ރިޕޯޓް

މަރުގެ އަދަބު ތަންފީޒުކުރުމުގެ ފަހު ބާރު އޮތީ ވާރިސުންނަށް، ރައީސަކަށް ނޫން

މަރުގެ ހުކުމް އިއްވާފައިވާ މުއްރަތު ސުޕްރީމް ކޯޓުގެ އަޑު އެހުމަކަށް ފަހު ނެރެގެން ގެންދަނީ: ސުޕްރީމް ކޯޓުން ނިންމިޔަސް އެންމެ ފަހު ބާރު އޮތީ ވާރިސުންގެ އަތްމަތީގައި --މިހާރު ފޮޓޯ/މުހައްމަދު ޝަރުހާން

20 ޖޫން 2016 - 08:15

37 comments

ރާއްޖޭގައި މަރަން މަރުހިފާނެ ކަމާއި އެކަން ތަންފީޒުކުރަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ގިނަ ފަހަރު ވިދާޅުވެފަ އެވެ. ތަކުރާރުކޮށް އެގޮތަށް ރައީސް ވިދާޅުވަމުން ގެންދަވާތީ ބައެއް މީހުންނަށް ހީވާނީ މަރުގެ އަދަބު ތަންޒީފުކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ހެންނެވެ. އެކަމަކު ރާއްޖޭގައި ހަދާފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު އެއަށް ވުރެ ބޮޑު ބާރެއް ނުވަތަ އެންމެ ފަހު ވަގުތުގެ ހުރިހާ ބާރެއް އޮތީ ރައީސަށް ނުވަތަ ސުޕްރީމް ކޯޓަކަށް ވެސް ނޫނެވެ؛ މަރުވި މީހާގެ ވާރިސުންނަށެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރި ފަހުން ރާއްޖޭގައި ދައުލަތުން މީހަކު މަރާފައެއް ނުވެ އެވެ. އޭގެ ފަހުން މަރުގެ އަދަބު ތަންފީޒުކުރުމާ އެންމެ ކައިރި އަށް ވެސް ދިޔައީ 1988 ގައި ރާއްޖެ އަށް ދިން އަދި 19 ދިވެހިން މަރުވި، ޓެރަރިސްޓް ހަމަލާގައި އިސްކޮށް ތިބި މީހުންނަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން މަރަން ހުކުމްކުރުމުންނެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 1989 ގައި، މުޅި ރާއްޖެ އަށް އިއްވެވި ގަރާރެއްގައި، އެ އެންމެންގެ މަރުގެ އަދަބު، އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރެއްވިކަން އިއުލާންކުރެއްވި އެވެ.

މީހުން މެރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ ހުކުމް އިއްވުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ނުކުރާ ކަމަކީ ތަންފީޒުކުރުމެވެ. މަރުގެ އަދަބު ތަންފީޒުނުކޮށްގެންނެއް އާންމުން އޭރު ކަންބޮޑެއް ވެސް ނުވެ އެވެ. އެކަމަކު ވާރިސުންނަށް ލިބިފައިވާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ނިގުޅައިނުގަނެވޭނެ ކަމަށް އޭރު ވެސް މަދު ބަޔަކު ވާހަކަ ދައްކަ އެވެ.

ގާތިލުންނަށް މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭނެ ކަމަށް އާންމުންގެ ތެރޭގައި އެންމެ ގަދައަށް ވާހަކަދެކެވެން ފެށީ ގޭންގް ކުށްތަކުގަ އާއި އެހެން ވެސް ރުޅިވެރިކަމުގައި މީހުން މެރުން ގިނަވަމުން ދާތީ މާޔޫސްވެގެންނެވެ. މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލައިލާ އިރު މީހަކު މަރާލިކަމުގެ ޚަބަރުން އާންމުންނަށް ޝޮކެއް ލިބި، ބިރުވެރިކަން ފެތުރެ އެވެ. އެކަމަކު މިހާރު މަރެއްގެ ވާހަކަ އިވިގެން އާންމު މުޖުތަމައު ސިހޭ ވަރަށް ވުރެ ލޭއޮހޮރުވުން އޮތީ އާންމުވެފަ އެވެ.

ރައީސްގެ ޖެހިލުންވުން ކުޑަ ވާހަކަފުޅުތައް

ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ އެއްވެސް ރައީސަކު މަރުގެ އަދަބު ތަންފީޒުކުރައްވާނެ ކަމަކަށް ފާޅުގައި، ތަކުރާރުކޮށް ވިދާޅުވެފައެއް ނުވެ އެވެ. އެހެންކަމުން އެއީ ރައީސް ޔާމީންގެ ހިތްވަރުފުޅު ގަދަކަމޭ، އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކޮށްފާނެ އެވެ. އެކަމާ ދެކޮޅު ބައެއް މީހުންގެ ނަޒަރުގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރެވޭ ވަރަށް ވުރެ ޝަރުއީ ނިޒާމަށް އާންމުން ކުރާ އިތުބާރު މާ ކުޑަ އެވެ.

ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: މަރުގެ އަަދަބު ތަންފީޒުކުރައްވާނެ ކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުން

މި ދެ ފިކުރު އޮތް ނަމަވެސް ސަރުކާރުން މިހާރު ހިފާފައި އެހުރީ މަރުގެ އަދަބު ތަންފީޒުކުރުމާ ދިމާއަށެވެ. ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންޒީފުކުރަން ގަވާއިދުގައި ހިމެނި ނަމަވެސް އެކަހަލަ އިންޖެކްޝަން ރާއްޖެ އަށް ނުލިބޭނެކަން އެނގުމުން ސަރުކާރުން މިހާރު ނިންމާފައި ވަނީ ދަންޖައްސައިގެން މަރާށެވެ. އެކަމަކު އެހާ ހިސާބަށް ދާން ބަލާއިރު ފުރިހަމަކުރަން ޖެހޭ ގިނަ އިޖުރާތުތަކެއް އެބަ ހުއްޓެވެ.

މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަން އަމުރުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބެނީ އެންމެ ފަހުންނެވެ. އެއީ ފުރިހަމަކުރަން ޖެހޭ ގާނޫނީ އަދި އެހެން އިޖުރާއަތުތައް ފުރިހަމަކުރިކަން ކަނޑައަޅައި، ޕްރޮސެކިއުޓަ ޖެނެރަލާއި އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު ކަނޑައަޅާ މީހަކާއި ކޮމިޝަނާ އޮފް ޕްރިޒަންސް ހިމެނޭ ކޮމިޓީއަކުން ސޮއިކޮށް ރައީސަށް ފޮނުވާ ލިއުމަކަށް ފަހު އެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރު ރައީސް ނެރެދެއްވަން ޖެހެނީ އެ ލިއުން ލިބިވަޑައިގަންނަވާތާ ތިން ދުވަހުގެ ތެރޭގަ އެވެ.

ސައުދީގައި އެންމެ ދަށު ކޯޓުގައި ވެސް އެފަދަ މައްސަލަތައް ބަލަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އަދި މަރުގެ އަދަބު ދޭން ތިން ފަނޑިޔާރުން އިއްތިފާގު ވެސް ވާން ޖެހެ އެވެ.

އެހާ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ބާރު މިކަމުގައި އެ ނިމުނީ އެވެ. އެކަމަކު އަދިވެސް ގާތިލް ސަލާމަތްކުރުމުގެ ދޮރެއް ބަންދެއް ނުވެ އެވެ. ގަވާއިދު ބުނާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރަން އޮންނަ ދުވަހު ވެސް، ވާރިސުންގެ ބަސް ހޯދަން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން، އިސްލާމިކް އެފެއާޒް މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްކުރަން ޖެހެ އެވެ. ގާތިލުންނަށް މައާފު ކުރުމުގެ ފުރުސަތު ވާރިސުންނަށް މާތް ﷲ ވަނީ ދެއްވައިފަ އެވެ. އެހެންކަމުން އެންމެ ފަހު ވަގުތު ވެސް ވާރިސުންގެ ތެރެއިން އެކަކު ވެސް ގާތިލަށް މައާފު ދީފި ނަމަ މަރުގެ އަދަބު ތަންފީޒެއް ނުކުރެވޭނެ އެވެ.

"ވާރިސުން ކުށް ސާބިތުވެފައިވާ މީހާގެ އަތުން މަރުގެ ދިޔަ އަތުލުމަށް ފަހު މައާފު ދީފި ނަމަ ނުވަތަ މަރުގެ ދިޔައަކާ ނުލައި މައާފު ދީފި ނަމަ، މަރުގެ އަދަބު ތަންފީޒުނުކޮށް، އެކަން ސުޕްރީމް ކޯޓަށް އަންގަންވާނެ އެވެ. އަދި ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ނާންގާހާ ހިނދަކު، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެ އެވެ،" މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ. ގައި ބުނެފައިވެ އެވެ.

އެގޮތަށް ވާރިސަކު މައާފު ދިނުމުން ސުޕްރީމް ކޯޓަށް އެހެން އަދަބެއް ކަނޑައަޅަން ގަވާއިދު ހުރަސް ނާޅައޭ ބުނެފައި އޮތަސް، ހަގީގަތުގައި، ވާރިސުންނަށް ލިބިފައިވާ ބާރު ސުޕްރީމް ކޯޓަށް ނިގުޅައިނުގަނެވޭނެ ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު މަރުގެ އަދަބު ތަންފީޒުކުރައްވާނެ ކަމަށް ރައީސް ޔާމީން، ވަރަށް ކެރި ހުންނަވައިގެން ވިދާޅުވިޔަސް މި ގަވާއިދުން އެނގެނީ އެއީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކުގެ އެއް ބައި ކަމެވެ. ރައީސުލްޖުމްހޫރިއްޔާ އަށް އޭގެ ހުރިހާ ބާރެއް ނެތެވެ.

ސައުދީގައި ވެސް ހަމަ މަރާލަނީކީ ނޫން

މަރުގެ އަދަބު ދިނުމުގައި ބައެއް އާންމުން މިސާލު ނަގަނީ ސައުދީ އަރަބިއްޔާ އިންނެވެ. އެކަމަކު މަރުގެ އަދަބު ކަނޑައަޅާ ޝަރީއަތްތައް ސައުދީގައި ކުރިއަށް ގެންދަނީ ރާއްޖެ އަށް ވުރެ ވެސް މާ ވަރުގަދަ އަށް ކަމަށް، ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެ އެވެ. އެގޮތުން އެންމެ ދަށު ކޯޓުގައި ވެސް އެފަދަ މައްސަލަތައް ބަލަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އަދި މަރުގެ އަދަބު ދޭން ތިން ފަނޑިޔާރުން އިއްތިފާގު ވެސް ވާން ޖެހެ އެވެ.

އިސްތިއުނާފް މަރުހަލާގެ ފުރަތަމަ ބައިގައި ފަސް ފަނޑިޔާރުން އަދި އެންމެ ފަހު މަރުހަލާގައި ހަތް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލައި، އިއްތިފާގު ހުކުމެއް އިއްވައިގެން ނޫނީ ސައުދީގައި މަރުގެ އަދަބާ ހަމައަށް ނުދެވޭނެ ކަމަށް، މައުލޫމާތު ހުރި ބައެއް ވަކީލުން ބުނެ އެވެ.

މަރުގެ ހުކުމް އިއްވާ މީހުން މެރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެހާ ފަސޭހައިން ނިންމާލެވޭ އަދި ނިންމާލެވެން އޮތް ކަމެއް ވެސް ނޫނެވެ. ރާއްޖޭގައި ވެސް އެކަން އޮންނަން ޖެހޭނީ އެގޮތަށެވެ.

37 ކޮމެންޓް, 84 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 4%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެކުރި ޢަލީ

20 June 2016

ވާރިސުން ގަނެލާނެ ލާރިދީފަ! މިކުޅި ދެން އޮންނާނީ! އާއިލާއިން މީހަކު މަރުވެއްޖެއްޔާ ދެންތިބި ވާރިސުން މުއްސަނދިވާނެ!

The name is already taken The name is available. Register?

ލަބީދު

20 June 2016

3 ނޮވެމްބަރ ގެ ފަހުން މިގައުމުގަ އަދުލުވެރި ޝަރީއަތެއް ނުހިގާނެ ކަން ޔަގީން ވެއްޖެ.

The name is already taken The name is available. Register?

ކައުންސެލަރު

20 June 2016

ފުރޭމް ކުރިމީހާއާ ފުރޭމް ކުރެވުނު މީހުންނަކީ އެމް.ޑީ.ޕީން ހިމާޔަތް ދީފަ ތިބިބައެއް. ދެން!؟ ޤައުމު ހަލާކުވެގެން މިދަނީ ކެނެރީގެ ނަސީދާއި އެމް.ޑީ.ޕީ އާހެދި.

The name is already taken The name is available. Register?

ޑޮން އަހުމަދު

20 June 2016

ތިޔަކަން ސިންގަޕޫރުގައި އޮންނަނީ ކިހިނެއްބާ؟

The name is already taken The name is available. Register?

މުހައްމަދު

20 June 2016

ސުވާލަކީ މީހުން މަރައިގެން ކުށް ކުރުން ހުއްޓުވޭނެތޯ؟ ރަގަޅު ތަރުބިއްޔަތާއި، ތައުލީމާއި، ހުނަރާއި، މިސާލާއި، ފުރުސަތާއި، އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މާހައުލާއި ގޮތާއި ފޮތް ގާއިމު ކުރެވުނީމަ 99% ކުށްމަދު ނުކުރެވޭނެތޯ؟ (ނޯޓް:- ބާކީ 1% އެއީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގައި ކުއްކުރެވޭނެ.)

The name is already taken The name is available. Register?

ފަޅުވެރިން

20 June 2016

ރަނގަޅު ތަޢުލީމާއި، ތަރުބިޔަތާއި، ހުނަރާއި، ނަމޫނާއާއި، ފުރުސަތުވެސް ދޭންޖެހޭ. ހަމަ އެހެންމެ މީހަކު، މީހަކު މަރައިފިނަމަ މަރުވެސް ހިފަންޖެހޭ. ހައްތަހާވެސް ކުރަންވީ ކަންތައްތައް. ކުށްކުރާ އެއްވެސް މީހަކަށް އެެއްވެސް އަދަބެއް ދީގެން ނުވާނެއޭ ބުނަން ނުކެރިގެންދޯ ތިޔައުޅެނީ؟ އެހެން ގޮތަކަށް ބުނާނަމަ ކުށްވެރިއަކީ އަނިޔާ ލިބުނު މީހާއޭދޯ ތިޔަބުނަނީ؟ ތިޔަ ވިސްނުމަކީ ބާޠިލު ޢަޤީދާގެ ތެރެއިން އަންނަ ވިސްނުމެއް! ތިޔަބުނާ ހުރިހާ ފުރުސަތެއް ތަރައްޤީވެފައިވާ ހުޅަގަނގުގެ ޤައުމުތަކުގައި، ނޫނީ ގަލްފުގެ ޤައުމުތަކުގައި، ނޫނީ ސިންގަޕޫރު ފަދަ ޤައުމުތަކުގައި ނުދެވޭތީބާ މީހުން މީހުން މަރަނީ؟ ކިތަންމެ ފުރުސަތެއް ދެވުނަސް ނުބައި ކަންތައް ކުރާ މީހުން ނުބައި ކަންތައް ކުރާނެ. އަދި އެމީހުންނަށް އަދަބު ދޭންޖެހޭނެ!

The name is already taken The name is available. Register?

ނަސީރު

20 June 2016

ވާރިސުންގެ ބޮލުގަ އެޅުވީމަ، ގާތިލުގެ އާއިލާ ނޫނީ ގްރޫޕް ދެން ދިމާކުރާނީ އެމީހިންނާ! ކޮންމެވިތަކައް އެބުރިކަމުގައި ވިއަސް ތިއުޅެނީ ހަމަ ނުކެރިގެން. ފިނޑިކަމުން!!

The name is already taken The name is available. Register?

ބޯގޯސް

20 June 2016

ފުރަތަމަ ވެސް މަރަން މިޖެހެނީ މީނަގެ ޕާޓެއް. އެހެންވީމަ ތިހެން ދަމާލަދަމާލާ ހުންނާނެ. ކޯޓުން ޙުކުމް ކުރާނެ. ދެން ހުރިކޯޓުން ތާޢިދު ކުރާނެ. އެކަމަކު ނިކަމެތި މީހަކު ވެއްޖެއްޔާ ޙުކުމް ނުކުރަނީސް ތަންފީޒު ކުރަން ފަށާނެ.

The name is already taken The name is available. Register?

ސޯޓު

20 June 2016

އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާގޮތައް ހުކުމްކޮށް ތަންފީޒުކުރަންޖެހޭނެ ، ބޮޑެތި ވައްކަންކޮށްފައިތިބި މީހުންގެ އަތްވެސް ބުރިކުރަންޖެހޭނެ... އެގޮތައް އަމަލުކުރަން ފެށިއްޖެކަމަވަންޏާ ސަރުކާރުގެ މަތީފަޑީގައި ތިއްބަވާ ބޭފުޅުންގެ އަތެއް އިންނާނީ ކެނޑިފައި... އޭރުން އެގޭނެ އެއީ ވައްކަންކޮށްގެން އަތްބުރިކޮށްލާފައި ހުރިމީހެއްކަން... ރާއްޖޭގައި ކުރިބޮޑު ވައްކަމުގައި ގުޅުންހުރި އެންމެންގެ އަތްބުރިކުރެވެނެ ދުވަހަކަށް އުއްމީދުކުރަން...

The name is already taken The name is available. Register?

ޒަމް

20 June 2016

3 ފަނޑިޔާރުންގެ އިއްތިފާގޭ 7 ފަނޑިޔާރުންގެ ބެންޗޭ ނުކިޔާ. އަހަރެމެންނަށް އެނގޭ މިއަދުގެ ސަރުކާރު ބޭނުން ނުވާ ގޮތަކަށް ދައުލަތުން އުފުލާ ދައުވާއެއް ނުނިމޭކަން. ފްރޭމްކޮށްގެންވެސް ނުވަތަ ޕޮލިހުންގެ "ސިއްރު" ހެކިން ނަމަވެސް އެމީހަަކަށް ހުކުމް އިއްވާނެ. ދެން މިހާރު ނުމެރިގެން މިއުޅެނީ ކާކުކަންވެސް އެނގޭ.

The name is already taken The name is available. Register?

ރަޒްވާން

20 June 2016

މީ ސައުދީއެއް ނޫނެއްނުދޯ.މީ ވާންމިއުޅޭ ލިޓުލް ސިންގަޕޯރއެއްނުދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454