ރިޕޯޓް / މެމްބަރު މުހައްމަދު ނާޝިޒް (ކިނބިދޫ)

އޮތީ ދެ ގޮތް، ގައުމު ބަނގުރޫޓުވުން ނުވަތަ ފައިސާ ޗާޕްކުރުން

ނާޝިޒް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަ ޑްރޯކުރުން، ނުވަތަ ފައިސާ އިތުރަށް ޗާޕްކުރުމާ މެދު މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މުހަންމަދު ނާޝިޒްގެ ސުވާލެއް ނެތެވެ. އޭނާގެ އެންމެ ކުރު ޖަވާބަކީ، "ގައުމު މި ހާލަތުގައި އޮތީ އެކަން ކުރީތީ" އެވެ.

"މި ހާލަތަށް ބަލާއިރު އަޅުގަނޑު ދަންނަވާނީ އޯޑީ ކުރަން ޖެހެއޭ. އެހެނެއް ނޫން، ރީތިކޮށް ފޮތްތައް ބަހައްޓަން ބޭނުން ނަމަ ނުކޮށް ތިބެވުނީސް. އެކަމަކު މި ސަރުކާރުން މަސައްކަތް މި ކުރަނީ ރައްޔިތުންގެ ހާލަތު ރަނގަޅުކޮށް އިގްތިސާދީ މި ކާރިސާގެ އަސަރު ވީހާ ކުޑައެއް ކުރަން،" އޭނާ ވިދާޅުވި އެވެ.

"ކުރިން ވެސް އޯޑީ ކުރީމަ މިއަދު ރާއްޖެ މި ހާލަތުގައި އޮތީ. ރާއްޖޭގެ އިގްތިސާދުގެ ރިކަވަރީ ވެސް ފާސްޓްވީ."

ކޮވިޑާ އެކު، އިގްތިސާދީ ވަޅުގަނޑަކަށް ރާއްޖެ ވެއްޓި، ގައުމަށް ޔަގީން ކަމާ އެކު ލިބެމުން ދިޔަ އާމްދަނީގެ ތެރެއިން ދެބައިކުޅަ އެއްބައި ގެއްލުނެވެ. އެބައި ފޫބައްދަން މިދިޔަ އަހަރު ހަތަރު ބިލިއަން ރުފިޔާ އިތުރަށް ޗާޕްްކުރުމުގެ ހުއްދަ މަޖިލީހުން ދިނެވެ. އެކަމަކު ސަރުކާރުން އޭގެ ތެރެއިން ބޭނުންކުރީ 2.8 ބިލިއަން ރުފިޔާ އެވެ. މި އަހަރު 2.5 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރަން މަޖިލީހުން ވަނީ ހުއްދަ ދީފަ އެވެ. އިގްތިސާދީ ބައެއް ފަރާތްތަކާއި އިދިކޮޅުން މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަ އެވެ.

"މި ހާލަތުގައި އޯޑީ ކުރަން ޖެހޭ"

ނާޝިޒް ވިދާޅުވި ގޮތުގައި، އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކިޔަސް، މިއީ އިގްތިސާދީ ގޮތުން ވަރަށް އެހެން ކަހަލަ ވަގުތެއް ކަމަށް އިދިކޮޅުން ވެސް ގަބޫލު ކުރާނެ އެވެ. އޭނާ ވިދާޅުވީ ޕަބްލިކް އެކައުންޓެއް އޮންނަނީ މިކަހަލަ ބޭނުންތަކަށް ކަމަށާއި އެ އެކައުންޓް އޯޑީ ކުރަން ޖެހެނީ އާމްދަނީ ލިބުން ދަތިވީމަ ކަމަށެވެ.

ނާޝިޒް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އާމްދަނީ ލިބުން ދަތިވީމަ އެ ސްޕޭސް، އެ ވަގުތުކޮޅު މެޖޭން ކުރަންވީމަ އޯޑީ ކުރަނީ. މި ހާލަތުގައި ސަރުކާރުން ނަގަން ޖެހޭ ޑިސިޝަން އަކީ ސިވިލް ސާވިސްގައި ތިބޭ މީހުންނަށް ލިބޭ އުޖޫރަ ލިބޭނެ ކަމުގެ ޔަގީންކަން ދިނުން. ގައުމު ނުހުއްޓުވައި ހިންގުން. ބޭސް ފަރުވާ އާއި ކާބޯތަކެތި ގެނެވޭނެ ގޮތް ހަމަޖެއްސުން. އެހެންވެ މި ހާލަތަކީ އޯޑީ ކުރަން ޖެހޭ ވަގުތު. އަޅުގަނޑު ދަންނަވާނީ މި ހާލަތުން އަރައިގަންނަން އޯޑީ ކުރަން ވެސް އެބަ ޖެހެއޭ،" އޭނާ ވިދާޅުވި އެވެ.

"ބައްލަވާ ޕްރައިވެޓް ސެކްޓަރަށް. މުސާރަ ނުލިބި ކިތައް މަސް ހިނގައްޖެތޯ، ކިތައް މީހުންނަށްތޯ ހަމަ މުސާރަ ވޭތުވެދިޔަ ދުވަސްތަކުގައި ލިބުނީ."

ނާޝިޒް ވިދާޅުވި ގޮތުގައި ފައިސާ އިތުރަށް ޗާޕްކުރުމަކީ، ޑޮލަރުގެ އަގާއި އިންފްލޭޝަނަށް މައްސަލަތަކެއް ދިމާވެދާނެ ކަމެއް ނަމަވެސް، އެކަން ނުކުރުމުން ދެން ދިމާވެދާނެ މައްސަލަތަކާ ދޭތެރޭ ވެސް ވިސްނާލަން ޖެހެ އެވެ.

"އެކަން ނުކޮށް ތިއްބާ ދައުލަތުގައި ލާރި ނެތި ދައުލަތް ބަނގުރޫޓު ވާނީ. ޕޭމަންޓްތައް ނުހެދި، ކޮންޓްރެކްޓްތަކަށް ދައްކަން ޖެހޭ ފައިސާ އާއި ލޯނުތަކަށް ދައްކާ ފައިސާ އާއި ސިވިލް ސާވިސްގެ މުވއްޒަފުންނަށް މުސާރަ ނުދެވޭނީ. ގައުމު ކުރިއަރަން ކުރަން ޖެހޭ ހަރަދުތައް ކުރުން ހުއްޓާލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

"މީގެން އަރައިގަނެވެންދެން އެކަން ދެމެހެއްޓުން އެއީ ސަރުކާރެއްގެ ބޭނުމަކީ. މި ހުރިހާ ކަމެއް ކުރަން ކުރާކަށް ނޫންތޯ ޕަބްލިކް އެކައުންޓް އޯޑީ ކުރީ."

މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ކޮމެޓީގައި -- ފައިލް ފޮޓޯ

އިގްތިސާދީ މިސްރާބާއި ދުވެލި ރަނގަޅު

ސަރުކާރަށް މި ވަގުތު ކުރިއަށް ދާން އޮތް އެންމެ ބޮޑު ހުރަހަކީ އިގްތިސާދީ ދަތި ހާލަތު ކަމަށް ނާޝިޒް ވިދާޅުވި އެވެ. އެކަމަކު ވޯލްޑް ބޭންކުގެ ރިޕޯޓްތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއަށް އޮތީ ރަނގަޅަށް ކަމަށެވެ.

"ޑެފިސިޓް ބޮޑު. މި އަހަރުގެ ބަޖެޓަށް ބަލާއިރު ވެސް ޑެފިސިޓް ވަރަށް ބޮޑު. އެކަމަކު މިހާރު ރާވާފައި ހުރި ކަންތައްތަކުން ބަޖެޓަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"ރަށްތައް ޑިވެލޮޕް ކުރުމާއި ޕްރައިވެޓް އައިލެންޑް ހެދުމާއި މިކަންކަމުން ކޮންމެވެސް ވަރަށް ފަސޭހަ ލިބިދާނެ ބަޖެޓަށް. މީގައި ސަރުކާރުން ވިސްނަންވީ އަޅުގަނޑުމެންގެ މައި އިގްތިސާދަކީ ޓޫރިޒަމް ކަމަށް ވާއިރު، މިހާރު ވެސް 118 ރަށް އެބައޮތް ޑިވެލޮޕް ނުކުރެވިފައި. ސަރުކާރުން އޮޕަޗުނިޓީ ހޯދައިދީގެން އިންވެސްޓްމަންޓް ހޯދައިދީގެން ނޫނީ ހިޔެއް ނުވޭ އެކަންކަން ދެން ކުރިއަށް ދާނެހެނެއް ވެސް،" އޭނާ ވިދާޅުވި އެވެ.

ކުރިމަގުގައި ބިޔަ ބަޖެޓްތައް ދެން އަންނާނީ މަޑުމަޑުން ކުޑަވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޕީއެސްއައިޕީގެ މަޝްރޫއުތައް ނިމުމަކަށް އައުމެވެ.

"ބޮޑު ހޭދައެއް އެބަ ކުރެވޭ ޕީއެސްއައިޕީ އަށް. އެކަމަކު އެއީ ހަރަދު. އިގްތިސާދީ ޕްރޮޑަކްޓްތަކެއް ނޫން. ބަނދަރާއި ފެނާއި ނަރުދަމާ އާއި މަގުބައްތި ޖެހުމާއި މިއީ ހުސް ހަރަދު. ފަހުން ވެސް ހަރަދު އިތުރުވާނެ ކަންކަން. އެކަމަކު މި މަޝްރޫއުތައް ނިމި، ހުރިހާ ރަށެއްގެ ފެނުގެ ނިޒާމާއި ބަނދަރު ނިމުނީމަ ބަޖެޓުން އަހަރަކު ދެތިން ބިލިއަން ސަލާމަތް ވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓްގައި: ޓޫރިޒަމް ދައްކަނީ ރަނގަޅަށް -- ފައިލް ފޮޓޯ: މިހާރު

"2020 އަށް ބަޖެޓްކުރި 37 ބިލިއަނުގެ ބަޖެޓްގެ ތެރެއިން ހަތް ބިލިއަން ރުފިޔާ ޓެކްސް މި ލިބުނީ. އޭގެ އިތުރުން ހަތް ބިލިއަން ހޯދައިގެން ދެން ހުރި ކަންކަން ކުރަމުން ދިޔައީ. ގައުމުގެ އިގްތިސާދު ހުއްޓުމަކަށް ނައިސް މެނޭޖް މި ކުރެވުނީ ވަރަށް ވިސްނުންތެރިކަމާ އެކު އެކަން ކޮށްގެން."

މި ސަރުކާރަށް އަދި 5 އަހަރު ހައްގު

ސަރުކާރަށް ތިން އަހަރު ފުރުނު އިރު، ނާޝިޒް ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ވެއްޓެއްގައި އެންމެ އަސާސީ ކަންކަން މިހާރު ވެސް މި ސަރުކާރުން ވަނީ ފުރިހަމަކޮށްދީފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "މިނިވަންކަމާއި ބިރުވެރިކަން" މުޅިން ފިލައިފި އެވެ.

"ޑިމޮކްރެޓިކް ނިޒާމެއްގައި އެންމެ މުހިންމީ މިނިވަން މުއައްސަސާތައް މިނިވަން ކުރުން. އަޅުގަނޑުމެން ވަރަށް ބައިވަރު ތަންތަން މިތަނަށް އެބަ ހާޒިރުކުރަން. މިސާލަކަށް އެމްއެމްއޭ، އޭސީސީ، އޮޑިޓަރު ޖެނެރަލް. މިއިން އެއްވެސް ބަޔަކު ނޫޅޭ ސަރުކާރުން އެ މީހުންނަށް ޖެއްސުން ކުރާތީއެއް ނުވަތަ ޑޮކިއުމެންޓެއް ނުދީގެން މިކަހަލަ ކަމެއް ވެގެނެއް،" އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ފިކުރު އޮތްގޮތުން އެ މީހުންގެ ވިޔަފާރި ހަލާކުކޮށްލައި އެ މީހަކު ޖަލަށް ލައި ހަދާ ތަނެއް މިހާރަކު ނުފެނޭ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާގައި މި ތިން އަހަރުގެ ތެރޭގައި ތަޖުރިބާކުރެވިގެން އެބަ ދޭ.

"ސިޔާސީ ފިކުރު އޮތްގޮތުން އެ މީހުންގެ ވިޔަފާރި ހަލާކުކޮށްލައި އެ މީހަކު ޖަލަށް ލައި ހަދާ ތަނެއް މިހާރަކު ނުފެނޭ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާގައި މި ތިން އަހަރުގެ ތެރޭގައި ތަޖުރިބާކުރެވިގެން އެބަ ދޭ. އެ ހިތްހަމަޖެހުން މިހާރު އެބަ ލިބޭ. މީހާގެ ސިޔާސީ ފިކުރު ނުވަތަ މީހަކު ވަކި ގޮތަކަށް ބައްޓަން ވާން ނުޖެހޭކަން މިހާރު މީހުންނަށް އެބަ ގަބޫލުކުރެވޭ."

ނާޝިޒް ވިދާޅުވީ އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި، އަދި ހަމަ އެންމެ އިގްތިސާދަކަށް ބަރޯސާ ވެފައި އޮތް ގައުމެއް ފަސޭހައިން ސަލާމަތްވީ ސަރުކާރުން ވަރަށް ހިކުމަތްތެރިކަމާ އެކު ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.

މިހަރު ވެސް 1100 މަޝްރޫއު ރާއްޖޭގެ އެކި ހިސާބުގައި އެ ކުރިއަށް ދަނީ. ކޮވިޑްގެ ތެރޭގައި ވެސް އެކަން ނުހުއްޓި ކުރިއަށް ގެންދިޔަ. އެހެންވެ، އެކަންކަން ތަރުތީބުކޮށް ރަނގަޅަށް ގެންދިޔައީތީ މި ސަރުކާރަށް އަދި ފަސް އަހަރު ދޭން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ޑިޒާވް ވޭ ހަމަ އިތުރު ފަސް އަހަރު. އެ މާހައުލު ކްރިއޭޓް ކޮށްދީފި ސަރުކާރުން،" އޭނާ ވިދާޅުވި އެވެ.

67 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަދީދު

24 November 2021

އެންމެ އަހަރަކަށް ފަޅު ހެދުމާ، ރަށްރަށް ހިއްކުމާ، ބޮޑެތި އިމާރާތްނުކޮށް ހަމަ އެކަނި ރައްޔިތުންގެ ޒުރޫރީ ކަންތައް ފުއްދާލަ ދީގެން މަޑުކޮށްލަބަލަ. ވެރިން ކުރާ ދަތުރުތައް ހުއްޓާލަބަލަ. ސިޔާސީވެރިން ގެ މުސާރައިން އެކަށީގެންވާ މިންވަރެއް ކަޑާލަބަލަ. ރިކޯޑް ހަދަމުން ނުދުވެބަލަ. އެންމެ އަހަރެއް ދެއަހަރު ހިފަހއްޓާލަނިކޮށް އެކަން ތަށް ހަމަޖެހިދާނެ. ރައީސް ޔާމީނުް ކަހަލަ އެމެރިކަން ޔުނިވަރސިޓީ ތަކުން ކިޔަވައިގެން ހުރިމީހަކަށް އިބު ނުވިއަސް މިވަރު އިގޭނެ

The name is already taken The name is available. Register?

ވިސްނާ ގައުމު

23 November 2021

މޮޅުވާހަކަ ނުދައްކަބަލަ ގައުމު މިހާލަތުގަ އޮތްއިރުވެސް ސިޔާސީ މަގާމްއުފައްދަނީ، އާސަންދައިން އިސްރާފްކުރަނީ، ފުލުހުނާއިސިފައިންގެއަށް މީހުންވައްދަނީ، ބޮޑެތި ޕުރޮޖެކްޓް ހިންގަނީ، ބޮޑުންގެ މުސާރަ ބޮޑުވަނީ މިހެންގޮސް ބުނެބަލަ ނުވާކަކަމެއް، ތިކިޔާ އެއްޗެއް ތަންކޮޅެއް ކުރުކޮއްބުނެދީފާނަން ގައުމުގަ ނެތްފެންވަރު ކަަންކަން ނުކުރެވިއްޖެއްޔާ 2023 އެމްޑީޕީއަށް ނުލިބޭނެކަން ޔަގީނޭ

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

23 November 2021

މިބޭފުޅުން ގްރެޖްއޭޓް ވީ ދާއިރާ އަދި މާސްޓާސް ނުވަތަ ޕީއެޗްޑީ ހެއްދެވި ޔުނިވާރސިޓީ ބަޔާންކޮށްލިނަމަ ވަރަށް ފަސޭހަ ވާނެ މިބޭފުޅުން ދައްކަވާ އަޑުއަހަން! ސަބަބަކީ މީގެތެރެއިން ގިނަ ބޭފުޅުންނަކީ އެބޭފުޅުން ގެ ދާއިރާ އިން މަތީތައުލީމް ހާސިލްކޮށްފައިވާބޭފުޅުން ކަމަށްވާތީ ދެއްތޯ؟؟؟؟؟. އިސްމާއިލް ނަސީރު ތިޔަކުރައްވާ މަސައްކަތަށް ޝުކުރުދަންނަވަން!

The name is already taken The name is available. Register?

ޥިލް

22 November 2021

ދައުލަތުގެ ޚަރަދު ކުޑަ ކިރަން ކޮން ކަމެއް ތޯކިރީ؟؟؟ ދައުކަތުގެ އެންމެ ބޮޑު ކަރަދެއް ދަކީ މިސާރައަށް. އެންމެންގެ މިސާރަ ކުޑަ ކުރަންވީ އަދި ނިސްބަތު ބޮޑު މިސާރަ ލިބޭ މީހުންގެ އުނިކުރާ ނިސްބަތް އިތުރު ބޮޑިވާން ޖެހެ. ފައިސާ ޗާޕު ކޮށްގެން މުސާރަ ދިނަސް އެދެވެނީ ހަމަ، ކުޑަ މުސާރައެއް ސަބަބަކީ އިންފްލޭޝަން ބޮޑުވެގެން ދާނެތީ.

The name is already taken The name is available. Register?

މަހޭ

22 November 2021

މިވެސް ދެން ހަމަ ޖަސްޓިފިކޭޝަނެއް؟ މިހާރު އޯލެވެލެ ނިންމާފަ ހުރި ކުއްޖަކު ކައިރީ މިވާހަކަ ދެއްކިޔަސް ގަބޫލު ނުކުރާނެ! އެވަރަށްވެސް މަޖުލީހުގެ މެމްބަރުން (އިއްޒަތްތެރި) ރޯ ނުފިލަނީތޯ؟

The name is already taken The name is available. Register?

ޓޫފޭސް

22 November 2021

ފައިސާ ޗާޕުކުރުމަކީ ގައުމު ބަނގުރޫޓުވީކަން ފޮރުވަދޭނެ ކަމެއް.

The name is already taken The name is available. Register?

ހަފްސާ

22 November 2021

ވެރިކަމަށް އައުމާއެކު، ބިގްއަށް، ނޫމަޑިއަށް، އިބްރާއަށް، ގާސިމަށް ބަދަލު ދީ ނިމުނުއިރު، ރިޒާވްގައިހުރީ 300 މިލިއަން ޑޮލަރު. މިފައިސާއާއި، އެއަރޕޯޓް ލޯނު ސެކިއުރިޓީއަށް ހުރި 150 މިލިއަން ޑޮލަރު ލޯނު ސެކިއުރިޓީއަށް ފިނޭނސްގައިހުރި، 450 މިލިއަން ޑޮލަރު. ޖުމަލް 900 މިލިއަން. ފާއިތުވި 3 އަހަރު ތެރޭ މި ރިޒާވްވެސް ވަނީ ހުސްކޮށްލާފަ. ސުވާލަކީ، ހިސާބުޖަހައިގެން ތިކިޔާ ޓޫރިސްޓުން އައުމުން ގައުމަށް އެއްވެސް އާމްދަނީއެއް ނުލިބެނީހޭ؟

The name is already taken The name is available. Register?

55656

22 November 2021

ފިސްކަލް ޕޮލިސީއާއި މަނިޓަރީ ޕްލިސީ އަދި އިސްލާމިކް ފައިނޭންސް ސިސްޓަމް ނޭނގޭ މީހުނަކަށް ފައިސާއާ ގުޅޭ ވާހަކައެއް ނުދެއްކޭނެ. ދެއްކިއަސް އެވާނީ، އަނގައޮތީމަ ކާޅުކައިފާނެތީ ތެޅުމަށް. ރިސޯޓެއް ހިންގާ ވިޔަފާރިކޮށް، ބިޒްނަސް މެނޭޖްމަންޓް ހެދުމަކުން ފައިސާ ޗާޕުކުރުމާއި އިގްތިސާދާގުޅޭ ކަންކަމެއް ނޭނގޭނެ މިގައުމުގެ ވެރިކަން ހިންގުމުގައި ނެތް މިގައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެވޭފަދަ ގާބިލްކަމެއް. މިދާގޮތުން2 އަހަރު ތެރޭ މިގައުމު ބަނޑަށް ޖެހޭނެ.

The name is already taken The name is available. Register?

ޒަލްޒަލާ33

22 November 2021

ފައިސާ ޗާޕުކޮށްގެން ކަމެއް ވަންޏާ ވީނަ މިނެއްނެތް މިންވަރަށް ފައިސާ ޗާޕުކުރަން. މިމީހުނަށް ހީވަނީ، ދުނިޔޭގެ އެންމެން ގަބޫލުކުރާ ފައިސާއަކީ ދިވެހި ރުފިޔާހެން. އެހެންނޫންވާނީ، ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގިދާނެ ދުވަސްކޮޅަކަށް. އެކަމަކު ހުރިހާ އެއްޗެއް އިމްޕޯޓްކުރާ ގައުމުގައި މުދަލުގެ އަގު އަތްނުފޯރާ ފަށަށް އަރައި، ފިކްސްޑް ސެލަރީގެ މީހުން ބަނޑަށް ޖެހި ގައުމުގައި ވަށްކަމާ ފޭރުމާ ޓެކުން އިންތިހާއަށް އިތުރުވެގެންދާނީ.

The name is already taken The name is available. Register?

ޑިމޮކްރަސީ

22 November 2021

ޤަވްމުގެ ބޭތަލްމާލުން މުސާރަދޭން ތިބީ ހަމައެކަނި ސިވިލްސަރވަންޓުންތަ ސިވިލްސަރވަންޓުންނަށްވުރެ މާގިނަލާރި ޚަރަދުކުރޭ ޕޮލިޓިކަލްމީހުންގެ މުސާރައަށް ކޮންމެ މީހަކު އަގަފުޅާކޮށްފަ މިދައްކަނި ގީނަސިވިލްސަރވަންޓުންނަށް ދޭ 5000 ޥަރަކަށްހާސްރުފިޔާގެ ވާހަކަ މީންކޯންމެ މީހެއްގެ މުސާރައަށް މަހަކު ލައްކައެއވެސް މަދު ހެޔޮވެރިކަން އޯގާތެރިކަން ރައްޔިތުންގެ ވިންދު ހެއް ހެއް ހެއް ???

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454