ޔަހޫދީން އަގުސާ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގައިފި

އިޒްރޭލު ފުލުހުންގެ އެހީއާ އެކު ޔަހޫދީންގެ އާއްމުންގެ ބަޔަކު މާތްވެގެންވާ މަސްޖިދުލް އަގުސާއަށް ވަދެ އެތަނުގައި ހަމަނުޖެހުންތަކެއް މިއަދު ހިންގައިފި އެވެ.


އިޒްރޭލު މީހުން ދޭތެރެ ދޭތެރެއިން އެ މިސްކިތަށް ވަދެ އެވެ. އެކަމަކު ރަމަޟާން މަހެއްގެ ފަހު ދިހައިގެ ދުވަސްތަކުގައި މިގޮތަށް ވަދެ ނުގަންނަތާ މިހާރު 30 އަހަރު ވެއްޖެ އެެވެ. އެމީހުން މިފަހަރު އަގުސާ މިސްކިތަށް ވަދެގަތީ އިޒްރޭލުން އިރުމަތީ ގުދުސް ހިފި ދުވަސް ފާހަގަކުރުމަށް ބުނެ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފީ އަރަބިންނާ ދެކޮޅަށް 1967 ގައި ކުރި "ހަ ދުވަހުގެ ހަނގުރާމައި"ގަ އެވެ.

ޔަހޫދީން މިސްކިތަށް ވަންނަ ކަން އިއުލާނު ކުރުމާ އެކު މިސްކިތުގައި އެވަގުތު ތިބި ފަލަސްތީނު މީހުން އެކަމާ ދެކޮޅުހެދުމުން އިޒްރޭލު ފުލުހުން ވަނީ މިސްކިތް ތެރެއަށް ކަރުނަގޭސް ޖަހައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އަގުސާ މިސްކިތަށް ވަންނަން ޔަހޫދީން ކިއުހަދަން ފެށީ މިއަދު ހެނދުނެވެ. އެއާ އެކު އިޒްރޭލް ފުލުހުން ވަނީ އެ މިސްކިތުގެ ވަށައިގެން ފައުޖުތައް ރުކުރުވާލައިފަ އެވެ.

އިޒްރޭލުން ގުދުސް ހިފި ދުވަސް ފާހަގަކުރުމުގައި ކޮންމެ އަހަރަކު ވެސް ފަލަސްތީނު މީހުންނާ ދެކޮޅު ގިނަ ހަރަކާތްތަކެއް ހިންގަ އެވެ. އެގޮތުން އިރުމަތީ ގުދުސްގައި އެމީހުން ބާއްވާ ހިނގާލުމުގައި ފަލަސްތީނު މީހުންގެ ވިޔަފާރިތައް ހުއްޓުވުމާއި ޖެއްސުން ކުރުމުގެ އަމަލުތައް ހިންގަ އެވެ.