މުނިފޫހިފިލުވުން

ދިހައެއް: ބައްޕައަށްޓަކައި

މިއީ އެތައް ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ ސީރީޒްއެކެވެ. މައިގަނޑު ނަމަކީ "ދިހައެއް" ނަމަވެސް އެކި ވާހަކަތަކަށް ދީފައި ވާނީ އެކި ނަމެވެ. އެއިން ކޮންމެ ބައެއްގެ ދިގުމިން ވެސް ތަފާތުވާނެ އެވެ. ކިޔައިދޭނީ ލޯބި، އިޖުތިމާއީ މައްސަލަތައް، ސިޔާސީ ދާއިރާ، އަދި ކުށުގެ ވެއްޓެވެ. ބޭނުންކުރާނީ ދިވެހި ބަހުގެ އެންމެ އާދައިގެ ދަރަޖަ އެވެ

.

19 ސެޕްޓެމްބަރ 2016 - 08:08

42 comments

(ސެޕްޓެމްބަރު 12 ގައި ޖެހި ބަޔާ ގުޅޭ)

އަންހެނުންނާއި ތިން ކުދިން ނިދިތާ ކިތައްމެ އިރެކެވެ. ގޭގެ ބޮޑު ސިޓިންރޫމްގައި ބަހައްޓާފައި ހުރި ފަސޭހަ ގޮނޑީގައި އިށީދެގެން އޭނާ އިނީ، އުޅެއުޅެ ނުނިދިގެންނެވެ. ކުރިމަތީގައި ހުރި ބޮޑު ޓީވީގައި އަޅުވާފައި ހުރީ ސީއެންއެން ޗެނެލް އެވެ. އެކަމަކު އޭނާގެ ވިސްނުން ވަނީ އެހެން ދިމާއެއްގަ އެވެ. އެއީ މީގެ ބައި ގަރުނު ކުރިން މައުސޫމްގެ ކާފަ ސްރީ ލަންކާ އިން ގަތް ގެއެކެވެ. ވަރަށް މުސްކުޅި ފާޑަކަށް ހުއްޓަސް، އެތައް ފަހަރަކު ގެނައި ބަދަލުތަކާ އެކު އަބަދުވެސް އެގޭގެ އެތެރޭގެ ޒީނަތްތެރިކަން ތަފާތުވެ އެވެ. ކާފަ މަރުވި ފަހުން އަބަދުވެސް އެގޭގެ ބޭނުންކުރަމުން އަންނަނީ ހަމައެކަނި އޭނާ އެވެ. އޭނާގެ ބައްޕަ އާއި އަންހެން ދެ ކޮއްކޮ އާއި މަންމަ ވެސް ލަންކާގައި ދުވަސްތައް ހޭދަކުރަނީ ބައްޕަ ފަހުން ގަތް، ދިހަ ހެކްޓަރުގެ ބޮޑު ބިމެއްގައި ހުރި "ގަނޑުވަރު"ގަ އެވެ. އާއިލާގެ އެކި މީހުންގެ ހުންނަ ތަފާތަކީ އެ އެވެ. ބައްޕަގެ އެ ގެ އޭނާ އަށް އެއްގޮތަކަށް ވެސް ކަމަކުނުދެ އެވެ.

އަންހެނުންނާއި ދެ ދަރިން ގޮވައިގެން މައުސޫމް ސްރީ ލަންކާ އަށް އައީ، އާއިލާ ތެރޭގައި ކުރި ޒުވާބަކަށް ފަހު އެވެ. އެކަހަލަ ޒުވާބެއް އޭގެ ކުރިއަކުން އޭނާ ނުކުރެ އެވެ. އޭގައި ސަބަބުތަކެއް ވެސް ހުއްޓެވެ. އޭގެ ކުރިން ބައްޕަގެ ވިޔަފާރީގެ އެއްވެސް ކަމަކާ އޭނާ ނުބައްސަ އެވެ. އެކަމަކު ބައްޕަ މަރުވުމާ އެކު އާއިލާގައި އެންމެ އިސްކޮށް ހުރީ އޭނާ އެވެ.

ކޮއްކޮމެންނާއި މަންމަ އެދުނު އެދުމާ އޭނާ މުޅިން ދެކޮޅެވެ. އެ މީހުން ބޭނުންވަނީ ބައްޕަ ހިނގި މަގުން، އާއިލާގެ ވިޔަފާރި ކުރިއަށް ގެންދާށެވެ. އެއީ ރައީސްއާ ގާތް ގުޅުމެއް ބާއްވައި، ރައީސް އެދޭ ކަންކަމަށް ހޭދަ ވެސް ކޮށްގެންނެވެ. ދެ ކޮއްކޮގެ ފިރިން އުޅެމުން އަންނަނީ ސިޔާސީ ބޮޑެތި މަގާމުތަކުގަ އެވެ. އެހެންކަމުން އެ ނުފޫޒުން ދުރުވަން އެ މީހުންނަށް އުނދަގުލެވެ.

މައުސޫމްގެ ވިސްނުން ހުރީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މުޖުތަމައުގެ އެހެން ކަންކަމަށް ހޭދަކުރާށެވެ. އެއީ ކާފަ ވެސް ހިނގި މަގުކަމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން އޮތީ ވެސް އެގޮތަށް އަމަލްތައް ބަހައްޓައިގެން ކަމަށް އޭނާ ބުންޏެވެ. އެކަމަކު ދެ ކޮއްކޮ އާއި މަންމަ އަށް އެ ވާހަކަ ގަބޫލެއްނުކުރެވެ އެވެ. އެމީހުންގެ ސިކުނޑީގައި އޮތީ، ރައީސްގެ އެދުންތަކަށް އަޅާނުލައިފި ނަމަ މުޅި އާއިލާ ފުނޑިގެން ހިނގައިދާނެ ކަމުގެ ބިރެވެ. އެމީހުންނަށް ނުވިސްނެނީ، ސަރުކާރަށް ވުރެ އެ އާއިލާގެ މުއްސަނދިކަން ބޮޑު ކަމެވެ. އެ މުއްސަނދިކަން ފުނޑުކޮށްލައި، އެ އާއިލާގެ ދުވަސް ދުއްވާލެވޭ ވަރުގެ ބާރެއް ސަރުކާރަށް ވެސް ނޯންނާނެ ކަމެވެ.

އެންމެ ފަހުން ދެ ކޮއްކޮ އާއި މަންމަ އޭނާ އަށް އެންގީ "އަހަރެމެންގެ ބައެއް ވެސް ވިޔަފާރީގައި އޮންނާނެ" ކަމާއި "އެ ބައި އަހަރެމެން ބޭނުންވާ ކަމަކަށް ހޭދަކުރެވެން ޖެހޭނެ" ކަމަށެވެ. އެއީ ތެދު ވާހަކައެކެވެ. އެކަމަކު އާއިލާގެ އެންމެ އިސް މީހަކަށް އޭނާ ވެފައި، ފުރަތަމަ ވެސް އޭނާ އަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެކަން މައުސޫމްގެ ހިތަށްއެރީ އެ ހިސާބުންނެވެ. އެހެންކަމުން އޭނާ ތިން ކުދިންނާއި އަންހެނުން ގޮވައިގެން ސްރީ ލަންކާ އަށް އައީ، ހަފުތާއެއްހާ ދުވަސް، އެކަނި ހޭދަކޮށްލާށެވެ. ކޮންމެވެސް ހައްލެއް ފެނޭތޯ، ވިސްނާލާށެވެ.

ބައްޕަގެ މަރުގެ ޒިންމާ އުފުލަން ޖެހޭ މީހުން ހޯދަން އޭނާ ކުރަމުން އަންނަ މަސައްކަތެއް ގޭ އެހެން މީހަކަށް ނޭނގޭނެ އެވެ. އެމީހުންގެ ހިތުގައި އެ އެދުމެއް ނެތެވެ. އެކަމަކު ބައްޕަގެ ގާތިލުންނަކީ ކޮން ބައެއްކަން އެނގުމުގެ ކުރިން އެ މަސައްކަތް އޭނާ ހުއްޓައެއް ނުލާނެ އެވެ. އިހުސާނަށް ކުއްލިއަކަށް ދިމާވި ނުރައްކާތެރި ބައްޔާއި ހާލަތު މައުސޫމަށް ވަނީ އެނގިފަ އެވެ. އޭނާ ހުރިހާ ކަމެއް އޮޅުންފިލުވި އެވެ. ބޭރަށް ދަތުރުކުރުމުގެ ހުއްދަ ޑޮކްޓަރުން ދިންހާ އަވަހަކަށް، އެންމެ ރަނގަޅު ހޮސްޕިޓަލަކަށް ގެންގޮސް، ކޮންމެ ހަރަދެއް ވެސް ކުރަން އޭނާ ތައްޔާރެވެ.

ބައްޕައަށާއި އޭނާގެ އާއިލާ އަށް އިންސާފު ހޯދައިދިން ކަމަށް އޭނާ ގަބޫލުކުރާނީ އެ ތަހުގީގު ކޮޅެއްގައި ޖެހި، ގާތިލުން ހައްޔަރުކުރުމުންނެވެ. އެއީ އޭނާގެ ކުރިމަތީގައި މިހާރު އޮތް އެންމެ މުހިންމު އެއް ވާޖިބެވެ. އެކަމަކު މަންމަ އާއި ކޮއްކޮ ބޭނުންވަނީ ގިނަގިނައިން ރައީސާ ބައްދަލުކޮށް، ބައްޕަ ކަހަލަ ސިޔާސީ ގޮތުން ވަރުގަދަ މީހަކަށް ވާށެވެ. ބޭނުންވަނީ ކޮން އެހީއެއްތޯ އޭނާ އިސްވެ އަހާށެވެ. އެއް ފަހަރަކު ވަކިން އޭނާ ރައީސާ ބައްދަލު ވެސް ކޮށްފި އެވެ. ސަރުކާރަށް ދެވެން އޮތް ކޮންމެ އެއްބާރުލުމެއް، ކުރިއެކޭ އެއްގޮތަށް ލިބޭނެކަމުގެ ޔަގީންކަން ސީދާ ރައީސް ދިނެވެ. އެކަމަކު ރައީސް ބޭނުންވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށް، އެއްވެސް ފޮރުވުމެއް ނެތި، އޭނާގެ ކުރިމަތީގައި ބުންޏެވެ. އެއަށް ވަކި ޖަވާބެއް އޭނާ ނުދެ އެވެ. އާއިލާގެ އެހެން މީހުން މައްސަލައަކަށް ހަދައިގެން އުޅެނީ ވެސް އެކަމެވެ. ރައީސް ވަނީ އެ ވާހަކަ، އޭނާގެ ދެ ޅިޔަނުން މެދުވެރިކޮށް، ދެ ކޮއްކޮއާ ހަމައަށް ގެންގޮސްފަ އެވެ.

މިހާރު ކުރިމަތިވެގެން އުޅޭ މައްސަލާގައި އެހެން މީހެއްގެ ލަފާ ބޭނުންވާކަން މައުސޫމަށް ވިސްނުނީ، ހެނދުނު ފާތިރު ގުޅުމުންނެވެ. ބައްޕަގެ ހަނދާނުގައި ހަދަން އުޅޭ ފައުންޑޭޝަންގެ ކަންކަމާ ބެހޭ ގޮތުން ވެސް ފާތިރުގެ ލަފާ ހޯދި އެވެ. އެއީ މިޒަމާނުގެ މުއްސަނދިކަމުގެ އަޅަކަށް ނުވެ ހުރި، މުއްސަންޖެކެވެ. އޭނާ ވެސް ބޭނުންވަނީ ފާތިރު ކަހަލަ މީހަކަށް ވާށެވެ.

ފާތިރު ގުޅާނީ، އޭނާ މިހާރު އުޅޭ ހާލަތު ކޮންމެވެސް ގޮތަކުން އިހުސާސްވެގެންނޭ، މައުސޫމްގެ ހިތަށްއެރި އެވެ. އެހެންކަމުން މިވަގުތު ލަންކާ އަށް ފާތިރު އެ އަންނަނީ، ނޭނގުމެއްގެ ތެރޭގައި ނަމަވެސް، މައުސޫމަށް ރަނގަޅަކަށޭ ވެސް ހިތަށްއެރި އެވެ.

މާދަމާ އެންމެ މުހިންމު ކަމަކަށް އޮންނާނީ ފާތިރާ ބައްދަލުކުރުމެވެ. އަންހެނުން ތައާރަފުކޮށްދީ، ތިން ކުދިން ދައްކާލުމެވެ. ދެން ރައީސްގެ ވާހަކަ އާއި އާއިލާ ތެރޭގައި އޮތް ހަމަނުޖެހުމުގެ ހަގީގަތް ވެސް ފާތިރަށް ކިޔައިދޭނީ އެވެ. އެއީ އޭނާގެ ސިއްރުތައް ހިފަހައްޓައިދޭނެ މީހެކެވެ.

ކުއްލިއަކަށް މައުސޫމަށް އިވުނީ، ބޭރުން ކުއްތާއެއް ހަޅޭއްލަވައިގަތް އަޑެވެ. އޭނާގެ ވިސްނުމުގެ ދުނިޔެ ފުނޑުފުނޑުވި އެވެ. ޓީވީން ދައްކާ އެއްޗަކާ ދިމާއަށް އޭނާ އަށް ރަނގަޅަށް ބަލައިލެވުނެވެ. ދުނިޔޭގެ ހިއްސާގެ ބާޒާރު އަޑިއަޅާލައި، ބޮޑެތި ބޭންކްތަކަށް އަނެއްކާވެސް ބަނަ ދުވަހެއް އައި ހަބަރުގެ އިތުރު ތަފްސީލުތައް، އެކި ހިސާބުތަކުން ގެނެސްދެމުން ދިޔަ އެވެ. އޭނާ ޓީވީގެ އަޑު ކުޑަކޮށް ބާރުކޮށްލި އެވެ. އެވަގުތު އޭނާ އަށް ގޭގެ ބޭރުން ކޮންމެވެސް އެހެން ކަހަލަ އަޑުތަކެއް އިވުނުހެން ހީވި އެވެ. މައުސޫމް މަޑުމަޑުން ތެދުވެ، އެއް ފަރާތުގައި ހުރި ބިއްލޫރި ބޮޑު ދޮރުގެ ފޮތިގަނޑު ކަހާލި އެވެ. ބަގީޗާއެއް އޮތް، ގޯތިތެރެއަށް ފެތުރިފައި ވަނީ ބޭރު ފާރު ކައިރީގައި ކަޅު ކުލައިގެ ހޮޅިދަނޑިއެއްގައި ހަރުކޮށްފައި ހުރި ބޮކީގެ އައްޔެވެ. އޭނާ އަށް އެތަނުން އެހެން އެއްޗެއްގެ އެއްވެސް ހަރަކާތެއް ނުފެނުނެވެ.

ފޮތިގަނޑު ކަހާލައި، ދޮރު ނިވާކޮށްލި އެވެ. ގޭގެ ބޮޑު ދޮރުގެ ތަޅު ހުޅުވާލި އަޑު އިވުނީ އެވަގުތު އެވެ. އޭނާ އަށް އެދިމާއަށް ބަލައިލެވުނެވެ. އެބަޔަކު ގޭތެރެއަށް ވަދެގަތީ ކުއްލިއަކަށެވެ.

މައުސޫމަށް ވަގުތެއް ނުލިބުނެވެ.

ސްރީ ލަންކާގެ އެތެރޭގެ ހަނގުރާމައިގެ ދުވަސްވަރު އެއީ އަސްކަރީ އެންމެ ބޮޑު އެއް މަރުކަޒެވެ. އެކަމަކު ގޯލް ފޭސް ކުރިމަތީގައި އޮތް އެ ބިޔަ ބިމުގައި މިހާރު އެހެރީ ސަން ގްރިއްލާގެ ހިތްގައިމު ހޮޓަލާއި، އަގުބޮޑު އެޕާޓްމަންޓްތަކާއި ޝޮޕިން ސެންޓަރުތަކެވެ. އެތަނުން އެއް އިމާރާތުން، ޕެންޓްހައުސެއް ފާތިރު ގަތީ، ގޯލް ފޭހަކީ ކުޑައިރުއްސުރެ އޭނާ ވަރަށް ހިތްހަމަޖެހޭ ސަރަހައްދަށް ވާތީ އެވެ. އެކަމަކު ރޭ ދަންވަރުގެ ފްލައިޓުން އަންހެނުންނާ އެކު އޭނާ ލަންކާ އަށް އައިސް، އެތަނަށް ވަނުމުން ލިބުނު އިތުރު ހިތްހަމަޖެހުމެއް ނެތެވެ. އެއީ ކައިވެނީގެ ދެ ވަނަ ރެ އެވެ. ކުރިން އޮތީ ހަފުތާއެއްހާ ދުވަހު އޭނާގެ ރިސޯޓްގައި ހަނީމޫން ހޭދަކުރާށެވެ. އެކަމަކު ދަލޭކަދައިތަގެ ފަރާތުން ލިބުނު އެ ހައިރާންކުރުވަނިވި މެސެޖާ އެކު، އޭނާ އަވަހަށް ލަންކާ އަށް އަންނަން ނިންމީ އެވެ.

ސުހާނާ އެއްބަސްވި އެވެ. އިތުރު ސުވާލެއް ވެސް ނުކުރެ އެވެ. އެކަމަކު އިއްޔެގެ އެއްވެސް ފްލައިޓަކުން ޖާގައެއް ނުލިބުނެވެ. އިރާކޮޅު ފުރަން އޮތް ފްލައިޓްގައި ޖެހުނު ޓެކްނިކަލް މައްސަލަ ހައްލުވެ، ލަންކާ އަށް އާދެވުނު އިރު ދަންވަރު ދޭއް ޖަހާ ބޮޑުވެއްޖެ އެވެ. އެހެންކަމުން އޭނާ ނިންމީ ހެނދުނު ހެނދުނާ މައުސޫމަށް ގުޅާ، އޭނާއާ ބައްދަލުކުރާށެވެ.

އެކަމަކު ހެނދުނު އެ ކޯލް ކުރުމުގެ ކުރިން އޭނާގެ ފޯނަން އައިސް އޮތީ، ރާއްޖޭގެ ބޮޑު ހަބަރެއްގެ ސުރުހީ އެވެ. އެ ސުރުހީން އޭނާގެ ހިތަށް ވެރިވި ބިރުވެރިކަން ފިލައިގެންނެއް ނުދެ އެވެ. ގައިން ނެގި ހީބިހީގެ އަސަރުތައް އެހެރީ ހަމަ އެގޮތަށެވެ. އެކަހަލަ ހާދިސާއެއްގެ އެއްވެސް ހިލަމެއްގެ ވާހަކަ ދަލޭކަދައިތަ، ޔަގީނުން ވެސް، ބުނެފައެއް ނުވެ އެވެ. އެ ފަތުގައި އޮތީ "މިއީ މައުސޫމަށް ފާތިރުގެ އެހީ އެންމެ ބޭނުން ވަގުތެވެ. އޭނާ އަށް އެހީތެރިވެދޭށެވެ. އޭނާގެ އާއިލާ އޭނާއާ ރުޅިވެއްޖެ އެވެ. އޭނާ އެހެރެ ދަނީ އެކަނިވެރިވަމުންނެވެ. އޭނާގެ ހައްގުތަކެއް ފޭރެން އެބަ ތައްޔާރުވެ އެވެ. ކުޑަ ހިނދުކޮޅަކަށް ވެސް ލަސްކުރުމެއް ނެތި، ސިލޯނަށް އަވަހަށް ދާށެވެ. އޭނާ އެހެރީ ސިލޯނުގަ އެވެ. މައުސޫމާ ބައްދަލުވެއްޖެ ނަމަ، އަހަރެން ކައިރި އަށް އަންނަން ބުނާށެވެ. މައުސޫމް ހަދަންވާ ގޮތް އަހަރެން ކިޔައިދޭނަމެވެ. ސަލާމާއި ރައްކާތެރިކަމެވެ،" މިހެންނެވެ.

އޭނާ މައުސޫމަށް ގުޅި އެވެ. ލަންކާ އަށް ދާން އުޅޭ ވާހަކަ ބުންޏެވެ. އަދި ބައްދަލުކުރެވިދާނެތޯ އެހި އެވެ. މައުސޫމްގެ ޖަވާބަކީ، "ފާތިރު ކޮންމެ ވަގުތަކު ވެސް މި ގެއަށް އަންނަންވީ" އެވެ. އަދި ފޯނު ބާއްވަން އުޅެނިކޮށް، "މިއީ ފާތިރާ ބައްދަލުކޮށްލަން ވެސް ރަނގަޅު ވަގުތެކޭ" މައުސޫމް ބުންޏެވެ.

އެކަމަކު ކަންތައް އެ ވީ ކިހިނެއް ހެއްޔެވެ؟ ޕެންޓްހައުސްގައި، ގޯލް ފޭސް އަށް ކުރިމަތިވާ ގޮތަށް ހުރި ބެލްކަނީގެ ގޮނޑިއެއްގައި، އިށީދެވުނު ގޮތަށް ފާތިރަށް ތެދުވަން ވެސް ނޭނގުނެވެ. ވަށައިގެން ވެސް ބިރުވެރިކަމެވެ. ހަބަރުގައި އެ އޮތީ "މައުސޫމްގެ މުޅި އާއިލާ ލަންކާގައި މަރާލައިފި" ކަމަށެވެ. ކުޑަ ތިން ކުދިންނެވެ. އަންހެނުންނެވެ. ދީނީ އިލްމުވެރިޔާ، ގުރުއާން ހިތުދަސް، އަދި އިހަކަށް ދުވަހު ރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓަށް އެރި، އުއްމީދީ ވިޔަފާރިވެރިޔާ އެވެ. އިޖުތިމާއީ އެތައް ކަމަކުން ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވަމުން އައި ހިތް ތިރި، މަހުޖަނެވެ.

މައުސޫމް ލަންކާގައި ހުންނަ އިރު ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަން އުޅޭ ލަންކާގެ ފިރިހެން ނޯކަރު ހެނދުނު އެގެއަށް ވަނުމުން ފެނުނީ މުޅި އާއިލާ "ކަތިލާފައި" އޮއްވަ އެވެ. ސިޓިން ރޫމަށް ދެމިފައި ހުރީ މައުސޫމްގެ ލެ އެވެ. ތިން ކުދިން މަރާލާފައި އޮތީ، އެ ކުދިން ނިދަން ތިބި ތިން އެނދުގަ އެވެ. އަންހެނުންގެ ހަށިގަނޑު އޮތީ، މައުސޫމްގެ މައި ކޮޓަރީގެ ބޮޑު ނިދާ އެނދުން ވެއްޓިފަ އެވެ. އެންމެން ވެސް މަރާލާފައި ވަނީ ސީދާ ކަރަށް ދިން ހަމަލާތަކުގަ އެވެ.

ފާތިރުގެ ލޮލުން ކަރުނަ ފައިބަން ފެށި އެވެ. މައުސޫމަކީ އޭނާ އާއި އޭނާގެ އެންމެ ގާތް ދެ އެކުވެރިންގެ ހަޔާތަށް ކުރިމަތިވި އެންމެ ބޮޑު ބިރެވެ. އެކަމަކު މައުސޫމަށް ދެރަވާނެ އެއްވެސް ކަމެއް ކުރާކަށް ހިތަކު ނެތެވެ. އެއީ ކުށެއް ނެތް، އަނިޔާވެރިކަމެއް ވެސް ނެތް، މާތް އިންސާނެކެވެ. ހިތްތިރި، ދީލަތި މީހެކެވެ. އަޅުވެރިއެކެވެ. އެ ގޮތުން ބަލާއިރު މައުސޫމާއި ފާތިރާ ދެމެދު ހުރީ އެތައް މޭލެއްގެ ދުރުމިނެކެވެ. މައުސޫމާއި އޭނާއާ އަޅައެއް ނުބެލޭނެ އެވެ. އެއަށް ވުރެ އޭނާ އަށް ކުރެވިފައި ހުރި ކުށްތައް މާ ބޮޑެވެ.

އެހާ ރަނގަޅު އިންސާނަކު، އޭނާގެ ކުޑަ ތިން ކުދިންނާއި އަންހެނުންނާ އެކު މަރާލާފައި އެވަނީ ނުބައިކަމުގެ ހައްދެއް ނެތް ބައެއްކަން ފާތިރަށް ޔަގީނެވެ. ކޮންމެވެސް ރޭވުމެއްގެ ޝިކާރައެކެވެ. އާއިލާގެ ތެރެއިން އަޔަސް، އެހެން ބަޔަކު ކުރިޔަސް، އޭގައި އޮންނާނީ ކޮންމެވެސް ކަމަކަށް މައުސޫމް އެއްބަސްނުވުމުގެ ސަބަބެވެ. ނުވަތަ އާއިލާގެ ހުރިހާ މުދަލެއް ދެން ތިބި މީހުން މިލްކުރުމެވެ. މައުސޫމްގެ ތިން ދަރިން މަރާލަން ޖެހޭ އެހެން ސަބަބެއް ނެތެވެ.

އެއީ އޮޅިގެން ބަޔަކު ކުރި ކަމެއް ނޫނެވެ. އެއީ ދަލޭކަދައިތަ ބުނެފައި އޮތް ގޮތަށް "އޭނާގެ ހައްގުތަކެއް ފޭރެން" ބަޔަކު ކުރި ކަމެކެވެ.

ފާތިރުގެ ވިސްނުން ދެން އެނބުރުނީ، ދަލޭކަދައިތަގެ މެސެޖްގައި އޮތް "މައުސޫމާ ބައްދަލުވެއްޖެ ނަމަ، އަހަރެން ކައިރި އަށް އަންނަން ބުނާށެވެ،" އެތަންކޮޅަށެވެ. މައުސޫމަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވާކަމުގެ އެއްވެސް ވާހަކައެއް ބުނެފައި ނެތަސް، "ބައްދަލުވެއްޖެ ނަމަ" އެހެން އޮތުމުން، ދޭހަވަނީ ކޮންމެވެސް ކަމެއް ދިމާވެގެން، އޭނާއާ ފާތިރަށް ބައްދަލުނުކުރެވިދާނެ ކަމެވެ.

އޭނާ ދަތުރުކުރަން އޮތް ފްލައިޓް ފަސް ގަޑިއިރަށް ލަސްވި އެވެ. އެއީ ކުރިން ލަންކާ އަށް އާދެވުނު ނަމަ، ރޭ އޭނާ އަށް މައުސޫމާ ބައްދަލުވެވިދާނެތީ ދިމާވި ގޮތެއް ހެއްޔެވެ؟ އަމިއްލަ ހިޔާލުތަކުގެ ތެރޭގައި އެ ސުވާލަށް ދޭނެ ޖަވާބެއް ފާތިރަކަށް ނުވިސްނުނެވެ. އެކަމަކު ދަލޭކަދައިތަ އަށް އޭގެ ސިއްރު އެނގޭނެ އެވެ. ނުވަތަ ދަލޭކަދައިތަ އަށް ވެސް ބައެއް ފަހަރަށް ގޯސް ފިޔަވަޅު އެޅެނީ ހެއްޔެވެ؟ ކުރިން ކުރެވެން އޮތް ކަމެއް ފަސްކުރެވެނީ ހެއްޔެވެ؟ ދަލޭކަދައިތަ ކައިރިއަށް ކުރިން މައުސޫމް ނުދިޔައީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުތަކަށް އަމިއްލަ ނަފުސަށް ދޭނެ ޖަވާބެއް ވެސް ފާތިރުގެ ސިކުނޑިއަކަށް ނަ އެވެ.

ދަލޭކަދައިތަގެ ކުރިމަތީގައި ކިތައްމެ ސަބަބުތަކެއް ހުންނާނެ އެވެ. އެހެންކަމުން ފާތިރަށް ނިންމުނީ މައުސޫމްގެ މަރުގެ މައްސަލާގައި އެ ދައިތައާ ސުވާލެއް ކުރެވެންދެން، އެމަގުން ނުވިސްނާށެވެ. ދަލޭކަދައިތަ މަސައްކަތް ކުރީ މައުސޫމް ސަލާމަތްކުރާށެވެ. އޭނާ އަށް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. ރޭގަނޑު ދަންވަރު، އޭނާގެ ރިސޯޓްގެ ކޮޓަރީގައި އޮތް މެސެޖްގެ ނިޔަތަކީ އެ އެވެ. މައުސޫމަށް އެހީތެރިވެވޭނެ ހަމައެކަނި މީހަކަށް، ދަލޭކަދައިތަ އަށް އެ ފެނުނީ އޭނާ އެވެ. އެކަމަކު އެ އެހީއެއް އޭނާއަކަށް ނުވެވުނެވެ.

ލޯ ފޮހެލި އެވެ. ފަހަތުގައި ހުރި ބިއްލޫރި ދޮރުން އެތެރެ ބަލައިލި އެވެ. އަންހެނުން އަދިވެސް އޮތީ ކޮޓަރީގައި ނިދާފައިކަން އެނގުނެވެ. މައުސޫމްގެ މަރުގެ ހަބަރު ދޭނީ އަންހެނުން ހޭލީމަ އެވެ. އޭގެ ކުރިން އޭނާ ވިސްނާލާނީ އެވެ. މައުސޫމްގެ ގާތިލުންނަކީ ކޮން ބައެއް ހެއްޔެވެ؟ އޭނާ އެ ބަޔަކު ހޯދާނެ އެވެ. އޭނާގެ އެހެން ހުރިހާ ކަމެއް ބާއްވާފައި، މައުސޫމްގެ އާއިލާ ނެތިކޮށްލި އަނިޔާވެރިންގެ ފަހަތުން ދާން އަޒުމްކަނޑައެޅި އެވެ.

މި ދުނިޔޭގައި މައުސޫމަށްޓަކައި އޭނާ އަށް ކޮށްދެވެން އޮތް ހަމައެކަނި ހެޔޮ ކަމަކީ އެ ގާތިލުން ހޯދުމެވެ. އެހާ ހިސާބުން އޭނާގެ ހިތުގައި ދުއްވައިގަތީ ރުޅިވެރިކަމުގެ ހޫނުގަނޑެވެ.

މީގެ ފަސް ގަޑިއިރު ކުރިން، މައުސޫމް އޮތީ ގޭގެ ލަކުޑި ފްލޯ މަތީގަ އެވެ. އޭނާގެ ކަރުގެ އެއް ފަރާތުން އަނެއް ފަރާތަށް، ތޫނު ބޮޑު ވަޅިއަކުން އަޅާލި ފުން ރޮނގުން ލޭތައް ފައިބަ އެވެ. އެންމެ ފަހުގެ ނޭވާ ލަމުން ދިޔަ އިރު، ކަނާތު ކަކޫ ތަޅުންގަނޑުގައި ޖައްސާލައިގެން އިނީ އޭނާގެ ކަރުގައި ވަޅި އެޅި ގާތިލެވެ. ކަޅު ކުލައިގެ ފޮތި މޫނުމައްޗަކުން މޫނު ވަނީ ނިވާކޮށްފަ އެވެ. ދެ އަތް ތިލާގައި ކަޅު އަންގި އެވެ.

"ރާއްޖޭގައި އުޅެވޭނީ އުޅެން ދަސްކޮށްގެން. އަމިއްލަ އަށް ފެންވަރު އޮޅުނީމާ ވާނީ މިހެން،" ދިވެހި ބަހުން އެމީހާ ބުނި އަޑު މައުސޫމަށް އިވުނެވެ. އޭނާގެ ގާތިލަކީ ދިވެއްސެކެވެ.

މައުސޫމަށް އެންމެ ފަހު ނޭވާ ދޫކޮށްލެވުމުގެ ކުރިން އޭނާގެ ކޮޓަރިންނާއި ދަރިންގެ ކޮޓަރިން ހަތަރު މީހަކު ނުކުމެ، އޭނާގެ ކައިރިއަށް އައިސް ހުއްޓުނު ތަން ފެނުނެވެ. އެ އެންމެންގެ އަތުގައި ހުރި ވަޅިތައް ވަނީ ލެއިން ފޯވެފަ އެވެ. އަންހެނުންނާއި ތިން ދަރިން ވެސް މަރާލީކަން އޭނާ އަށް ޔަގީންވި އެވެ.

ލޮލުން ކަރުނަތައް ފައިބައިގެން ދިޔަ އެވެ. އެއީ މިވަގުތު އޭނާ އަށް ކުރެވެން އޮތް ހަމައެކަނި ވަރެވެ.

އޭނާގެ ނިމުން މި އައީ މާ އަވަހަށެވެ. ހީކުރި ގޮތަކަށް ނޫނެވެ. އެކަމަކު ހުރިހާ ކަމެއް ވެސް ވާނީ މާތް ﷲ މިންވަރުކުރައްވާ ގޮތަކަށެވެ. އެކަން ޖެހޭނީ ހިތުގެ އަޑިން ގަބޫލުކުރާށެވެ. ޔަގީނުން ވެސް އޭނާ އަށް މި ދުނިޔޭގައި ވެސް، ދެން އަންނަން އޮތް ދުނިޔޭގައި ވެސް ގެއްލުމެއް ނެތެވެ.

އަޑު ނުނިކުތަސް، ޝަހާދަތް ކިޔާލަން މައުސޫމް ތުން ތަޅުވާލި އެވެ. (ނިމުނީ)

42 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 87%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބްލެޑަރ

03 May 2020

އަނެއްބައި ކިޔަން ވާހަކަ އެއްކޮށް ފަށައިގެން މި ކިޔާލީ.

The name is already taken The name is available. Register?

ޢެދިއެދި

21 August 2017

އަޅެ ދެން ހަމަ މިވާހަކަ ކިޔާލަން ނުލިބޭނެތަ. ވަރަށް ބޭނުން މިވާހަކައިގަ ވާގޮތެއް ބަލާލަން. އަޅެ މިހާރު ކުދިން އެދުރު ކައިރީ ބުނެދީބަ މިވާހަކަ ކޮންމެވެސް ގޮތަކުން ކިޔާލެވޭނެ ގޮތަ ހަދާދޭށޭ

The name is already taken The name is available. Register?

ޔައިކާ

20 January 2017

މިވާހަކަ އެއްކޮށް ނިންމާލީތަ؟ ކޮންމެ ދުވަހަކު މި ނޫސް ބަލަނީ މި ވާހަކަ އަޕްޑޭޓް ވިތޯ ބަލަން..

The name is already taken The name is available. Register?

އެދުރުކަރަ

19 January 2017

އޭ ތިހެން ނަހަދާ މީތި ގެނެސްދީބަލަ !

The name is already taken The name is available. Register?

މަ

14 November 2016

އެދުރާ....... އެދުރު ކޮބާހޭ؟؟؟

The name is already taken The name is available. Register?

މަ

18 October 2016

ހީވޭ ފެންހެން މަންޒަރުތައް ހޮލީވުޑް ފިލްމެއްގެ ފެނޭހެން ހީވޭ ކިޔާލުމުން މިވާހަކަ "ސީރީޒް އެރޯ"

The name is already taken The name is available. Register?

ކިޔަވާކޮއި

13 October 2016

މަރުހަބާ

The name is already taken The name is available. Register?

ާަަަަްަަެއެދުރު މަނިކު

05 October 2016

ވާހަކަ މިހާހިސާބުން ނިމުނީއެވެ. ށުކުރިއްޔާ ހުރިހާ ކިޔުންތެރިން

The name is already taken The name is available. Register?

ކިޔާލާ

05 October 2016

މިއީ އެތައް ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ ސީރީޒްއެކެވެ. މައިގަނޑު ނަމަކީ "ދިހައެއް" ނަމަވެސް އެކި ވާހަކަތަކަށް ދީފައި ވާނީ އެކި ނަމެވެ. އެއިން ކޮންމެ ބައެއްގެ ދިގުމިން ވެސް ތަފާތުވާނެ އެވެ. ކިޔައިދޭނީ ލޯބި، އިޖުތިމާއީ މައްސަލަތައް، ސިޔާސީ ދާއިރާ، އަދި ކުށުގެ ވެއްޓެވެ. ބޭނުންކުރާނީ ދިވެހި ބަހުގެ އެންމެ އާދައިގެ ދަރަޖަ އެވެ

The name is already taken The name is available. Register?

މަރިޔަބު

04 October 2016

މިހާރު މި ވާހަކަ އަޕްޑޭޓް ނުކުރަނީ ކީއްވެ.ކޮންމެ ދުވަހަކަު ޗެކްކުރަން. އެކަމަކު މާޔޫސްވާން ޖެހެނީ..ވާހަކަ އެއްކޮށް ނިމުނީތަ؟ އަޅެ މަށަށް ޖަވާބެއް ދެއްޗޭ. ވަރަށް އުއްމޫދުގަ ކޮންމެ ދުވަހަކު ހުންނަނީވެސް. ޕްލީޒޒޒޒޒޒ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454