ރިޕޯޓް / ކ. ކާށިދޫ

އިތުރު ވާހަކައެއް ނެތް: މި ދެ ނަމުން އެކަނި ވެސް ފުދޭ!

މަދަހަ ކިޔުމުގައި ރީތި އަޑެއްގެ ގޮތުގައި މުޅި ރާއްޖެ އަށް މަޝްހޫރުވި ކާށިދޫ މުޝްތަރީ ކްލަބްގެ ދެބެންގެ ތެރެއިން އިސްމާއީލް މޫސާ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/ މިހާރު

07 މާޗް 2017 - 06:21

21 comments

"ދެން މި ގެނެސްދެނީ ކ. ކާށިދޫ މުޝްތަރީ ކުލަބުގެ އީސާ މޫސާ އާއި އިސްމާއިލް މޫސާގެ މަދަހައެއް."

މިއީ، ވަރަށް ގިނަ ބައެއްގެ ސިކުނޑީގައި ހަރުލާފައި ހުންނާނެ ޖުމްލައެއްކަން ކަށަވަރެވެ. ނަވާރަ ސަތޭކަ އަށްޑިހައިގެ ތެރެއިން ގޮސް ނުވަދިހައިގެ އަހަރުތަކުގައި ވެސް ކޮންމެ ހުކުރު ނަމާދަކަށް ފަހު، މި ދެ ނަން ރޭޑިއޯ އިން ނީވޭނީ މަދު ހުކުރެއްގަ އެވެ. އެ މީހުންގެ މަދަހަތައް ދިވެހި ވަރަށް ގިނަ ބައެއްގެ ސިކުނޑީގައި ވަނީ ބިންވަޅު ކަނޑައި ނެގިފަ އެވެ. މި ދެ މީހުން އެކުގައި ކިޔާފައި ހުރި މަދަހަތައް، މިހާރުގެ ޒުވާނުންނާއި ސްކޫލު ކުދިން އެކިއެކި މަދަހަ މުބާރާތްތަކުގައި ކިޔަމުން އަންނަނީ އެއީ ނަމޫނާ މަދަހަތަކެއްގެ ގޮތުގައި ބަލައިގެންނެވެ.

video icon

މިއީ، މުޅި ކާށިދޫ މަޝްހޫރުކޮށްލި ދެބެއިންނެވެ. ރޭޑިއޯގެ ޒަރީއާއިން އެ ދެ ދެބެއިން ހޯދި މަޝްހޫރުކަން މުޅި ރާއްޖެ އަށް ފެތުރިގެން ދިޔަ އެވެ. ދަތުރުތަކުގައި ކާށިދު އަށް ދާ ވަރަށް ގިނަ މީހުން އެ ދެބެއިން ހޯދަން ދެ އެވެ. އެ މީހުން ލައްވައި މަދަހަ ކިޔުއްވަ އެވެ.

ޓީވީގެ ޚިދުމަތް ފުޅާ ނުވާއިރު، 1980ގެ އަހަރުތަކުގައި އެންމެންގެ ބައިވެރިއަކީ ރޭޑިއޯ އެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ލައިވް އަށް ފަހު، ދިވެހިރާއްޖޭގެ އަޑުން މަދަހައިގެ ރިކުއެސްޓް ޕްރޮގްރާމް ފޮނުވާ ވަގުތަކީ އޭރުގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ވަގުތުކޮޅެކެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު އެދިގެން ތަކުރާރުކޮށް ރޭޑިއޯ އިން ފޮނުވި މަދަހަތައް ކަމުގައި ވާނީ އިސްމާއީލް މޫސާ، 74، އާއި އީސާ މޫސާ، 68، ގެ އަޑުން ކިޔާފައިވާ މަދަހަތަކެވެ. ގިނަ ބަޔަކު އެ ދެ އަޑު ސިފަކުރަނީ، އަޑުއަހާލަން ފަސޭހަ، ސާފު ދެ އަޑުގެ ގޮތުގަ އެވެ.

ކާށިދޫ، ފިނިވާގޭ ކަތީބު ކަލޭފާނުގެ ހަ ދަރިންނަކީ ވެސް މިޔުޒިކީ ހަމަތަކާއި ރީތި އަޑެއް ލިބިފައިވާ ބައެއް ކަމަށް އެ ރަށު މީހުން އެއްބަސްވެ އެވެ. އޭގެ ތެރެއިން މުޅި ރާއްޖެ އަށް އިވިގެން ދިޔަ އިސްމާއީލާއި މޫސަގެ މިއަދު ވެސް ހުރީ ހަމަ އެ އަޑެވެ. އަޑުގެ ސާފުކަމާއި އަކުރުތައް ކިޔުމުގައި ތަފާތެއް ނެތެވެ. މިހާރު ވެސް އެ ދެ އަޑު އަހާލަން ހަމަ ހިތްގައިމެވެ. އައި ބަދަލަކީ، އުމުރުން ދުވަސްވުމުން ނޭވާ ތަންކޮޅެއް ކުރުވެފައި ވުމެވެ.

ޒަމާނުއްސުރެ މިޔުޒިކީ މާހައުލެއްގެ ތެރޭގައި އުޅެ ބޮޑުވި މި ދެބެންނަށް، މަދަހައިގެ ދުނިޔެ އަށް ވަދެވުނީ، އިސްމާއީލް ބުނި ގޮތުގައި، އެ އާއިލާގެ ތެރެއިން އުފެދި މުޅި ރާއްޖެ އަށް މަޝްހޫރުވެގެން ދިޔަ މުޝްތަރީ ކްލަބްގެ ސަބަބުންނެވެ. އެ ކްލަބްގެ މުސްތަޝާރަކީ އެންމެ ދޮށީ ބޭބެ އަލީ ރިޒާ އެވެ. ރައީސަކީ ދެން ހުރި ބޭބެ ހަސަން ޒާހިރެވެ. ނައިބު ރައީސަކީ އިސްމާއީލް މޫސާ އެވެ.

ކާށިދޫ ކަތީބު ކަލޭފާނުގެ ހަ ދަރިން (ކ-ވ): އީސާ މޫސާ، ހުސައިން މޫސާ، އިސްމާއީލް މޫސާ، ހަސަން ޒާހިރު، އަލީ ރިޒާ، އަދި އިށީނދެގެން ރަޝީދާ މޫސާ.

"އެއީ މުޅި ރާއްޖެ އަށް މަޝްހޫރު ކްލަބެއް. އަޅުގަނޑުމެންގެ ކްލަބްގެ އޮންނާނެ މައިގަނޑު ތިން ކަމެއް. އެއީ މިޔުޒިކް ކުޅުމާއި މަދަހަ ކިޔުމާއި މާލޫދު ކިޔުން. އެއީ މި ގޭ ތެރޭގައި ހިންގި މި އާއިލާގެ ކްލަބެއް. މިހާރު ވެސް އެ ކްލަބް އެބަ ހިނގާ. މިހާރު އެ ކްލަބް ހިންގުމުގައި އުޅެނީ އަޅުގަނޑުމެންގެ ދަރިންތައް،" މަދަހައިގެ ދުނިޔެ އަށް ވަދެވުނު ގޮތް ކިޔައިދޭން ފަށަމުން އިސްމާއީލް މޫސާ ބުންޏެވެ.

އިސްމާއީލް ބުނި ގޮތުގައި ދެބެންގެ އަޑު މުޅި ރާއްޖެ އަށް އިއްވައިލުމުގައި މެދުވެރިއަކަށްވީ އެންމެ ދޮށީ ބޭބެ އަލީ ރިޒާ އެވެ.

"އަޅުގަނޑުމެންގެ އެންމެ ދޮށީ ދެ ބޭބެ، ރިޒާބެ (އަލީ ރިޒާ) އާއި ޒާހިރުބެ (ހަސަން ޒާހިރު)، އަޅުގަނޑުމެން ކުޑައިރު ވެސް މައުލޫދު ގުރޫޕެއް ގެންގުޅޭނެ މި ގޭގައި. އޭގައި އަޅުގަނޑުމެން ބައިވެރިވެގެން އެންމެ ފުރަތަމަ މައުލޫދު ކިޔަން ގޭގެ އަށް ފެށީ. އެހެން އުޅެނިކޮށް ރިޒާބެ އެންމެ ފުރަތަމަ ދިވެހި ބަހުން މަދަހަ ހައްދަވަން ފެއްޓެވީ. މަރްހޫމް ޝައިޚް މުހައްމަދު ޖަމީލް ދީދީގެ ލަފާފުޅާ އެއްކޮށް ރިޒާބެ ފެއްޓެވި ކަމެއް އެއީ. ދެން މަދަހަ ހަދާފައި އަޅުގަނޑުމެން ދެބެން ލައްވައި މަދަހަ ކިޔުއްވީ. ބޭބެ ބޭނުމެއް ނުވި އެހެން މީހަކު ލައްވާ ކިޔުއްވާކަށް،" މަދަހަ ކިޔަން ފެށުނު ގޮތް އިސްމާއީލް ބުންޏެވެ.

ނަމަވެސް އޭރު މަދަހަ ކިއީ މުޅި ރާއްޖޭގެ އެންމެނަށް އަޑު އިއްވާކަށް ނޫނެވެ. އަދި އަޑު އިވިދާނެ ކަމަށް ހިއެއް ވެސް ނުކުރެ އެވެ. ނަމަވެސް އެ ނަސީބު ވެސް އަތުގައި ހިފީ، ގޭގެއަށް މިޔުޒިކް ކުޅެދިނުމަށް މާލެ އައި ދަތުރުވަރެއްގައި ކަމަށް އިސްމާއީލް ބުންޏެވެ.

އިސްމާއީލް މޫސާ އާއި އީސާ މޫސާ ކިޔުމަށް، ބޭބެ އަލީ ރިޒާ ހަދައިދިން މަދަހަތައް ހިމެނޭ މަދަހަ ފޮތެއް.

"ލަވަ ކިޔަން އެންމެ ފުރަތަމަ މާލެ ދިޔައީ ހެންވޭރު ކޮޅުގައި ބޭއްވި ކާނިވަލެއްގެ ބަޔަކު މި ރަށަށް އައިސް އަޅުގަނޑުމެން ގެންދިޔައީމަ. އެ ކާނިވާ ނިންމާފައި ރަށަށް އައި ތަނާ އޭރުގެ ރައީސް އިބްރާހީމް ނާސިރު ވިދާޅުވެގެން ދެ ވަނަ ފަހަރަށް އަޅުގަނޑުމެން މާލެ އަށް ދިޔައީ. އެއީ މާލޭގެ ގޭގޭގައި އުޖޫރަ އަށް މިޔުޒިކް ކުޅެދޭން ގެންދިޔަ ދަތުރެއް. އެކަމުގައި އަޅުގަނޑުމެންނާ ހަވާލުވެގެން އުޅުއްވީ ސައިކުރާ އިބްރާހީމް ނައީމާއި ވެލާނާގޭގައި އުޅުނު އެހެން މީހަކާ ދެމީހުން. އެ މީހުންގެ ބެލުމުގެ ދަށުން އަޅުގަނޑުމެން ގޭގެއަށް ގެންދަނީ އެ ގޭގޭގެ މީހުން އެދުނީމާ. އެ ދަތުރުގައި މާލޭގައި ތިބި އިރު ލަވަތަކާއި މަދަހަތައް ރިކޯޑްކުރީ ރޭޑިއޯ މޯލްޑިވްސްގެ ސްޓޫޑިއޯ އަށް ގެންގޮސްގެން."

އިސްމާއީލް ބުނި ގޮތުގައި އެ ދެބެންގެ މަދަހަތައް ރެކޯޑްކުރި އިރު ހަރުމަނިޔާ ކުޅެފައި ހުންނާނީ އޭނާ އަމިއްލަ އަށެވެ. އޭރު ވެސް އެއީ ކިހާ ވަރެއްގެ މަގުބޫލު ކަމެއް ލިބިދާނެ ކަމެއް ކަން ހިތަށް ނާރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ދަތުރު ނިންމާފައި ރަށަށް އައިތާ ދުވަސްކޮޅެއް ފަހުން ރޭޑިއޯ އިން އެ މަދަހަތައް ފޮނުވަން ފެށީ. އެ މަދަހަތައް އިވެން ފެށީމާ ރަށުގެ މީހުން ތިބީ ވަރަށް ގަޔާވެފައި. ރާއްޖެތެރޭ ރަށްރަށުގެ މީހުން ވެސް ދަތުރުވަރެއްގައި މި ރަށަށް ޖައްސައިފިއްޔާ އަޅުގަނޑުމެންނާ ބައްދަލުކުރަން ވެސް އަންނާނެ. އެ މީހުން ވެސް ބުނާނެ މަދަހަތައް ވަރަށް ރީއްޗޭ. ވަރަށް ހިތްވަރު ދީ ތައުރީފް ކޮށް ހަދާނެ،"

އޭނާ ބުނި ގޮތުގައި ދެބެން ކީ ހުރިހާ މަދަހަތައް ވެސް މީހުންގެ މެދުގައި ވަރަށް މަގުބޫލުވި އެވެ. ނަމަވެސް މާލޭގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ މަދަހައަކަށްވީ، "އަދަބާ އެކީ އަދާ ކުރަނީ، ޠާހާގެ އަރިއަހަށް" ކިޔާފައި ފެށޭ މަދަހަ ކަން އޭނާ ފާހަގަކުރި އެވެ.

މަދަހަ ކިޔާ ރީތި އަޑެއްގެ ގޮތުގައި މަޝްހޫރުވި އިސްމާއީލް މޫސާ، އޭނާގެ ގޭގެ ސިޓީން ރޫމްގައި އިނދެ މަދަހަ ފޮތެއް ކިޔަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެންމެ ރީތިކޮށް ކިޔިފައިވާ ކަމަށް ގަބޫލުކުރައްވަނީ ކޮން މަދަހައެއްތޯ އަހައިލުމުން އީސާ މޫސާ އަށް އެހާ ސީދާ ޖަވާބެއް ނުދެއްވުނެވެ. އެއީ އެކި މީހުންގެ ޚިޔާލު އެކަމުގައި ތަފާތު ކަމުންނެވެ.

"ވަރަށް ގިނަ މަދަހަ ހުންނާނެ ވަރަށް ރީތިކޮށް ކިއިފައި. ދެން ރާގު އެއްޗެހި އެނގޭ މީހުންނަށްތާ އެނގޭނީ ކިއިފައި ހުންނަ ގޮތް. އެންމެ ރީތިކޮށް ކިޔުނީ މިވެނި މަދަހައެކޭ ކިޔާފައި އެއް މަދަހައެއްގެ ނަން ދަންނަވާކަށް ނޭނގޭ. ހުންނާނެ ވަރަށް ރީއްޗަށް ބައެއް މަދަހަ ކިއިފައި. ވަރަށް ހިތްހަމަޖެހޭ މަދަހަތައް ކިއިފައި ހުރި ގޮތާ މެދު."

ދެބެންގެ މަދަހަ ކިޔުމާ އެންމެ ބޮޑަށް ގުޅިފައިވަނީ އެ މަދަހަތައް ހެއްދެވި ރިޒާބެ ކަމަށް އިސްމާއީލް މޫސާ ބުންޏެވެ. އެއީ އެ ދެބެން ކިޔާފައިވާ ހުރިހާ މަދަހައަކީ ވެސް ރިޒާ ހައްދަވާފައިވާ މަދަހަ ކަމުގައި ވުމެވެ. އަދި އެ މަދަހަތަކާއި ރާގުތަކަކީ ވެސް "ރިޒާބެގެ ރަހަ" އެވެ.

"އޭރު މި ގޭގައި ވެސް މި ރަށުގައި ވެސް ނުހުންނާނެ ލަވަ ޖެހޭކަށް، ލަވައެއް ރިކޯޑް ކުރެވޭކަށް ވެސް. އޭރު މި ރަށަށް ގިނައިން ލިބޭނީ ބޭރުގެ ރޭޑިއޯތަކުގެ އަޑު. އިންޑިޔާ ރޭޑިއޯ އާއި ލަންކާ ރޭޑިއޯގެ އަޑު ލިބޭނެ މި ރަށަށް. އެ ރޭޑިއޯތަކުން ފޮނުވާ ލަވަތަކުގެ ރާގު އަޅުގަނޑުމެން އަޑުއަހައިގެން އޭރު މަދަހަ އާއި ލަވަ ކިޔައި އުޅުނީ. އެ ރާގުތައް އަޑު އައްސަވައިގެން ބޭބެ މަދަހަ ހައްދަވާފައި ހުންނާނީ."

އިސްމާއީލް ބުނި ގޮތުގައި ރެކޯޑްކުރެވޭނެ ގޮތެއް ނެތުމުން ލަވަ ނުވަތަ މަދަހައިގެ ރާގުތައް ރެކޯޑަރަކުން ޖަހައިގެން ދަސްކުރުމުގެ އެއްވެސް ފުރުސަތެއް އޭރަކު ނުލިބެ އެވެ.

ރިޒާ ހައްދަވާފައިވާ މާލޫދު ފޮތެއްގެ ސޮފުހާއެއް

"އެ ލަވައެއް ރޭޑިއޯ އިން އަންނަ ވަގުތު އަޑުއަހައިލެވޭނީ. އެހެންވީމާ، އަޅުގަނޑުމެން ކިޔާފައި ހުރި ބައެއް ރާގުގައި ހުރެދާނެ އޭގެ އަސްލު ރާގާ ތަފާތު ގޮތެއް ވެސް. ރިޒާބެ ވަރަށް ކުޅަދާނެ އިނގޭތޯ އެ ކަމަށް. ރޭޑިއޯ އިން ލަވައެއް އިވޭ ވަގުތު އެ ލަވަ އަޑުއަހާލައިގެން އެ ރާގަށް މަދަހަ ވިޔަސް ނޫނީ ލަވައެއް ވިޔަސް އެ ހައްދަވަނީ."

ދެބެންގެ މަދަހަތަކާ އެކު މުޝްތަރީ ކްލަބްގެ ނަން މަޝްހޫރުވެގެން ދިޔަ އިރު، އެހެން ދާއިރާއެއްގައި ވެސް އެ ކްލަބްގެ ނަން ދިޔައީ ވިދަމުންނެވެ.

"މި ޒަމާނުގެ ގޮތަށް ބަނޑިޔާ ޖެހުން ވެސް ތައާރަފް ކުރީ އަޅުގަނޑުމެންގެ ކްލަބްގެ ތެރެއިން. އަޅުގަނޑުމެން އެންމެ ކުޑައިރު ވެސް ބަނޑިޔާ ޖެހުން އޮންނާނެ. އެކަމު އޭރު ޖަހައި އުޅުނީ ލޯ ބަނޑިޔާ. ރިޒާބެ އެ ކުޅިވަރު މި ޒަމާނުގެ ގޮތަށް ތަހުޒީބުކުރީ. މި ޒަމާނުގެ ގޮތަށް ބަނޑިޔާ ޖެހުމުގެ ސިފަތައް ބަދަލުކޮށްލީ ރިޒާބެ. ރިޒާބެމެން ގޮސްގެން ތޮއްޑޫ މީހުންނަށް ވެސް، މިހާރު އެ ޖަހާ ގޮތަށް ބަނޑިޔާ ޖަހަން ދަސްކޮށްދިނީ. ދ. ކުޑަހުވަދޫ ކުދިންނަށް ވެސް ދަސްކޮށްދޭން ދިޔަ. އަދި މިހާރުގެ މި ގޮތްގޮތަށް އެކި ލަވަތަކަށް ފައި ހަމަކުރަމުން ބަނޑިޔާ ޖަހަން ތޮއްޑޫ ކުދިންނަށް ދަސްކޮށްދިނީ ހަމަ ރިޒާބެ އެ ރަށަށް ގޮސް ހުރެގެން،" އިސްމާއީލް ބުންޏެވެ.

ހަތަރު ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންގެ ބައްޕަ އަދި 22 ކުދިންގެ ކާފަ އިސްމާއީލް ބުނި ގޮތުގައި ދެބެންގެ މަދަހަ ކިޔުން ހުއްޓުމަކަށް އައީ މާލޫދު ކިޔުން ހުއްޓުނު ހިސާބުންނެވެ.

"އެކަމަކު ހުއްޓައިލީ ވަކި މިވެނި އަހަރެއްގައޭ ބުނާކަށް ނޭނގޭ. އަޅުގަނޑުމެން މަދަހަ ކިޔުމާއި ލަވަކިޔުން ހުއްޓައިލިފަހުން ވެސް ރޭޑިއޯ އިން އަޅުގަނޑުމެންގެ މަދަހަތައް ފޮނުވި. ހުއްޓާލައިފިން ވަރަށް ކުރިން. އޭގެ ފަހުން އެއްގޮތަކަށް ވެސް ނުކިޔަން."

މާލޫދު ކިޔުން ހުއްޓުމާ އެކު އެ ދެބެންގެ އަޑު ކެނޑިގެން ދިޔަސް، އެ އާއިލާގައި އަދިވެސް މިޔުޒިކީ ދިރުން އެބަހުއްޓެވެ. އިސްމާއީލް މޫސާގެ ދަރިންގެ ތެރެއިން މަޖީދު އިސްމާއީލަކީ މިހާރު ވެސް އޮލިމްޕަހުގެ އެންޓާރީސް ގްރޫޕުގެ މެމްބަރެކެވެ.

ދެން ހުރީ 90ގެ އަހަރުތަކުގައި މުޅި ރާއްޖެ އަށް މަޝްހޫރުވެގެން ދިޔަ ލަވަކިޔުންތެރިޔާ އަދި މިޔުޒިކް ކުޅުންތެރިޔާ އިމާދު އިސްމާއީލެވެ. އަދި އޭނާގެ ފަހުން އޭނާގެ އަންހެން ދަރި، އަދި މޯލްޑިވިއަން އައިޑަލްގެ އެއް ފަނޑިޔާރު، މަޝްހޫރު ލަވަކިޔުންތެރިޔާ، އިސްމާއީލް މޫސާގެ ކާފަ ދަރި މަރިޔަމް އުނޫޝާ އެވެ.

21 ކޮމެންޓް, 165 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 2%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚަމީ

09 March 2017

ދެމީހުންގެ އިންޓަވިޔު ވެސް ޖަހާލި ނަމަ ވަރަށް ސަޅި ވީސް

The name is already taken The name is available. Register?

ރީތި މޫސަ

07 March 2017

އުނޫސާގެ މޮޅުކަމަކީ ޢާއިލީމޮޅުކަމެއްކަން އަދިކިރިޔާ މިއެނގުނީ ކާފަޔަކީ އާދަޔަޚިލާފު މޮޅު މަދަހަކިއުންތެރިއެއް މިޒަމާނުގަ ނުވެސްފެންނާނެއޭ އެފެންވަރުގެ މަދަހަކިއުންތެރިއެއް ބުންޏަސް ގޯހަކަށްނުވާނެ ވަރަށްރީތި މަދަހަތަށް ކާފަކިޔާފަވޭ ޝުކުރިއްޔާ މިއާޓިކަލް ގެނެސްދިން ލިއުންތެރިޔާއަށް ގެންލެމުންދިޔަ މޮޅުހުނަރު ވެރިޔެއް އަލުން ނެރެ އާއްމު ކޮށްދިނީތީ

The name is already taken The name is available. Register?

ފާތުން

07 March 2017

އެއީ އުނޫޝާގެ ކާފަކަންވެސް އަދިކިރިޔާ މިއެނގުނީ.

The name is already taken The name is available. Register?

އާދަނު

07 March 2017

ޝުކުރިއްޔާ އަޙުމަދު ޢަބްދުﷲ ސަޢީދު.

The name is already taken The name is available. Register?

އަލީ

07 March 2017

މި އަާޓިކަލް ލިޔުނު އަހުމަދު އަބްދުﷲ ސަޢީދަށް ހަމަ ސާބަސް، ތީ އަސްލު ނޫސްވެރިކަމަކީ، "މިހާރު" ނޫހުން ކިޔުނު އެންމެ އަޤުހުރި އާޓިކަލް މިކިޔުނީ.

The name is already taken The name is available. Register?

ހުކުރު

07 March 2017

ހުކުރު ދުވަހެއްގެ އިހްސާސް އެންމެ ބޮޑަށް ކުރެވެނީ މި މަދަހަ އަޑު އިވުމުން

The name is already taken The name is available. Register?

ޝުކުރިއްޔާ

07 March 2017

ޝުކުރިއްޔާ މިހާރު ނޫހަށް މިމައުލޫމާތު ގެނެސްދެއްވީތީ. ވަރަށް އުފާވެއްޖެ މަދަހައިގެ އަޑުގެ ވެރިން ފެނި ކޮންބައެއްކަން އެނގުނީމަ.

The name is already taken The name is available. Register?

ރަދީފް

07 March 2017

ކްލެސިކް މަދަހައެއް.ރޭގަވެސް އެމަދަހަ އަޑުއެހިން.ވަރަށް އަސަރުގަދަ.

The name is already taken The name is available. Register?

ކައުންސެލަރު

07 March 2017

މިއޮތީ އެލިންކު https://www.youtube.com/watch?v=hnzLQl0rb4E ވާހް.... ކިޔުއްވުން ކިހާ ފުރިހަމަ..

The name is already taken The name is available. Register?

ހުސެން

07 March 2017

އެދެބާފުޅުންގެ އާ މަދަހަތަކެއް ނިކުންނާނެނަމަ ދޯ މިކަމާ ވިސްނަބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454