީގައި ވިއްސާރަ ވިލާތައް އެކަށީގެންވާ ވަރަކަށް ގިނަވެފައިވާ ދުވަސްވަރަކަށް ވާތީ، މިއަދުގެ އިރު އޮއްސޭއިރު، ހަނދު ފެންމަތީގައި ހުއްޓަސް، ލޮލަށް ފެނުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ އެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސޭއިރު، ޝަޢުބާން މަސް ނިމި ރަމަޟާން މަހުގެ ހަނދު އުފަންވާނެތޯ ބެލޭނެ އެންމެ އިތުބާރު ހުރި ވަސީލަތަކީ ފަލަކީ ހިސާބެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި، ހިނގަމުން މިދާ ޝަޢުބާން މަހުގެ ހަނދު އުފަންވީ، އެޕްރީލް 5، 2019 ވީ ހުކުރު ދުވަހު ރާއްޖޭ ގަޑިން 13:50ގަ އެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސޭއިރު، ޝަޢުބާން މަހުގެ ހަނދުގެ އުމުރުން ހުންނާނީ 29 ދުވަހާއި ހަތަރު ގަޑިއިރާއި 20 މިނެޓް ވެފަ އެވެ.

ނަމަވެސް މިއަދުގެ އިރު އޮއްސޭއިރު، ޝަޢުބާން މަސް އެކުގައި ނުނިމޭނެ އެވެ. ހަނދު މަހެއް ފުރިހަމަވެ (ނިމި) އަނެއް މަސް ފެށެނީ، ހަނދު، މި ބިމުގެ ވަށައިގެން ބަރާބަރު ބުރެއް ފުރިހަމަ ކުރާ ވަގުތުގަ އެވެ. އެއަށް ވުރެ ތަފްޞީލް ގޮތެއްގައި ދަންނަވާ ނަމަ، އިރުގެ އެތެރޭގެ މެދުން މި ބިމުގެ އެތެރޭގެ މެދަށް (އިރުގެ މަރުކަޒުން މި ބިމުގެ މަރުކަޒަށް) ދަމައިލެވޭ ޚިޔާލީ ރޮނގަށް، ހަނދު އަރައި ހަމަވުމުންނެވެ.

ފަލަކީ ޢިލްމުގައި އެ ހާލަތަށް ކިޔައި އުޅެނީ، އިޤްތިރާން (ކޮންޖަންކްޝަން ނުވަތަ މާރަހަ) ވުމެވެ. މި ބިމުގެ ވަށައިގެން ހަނދު، ޖަހަމުންދާ ބުރު ހަމަވާނީ އެ ނުކުތާއަށް ހަނދު އައުމުންނެވެ.

ފަލަކީ ހިސާބުތައް ދައްކާ ގޮތުން ޝަޢުބާން މަސް ނިމުމަށްޓަކައި، މި ދެންނެވި ނުކުތާއަށް ހަނދު ފޯރާނީ، ޖީއެމްޓީ ގަޑިން މިއަދުގެ 22:45ގަ އެވެ. އެއީ ރާއްޖޭ ގަޑިން މިރޭ މެންދަމުން އަލިވެ 3:45ގަ އެވެ. އެއީ މިރޭގެ މެންދަމު 12ގެ ފަހުގެ ވަގުތެއް ކަމަށްވާތީ، ވިލާތުގެ ކަލަންޑަރު ގުނާ ގޮތުން ނަމަ އެއީ، ރާއްޖެއަށް މެއި 5 ވަނަ ދުވަހުގެ 03:45 އެވެ.

މި ހިސާބަށް ބަލާއިރު، ޝަޢުބާން މަހުން 29 ދުވަހާއި 13 ގަޑިއިރާއި 55 މިނެޓް ވުމަށް ފަހު، ރަމަޟާން މަހަށް ހަނދު އުފަންވާނީ މިރޭ ރާއްޖޭ ގަޑިން، މެންދަމުން އަލިވެ 3:45ގަ އެވެ.

މިރޭ ހަނދު ފެނުމުގެ ފުރުސަތު ކުޑަ

މިހާރު އިރާއި ހަނދު ފަޒާގެ ތެރޭގައި ދަތުރުކުރަމުންދާ ފަލަކުތަކަށް ބަލާއިރު، މިއަދު އިރު އެރުމުގެ 30 މިނެޓް ކުރިން ހަނދު ހުންނާނީ އަރައިފަ އެވެ. އަދި މިއަދު އިރު މެދުޖެހޭއިރު ވެސް ހަނދު ހުންނާނީ، އިރަށް ވުރެ ހުޅަނގުގަ އެވެ. އެހެންކަމުން، މިއަދުގެ އިރަށް ވުރެ މާ ކުރިން ހަނދު، ހުޅަނގު ފަރާތު އުދަރެހަށް ފޯރާނެ އެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މާލެއަށް މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް މިއަދުގެ އިރު އޮއްސުމުގެ 17 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ރާއްޖޭގެ އެންމެ އުތުރަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ އިރުމަތީގައި އޮތް އިންޑޮނީޝިޔާގެ ޖަކާޓާއަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 18 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އެންމެ ހުޅަނގުން ސެނެގޯލްގެ ޑަކާރްއަށް، މިއަދުގެ އިރު އޮއްސުމުގެ 11 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ އުތުރުން ތުރުކީ ވިލާތުގެ އިސްތަންބޯލަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 32 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

ރަމަޟާން މަސް ފެށުމުގަޔާއި ޝައްވާލް މަސް ފެށުމުގައި އިސްލާމީ ގިނަ ގައުމުތައް ތަބާވާ ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ހިސާބަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ އެތައް މިނެޓެއް ކުރިން ހަނދު އޮއްސޭނެ އެވެ. މައްކާއަށް މިއަދުގެ އިރު އޮއްސުމުގެ 22 މިނެޓް ކުރިން ހަނދު އޮއްސޭއިރު، މަދީނާއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 24 މިނެޓް ކުރިންނެވެ. މިޞްރުގެ ޤާހިރާއަށް މިއަދުގެ އިރު އޮއްސުމުގެ 26 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މައްކާގައި ހުންނަ ގެފުޅު ދޮށުގައި މުސްލިމުން އަޅުކަމުގައި: މައްކާއަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 22 މިނިޓް ކުރިން

މި ހިސާބުތަކުން އެނގެނީ، މިއަދުގެ އިރު އޮއްސުމުގެ މާ ކުރިން، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް ހަނދު އޮއްސޭނެ ކަމެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދު ނުހުންނާނެތީ، މި އަހަރުގެ ރަމަޟާން މަހަށް، މިރޭ ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް، އިސްލާމީ އެއްވެސް ގައުމަކަށް ނޯންނާނެ އެވެ.

ޝަޢުބާން މަސް ނިމި، ރަމަޟާން މަހުގެ ހަނދު އުފަންވާ ވަގުތަށް ބަލާއިރު ވެސް، އެއީ އިސްލާމީ ހުރިހާ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމުގެ މާ ފަހުގެ ވަގުތެކެވެ. ކުރިން ވެސް ދެންނެވި ފަދައިން، ޝަޢުބާން މަހުގެ ހަނދު، މި ބިމުގެ ވަށައިގެން މިހާރު ޖަހަމުންދާ ބުރު ފުރިހަމަވާނީ، މެއި 4 ވަނަ ދުވަހު ޖީއެމްޓީ ގަޑިން 22:45ގަ އެވެ.

އެއީ، ދުނިޔޭގެ އެންމެ އިރުމަތީގައި އޮތް އިސްލާމީ ގައުމު ކަމަށްވާ އިންޑޮނީޝިޔާއަށް، މެއި 5 ވަނަ ދުވަހު (ހޯމަ ދުވަހު)ގެ 05:45 އެވެ. ރާއްޖެއަށް އެއީ، މެއި 5 ވަނަ ދުވަހުގެ 03:45 އެވެ. މައްކާއަށް އެއީ، މެއި 5 ވަނަ ދުވަހުގެ 01:45 އެވެ. ދުނިޔޭގެ އެންމެ ހުޅަނގުގައި އޮތް މޮރޮކޯގެ ޠަރްފަޔާ އަށް އެއީ މެއި 4 ވަނަ ދުވަހުގެ 23:45 އެވެ. ސެނެގޯލްގެ ޑަކާރްއަށް އެއީ މެއި 4 ވަނަ ދުވަހުގެ 22:45 އެވެ.

އިސްލާމީ ޝަރީޢަތުގައި ދުވަސް ފެށެނީ، އިރު އޮއްސުމުންނެވެ. ވިލާތުގެ ކަލަންޑަރުގައި ޢަމަލުކުރާ ގޮތަށް، މެންދަމު 12 ޖަހާއިރަކު ނޫނެވެ. އެހެންކަމުން، ކުރިން ދެންނެވި ހިސާބުތަކަށް ބެލުމުން އެނގެނީ، ހިނގަމުން މިދާ ޝަޢުބާން މަހުގެ 29 ވަނަ ދުވަހު (މިއަދު)ގެ އިރު އޮއްސޭއިރު، ޝައުބާން މަސް އެކުގައި ނުނިމޭ ކަމެވެ.

އެހެންކަމަށްވާތީ، މިއަދުގެ އިރު އޮއްސުމާ އެކު ދެން ގުނަން ފެށޭނީ ޝަޢުބާން މަހުގެ 30 ވަނަ ދުވަހެވެ. މިއަދުގެ އިރު އޮއްސޭ ވަގުތުން ފެށިގެން މާދަމާގެ އިރު އޮއްސޭ ވަގުތާ ހަމައަށް އެއީ ޝަޢުބާން މަހުގެ 30 ވަނަ ދުވަހެވެ.

ދެން ބަލައިލަންވީ، މާދަމާ (މެއި 5 ވާ އާދީއްތަ)ގެ އިރު އޮއްސޭ ވަގުތު، ހަނދުގެ ހާލަތުތަކަށެވެ. ކުރިން ވެސް ބުނި ފަދައިން، ރަމަޟާން މަހުގެ ހަނދު އުފަންވަނީ، ރާއްޖޭ ގަޑިން، މެއި 5 ވަނަ ދުވަހު (އާދީއްތަ ދުވަހު)ގެ 03:45 ގައި ކަމަށްވާތީ، އާދީއްތަ ދުވަހުގެ އިރު އޮއްސޭ އިރު، އައު ހަނދުގެ ޢުމުރުން ހުންނާނީ، 14 ގަޑިއިރާއި، 26 މިނެޓް ވެފަ އެވެ.

މާދަމާއަށް އިރު އަރާއިރު، އައު ހަނދު އުފަންވެފައި ވާތީ، މާދަމާ ހަނދު އަރާނީ، އިރު އެރުމުގެ 15 ވަރަކަށް މިނެޓް ފަހުންނެވެ. އަދި މާދަމާ އިރު މެދުޖެހޭއިރު ހަނދު ހުންނާނީ އިރަށް ވުރެ އިރުމަތީ ފަރާތުގަ އެވެ. މިއިން އެނގެނީ މާދަމާ އިރު އޮއްސޭއިރު، ވެސް ހުޅަނގު ފަރާތު އުދަރަހޭ ހަމައަށް ހަނދު ނުފޯރާނެ ކަމެވެ.

މީގެ އިތުރުން، އާދީއްތަ ދުވަހު (މާދަމާ) ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ 30 މިނެޓް ފަހުން ކަމަށްވާތީ، އެ ދުވަހުގެ އިރު އޮއްސޭއިރު، އުދަރެހުން ފެށިގެން ގާތްގަނޑަކަށް 7.5 ދަރަޖަ އުހުގައި ހަނދު ހުންނާނެ އެވެ. އުޑުމަތި ސާފު ނަމަ ވަރަށް ރީތިކޮށް ހަނދު ފެންނަން ހުންނާނެ އެވެ.

ނަމަވެސް، ޝަޢުބާން މަހުގެ 30 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ހަނދު ފެނުމަކީ، ރޯދަ ހިފަން ފެށުމަށްޓަކައި، ކޮންމެހެން ބޭނުންތެރި ކަމެއް ނޫނެވެ. އިސްލާމީ ޝަރީޢާގައި ކަނޑައަޅާފައި އޮންނަނީ، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު އައު ހަނދު ނުފެނިއްޖެ ނަމަ، ޝަޢުބާން މަހުން 30 ދުވަސް ހަމަކުރުމަށް ފަހު ރޯދަ ހިފަން ފެށުމަށެވެ. ތިރީސް ވަނަ ދުވަހުގެ ރޭ ހަނދު ބެލުމެއް ނޯވެ އެވެ.

މި ދެންނެވި ހުރިހާ ހިސާބުތަކުން ވެސް އެނގެނީ، މިއަދަކީ ޝަޢުބާން މަހުގެ 29 ދުވަސް ކަމާއި މިއަދުގެ އިރު އޮއްސޭއިރު، ޝަޢުބާން މަސް ނުނިމޭ ކަމެވެ. އަދި އިސްލާމީ ހުރިހާ ޤައުމަކަށް މިއަދުގެ އިރު އޮއްސުމުގެ މާ ކުރިން، ހަނދު އޮއްސޭ ކަމެވެ. މިއަދުގެ އިރު އޮއްސުމުގެ މާ ކުރިން އޮއްސިފައި ހުރި ހަނދެއް، މިރޭ ފެނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

މި ކައުނުގެ ތެރޭގައި، އިރު ހަނދު ދައުރު ކުރުމަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ފުރިހަމަ އަދި ބަރާބަރު ނިޒާމަށް ބަލާއިރު، މިރޭ ހަނދު ފެނުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން މާދަމާއަކީ، ޝަޢުބާން މަހުގެ 30 ވަނަ ދުވަސްކަމާއި، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މެއި 6 ވާ ހޯމަ ދުވަސްކަން، އެއްވެސް އޮޅުމެއް ނެތް މިންވަރަށް ސާފުވެއެވެ.

20 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 6%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާއިޅް

04 May 2019

މިއާރޓިކަލް ވަރަށްފުރިހަމަ, އެއަށްވުރެ ފުރިހަމަވީސް ރާއްޖެކަހަލަ އިސްލާމީ ގައުމެއްގައި , ލިޔުންތެރިޔާގެ ލިޔުން ޕްރޫފްކުރުމަށާއި ދީނީގޮތުން މަގުއޮޅިފައިތިބި މީހުންނަށް ފިލާވަޅަކަށް ވާފަދަ ލިޔުމަކަށް ހެދިނަމަ. އެހެނީ ގުރުއާނުގައި ކޮންޖަކްޝަން ( ޒައްރެއްގެ މިންވަރުގެ ފަރަގެއްނެތް) ގޮތަށް ﷲ ދަވްރު ކުރޭ. ﷲ ގެ ހަޒްރަތުގައި އަހަރަކީ 12 މަސް. ކްރެސެންޓް ( ހުޅުވި ހަނދު) ބަލަން އެބައޮތް ރަމަޟާން އަދި ޝައްވާލް. އެއީ ރޯދަ ހިފުމަށާއި ނިންމުމަށް. އަދި ހަނދު ,ރޯދަ ހިފަންފެއްޓޭ ވަގުތުގެ ޢަނދިރިކަމުގެ މިންވަރަށްދާންދެން ﷲ ވަނީ ބަޔާން ކޮށްދީފައި. މިއަދުގެ އިލްމުން ޒައްރެއްގެ މިންވަރަށް ތަފާތުނުވާ މޫން ރޮޓޭޝަން ގެ އިލްމު ބަޔަކު ދޮގުކުރާނަމަ އެދޮގުކުރެވެނީ ތިމާގެ ލޮލަށް ފެނުންވެސް ދެއްވި އަލީމްވަންތަ ﷲ.

The name is already taken The name is available. Register?

ރަހާބެއްޔާ

04 May 2019

ނޯކޮމެންޓްސް

The name is already taken The name is available. Register?

ޙާލު

04 May 2019

ޢެހެންވީމަ ރޯދަފެށޭނީ ކަލަންޑަރާ އެއްގޮތައް.

The name is already taken The name is available. Register?

ސެކެޓްރީ ޖެނެރަލް

04 May 2019

ވަރަށް ފުރިހަމަ އަދި ފަލަކީ ބަހުރުވައިން ލިޔެފައި ހުއްޓެއްކަމަކު ދޭހަވާން ވަރަށް ފަސޭހަ ލިޔުމެއް. އާންމުކޮށް މިފަދަ ލިޔުންތަށް ކިޔާއިރު ބަހުރުވަ ހުންނަ ގޮތުން ދޭހަކުރަން ވަރަށް އުނދަގޫ އެހެންނަމަވެސް މިލިޔުން ވަރަށް ފުރިހަމަ

The name is already taken The name is available. Register?

ކޮމަންމޭން

04 May 2019

ދިގުކުރަންޖެހޭނީ ސަބަބުތަކެއް ހުރެގެން. އިރުއޮއްސުމަށްފަހު އުދަރެހުން މަތީގަ ހަނދުހުއްޓަސް އަދި މިރޭ ހަނދުފެނުނަސް ކޮންޖަންކްޝަން ނުވަތަ މާރަހަނުވާނަމަ އެފެންނަނީ ޝަޢުބާން މަހުގެ ހަނދު. އެހެންވީމާ ކޮންޖަންކްޝަންވާ ވަގުތާއި މީގައިހުރި އެންމެހާމަޢްލޫމާތުތަކަކީ މިފަދަ އާޓިކަލްއެއްގަ ކޮންމެހެންވެސް ހުންނަންޖެހޭނެ އަދި ކިޔާ މީހުންނަށް އެގެންޖެހޭނެ މަޢްލޫލާތު. މިރޭ ހަނދެއްނުފެންނާނޭ ބުނެފަ ނިންމާލެވޭނެ ޒަމާނެއް ނޫން މިއީ.

The name is already taken The name is available. Register?

ދޮންހަސަނު

04 May 2019

އަހުމަދު މިހާރު މިހާރުގަ ނޫޅެއެއްނު؟ ކީއްވެތޯ އެކަން އެނގޭނެ ހެން ލިޔުމުގަ ފާހަގަ ނުކުރީ؟ އާއްމު އުސޫލަކީ އެކަން އެހެން ކުރުން

The name is already taken The name is available. Register?

ފަލަޑޭ

04 May 2019

އުޅޭތަން ކޮންމެހެން ބުނާކަށް މުހިންމެއްނޫން. ބުނެދޭން ބޭނުންވި މަޢުލޫމާތު ވަރަށް ފުރިހަމަ

The name is already taken The name is available. Register?

އަތަ

04 May 2019

ވަރަށް ފުރިހަމަ ޢިލްމީ ލިޔުމެއް. ހަނދާ ބެހޭ ގޮތުން މީގެކުރިންވެސް އަހްމަދު އަބްދުﷲ ސައީދު ގެނެސްދީފަވާ ލިޔުންތައް އެހާމެ ފުރިހަމަވެފައި ޝައުޤުވެރި. ޝުކުރިއްޔާ ސައީދު.

The name is already taken The name is available. Register?

މުލަރޯދަ

04 May 2019

ހަނދު އިޢުލާނު ކުރުން ފެނުނަސް ނުފެނުނަސް އަވަސް ކުރަން ޖެހެއެވެ މުސްކިމުންގެ ގޮތަކީ އިރު އޮއްސުމާއެކު ރޭގަނޑުވީކަން ގަބޫލް ކުރުމެވެ މިހާރު ހަނދު އިޢުލާނު ކުރުން މާ ފާޓު ފުޅާވެފަ އިއުލާނު ކުރާލެއް މާ ލަހެވެ މޮހެން ވުމުން ހާރު ތައްޔާރުކުރަން ލިބެނީ ކުޑަ ވަގުތުކޮޅެކެވެ މިކަން އަވަހަށް އިއުލާނު ކުރަނ ޙާކިމާ އަމުރު ކުރަން ޖެހެއެވެ އަދި ކޮންމެ މަހެއްގެވެސް ހަނދުބަލާ ރެކޯޑު ކުރަން ޖެހެއެވެ ހަނދުބަލަން ޖެހޭނީ ރަމަޟާން މަހަށް އެކަންޏެއް ނޫނެވެ

The name is already taken The name is available. Register?

ނިފޫ

04 May 2019

ހުލާސާ: މިއަދުގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދު ނުހުންނާނެތީ، މި އަހަރުގެ ރަމަޟާން މަހަށް، މިރޭ ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް، އިސްލާމީ އެއްވެސް ގައުމަކަށް ނޯންނާނެ އެވެ. (ދިގުކަމުން ފޫހިވި ބޭފުޅުންނަށް)

The name is already taken The name is available. Register?

އުފާވެއްޖެ

04 May 2019

އަހްމަދު އަބްދުﷲ ސައީދުގެ މި ލިޔުން ކިޔާލުމުން މައުލޫމާތުގެ ޚަޒާނާ އިހުނަށްވުރެ މުއްސަނދިވެއްޖެ. ވަރަށް ތަފްޞީލީ، ޢިލްމީ ލިޔުމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454