މުނިފޫހިފިލުވުން / ވާހަކަ ސިލްސިލާ ދިހައެއް

ވާހަކަ ސިލްސިލާ: ދިހައެއް: ރީތި ހައްވަ

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

15 މެއި 2020 - 09:01

8 comments

(މޭ 14، 2020، ބުރާސްފަތިދުވަހުގެ ބަޔާ ގުޅޭ)

ދަލޭކަދައިތަ އޮތީ ހޭލަ އެވެ. އެކަމަކު ދައްތައާ ދިމާއަށް ބަލައި ވެސް ނުލައި ހައްވަ މިސްރާބު ޖެހީ ކޮޓަރިއަށެވެ.

"ކޮއްކޯ،" ދަލޭކަދައިތަ ގޮވާލި އެވެ.

ހައްވަ މަޑުކޮށްލި އެވެ. އެކަމަކު އެނބުރި ބަލައެއް ނުލަ އެވެ.

"ފާތިރު ދެކެ ރުޅިނާންނައްޗޭ...." އެހާ ހިސާބަށް އަޑުއިވުމާ އެކު ހައްވަގެ ހިތުތެރޭގައި އުފެދުނު ރުޅިވެރިކަން އޭނާ މަޑުމަޑުން ގެންދިޔައީ ދަލޭކަދައިތަގެ ކައިރިއަށެވެ. ހައްވަގެ މޫނު ފެނިފައި ހުރިހާ އެއްޗެއް، ދަލޭކަދައިތަ އަށް ވިސްނުނެވެ. އެއީ އޭގެ ކުރިން އޭނާއަށް ފެނުނު، ހިތްހެޔޮ މޫނެއް ނޫނެވެ.

"އޭނާގެ ނަން ވެސް އަހަރެން ކައިރީގައި ދެން ނުބުނާތި! އެކަހަލަ މީހެއް އަހަންނަށް ދެއްކީތީ...." ހައްވައަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ރުޅީގެ މައްޗަށް ކުއްލިއަކަށް ވެރިވެގަތީ، އިހުސާސްކުރެވެމުން އައި ބަދުނަސީބުގެ އަސަރުތަކެވެ. އޭނާގެ ހިތްފަޅައިގެންދާން ކައިރިވި އެވެ. އޭނާ އެނބުރި، ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ.

މިއީ އޭނާގެ އުމުރު ހޭދަކުރަން ޖެހޭ ކޮޓަރި އެވެ. މިރޭ އެ ކޮޓަރިން އޭނާ ނުކުތީ އުއްމީދުގެ ގަނޑުވަރެއް ބިނާކޮށްފަ އެވެ. އޭނާގެ ހިތް، މިރޭގެ ކުރިން ނުވެސް ދެކޭ، ނުވެސް ދަންނަ، ނަން ވެސް އަޑުއަހާފައި ނުވާ، މީހަކަށް ދިނެވެ. އޭނާ ހީ ވެސް ނުކުރާ ފަދަ ގޮތަކަށް، އެ މީހާ، އޭނާގެ ހިތު ތެރެއަށް ވަދެ، އުއްމީދު އާކޮށްދިނެވެ. ވައުދުތަކެއް ވި އެވެ. އޭނާ ޔަގީންކުރީ، އާއިލާއަށް ލިބިފައިވާ އަޖައިބެއް ކަހަލަ ބާރުތަކުގެ ތެރެއިން އެންމެ ފަހުން، އޭނާގެ ހަޔާތުގެ މަންޒިލް އަތުލައިގަނެވިއްޖެ ކަމަށެވެ. ބައްޕަ އާއި ބޭބެ ބުނި ގޮތަށް އޭނާގެ ހުސް ދިރިއުޅުން އަލުން އާރާސްކޮށްދޭނެ މީހަކު ލިބިއްޖެ ކަމަށެވެ.

ހިތުގައި ލާ ކޮންމެ ޒަހަމެއް ފޮހެއެއް ނުލެވޭނެ އެވެ. މިރޭ، ފާތިރު އޭނާގެ ހިތުގައި ލެއްވީ އެކަހަލަ ޒަހަމެކެވެ. އޭނާގެ ލޮލަށް އެތަން ފެނިއްޖެ އެވެ. ޝިހާބު އޭނާ ދޫކޮށް ދިޔައީ، ބިރުންކަމެއް އޭނާއަށް ޔަގީނެއް ނޫނެވެ. ދެން ލިބުނު ދެ ފިރިން އޭނާގެ ހަޔާތުން ނުކުމެގެން ދިޔަ ސަބަބު އޭނާ ގަބޫލުކުރެ އެވެ. އެއިން އެއްވެސް މީހެއްގެ އަތުން އޭނާގެ ހިތުގައި ނުފޮހެވޭނެ ޒަހަމެއް ލެވިފައެއް ނެތެވެ.

އެނދުގައި އިށީނދެ، ކަނާތުގެ ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލިން، ނިތްކުރީގައި މަޑުމަޑުން، ކާއްތަމުން ދިޔަ އެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔަ އެވެ.

އޭނާ ދެން ދުވަހަކު ވެސް މީހަކާ ނީންނާ އެވެ. އޭނާ ދެން ދުވަހަކު ވެސް ފިރިހެނަކަށް އިތުބާރެއް ނުކުރާނެ އެވެ.

---

ފާތިރު ދުވަމުން ގޮސް، މަޑުކޮށްލެވުނު އިރު އޭނާއަށް ހުރެވުނީ ގަސްތަކެއްގެ ތެރެއަށް ވަދެވިފަ އެވެ. މަގު ބެދިއްޖެ އެވެ. އޭނާ ހީކުރީ އޭނާއަށް ދެވުނީ ފިއްލަދޫގައި މީހުން ދިރިއުޅޭ ހިސާބަށް ކަމަށެވެ. ނަމަވެސް ފަހަތަށް ބަލަންވީތޯ، ދަލޭކަދައިތަގެ ބަހަށް އިތުބާރުކޮށް ކުރިއަށް ދާންވީތޯ ސިކުނޑިން ކުރަމުން ދިޔަ ބަހުސްގައި އޭނާގެ ނަފުސާ މެދު ވިސްނާލަން ވެސް ޖާގައެއް ނުލިބުނެވެ. އޭނާއަކީ އެއްވެސް އިރެއްގައި އެގޮތަށް ފިލަން ދުވި މީހެއް ނޫނެވެ. އޭނާ މިހާތަނަށް ވެސް ކޮންމެ ކަމަކާ ކުރިމަތިލީ، ކެރިގެންނެވެ. އޭނާގެ އަމިއްލަ ގޭގައި ހުރި ޒަމާންވީ ބިންގަރާސް ތެރޭގައި ހިންގަމުން އައި ބަދަލުހިފުމުގެ ކޮންމެ ރޭވުމެއްގައި ވެސް އޮތީ ހިތްވަރާއި އާންމު މީހަކަށް ވިސްނާ ވެސް ނުލެވޭ ވަރުގެ ރޭވުންތަކެވެ.

ދަލޭކަދައިތަ އާއި ހައްވަގެ އާއިލާއެކޭ އެއްގޮތަށް އޭނާގެ ހަޔާތް ވެސް ފުރިފައި އޮތީ ސިއްރުތަކުންނެވެ. ތަފާތަކީ އޭނާ ކުރިމަތިލަމުން އަންނަނީ އިންސާނުންގެ ހަމަތަކާ އެއްގޮތަށް ހިނގާ ކަންކަމަށް ވުމެވެ. އޭގައި އޮތީ އިންސާނުންނަށް ލިބޭ ބާރުތަކުގެ ބޭނުން ހިފުމެވެ. ދަލޭކަދައިތަގެ އާއިލާ އުޅެމުން އަންނަނީ އިންސާނީ ހަމަތަކަށް ވުރެ މަތިންނެވެ. އެއިން ކަމެއް އޭނާއަކަށް ނުކުރެވޭނެ އެވެ. އަދި ކުރާކަށް ބޭނުމެއް ވެސް ނުވެ އެވެ.

އެކަމަކު ފާތިރުގެ ހަޔާތުގައި އޭނާ އުކަމުން އަންނަ ސިއްރު ސަފުހާތަކާއި ދަލޭކަދައިތަގެ އާއިލާގެ އަޖައިބެއް ފަދަ އިލްމާއި ބާރުތަކާ ގުޅިލާމެހިގެން ދާން ޖެހޭ ސަބަބެއް އޮންނާނެ އެވެ. އެ ސަބަބެއް އޭނާއަކަށް ނޭނގެ އެވެ. އޭނާގެ އަމިއްލަ ރިސޯޓްގައި ޗުއްޓީ ހޭދަކުރާ ދުނިޔޭގެ އެކި ގައުމުތަކުގެ އަންހެނުން އޭނާއަށް ފެނެ އެވެ. ދުނިޔޭގެ އެތައް ގައުމަކަށް އޭނާ ދަތުރުކުރި އެވެ. އެ ގައުމުތަކުގެ މީހުން ވެސް ހަމަ ލޮލުން އޭނާ ދުށްޓެވެ. ދިވެހިންގެ ރީތި އަންހެނުން ވެސް އޭނާއަށް ފެނެ އެވެ. އެކަމަކު ހައްވައަށް ލިބިފައި އެ ހުރި ސިފަތަކެއް އޭނާ ދުވަހަކު ވެސް އަދި ނުދެކެ އެވެ.

އެއީ އިންސާނުންނާ އެހެން ނަސްލެއްގެ ބަޔަކާ މަސްހުނިވުމުގެ ނަތީޖާ ކަމަށް ވެދާނެ އެވެ. އެކަމަކު އެ މަސްހުނިވުމުގެ އަނެއް ފަރާތަކީ، އެ ހިނގަމުން ދާ ހަނގުރާމަ އެވެ. މަލިކުން ފެށިގެން އެންމެ ފަހުން ފިއްލަދުއަށެވެ. އެންމެ މީހަކަށްޓަކަ އެވެ: ހައްވަ އެވެ.

ފާތިރުގެ ސިކުނޑި ފުރިފައި އޮތީ މިފަދަ އެތައް ހިޔާލަކާއި ވަސްވާސްތަކުންނެވެ.

ދާންވީ ކޮޅެއް ހޯދަންވެގެން ފާތިރު މަޑުމަޑުން ހިނގަން ފެށީ ވަލުތެރޭގައި ބެދިފައި އޮތް ދިމާ ނޫން އަނެއް ފަރާތަށެވެ. އެތަނުން އޭނާއަށް ނުކުމެވުނު ކުޑަކުޑަ މަގެއްގެ އެއްކޮޅުން ފިއްލަދޫ ރަށުތެރޭގެ އަލިކަން ފެންނަން ހުއްޓެވެ. މަގުގެ ދެ ފަރާތުގައި، އެކި ދުރުމިނުގައި ޖަހާފައި ހުރީ ފަސް ފޫޓު ވަރުގެ ދިގު ދަނޑިތަކެކެވެ. ހީވާ ގޮތުން އެއީ މަގު ވަކިކުރަން ރޯނު ކަހަލަ އެއްޗެއް ދަމަންވެގެން ކޮށްފައި ހުރި ކަމެކެވެ. އެ ހިސާބުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދަލޭކަދައިތަ ދިން ފޮތް ކަނާތުގައި އޮތެވެ. އެއީ އަމާނާތެކެވެ. މާލެ ދަންދެން ބަލަހައްޓަން ޖެހޭ އަމާނާތެކެވެ.

ކުއްލިއަކަށް އޭނާގެ ކުރިމަތިން މާ ބޮޑު އަނދިރިގަނޑެއް ފެންނަހެން ހީވީ އެވެ. ފާތިރަށް މަޑުކޮށްލެވުނެވެ. މަތިން ތިރިއަށް ފޭބި ހިޔަނި ހުއްޓުނީ އޭނާގެ ކުރިމަތިން ފަސް ވަރަކަށް ފޫޓު ދުރަށެވެ. ބިމުގައި ކިރިޔާ ޖެހޭ ނުޖެހޭ ވަރަށް އޭތި ތިރިވި އެވެ. އެވަރުން ވެސް ފާތިރަށް އޭގެ މޫނު ފެންނަވަރުވީ މައްޗަށް ބަލައިލުމުންނެވެ.

އިސްކޮޅުން ބިޔަ އެވެ. ލޮލުގެ ގަދަ ރަތްކަން އަނދައަނދާ ހުއްޓެވެ. ކަރު ފަލަވެފައި، ކޮނޑުގެ މަސްގަނޑު ބޮޑެވެ. ބައިމަތި ފުޅަލެވެ. އެއްޗެއް ލައިގެން ހުރި ނަމަ، އެ ވާނީ ގައިގައި ތަތްލާފައި ހުންނަ ކަޅު ކުލައިގެ ހެދުމަކަށެވެ.

ދެ އަތުގެ މުލައްދަނޑި ވަރުގަދަވެފައި، މަސްގަނޑު ހުރީ އަރައިފަ އެވެ. ކަނާތުގައި ދިގު ކަނޑި އޮތެވެ. ފަލަމަސްގަނޑާއި ކުޑަކަޅުވާ އާއި ފައި ތިލަ ވެސް އެހާމެ ބޮޑެވެ.

ފާތިރު އަތުގައި ފޮތް ނޫން އެއްޗެއް ނެތެވެ. އޭނާ މަގުގެ އެއް ފަރާތަކަށް، މަޑުމަޑުން ޖެހިލި އެވެ.

ހިޔަނީގެ ކަނޑި ކުއްލިއަކަށް ދިއްލި ހިސާބުގަނޑަށް އޭގެ އަލިކަން ފެތުރުނެވެ. ހިޔަނީގެ މޫނާއި ހޭވިފައި ހުރި ބޯ އިސްތަށިގަނޑު ވެސް ރީއްޗަށް ފެނުނެވެ. މޫނުގެ ބައްޓަމަށް ނިސްބަތްކުރާ ނަމަ އަނގަ ފުޅަލެވެ. ތުން ފަތް މަތީގައި، ނޭފަތާ ކައިރިން ކަނާތް ފަރާތުގައި ހުރި ހުދު ކުލައިގެ ދެ ކަޅުތިލަ ކަހަލަ އެއްޗެއް ރަނގަޅަށް ފާހަގަކުރެވެ އެވެ.

"މަލިކުން މި ރަށަށް އަހަރެން އައީ އެންމެ ކަމަކަށް. އަހަންނަށް ލިބޭނެ ކަމަށް ބައްޕަ ވައުދުވި އަނބިމީހާ ހޯދަން،" ގާ ކަހަލަ އެއްޗެއް ފުނޑިގެންދާ އިރު ނުކުންނަ ކަހަލަ އަޑަކުން، ހިޔަނި ވާހަކަ ދައްކަން ފެށި އެވެ.

"ކަލޭ ތި ހުރީ އަހަރެންގެ އަނބިމީހާ ޖަހައިގަނެގެން. އަހަންނަށް އޭނާ ހޯދައިދޭން ހަނގުރާމަކޮށް ބައްޕަ މަރުވެއްޖެ."

ދަލޭކަދައިތަ ބުނި ގޮތަށް، އެ ހަނގުރާމަ ނުރައްކާތެރިކަން، ފާތިރަށް ވިސްނުނެވެ. އެކަމަކު ހިޔަނިތަކަށް ހައްވަ އަތުނުވާކަން އޭނާއަށް ޔަގީންވި އެވެ. ކުރިމަތީގައި އޮތް ބިރުވެރިކަން އޭނާއަށް ފެނުނަސް، ހައްވަ ސަލާމަތުން ހުރިކަން އެނގުމުން ހިތަށް ލިބެން ފެށީ ހަމަޖެހުމެކެވެ.

"މިއީ ހައްވަގެ ނުބައި އާއިލާ އާއި އަހަރެމެންނާ ދެމެދު ކުރާ ހަނގުރާމައެއް. މީގެ ތެރެއަށް އިންސާނުން ވަދެ ދެނީ އިތުރު އަނިޔާތަކެއް. ދެން މިކަން ކޮޅެއްގައި ޖައްސަން ޖެހޭނީ އިންސާނުން ވެސް މަރައިގެން. ކުރިން ނުމަރާ ވަރަށް މަރައިގެން،" ހިޔަނީގެ އަޑު ދިޔައީ ބާރުވަމުންނެވެ.

"ހައްވަގެ ގައިގައި ކުރިން ތިން އިންސާނުން ބީހުނު. އަހަރެން ހުރީ، ހަނގުރާމަކޮށްގެން ހައްވަ އަތުވާނެ ކަމަށް ބަލައިގެން. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުދެން. ބުނެ ބަލަ! އަހަރެމެން ރަނގަޅެއް ނޫންތަ؟"

އެ ސުވާލު ފާތިރަށް އަމާޒުކުރިޔަސް، އޭނާ އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވި އެވެ. މިއީ އަމިއްލަ ނަފުސު ކޮންޓްރޯލްކުރަންވީ ވަގުތެވެ. އޭނާގެ ސިކުނޑިއަށް ވެރިވީ، މީގެ އަހަރުތަކެއް ކުރިން، ހާއްސަ ތަމްރީން ހަދަން ޖަޕާނަށް ކުރި ދަތުރެވެ. ކަނޑި އާއި ދަނޑި އާއި، އަދި އެ ވަގުތަކު އަތުޖެހެން ހުރި އެއްޗަކުން، އަމިއްލަ ނަފުސުގެ ދިފާއުގައި ކުރާނެ ކަންކަން ދަސްކުރީ، ފެހި ގަސްތަކާއި ވިނަތަކުން ރަޖާލެވިފައިވާ އުސް ފަރުބަދައެއްގެ މަތީގަ އެވެ. ކޮންމެ ރެއެއްގެ ފަތިހު 5:30 އިން ފެށިގެން، ހެނދުނު ނުވައެއް ޖަހަންދެން، އޭނާ އާއި ޒަވީން އާއި ނާވިޝް އެ ތަމްރީންތައް ހެދީ، ޖަޕާނުން ލިބެން ތިބި އެންމެ ހުނަރުވެރި ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ.

އެއީ މިލިޓަރީ ތަމްރީންތަކެއް ނޫނެވެ. އެކަމަކު އެ މީހުންގެ ހުނަރު ފެނިއްޖެ މީހަކު ހައިރާންވާނެ އެވެ. މިހާރު ވެސް އެ މީހުން ގެންދަނީ ގޭގައި އަމިއްލައަށް ފަރިތަކުރަމުންނެވެ. އެއީ ކޮންމެ ދުވަހެއްގެ އާދަ އެވެ. އެކަމަކު މިހާތަނަށް އެ އުކުޅުތައް ރާއްޖޭގައި ބޭނުންކޮށްފައެއް ނުވެ އެވެ. އެހާ ހިސާބަށް އެއްވެސް ކަމެއް ފުރޮޅިގެން ގޮސްފައެއް ވެސް ނުވެ އެވެ.

ހިޔަނި ކިތައްމެ ބޮޑުވެފައި، އަޑު ކިތައްމެ ގަދަޔަސް ފާތިރު ޖެހިލުމެއް ނުވެ އެވެ. އޭނާ ހުރީ ވިސްނައިގެންނެވެ. އެ ދިގު ކަނޑި ހޫރާލިޔަސް، ބިންމަތީގައި އޭނާ މިނިވަންކަމާ އެކު ހުރެއްޖެ ނަމަ، ކުރެވޭނެ ކިތައްމެ ކަމެއް ހިތުތެރޭގައި ރާވަމުން ދިޔަ އެވެ.

"ކަލޭ ހައްވަގެ ގައިގައި އަތްލައިފި. އެއީ އަހަރެންގެ އަނބިމީހާއާ ބެހުން. އަހަރެންގެ ދިރިއުޅުމަށް އަރައިގަތުން. ކަލެއަށް އިވޭތަ މި ދައްކާ ވާހަކަ؟" އަޑުގައި ހުރި ހަރުކަށިކަމާ އެއްވަރަށް، ލޮލުގެ ރަތްކަން ވެސް ދިޔައީ ބޮޑުވަމުންނެވެ.

"ކަލޭ މިހާރު ތި އުޅެނީ ހައްވައަށް ފިލާކަށް ނޫން. އަހަރެން ދެކެ ބިރުން. އަހަންނަށް އަތުނުވަންވެގެން،" ހިޔަނި މަޑުމަޑުން، ފާތިރާ ކައިރިއަށް ޖެހިލި އެވެ.

"އެ ގެ އަމާންވާނީ އަހަރެމެން އަތުން އެންމެން މަރުވެގެން. ކަލޭގެ ލެޔަށް ފަހު، މާދަމާ ރޭ، މުސްކުޅި ދައިތަގަނޑުގެ ދުވަސް ދުއްވާލާނަން. މުޅި ތަން އަންދާލާނަން. އެއީ އަހަރެންގެ ބައްޕަގެ މަރުގެ ބަދަލު. އެ ހަތަރު ފިރިހެނުންގެ ބޮލެއް ހަށިގަނޑުގައި ހުއްޓަކަ ނުދޭނަން،" ހިޔަނި، އޭގެ ކަނޑި ދައްކާލަމުން ހަޅޭއްލަވައިގަތެވެ.

ފާތިރު ހަމަ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ޖަވާބެއް ދޭކަށް ވެސް ނުޖެހެ އެވެ. ވިސްނަމުން ދިޔައީ، ހިޔަނީގެ ކަނޑި އަށާއި އެ ބިޔަ ހަށިގަނޑަށް ގެންނަ ހަރަކާތްތަކަށެވެ. ދެ ލޮލުން ފެންނަ އަލިފާނުގެ އަސަރުތަކުން ހަށިގަނޑު ތެރޭގައި އޮތީ ރުޅިވެރިކަމޭ ފާތިރުގެ ހިތަށް އެރި އެވެ.

ތަޅާފޮޅުމެއްގައި ރުޅިވެރިކަމަކީ، ގިނަ ފަހަރަށް، އެންމެ ބޮޑު އެއް ބަލިފަ އެވެ. ކިތައްމެ ޖެހިލުމެއް ވިޔަސް، ކިތައްމެ ބިރެއް ގަތަސް، ނަފުސުގެ ކޮންޓްރޯލް އޮންނަ މީހަކަށް ނޫނީ، އެ ތަޅާފޮޅުމެއް ކާމިޔާބެއް ނުކުރެވޭނެ އެވެ.

ހިޔަނި އެ ދަނީ ކޮންޓްރޯލުން ނެއްޓެމުންނެވެ. ފާތިރަށް އެކަން އެނގެ އެވެ.

"ކަލޭގެ ބޮލަކީ އަހަރެންގެ އަނބިމީހާ ލިބެން އޮތް ހަމައެކަނި ގޮތް. ކަލެއަށް ކަލޭގެ ތި ބޯ މިރޭ ހަށިގަނޑުގައި ބެއިންދޭނެތަ؟" ހިޔަނި، ފާތިރުގެ ކައިރިއަށް އަނެއްކާވެސް ޖެހިލަމުން ސުވާލުކުރި އެވެ. ދެން ހަޅޭއްލަވައިގެންފައި ކަނޑި މައްޗަށް ނެގި އެވެ.

އެއީ ފާތިރުގެ ވަގުތެވެ. އޭރު އޭނާ ހުރީ އަތުގައި އޮތް ފޮތް ބިންމައްޗަށް ވައްޓާލައި، ފުރަގަހުގައި ހުރި ދަނޑީގައި ފަހަތުން ހިފަހައްޓާލައިގެންނެވެ. ކަނޑި މައްޗަށް ނެގުމާ އެކު، ދަނޑި ބިމުން އުފުރާލި އެވެ. ފަސް ފޫޓަށް ފުންމައިގެން ގޮސް، އޭގެ ކަނާތު ފަލަމަސްގަނޑަށް ދަނޑި އަމާޒުކޮށްލި އެވެ. އެކަމަކު އެއަށް ވުރެ ކުރިން ހިޔަނި ކުއްލިއަކަށް މާ ދުރަށް ދެމިގެންފި އެވެ. ބިޔަ ހަށިގަނޑާ ބަލާއިރު، ފާތިރު ހީކުރި ވަރަށް ވުރެ މާ ހަލުއި އެވެ.

"ތި ކަމެއް ނުވާނެ، މިހިރަ ނުލަފާ މީހާ!" ހިޔަނި ހަޅޭއްލަވައިގަތެވެ. ދެން މައްޗަށް ދިޔަ ގޮތަށް، ފާތިރުގެ ލޯ މަތިން ގެއްލުނެވެ. އެކަމަކު އެއީ މަކަރެއްކަން އޭނާއަށް ވިސްނުނެވެ. އޭނާ އަވަހަށް އިތުރު ދަނޑިއެއް އުފުރާލައި، ދެ އަތަށް ހެޔޮވަރުކޮށް، ވަށައިގެން ކަޅި ހިންގަން ފެށި އެވެ. ހުޝިޔާރުވި އެވެ.

ހަޅޭއްކުގެ އަޑު އިވުނީ ބޯ މަތިންނެވެ. އެ ސިކުންތުގައި ފާތިރު ދުރަށް ފުންމާލައި، ބިންމައްޗަށް ވެއްޓިގަތެވެ. ހިޔަނީގެ ކަނޑި ދިޔައީ އޭނާގެ ބޮލުގައި ޖެހޭ ނުޖެހޭ ހިސާބުންނެވެ. ފާތިރު އަވަށް ތެދުވެ، ދެ ދަނޑީގައި ބާރަށް ހިފަހައްޓާލި އެވެ.

ދެން ފެނުނީ ވައިގެ ތެރޭގައި ކުއްލިއަކަށް އޭނާއާ ދިމާއަށް ޖެހިގަތް ތަނެވެ. ފާތިރު ސަލާމަތްވާން، ދެ ދަނޑި ދިއްކޮށްލި އެވެ. ދެން އިދިކޮޅަށް ގޮސް އަނެއްކާވެސް ބިންމައްޗަށް ވެއްޓި ގަތެވެ. އުއްޑުން ޖެހި ބަލައިލި އިރު، ދެ ދަނޑި އޮތީ މެދަށް ވުރެ ތިރިން ބުރިވެފަ އެވެ. ހިޔަނި އައިސް މަޑުކޮށްލީ، ވެއްޓިފައި އޮތް ފާތިރުގެ މޭ މަތިން ވައިގެ ތެރޭގަ އެވެ.

ދަލޭކަދައިތަ ބުނީ ރަނގަޅު ވާހަކައެކެވެ. ހައްވަގެ ވަށައިގެން ވަނީ، ބާރުގަދަ، ބިރުވެރި ހިޔަނިތަކެކެވެ. އޭނާގެ ސަބަބުން ހައްވަ އެ އޮތީ މާ ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ. މިއީ ފާތިރު ކަހަލަ އިންސާނުންނަށް ކުރިމަތިލެވޭ ވަރަށް ވުރެ ބާރުގަދަ، ހަލުއި ބައެކެވެ. އެންމެ ފަހުން އޭނާ އެ އޮތީ އެއްވެސް ހިމާޔަތެއް ނެތި، ހިޔަނީގެ ކަނޑީގެ ދަށުގަ އެވެ.

އެކަމަކު އޭނާގެ މޫނުމަތިން ނިކަމެތިކަމާއި ހިތްވަރެއް ނެތްކަން އެއަށް ފެންނާކަށް ބޭނުމެއް ނުވި އެވެ. މޮޅުވުމުގެ އުފަލުން ފަހުރުވެރިވެފައި ހުރި ހިޔަނި، އޭގެ ކަނޑީގެ ބާރު ދައްކާލަން މަޑުމަޑުން ފާތިރުގެ ނޭފަތުގައި ޖެހޭ ނުޖެހޭ ހިސާބުގައި ހިފަހައްޓާލި އެވެ. އޭގެ އަލިން ފާތިރުގެ ލޯ މަރާލެވުނެވެ. އޭނާގެ އަތުގައި އޮތް ދަނޑިގަނޑުން ކަނޑީގައި ޖައްސާ، ދުރުކޮށްލެވޭތޯ އުޅުނެވެ. އެކަމަކު އެއަށް ވުރެ ކަނޑި މާ ބަރެވެ.

"ހައްވަ ގާތު ބުނާނެ ހިތްވަރު ގަދަ ވާހަކައެއް ވެސް ނެތް. ހަމައެކަނި ބުނެވެން އޮތީ ދެ ފަހަރު ފުންމައިގެން އަރާ ވެއްޓުނިއްޔޭ. ލަދުވެތިކަމެއް ނޫންތަ؟ ތިވަރުގެ މީހުން އަހަރެންގެ އަނބިމީހާ ހޯދަން ތި އުޅެނީ،" ފާތިރަށް ފަހު ހަމަލާ ދިނުމުގެ ކުރިން، ހިޔަނި ހުރީ ކިބުރުވެރިކަމުގަ އެވެ.

"މިއީ އަހަރެންގެ ބައްޕައަށްޓަކައި. މިއީ އަހަރެންގެ އަނބިމީހާއަށްޓަކައި. މިއީ އަހަންނަށްޓަކައި...." ހިޔަނި ހަޅޭއްލަވައިގަތެވެ. ދެން ކަނޑި މައްޗަށް ނަގާ، ފާތިރުގެ މެއަށް އަމާޒުކޮށްލި އެވެ.

މިއީ މާ އަވަސް މަރެކެވެ. މިއީ އޭނާ ހީކުރި ކަހަލަ ނިމުމެއް ނޫނެވެ. ސުހާނާއާ ކައިވެނިކުރުމާ އެކު އޭނާއަށް އާ އުއްމީދުތަކެއް އުފަންވި އެވެ. ކުރިން ދަރިއަކު ނުލިބުނަސް، އެ ފަޅުކަން ވެސް ފިލާފާނެ ކަމަށް، ހިތުގެ އަޑިން ދުއާކުރި އެވެ. ނާވިޝް އާއި ޒަވީނާ ގުޅިގެން، ނިންމަން ޖެހޭ އެތައް ކަމެއް ހުރީ އެވެ. އޭނާގެ އާއިލާގެ އަގުބޮޑު ޖަވާހިރުތަކާއި ގަހަނާތައް، ބޭރުގެ ބޭންކްތަކުގައި ރައްކާކޮށްފައި ހުންނާނެކަން، ސުހާނާ ކައިރީގައި ވެސް ނުބުނެވެ އެވެ. އޭނާގެ މުދާ ބަހާނެ ގޮތް ވެސް ކަނޑައެއް ނާޅަ އެވެ.

ހަޔާތުގައި އޭނާއަށް މި އުޅެވުނީ އެންމެ ސާޅީސް އަހަރެވެ. އެކަމަކު މީގެ ކުރިން އެހެންޏާ ނުލިބޭ ފަދަ އުފާވެރިކަމެއް މިރޭ ހައްވައާ އެކު ހޭދަވި ހައެއްކަ ގަޑިއިރުގެ ތެރޭގައި އޭނާ ތަޖުރިބާކޮށްފި އެވެ. އެއީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. އެއީ އިންސާނުންގެ ހިތުގެ އަޑީގައި ފޮރުވިފައި ހުންނަ ކުއްލި ލޯބި އުތުރިއަރާ ވަގުތުތަކެއް، ބައެއް މީހުންގެ ހަޔާތުގައި އަންނަކަން އޭނާއަށް އެނގުނު ފުރަތަމަ ފަހަރެވެ. އެކަމަކު އެ ލޯބީގެ އުމުރު ވެސް އެހާމެ ކުރެވެ.

އާއިލާގެ ފަރާތުން އޭނާއާ ހަމައަށް ދެމިގެން އައި ބޮޑު މުއްސަނދިކަން ހޭދަކުރަން އޭނާ ނިންމީ ރައްޔިތުންނަށް އިންސާފު ހޯދައިދީ، ގައުމުގެ ހެވާއި ލާބަޔަށެވެ. އޭނާ ބަދަލުހިފަން ނުކުތީ އެ އަޒުމުގަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި، އެއްވެސް ދިވެއްސަކު ރޭވި ފަދަ ކަމެއް ނޫނެވެ. އެކަމަކު އޭނާ އާއި އޭނާގެ ބައިވެރިން ބޮޑެތި އެތައް ކުށްވެރިންނަކަށް، އޭނާގެ އިންސާފުގެ ޗެމްބަރުގައި އަދަބު ދީފި އެވެ. އެ ލިސްޓް އަދިވެސް އޮތީ ކުރިއަށެވެ. ނަމަވެސް ފިއްލަދޫގައި، މި ވަގުތު، އޭނާ މަރުވުމާ އެކު އެކަން ވެސް ހުއްޓޭނެ އެވެ.

ހަޔާތަކީ ހަމަ ވަރަށް ކުޑަކުޑަ ވަގުތުކޮޅެކެވެ. ކަނޑި ހުރީ މަތީގަ އެވެ. އޭނާގެ މެއާ ދިމާއަށް އޭގެ ތޫނު ކޮޅު ތިރިވަނީ އެވެ. ފާތިރު ލޯ މަރާލި އެވެ.

ދެން އޭނާއަށް އިވުނީ، ޔަގީނުން ވެސް، އޭނާގެ އަމިއްލަ ހަޅޭއްކެއް ނޫނެވެ. އެއީ އޭނާ މަރާލަން ކަނޑި ނަގައިގެން ހުރި ހިޔަނީގެ ހަޅޭއްކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާ މަރާނުލައި ދޫކޮށްލީ ހެއްޔެެވެ؟ ފާތިރު ލޯ ހުޅުވާލި އިރު، ގައި މަތީގައި ހިޔަންޏެއް ނެތެވެ. ސިހިފައި އޭނާއަށް ތެދުވެވުނެވެ. ފަހަތަށް އެނބުރި ބަލައިލި އެވެ.

އޭނާއާ ޖެހިގެން، ވައިގެ ތެރޭގައި ހުރީ ވީރު މުހައްމަދުކަން ޔަގީންވި އެވެ. ހިޔަނި ހުރީ ވީރު މުހައްމަދުގެ ކުރިމަތީގަ އެވެ.

"ކަލޭ ނުދެކެންތަ ކަލޭމެންގެ އިސް އެތި މަރުވެގެން ވެއްޓުނު ތަނެއް؟" ވީރު މުހައްމަދު ވަރަށް ބާރަށް ބުންޏެވެ.

ބިޔަ ހިޔަނި އެއްޗެކޭ ނުބުނެ އެކަމަކު އަނގަ ހުޅުވައިގެން ހުރެ ދައްކަމުން ދިޔައީ އޭގެ ރުޅިވެރިކަމެވެ.

"މިރަށުން ފައިބަައިގެން ދަންޏާ، މިހާރު ދޭ! އެހެން ނޫނީ މި ކަނޑިން ޖެހިޖެހީނުން ކަލޭގެ ބޯ ވެސް ކަނޑާލާނަން،" ވީރު މުހައްމަދު އިންޒާރު ދިނެވެ.

ކައިރިވާކަށް ނުކެރުނެވެ. އެއްޗެކޭ ބުނާކަށް ވެސް ނުކެރުނެވެ. ހިޔަނި މަޑުމަޑުން ފަހަތަށް މައްޗަށް އަރަމުން ގޮސް، ލޯ މަތިން ގެއްލުނެވެ.

ފާތިރު ކައިރިން ބިންމަތީގައި ވީރު މުހައްމަދު ފައިތިލަ ޖައްސާލި އެވެ.

"ދަލޭކަދައިތަ ބުނި ގޮތަށް އަވަހަށް ހަދާ. މިއީ ފާތިރު މި ރަށުގައި ހުރެގެން ހައްލުވާނެ ކަމެއް ނޫން. އަހަރެމެން ހައްވަ ބަލާނަން،" އެ ވަރުގަދަ ފަހުލަވާނު، ފާތިރާ ވާހަކަ ދެއްކީ އިހުތިރާމާ އެކުގަ އެވެ. ފާތިރަކީ ވެސް އޭނާގެ ސާހިބެއް ފަދަ ގޮތަކަށެވެ.

"ހައްވަ ކިހިނެއް؟" ފާތިރު ސުވާލުކުރި އެވެ.

"ހައްވަގެ ހާލު ބަލަން ތިން އަހަރު ފަހުން އާދޭ. ހިނގާ ފާތިރު ހުންނަ ގެއާ ދިމާއަށް،" ވީރު މުހައްމަދު ބުންޏެވެ.

ފާތިރު އިތުރު ސުވާލެއްނުކޮށް، އެއް ފަރާތަކަށް ޖެހިލާފައި ބިންމަތިން ނެގީ ދަލޭކަދައިތަ ދިން ފޮތެވެ. އެއިން ވެލި ފޮޅާލާފައި، އޭނާ ހިނގައިގަތެވެ. ވީރު މުހައްމަދު ހުރީ އޭނާގެ ފަހަތުގަ އެވެ. ހިމާޔަތުގަ އެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

---

ފޮތުގައި، ކުރީގެ ދިވެހި އަކުރުތަކުން، ލިއެފައިވެ އެވެ:

"މި އާއިލާގެ ތެރެއިން ވަރަށް ވަރުގަދަ އަންހެނަކު އުފަންވާނެ އެވެ. އޭނާގެ ރީތިކަން، އެހެން އެއްވެސް މީހަކާ ނުބައްދަލެވެ. އޭނާގެ ބާރު އެހެން އެއްވެސް އަންހެނަކާ ނުބައްދަލެވެ. އޭނާ ކުރާ ކޮންމެ ކައިވެންޏަކާ އެކު، ހަނގުރާމަ ބޮޑުވެ އެވެ. އެކަމަކު އެ ކައިވެނިތައް ރޫޅިދެ އެވެ. އޭނާއަށް އާއިލާއެއް ބިނާކުރެވޭ ހިސާބުން، ގަމުގެ ހަވިއްތައިގެ އަޑީގައި އޮތް ލަޝްކަރަށް ގުނޑުން އަރާނެ އެވެ. އެއީ ބަލިނުކުރެވުނު ހިޔަނިތަކުގެ ނިމުމުގެ ފެށުމެވެ. ގަމުގެ ފެންގަނޑުގެ ރަތްކަން ގަދަވާނެ އެވެ. އެކަމަކު އޭނާ އުޅޭނީ ރާއްޖޭގެ އެންމެ އުތުރުގަ އެވެ. އޭނާގެ ހިމާޔަތުގައި ތިބޭނީ އެހާ ތަނާ ޖެހެންދެން އުފެދުނު އެންމެ ވަރުގަދަ ފަހުލަވާނުންގެ އާއިލާ އެވެ. އޭނާގެ ރުހުން ލިބިއްޖެ މީހަކަށް ސަލާމަތެވެ. އޭނާގެ ރުޅި ހޯދައިފި މީހަކަށް އޮތީ ހަލާކެވެ."

ފާތިރުގެ މުސްކުޅި ގޭގައި، އޭނާގެ ހާއްސަ ކޮޓަރީގައި އިނދެ ފޮތް ކިޔާ ނިންމާލި އެވެ. ދަލޭކަދައިތަގެ އާއިލާގެ ހުރިހާ ސިއްރެއްހެން އޭގައިވެ އެވެ. އެކަމަކު ހައްވަ ކަމަށް ލަފާކުރެވޭ އަންހެނާގެ ވާހަކަ އިން އޭނާގެ ހިތަށް ވެރިވި ނުތަނަވަސްކަން ބޮޑެވެ. އެއީ ހައްވަގެ ވާހަކަ ނަމަ، ފޮތުގައި ލަފާކޮށްފައި އެ އޮތް، ހަލާކު ހުރީ އޭނާއަށެވެ.

ފާތިރަށް ޔަގީންވާ އެއް ކަމަކީ، އޭނާގެ ހިމާޔަތުގައި ދަލޭކަދައިތަ ކޮންމެ ވާހަކައެއް ދެއްކިޔަސް ހައްވަ ގަބޫލުނުކުރާނެ ކަމެވެ. ހައްވަ ބުނާނީ ފިލައިގެން ދިއައީ ކަމަށެވެ. ބިރުގަތީ ކަމަށެވެ. އަނބިމީހާގެ ހިމާޔަތުގައި، އެންމެ ކުޑަވެގެން އެވަގުތުކޮޅު، ގޭގައި ވެސް މަޑުނުކޮށްލެވުނު ކަމަށެވެ.

އޭނާ މާލެ އައީ ދަލޭކަދައިތަގެ ބަހަށެވެ. އެއީ ހައްވަގެ ހިތަށް އޭނާ ދިން އަނިޔާއެކެވެ. އެކަމަކު ދަލޭކަދައިތަ ދެއްކި ހުރިހާ ވާހަކައެއް ދިމާވެ އެވެ. ވީރު މުހައްމަދު ނަސޭހަތް ދިނީ ވެސް، ދަލޭކަދައިތަ ބުނި ގޮތަށެވެ. އެއީ ކިތައްމެ ކުޑަ ނަމަވެސް ފާތިރަށް ލިބޭ ހިތްހަމަޖެހުމެކެވެ.

އޭނާގެ ތިޖޫރި ހުޅުވާލި އެވެ. ވަރަށް މުހިންމު އެއްޗެއް ނޫނީ އެއަކަށް ނުލާނެ އެވެ. ދަލޭކަދައިތަގެ ފޮތަކީ އޭގެ ތެރެއިން އެއްޗެކެވެ.

ތިން އަހަރު ގުނަން ފެށީ އެވެ.

ފާތިރު އޭނާގެ އެހެން މަސައްކަތްތަކަށް އެނބުރުނެވެ. ގޭގެ ބޮޑު ސިޓިން ރޫމްގައި އޭނާގެ ބައިވެރިން ތިބިކަން އެނގެ އެވެ. ފާތިރު އެތަނަށް ނުކުތެވެ. ޒަވީން އާއި ނާވިޝް އޭނާއާ ދިމާއަށް ބަލައިލި އެވެ.

"ކޮން ތަނެއް ހަމަޖެއްސީ؟" ފާތިރު ސުވާލުކުރި އެވެ.

"ރ. އަތޮޅުގައި އޮތް ފަޅުރަށެއް،" ޒަވީން ބުންޏެވެ.

"ޖުމްލަ ކިތައް މީހުން؟" ފާތިރު އެހި އެވެ.

"ފަސް މީހުން،" ޒަވީން ޖަވާބު ދިނެވެ.

އޭނާ ގޮސް ޒަވީން އާއި ނާވިޝްގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑީގައި އިށީނެވެ. ދެން މޭޒު މަތީގައި އަތް ބޭއްވި އެވެ.

"މައުސޫމަށްޓަކައި،" ފާތިރު ބުނެލި އެވެ.

ޒަވީނާއި ނާވިޝް ވެސް "މައުސޫމަށްޓަކައި"އޭ ބުނެ، ފާތިރުގެ އަތްތިލައިގެ މައްޗަށް އަތް ވައްޓާލި އެވެ. (ނިމުނީ)

ލިއުންތެރިޔާގެ ނޯޓު

"ދިހައެއް" ސިލްސިލާގެ އާ ފެށުމުގެ ފުރަތަމަ ވާހަކަ މި ނިމުނީ އެވެ. މި ސިލްސިލާއަށް ލޯބިކުރި ކިއުންތެރިން ފާޅުކުރި ޝައުގުވެރިކަމަށް ޝުކުރު ދަންނަވަމެވެ. ދަލޭކަދައިތަ އާއި ހައްވަ އަކީ އަދިވެސް މި ސިލްސިލާގެ މުހިންމު ބައިތަކެވެ. ވާހަކަތައް ކުރިއަށް ދާ ވަރަކަށް، ފިއްލަދޫގެ އެ ދިރިއުޅުން ކިއުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެކަމަކު އޭގެ ކުރިން ހިނގާ ކަންތައްތަކެއް އެބަ ހުއްޓެވެ.

މި ސިލްސިލާގެ ދެން އޮތް ވާހަކަ ޖެހުމުގެ ކުރިން، 2016 ގައި ނިންމާލި ބައި ހަނދާންކޮށްލަން ތިރީގައި އެވަނީ އެ ލިންކެވެ.

8 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްސެ

17 May 2020

ކޮބާތަ އަނެއްބައި؟؟

The name is already taken The name is available. Register?

ޙުސެންފުޅު

16 May 2020

ކިޔާ ހިތުން ކިޔާ ނިންމާލެވޭ ވާހަކައެއް މިނޫނީ ނެތް. ސިފަވެގެންދާ ގޮތުން ހީވަނީ ފިލްމެއް ބަލާލެވޭހެން.

The name is already taken The name is available. Register?

އެގާރަ

15 May 2020

އެދުރާ ސަކަރާތް ނުޖަހާ މިފަހަރުވާނެ އިނގޭ މެދު ކަނޑާނުލާ ވާހަކަ ކުރިއަށް ގެންދަން. އެދުރުވެސް ޖަހާ ސަކަރާތަކަށް މިކަންހަދައިގެން ނުވާނެ ޚަބަރުދާރު. މުސްތަފާބޭ ބުނާހެން މިބުނީ ހަމަ ޚަބަރުދާރޭ

The name is already taken The name is available. Register?

ކައި9

15 May 2020

ވ ވ ވ ރީތި. ވ ތަފާތު. މިހާތަނަށް ކިޔުނު އެއްމެ ރީތި ވާހަކަ.

The name is already taken The name is available. Register?

އެކަތަ11

15 May 2020

ކުރިންވެސް 2016 ގައި ނިންމާލިގޮތަށް އެދުރުގ ޚަބަރެއްވީ 4 އަހަރު ފަހުން 2020 ގައި ކަމަށްވުމުން އަނެއްކާވެސް މިރޯދައަށްފަހު އެދުރުގެ ވާހަކަ ކިޔާލަން ލިބޭނީ 4 އަހަރު ފަހުން ހެން ހީވޭ. އެދުރު ވާހަކަ ލިޔަން މޮޅުވިޔަސް ތިގޮތް ކަަމަކުނުދޭ. އެދުރަކީ ކާކުކަމެއްވެސް ނޭނގޭ. އެހެނަސް ވާހަކަ މެދުކަނޑާނުލާ ގެނެސްދިނުން އެެދެން ހައްވައާއި ފާތިރުއާއި އެކުވެެގެން ލޯބިން އުޅެވެންދެން.

The name is already taken The name is available. Register?

މައުސޫމަށްއަދިހައްވައަށް

16 May 2020

ފާތިރަށް ހައްވަގެ ހަބަރު ބަލަން ތިން އަހަރު ދިން ހެން އަހަރުންނަށް މީތި ހަަތަރު އަހަރު ފަހުން ކިޔަން ލިބުނީމަ ކަޑަދޯ؟ އުމުރަކީ ވަރަށްވެސް ކުރު އެއްޗެއް އހެންނު އެކަތަ؟

The name is already taken The name is available. Register?

އެކަތަ11

16 May 2020

މިއަދު 10 އަންނާނެކަމަށް ބަލަބަލާ މިއޮންނަނީ. އަނެއްކާ ހުއްޓާލީބާ މިފަހަރުވެސް 16 މެއި 20020

The name is already taken The name is available. Register?

ސަމާސާހަ

17 May 2020

މިފަހަރު މި ވާހަކަ ހުއްޓާލައިފިއްޔާ ، މިހާރު ވެބްސައިޓް އަށް ވަނުން ނިމުނީ. މި ކޮމެންޓު ނުޖެހިޔަސް، މެސެޖު ލިބިއްޖެ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454