ރިޕޯޓް / މޫސާ ވަސީމް

"ރަނޑުކަމުން" ބާކީކޮށްލި މޫސާ ވަސީމް ބޮންތިއަށް

މޫސާ ވަސީމް: އަޑާއި ސިފަ އާއި ހަރަކާތްތައް "އަންހެންކަމުން" އެއް އިރެއްގައި ޓީވީން ފުރުސަތު ނުދީ ބާކީކޮށްލިޔަސް މިހާރު އަލިގަދަ ތަރިއެއް.

މިއީ ޓީވީން ފެންނަ އެންމެ ހިތްގައިމު އެކަކެވެ. ފަރިތަކޮށް، ސީދާ ސާދާކޮށް، އަދި އޯޑިއެންސާ ގުޅުން ބޮޑުކޮށް ވާހަކަ ދައްކާ މި ޕްރެޒެންޓަރު އެކަން ކުރަނީ މާ ބޮޑު މަސައްކަތަކުން ހެނެއް، ބަލާބެލުމަކަށް ހިއެއް ނުވެ އެވެ. އެއީ މޫސާ ވަސީމްގެ ހުނަރުވެރިކަމެވެ.

ޚަބަރު ކިޔާ މީހެއްގެ ގޮތުގައި މީގެ 12 އަހަރު ކުރިން ފެށި ކެރިއަރުގައި ކުރި ހޯދަމުން އައިސް ވަސީމް މިހާރު އެހެރީ ބޮންތި އަށް އަރަ އެވެ. ޓީވީއެމްގެ ޚަބަރާއި އެ ޗެނަލްގެ އެންމެ މަގްބޫލް ޕްރޮގްރާމްތަކާއި އެންމެ ބޮޑެތި ލައިވް އިވެންޓްތައް ހުށަހަޅައިދޭ އިރު، އޭނާއަކީ އެއްވެސް ކަހަލަ ހުރަހެއް ނުވަތަ ގޮންޖެހުމެއް ކުރިމަތިވި މީހެކޭ ހީނުވެދާނެ އެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލްގެ ޝަރަފްވެރި ސްޓޭޖާ ހަމައަށް ވަސީމް، 31، އައީ ދިގު އަދި އުނދަގޫ މަގެއް ކަޑައްތުކޮށްފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ވަސީމް (ވ) އަންހެން ޕްރެޒެންޓަރު މައުރީންއާ އެކު

ފުރަތަމަ ސީޒަނަށް ޕްރެޒެންޓަރުން ނެގި އޮޑިޝަންގައި އައިޑޮލް ފްރެންޗައިޒް އިން ޖާގަ ހޯދި މޫސައަކީ މިހާރު އެ ޝޯ އާއި ޓީވީއެމްގެ ވެސް "މައި" މޫނު ކަމަށް ބުނެވިދާނެ އެވެ. ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ ހިތްތައް އަތުލައި ދެވަނަ ސީޒަންގެ އޮޑިޝަން ވެސް ފަސޭހަކަމާ އެކު ކާމިޔާބުކުރި އެވެ. އެކަމަކު ވަސީމްގެ ވާހަކަ ފެށެނީ މި މަގްބޫލުކަމާ ނުބައްދަލު، އަނދިރި މާޒީއަކުންނެވެ. ޓީވީ ޕްރެޒެންޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހަދަން ނުކުތް އިރު ކުރިމަތިވީ އެންމެ ކުޑައިރުއްސުރެ ވެސް ތަހައްމަލްކުރަމުން ދިޔަ ގޯނާކުރުންތަކެވެ.

އުމުރުން 13 ވަރަކަށް އަހަރުގައި ރަށުން މާލެ ބަދަލުވި ވަސީމްގެ އަމިއްލަ ބަހުން ނަމަ ކުރިން އޭނާ "އެހާ ޕޮޕިއުލާއެއް ނޫނެ"ވެ. އެއާޚިލާފަށް، ސްކޫލް ދައުރުގައި ވެސް އަދި ޕްރެޒެންޓަރަކަށް ވާން ކުރި މަސައްކަތުގައި ވެސް އޭނާ އަށް ކުރިމަތިވީ އެކަހެރިކަމާއި ބާކީވުމެވެ. މަލާމާތާއި ފުރައްސާރަ އެވެ. އެކުގައި ކިޔަވަން އުޅުނު ކުދިންނާއި އަވައްޓެރިންނާއި ޓީވީއެމްގެ ޕްރޮޑިއުސަރުންނަށް ވެސް މައްސަލައަކަށްވީ ވަސީމްގެ ސިފަ އެވެ. އޭނާގެ އަޑެވެ. ހަރަކާތްތަކެވެ.

"ޕްރޮގްރާމަކަށް އަރަން ފެށީމާ ބުނަނީ ކަލޭ ރަނޑޭ... ކަލޭގެ އަޑު ވެސް އަންހެނޭ، ކަލޭ ވެސް އަންހެނޭ، ކަލޭ ފެންނަ ގޮތް ވެސް އަންހެނޭ،" އެކި ދާއިރާތަކުން ފާހަގަކުރެވޭ ދިވެހިންގެ ވާހަކަތައް ގެނެސްދިން "މައިންޑްޓޯކްސް" ސިލްސިލާގެ ބައްދަލުވުމެއްގައި ވަސީމް 2013 ވަނަ އަހަރު ބުނެފައިވެ އެވެ.

"އަހަރެން ގަބޫލެއް ނުކުރާނަން އެއީ މުޅިއަކުން ދޮގެއް ކަމަކަށް. އައިމް ފައިން ވިތު ދެޓް."

"ރަނޑު" ވުމަކީ ލަދުގަނެ، ފަސް ޖެހެންވީ ސަބަބެއް ކަމަކަށް ވަސީމް ގަބޫލެއް ނުކުރި އެވެ.

ހޭންޑް ޕަޕެޓަކަށް އަޑުއަޅަން ވެސް ކަމަކުނުދިޔަ

އީޕީއެސް ސްކޫލުގައި ސެކަންޑްރީ ތައުލީމް ހާސިލްކުރި ޅ. ނައިފަރު ޒުވާނާ އަށް ޓީވީ ޕްރޮގްރާމަކުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ހޭންޑް ޕަޕެޓެއް ތަމްސީލްކޮށްދޭށެވެ. އެކަމަކު، އަޑު ޓެސްޓްކޮށް، ތައްޔާރީތަކުގައި ބައިވެރިކޮށްފައި ޕްރޮޑިއުސަރުގެ ޚަބަރެއް ނުވެ ހުއްޓާ، ޓީވީ ހުޅުވައިލި އިރު ވަސީމަށް ފެނުނީ އޭނާ އަށް ދޭން ބުނި ރޯލަށް އެހެން މީހަކު ލައިގެން ޕްރޮގްރާމް ކުރިއަށް ގެންދާ ތަނެވެ.

ޓީވީން ވަސީމް ފުރަތަމަ ފެނުނީ 2004 ވަނަ އަހަރެވެ. ޕާޓް ޓައިމްކޮށް ޚަބަރު ކިޔާ މީހެއްގެ ގޮތުގައި މަހަކު 75 ރުފިޔާގެ މުސާރައަކަށް ޓީވީއެމާ ގުޅުނު އިރު، މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ޚަބަރު ގަޑި އަށް އެރުން ފިޔަވައި އެހެން ފުރުސަތެއް ނުލިބެ އެވެ. ޖެހިގެން އައި އަހަރު ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގެ ފުލްޓައިމް ވަޒީފާ އޭނާ ހޯދީ ކުރިމަތިލި 500 މީހުންގެ ތެރެއިން ނެގި ދެ މީހުން ކުރެ އެކަކުގެ ގޮތުގަ އެވެ. އެކަމަކު އެންމެ ފުރަތަމަ ޕްރެޒެންޓްކުރަން ލިބުނު އައިޓީ ޕްރޮގްރާމްގެ މަސައްކަތް ފުރިހަމަކޮށް، ބޮޑު އުއްމީދެއްގައި ހުއްޓާ އެ ފަހަރު ވެސް ޓީވީން ފެނުނީ އޭނާއެއް ނޫނެވެ. އެހެން މީހެކެވެ.

"އެކަމަކު އެއްކަލަ 500 މީހުންގެ ތެރެއިން އައި (ދެ މީހުންގެ ތެރެއިން) އެކަކު ވީމާ އެ ދުވަހު ވެސް ގަބޫލެއް ނުކުރަން (ޕްރެޒެންޓަރަކަށް ވުމުގެ މަސައްކަތް) ހުއްޓާލަން ޖެހޭނެއެކޭ،" މައިންޑްޓޯކްސްގެ ޔޫޓިއުބް ވީޑިއޯގައި ވަސީމް ކިޔައިދެ އެވެ.

އެ އަޒުމުގައި ކެރިއަރުގެ ކުރީކޮޅު އޭނާ ހޭދަކުރީ އެތަކެއް ހިތި ތަޖުރިބާތަކެއްގެ ތެރޭގަ އެވެ. އެކަމަކު "އެއްވެސް މީހަކު ނެތިގެން" ޕްރޮގްރާމްތަކަށް އަރުވަން ބަހައްޓާފައި ހުރި "އުނގުރިއެއް"ގެ ގޮތުގައި ޓީވީއެމްގެ ޕްރޮޑިއުސަރުން އޭނާ ބޭނުންކުރަމުން ދިޔަ އިރު ވެސް ހިތްވަރު އެލުވައެއް ނުލަ އެވެ.

"ޕްރޮޑިއުސަރުން ހަމަ އަހަންނާ އެކީގައި ޕްރޮގްރާމް ހަދަމުން ވެސް ބުނާނެ، ދެން މީނަ ހެއްޔޭ އަރުވަންވީ، މި ނޫން މީހަކު ނެތް ހެއްޔޭ އަހަރެމެންނަށް. ތެދެއް. ފިރިހެނެއް އެކަމަކު ފިރިހެނެއްހެން ނުހުންނަ މީހެއް ވީމަ އެއްވެސް މީހަކު ގަބޫލެއް ނުކުރި،" ވަސީމް ބުންޏެވެ.

"އެތައް ދުވަހެއް ވަންދެން އެއް ސްޓޫޑިއޯއަކަށް ވަދެ އެއް ކެމެރާމަންއަކާ އެކީގައި މިހެން މަސައްކަތްކުރާ އިރު ވެސް ދުވަހަކު ވެސް ބުނެފައި ނީންނާނެ 'ހެލޯ، ހައި' ވެސް. އެހާ ވެސް، އެ މީހުން މަށާ ދޭތެރޭ (ދުށް) ގޮތް ގޯސް... ގަބޫލު ވެސް ނުކުރާނެ ކަންނޭނގެ. ޝިފްލާއާ އެކީގައި މޭކަޕް ރޫމަށް ގޮސް ހަމަ އިންނަން ރޯން، ގޮތަކަށް ބުނަންޏާ."

ވަސީމް (ކ) އިންތިޚާބެއްގެ ލައިވް ކަވަރޭޖުގައި ޕްރެޒެންޓްކުރަނީ

ވަސީމް އޭނާގެ "އަސްލު ފެށުން" ކަމަށް ބަލަނީ ރޯދަ މަހު ގެނެސްދޭ ކެއްކުމުގެ ޕްރޮގްރާމް "ރަހަތަފާތު" އެވެ. "އުނދުޅި ހިފައިގެން އުޅޭ" ޕްރޮގްރާމަކަށް ވީމާ އަނެއްކާވެސް "ރަނޑުކަން" ފާހަގަވެދާނެތީ އޭނާ ޖެހިލުމެއް ނުވި އެވެ. ތިރީސް ދުވަހުގެ ތިރީސް އެޕިސޯޑް ހުށަހަޅައިދިނެވެ. އެކަމަކު ވެސް ޓީވީއެމް ތެރޭގައި އޭނާ ކުޑައިމީސްކުރުމާއި މަލާމާތްކުރުމުގެ އިތުރުން ތަފާތުކުރުމާއި ބާކީކޮށްލުން ވެސް އޮތީ އިންތިހާ ދަރަޖައިގަ އެވެ.

"ދުވަހަކު ވެސް ހެދި އެއްވެސް (ލައިވް) ޕްރޮގްރާމެއްގެ ތެރެއިން (އޭރު) އެއްވެސް ޕްރޮޑިއުސަރަކު އަހަންނަކަށް (އިއާޕީސް މެދުވެރިކޮށް) ކޮމާންޑެއް ނުކުރާނެ. ޖެހިގެން އިންނަ މަގޭ ކޮލީގަށް ހުރިހާ ކޮމާންޑެއް ކުރާނީ،" ވަސީމް ބުނެފައިވެ އެވެ.

"އަހަރެންގެ އަޑުގެ މައްސަލަ ހުރެގެން، ލުކްގެ މައްސަލަ ހުރެގެން ހުރިހާ ޕްރޮޑިއުސަރުން ދުށީ އަހަންނަކީ ވަރަށް ބޭކާރު، ބޭނުން ނުކުރެވޭ ވަރު މީހެއްގެ ގޮތުގައި."

އެ ވަރަކުން ވަސީމްގެ ހިތް މަރައެއް ނުލެވުނެވެ. މީހުން އޭނާ ދުށް ގޮތަށް ވުރެ މާ ސާފުކޮށް، ހާސިލްކުރަން ބޭނުންވި އަމާޒު އޭނާ އަށް އޮތީ ފެންނާށެވެ. ކުރިމަތިވި ގޮންޖެހުންތައް އޭނާ ނެގީ، ޓީވީއަކީ "ރީތި މީހުންނާއި އަޑު ރީތި މީހުން މަސައްކަތްކުރަން ޖެހޭ ދާއިރާއެއްގެ ގޮތުގައި ބަޔަކަށް ގަބޫލުކުރެވިފައި އޮތް އޮތުން ބަދަލު ކުރަން ލިބުނު ފުރުސަތެއް"ގެ ގޮތުގަ އެވެ.

"މީހަކު ނެތް ތަންތަނަށް ލައިގެން އަހަންނަށް ވީ ފައިދާ. މީހަކު ނެތް ތަންތަނަށް ނުކުތީމަ އަހަންނަށް އެ ގޯލް ސެޓް ކުރަން ފަސޭހަވެފައި އޭތި އެޗީވްކޮށްފައި އެ އަށް ރީޗްވާން ފުރުސަތު ވެސް ބޮޑުވި،" ވަސީމް ކިޔައިދިނެވެ.

އޭގެ ނަތީޖާއަކީ ޓީވީއެމްގެ "މައި" ޕްރެޒެންޓަރުގެ ގޮތުގައި މީހުން ވަސީމް ބަލައިގަތުމެވެ.

ރަށުގައި ހުއްޓާ ސީޕްލޭންގައި ގެނެސް ލައިވްއަކަށް

ލިބުނު ކުރިއެރުން ވަސީމަށް އަންދާޒާކުރެވެން ފެށީ "ޓީވީއެމްގެ މެއިން އެންކާ"ގެ ގޮތުގައި މީހަކު އޭނާ ސިފަކުރި ހިސާބުންނެވެ. އޭގެ ފަހަތުގައި އޮތީ އޭނާ ކުރި ބުރަ މަސައްކަތް ކަމަށް ވަސީމް ދެކެ އެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި އޭގެ މާނައަކީ އޭނާ ކަނޑައެޅި އަމާޒު ހާސިލްކުރެވިއްޖެ ކަމެވެ.

ބެލުންތެރިންނާއި ޓީވީއެމުން އޭނާ ބަލައިގެންފި ކަމުގެ އިހުސާސް ފުރަތަމަ ކުރެވުނު ގޮތް ވަސީމް ކިޔައިދީފައިވެ އެވެ. އެއީ 2010ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓް އިސްތިއުފާ ދިނުމާ ގުޅިގެން އައި ސިޔާސީ ހަލަބޮލިކަމުގެ ތެރެ އެވެ.

"(ޗުއްޓީއެއްގައި) ރަށުގައި ހުއްޓާ ޚަލީލް ގުޅާފައި މި ބުނަނީ... ޖެޓީ އަށް ނުކުންނަ އިރު... އޮންނާނެއޭ ލޯންޗެއް ރެޑީވެފައި. އެ ލޯންޗުގައި ދާށޭ ކުރެއްދޫ ރިސޯޓަށް. އެ ރިސޯޓުގައި އޮންނާނެއޭ ސީޕްލޭނެއް. އެއަށް އަރައިގެން އަންނާށޭ މާލެ. މާލެ އަންނަ އިރު އޮންނާނެއޭ ވޭންއެއް. ވޭންގައި އަންނާށޭ އޮފީހަށް. ތިމަންނަ ދޭނަމޭ 15 މިނިޓް. ތައްޔާރުވެ، މޭކަޕް ކޮށްގެން ހުރިހާ އެއްޗެއް ހިފައިގެން ގޮސް އަރާށޭ، ޕްރޮގްރާމަކަށް. އޭރު އުޅެނީ ކެބިނެޓް އިސްތިއުފާ ދީގެން،" ވަސީމް ބުންޏެވެ.

"އެ ހިސާބުން ހިތަށް އެރީ... ރަށުގައި ހުރެފައި ވެސް، ބޮޑު އެއްޗެއް ރާވާލާފައި (މާލެ) ގެންނަ ވަރުގެ މީހަކަށް އަހަންނަށް ވެވުނީ ހަގީގަތުގައި އަހަންނަށް މަސައްކަތް (ކުރެވުނީމައޭ)."

އެންމެ ފަހުން "ހައްގު މަގާމަށް"

ޚަބަރު ޕްރޮގްރާމްތަކާއި އިންތިޚާބުތަކުގެ ލައިވް ކަވަރޭޖާއި ބޮޑެތި ލައިވް އިވެންޓްތައް ހުށަހަޅައިދިނުމުގެ އިތުރުން ވަސީމް ވަނީ "ހޭޔަންބޯ"ގެ ޕްރެޒެންޓަރުގެ ގޮނޑީގައި ވެސް އިށީނދެ، ހަމަޖެހިލައިފަ އެވެ. އޭނާއަކީ ހުރިހާ މައުލޫއުތަކަކަށް ވެސް ފަރިތަ، މޮޅު ޕްރެޒެންޓަރެކެވެ. އެކަމަކު މޫސާ ވަސީމް އޭނާގެ "އަސްލު ގޮތުގައި" އަދި ކިރިޔާ ފެންނަން ފެށި ކަހަލަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ އަންހެން ޕްރެޒެންޓަރު ލަމްހާ ލަތީފު (ކ) އާއެކު ވަސީމް

މޯލްޑިވިއަން އައިޑޮލްއާ އެކު ވަސީމްގެ ހުނަރު، ކުރިން ފެނިފައި ނުވާ ފަދަ ގޮތަކަށް، ފާޅުވެއްޖެ އެވެ. އެ ޝޯ ވެފައި ވަނީ ހުރިހާ ގޮތަކުން ވެސް ވަސީމަށް ހެޔޮވަރު ކޯޓަކަށެވެ. ޝޯގެ ވައްޓަފާޅި އާއި ރާގު ވަސީމްގެ މިޒާޖާއި ސްޓައިލާ ގުޅޭލެއް ބޮޑުކަމުން، އެ މަގާމަށް އޭނާ ނޫން މީހަކު ކުފޫ ހަމަވެދާނެތޯ ސުވާލު ވެސް އުފެދެ އެވެ.

މޯލްޑިވިއަން އައިޑޮލް އިން ފެންނަނީ އޭނާގެ "އަސްލު ކެރެކްޓާ"ކަން މޫސަ އަމިއްލަ އަށް ވެސް ގަބޫލުކުރެ އެވެ.

"ދެވަނަ ސީޒަނަކަށް ދިޔުމާ އެކީގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މީހުން އަޅުގަނޑު ބަލައިގަންނަ ގޮތް ވަރަށް ބޮޑަށް ތަފާތުވެގެން ދިޔަކަން،" ޓީވީއެމުން ވަސީމާ ބެހޭގޮތުން ދެއްކި ޕްރޮފައިލްއެއްގައި އޭނާ ބުނެ އެވެ.

"އަޅުގަނޑަކީ ހާޑްކޯ ނިއުސް މީހެއްގެ ގޮތުގައި ލޭބަލްވެފައި ހުރި މީހެއް. ވެދާނެ، ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަންދެން ޚަބަރު ކީމަ ކަމަށް. އެކަމަކު (މޯލްޑިވިއަން އައިޑޮލްއާ އެކު) މީހުން އަޅުގަނޑު ބަލައިގަތް އަޅުގަނޑުގެ އަސްލު ކެރެކްޓާގައި. އަނެއްހެން ބުނަންޏާ، މޫސާ ވަސީމަކީ މަޖާ ވެސް ކުރާ މީހެއް. އެހާ ސީރިއަސް ވެސް މީހެއް ނޫން."

ގްރެޖުއޭޝަން ރަސްމިއްޔާތުގައި ވަސީމް (ކ) އޭނާގެ މަންމައާ އެކު

ވަޒީފާގައި އުޅެމުން ގައުމީ ޔުނިވާސިޓީގައި ކިޔަވައި މިދިޔަ އަހަރު ނޫސްވެރިކަމުން ޑިގްރީ ހާސިލްކޮށްފައިވާ ޒުވާނާއަކީ މިހާރު ޓީވީއެމްގެ ސީނިއާ އެޑިޓަރެކެވެ. ޕީއެސްއެމްގެ ޗެނަލް "މަޖިލިސް ޓީވީ"ގެ އިންޗާޖެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލް އަށް ވުރެ ބޮޑަށް އޭނާ އިސްކުރަން ޖެހޭ ޒިންމާއެއް މި ވަގުތަކު ނެތެވެ. ޓީވީއެމްގެ އެންމެ ބޮޑު، އެންމެ މަގްބޫލު އަދި އެންމެ ޝަރަފްވެރި އުފެއްދުން ހުށަހަޅައިދޭ ފިރިހެން ޕްރެޒެންޓަރަކަށް މޫސާ ވަސީމް ނޫން މީހަކު ކަމުނުދިޔައީ އެވެ.

ކެމެރާގެ ކުރިމަތިންނާއި ފުރަގަހުން ވެސް ވަސީމަށް މިހާރު ލިބެނީ ލޯތްބެވެ. އިވެނީ ތައުރީފްގެ ބަސްތަކެވެ. އެންމެން އޭނާ ބަލައިގެންފި އެވެ. މިހާރު އެއީ ބޮޑު ޓީމެއްގެ އެންމެ މުހިއްމު އެއް މެމްބަރެވެ. އޭނާ އަށް ދަރިއަކު ލިބުމުގެ އުފަލުގައި އެ ޓީމުގެ އެންމެން ބައިވެރިވި ގޮތް މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ސީޒަނުން ފެނުނު އިރު ސިފަވީ، މީގެ ތިން އަހަރު ކުރިން އެ ހިއްސާކުރި ހިތްދަތި ކަންތައްތަކާ މުޅިން ތަފާތު ދުނިޔެއެކެވެ.

ވަސީމް ދެކޭގޮތުގައި "މީހާ މީހަކަށް ވަނީ އެ މީހާގެ ގޮތުގައި ނުކުމެގެން"ނެވެ. އެހެން މީހުން ރުއްސަން މީހާ ބަދަލުވެ، އަސްލު ސިފަ ގެއްލުވާލާކަށް ނުޖެހެ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް މިހާ ހިސާބަށް އާދެވުނު އެންމެ ބޮޑު (ސަބަބަކީ) އަހަރެންގެ އަޑު، އަހަރެންގެ އަންހެންކަން، އަހަރެންގެ ރަނޑުކަން،" ކައިވެނިކޮށް، މިދިޔަ އަހަރު ލިބުނު އަންހެންދަރިފުޅުގެ ފުރަތަމަ އުފަންދުވަސް މި މަހު 14ގައި ފާހަގަކުރި ވަސީމް، މައިންޑްޓޯކްސްގައި ބުނެލަ އެވެ.

76 ކޮމެންޓް, 580 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 13%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮހޮޑާ

26 February 2017

ޥަސީމްގެ ކަންތަކާއިމެދު ފުންކޮށް ވިސްނާލުމުން ޢަޅުގަނޑު ހިތައްއަންނަނީ އަޅުގަނޑުމެންގެ ކުރީގެރައީސް ނަޝީދު ވިދާޅުވި ރައިވަރެއް. ޢެއީ... ސުދާރަށް ގުދުވެ އޮވެ ނުދާނެރަކުން ގޮދާ ދެމީމާ ފަސާދަނުވާކަމަށް ވޭހެއްޔޭ.

The name is already taken The name is available. Register?

ޒޫނާ ނަސީމް

26 February 2017

މޫސާ ވަސީމް ދެއްތޯ! މޫސާ ވަސީމަކީ ރަނޑު މިޒާޖުގެ ފިރިހެނެކެވެ. އެކަމަކު އޭނާގެ ރަނޑުކަމާއި އޭނާއަށް ލިބިފައިވާ ހުނަރަކާ އަޅާ ކިއާކަށް ނުޖެހެއެވެ. މޫސަ އަކީ ވަރަށް ކެރިގެން އަދި އެ ހުށަހަޅާ ޕްރޮގްރާމަކަށް ވަރަށް ތައްޔާރު ވެގެން ކުރިމަތިލާ ޤާބިލު ޕްރެޒެންޓަރެކެވެ. އޭނާގެ ހެދުން އެޅުމާ، މޫނުމަތީގެ އެކްސްޕްރެޝަންތަކާ، މަޢުލޫމާތުގެ ޙަޒާނާ އަކީ ކޮންމެ ކޮންމެ މީހަކަށް ލިބިގެންވާ ސިފަތަކެއް ނޫނެވެ. އެހެން ނޫނަސް އަޅުގަނޑުމެން ދިވެހިންގެ ހުންނަ ވަރަށް ކަމުނުދާ ސިފައެއްމީ، އެހެން މީހުންނަށް ބަދުބަސް ކިޔާ، އެހެން މީހުންގެ ކުޅަދާނަ ކަންކަމަށް ފާޑުކިޔާ އެމީސް މީހުން ޑީމޯޓިވޭޓް ކުރުމަކީ. މޫސާ އަށް ހަމަ އައްސަރިބަހާ ސާބަސް. ތިއައީ ހަމަ ކުޅަދާނަ ފިރިހެނެއް. މީހެއްގެ ހުންނަ ރަނޑު ސިފައަކަށް ބަލާނެ ކަމެއްނެތް. ދުނިޔެއަަށް ފޮނުއްވެވިގޮތް. އެމީހަކު އެމީހެއްގެ މުސްތަޤްބަލައިގެން ހަމަ ކުރިއަށްދާންވީ. ހެޓްސް އޮފް ޓު ޔޫ މޫސާ ވަސީމް. ވީ ލައިކް ޔޯ ވާރކް ވެރީ މަޗް. ކީޕް ގޮއިންގ.

The name is already taken The name is available. Register?

މިރުފަތު ހަނީފް

26 February 2017

މޫސް އަކީ ވަރަށް ބޯއިޝް ކުއްޖެއް.

The name is already taken The name is available. Register?

ވަސިންތަ

26 February 2017

ވަސީ އަށް މިހާރު ތިޔައޮތީ ބޮންތިއަށް އެރިފައިކަމަށް ތިޔަބުނަނީ އެކަމު އެރި ބޮންތީގައި ނީށީންނާތި.

The name is already taken The name is available. Register?

އެއްކަލަ މީހާ

25 February 2017

ގަބޫލުކުރަން މޫސައަކީ ވަރަށްވެސް ހުނަރުހުރި ބޭފުޅެއްކަން. ކުޑައިރު އަޅުގަނޑަށްވެސް އެންމެ ކަމުދިޔަ ޚަބަރުކިޔުންތެރިންގެ ތެރޭގައި ހިމެނުނު އެއްބާފުޅާއެއީ. މޫސަމެންފަދަ ޓެލެންޓް ހުރި ޕްރެޒެންޓަރުންނަށް މޯލްޑިވިއަން އައިޑޮލް ފަދަ ބެނާއެއްގެ ދަށުން ވަރަށް ފަސޭހައިން ބޮޑު މަޤުބޫލުކަމެއް ހޯދިދާނެ.

The name is already taken The name is available. Register?

މަހީިިހީ

25 February 2017

މީވަރަށް ދެކޮޅުނުޖެހޭ ވާހަކައެއް. އައިޑަލް ކަހަލަ ބޮޑުފްރެންޗައިޒް ޝޯއެއް ހުށަހަޅަން ލިބުނީމަ ކޮންމެމީހަކުވެސް ބޮންތިއަށް އަރާނެ. ވަރަށް ކައިރިން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން މޫސައާައި ހަވާލުކުރެވުނު އެހެން މަސައްކަތްތައް އަދާކުރީކިހާ މިންވަރަކަށްތޯ ކިޔާދިންނަމަ ވަރަށް ރަނގަޅުވީސް. ބޮންތިއަށް އެރިދާނެ ތިގޮތަށް. އެކަމަކު ހަގީގީ ބޮންތިއަކީ މީހާއާއި ހަވާލުކުރެވޭ ހުރިހާ ޒިއްމާއެއް ފުރިހަމައަށް އަދާ ކުރުމާއެކު ފުރިހަމަ ޑިސިޕްލިންއެއްގެ ތެރެއިން މަސައްކަތް ފުރިހަމަ ކުރުން. ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތުގެ ފުރިހަމަ އަޚްލާގެއްވެސް ހިފެހެއްޓުން. ޓީވީއެމްގައި ވަރަށް ބުރަ މަސައްކަތްކޮށް ވަރަށް ޑިސިޕްލިންއާއެކު މަސައްކަތްކުރާ މުވައްޒަފުން އެބަތިބި.

The name is already taken The name is available. Register?

ވަރަށް ދެރަ

25 February 2017

މިއީ ހަމައެކަނި މޫސާ ވަސީމްއަށް ދިމާވި ގޮތެއްނޫނެވެ. އަލީ ސުލައިމާންއަށްވެސް ޓީ.ވީ.އެމް މީހުން ހެދީ ހަމަ މިހެންނެވެ. ވީމާ، ތިމާ ދިފާއުވާން އަނގަ ނުހުޅުވާނެވެ. ވަރަށް ރޭސިސްޓް ތަނެއް ޓީ.ވީ.އެމް އަކީ. ގައުމީ ޓީވީ އޯ އެކަމު.

The name is already taken The name is available. Register?

ލކ

25 February 2017

އަޅެ އެއީ 2013 ގެ ވިޑިއޯއެއް.

The name is already taken The name is available. Register?

މީހާ

25 February 2017

އަސްލު ޓީވީ އެމް ތެރޭގެ ކަންތައްތައް ހިގާފައި މިވާ ގޮތާއި ދޭތެރޭ ބުނަން ބޭނުން އެނެ ކާގެ އިހްސާސަށް ގަދަރު ކުރުމުގެ ކަންފުޅެއް ވެސް ނެތޭ. ލަދުހީވޭ

The name is already taken The name is available. Register?

ޢަާމިނަތު

25 February 2017

ވަރަށް ގިނަ ސްކޫލް ތަކުން ބުލީކުރުން އޮވޭ. ދެރަކަމަކީ ބައެއް ޓީޗަރުންވެސް މިކަން ކުރާތީ. ކުދިން ކުދިން ތަފާތު ކުރާތީ. މުއްސަނދި މީހާގެ ދަރި ހުރިހާ ކަމަކަށް މޮޅުކުރާނެ. ހަމައެގޮތަށް ފަޤީރުމީހާގެ ދަރި ދެރަ ނިކަމެތި ކޮށްފަ ): ވަރަށް ދެރަދެން....

The name is already taken The name is available. Register?

ޝީނު

25 February 2017

މޫސަ ރަނޑުކަމަކަށް މަށަކަށް ފާހަގަވެފައެއް ނެތް. މޫސައަކީ ފިރިހެނެއް. ލަނީ ފިރިހެން ހެދުން، ބޯކޮށާފަ ހުންނަނީ ފިރިހެނެއްހެން. ފިރިހެން އަޑެއް ހުންނަނީ. އަންހެނަކާ ކައިވެނިކޮށްގެން އުޅެނީ. ހަމަ ފިރިހެންވަންތަ ސިފަތަކެއް ނޫންތަ އެއީ؟ އޭގެ ބަދަލުގައި ބޯދިގުކޮށްފައި ކަންފަތްތޮރުފާފައި، ކަރުގައި ފަށްއަޅާފައި ނަމުގައި ފިރިހެން ވަންތަ ވެގަނެގެން އުޅޭ ޕާޓޭން ނަކީ މާ ރަނޑުބައެއްހެން ހީވަނީ.

The name is already taken The name is available. Register?

ތާއީދު

25 February 2017

100 ޕަސެންޓް ތާއީދު! ކަރާއި ބޮލާއި އަތާގައި އެތަންމިތާގައި ފަށާ ކެވެއްޔާ ޗޭނު އަޅައިގެން އުޅޭ ޕާޓޭންނާއި ފިރިހެނުން އަސްލު މާ އަންހެން ރަނޑު ގޮތް އުފެދުމުގައި ހުންނަ ފިރިހެނުންނަށްވުރެ! ކިތައްމެ ފިރިހެން ވާން އުޅުނަސް ފިރިހެން ސިފައެއް ނޫން ޗޭނާއި ފަށާއި ފާޑޫފާޑުގެ ކެވެލި އެޅުމަކީ

The name is already taken The name is available. Register?

ރަޑޭ

25 February 2017

މިޙާރު މާ ބޮޑަށްވެސް ކެރީމާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454