ރާއްޖޭގެ ޖަލުތަކުގައި ތިބި ކޮންމެ ގައިދީއެއްގެ ބޮލަކަށް މިދިޔަ އަހަރު، ނިސްބަތުން 20،000ރ. ސަރުކާރުން ހޭދަ ކުރި އެވެ. ޖަލުގެ އާބާދީ ބޮޑުވެ، ޖަލުތަކަށް ނުތަކާ ވަރަށް މީހުން ގިނަ ވެއްޖެ އެވެ. ޖަލުތައް ބޮޑު ކުރަން ޖެހިއްޖެ އެވެ. މާފުދީގެންނާއި ކުރު މުއްދަތަކަށް ޖަލަށް ލައިގެން ސަލާމަތްވާ މީހުންނަށް ވުރެ، ކުށްތަކުގައި ޖަލަށް ގެންދާ މީހުންގެ އަދަދު ގިނަވާން ފަށައިފި އެވެ. އެހެންވެ، އެއީ ދައުލަތަށް ވެސް އޮތް ވަރަށް ބޮޑު ބުރައަކަށް ވެއްޖެ އެވެ.

ޖަލު ހުކުމުން ސަލާމަތް ވެގެން ވެސް އެތައް ބަޔަކު އެނބުރި ޖަލަށް ދާން ޖެހިފައި އެބަހުއްޓެވެ. އަނެއްކޮޅުން، ޖަލުގައި ރިހިބިލިޓޭޝަން ޕްރޮގްރާމެއް ނުހިންގާތީ، ކުށުގެ ވެށިން އެ މީހާ އަށް އަރައިގަނެވޭނެ ގޮތެއް ނޯވެ އެވެ. އެހެންވެ، ޖަލުގެ އާބާދީ ކުޑަކުރުމަށް އެންމެ މުހިންމު އެކައްޗަކަށް ވެފައި އޮންނަނީ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެވެ. އެކަމަކު، ރާއްޖޭގެ އެއްވެސް ޖަލަކު އެކަން އެކަށީގެންވާ ގޮތަކު ކުރިއަކަށް ނުދެ އެވެ.

ރާއްޖޭގެ ޖަލުގައި ގައިދީންގެ އާބާދީ ގާތްގަނޑަކަށް 2،000 އަށް އަރަ އެވެ. އެހެންވެއްޖެ ނަމަ ގައިދީންނަށް މިދިޔަ އަހަރު އެކަނި ވެސް 40 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އެކަމަކު ސުވާލަކީ ގައިދީންނަށް އެހާ ބޮޑު ހޭދައެއް ކުރާއިރު ރިހިބިލިޓޭޓް ކުރަން އެކަށީގެންވާ ސަމާލު ކަމެއް ނުދެވެނީ ކީއްވެ ހެއްޔޭ އެވެ؟ އަދި، ދޭތެރެއަކުން ނަމަވެސް ހިންގާލާ ކުރު ޕްރޮގްރާމަކުން ނެރެވޭ ނަތީޖާ އަކީ ކޮބައިހެއްޔޭ އެވެ؟

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ޖަލުގައި ބަންދުކުރާ ގިނަ ގައިދީންގެ ތެރެއިން 80 ޕަސެންޓް ގައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ބޮޑަށް އަމާޒުކޮށްފައި ވަނީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުގައި ތިބޭ ގައިދީންނަށެވެ. ހަރުކަށި ފިކުރުގެ ގައިދީންނާއި ތަފާތު ބޮޑެތި އެހެން ކުށްތައް ކޮށްގެން ގެންނަ ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް އަމަލީ ގޮތެއްގައި ކުރިއަކަށް ނުގެންދެ އެވެ.

ކުރިން ނެޝަނަލް ޑްރަގް އެޖެންސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ބަދަލުގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބޭ ގައިދީންނަށް ހާއްސަ ޕްރޮގްރާމެއް ކަރެކްޝަނަލް ސާވިސްއިން ފެށީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން އެކަހަލަ ޕްރޮގްރާމެއް ވެސް ނުހިންގަ އެވެ.

"ފުރަތަމަ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ފެށީ. އެ ޕްރޮގްރާމްގައި 40 ގައިދީން ބައިވެރިވި. އެކަމަކު ބައެއް ސަބަބުތަކާ ހެދި ޕްރޮގްރާމް ފުރިހަމަ ކުރެވުނީ 32 ގައިދީންނަށް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރި އެތައް ބަޔަކު އަނބުރާ ޖަލަށް ގެންދަން ވެސް ޖެހިފައިވެ އެވެ. ކުށަކީ ހަމަ މަސްތުވާތަކެތީގެ މައްސަލަ އެވެ.

ގައިދީންނަށް ހިންގި ޕްރޮގްރާމެއްގައި ބައިވެރިވި ގައިދީންތަކެއް
ގައިދީންނަށް ހިންގި ޕްރޮގްރާމެއްގައި ބައިވެރިވި ގައިދީންތަކެއް

ގައިދީންނާ ގުޅޭ ގޮތުން މީގެ ކުރިން މަސައްކަތްތަކެއް ކުރެއްވި ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ ރިހިބިލިޓޭޝަން ޕްރޮގްރާމް ވާން ޖެހޭނީ އާންމު އާދައިގެ މީހެއްގެ ވިސްނުމުގައި އާންމުންގެ ތެރޭގައި އުޅޭވޭވަރު މީހަކަށް ޖަލުން ނުކުންނަ މީހާ ހެދުން ކަމަށެވެ.

އޭރު ޖަލުތައް ބަލަން ވަޑައިގެންނެވި އިރު އަދި ކުރެއްވި ދިރާސާތަކުން ވެސް އެވަރުގެ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ރާއްޖޭގައި ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި ޢެވެ. އެމެރިކާގެ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކާ ގުޅޭގޮތުން ކުރި ދިރާސާތަކަށް ބާރުދީ އޭނާ ވިދާޅުވީ އެމެރިކާގައި ގައިދީންނަށް ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސޯޝަލް ކައުންސިލިން އާއި ރޫހާނީގޮތުން ވެސް ގައިދީންގެ ވިސްނުން ވެސް ބަދަލު ކުރުވުމުގެ މައްޗަށް ކަމަށެވެ.

"ރާއްޖޭގައި ވެސް ސައިކޮލޮޖިކަލް ކައުންސިލިން ސެޝަންތަކެއް ގައިދީންނަށް ހާއްސަކޮށް ހިންގާ. އަދި ވަރަށް ރޫޓިންކޮށް ކުރާ ކަމެއް އިސްލާމިކް މިނިސްޓްރީން ޝޭހުން ފޮނުވައިގެން ނަސޭހަތް ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެފަދަ ސެޝަންތަކުން އެކަނި ގައިދީން ރިހިބިލިޓޭޝަން ފުރިހަމަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލިން އާއި ސްޕްރިޗުއަލް ބައި ވެސް ވަރަށް މުހިންމު. ފިއާ ފެކްޓާ އުފައްދަން ކުރާ ސްޕްރިޗުއަލް ކައުންސިލިން މިދެނީ. އެ ދެ ބައި ވަރަށް ރަނގަޅަށް ގެންގޮސްގެން އެޑިއުކޭޓެޑްކޮށް ރިހިބިލިޓޭޓް ކުރިއަށް ގެންދެވޭނީ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެއީ ސިސްޓަމެޓިކްކޮށް މީހާ ޖަލުން ނެރޭއިރު އާންމު މީހެއްގެ ގޮތުގައި އުޅޭވޭ ވިސްނުމަށް ހޮލިސްޓިކް އެޕްރޯޗް [ހުރިހާ ދިމާއަކުން މަސައްކަތްކޮށްގެން] ކުރިއަށް ގެންދަން ޖެހޭނެ ކަމެއް. އެކަމަކު ރާއްޖޭގައި އެ ކަމެއް ނުހިނގާ."

އޭނާ ވިދާޅުވި ގޮތުގައި ގައިދީންގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަން ޖެހޭނީ ބޯޑިން ސްކޫލެއް ހިންގާ ގޮތަށެވެ.

"ފަހަރެއްގައި އޮވެދާނެ ސިސްޓަމެއް އެކުލަވާލައިފަ އެކަމަކު އަދި އަމަލީ މަސައްކަތް ފެށިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޔުނިވަސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރެއްވި ތަޖުރިބާކާރު ވިދާޅުވީ ރިހިބިލިޓޭޝަން ސެންޓަރުގެ ނަމުގައި ނޫން ކަމުގައި ވިޔަސް ރާއްޖޭގައި ރިހިބިލިޓޭޓް ކުރުމަށް ހިންގި އެންމެ ރަނގަޅު ޕްރޮގްރާމްތައް ހިންގީ ކުރީގެ ފޭދޫ ފިނޮޅުގަ އާއި އިސްލާހިއްޔާގައި ކަމަށެވެ.

"ކުށުގެ ވެރިން ފެންނަ ސްކޫލަށް ދާ އުމުރުގެ ކުދިން ނަގައިގެން މި ގެންދަނީ ކުރިން ފޭދޫ ފިނޮޅަށް. އޭގެ ނަތީޖާ ވެސް ރަނގަޅު. ދެން ރަށްރަށުގައި ގޯސްކޮށް އުޅޭ ކުދިން ފޮނުވާލަނީ އިސްލާހިއްޔާ އަށް. މިހާރު ވެސް ބަލާ އެތަނުން ނުކުތް ގިނަ މީހުންނަކީ މިހާރު ވަރަށް ހަރުދަނާ މަސައްކަތްތަކުގައި އުޅޭ މީހުން. ފަހުން ތަންތަނަށް ގޮސް ކިޔަވައިގެން ބޭނުންތެރި ބަޔަކަށް ވީ މީހުން،" އޭނާ ވިދާޅުވި އެވެ.

ޒަމާނީ އާ ވަސީލަތްތަކާއި އާ ހޯދުންތަކާއި ރިހިބިލިޓޭޝަންގެ އާ ވިސްނުންތައް ތައާރަފްކޮށް ތަރައްގީ ވީއިރު ވެސް ރާއްޖޭގައި ރިހިބިލިޓޭޝަން ޕްރޮގްރާމް ދިޔައީ ފަހަތަށެވެ.

ޖަލުން ސަލާމަތްވުމުގެ ދަޅައަކަށް ރިހިބިލިޓޭޝަން ޕްރޮގްރާމް

ޖަލުގައި ހޭދަ ކުރާ މުއްދަތުގައި އުޅުމަށް ބަދަލު ގެނެސް ރަނގަޅު މީހެއްގެ ގޮތުގައި ފާހަގަވުމުން ލުއިތަކެއް ދީ އޭނާ ޖަލުން މިނިވަން ކުރެ އެވެ. އެކަމަކު އަލުން އަނބުރާ މުޖުތަމައު އަށް ގޮސް ކުރިން ކުރަމުން އައި ކުށްތަކުގައި ޝާމިލުވެ އެވެ.

ޖަލަށް ދޭތެރެދޭތެރެއިން ޒިޔާރަތް ކުރާ ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ ޖަލުގައި ހުންނަ މުއްދަތުގައި ރަނގަޅު މީހެއްގެ ގޮތުގައި ބައެއް ގައިދީން ފެނުމުގެ ބޭނުމަކީ އަވަހަށް ޖަލުން މިނިވަން ވުން ކަމަށެވެ.

"ޖަލުގައި ހޭދަ ކުރާ މުއްދަތުގައި ރަނގަޅަށް އުޅުނީމަ އެބަ އެނގޭ ތިމަންނަ އަށް އަވަހަށް މިނިވަންވެވިދާނެކަން. އެ މީހާގެ އަޒުމަކަށް ވަނީ ކޮންމެހެން ކުރިން އުޅުނު ގޮތާ ދުރުވުމެއް ނޫން. އަލުން އަނބުރާ ފަސޭހައިން ސޮސައިޓީ އަށް އެނބުރާ ދެވޭނެ ގޮތެއް ހޯދުން ހަގީގަތުގައި."

ޕްރިޒަން އޮފިސަރަކު ވެސް ބުނީ ބައެއް ޖަލުގައި ގައިދީންނަށް ތަމްރީންގެ އެކި ޕްރޮގްރާމްތައް ވެސް އަމިއްލަ އަށް އެދިގެން ގައިދީން ފުރިހަމަ ކުރާ ކަމަށެވެ. އެކަމަކު "ރަނގަޅު މީހެއްގެ" ގޮތުގައި ޖަލުން ނުކުމެގެންދާ މީހާ އަނެއްކާ ވެސް ކުށުގެ ވެށިން ހައްޔަރުކޮށް އަނެއްކާ ވެސް ޖަލަށް ގެންދަނީ ވެސް އެހާ އަވަހަށެވެ.

ޖަލުގެ ރިހިބިލިޓޭޓް ޕްރޮގްރާމްތައް ވަރުގަދަ ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެ އެވެ. އެކަމަކު އެގޮތަކަށް ކަންތަކެއް ނުވެއް ދެ އެވެ. އެންމެ ފަހުން ބުރަ ބޮޑުވަނީ ވެސް ދައުލަތަށެވެ. ހަރަދުތައް އޮތީ އިންތިހާގަ އެވެ.