ބަރެސްދޫ މަޝްރޫއުގެ ދެ ވަނަ ފެށުން

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދިތާ މިހާރު އެއް އަހަރު ފުރިއްޖެ އެވެ. އެކަމަކު މެދު ފަންތީގެ ޓޫރިޒަމް ތައާރަފުކޮށް ހިންގުމުގެ މަގުސަދުގައި އުފެއްދި ކުންފުނީގެ މާ ބޮޑު މަސައްކަތެއް ނުފެނެ އެވެ.


ރައީސް އޮފީހުން އޭރު ބުނެފައި ވަނީ މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޓޫރިޒަމް ދާއިރާގައި އަމަލީ ގޮތުން ބައިވެރިވެވޭނެ ގޮތްތައް އެމްއައިޓީޑީސީން ފަހިކޮށްދޭނެ ކަމަށެވެ.

އެމްއައިޑީސީން މިދިއަ ހަފުތާގައި ރާއްޖޭގެ މީޑިއާއާ ބައްދަލުކުރި އެވެ. މައިގަނޑު ގޮތެއްގައި އިއުލާންކުރީ އޭގެ ކުރިން އެމްއެމްޕީއާރުސީއާ ހަވާލުކޮށްގެން ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ފެށި ލ. ބަރެސްދޫ މަޝްރޫއުގެ ވާހަކަ އެވެ.

ކުރިން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ވަރުވާއަށް ނަގައިގެން ބެލެހެއްޓި ބޮޑު ރަށް ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމުގެ ގިނަ ޕްލޭންތަކެއް، ޓޫރިޒަމް މިނިސްޓަރަކަށް އަހުމަދު އަދީބު ހުންނެވި އިރު އޮތީ އެކުލަވާލައިފަ އެވެ.

އެމްއައިޓީޑީސީން ގެސްޓްހައުސް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ލ. ބަރެސްދޫ. އެ ރަށް އަންނަ އަހަރު ހުޅުވަން ވަނީ އަމާޒު ހިފާފައި.

އަޑި ނޭނގޭ ގޮތަކަށް އެތައް ބަޔަކަށް ދިގު މުއްދަތަކަށް ބިން ވިއްކާފައިވާ، ބަރެސްދޫ ތަރައްގީކުރުމުގެ ގޮތުން އެކި މަސައްކަތްތައް ކުރިޔަށް ދާކަން އެކި ފަހަރުމަތިން އޭރު އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. އެގޮތުން ގެސްޓް ހައުސް ތަރައްގީކުރަން 16 ބިމެއް ވިއްކުމުގެ އިތުރުން އެ ރަށުގެ ބަނދަރާއި މަގުތައް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއައިޓީޑީސީ އުފެއްދުމަށް ފަހު ސަރުކާރުން ހަވާލުކުރީ ބަރެސްދޫ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށެވެ. ކުރީގެ ކޮންސެޕްޓަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ބިން ވިއްކުމުގެ ބަދަލުގައި ހަމަޖައްސާފައި ވަނީ 50 އަހަރަށް ބިންތައް ކުއްޔަށް ދޫކޮށްގެން ގެސްޓް ހައުސް އާއި ހޮޓާތައް ހަދާށެވެ.

ވެލާނާގޭގައި ޓޫރިޒަމް މިނިސްޓްރީ ހުންނަ ފްލޯގައި ހަދާފައިވާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ބަރެސްދޫން ދޫކުރާ ބިންތައް ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާން ކުރައްވާނެ ކަމަށެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު މިދިޔަ ހަފުތާގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މިހާރު އޮތް ގޮތުން އެރަށުގައި ތަރައްގީކުރަނީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓް ހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހެދުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހުރިހާ ތަނެއް ވެސް ހިންގާނީ އެކި ފަރާތްތަކާ ހަވާލުކޮށްގެން. މިވަގުތު ރިސޯޓުތައް ހިންގާ ގޮތާ ތަފާތުކޮށް މިރަށް ހިންގާނީ،" ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫގައި ޓޫރިޒަމްގެ އެކި މަސައްކަތްތައްކުރަން އެކި ފަރާތްތަކަށް ކުރިން ބިން ވިއްކާފައިވުމުން އެމްއައިޓީޑީސީީން ނިންމާފައި ވަނީ މަޝްރޫއުގައި އެ ފަރާތްތައް ވެސް ބައިވެރިކުރާށެވެ. އެގޮތުން އެތަންތަން ތަރައްގީކުރަން އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިހާރު އަމާޒު ހިފާފައި ވަނީ ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ރަށް ނިންމާށެވެ.

"އެމްއެމްޕީއާރުސީން ކުރިން ވިއްކާފައިވާ ބިންތައް އަޅުގަނޑުމެން ކުރިޔަށް ގެންދާނަން. އަޅުގަނޑުމެން އެ އެއްބަސްވުންތަކަށް އެއްވެސް ބަދަލެއް ނުގެންނަން. ބާކީ ހުރި ތަންތަނުގެ ޑިޒައިނަށާއި ކޮންސެޕްޓަށް އަޅުގަނޑުމެން ބަދަލު ގެނައީ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް 3،000 އެނދު ހިމެނޭ ބަރެސްދޫ ތަރައްގީކުރަން ފަށަން ބޭނުންވާ މިންވަރަށް ފަންޑު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ މިންވަރެއް ކަމެއް ވިދާޅެއްނުވެ އެވެ. މަޝްރޫއުއަށް ހޭދަވާނެ މިންވަރު އެނގޭނީ ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހު ކަމަށް އެމްއައިޓީޑީސީން ބުންޏެވެ.

"އަޅުގަނޑުމެން މި ރަށް ތަރައްގީކުރާނީ ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށް ފަހު އެ ފަރާތްތަކުގެ ލަފާގެ މަތިން. މިހާރު މި ކުންފުނިން ގެސްޓް ހައުސްތަކާއި ހޮޓާތައް ތަރައްގީކުރާނީ. އެކަމަކު އެތަންތަން ހަދާނީ ކުއްޔަށް ހިފާ ފަރާތްތަކުން ވެސް ބޭނުންވާ ގޮތަށް،" ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫގައި ތަރައްގީކުރާ ތަންތަން ހުންނާނެ ގޮތާއި ސައިޒްތަކާއި އަގުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަންނަ ބުދަދުވަހު ހޮޓެލް ޖެންގައި ބައްދަލުވުމެއް ބާއްވާނެ އެވެ. އޭގެ ފަހުން އެތަންތަން ކުއްޔަށް ހިފަން ދެ މަހެއްހާ ދުވަހުގެ ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބަރެސްދޫ ތަރައްގީކުރަން އެމްއެމްއައިޓީޑީސީން ތައްޔާރުކޮށްފައިވާ މޮޑެލްއެއް: ގިނަ އަދަދެއްގެ ގެސްޓް ހައުސް ހުރޭ.

ގާތްގަނޑަކަށް 75 ހެކްޓަރުގެ ރަށް ތަރައްގީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ މޮޑެލްއެއް އެމްއައިޓީޑީސީން ވަނީ ތައްޔާރުކޮށްފަ އެވެ. އެ މޮޑެލްގައިވާ ގޮތުން ގެސްޓް ހައުސްތަކާއި ހޮޓާތައް ތަރައްގީކުރަނީ ބީޗް ވިލާތަކާއި ވޯޓާ ވިލާ ވެސް ހިމެނޭ ގޮތަށެވެ. އަދި އެ ރަށުގައި އެންމެ އުސްވެގެން އިމާރާތްކުރެވެނީ ހަތަރު ބުރިއަށެވެ.

ރަށުގެ މެދުތެރޭގައި ތީމް ޕާކާއި ގޮލްފް ކޯސް އާއި ކުޅިވަރު ކުޅޭ އެކިއެކި ތަންތަނާއި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިޔަށްގެންދާނެ ތަންތަން ކަނޑައަޅާފައިވެ އެވެ. އޭގެ އިތުރުން އެ ރަށާ ޖެހިގެން ކުޑަ ރަށެއް ވެސް ވަނީ ފާލަމަކުން ގުޅާލައިފަ އެވެ. އެ ރަށުގައި ހުންނާނީ ބަރެސްދުއަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމްގެ ހިދުމަތް ދޭ ތަންތަނާއި ލޯންޑްރީ އާއި ސްޓޯރޭޖް ފަދަ ތަންތަނެވެ.

ބަރެސްދޫގެ މޮޑެލް ހިތްގައިމެވެ. ދެން އޮތީ އަމަލީ ސިފަ ގެނައުމެވެ. އޭރުން އޭގެ ފައިދާ އެތައް ބަޔަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭނެ ކަމަށް ބެލެވެ އެވެ.