ރިޕޯޓް

116 ވައިބަ ގުރޫޕް! ޑރ. އިޔާޒަށް އެތަކެއް ހާސް ސުވާލު!

ޑރ. މުހަންމަދު އިޔާޒު ރޭޑިއޯ ޕްރޮގްރާމެއްގައި ދީނީ ސުވާލުތަކަކަށް ޖަވާބު ދެއްވަނީ

މުޅި ދުނިޔޭގައި މަޝްހޫރު "ޖިން ރަމީ" ގޭމް ކުޅުމަކީ ދީނީ ގޮތުންް ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަތީފަށް މި ސުވާލު އެތަކެއް ފަހަރު، އެތައް ބަޔަކު ކޮށްފި އެވެ. އެއީ ޖަވާބު ދެއްވަން ފަސޭހަ ސުވާލެއް ނޫން ކަން އިޔާޒަށް ވެސް އެނގިވަޑައިގަތެވެ.

"ސަބަބަކީ އަޅުގަނޑަކީ ގޭމް ކުޅޭ މީހަކަށް ނުވާތީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ސުވާލު ތަކުރާރުކޮށް އަންނާތީ، އޭނާ ނިންމެވީ އެއަށް ޖަވާބު ދެއްވާށެވެ! އޭނާގެ ޖަވާބާ އެކު ސޯޝަލް މީޑިއާ ހިލިގަތެވެ. އިޔާޒު ވިދާޅުވަނީ އެ ގޭމްގައި ބުނެފައިވާ ގޮތުން އެ ގޭމް ކުޅުމަކީ ޖުވާ ކުޅުން ކަމަށާއި އަދި ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށެވެ.

"އަޅުގަނޑު އެހެން ޖަވާބު ދިނުމާ އެކު އެ މައްސަލަ ވަރަށް ނާޒުކު މައްސަލައަކަށް ވެގެން ދިޔަ. އެކަމަކު އަޅުގަނޑު އެހެން ޖަވާބު ދިނީ، ހަމައެކަނި އަޅުގަނޑަށް ވިސްނޭ ގޮތަކަށް ނޫން. އެހެން ޝެއިޚުންގެ ފަރާތުން ވެސް ލަފާ ހޯދިން. އަދި އެ ގޭމް މީހެއްގެ ފޯނަށް ޑައުންލޯޑްކޮށް، އޭގައި ވާނުވާ ވެސް ބަލައިގެން އޭނާ ދިން މައުލޫމާތުގެ މައްޗަށް ވެސް ބުރަވެ އެ ޖަވާބު ދިނީ،" އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އިލްމުވެރިޔާ ވިދާޅުވި އެވެ.

ޑރ. އިޔާޒް ދީނީ ތަގުރީރެއް ދެއްވަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

އެކަމަކު އާންމުންގެ ބައެއް މީހުންނަށް އެ ޖަވާބު ވަރަށް ބޮޑު މައްސަލައަކަށް ވި އެވެ. އިޔާޒު ވިދާޅުވި ގޮތުގައި، "ދެން ދީނުގައި ހުއްދަ އެއްވެސް ކަމެއް ނޯންނަނީހޭ" ކިޔައި ބައެއް ފަރާތްތަކުންް މަލާމާތް ކުރަމުން ގެންދިޔަކަން ވެސް އެނގިވަޑައިގަތެވެ.

އެހެން ނަމަވެސް އިޔާޒު ހުންނެވީ އަޒުމެއްގަ އެވެ. އެފަދަ ކިތަންމެ ވާހަކަތަކެއް އާންމުންގެ ތެރޭގައި ދެކެވެމުން ދިޔަ ނަމަވެސް އޭނާ ވިދާޅުވާ ގޮތުން، ދީނީ ގޮތުން އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އޭނާ ފަސްޖެހިވަޑައެއް ނުގަންނަވާނެ އެވެ. ސަބަބަކީ، ޚުދު އިޔާޒު ވެސް ގަބޫލު ކުރައްވާ ގޮތުގައި، ދުވާލަކު 80 ވަރަކަށް ސުވާލަށް ޖަވާބު ދެއްވުމަކީ މާތްﷲ އޭނާ އަށް ދެއްވާފައިވާ ޚާއްސަ ހުނަރަކަށް ވުމެވެ.

އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ. ރާއްޖޭގެ ޕަބްލިކް ވައިބަ ގުރޫޕުތަކުގެ ތެރެއިން އޭނާ ހިންގަވާ އިސްލާމިކް ނޮލެޖް އެމްވީ އެކަނި ފޮލޯ ކުރާ މީހުންގެ އަދަދު 10000 އަށް ވުރެ ގިނަ އެވެ. މިއީ، ބެލެވޭ ގޮތުގައި ރާއްޖޭގެ އެންމެ މީހުން ގިނަ ވައިބަ ގުރޫޕެވެ. މީގެ އިތުރުން ޑރ. އިޔާޒަށް ސުވާލު ފޮނުވުމަށް ޓަކައި އިތުރު 116 ވައިބަ ގުރޫޕު ހިމެނެ އެވެ.

"ކޮންމެ ވައިބް ގުރޫޕަށް މި އެޑްކުރެވެނީ ގިނަވެގެން 200 މީހުން. އެހެންވެ، އެގޮތަށް ފުރިގެން އިތުރު ގްްރޫޕުތައް ހަދަމުން ގޮސް މިހާރު އެބަހުރި 116 ގުރޫޕު ހަދާފައި،" ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ވަޒީފާ އަދާކުރައްވާ އިޔާޒު ވިދާޅުވި އެވެ. "މިއީ އަޅުގަނޑުގެ އެކަނި މަސައްކަތެއް ނޫން. އަޅުގަނޑާ އެކު އަޅުގަނޑުމެންގެ ޓީމު މިކަމުގެ ތެރޭގައި ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރައްވާ. އެހެންވެ އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

އެއިން ކޮންމެ ވައިބަ ގުރޫޕަކަށް ދުވާލަކު އެތަކެއް ސުވާލެއް އާދެ އެވެ. އެ ސުވާލުތައް ފުރާނާލައި، އިޔާޒާ ހަމައަށް ސުވާލުތައް ގެނެސްދެނީ އެ ގުރޫޕުތަކަށް ކަނޑައަޅާފައިވާ އެޑްމިން އެވެ.

"ކަމެއް ނެތިއްޔާ އަޅުގަނޑު އިންނާނީ އެ މަސައްކަތުގައި. ގޭގައި ވެސް އެ މަސައްކަތުގައި،"

"ގުރޫޕް އެޑްމިންގައި ދިހަވަރަކަށް ބޭފުޅުން ހަރަކާތްތެރިވާނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުގެ ކަމަކީ ޖަވާބު ދިނުން."

އެ ސުވާލުތަކަށް ޖަވާބު ދެއްވުމަކީ އިޔާޒަށް އުނދަގޫ ކަމެއް ނޫނެވެ. ދުވާލަކު ގާތްގަނޑަކަށް އެވްރެޖްކޮށް 80 އާ ގާތަށް ސުވާލަށް ޖަވާބު ދެވޭއިރު އެކަމަށް މާ ގިނަ ވަގުތެއް ހޭދަކުރެވޭހެނެއް އިޔާޒަށް އިހުސާސެއް ނުކުރެވެ އެވެ.

"ކަމެއް ނެތިއްޔާ އަޅުގަނޑު އިންނާނީ އެ މަސައްކަތުގައި. ގޭގައި ވެސް އެ މަސައްކަތުގައި،" އޭނާ ވިދާޅުވި އެވެ.

އެހާ ފަސޭހައިން އަދި އެހާ އަވަހަށް އެ ސުވާލުތަކަށް ޖަވާބު ދެނީ ކިހިނެއްތޯ، އާންމުން ވެސް އަދި ބައެއް ޝެއިޚުން ވެސް އިޔާޒާ ސުވާލު ކުރެ އެވެ.

އިސްލާމިކް ނޮލެޖް ވައިބަ ގުރޫޕުގެ ލޯގޯ

"ބައެއް ޝެއިޚުން ވެސް ވިދާޅުވާނެ ތިމަންނާމެންނަށް އެންމެ ސުވާލަކަށް ވެސް ޖަވާބު ދިނުން އެއީ އެހާ ފަސޭހަ ކަމެއް ނޫނޭ. އެކަމަކު އަޅުގަނޑު މިކަން މިހެން ކޮށްކޮށް މިހާރު އެއީ ފަސޭހަ ކަމަކަށް ވެފައި އޮންނަނީ. އެއް ސުވާލަށް ޖަވާބު ދީފިއްޔާ އިށީންތަނުން ތެދުވާ ހިތް ވަނީ ވެސް ހުރިހާ ސުވާލަކަށް ޖަވާބު ދީފައި،" ފަސް ކުދިންގެ ބައްޕަ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއީ އަޅުގަނޑަށް މާތްﷲ ދެއްވާފައި ހުނަރެއް ކަމަށް. އަޅުގަނޑުގެ ޒިންމާއެއް ކަމަށް މައުލޫމާތު ފެތުރުމަކީ. އެކަން އަޅުގަނޑު މި ކުރަނީ."

އިސްލާމިކް ނޮލެޖް ވައިބަ ގުރޫޕް ބަލާލުމުން އޭގެ ހެކި ފެންނަން އެބަހުއްޓެވެ. ކޮންމެ ދުވަހަކު އަލަށް އެތައް ސުވާލަކާއި އޭގެ ޖަވާބު ފެންނަން ހުރެ އެވެ. އެއީ 24 ގަޑިއިރު ބަރާބަރަށް އަޕްޑޭޓް ވަމުން އަންނަ ގުރޫޕެކެވެ.

"އެހާ އަވަހަށް ޖަވާބު ދޭތީ އާންމުން ކުރާ ސުވާލުތައް ވެސް އަންނަނީ ގިނަވަމުން. ހަމަ އެހެންމެ އަޅުގަނޑަށް ވެސް އިހުސާސްވޭ އޭގެ މަގުބޫލުކަމާއި އޭގެ މުހިންމުކަން ވެސް،" އޭނާ ވިދާޅުވި އެވެ.

"އެކި ރަށްރަށަށް ދިޔައީމަ ވެސް މި ގުރޫޕުތަކުގެ މަގުބޫލުކަން އަޅުގަނޑަށް ވަނީ ފެނިފައި. އަދި ތަފާތު ވައްތަރުތަކުގެ ސުވާލުތައް ޖެހިލުމެއް ނެތި އިތުބާރާ އެކު މިހާރު ކުރަމުން ދާން ވެސް ފަށައިފި."

ކުރާ ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދިނުން އެއީ އިޔާޒްގެ އަމާޒެވެ. ބައެއް ސުވާލުތަކަކީ، ދީނީ މާ މުހިންމު ސުވާލަކަށް ނުވާހެން އެހެން މީހުންނަށް ހީވިޔަސްް އިޔާޒު ވިދާޅުވީ ސުވާލު ކުރާ މީހުންް އެ ސުވާލު ކުރަނީ އެ މީހާ އަށް ސުވާލަކަށް ވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު އެއަށް ޖަވާބު ދޭން ޖެހޭނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ނޮލެޖް ވައިބަ ގުރޫޕުގައި އެކަނި ވެސް އޭނާ ވަނީ މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ ތަފާތު ސުވާލަށް ޖަވާބު ދެއްވައިފަ އެވެ. އަދި އޭގެ ކުރިން އެކި ނަންނަމުގައި އެހެން ފަރާތްތަކުން ހިންގާފައިވާ ބައެއް ގުރޫޕުތަކަށް ވިއްސަކަށް ހާސް ސުވާލަށް ޖަވާބު ދެއްވިފައިވާނެ ކަމަށް އިޔާޒް ވިދާޅުވި އެވެ.

"ދީނީ މައުލޫމާތު އޮޅުންފިލުވަން އާންމުން ވަރަށް ބޭނުން. އެ ފުރުސަތު އަޅުގަނޑު ބޭނުންވަނީ ވީހާ ފުޅާ ދާއިރާއެއްގައި ފަސޭހަ ކަމާ އެކު ފޯރުކޮށްދޭން. އަޅުގަނޑަށް ވެސް އިވޭ ގޮތުގައި ދީނީ ގޮތުން އުފެދޭ ސުވާލުތަކަށް ކޮންމެކޮންމެ މީހަކު ޖަވާބު ހޯދުމަށް ޝެއިޚުންނާ ގުޅުމަކީ ފަސޭހަ ކަމަކަށް ނުވޭ،" ދީނީ ތަގުރީރުތަކާއި ދަރުސްތައް އަބަދާއި އަބަދު ދެއްވަމުން އަންނަ އިޔާޒް ވިދާޅުވި އެވެ.

އެންމެ ދެ ކަމަކާ ގުޅޭ ސުވާލުތައް ފިޔަވައި، ދީނީ އެހެން ހުރިހާ ސުވާލަކަށް ޖަވާބު ދެއްވަން އިޔާޒު ހުންނެވީ ތައްޔާރަށެވެ. އޭނާ ޖަވާބު ނުދެއްވާނެ ދެ ދާއިރާ އަކީ، ނަންނަމުގެ މާނަ ހޯދުމަށް ކުރާ ސުވާލުތަކާއި ހުވަފެންތަކާ ބެހޭ ސުވާލުތަކެކެވެ.

ޑރ. މުހަންމަދު އިޔާޒު

"ނަންނަމުގެ މާނަ ހޯދުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެއް. ހުވަފެން ތައުބީރު ކުރުމަކީ އަޅުގަނޑު ޝައުގުވެރިވާ ދާއިރާއެއް ނޫން،" އިޔާޒް ވިދާޅުވި އެވެ.

"އެހެން ކޮންމެ ސުވާލެއް ވެސް ހަމަ ކުރައްވަންވީ. ތަކުރާރުކޮށް ވެސް ކުރައްވަންވީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޖަވަބު ދޭނަން."

އާންމުން އެންމެ ގިނައިން ކުރަނީ، އިޔާޒް ވިދާޅުވި ގޮތުގައި ވަރިއާ ބެހޭ ސުވާލުތަކެވެ.

"ދެން ނަމާދާ ބެހޭ ގޮތުން ކުރާ ސުވާލުތަކާއި ރޯދަ މަހު ރޯދަ އާ ބެހޭ ސުވާލުތައް، ހައްޖު ދުވަސްވަރު ހައްޖާ ބެހޭ ސުވާލުތައް ގިނަވާނެ،" އޭނާ ވިދާޅުވި އެވެ.

އެތަކެއް ހާސް ސުވާލެއްގެ ތެރެއިން އެންމެ ހަނދާންވާ ސުވާލަކީ ކޮބައިތޯ ދެންނެވުމުންް އިޔާޒް ވިދާޅުވި އެވެ: "އަޅުގަނޑު އެންމެ ހަނދާން ވަނީ އީދު ނަމާދާ ބެހޭ ގޮތުން މީހަކު ފޮނުވާފައި އޮތް ސުވާލު."

އެ ސުވާލާ އެކު އިޔާޒު ދެއްވި ޖަވާބު ވެގެން ދިޔައީ، ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައި ގޮތް ބަދަލުވެގެން ދިޔަ ކަމަކަށެވެ.

"ސުވާލަކީ އީދު ނަމާދު ކުރުން އެންމެ ރަނގަޅީ މިސްކިތުގައިތޯ ނުވަތަ މައުދާނުގައިތޯ؟ އަޅުގަނޑުގެ ޖަވާބަކީ މައިދާނުގައޭ. އަޅުގަނޑު ޖަވާބު ދިން ގޮތުން ވަރަށް ޝެއިޚުން ވެސް އަޅުގަނޑަށް ސުވާލުތައް ރައްދު ކުރި. އަދި އެއާ އެކު ސަރުކާރަށް ވެސް ވަރަށް ގިނަ ޕްރެޝާތައް ވެސް ކުރިމަތިގެން ދިޔަ. އަޅުގަނޑަށް ވަރަށް ކައިރިން ފެނިގެން ދިޔަ އެ ޖަވާބާ ގުޅިގެން ކުރިމަތިވެގެން އައި ޕްރެޝާތައް. އެކަމަކު އެ ހިސާބުން ފެށިގެން އީދު ނަމާދު ބަދަލުވެގެން ހިނގައްޖެ މައިދާނަށް،" އޭނާ ވިދާޅުވި އެވެ.

އިޔާޒަށް ފަސޭހަ މަސައްކަތަކަށް ވިޔަސް، މި ބުރަ މަސައްކަތުގެ ހެޔޮ ބަދަލު މުޖުތަމައުން ފެންނަމުން ދާ ކަމަށް އިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައެއް މީސްމީހުންގެ ހެޔޮ ބަސްތައް އިވޭ ކަމަށާއި ބައެއް މީސް މީހުންް ދީނީ ކަންކަމަށް އިތުރަށް ސަމާލުވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

"ނަމާދު ނުކޮށް އުޅޭ ބައެއް މީސް މީހުން ވެސް ބުނޭ ތިމަންނަ މިހާރު ނަމާދު ކުރަމޭ،" އިޔާޒު ވިދާޅުވި އެވެ.

ކޮންމެ ދުވަހަކީ ވެސް އިޔާޒުގެ ވައިބަ އާއިލާގެ ތެރެއަށް އިތުރު މެމްބަރަކު އުފަންވާ ދުވަހެކެވެ. އިތުރު ސުވާލުތައް އަންނާނެ ދުވަހެކެވެ. ވަރަށް ކާމިޔާބު ކަމާ އެކު އަދި ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ މި ވައިބަ ގުރޫޕު މިހާރު ވަނީ ނުކަތާ ވަރަށް ފައްކާ ވެފަ އެވެ. ބާރުބޮޑުވެ، ސުވާލުތައް ގިނަވެފަ އެވެ. ދެން އޮތީ ކުރިމަގެވެ.

"އަޅުގަނޑުމެންގެ ޓީމުން ވެސް ތިއީ ވިސްނާފައި އޮތް ކަމެއް. ބާރު ބޮޑުވެގެން ގޮސް ދެން ކިހިނެއްތޯ ހަދާނީ، އޭނާ ވިދާޅުވި އެވެ. "އެކަމަކު އިންޝާﷲ އަޅުގަނޑުމެން މިތިބީ މިކަން ހުއްޓާލާ ގޮތަކަށް ނޫން."

130 ކޮމެންޓް, 612 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 1%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީން

12 February 2017

ސައިންސް ކޮމެންޓް ކުރާ މީހުން، އަދި ސައިންސާ ދެކޮޅަށް ކޮމެންޓް ކުރާ މީހުން ވިސްނަން ޖެހޭނެ ހަޤީގަތަކީ، ސައިންސަކީ މުސްލިމުންނަށް ވަރަށް ބާރު އަޅުއްވާފައިވާ މާއްދާއެކެވެ. ސައިންސަކީ ﷲ ގެ ކުޅަދުންވަންތަކަން ދެނެގެނެވޭނެ އިލްމެކެވެ. ޤުރުއާނުގެ އެތައް އާޔަތެއްގައި ، ނެތުމުގެ ތެރެއިން މިކައުނު ހެއްދެވި އިލާހު، ވަހީ ކުރަވަނީ މިކައުނާމެދު ވިސްނާ ފިކުރު ކުރުމަށެވެ. ސައިންސަކީ ވަކި ހާއްސަ މަޙްލޫޤެއް ނޫނެވެ. ސައިންސަކީ ވެރި ރަސްކަލާނގެ ވިސްނާ ފިކުރު ހިންގާ ބަޔަކަށް ލެއްވި ހެޔޮ ރަޙްމަތެކެވެ. މުހިއްމު އިލްމެކެވެ. ޤުރުއާނުގައި އެތައް އާޔަތްތަކާއި މިހާރުގެ ސައިންސާއި ގުޅުންވެއެވެ.

The name is already taken The name is available. Register?

ކަލޯގެޔާ

11 February 2017

އަސްލު ހައްލު ކުރަން ހުރި ކަން ކަމައް ބީރު ކަންފަތެއް ދީ.. ކޮރަޕްޝަން އާ ބޭއިންސާފުން ޝަރީއަތްތައް ކުރާއިރުވެސް އެކަން ކަމައް އަޅާނުލާ މިކަހަލަ ކުދިކުދި ކަންކަން ބޮޑެތި ކަންކަމައް ހަދާ މިކަން ކަން މިވެރިން މިކުރަނީ ބޮޑެތި ޖަރީމާތަކުގެ ވާހަކަ އޮއްބަން....

The name is already taken The name is available. Register?

ޝާޑް

11 February 2017

ޑރ. މުހަންމަދު އިޔާޒް ތިކުރައްވާ ހެޔޮ މަސައްކަތަށް މާތްﷲ ބަރަކާތް ލައްވާށީ..

The name is already taken The name is available. Register?

ތަކުރު

11 February 2017

ތީވަރުގަދަ ސިޔާސީޝޭކެއް! ހަލާލުކަމެއް ޚަރާމޭބުނާނަމަ ހުކުމަކީކޮބާ؟

The name is already taken The name is available. Register?

މިފީ

11 February 2017

ތި ގިންރަމީ އަކީ ޖުވާއާ އެއްފަދަ އެއްޗެކޭ ބުނުއްވިދުވަހު އަޅުގަނޑު ހިތަށްއެރި އަލްހަމްދުﷲ އޭ. އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ތިގޭމް ކުޅުމަށް ދެވި ހިފާފަ ހުންނަވަރުން ދުނިޔެ ދައުރުވާ ކަންވެސް ހަނދާން ނުހުރޭ. މައިމީހާޔާ އަނބިދަރިން މަތިންވެސް ހަނދާން ނުހުރޭ. ކެއުމެއް ބުއިމެއްނެތް، ފޯނަށް ޚަރަދުވަނީ ކިހާލާރިއެއް ކަމެއްނޭގޭ. ދެވަނަ އަށް ބުނެލަން އޮތީ ދީނީ ޢިލްމު ޙާޞިލް ކޮށްގެން ތިބޭ ފަރާތްތަކަށް މަލާމާތް ނުކުރާށޭ. އަހަރެމެންނަށް ނޭގޭ ކިތަންމެ އެއްޗެއް އެމީހުންނަށް އެގޭނޭ. ދީނީ ޢިލްމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނޭ ޢިލްމެއްނޫނޭ.

The name is already taken The name is available. Register?

އަހަމްމަދޭ

11 February 2017

ކޮއްކޮ ކަމަކައް ދެވިހިފުމަކީ އެކަން ހަރާންވާ ކަމެއްނޫން. އެއީ ކޮއްކޮ ހައްދުން ނައްޓާލުން. އެކަންވަނީ ނަހީކުރައްވަފަ. ދެން ދީނީއިލްމަކީ ހަމަކޮންމެ މީހަކުވެސް ހުއްދަ ހަރާމް ހަލާލް ވަކިވަވާވަރައް ދަސްކުރަން ޖެހޭއެއްޗެއް. އަހަރެން މިވެނިކަމެއް ހަލަލުކުރީ ނޫނީ ހަރާމް ކުރީ މިވެނި ދަންނަބޭކަލަކު ބުނެގެނޭ ކިޔާފަ ސަލާމަތެއް ނުވެވޭނެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އެމީހަކު ނަގަންޖެހޭނެ.

The name is already taken The name is available. Register?

ޝުކުރަން ޝުކްރަން

11 February 2017

މޮބައިލް އެޕެއް ހެދުން ވަރަށްވެސް ބުއްދިވެރި. ޝެއިޙްއަށް މިކަމުގައި އެހީތެރިވުމަށްޓަކައި ޢައީޓީގެ ދާއިރާއިން އެކަންކުރެވޭ ވަރުގެ ބޭފުޅުންގެ އަރިހުން ވޮލަންޓިއަރކޮށް އެކަން ހިލޭސާބަހަށް ކޮށްދެއްވުމަށް ޝެއިޙްއަށް ހުށައެޅުމަށް އެދެން. އެއިރުން އެއް ޕްލެޓްފޯމަކުން ވަރަށް ގިނަ ބަޔަކަށް އެއްފަހަރާ ޙިދްމަތްކޮށްދެވި ޝެއިޙްއާއި ޓީމްގެ ވަގުތުވެސް ސަލާމަތްވެ އިތު ދޮރުތައް ހުޅުވުމަށް މަގު ފަހިވެދާނެ. މާތްﷲ ތިޔަ އެންމެ ބޭކަލުންނަށް ހެޔޮ އަޖުރު ދެއްވާށި.

The name is already taken The name is available. Register?

އަހަމްމަދޭ

10 February 2017

ގޭމްގައި މީ ޖުވާކުޅުމޭ ބުނެފިއްޔާ އެއީ ޖުވާކުޅުމައްވާނެބާ؟. އިސްލާމީސަރީއަތުގައި ޖުވާކުޅުމަކީ ކޮބައިކަން ސާފުކޮން އެގެންއޮއްވާ، ޖުވަކުޅުމުގެ އެއްވެސް ސަރުތެއް ފުރިހަމަވުމެއްނެތް އެއްޗެއް ދަންނަބޭކަލަކު އެއީ ޖުވާ އޭ ބުނުމުން ޖުވާއައް ވާނެބާ؟.

The name is already taken The name is available. Register?

ޖޫގޯ

11 February 2017

އެގޭމް ކުޅުމަށް އެކަކު އަތުން އަނެކަކު ކޮއިން ގަތުމަށް ލާރި ހަރަދަުކުރޭ މި ދިވެހިރާއްޖޭގަވެސް. ހަމަ އެހެން އޭގެން ވިޔަފާރި ކުރާ ކޮއިން ގިނަމީހުން ވެސް އުޅޭ.. އެހެން ވީމަ ޖުވާގެ އާއްމު އުސޫލާ މި ގޭމް ކުޅޭމީހުން ގެން ގުޅޭ އުސޫލާ އެއްގޮތްވީމަ މީ ޖުވާނޫން އެއްޗަކަށް ނުވާނެ.އަދި މީ ޖުވާޔަށް މަގު ފަހި ކުރާ އެއްޗެއް. ދެން މިހެން ބުނީމަ އަހަމްމަދޭމެން ކަހަލަ މީހުން ބުނެފާނެ ބަޔަކުއެހެން ކުޅުނަސް އެމެން އެހެން ނުކުޅޭނޭ. ކަމެއް ހަރާން ކުރައްވަނީ އެއްމެނަށް އޭގަ ހިކުމަތެއް އެކުލެވިގެންވާތީ. ސައިތާނާ ހުންނާނީ އިންސާނާގެ ފަރާތުން އަބަދުވެސް ފުރުސަތަކަށް ބަލަބަލަ އެހެންކަމުން އޭގެ ސަބަބުން އެއްމެ ފުރަތަމަ ﷲ އިންސާނާ ފޮނުވި މަގުސަދު ހާދާންނެތި ކުރުމަށް މެދުވެރިޔަކަށް އެބަވޭ ގޭމްފަދަ ތަކެތި. ފުރަތަމަ އޭނަ އެކުޅެން ފަށާއިރަށް ވިންވެ އޭގަތެރަޔަށް މީހާގެ ސައުގުވެރިކަން ގަންބުވާލާ ދެންއޭގެ ފަހުން ސައިތާނާ ބޭނުންވާ ދޮރުތައް އޭގެން ހޮޅުވިގެންދަނީ. އެއްމެފަހުން އަޅުކަން ކުރުމާ އަމިއްލަ އާއިލާޔަށް ދޭންވާސަމާލުކަށް ނުދެވި ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގުން ކައްސާލާއިގެން ދަނީ.. ކިތައްމެ ވަރަކަށް ދިފާއުކުރަން އުޅުނަސް މީ ހަގީގަތަކީ..

The name is already taken The name is available. Register?

ޚިޔާލު

10 February 2017

ވައިބާ އަކީ ފެށުމެއްގެ ގޮތުން ރަނގަޅު ކަމެއް. ހަމައެއާއެކު އިތުރަށް ތަރައްޤީކުރުމަށްޓަކައި، މިކަމަށް ވަކިން މޯބައިލް އެޕެއް ހެދުން ރަނގަޅުވާނެ. އެ އެޕް މެދުވެރިކޮށް ކުރީގެ ސުވާލުތައް އާކައިވް ކުރެވިގެން ދިއުމުން އަލަށް ޖޮއިންވާ މީހުނަށް ބަލާލަން ފަސޭހަވާނެ. މީގެ އިތުރުން ބޭނުން ކުރާމީހުނާއި، ސުވާލާއި ޖަވާބު ތަކުގެ ޑޭޓާބޭސް އެކުލަވާލައި، ރައްކާކުރަން ފަސޭހަވާނެ. މީތި އިތުރަށް ފުޅާވެގެން ދާއިރު، ދަރުސްތައްވެސް މިބުނާ އެޕްއިން ލައިވް ސްޓްރީމް ކުރެވޭނެގޮތް ހެދުން ރަނގަޅު. މިހާރު ރާއްޖޭގެ ވަރަށްގިނަ ޒުވާނުން ސްޓްރީމިން ހިދުމަތް ބޭނުން ކުރޭ. އަޅުގަނޑަށް ފެންނަނީ އުރީދޫ އަދި ދިރާގުންވެސް މިކަމަށް އެއްބާރުލުންދީ ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެހީވުމަށް، މިފަދަ އެޕްލިކޭޝަންތައް ހިލޭ ބޭނުންކުރެވޭގޮތް ހެދުން. އެއީ ރާއްޖެއަކީ ނިސްބަތުން އިންޓަނެޓް އަގުބޮޑު ގައުމެއްކަމުގައިވާތީ. އިޔާޒުގެ މަސައްކަތުގައި ސަރުކާރާއި، އިސްލާމިކް މިނިސްޓްރީ އަދި ކަމާއި ގުޅޭ ދާއިރާތަކުގެ ވެރިންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރަން.

The name is already taken The name is available. Register?

ހުސައިން އާދަމް

10 February 2017

ރަސޫލާ ވެރިކަމެއް ނުކުރައްވާ. ކުރެއްވި ކަމަކީ އެއްކައުވަންތަ އިލާހު , ޖިބުރީލް މެދުވެރިކޮށް އެކަލޭގެފާނަށް އެންގެވި އާޔަތްތަށް މީސްތަކުންނަށް އިއްވުން. އެހެން ކަމަކަށް ދެންކުރެއްވީ އަމިއްލަފުޅު ދިރިއުޅުމުގައި މަރުގަންނަވަންދެން ދިރިއުޅުން.

The name is already taken The name is available. Register?

އާދަމް ހުސައިން

11 February 2017

އިސްލާމީ ތާރީހުގެ ކަންފުޅެއްވެސް އެނގިފައިނެންކަން ތިޔަ ކުރެއްވި ކޮމެންޓުން ސާބިތުވޭ. ތިޔައީ ހަޤީޤަތެއް ނެތް ، އަމިއްލަ އެޖެންޑާއެއް ކުރިއެރުވުމަށް ފާޅުކޮށްލާފައިވާ ހިޔާލެއް. އިސްލާމް ދީނަކީ އެހެނިހެން ބާތިލް އަޤީދާ ތަކާއި ހިލާފަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ޝަމިލުވާހެން ފުރިހަމަ ދީނެއް. އަމިއްލަ ދިރުއުޅުމުން ފެށިގެން ވެރިކަން ކުރަންވީ ގޮތަށް ދަންދެން ސާފުކޮށް ބަޔާންކޮށްދެއްވާފައިވާ ދީނެއް. ހުޅަނގުގެ ގައުމުތައްހެން ދީނާއި ވެރިކަން ވަކިކުރަން މަސައްކަތް ކުރަނީ ސެކިއުލާ ވިސްނުމުގެ މީހުން. ނަމަވެސް އިސްލާމު ދީނުގައި މިއީ ވަކިކުރެވޭ ދެ އެއްޗެއް ނޫން. ތިބާ އަށް ހެޔޮ ވިސްނުން ދެއްވާށި.

The name is already taken The name is available. Register?

އާދަމް

10 February 2017

އައްލާމާ އިގްބާލް ގެ ފޮތެއް ކިޔާކަށް ނުޖެހޭނެ. ﷲ މަތިން އެކަނި ހަދުމަ ކުރަންޖެހެނީ, ބިރުވެތިވާންޖެހެނީ, އަޅުކަން ކުރަންޖެހެނީ, އެއްވެސް ރަސޫލަކަށް އަޅުކަން ކުރުމަކީ ޝިރުކެއް. އެބޭކަލުން ކުރެއްވި ކަމަކީ އިއްވުން. ވީމާ ﷲ ގެ ފޮތް ގުރުއާނަށް ތަބާވުމަށް އަމިއްލަ ނަފުސަށާއި ތިބޭފުޅާއަށް ވަސިއްޔަތް ކުރަން.

The name is already taken The name is available. Register?

ވަހީދު

10 February 2017

ހޫހޫން. މިއޮތީ ކަންތަކާ ލައިގަނެފަ، ގުނޫތު މަނާ ކުރާ މީހުން މި ކިޔާ އެއްޗަކީ ކޮން އިމާމް ޝާފީއެއް ހޭ ( ނައުޒުބިއްލާހި). ތިމަންނާ މެންނަށް ގުރުއާން ފުދެއޯ. އިމާމް ޝާފީގެ މަޒްހަބަށް އުޅުމަކީ އިމާމް ޝާފީއަށް އަޅުކަން ކުރުމެއް ނޫން. ރަސޫލާ އަށް ސަލަވާތް ކިޔެވުމަކީ ރަސޫލާ އަށް އަޅުކަން ކުރުމެއް ނޫން. މި އާރޓިކަލްގެ އިން ބޭފުޅާ ކައިރިން އެހީ އަށް އެދުނީމަ އެއަށް ކިޔަނީ ކީކޭ؟ ގުރުޢަާން ނުފުދެނީތަ؟

The name is already taken The name is available. Register?

ތަކުރު

10 February 2017

ސޯސަލް މީޑިޔާއަކީ އިސްލާމުން ބޭނުން ކުރުން ރަގަޅުއެންޗެންނޫން! ސޭހުގެވާހަކައިން އެބައިގޭ ރޭގަޑުގެ ނިދިނަގާލާފަ ސޯސަލްމީޑިޔާގަ އުޅޭކަން އެއީވަރަން ގޯސްކަމެން ރޭގަޑުގެ ނިންޖަކީއިންސާނުންނަން ވަރަންމުހިންމުއެންޗެން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454