މިއީ އާދައިގެ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރައްވާތާ 40 އަހަރު ވެއްޖެ އެވެ. ދުވަހަކު ވެސް އޮފީހަށް ސަލާމް ބުނެފައެއް ނެތެވެ. ކޮންމެ ދުވަހެއްގެ ހަތެއް ޖަހާއިރު އޭނާ ހުންނަވާނީ ފިހާރައިގަ އެވެ. މިއީ ރާއްޖޭގައި ހުރި އެންމެ އުމުރުން ދުވަސްވީ، ދުވާ މީހާ ވެސް މެ އެވެ. އުމުރުން 60 އަހަރުވީ ނަމަވެސް ކޮންމެ ދުވަހަކު ހެން ދުވުމުގެ ތަމްރީންތަކުގައި ބައިވެރިވެ އެވެ.

މިއީ ބ. އޭދަފުއްޓަށް އުފަން މުހައްމަދު ވަހީދު ނުވަތަ އާއްމު ނަމުން ނަަމަ ސޮނީ ވަހީދެވެ. އެންމެ 19 އަހަރުގައި މާލެ ބަދަލުވެ، އަދާކުރައްވަން ފެެއްޓެވި ފުރަތަމަ ވަޒީފާގައި މިއަދާ ހަމައަށް ވެސް ދެމިހުންނެވި ވަަހީދުގެ ވާހަކަ ހާއްސަވާ ސަބަބުތައް ބައިވަރެވެ.

ވަހީދު ވިދާޅުވި ގޮތުގައި 1974 އަހަރު އޭނާ މާލެ ބަދަލުވެ ވަޑައިގަތީ ކިޔަވާށެވެ. އެކަމަކު ކަން ދިމާވި ގޮތުން އޭނާއަށް ޖެހިވަޑައިގެންނެވީ ވަޒީފާއެއް އަދާކުރައްވާށެވެ. އެހެންވެ، އެންމެ ފުރަތަމަ ލިބިވަޑައިގަތް ވަޒީފާގެ ފުރުސަތުގެ ބޭނުން ހިއްޕަވައި ސޮނީގައި މަސައްކަތް ކުރައްވަން ފެއްޓެވީ އެވެ. އޭރު އެތަނަކީ ރަށްރަށުން ގެންނަ ދަރާއި ކާއްޓާއި ނާއްޓާއި ވަޅޯ މަހާއި ރިހާކުރު ފަދަ އެއްޗެހި ވިއްކާ ފިހާރައެކެވެ.

ވަހީދު ކުރައްވަން ވަކި މަސައްކަތެއް ހާއްސަކޮށްފައި ނޯންނާތީ ފިހާރައިގައި ޖެހުނު މަސައްކަތެއް އޭނާ ކުރެއްވި އެވެ. މާރުކޭޓުން ތަކެތި ގެނެސްގެން އެއްޗެހި ވިއްކުމާއި ފިހާރަ ފޮޅާ ސާފުކުރުން ފަދަ ހުރިހާ ކަމެއް ކުރެއްވި އެވެ. ވަހީދު ވިދާޅުވި ގޮތުގައި ފިހާރައިގެ ސޭޓަކީ ވެސް އަދި މަސައްކަތު މީހަކީ ވެސް އޭނާ އެވެ.

ވަހީދު (ކ) ޒުވާން ދުވަސްވަރު ރަހުމަތްތެރިއަކާ އެކު ބައިސްކަލުގައި
ވަހީދު (ކ) ޒުވާން ދުވަސްވަރު ރަހުމަތްތެރިއަކާ އެކު ބައިސްކަލުގައި

އެ ފިހާރަ، މިހާރު އެތަނުގައި ހުންނަ ގޮތަށް ހާޑްވެއާ ފިހާރައަކަށް ބަދަލުކުރީ ވަހީދު އެތަނުގައި މަސައްކަތް ކުރައްވާތާ 11 އަހަރު ފަހުންނެވެ. އޭރު އޭނާ ދިރިއުޅުއްވީ ވެސް ފިހާރަ ހުންނަ މ. އެނބޫދޫގޭގަ އެވެ.

"އޭރު ވެސް ހުންނާނީ އަޅުގަނޑު އެކަނި. އެހެންވެ، ފާހާނާއަކަށް ދާން ވިޔަސް ދާން ޖެހެނީ ގެއިން މީހަކު ފިހާރައަށް ވައްދާފައި،" އޭރު ހެނދުނު ހައެއް ޖަހާއިރު ފައްޓަވާ މަސައްކަތާ ގުޅޭ ގޮތުން ވަހީދު ވިދާޅުވި އެވެ.

ވަހީދާ އެކު ރަށުން މާލެ ބަދަލުވި މީހުން ސަރުކާރުގެ ވަޒީފާތަކަށް، ބޮޑު މުސާރައަށް ބަދަލުވި ނަމަވެސް އޭނާ ހުންނެވީ ހަމަ އެގޮތުގަ އެވެ. އޭނާގެ އަޒުމަކީ މަސައްކަތް ކުރާ ތަނަކުން ކުރިއަރާ ދިޔުމެވެ.

ސޮނީގެ ވިޔަފާރި ފުޅާވެ، އިތުރު ވިޔަފާރިތައް ފެށުމާ އެކު ވަހީދާ އެކު މަސައްކަތް ކުރާ މީހުން އިތުރުވި އެވެ. އެންމެ މީހަކުން 400 މީހުން ވަޒީފާ އަދާކުރާ ތަނަކަށް ވިޔަފާރި ފުޅާވިއިރު ވެސް، އެތަނުގެ ހުރިހާ ވަޒީފާތަކެއްހެން ވަހީދު އަދާކުރެއްވި އެވެ. ސޭޓުކަމުން ފެށިގެން އެކައުންޓެންޓު އަދި މެނޭޖަރުގެ ވަޒީފާ އަދި، ސޮނީއިން މާލޭގައި ހިންގި ގެސްޓުހައުސްގެ ރޫމްބޯއީއެއްގެ ގޮތުގައި ވެސް ވަހީދު މަސައްކަތް ކުރެއްވި އެވެ. މިހާރު އޭނާއަކީ ސޮނީގެ ސޭލްސް މެނޭޖަރެވެ.

"އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މާރުކޭޓުން ދަރާއި ރިހާކުރު ފަދަ އެއްޗެހި ފިހާރައަށް ގެނެސްގެން ވިއްކުން... މިހާރު އަޅުގަނޑު ރާއްޖޭން ބޭރަށް ގޮސް، މޫދާ ގެންނަން. ސޮނީގައި ނޯންނާނެ އަޅުގަނޑު ނުކުރާ ވަކި ކަމެއް،" ތިން ކުދިންގެ ބައްޕަ ވިދާޅުވި އެވެ.

ކުޑައިރު ވަޒީފާ އަދާކުރައްވަން ފެއްޓެވުމުން މޮޅަށް ތައުލީމު ހާސިލް ކުރެއްވުމުގެ ފުރުސަތެއް އޭނާއަށް ލިބިވަޑައެއް ނުގެންނެވި އެވެ. އެކަމަކު ވަޒީފާގެ ޒިންމާތައް މަތިވެ، ބޭރު ދަތުރުތައް ކުރަން ޖެހިވަޑައިގަތުމުން އިނގިރޭސި ބަސް ދަސްކުރައްވަން ވަހީދު ޓިއުޝަން ކްލާހަކަށް ވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ވަޒީފާއަށް އޮތް ލޯތްބަކުން ކުރެއްވި ކަމެކެވެ.

ވަހީދު ކައިވެނި ބައްލަވައިގެންނެވި ރޭ އޭނާގެ އަނބިކަބަލުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
ވަހީދު ކައިވެނި ބައްލަވައިގެންނެވި ރޭ އޭނާގެ އަނބިކަބަލުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ވަހީދު ވިދާޅުވި ގޮތުގައި މިހާ ގިނަ ދުވަހު އޭނާ އެއް ވަޒީފާއެއްގައި ދެމިހުންނެވުނީ އަނބިކަނބަލުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ. އޭނާ އަދިވެސް ކައިވެނިކުރައްވައިގެން އުޅުއްވަނީ ސޮނީގައި ވަޒީފާ އަދާކުރަން ފެށުމާ އެކު، އުމުރުން 19 އަހަރުގައި ކައިވެނި ކުރެއްވި ބައިވެރިޔާއާ އެވެ. ކައިވެންޏަށް މިހާރު 40 އަހަރު ވެއްޖެ އެވެ.

ކައިވެންޏަށް ދެ ކުދިން ލިބިވަޑައިގަތުމާ ހަމައަށް އެ ދެމަފިރިން ދިރިއުޅުއްވީ އެނބޫގަސްދޮށުގޭގަ އެވެ. އެހެންވެ، ހެނދުނު ހަޔަކުން، ރޭގަނޑު 12 ޖަހަންދެން މަސައްކަތް ކުރެއްވިއަސް، ދަރިން ދެކެލެއްވުމަށް، ކޭންބެއްލެވުމަށް އޭނާއަށް ގެއަށް ވަޑައިގަނެވެ އެވެ.

"އެކަމަކު ބައެއް ދުވަސް ދުވަހު ގެއަށް ވަދެވޭއިރު ދަރިން ތިބޭނީ ނިދާފައި. އަންހެނުން ކެތްތެރިކަމުން މިހާ ގިނަ ދުވަހު، މިހާ ބުރަކޮށް މަސައްކަތް މި ކުރެވެނީ ވެސް. ކޮންމެ ދުވަހަކު ވަޒީފާއަށް މި ދެވެނީ ވެސް އަނބިމީހާ އެ ޒިންމާ ނަގާތީ،" ވަހީދު ވިދާޅުވި އެވެ.

ސިއްހަތަށް ބެއްލެވުމުގައި ވެސް ނަމޫނާއެއް

އެހާ ގިނަ ވަގުތު އެހާ ބުރަކޮށް މަސައްކަތް ކުރުމަކީ ސިއްހަތަށް ރައްކާތެރިކަމެއް ނޫނެވެ. ވަހީދަށް މިކަން އިހުސާސްވެ ވަޑައިގަތީ އުމުރުން 50 އަހަރާ ގާތްކުރި ހިސާބުންނެވެ. އެހާ ހަމައިން އޭނާ ނިންމެވީ، ސިއްހަތަށް ފައިދާ ހުރި އެއްޗެހި ކައިގެން، ރަނގަޅު ކަސްރަތީ ދިރިއުޅުއްވުމެއް އުޅުއްވާށެވެ.

2016 ވަނަ އަހަރު ބޭއްވި މިޑްނައިޓްރަންގައި ވާދަކުރެއްވުމަށް ފަހު ވަހީދު (މެދުގައި) އިތުރު ދެ މީހަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
2016 ވަނަ އަހަރު ބޭއްވި މިޑްނައިޓްރަންގައި ވާދަކުރެއްވުމަށް ފަހު ވަހީދު (މެދުގައި) އިތުރު ދެ މީހަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

"ފަންސާސް އަހަރާ ގާތްކުރީމަ އަޅުގަނޑު ހިތަށްއެރީ އަދި މިހެން އިނދެގެނެއް ނުވާނޭ. ރަނގަޅު ސިއްހަތެއްގައި ވެސް އެބަ ހުންނަން ޖެހެއޭ. ވަކި ބަރުވެގެން ނޫނީ ބަލިވެގެންނެއް ނޫން ދުވަން ފެށީކީ،" ވަހީދު ވިދާޅުވި އެވެ.

މި އަޒުމުގައި މީގެ ދިހަ އަހަރު ކުރިން އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ދުވާ ގުރޫޕަކާ އެވެ. އޭރު އޭނާއަށް ޓްރެކްގެ މެދަކާ ހަމައަށް ވެސް ދުވެ ވަޑައިނުގެންނެވެ އެވެ. އެކަމަކު އޭގެ އަހަރެއް ފަހުން، މާލެ ވަށާ ހަތަރު ބުރު (ހާފް މެރެތަން) ޖެއްސެވި އެވެ. އަދި މިހާރު އުމުރުން، 60 އަހަރުގައި ފުލް މެރެތަންގައި ދުވެ އެވެ.

ވަހީދު ވިދާޅުވީ ދުވަން ފެއްޓެވުމުން މަސައްކަތަށް ވެސް އޭގެ ރަނގަޅު އަސަރުކޮށް މަސައްކަތުގެ ވަރުބަލިކަމާއި ސްޓްރެސް ވެސް ވަރަށް ބޮޑަށް ކުޑަވި ކަމަށެވެ.

ވަހީދު އޭނާގެ އެކުވެރިންނާއެކު ދުވަނީ: މިއީ ވޭތު ދިޔަ 11 އަހަރުއްސުރެ އޭނާގެ އާދައެއް
ވަހީދު އޭނާގެ އެކުވެރިންނާއެކު ދުވަނީ: މިއީ ވޭތު ދިޔަ 11 އަހަރުއްސުރެ އޭނާގެ އާދައެއް

މިހާތަނަށް ވަހީދު ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެކި މެރެތަންގައި ދުވެވަޑައިގެންފަ އެވެ. ސިންގަޕޫރު، ދުބާއީ އަދި ޖަރުމަންގެ ބާލިން މެރެތަންގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިހާރު ވެސް ހެނދުނު ހަތެއް ޖެހުމުގެ ކުރިން ވަހީދު ވަޒީފާއަށް ވަޑައިގަނެ އެވެ. ހަވީރު 4:00 ގައި މަސައްކަތް ނިމުމުން ގެއަށް ވަޑައިގެން ދެން ވަޑައިގަންނަވަނީ ދުވާށެވެ. މިއީ ވޭތުވެ ދިޔަ 11 އަހަރު އޭނާގެ ޝެޑިއުލެވެ.

ވަހީދު (ކ) ކޯޗު ނަސީރު އިސްމާއީލާ އެކު: އޭނާ ވަނީ ގިނަ މެރެތަންތަކެއްގައި ދުވެފައި
ވަހީދު (ކ) ކޯޗު ނަސީރު އިސްމާއީލާ އެކު: އޭނާ ވަނީ ގިނަ މެރެތަންތަކެއްގައި ދުވެފައި

ބުރަކޮށް މަސައްކަތް ކުރައްވަމުން ވެސް ވަހީދު ދީނީ އަޅުކަންތަކަށް އިސްކަން ދެއްވަ އެވެ. ފުރަތަމަ ކައިވެނި މަތީގައި އަދިވެސް ދެމިހުންނެވި އިރު، ލިބިވަޑައިގެން ތިން ބޭފުޅުން ވެސް ވަނީ މައްޗަށް ކިޔަވާފަ އެވެ.

"އަޅުގަނޑުގެ ދިރިއުޅުން އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު. އޭގެ ސިއްރަކީ އަޅުގަނޑު ދެކޭ ގޮތުގައި ތެދުވެރިކަން. ތެދުވެރިވެ، ދީނަށް އިސްކަން ދޭ ނަމަ ކާމިޔާބު މީހަކަށް ވާނެ،" ވަހީދު ވިދާޅުވި އެވެ.