މީގެ ހަތަރު އަހަރު ކުރިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ މަރާމާތު ކުރަން އެތާނގެ ކުދިންތަކެއް ގޮވައިގެން ތުލުސްދު އަށް ކޭމްޕަކަށް ގެންދިޔުމުގެ ތެރޭގައި ކަނޑުމަތީގައި ފުލުހުން އެ ކުދިންގެ އަތުގައި ބިޑި އެޅުވި އެވެ. ނުބަލައި "ފަސް އަޅައި ފޮރުވާފައި" އޮތް ކަމަށް ބުނާ މި މައްސަލަ އެންމެ ފަހުން އެޗްއާރްސީއެމްގެ ސަމާލުކަމަށް އައިސް އެ ކޮމިޝަނުން ތަހުގީގު ކުރި އެވެ. ނިންމީ އެކި ފެންވަރުގެ 30 މީހަކަށް ދައުވާ ކުރާށެވެ.

އެކަމަކު، ޕީޖީ އޮފީހުން އޭގެ ތެރެއިން އެއް ބަޔަކަށް ދައުވާކޮށް، އަނެއް ބަޔަކަށް ދައުވާ ނުކުރަން ނިންމުމުން އުފަންވީ ދައުވާ ކުރުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނާ މައްސަލަގަނޑެކެވެ. އިއްޔެ ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އެންމެ ގިނައިން ސުވާލުތައް އަމާޒުވި އެއް މައުޟޫ އަކީ ވެސް މި އެވެ.

ކުދިންގެ އަތުގައި ބިޑި އެޅުވުމުގައި އެކި ގޮތްގޮތުން ބައިވެރިވި 13 ފުލުހަކަށް ދައުވާ ކުރި ނަމަވެސް، ހަމަ އެ ފެރީގައި ތިބި އެ ކުދިން ބަލަހައްޓާ ޖެންޑާގެ މުވައްޒަފުންނަށް ދައުވާ ނުކޮށް ދޫކޮށްލެއްވި އެވެ. ބިޑި އެޅުވި ފުލުހުންނަށް ދައުވާ ކުރިޔަސް އެ މީހުންނާ ހަވާލުވެ ހުރި ފުލުހުންގެ އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރަށް ދައުވާ ނުކުރެ އެވެ. ޖެންޑާގެ މުވައްޒަފުންނާ ހަވާލުވެ ހުރި އޭރުގެ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ވެސް ދައުވާއެއް ނުކުރެ އެވެ.

ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާ ނުކުރަން ނިންމީ އެ ދެ މީހުންގެ މައްސަލަ ހުށަހެޅުމުން އާންމުންގެ މެދުގައި އެކަމާ ދެކޮޅު ޝުއޫރު އުފެދިފައި ވަނިކޮށެވެ. ކުރީ ސަރުކާރުގައި ހިނގި ހާދިސާއަކަށް އޭރުގެ މިނިސްޓަރަކަށް ދައުވާ ކުރުން ސިފަވީ ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޒެނީޝާގެ ދިފާއުގައި ޓްވީޓު ކުރެއްވާ ހިސާބަށް ދިޔަ އެވެ.

އެހެންކަމުން، އެ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނިންނުމަކީ މި ޕްރެޝަރުގައި ޝަމީމް ނިންމެވި ނިންމުމެއް ކަމަށް ސިފަކޮށް ފާޑުކިޔަ އެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި އެފްސީޕީޑީގެ ހެޑަކަށް ހުންނެވި ބަޝީރު --
ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި އެފްސީޕީޑީގެ ހެޑަކަށް ހުންނެވި ބަޝީރު --

މިކަމާ ގުޅިގެން ނޫސްވެރިން އިއްޔެ ސުވާލު ކުރުމުން ޝަމީމް ދެއްވީ އޭނާ އެފަދަ ސުވާލުތަކަށް އަބަދު ވެސް ދެއްވާ ޖަވާބެވެ؛ އޭނާ ނިންމެވުންތައް ނިންމަވަނީ އެއްވެސް ނުފޫޒެއް ނެތި އެވެ. އަދި އެފަދަ ނުފޫޒެއް އަތުވެއްޖެ ނަމަ މަގާމުގައި ނުހުންނަވާނެ ކަމަށް ކުރިން ދެއްކެވި ވާހަކަ ތަކުރާރު ކުރެއްވި އެވެ. ވިދާޅުވީ، އޭނާ އުޅުއްވަނީ ކުރާނެ ކަންކަން މަދުވެގެން ނޫން ކަމަށެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާ ނުކުރީ އެ މީހުންގެ މައްޗަށް ދައުވާ ކުރާނެ ވަރަށް ހެކި ނެތުމުންނެވެ.

"އަޅުގަނޑުމެންގެ ކުރިމަައްޗަށް ހުށަހެޅޭ ހެކިތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެ މައްސަލަ ހިފައިގެން ގޮސް ކޯޓުގައި ސާބިތު ކުރެވޭނެ ކަމަށް ނުވަތަ ދައުވާ ކުރެވޭނެ ކަމަށް ނުފެންނަންޏާ އަޅުގަނޑުމެންނަށް އެ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ." ޝަމީމް ވިދާޅުވި އެވެ.

ފުލުހުންނަށް ދައުވާ ކުރި އިރު ހިޔާގެ ކުދިން ގޮވައިގެން ދަތުރު ކުރި ޑްރައިވަރަށް ވެސް ދައުވާ ކުރި އެވެ. އެކަމުގައި އެ މިންވަރަށް ބައިވެރިވި ފުލުހަކަށް ދައުވާ ކުރި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ޖެންޑާގެ މުވައްޒަފުންގެ މައްޗަށް ދައުވާ ނުކުރީ ކީއްވެތޯ ވެސް ސުވާލު އުފައްދަ އެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި މިކަން ކުރި ސަބަބު ވެސް ފަހުން ސާފުވެގެންދާނެ އެވެ.

ކޯޓުގައި އަޅުގަނޑުމެން ދައުވާ ކުރާ ސަބަބުތައް ކިޔައިދިނީމަ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކީއްވެގެންތޯ އެއްބައި މީހުންގެ މައްޗަށް [ދައުވާ] ކޮށްފައި އަނެއްބައި މީހުންގެ މައްޗަށް ނުކުރީ: ޝަމީމް

"ކޯޓުގައި އަޅުގަނޑުމެން ދައުވާ ކުރާ ސަބަބުތައް ކިޔައިދިނީމަ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކީއްވެގެންތޯ އެއްބައި މީހުންގެ މައްޗަށް [ދައުވާ] ކޮށްފައި އަނެއްބައި މީހުންގެ މައްޗަށް ނުކުރީ،" ޝަމީމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޕީޖީ އޮފީހުން ފުލުހުންނަށް ދައުވާ ކުރަނީ އެ މީހުން ކުރި ކުށުގެ އަމަލަކީ ބިޑި އެޅުވުމަށްފަހު ބިޑި ނުނެއްޓުން ކަމަށް ބަލައިގެންނެވެ. ބިޑި ނެއްޓުމުގެ ޒިންމާ އޮންނާނީ ފުލުހުންގެ އަތްމަތީގަ އެވެ. އެއީ ޖެންޑާ މިނިސްޓްރީގެ މީހުންނަށް ބާރު ފޯރުވޭނެ ކަމެއް ނޫނެވެ.

ދެން ވެސް ދައުވާ ކުރުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ފާޑުކިޔާ އެހެން މައްސަލައެކެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 17 އަހަރުގެ ކުއްޖަކަށް ފިލިޕީންސްގެ ނަރުހަކު ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ރިޕޯޓު ނުކުރި މައްސަލައެއްގައި ދައުވާ އުފުލި އިރު، ޖިންސީ ގޯނާ ކުރި މީހާ އާއި އޭރު ހޮސްޕިޓަލް ހިންގުމުގައި އެންމެ އިސްކޮށް ހުރި މީހާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

މި މީހުން ކުށެއް ރިޕޯޓު ނުކޮށްގެން ދައުވާ ކުރި އިރު ޖެންޑާގެ މުވައްޒަފުންނަށް އެއްވެސް ދައުވާއެއް ނުކުރީ ކީއްވެތޯ ވެސް ސުވާލު އުފައްދަ އެވެ. އެނގިފައިވާ ގޮތުގައި އެ ދަތުރުގައި ދިޔަ ޖެންޑާގެ މުވައްޒަފަކު އެ ހާދިސާ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރި އެވެ. އެކަމަކު، އެ މިންވަރު ވެސް ނުކުރާ މީހުން އެ ދަތުރުގައި ދިޔަ އިރު އެ މީހުންނަށް ދައުވާ ނުކުރީ ކީއްވެތޯ ސުވާލު އުފައްދަ އެވެ.

މި ކަންބޮޑުވުމަށް ޝަމީމް ދެއްވީ ގާނޫނީ ޖަވާބެކެވެ؛ ފާހަގަ ކުރެއްވީ ދެ މައްސަލައަކީ ދެ ބާވަތެއްގެ ދެ ގާނޫނަކުން ދައުވާ ކުރި މައްސަލަ ކަމެވެ. ޓްރީޓޮޕް މައްސަލައިގައި ދައުވާ ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެކަމަކު، ބިޑި އެޅުވި މައްސަލައަކީ ޓޯޗާގެ މައްސަލައެކެވެ. ކުށް ރިޕޯޓު ނުކުރުން އެ ދެ ގާނޫނުގައި އޮންނަނީ ދެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވާހަަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވާހަަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރީޓޮޕްގެ މައްސަލައިގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ ރިޕޯޓު ނުކުރި ޒިންމާދާރު މަގާމުތަކުގައި ތިބި އެހެން މީހުންނަށް ދައުވާ ނުކުރުމަކީ ވެސް ތަފާތު ކުރުން ކަމަށް ބައެއް މީހުން ގަބޫލު އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، މިކަމަށް ވެސް ޖަވާބު ދެއްވާނީ ކޯޓުގައި ކަމަށެވެ. ކޯޓުގައި ދައްކާ ވާހަތަކުން ސީދާ އެ މީހުންނަށް ދައުވާ ކުރާ ސަބަބުތައް ސާފުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އަށް 100 ކިލޯގެ ޑްރަގް އެތެރެ ކުރި ޓްރެފިކިންގެ ބޮޑުން ކަމަށް ބުނާ ބައެއް ކޯޓުން ދޫކޮށްލުމުން އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފު ނުކޮށް އެ މީހުން ދޫކޮށްލުމުން ވެސް ޝަމީމަަށް ސުވާލު އަމާޒުވި އެވެ.

އެކަމަށް ވެސް އޭނާ ދިނީ އެއް ޖަވާބެކެވެ؛ ތުހުމަތު ކުރެވޭ މީހުންނަކީ ކިތަންމެ ނުލަފާ ކަމަށް މީހުން ބުނާ ބަޔަކަށް ވިޔަސް ހެކި ނެތިއްޔާ ޕީޖީން ކޯޓަށް ނުދާނެ އެވެ. އަދި ވިދާޅުވީ އެ މީހެއްގެ މަގާމަކަށް ކުރިން ކުރެެއްވި ކަމަކަށް އަދި މޫނަކަށް ވެސް ނުބައްލަވާނެ ކަމަށެވެ.

"މިހާރު" އިން ޝަމީމަށް ގުޅުމުން އޭނާ ދެއްވި ޔަގީންކަމަކީ ދައުވާ ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމެވެ. ތަފްސީލަށް ނުގޮސް އޭނާ ވިދާޅުވީ، މަތިމަތިން ބަލާއިރު ތަފާތު ކުރާހެން ހީވިޔަސް، މީސް މީހުންނަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމަނީ މައްސަލަތަކުގެ ވަށައިގެންވާ އެންމެހާ ކަންތަކަށް ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށް ވިދާޅުވި އެވެ.

ކުށްތަކަށް މަތިމަތިން ބަލަންޏާ ހީވެދާނެ ތަފާތު ކުރުމެއް އުޅޭ ކަމަށް. އެކަމަކު ޕްރޮސެކިއުޝަނުން ގޮތެއް ނިންމާއިރު ބަލާނެ ތަހުގީގަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް.

"ކުށްތަކަށް މަތިމަތިން ބަލަންޏާ ހީވެދާނެ ތަފާތު ކުރުމެއް އުޅޭ ކަމަށް. އެކަމަކު ޕްރޮސެކިއުޝަނުން ގޮތެއް ނިންމާއިރު ބަލާނެ ތަހުގީގަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ދައުވާ ކުރަނީ ތަހުގީގީ އިދާރާތަކުން ހޯދާ ހޯދުންތަކުގެ މައްޗަށެވެ. ތަހުގީގު ނިންމައި މައްސަލަ ފޮނުވުމުން އެ އޮފީހުން ދެން ބަލަނީ ތަހުގީގުގެ ހޯދުންތައް ކުށެއް ސާބުތު ކުރަން ގާނޫނުގައި ބުނާ މިންގަނޑުތަކަށް ފެތޭތޯ އެވެ. އެ މިންގަނޑުތަކަށް ފެތޭ ނަމަ ދައުވާ ކުރަނީ އެވެ.

ދެން އޮންނާނީ ޕީޖީ އޮފީހުން ބޭނުންވާ މިންގަނޑަށް ނުފެތޭ، އުންސުރު ހަމަނުވާ ހާލަތެވެ. އެފަދަ ހާލަތްތަކުގައި ބައެއް ފަހަރު ދައުވާއެއް ނުކުރެވެ އެވެ. ކޮންމެހެން އެ އޮފީހުގެ ކުށަކުން ވެސް ނޫނެވެ.

އެކަމަކު، ބައެއް މައްސަތަކުގައި ގާނޫނީ ގޮތުން ކުރެވެން އޮތް ދައުވާއެއް ކުރެވެން އޮތް ގޮތަކަށް ކުރެވެން އޮތް ބަޔަކަށް ކޮށްފައި ކުރެވެން ނެތް ދައުވާތައް ނުކޮށް ދޫކޮށްލަ އެވެ. ކުޑަކުދިން އަތުގައި ބިޑި އެޅުވުން ފަދަ ގިނަ ބަޔަކު ހިމެނޭ ބައެއް މައްސަލަތަކުގައި އެއް ބަޔަކަށް ދައުވާ ކޮށްފައި އަނެއް ބަޔަކު ސަލާމަތްވެގެން ދަނީ މިހެންވެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.