ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.
07 މެއި 2020 - 09:22
(މޭ 5، 2020، އަންގާރަ ދުވަހުގެ ބަޔާ ގުޅޭ)
ހައްވައަށް ރޮވެން ފެށުނެވެ. މެރިފައިވާ ލޮލުގެ ތެރެއިން ކަރުނަތައް ފައިބަނީ އެވެ. އެކަމަކު ލޯ ހުޅުވާލާފައި ބަލާކަށް ބޭނުމެއް ނުވި އެވެ. އޭނާއަށް ޝިހާބު ގެއްލިދާނެ އެވެ. އޭނާއަށް ޝިހާބުގެ އަޑު ނީވިދާނެ އެވެ.
ހަގީގަަތަކީ ހައްވަ މަޑުމަޑުން އަޑިއަށް ދަނީ ކަމެވެ. އޭނާއަށް ނޭނގި، އޭނާ ވަރުބަލިވެއްޖެ ކަމެވެ. އޭނާ ހީކުރީ ލޯ މަރާލައިގެން އޮތުމުން، ރަށް ކައިރިވާ ވަރު އަވަސް ވާނެ ކަމަށެވެ. ނަމަވެސް ފަޅު ބޮޑުކަމުން، އޭނާއަށް ފިއްލަދޫ އަތުލެވޭ ވަރެއް ނުވި އެވެ.
"އަހަންނަށް މައާފުކުރޭ! އަހަންނަށް މައާފުކުރޭ!" ހައްވައަށް ބުނެވުނީ އެވަރަށެވެ.
އޭނާ މަޑުމަޑުން އަޑިއަށް ދާން ފެށި އެވެ. މަތީގައި އޮވެވޭނެ ހިތްވަރެއް އޭނާގެ ނެތެވެ. ބައްޕަ އާއި ބޭބެ އޭނާ ކައިރީގައި ބުނި ވާހަކަތަކެއް ދިމައެއް ނުވި އެވެ. ފިއްލަދޫ ފަޅުތެރެއަށް އޭނާ ގެނައުމާ އެކު، ބޮއްކުރާ އަޑިއަށް ހިނގައްޖެ އެވެ. ރަށުގެ އެއްގަމަށް އޭނާ ގެންދާނެ އެއްވެސް ބާރެއް ނުފެނުނެވެ. ބައްޕަ އާއި ބޭބެގެ ކިޔެވެލިން އުފެއްދި ތޫފާނާއި، އެ ތޫފާނުގެ ތެރެއިން ކުރިމަތިވި ހިޔަނީގެ އުނދަގޫތަކުން އޭނާ ސަލާމްވި އެވެ. އެކަމަކު ދިރިހުންނަށް އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނު، އޭނާގެ ވިސްނުން ކައްސާލައިގެން ދިޔަނުދީ ހިފަހައްޓައިދިން ލޯބިވެރިޔާ އަލުން ހޯދަން އަޒުމް ކަނޑައެޅުމާއި، އޭނާ އެކަނި މި ބޮޑު ފަޅުތެރެއަށް މަރުވާން ދޫކޮށްލުމާ މި ދިމާވީ އެކުއެކީގަ އެވެ.
ބައްޕަ އާއި ބޭބެގެ ހުރިހާ ބާރަކާ އެކު ވެސް، އޭނާއަށް ދަތުރު ނިންމާލެވޭ ވަރެއް ނުވި އެވެ. ކީއްވެގެން ހެއްޔެވެ؟
ލޮނުގަނޑުގެ ފިނިކަން އޭނާއަށް އިހުސާސްވި އެވެ. އަޑިއަށް ގެނބޭ ވަރަކަށް ފިނި ގަދަވަމުން ދާކަން އިހުސާސްވި އެވެ. ހަޅޭއްލަވަން އޭނާއަށް އަނގަ ހުޅުވެ އެވެ. އެންމެ ފަހުގެ ނޭވާކޮޅެވެ.
ދިރިއުޅުމުގައި އޭނާއަށް މި ލިބުނީ ކިހާ ބޮޑު ލަނޑެއް ހެއްޔެވެ؟ މިއީ ރޭވިގެން ބަޔަކު ކުރި ކަމެއް ހެއްޔެވެ؟ ބައްޕަ އާއި ބޭބެ، އެއްވެސް ސަބަބެއް ނެތި، އޭނާއަށް މިފަދަ ގޮތެއް ހަދާފާނެ ހެއްޔެވެ؟ އޭނާގެ ކިބައިން ސަލާމަތްވެގެން ނޫނީ ބައްޕަމެންނަށް ހަމަޖެހުމެއް ނެތްކަން، އެންމެ ފަހުން، އެނގުނީ ހެއްޔެވެ؟ ނުވަތަ މި އޮތް ހުރިހާ ދުވަހު ބައްޕަ އާއި ބޭބެ އޭނާއަށް އޮޅުވާލީ ހެއްޔެވެ؟ އޭނާ ދޫކޮށް ޝިހާބު ދިޔައީ ކީއްވެގެންކަން އެނގި، އަޅާނުލާ ތިބީ ހެއްޔެވެ؟ އޭނާ މީހަކާ އިނދެ، ކުދިން ހޯދައިގެން ދިރިއުޅެން ފެށިޔަ ނުދިނީ ހެއްޔެވެ؟ އިންސާނުންނާއި ހިޔަނިތަކާ ދެމެދު ކުރެވޭ ހަނގުރާމަ ނޫން އެހެން ކަމެއް، އާއިލާގައި ބާއްވަން ބައްޕަ ބޭނުން ނުވަނީ ހެއްޔެވެ؟ އަދި ބައްޕަގެ އެ ވިސްނުމަށް ބޭބެގެ ހިތް ލެންބީ ހެއްޔެވެ؟
ހަޔާތުގެ ފަހު ވަގުތުކޮޅު، އަތުންނާއި ފައިން ލޮނުގަނޑު ފޫދުއްވާލެވޭތޯ ތަޅަމުން ދިޔަ އިރު، ހައްވަގެ ސިކުނޑި ފުރެމުން ދިޔައީ ސުވާލުތަކުންނެވެ.
މަރަކީ އެއް ފަހަރު ވާ އެއްޗެކެވެ.
"އަހަރެން ގޯސް ކަމެއް ނުކުރަން... އަހަރެން އެންމެންނަށް ވެސް ތެދުވެރިވިން... އަހަރެންގެ ނުކުޅެދުންތެރިކަމުން ކަމެއް ރަނގަޅަށް ނުކުރެވި އޮވެދާނެ... ބައްޕަމެންގެ ހިދުމަތުގައި ދެމިހުރިން... އަޅުކަން ކުރިން... ދީނުގެ ދިފާއުގައި ހަނގުރާމަ ވެސް ކުރިން... ދެރައީ އެންމެ ކަމަކާ... ޝިހާބު ގެއްލުން... ޝިހާބާ ބައްދަލުނުވުން... މައާފަށް އެދޭނެ ފުރުސަތު ނުލިބުން...." އެންމެ ފަހު ވަގުތުކޮޅު ވެސް، މުޅި ހަޔާތުގެ ހުލާސާއެއް އޭނާގެ ހިތަށްއެރި އެވެ. އެހާ ހިސާބުން އޭނާގެ ވިސްނުމުގެ ބާރާއި ހަށިގަނޑުގެ ހުރިހާ އިހުސާސްތަކެއް ކެނޑުނެވެ.
މަތިން ތިރިއަށް، ލޮނުގަނޑު ކަފާލާފައި ކުއްލިއަކަށް އައި އަލިގަނޑު ހައްވައަކަށް ނުފެނެ އެވެ. ލޮނުގަނޑު ތެރޭގައި ދިއްލިފައި އޮތް ދެ ކަނޑި އާއި އެ ދެ ކަނޑި ހިފަހައްޓާލައިގެން ތިބި ކަޅު ދެ މީހުން ވެސް އޭނާއަކަށް ނުފެނުނެވެ. އެކަކު އޭނާގެ ފައިކޮޅުގައި، އަނެކަކު، އޭނާގެ ކޮނޑު ހުޅުން ދަށުން ހިފަހައްޓާލި އެވެ. ދެން އޭނާ ގޮވައިގެން، އެހާމެ އަވަހަށް މައްޗަށް ފީނައިގަތެވެ.
---
ކަރުގައި ހުދު ފޮތިގަނޑެއް އައްސާފައި އޮތެވެ. އެ ފޮތިގަނޑުގެ ދަށުން ފޮރުވިފައި އެވަނީ ބޮޑު ޒަހަމެއްކަން ޔަގީނެވެ. ދޮން ރީތި ފިރިހެނެކެވެ. މޫނުމަތިން ޝާހީވަންތަކަމުގެ ސިފަތައް ފެނެ އެވެ. ސާފުކަން ނުހަނު ބޮޑު މޫނެކެވެ. މިވަގުތު މަރު އައިސް ބައްދަލުކުރިޔަސް، އެ ލޮލުގައި ބިރުވެރިކަމެއް ނެތެވެ.
"ކޮއްކޯ އާދެބަލަ!" އޭނާ ހައްވައަށް ގޮވާލި އެވެ.
ހައްވަ ހުރީ އޭނާ ބާއްވާފައި އޮތް އައްޓާ ތަންކޮޅެއް ދުރުގަ އެވެ. ރޭގަނޑުގެ އެ އަނދިރިކަމެވެ. ކަނޑުން އަރައިގެން އަންނަ ވައިރޯޅީގެ ފިނިކަމެވެ. އެނދުގައި އޮތް ފިރިހެނާގެ މާތްކަމެވެ.
ހައްވަ މަޑުމަޑުން ފިޔަވަޅު އަޅަން ފެށި އެވެ. އެރަށަށް، މި ރޭގަނޑު އޭނާއަށް އާދެވުނީ ކިހިނެއް ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު ކުއްލިއަކަށް ފެނުނީ އެ އައްޓާއި އަށިމަތީގައި، ޒަހަމްވެފައި އޮތް ފިރިހެނާ އެވެ.
އަށި ކައިރިއަށް ޖެހިލާފައި ހުއްޓުނެވެ. ފިރިހެންމީހާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވި އެވެ.
"ދިރިހުރުމަކީ ހަނގުރާމައެއް. ބައެއް މީހުން މި ހަނގުރާމަކުރަނީ އަމިއްލަ އެދުމުގައި، އަނެއް ބަޔަކު، އެހެން މީހުންނަށްޓަކައި،" ތޫނު ދެ ލޮލުން ހައްވައާ ދިމާއަށް ބަލަމުން އޭނާ ބުނެލި އެވެ.
"ބޭބެ މި އޮތީ މަރު އެނދުގައި. އަންބެއް، ދަރިއެއް ނެތް. އެކަމަކު މި ޒަހަމް ލީ، އެހެން މީހުންނަށްޓަކައި ހަނގުރާމަކޮށް. ނިމިގެން މިދަނީ ބޭބެގެ ދިރިއުޅުން ކޮޅަށް ނުޖެހި. އެކަމަކު ބޭބެއަށް ގެއްލޭނެ އެއްޗެއް ނެތް، ހަމައެކަނި ގާތް ދެ ރަހުމަތްތެރިން ނޫނީ."
"ކޮބާ އެ މީހުން؟" ހައްވައަށް މަޑުމަޑުން އަހާލެވުނެވެ.
"އަދިވެސް އެ މީހުން އެ އުޅެނީ އަހަރެން ސަލާމަތްކުރަން. ކޮންމެވެސް ތަނަކަށް ހިނގައްޖެ. އެކަމަކު ބޭބެއަށް އޮތީ މަރު. ﷲ އިރާދަކުރައްވާފައި އޮތީ އެ ގޮތް."
ހައްވައާ ދިމާއަށް ކަޅި ވެސް ޖަހާނުލައި، އަދި ހަމަ އެ ހިނިތުންވުމުގައި އޭނާ އޮތެވެ.
"އަހަރެންގެ އެހީއެއް ބޭނުންތަ؟" ހައްވައަށް ބުނެވުނެވެ.
ފިރިހެންމީހާގެ ހިނިތުންވުން ވީ ބޮޑެވެ. ހައްވައަށް ހީވީ އެއީ މަލާމާތެއް ހެންނެވެ. އޭނާއަށް ވެވޭނެ އެއްވެސް އެހީއެއް ނެތްކަން އެނގި ހުރެމެ، އެ ސުވާލުކުރުމުން، އައި ހިންޏެއް ކަމެވެ.
"ކޮއްކޮ ބަލާ ކޮއްކޮ ދިރިހުރެވޭތޯ. ކޮއްކޮ ބަލާ ކޮއްކޮގެ ދިރިއުޅުން ކޮޅަށް ޖެހޭތޯ. އެނގޭތަ ކުރަންވީ ކަންތައް؟" ފިރިހެންމީހާ އެ ސުވާލުކޮށްފައި މަޑުކޮށްލި އެވެ. ދެން ހައްވަގެ މޫނުން ނަޒަރު ނެއްޓި، އެހެން ދިމާލަކަށް ބަލައިލި އެވެ. ހައްވަ ވެސް އެދިމާލަށް ބަލައިލި އެވެ. އޭރު އޭނާއާ ޖެހިގެން، ދެ ފަރާތުގައި ދެ މީހަކު މަޑުކޮށްލަނީ އެވެ. އެކަކީ ނުހަނު ދޮން ފިރިހެނެކެވެ. އަނެކަކު ބިޔަވެފައި އެހާމެ ކަޅެވެ.
"މި މަންމަޖެއަށް ކިޔައިދީބަލަ ދިރިހުންނަން ހަދަންވާ ގޮތް،" އެނދުގައި އޮތް މީހާ ބުންޏެވެ.
ހަމަ އެވަގުތު ހައްވަގެ އަތުގައި ކުއްލިއަކަށް ފުރަތަމަ ހިފީ، ދޮންކޮށް ހުރި މީހާ އެވެ. އަނެއް މީހާ އޭނާގެ އަނެއް އަތުގަ އެވެ. ހަމަ އެ ސިކުންތުގައި އޭނާ ބިމުން ކަޓުވާލި އެވެ. ދެން އަތް ދަނޑިމައްޗަށް ނަގާފައި، އަށީގައި، ބަލިމީހާއާ ޖެހިގެން ބޭއްވި އެވެ.
"ބާރަށް ނޭވާލާ! ބާރަށް ލާ!" ދޮންކޮށް ހުރި މީހާ، ހައްވަގެ މޫނުގެ ދެ ފަރާތުން ބާރަށް ހިފަހައްޓަމުން ގޮވާލި އެވެ.
ހައްވަ ބިރުން، ބާރަށް ނޭވާލާން ފެށި އެވެ. އަތަކަށް އެނބުރުނަ ވެސް ނުދީ ދެ މީހުން ތިބީ ހިފަހައްޓާލައިގެންނެވެ.
"ނޭވާ ހުއްޓުނަ ނުދީ! ހުއްޓުނަ ނުދީ! އަހަރެމެންނާ ދިމާއަށް ބަލާ! ލޯ ނުމަރާތި! ލޯ ނުމަރާތި!" އެމީހާ ބާރަށް ގޮވަމުން ދިޔަ އެވެ.
ހައްވަ ބޭނުންވަނީ ލޯ މަރާލައިގެން އޮންނާށެވެ. ހަށިގަނޑުގައި ބާރެއް ނެތްހެން ވެސް ހީވި އެވެ. އެކަމަކު ގައިގައި ހިފަހައްޓާލައިގެން ތިބި ދެ މީހުންނާއި އޭނާއާ ޖެހިގެން، މަރަށް ހުށައެޅިފައި އޮތް، މީހާގެ ސަބަބުން، އޭނާގެ ބިރު ދިޔައީ ބޮޑުވަމުންނެވެ. ބާރު ބާރަށް ނޭވާލެވެން ފެށުނެވެ. މޭގަނޑު ހީވީ ހަށިގަނޑު ފަޅާލައިފައި ނުކުންނަން އުޅޭ ހެންނެވެ.
"އަމާންކަމުގައި އަހަރެން ދެން މި މަރުވަނީ،" ކައިރީގައި އޮތް މީހާ މަޑުމަޑުން ބުނެލި އަޑު، ހައްވައަށް އިވުނެވެ.
"އެކަމާ ވިސްނާނެ ކަމެއް ނެތް. ދިރިހުރުމާއި މަރު އޮތީ. އެކަކު މަރުވެ، އަނެކަކަށް ދިރުން އެބަ ގެނެސްދޭ. އަހަރެމެންނަށް އެކަކު ގެއްލި، އަނެކަކު މި ލިބުނީ. ނޭވާލާ! ނޭވާލާ!" އޭނާގެ މޫނުގައި ހިފަހައްޓާލައިގެން ހުރި މީހާ ވާހަކަ ދައްކަމުން ދިޔަ އެވެ.
ހައްވައަށް ބާރު ބާރަށް ލެވެމުން ދިޔަ ނޭވާ، ކުޑައިރުކޮޅެއްގެ ތެރޭގައި ހަމަޖެހުނެވެ. އެހާ ހިސާބުން އޭނާގެ މޫނުންނާއި ހަށިގަނޑުން، އެ ދެ މީހުން އަތް ދޫކޮށްލި އެވެ. ދެން އެއްވެސް ވާހަކައެއް ނުދައްކާ އަށީގެ ބިއްދޮށް ފަރާތަށް ޖެހިލި އެވެ. މަރުވެފައި އޮތް، އެ ޝާހީ މީހާގެ ދެ ކޮޅުގައި ހިފާ، އުފުލައިލި އެވެ.
ދެ މީހުންގެ ކޮނޑަށް ގަބުރު ލައިގެން މަޑުމަޑުން ގޮނޑުދޮށަށް ނުކުތެވެ. ދެން ރަށުގެ އެއް ކޮޅަށް ހިނގައިގަތެވެ. ހައްވަގެ ލޯމަތިން އެ މީހުން ގެއްލުނެވެ. އޭނާއަށް އެވަގުތު ލިބުނީ ހަމަޖެހުމެކެވެ. އޭނާ މަޑުމަޑުން ލޯ މަރާލި އެވެ.
ވިސްނަން ފެށުނެވެ. އޭނާ އެ އޮތީ ކޮން ތާކު ހެއްޔެވެ؟ ބިރުވެރި ހުވަފެނަކުން ހޭލެވޭ ގޮތަށް، އޭނާއަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. ދެން ތެދުވަން ހިފާލި އެވެ. އެކަމަކު ނުތެދުވެވުނެވެ. އޭނާގެ ފައިކޮޅާއި މޭ މަތިން، އައްޓާ އެކު ބަނދެފައި އޮތީ ހުދު ފޮތިގަނޑަކުންނެވެ.
"ނުތެޅި މަޑުމަޑުން އޮވޭ!" މީހަކު ބުނި އަޑު އިވުނެވެ. އޭނާ ބިރުން އޮވެ ބަލައިލި އެވެ. ކުރިމަތީގައި، އަށީގެ ދެ ފަރާތުގައި ހުދު ގަމީހާއި، ހުދު މުންޑުގައި ދެ މީހަކު ތިއްބެވެ. އެކަކު މުސްކުޅި އެވެ. އަނެކަކު ޒުވާނެވެ. އަށި ހުރި ފަން ގެގަނޑުގެ އެއްކޮޅު ބިތުގައި އަޅުވާލައިފައި ހުރި ފުޅި ބައްތީގެ އަލީގައި، އެ މީހުން ފެނުނީ އާދަޔާ ހިލާފު ކަޅު ބައެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ކަޅު ހިޔަނިތަކެއް ނޫނެވެ. އިންސާނުންނެވެ.
"އަހަރެން މި އޮތީ ކޮން ތާކު؟" ހައްވަ ސުވާލުކުރި އެވެ.
"ދައްޕަރުގައި،" އުމުރުން ދުވަސް ވީ މީހާ ބުންޏެވެ.
"ދައްޕަރޭ، މިއީ ފިއްލަދުއެއް ނޫންތަ؟" ހައްވަ އެހި އެވެ.
"ފިއްލަދޫގެ ވަކި ބައެއް މިއީ. މި ބަޔަށް އަބަދުވެސް ކިޔާނީ ދައްޕަރު،" އެމީހާ ޖަވާބު ދިނެވެ.
"އަހަރެން މޫދު އަޑިން ނެގީ ކާކު؟" ހައްވަ ތިން ވަނަ ސުވާލުކުރި އެވެ.
"އަހަރެމެން ދެ މީހުން. މިހިރީ އަހަރެންގެ ދަރި،" ޒުވާނާއަށް އިޝާރަތްކުރަމުން، އެމީހާ ބުންޏެވެ.
ހައްވަ ވިސްނާލި އެވެ. އޭނާއަށް މޫދު އަޑީގައި ލޯ މަރާލެވުނު އިރު ޔަގީންކުރީ މަރުވަނީ ކަމަށެވެ. ބައްޕަ އާއި ބޭބެ އާއި ޝިހާބާ ބެހޭ އެތައް ސުވާލެއް ހިތަށްއެރި އެވެ. ބައްޕަމެންގެ މައްޗަށް ކުރެވުނީ ނުބައި އެތައް ތުހުމަތެކެވެ. ދަތުރު ކާމިޔާބުނުވެ، އޭނާގެ އުއްމީދުތައް ފުރިހަމަނުކުރެވި، މަރުވަން ދޫކޮށްލީ ކަމެވެ.
ނަމަވެސް ވީނުވީއެއް ނޭނގެ އެވެ. އޭނާ މިހާރު އެ އޮތީ ސަލާމަތުންނެވެ. އޭނާގެ ހިމާޔަތަށް އެ ތިބީ ވަރުގަދަ ދެ ފަހުލަވާނުންނެވެ. މޫނުމަތީގައި އެއްވެސް ހިނިތުންވުމެއް ނެތް، އެކަމަކު ތެދުވެރި ބައެއް ކަމަށް ފެނެ އެވެ.
"އަހަރެން ބަނދެފައި މި އޮތީ ކީއްވެ؟" ހައްވަ އަނެއްކާވެސް ސުވާލުކުރި އެވެ.
"ފަތިސް ނަމާދު ވަގުތު ޖެހެންދެން،" ދުވަސްވީ މީހާ ބުންޏެވެ.
"މިހާރު ކިހާ އިރެއް؟"
"ދެ ގަޑި ބައި ވަނީ،" އޭނާ ބުންޏެވެ.
"އަހަރެންގެ މޫނުގައި ހިފަހައްޓައިގެން ތިބީ ކަލޭމެންތަ؟" ހައްވަގެ ސުވާލެވެ.
"މޫދުން ނަގައިގެން ގެނެސް އަށީގައި ބޭއްވިން. ދެން ބަނދެލިން. އޭގެ ފަހުން މި ތިބީ މި ތަނުގައި،" އެމީހާ ޖަވާބު ދިނެވެ.
"މޫދުން ނެގި އިރު އަހަރެން ނޭވާލާތަ؟" ހައްވަ އެހި އެވެ.
"އެއްގޮތަކަށް ވެސް ނުލާ،" ފިރިހެން މީހާ ބުންޏެވެ.
"ދެން ކޮން ބައެއް އަހަރެން ހޭއެރުވީ؟ އަހަރެން ނޭވާލެއްވީ؟" ހައްވަ ހައިރާންވެގެން އޮވެ ސުވާކުރި އެވެ.
"އެއްގޮތަކަށް ވެސް ނޭނގޭ،" އެމީހާ ޖަވާބު ދިނެވެ.
މިއީ ހަމައެކަނި ސުވާލަށް ޖަވާބު ދޭ ބައެއްކަން ހައްވައަށް ޔަގީންވި އެވެ. އޭގެ މާނައަކީ ކިޔަމަންތެރިކަމެވެ. އަންގާފައި އޮތް ގޮތަކަށް އަމަލްކުރުމެވެ.
ކުރިމަތީގައި އޮތް އަނދިރިކަމުގެ ތެރެއަށް ހައްވަގެ ނަޒަރު ހުއްޓާލި އެވެ. ބޮޑު ދޮންވެލި ގޮނޑުދޮށެއްކަން އެނގެ އެވެ. ލޮނުގަނޑު އައިސް ބީއްސާލާ އަޑު އިވެ އެވެ. އުޑުމަތީގައި ހުސް ތަރި އެވެ. އޭނާ ގެނބެމުން ދިޔަ އިރުގެ ހާލަތެވެ.
ހައްވައަށް ހަމަ ވިސްނުން އަ އެވެ. ލިބިފައި ހުރި މައުލޫމާތުތަކުން މަންޒަރު ސިފަވާން ފެށި އެވެ. އޭނާ އެ އޮތީ، މީގެ 200 އަހަރު ކުރިން، އޭރުގެ ވަލީއަހުދު ދޮންއިސްމާއިލްގެ ހަށިގަނޑު ބޭއްވި ތަނުގަ އެވެ. ގަނޑުވަރު ތެރޭގައި ހިނގި ތަޅާފޮޅުމުގައި އޭނާ ޒަހަމްވި އެވެ. އޭނާ ގޮވައިގެން މަލިކަށް ދާން ދަތުރަށް އެރީ، ހައްވަގެ ބައްޕަ ފަރާތު އާއިލާ ފެށިފައި އޮތް އެދުރު ގާސިމާއި، ދޮންއިސްމާއިލްގެ ހަށިފާރަވެރިޔާ، ވީރު މޫސަ އެވެ. އެކަމަކު މަލިކަށް ލައްވާލުމުގެ ކުރިން އޭނާގެ ހާލު ދެރަވި އެވެ. އަދި ގަދަ ވިއްސާރައިގައި އެންމެ ފަހުން ފިއްލަދޫ ފަރަށް ދޯނި އެރީ އެވެ.
ހައްވަގެ ހޭވެރިކަން ނެތި ދިޔަ ވަގުތު، އޭނާގެ ފުރާނަ ސަލާމަތް އެވީ، އެ އަށީގައި ބޭއްވުމުން އޭނާގެ ސިކުނޑިއަށް ވެރިވި، މީގެ 200 އަހަރު ކުރީގެ ހަނދާންތަކެވެ. އޭނާއަށް ހިތްވަރު ދިނީ، ސޯލިހު އަދި އިލްމުވެރި ދޮންއިސްމާއިލެވެ. އޭނާ ނޭވާލައްވަންވެގެން ހަޅޭއްލެވީ، އޭނާގެ އާއިލާގެ މައި ތަނބު، އެދުރު ގާސިމެވެ. އޭނާ ހިފަހައްޓައިގެން ހުރީ ވީރު މޫސަ އެވެ.
އެއީ އޭނާގެ ސިއްރުން ފުރިފައިވާ އާއިލާއަށް ލިބިފައިވާ ބާރުތަކުން ދެއްކި، ހުވަފެނީ މަންޒަރުތަކެކެވެ. މިފަހަރު އެ ބާރު ބޭނުންކޮށްފައި އެ ވަނީ، ޔަގީނުން ވެސް، އޭނާގެ ބޮޑުދައިތަ އެވެ. ފިއްލަދޫގައި އުމުރުގެ ފަހު ދުވަސްތައް ގުނަމުން އަންނަ ދަލޭކަދައިތަ އެވެ.
އޭނާގެ ބައްޕަ އާއި ބޭބެ، އޭނާއަށް ދޮގެއް ނުހަދަ އެވެ. އޭނާ ފިއްލަދުއަށް އެ ފޮނުވާލީ މުސްތަގުބަލް އޮތީ މިރަށުގައި ކަމަށް ފެނިގެންނެވެ. އޭގައި އަދި އޭނާއަށް ނޭނގޭ އެހެން ސަބަބުތަކެއް ވެސް އޮންނާނެ އެވެ.
އެކަމަކު މަލިކުން ފުރިއިރު އޭނާގެ ހިތުގައި ނެތް ހުޅުކޮޅެއް މިހާރު ހުރީ ދިއްލިފަ އެވެ: ޝިހާބެވެ. އޭނާ ހުރި ތަނެއް ހޯދުމަކީ ބައްޕަ އާއި ބޭބެ ނުބުންޏަސް، އޭނާގެ ފުރަތަމަ އަޒުމެވެ. ތޫފާނުންނާއި ހިޔަނީގެ އަވަލެވުމާއި އަދި ފިއްލަދޫގެ ބޮޑު ފަޅުގައި އޭނާ ކުރި ހިތްވަރުގެ އަސްލަކީ، ހިތުގައި އޮތް އެ ލޯތްބެވެ. ދުވަހަކު ވެސް ނުފޮހެވުނު، އެކަމަކު މި ދަތުރުގެ ކުރިން އަލުން ހޯދަން ނޫޅެވުނު ލޯތްބެވެ.
"ދަރިފުޅާ ތިނެއް ޖަހަނީ!" ކުރިމަތީގައި ތިބި ދެ ފަހުލަވާނުންނާ މެދު ހައްވައަށް ހޭވެރިކަންވީ، ދުވަސްވީ މީހާގެ އަޑުންނެވެ. އޭނާ އެ ވާހަކަ ދެއްކީ އޭނާގެ ދަރިފުޅާ އެވެ.
ދެ މީހުން ކުއްލިއަކަށް، ހައްވަ އޮތް އައްޓާ ދިމާއަށް ދުއްވައިގަތެވެ. ހައްވަ ދިޔައީ ސިއްސައިގެންނެވެ. އޭގެ ތެރެއިން ބައްޕަ، ނެގީ ހައްވަގެ ބޯލާކޮޅުގައި އޮތް ކަނޑި އެވެ. ދަރިފުޅު، އޭނާގެ ފައިކޮޅުގައި ބާއްވާފައި އޮތް ކަނޑި އެވެ. ދެ ކަނޑި ދިއްލުމާއި، ފުރަތަމަ އެ ހިސާބަށް މަތިން އައިސް ޖެހިގަތް ކަޅު ހިޔަނީގެ ރަތް ދެ ލޯ ފާޅުވުމާ ދިޔައީ އެކުއެކީގަ އެވެ. މިހާރު އެ ހިޔަނި އެ މީހުންނަށް ރަނގަޅަށް ފެނެ އެވެ.
ދެ މީހުން ފުންމައިގެން އަރާ އެއް ފަހަރާ ހަމަލާ ދިނެވެ. އޭރު ހިޔަނީގެ ކަނޑި ވެސް، ދިއްލިއްޖެ އެވެ. ތިން ކަނޑި ޖެހުމާ އެކު، އަލިފާން ކެނޑުނެވެ. ހިޔަނި މައްޗަށް އަރައިގެން ދިޔަ އެވެ. އަނދިރީގެ ތެރެއަށް ގެއްލުނެވެ.
"ދަރިފުޅު އެކޮޅަށް އެނބުރޭ!" ބައްޕަ އިރުޝާދުދިނެވެ.
ދެބަފައިން އެކަކު އަނެކަކުގެ ބުރަކަށި ޖެހޭ ހިސާބުގައި ސަމާލުވެގެން ތިއްބެވެ. އެ މީހުންގެ މަގުސަދަކީ، ހައްވަ ހިމާޔަތްކުރުންކަން އޭނާއަށް ވިސްނުނެވެ. އެހެން ނޫން ނަމަ، ކަޅު ހިޔަނީގެ ފަހަތުން އޭގެ ތެރެއިން އެކަކު ދިޔައީހެވެ.
"ބޭކާރު! ބޭކާރު! ބޭކާރު!" އެ ބަރު އަޑު ހައްވައަށް ވެސް އިވުނެވެ. އެއީ އޭނާއަށް ދުވަހަކު ވެސް ނޯޅޭނެ އަޑެކެވެ. އޭނާގެ މަންމަގެ ގާތިލެވެ. އޭނާއަށް މުޅި ދަތުރުމަތީގައި އަވަލި، ބިޔަ ވަރުގަދަ، ހިޔަންޏެވެ.
ދެބަފައިންގެ ކުރިމަތިން، ރާޅުފަށާ ހިސާބުން މަތީގައި ހުރެ ބޮޑު ރަތް ދެ ލޯ ދިއްލައިލި އެވެ. އޭގެ ފަހުން އެ ދިގު ކަނޑި އެވެ.
"އަހަރެން މި ރަށަށް އަންނަން މަޖުބޫރުވީ އެ އޮތް އަންހެނާ. އެއީ އަހަރެމެންގެ މީހެއް. އޭނާ ހިމާޔަތްކުރަން ހަނގުރާމަކުރެވޭ ވަރުގެ ބާރެއް ކަލޭމެން ދެ މީހުންގެ ނެތް. ބޭކާރު ހަނގުރާމައަކަށް ނުގޮސް، އޭނާ ހަވާލުކުރޭ!"
"އަހަރެމެން މަރާލާ!" ދުވަސްވީ މީހާ، ޖެހިލުމެއް ނެތި ބުންޏެވެ.
"ތައްޔާރު!" ހިޔަނި ރައްދު ދިނެވެ.
އެވަގުތު އޭނާގެ އަރިމަތިން، ކޮންމެ ފަރާތަކުން، މަތިން ދެ ހިޔަނި ފައިބައި، ކަނޑި ނެގި އެވެ. ދެބަފައިންނަށް ޖެހިފައި މި އޮތީ، ފަސް ހިޔަންޏާ ހަނގުރާމަކުރާށެވެ.
ކުރިމަތީގައި ހުޅުވެމުން ދިޔަ މަންޒަރުން ހައްވަ ކަންބޮޑުވި އެވެ. ފިއްލަދުއަށް އޭނާ އެ އައީ މިރަށާ ކުރިން އެއްވެސް ގުޅުމެއް ނެތް، ހިޔަނީގެ ފައުޖެއް ގޮވައިގެންނެވެ. އޭނާގެ ހިމާޔަތުގައި ނުކުމެ އެ ތިބީ، އޭނާ ނުވެސް ދަންނަ އެކަމަކު އޭނާގެ އާއިލާގެ ހަށިފާރަވެރިންނެވެ. އެ މީހުންނަށް އެހީނުވެވޭ ގޮތަށް އޭނާ އެ އޮތީ އެނދުގައި ބަނދެފަ އެވެ. އޭނާ ވެސް ބޭނުންވަނީ ހަނގުރާމަކުރާށެވެ. އެކަމަކު އޭނާގެ ކަނޑިއެއް ނެތެވެ. އެ ކަނޑި ވީ އަޑިއަށް ދިޔަ ބޮއްކުރާގައި ހުރި ފޮށިތެރޭގަ އެވެ.
"އަހަރެން މޮހެލަދީ!" ހައްވަ ގޮވާލި އެވެ.
އެކަމަކު އެ އަޑު، ދެބަފައިންގެ ކަންފަތަށް ވަދެ، ހަމައެކަނި ނުކުމެގެން ދިޔައީ އެވެ. އެ މީހުން އޭރު ތިބީ، ކުޑަ ހަތަރު ހިޔަންޏާ ހަނގުރާމަކުރާށެވެ. މުޅި ހިސާބުގަނޑުގެ ޖައްވު ތެރެ އަލިފާނުގެ ކަނިތަކުން އޮތީ ދިއްލިފަ އެވެ. ދެބައިފަންގެ ތެރެއިން ކޮންމެ މީހަކު، ދެ ހިޔަނި ނަގައިގެން، ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ އެވެ. ބިޔަ ހިޔަނި ހުރީ، ތަންކޮޅެއް ދުރުގައި، ހަނގުރާމަ ބަލާށެވެ.
"ކަލޭމެންނަށް މި ރަށަކަށް ނޭރޭނެ!" ދަރިފުޅު ބާރަށް ގޮވާލި އަޑު ހައްވައަށް އިވުނެވެ. އޭނާ ބަލައިލި އިރު، ކުރިމަތިން ވިއްސަކަށް ފޫޓު މަތީގައި ހުރެގެން ހުއްޓުމެއް ނެތި، ހަމަލާތައް ފޮނުވަމުން، ދެ ހިޔަނީގެ ކަނޑި ހުއްޓުވަމުން ގެންދެ އެވެ.
ވީރު މޫސާގެ އާއިލާގެ ފަހުލަވާނުންނަކީ އާދައިގެ ބައެއް ނޫންކަން ހައްވަށް އެނގުނެވެ.
"ދަރިފުޅާ ތިރިއަށް ފައިބައިގެން މި ކޮޅަށް ޖެހިލާ،" ތަންކޮޅެއް ދުރަށް، ޒުވާނާ ދާކަން އިހުސާސްކުރެވޭތީ، ބައްޕަ ގޮވާލި އެވެ.
އެވަގުތު ޒުވާނާ ތިރިއަށް ޖެހިލައި، ބައްޕައާ ކައިރިވާން އުޅެގަތެވެ. އެވަގުތު އޭނާގެ މަތިން ހޫރާލި ވަރުގަދަ ދެ ހަމަލާ، ހުއްޓުވުނީ ހަމަ ކިރިޔާ އެވެ. އޭނާގެ އަތުން ކަނޑި ދޫނުވީ ވެސް ކިރިޔާ އެވެ.
އެއީ ހަމަ އެ ވަގުތެވެ. ކުއްލިއަކަށް ކަޅު ބޮޑު ހިޔަނީގެ ހަލުވި އުދުހުމާ އެކު އައިސް ހުއްޓުނީ ޒުވާނާގެ ކުރިމައްޗަށް ވާ ގޮތަށެވެ. އެހާ އަވަހަށް، އަދި އެހާ ކުއްލި ހަރަކާތެއް، މީގެ ކުރިން އޭނާ ތަޖުރިބާއެއް ނުކުރެ އެވެ. ލިބުނީ ޝޮކެކެވެ. ދެން ހަލުއި ހަމަލާއެއް އަތުވެދާ ކަމަށް ކަނޑި ނަގާ ކުރިމައްޗަށް ދިއްކޮށްލި އެވެ. އެކަމަކު އޭރު ހިޔަނީގެ ދިގު ކަނޑި ހުރީ އޭނާގެ ކަރުގައި ޖެހިފަ އެވެ.
ޒުވާނާގެ ބޯ ހަށިގަނޑުން ވަކިވެ، ބިންމައްޗަށް ވެއްޓުނެވެ.
ބިޔަ ހިޔަނީގެ އަޑުން ހިސާބުގަނޑު ގުޑައިގެން ދިޔަ އެވެ.
"ދެން ހުއްޓާލާ! މިކަން މި ނިމުނީ!" ބައްޕައާ ދިމާއަށް އޭނާ ގޮވާލި އެވެ.
އެ ހިސާބުން ހަނގުރާމަ ހުއްޓާލި އެވެ. ބިޔަ ހިޔަނި މެދަށްވާ ގޮތަށް، އަނެއް ހަތަރު ހިޔަނި، އޭނާގެ ދެ ފަރާތުން ކައިރިވެ، ބިންމަތީގައި ނުޖެހި ތިއްބެވެ. ބައްޕަ ތިރިއަށް ފައިބައި، ހައްވަ އޮތް އެނދުގެ މެދަށް ވާ ގޮތަށް ހުއްޓުނެވެ. ދަރިފުޅުގެ ހަށިގަނޑާއި ބޯ އޮތީ އޭނާގެ އަރިމަތިން ތަންކޮޅެއް ދުރުގަ އެވެ.
ބައްޕައެއްގެ ހިތް ފަޅައިގެން ދާނެ ކަހަލަ މަންޒަރެކެވެ. އެކަމަކު މޫނުމަތިން އެ ހިތާމައެއް ނުދައްކަ އެވެ. ހިޔަނިތަކުގެ ކުރިމަތީގައި، ކަނޑި ތިރިކޮށްލައިގެން ހުރީ އެވެ.
ބިޔަ ހިޔަނި ކުރީގައި ހުރެގެން، އަނެއް ހަތަރު ހިޔަނި ތަންކޮޅެއް ފަހަތުގައި ތިބެގެން، ހައްވަ އޮތް އަށި ކައިރިއަށް ޖެހެން ފެށި އެވެ. ހައްވަގެ އާއިލާގެ ދުވަސް ވީ ފަހުލަވާނު، ހަރަކާތެއް ވެސް ނުކޮށް، ހުއްޓެވެ. އޭނާ ކައިރިން އަރިމަތީގައި، އޭގެ ތެރެއިން ދެ ހިޔަނި މަޑުކޮށްލި އެވެ. ބިޔަ ހިޔަނި ދިޔައީ ހައްވައާ ކައިރިއަށް ޖެހެމުންނެވެ. އޭނާގެ އެއް ފަރާތުގައި، ކުޑަ ދެ ހިޔަނި ފާރައަށް ތިއްބެވެ.
"ދުރަށް ދޭ!" އޭ ގޮވާލުމާ އެކު، ބިޔަ ހިޔަނީގެ ފަހަތުގައި ތިބި ދެ ހިޔަނީގެ ލޮލަށް ދެ ކަނޑި ހަރާލި އެވެ. އެ ދެ ކަނޑި ހިފައިގެން ތިބި، ހުދު ގަމީހުގެ ދެ ފަހުލަވާނުން ކަނޑި ނައްޓާ ނުލައި، ވައިގެ ތެރޭގައި މަޑުކޮށްލި އެވެ. ދެން ކަނޑި ދަމައިގަތުމާ އެކު، ދެ ހިޔަނި ބިންމައްޗަށް ވެއްޓުނެވެ.
ހިޔަނިތަކަށް ބޮޑު ހައިރާންކަމަކާއި ސިހުމެކެވެ. ހައްވަގެ ކުރިމަތީގައި މީގެ ކުޑައިރުކޮޅެއް ކުރިން އެއްވެސް ހަރަކާތެއް ނެތި ހުއްޓި ހުރި މީހާ ފުންމައިގެން އަރާ، އޭނާގެ ކައިރީގައި ތިބި ދެ ހިޔަނީގެ ތެރެއިން އެކެއްގެ ލޯ ފޫދުއްވާލި އެވެ. މަރުވެގެން ވަގުތުން ވެއްޓުނީ ބިމަށެވެ.
ބިޔަ ހިޔަނި މައްޗަށް އުދުއްސައިގަނެ، ފަހަތަށް ޖެހިލި އެވެ. އޭނާއާ އެކު، އަނެއް ހިޔަނި ވެސް ފަހަތަށް ގޮސް ޖެހިޖެހިގެން މަޑުކޮށްލި އެވެ.
ފަހުން އައި ދެ މީހުން، ދުވަސްވީ މީހާ ކައިރިއަށް ގޮސް، ހައްވަގެ އަށީގެ ކުރިމަތިން ސަފަކަށް އެތުރުނެވެ.
"މިއީ ކަލޭމެންގެ ސަރަހައްދެއް ނޫން. ކަލޭމެން އުޅޭ ތަނަކަށް ގޮސް ގެއްލޭ!" ދުވަސްވީ މީހާ ރުޅިވެރިކަމާ އެކު ބުންޏެވެ.
"މިރޭ ކަލޭމެންނަށް. އެކަމަކު އެ އަންހެނާ މި ރަށުގައި ހުރިހާ ހިނދަކުން ކަލޭމެން ސަލާމަތެއް ނުވާނެ. ދެން އަންނަ ހަމަލާއަކަށް ތައްޔާރުވެގެން ތިބޭ! ހަނދާންކުރާތި! ދެން އަންނަ ހަމަލާ މާ ވަރުގަދަވާނެ!" ބިޔަ ހިޔަނި ހަޅޭއްލަވައިގަތެވެ. ދެން މަޑުމަޑުން ފަހަތަށް ޖެހެމުން، ޖެހެމުން ގޮސް، ޖައްވު ތެރެއަށް އުދުހިގަތެވެ.
ބިން މައްޗަށް ވެއްޓިފައި އޮތް ތިން ހިޔަނީގެ ހަށިގަނޑުގައި އަލިވާން ރޯވި އެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި، ކަނޑިތަކާ އެކު، އަނދާ ހުލުވި އެވެ.
ހައްވަގެ ހިމާޔަތުގައި ނުކުތް ތިން މީހުންގެ ތެރެއިން ދެ މީހުން މަޑުމަޑުން ގޮސް، މަރުވެފައި އޮތް ޒުވާނާގެ ހަށިގަނޑު ކައިރީގައި އިށީނެވެ. އިރުގަނޑެއް ވަންދެން ތިއްބެވެ. ދުއާއަށް އަތް ނެގި އެވެ. ދެން އެތަނުގައި ވަޅު ކޮންނަން ފެށި އެވެ. މައްޔިތާ ވަޅުލި އެވެ. ފަސް އަޅާ ފޮރުވާލި އެވެ.
ތިން މީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން، ރޮމުން ދިޔަ އެވެ. އިރުކޮޅަކު އެހެން ތިބެފައި، ގައިން އަތް ދޫކޮށްލަމުން، ކަރުނަތައް ފޮހެލި އެވެ. ހައްވައާ ދިމާއަށް ހިނގައިގަތެވެ. އޭޭނާގެ ކުރިމައްޗަށް ގޮސް މަޑުކޮށްލި އެވެ.
"ފަތިސް ނަމާދު ވަގުތު ޖެހިއްޖެ،" ދުވަސްވީ މީހާ ބުންޏެވެ.
ތިން މީހުން ވެގެން ހައްވަ މޮހެލި އެވެ. ޒުވާން ދެ މީހުން ހައްވަ ނަގައި، ކޮނޑަށް ލި އެވެ. ދުވަސް ވީ މީހާ އަށި ދަށަށް ގުދުވި އެވެ. ދެން އޭނާ އެތަނުން އެއްޗެއް ނެގި އެވެ. ދެ ފިރިހެނުންގެ ކޮނޑުމަތީ އޮވެގެން ބަލައިލި އެވެ. އެއީ އޭނާގެ ފޮއްޓެވެ. އޭނާގެ ކަނޑި ވެސް ލާފައި އޮތް ފޮއްޓެވެ.
އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ވަލުތެރޭގައި ކޮށާފައި އޮތް ހަނިހަނި މަގަކުން ކުރިއަށް ހިނގައިގަތެވެ.
(ފަސް ވަނަ ބައި، މޭ 8 ވާ ހުކުރު ދުވަހު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީމް
07 May 2020
ވވވވރީތި
ހުނަރުކުޑަބެ
07 May 2020
(އަޅުގަނޑުގެ ކޮމެންޓްތަކުގައި ބޭނުންކުރެވިފައިވާނީ ރޯ ރަށުބަހެވެ.) ހަނިމަގު ހުސްވިތާ ހުރީ ބައު އެހެނޑެއް ކަހަލަ ޖިފުޓިގަނޑެކެވެ. ހައްވަ ބެހެއްޓުމާއެކު މަޑުމަޑުން ޖިފުޓީގެ ދޮރުހުޅުވާލައި ޖިފުޓިތެރަށް ކަޅި ފުރޮޅައިލިއެވެ. އެތެރޭގައި ހައެއްކަ ބުޅާ ކަޅި ޖަހާނުލާ ބަލަހައްޓައިގެން ތިއްބެވެ. ތަލިން ކުޅުހިކިފައި ތިބި ދެތިން ކުރަފިވެސް ތިއްބެވެ.ބަލައްހުއްޓާ ފަހަރަކު ބުޅަލެއް ކަޅު ހިޔަންޏަށް ވެގެން މައްޗަށް އަރަން ފެށިއެވެ. ބާކިތިބި ތިން ކުރަފިވެސް މެއެވެ
އަލީ.
07 May 2020
ފިއްލަދޫގައި ވަރަށް ފަހަކާއި ޖެހެންދެން މަލިކު ހައްވަ ކިޔާ ވަރަށް ރަގަޅު އަޅުވެރި ދައިތަ އަކު އުޅުނު...ފޮޓޯވެސް ލިބިދާނެ ...
ހުނަރުކުޑަބެ
07 May 2020
ކުޑަބެ ބޭނޫން ތިޔަ ފޮޓޯ ބަލާއިލަން.
ވާއު
07 May 2020
ވވވވވވވ ސަޅި
އައިމިނަ
07 May 2020
އެދުރުގެ މިވާހަކައަށް ވަރަށް އިންތިޒާރު ކުރިން، ޝުކުރިއްޔާ، ވަރަށް ރީތި މިޕާރޓުވެސް
ހުނަރުކުޑަބެ
07 May 2020
އައިމިނަ އެކަންޏެއް ނޫން ކުޑަބެވެސް މި އެދުރުބެ ހޯދާތަން ލައްކަދުވަސް ވެއްޖެ. މިވީހައި ދުވަހު ވަޅުޖަހާއިގެން އޮވެފައި މި ލޮކްޑައުންއާއި ގުޅިގެން ގައިފޮޅާލައިފައި އެދުރުބެ ތެދުވިކަމަށް މިވީ.
ފަރީ7
07 May 2020
ވ ވ ރީތި މި ބައިވެސް. ހަމަ ކެތް މަދުވެފަ މާދަމާ އަށް. ތިގޮތަށް އަވަހަށް އަޕް ކުރައްޗޭ އަބަދުވެސް.