ރިޕޯޓް / ލެފުން

ބެހިގެން ގޮސް "އަންޒަމާން" ގައި އެއް އަހަރު!

އަހްމަދު އިދުރީސް (ބޮޑޭ) (ވ) އާއި މޫސާ ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ

30 ނޮވެމްބަރ 2017 - 08:53

19 comments

ރިޔަލުގައި މާލެއިން ހަނިމާދުއަށް ފެށި އެ ދަތުރަށް އަހަރު ދުވަސް ހޭދަވާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރާނެ އެވެ. ވައި މަޑު، މޫސުން ރީތި ދުވަހެއްގެ ފަތިހު ދަތުރު ފެށީ ނިޔާމައިގަ އެވެ. ދޯނީގައި ތިބި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަ ދެ ކުދިން ކަމަށްވާ އަހްމަދު އިދުރީސް (ބޮޑޭ) އާއި މޫސާ ސައީދު ވެސް އުފާކުރީ ރޯދަޔަށް ރަށަށް ދެވޭތީ އެވެ.

އެކަމަކު ރޯދައެއް ވެސް، ކުޑަ އީދެއް އަދި ބޮޑު އީދުގެ އުފަލެއް ވެސް އަމިއްލަ ރަށުން ހޯދޭ ވަރެއް ނުވި އެވެ. އެ ދުވަހު ހަވީރު ވީ އިރު ރީތި މޫސުން ގޯސްވެ، އައި ކޮޅިގަނޑު ވަރުގަދަ އެވެ. ކާށިދޫ ކަނޑެވެ. ފެންނަ ހިސާބުގައި ވެސް ރަށެއް ނެތެވެ.

ދޯނީގެ ނެވިމީހާ ދިނީ ބިރުވެރި އިންޒާރެކެވެ: އިރު އޮއްސުމުގެ ކުރިން އަތުވާނެ އެއްވެސް ރަށެއް ނެތެވެ. ވިލާގަނޑުގެ ގަދަ ވައިގައި ރިޔާ ހިފެހެއްޓޭ ގޮތެއް ނުވި އެވެ. އެ މުހިންމު ވަގުތު ނެވިމީހާ ހިޔަށް ބަލިވެ، ދޯނީގެ ކުޑަކުޑަ ހިޔާގަނޑު ތެރެއަށް ވަނީ އެވެ. އޮޑީގެ މިސްރާބު ގެއްލުނީ އެވެ. ބިޔަ ރާޅުތަކާ އެކު ދޯނީގައި ދިޔަ ބޮޑުކޮށްލި އެވެ. ސަލާމަތް ވޭތޯ އެ މީހަކަށް ކުރެވުނު ކަމެއް ކުރަނީ އެވެ.

ކޮޅިގަނޑު މަޑުވެ، އަމާންވި އިރު އެރޭ 11 ޖަހައިފި އެވެ. އަނދިރިކަމުން ތަނެއްދޮރެއް ނޭނގެ އެވެ. ތިބެވުނީ ކޮން ހިސާބެއްގައި ކަމެއް އަންދާޒާއެއް ނުކުރެވުނު އެވެ. އޮޔާއި ވަޔަށް ދޫކޮށްލައިގެން ތިބުން ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ. މުޅި ރޭ ދިޔައީ އެގޮތުގަ އެވެ.

40 އަހަރު ކުރީގެ އެ ޒަމާން

އެއީ 1977 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 1978 ގެ ކުރީކޮޅެވެ. ރާއްޖޭގެ ވެރިކަމުގައި ހުންނެވީ، އިބްރާހިމް ނާސިރުކަން، ދޯނީގައި ތިބި މީހުންގެ ހަނދާނުގައި، އެ ދަތުރުގެ އެހެން ކަންކަމެކޭ އެއްގޮތަށް، މިހާރު ވެސް އެބަ ހުއްޓެވެ.

"(ނެވި މިހާ) ހެނދުނު ތެދުވެ ނިކުމެފައި ބުނެފި ރާއްޖެ ހިފާކަށް ތިމަންނަމެންނަކަށް ނޭނގޭނޭ. އޭރަކު ސަމުގާއެއް ފޯނެއް، ސެޓެއް އެއްޗެއް ނުހުރޭ،" އަހުމަދު ކިޔައިދިނެވެ.

"ދެން ދުވަސްވީ ދެ މީހަކު އެކަކު އަނެކަކަށް ވާހަކަ ދައްކާލާފައި ބުނެފި ދެން ކިހިނެއްހޭ ހަދާނީ. ދެން އޭރަކު އަހަރެމެންނަކަށް ނޭނގޭ އިންޑިއާ އެއީ ރާއްޖެއާ އެހާ ދުރު ހިސާބެއް ކަމެއް ވެސް. މިއީ އޮންނަ ތަނެއް ކަމެއް ވެސް. ކިޔާ އަޑު އިވެނި. ދެން އެ ދެ މީހުން ވާހަކަ ދައްކާފައި ބުނެފި އިންޑިއާއަށް ދިމާކުރަންވީނުން ހެއްޔޭ."

ތަޖުރިބާ ހުރި މީހުންގެ ލަފަޔާ އެކު އިންޑިއާ އަތުޖެހޭތޯ ދުއްވަމުން ދަނިކޮށް، އެ ދުވަހުގެ އިރު އޮއްސެން އުޅެނިކޮށް އާގު ބޯޓެއް ފެނުނެވެ. އެހީއަށް އެދި ހަން ޖެހުމުން ވެސް އެ ބޯޓަށް ފެނުނު ކަމަކަށް ނުވި އެވެ. ކައިރިން ލާފައި ދިޔައީ އެވެ. އެހެންވެ އިރުމައްޗަށް ޖެހި މިސްރާބު ބަދަލުނުކޮށް ދޯނި ވެސް ދިޔައީ ކުރިއަށެވެ. ރޭގަނޑު ވުމުން ތިބެނީ ރިޔާ ދޫކޮށްލައިގެންނެވެ. އިރު އެރުމުން އަނެއްކާ ދުއްވަނީ އެވެ. އެހެން ދާއިރު އެކި އުޅަނދުތައް ފެނުނަސް އެހީއެއް ނުލިބެ އެވެ. އެ ގޮތުގައި ވިއްސަކަށް ދުވަސްވީ އިރު އަހްމަދާއި ދެން ތިބި މީހުން ކުރާ ސުވާލު ގިނަވާން ފެށި އެވެ.

"ދެން އަހަރެމެން މި އަހަނީ އިންޑިއާ އަށް ދެވޭނީ ކިހާ ދުވަހަކުންހޭ. މި މީހުން [ދޯނީގައި ތިބި ދުވަސް ވީ މީހުން] ވެސް ބުނެފި އަހަރެމެން ދުވަހަކު ވެސް ތިޔަ ތަނެއް ނޫނޭ."

އެ ޒަމާނުގެ ގިނަ ދިވެހިންހެން ބޭރު ގައުމުތަކާ ބެހޭ މައުލޫމާތުތަކެއް، ހަނިމާދޫ ދޯނީގައި އޭރު ތިބި މީހުންގެ ނެތެވެ. އިވެނީ އިންޑިއާ އާއި ލަންކާއޭ ކިޔާ އަޑެވެ. އެހެންކަމުން ލަފަޔަށް ދޯނި ދުއްވަމުން ދިޔަ އެވެ.

އެންމެ ދުވަސް ވީ މީހާ މަރުގެ ތުންފަތްމަތީގައި

ރޯދައަށް މާލެއިން މުދާ ހިފައިގެން ފެށި ދަތުރަކަށް ވާތީ ކާޑުގެ ބާވަތްތައް ދޯނީގައި ހުއްޓެވެ. އެކަމަކު އެހާ ދުވަހު ކަނޑުމަތީގައި އުޅެން ޖެހުމުން ފެން ހުސްވެ ކެއްކޭނެ ގޮތެއް ނެތެވެ. ވާރެއެއް ނުވެހެ އެވެ. އަވި އެހާ ގަދަ އެވެ. އަނެއްކޮޅުން ދޯނީގައި އޮތް އުމުރުން އެންމެ ދުވަސްވީ މީހާ ބަނޑަށް މަރުވަނީ އެވެ.

އޭރު ދޯނީގައި އޮތީ އެންމެ ކާއްޓެކެވެ. އެ ކާށީގައި އަތްނުލާ ބޭއްވީ، އެ މީހުންގެ ތެރެއިން މީހެއްގެ ހާލު މާ ދެރަވެއްޖެ ނަމަ ބޭނުންކުރާށެވެ. ކޮންމެ މީހަކު ވެސް އެ ކާށީގެ ފެންފޮދަށް ދަހިވެތިވެ އެވެ. ކާށިކޮޅު ކާލަން ވެސް ހިތްއެދެ އެވެ. އެކަމަކު އެއްވެސް މީހަކު އޭގައި އަތްނުލާ ހަމަ ބޭއްވީ އެވެ.

އެކަމަކު އެންމެ ދުވަސްވީ މީހާގެ ދަތްތައް ހުރީ ވެރިފަ އެވެ. އެހެން މީހުން ފުންގަނޑު މޮޑެ، ހުސް ފުށް ގަދަކަމުން ކޭ ނަމަވެސް އޭނާއަށް އެވަރު ވެސް ނުވެ އެވެ. އެހެންކަމުން ހަށިގަނޑުން ބާރު ހުސްވެ، ވާހަކަ ދައްކާލާނެ ވަރު ވެސް ނެތެވެ.

ދެން އެންމެން މަޝްވަރާކުރުމަށް ފަހު ނިންމީ ބޯޓުގައި އޮތް އެ ކާށި ބިނދެލާފައި އޭގައި ހުރި ފެންފޮދު އޭނާއަށް ދޭށެވެ. އޭގެ އިތުރުން، އަހުމަދު ބުނި ގޮތުގައި، ކާށި ވަރަށް ހިމުންކޮށް ގާނާފައި ހަކުރާ އެއްކޮށްގެން އެ މީހާއަށް ދޭން ފެށި އެވެ. ގުޑާ ނުލެވިފައި އޮތް މީހާ މަޑުމަޑުން ރަނގަޅުވާން ފެށި އެވެ. ގައިގައި ވަރު ޖެހުނެވެ.

އެހީތެރިކަން ފޯރުކޮށްދިން ބޯޓެއް

އެއްވެސް އުއްމީދެއް ނެތި އެގޮތް މިގޮތަށް ދުއްވަމުން، އޮޔާ ދެމެމުން ދަނިކޮށް އާދަޔާ ހިލާފު ބޮޑު އާގުބޯޓެއް އެއް ދުވަހަކު ފެނުނެވެ. އެ ބޯޓު އަނބުރާލާފައި ދޯނި ކައިރިއަށް އަ އެވެ. އެކަމަކު އެއްވެސް މީހަކު އެއަށް ނަގާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި ދޯންޏަށް އުކަން ފެށި ކާނާގެ ތަފާތު ބާވަތްތަކެވެ. ބަނަހާއި ޕާނާއި ގެރިކިރު ދަޅާއި މަސް ދަޅު ފަދަ އެއްޗިއްސެވެ.

ދޯނި ކައިރީގައި ގަޑިއެއްހާއިރު އެ ބޯޓު އޮތެވެ. ބެހިގެން ކަނޑުމަތީ އެތައް ދުވަހެއް ވެ، ގޮތް ހުސްވެފައި ތިބި ބަޔަކަށް އެ ވަގުތު އުޅެވޭނީ ސަލާމަތްވާނެ ގޮތެއް ހޯދާށެވެ. އެހެންކަމުން އެ ބޯޓަށް އެރޭތޯ ބައެއް މީހުން މަސައްކަތްކުރި އެވެ.

ދޯނީގައި އޭރު ހުރި އެންމެ ހަގު ކުއްޖަކީ މޫސަ އެވެ. އެހެން އެންމެން ބޯޓަށް އަރަން ތެޅިފޮޅުނު އިރު ވެސް އޭނާ ދޯނީގައި ހުރެ، މަސައްކަތްކުރީ އުކަމުން ދިޔަ ކާއެއްޗެހިތައް ދޯނި ތެރެއަށް ނެގޭތޯ އެވެ. އޭގެ ތެރެއިން ގިނަ އެއްޗެހި ދޯންޏަށް ނެގުނީ، ކަން ދިމާކުރި ގޮތުން، އޭނާގެ ސަބަބުންނެވެ. އެހެން އެންމެން އުޅުނު ގޮތަށް ބޯޓަށް އަރަން މަސައްކަތްކުރި ނަމަ ވަރަށް ގިނަ އެއްޗެހި ކަނޑަށް ފައިބައިގެން ދިޔައީސް ކަމަށް މޫސަ ބުންޏެވެ.

އެ ބޮޑު ބޯޓަށް އެރޭނެ އެއްވެސް ގޮތެއް ނުފެނުނެވެ. އޭރު ބޯޓުގައި ދޯނީގެ ކުނބު ތަކުރާރުކޮށް ކޭއްތި، ޖެހެމުން ގޮސް އެންމެ ފަހުން ވެއްޓުނީ އެވެ.

އަހްމަދު ބުނި ގޮތުގައި އެއީ ވަރަށް ކަންބޮޑުވި ވަގުތެކެވެ. ދިވެހި ރުކެއްހާ ދިގު ކުނބު ވެއްޓުނު ވަގުތު ދޯނީގެ ތެރެއަށް ޖެހުނު ނަމަ ދޯނި ފަޅައިގެން ގޮސް އަޑިއަށް ދިޔުމުގެ ފުރުސަތު އޮތެވެ. އެކަމަކު ނަސީބަކުން ކުނބު ވެއްޓުނީ ދޯނިން ބޭރަށް ކަނޑަށެވެ. އެ ބަރު ކުނބު ނެގުން ވެސް ވީ ބޮޑު ކަމަކަށެވެ. އެއްވެސް މީހެއްގެ ގަޔަކު ވަރެއް ނެތެވެ.

ބެހުނު ފަހުން ފުރަތަމަ ފަހަރަށް ފަޅުރަށެއް ފެނުނީ ބޯޓުން ދިން އެއްޗެހިން ބަނޑުހައިކަން ފިލުވަމުން ދިޔަތާ ދެތިން ދުވަސް ވީތަނާ އެވެ. އެކަމަކު އޭރު އިރުއޮއްސި އަނދިރިވެފައި އޮތުމުން އެ ރަށާ ގާތް ނުކޮށް އޮތީ އެވެ. އާ ދުވަހަކަށް އިރުއަރައި، އަލިވި އިރު ވަށައިގެން ފެންނަން އޮތީ ރަށްތަކެވެ. އެ މީހުން ހީކުރީ އައްޑު އަތޮޅަށް އާދެވުނީ ކަމަށެވެ. އެންމެ ކައިރީގައި އޮތް ރަށާ ގާތްކުރީ އެވެ. ތިން މީހަކު މޫދަށް ފުންމާލައިގެން ގޮސް ރަށަށް އެރި އެވެ. ކުރުނބާ އަޅައި އެ ބޮއެގެން އެ ރޭ އަރާމުކޮށްފައި އަނެއް ދުވަހަކު އަނެއްކާވެސް ދަތުރު ފެށީ އެވެ.

ވަށައިގެން ބޮޑެތި ރަށްތަކެވެ. އެކަމަކު މީހަކު އުޅޭ ކަމުގެ ނިޝާނެއް ނުފެނެ އެވެ. ދެން އަނެއްކާ އިރުމައްޗަށް ދުއްވަނިކޮށް، މީހުން އުޅޭ ރަށެއް ފެނުނެވެ. އެރަށު ފަޅަށް ވަނުމުން އެ ރަށުން ކުޑަ ދޯންޏެއްގައި ބަޔަކު އަ އެވެ. އެ މީހުން ހަނިމާދޫ ދޯންޏަށް އެރި އެވެ. އަދި އަތުން އިޝާރަތްކޮށް، ފެން ބޭނުންވާ ކަމަށް ބުނުމުން ރުނބާ ހިފައިގެން ފައިބައި އެ ފުރާލައިގެން ފެން ގެނެސްދިނެވެ.

އެ ރަށުގެ ހަގީގަތް ނޭނގޭތީ އެއްވެސް މީހަކު ފައިބަން ދޯނީގެ ދުވަސްވީ މީހުން އެއްބަހެއް ނުވި އެވެ. އެހެންވެ އަނެއް ދުވަހު އެ ރަށުން ފުރީ އެވެ. އޭރު ބޯފެން ލިބުމާ އެކު ދޯނީގައި ކައްކަން ފަށައިފި އެވެ. މި ފަހަރު ވެސް މިސްރާބު ހުރީ އިރުމައްޗަށެވެ. ރަށްތައް ބައިވަރެވެ. އެ ދުވަހު އިރު އޮއްސެން އުޅެނިކޮށް ކުރިމަތިން ފެނުނީ "ދިއްލާ އަޅާފައި އޮތް" ރަށެކެވެ. އެކަމަކު އެ ރަށާ ހިސާބަށް ފޯރީ އަނެއް ދުވަހަށް އިރު އަރަނިކޮށެވެ.

އެ ރަށުގެ ބަނދަރުމަތީގައި ހަދާފައި ހުރި ކެފޭއެއް ކަހަލަ ތަނަކަށް މީހުން ވަދެ ނިކުމެވާތީ ފެނެ އެވެ.

"ދެން އަހެރެމެން ހީކުރީ އައްޑޫ ހިސާބޭ މިއީ. އޭރަކު ވެސް ނޭނގޭ މިއީ ކޮން ތަނެއް ކަމެއް. ދެން އެކަކު އަނެކަކަށް މި ކިޔަނީ މިއީ ކޮން ހިސާބެއް ކަމެއް އެނގޭ ހެއްޔޭ... އަހަރެމެން މިއީ އޭރު ކުޑަކުދިން. އަހަރެމެންނަކަށް ނޭނގޭނެއެއްނު،" އަހްމަދު ކިޔައިދިނެވެ.

ބެހިގެން ދެވުނީ މާ ދުރަށް!

ހަތް ދިވެހިންނަށް ދެވިގެން އަސްލު މި އުޅެނީ އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސް އެވެ. މާލެއާ 1500 މޭލު ދުރެވެ. އޭރު ކިޔާ ގޮތުން ނަމަ އެއީ އަންޒަމާނެވެ. އަޑު އަރާފައި އޮންނަނީ މިނިކާ މީހުން ވެސް އުޅޭ ތަނެއްގެ ގޮތުގަ އެވެ.

އެ ރަށު މީހުންނާ ވާހަކަ ދައްކަން ނޭނގުނަސް، އެ މީހުންގެ ފަރާތުން ވެސް އެހީތެރިކަން ލިބުނެވެ. އަތިރިމަތީ ހުރި ހޮޓަލަކުން ކާއެއްޗެހި ބޯޓަށް ގެނެސްދިނެވެ.

"ބޯޓުގައި ތިބެގެން ކައި ނިމުނުތަކާ އަނެއްކާ އެ އައީ ބަޔަކު. އައިސް ގޮނޑުދޮށުގައި ތިބެގެން އަތުން ހަނާ އަޅާލައިފި ފައިބާށޭ. ދެން ކައި ނިންމައިފައި ފޭބީ. ފޭބި އިރަކު އަދި ނޭނގެ މިއީ ކޮން ބައެއް ކަމެއް. ކީއް ކުރާ ބައެއް ކަމެއް ވެސް. އެ މީހުން ވާހަކަ ދައްކަނީ. އެ މީހުން ކިޔާ އެއްޗެއް އަހަރެމެންނަށް އެނގެނީއެއް ނޫން. އަހަރެމެން ކިޔާ އެއްޗެއް އެ މީހުންނަށް އެނގެނީއަކީ ނޫން،" އަހުމަދު ބުންޏެވެ.

އެ ބަޔަކު ތިބީ ސޯޓުބުރިއެއް ލައިގެން، އަރި ތާކިހާ އަޅައިގެން، ކޮންމެ މީހަކު އެއްތެޔޮބުރިއެއް ހިފައިގެންނެވެ. އެ މީހުން ކަކޫތާ ފެނަށް މޫދަށް އެރުމަށް ފަހު، އެންގީ ފޮށިތަންމަތި ހިފައިގެން ރަށަށް ފޭބުމަށެވެ. އަހްމަދުމެން އެގޮތަށް ކަންތައް ކުރި އެވެ. އޭނާ ބުނި ގޮތުގައި އެއީ އިންޑިއާ ސިފައިންކަން އެނގުނީ މާ ފަހުންނެވެ. އެ މީހުން އައިސް ދިވެހިން ގެންދިޔައީ ބޮޑު އިމާރާތަކަށެވެ. ފެންވަރައިގެން ނިކުތް އިރު މޭޒެއްގެ ކައިރީ އެންމެންނަށް ގޮނޑި ބަހައްޓާފައި ހުއްޓެވެ. މޭޒުގެ އެއްކޮޅުގައި، ހަށިގަނޑުން ވަރުގަދަ މީހަކު އިނެވެ. އެކަމަކު އެ މީހާ ވާހަކަ ދެއްކީ ދިވެހިންނެވެ.

"އެކަމަކު އެއީ ދިވެއްސެއް ނޫން. އެއީ މަލިކު މީހެއް،" އަހުމަދު ކިޔައިދިނެވެ.

ބެހިގެން ގޮސް ރާއްޖެއިން ބޭރުގައި އުޅުނު އެއް އަހަރު ދުވަހުގެ ހަނދާނަކީ ގައިގައި ޖެހި ޓެޓޫތައް

އެ މީހާ އެހީ ކޮން ބައެއްތޯ އެވެ. ރާއްޖެއިން ބެހިގެން އާދެވުނީ ކަމަށް ނެވިމީހާ ކިޔައިދިނެވެ.

އަހްމަދު ބުނި ގޮތުން ނަމަ އެ މީހުން އޭރު ތިބީ ކަމޯޓާގަ އެވެ. މަލިކު މީހާ އަކީ "ނާނަކޯރީ" (ނަންކައުރީ) ގައި އުޅޭ މީހެއް ކަމަށް ބުންޏެވެ. މި ދެ ރަށަކީ ވެސް އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސްގެ ތަންތަނެވެ. އެއީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ޖަޒީރާއެއް ކަމާއި އެތަނުގެ ހަގީގަތް ކިޔައިނިދީ މަލިކު މީހާ އެވެ.

"އެ މީހާ ބުނީ ނަސީބެކޭ ކަލޭމެންނަށް ރޭގައި މި ރަށުގެ އަލި ފެނިގެން މިތަނުގައި މަޑުކުރިކަން. އެހެން ނޫން ނަމަ ދެން ދުނިޔޭގައި ތިއްބާ ހިކިފަސް ތަނެއް އަތުޖެހޭނެހެން ހިއެއް ނުވެއޭ،" އެ ރަށުގައި ދުއްވާ ފެރީއެއްގެ ކައްޕިއަކަށް އުޅޭ މަލިކު މީހާ ކިޔައިދިން ކަމަށް އަހްމަދު ބުންޏެވެ.

އެ މީހާގެ އެހީއާ އެކު ފެރީއެއްގައި ދެން ގެންދިޔައީ، އަހްމަދު ބުނި ގޮތުން ނަމަ، "ބޯޓް ބިލަރް" އަށެވެ. އެއީ އަންޑަމަންގެ ވެރިރަށް "ޕޯޓް ބްލެއަ" އެވެ. ހަތް ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތެއް މެދުވެރިވަންދެން އުޅުނީ އެތަނުގަ އެވެ. އިންޑިއާ ސިފައިންގެ މަރުކަޒެއްގަ އެވެ. ތިބެނީ ބަންދުކޮށްފައެއް ނޫނެވެ.

އެނބުރި ރާއްޖެ ދެވޭނެ ކަމުގެ އުންމީދެއް ލިބުނީ ޕޯޓް ބްލެއާގައި އުޅޭތާ އަހަރު ދުވަސް ވާން ގާތްވެފައި ވަނިކޮށެވެ.

"އެތަނުން ދިމާވީ މަލިކު ތިން މީހުންނާ. އެ މީހުން ބުނެފި ކަލޭމެން މިތަނުގައި ތިބި ކަމެއް ވެސް ރާއްޖެއަކަށް އަދި ނޭނގޭނެ. އެ މީހުން [އިންޑިއާ ސިފައިން] ނުފޮނުވާނޭ ކަލޭމެން ދޭ ސިޓީއެއް ވެސް. ދެން އެ މީހުން ބުނެފި މިރޭ ސިޓީއެއް ލިޔެފައި ދޭށޭ. ދެން ކައްޕި އެ ސިޓީ ލިޔުނީ ސީދާ [އޭރުގެ ރައީސް އިބްރާހިމް ނާސިރު) އަށް،" އަހުމަދު ބުންޏެވެ.

ހީކުރި ވަރަށް ވުރެ މާ އަވަހަށް އެ ސިޓީގެ ޖަވާބު ލިބިއްޖެ އެވެ. އޭގައި އޮތީ ވީ އެންމެ އަވަހަކަށް ރާއްޖެ ގެނެވޭތޯ ސަރުކާރުން މަސައްކަތް ފެށި ވާހަކަ އެވެ. ހަމަ އެ ހަފުތާގައި އިންޑިއާ ސިފައިން އެންގީ ފުރަން ތައްޔާރުވާށެވެ. ކަނޑު ބޯޓެއްގައި ޕޯޓް ބްލެއާ އިން ހަތް މީހުން ގެންދިޔައީ އިންޑިއާއަށެވެ. އެއީ އިންޑިއާގެ ކޮން ތަނެއްކަމެއް ސީދާ އެ މީހުންނަކަށް ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އިންޑިއާގެ އެކި ބަނދަރުތަކުން އެ މީހުން އެންމެ ފަހުން ގެންދިޔައީ ޓްރިވެންޑްރަމަށެވެ. އެ ހުރިހާ ކަމެއްގައި އެހީވީ އިންޑިއާ ސިފައިންނެވެ.

އެންމެ ފަހުން މަތިންދާބޯޓެއްގައި ޓްރިވެންޑްރަމުން ރާއްޖެ ފޮނުވާލި އެވެ. ގެއްލިގެން އުޅުނުތާ އަހަރެއް ފަހުން އެނބުރި ގައުމަށް އާދެވުމާ އެކު އެ މީހުން ގެންދިޔައީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރަށަށް ދެވެގެން މާލޭގައި ނިދާނެ ތަންތަން ސަރުކާރުން ހަމަޖައްސައިދިނެވެ. އެކަމަކު އެނބުރި ގައުމަށް އާދެވުމުން އުފަލުން މަރުވެފައި ތިބި ހަތް ދިވެހިން ބުނީ، މާލޭ ބަނދަރުގައި ރަށު ދޯންޏެއް އޮތް ނަމަ ބޭނުންވަނީ އެ ދޯނީގައި ނިދަން ކަމަށެވެ. އެގޮތަށް ރައީސް އޮފީހުން ހުއްދަދިނެވެ.

ގައިގައި ޖެހި ޓެޓޫ، އަދިވެސް އެ ހަނދާންތައް

ހަތް މީހުން ހަނިމާދުއަށް ދިޔަ އިރު މުޅި ރަށު ރައްޔިތުން ތިބީ އަތިރިމައްޗަށް ނުކުމެ އެވެ. އާއިލާތަކުން އުފަލުން ރޮމުން ދިޔަ އެވެ. އަހުމަދު ކިޔައިދިން ގޮތުގައި އެންމެން ނިންމައިގެން ތިބީ ހަތް މީހުން ވެސް ދުނިޔޭގައި ނެތް ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް "ފާތިހާ" އަށް ނުހަދާ ކަމަށް ބުންޏެވެ.

އަހުމަދުގެ އަތުގައި ޖަހާފައިވާ ޓެޓޫއެއް ދައްކާލަނީ

އެ ދަތުރުގެ ހަނދާންތައް އެ މީހުންގެ ހަށިގަނޑުން މިހާރު ވެސް ފެންނަން އެބަ ހުއްޓެވެ. ޕޯޓް ބްލެއާގައި، ސިފައިންގެ މަރުކަޒުގައި ތިބި އިރު، އެ ތަނުގައި އުޅުނު ބަރުމާ ބަޔަކު، ގައިގައި ޖަހައިދިން ޓެޓޫތަކެވެ. އެ ޓެޓޫތައް ޖެހީ ބަރުމާ މީހުން ވެސް ގައިގެ އެކި ތަންތަނުގައި ޖަހައި އުޅޭތީ މަޖަލަކަށެވެ.

"އެ މީހުންގެ ކަމަކީ މީހުންގެ ގައިގައި ޓެޓޫ ޖެހުން. ދެން އަހަރެމެންގެ ކުދިން މި ކިޔައީ ހިނގާށޭ އެ ޖަހާލަން ވަރަށް މަޖާ އެއްޗެއް ނޫންހޭ. ކިޔައިގެން ޖަހަން އިށީނީ. އަހަރެމެން ކުރަހާފައި ދިނީމަ އެ މީހުން އަމިއްލައަށް އޭތި ޖަހަނީ. ހުރިހާ އެންމެން ވެސް އޭތި ޖެހީ،" އަހުމަދު ބުންޏެވެ.

މޫސަ ކިޔައިދިން ގޮތުގައި ކަނޑު މަތީގައި ބެހިގެން އުޅުނު އިރު ބިރުވެރި އެއްވެސް ކަމެއް ދިމައެއް ނުވެ އެވެ. ބެހުނު ދުވަހު ލައްވާލި ކޮޅިގަނޑު ނޫން އެހެން ވިއްސާރައެއް ވެސް ކުރިމައްޗެއް ނުވެ އެވެ. ހަމައެކަނި މައްސަލައަކީ ދެވޭ ނުދެވޭ ތަނެއް ނޭނގުމެވެ. އަދި އެ މީހުން ދުނިޔޭގައި ތިބިކަން ރާއްޖެ އަށް އަންގާނެ ގޮތެއް، މަލިކު ތިން މީހުންނާ ދިމާވުމުގެ ކުރިން، ނުފެނުމެވެ.

19 ކޮމެންޓް, 151 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 19%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަފްޞާ / މާލެ

01 December 2017

ނޭގި ކުރާ ކުށްތަކަށް ، ފާފަތަކަށް ޢަފޫކުރައްވާ! މާތްﷲ އީ ޢަފޫކުރައްވާ އޯގާވަންތަ އިލާހް!

The name is already taken The name is available. Register?

ޟަޔާން

01 December 2017

ނޭނގެނީބާ ޓެޓޫ ޖަހައިގެން ހިނައިނުގަނެވޭނެކަން. ހިނައިގަތުން ޤަބޫލުނުކުރައްވާނެކަން. ހަމައެގޮތަށް އަޅުކަންވެސް ޤަބޫލުނުކުރައްވާނެކަން. މި ބޭފުޅުންނަށް އެކަން އަންގަވާލަދެއްވާނެ ޝޭހަކުވެސް ނެތީތޯ

The name is already taken The name is available. Register?

ބޮޑުމަސް

30 November 2017

ޓެޓޫ ޖެހުމަކީ ކިހާވަރެއްގެ ކަމެއްކަން އިގޭބާ؟ ލއުން ކިޔާލީމަ ހީވޭ އިސްލާމް ދީނުގައި ހުއްދަ ކަމެއްހެން

The name is already taken The name is available. Register?

އިޙްސަ

30 November 2017

އެއިރަކު އެމީހުނަށް ޓެޓޫގެ ތަންދޮރު ނޭގޭކަމަށް ބެލެވެނީ.

The name is already taken The name is available. Register?

ލަމް

01 December 2017

ޓެޓޫ ރިމޫވް ކުރަން ފެނޭ. އަޅުކަން ގަބޫލުނުކުރައްވާނެ. ހެޔޮގޮތަށް ރުޖޫޢަވުން މޮޅުއިތުރުވެގެންވޭ.

The name is already taken The name is available. Register?

ޓެޓޫ މޭން

01 December 2017

ހަރާމް ކަމެއް ނޫން.

The name is already taken The name is available. Register?

ޝާޝާ

30 November 2017

ކައިރީގަ އަޅެ މީނީ ކީއްކުރަން އިން މީހެއްތަ؟ އަނގައިން ނުބުނިތާނގަ ސުވާލެއް ކުރީމަ ޖަވާބުދޭންވެސް ނޭނގެ..މިވަރުން ނޭރިނަމައެއްނު. މީ އެކަކު ދިން އިންޓަވިޔު އެއްނު..

The name is already taken The name is available. Register?

އަހުމަދުބެ

30 November 2017

އެކަކު އަނެކަކަށް އިހްތިރާމް ކުރަން ދަސްކުރާށެވެ. އެކި މީހުންގެ ހުންނާނީ އެކި ހުނަރެވެ.

The name is already taken The name is available. Register?

ކޮބާ؟

30 November 2017

އަހަރު ދުވަހު އަންޑަމަން ސިފައިންގެ މަރުކަޒުގައި ތިބިއިރު، އެމީހުން ލައްވާ އެއްވެސް މަސައްކަތެއް ކުރުވި ހެއްޔެވެ؟ އެތަނުން އެއްވެސް ކަމެއް ނުވަތަ ބަހެއް ކުޑަކޮށް ނަމަވެސް ދަސްވިހެއްޔެވެ؟ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ކިހިނެއްހެއްޔެވެ؟ ހަމައެކަނި ޓެޓޫ ޖެހިވާކަ އޮތުމަކުން ނުފުދެއެވެ. ތި ޙާދިޘާގައި އެމީހުންނަށް ކުރެވޭނެ ތަޖުރިބާ ގެ ވަރަށް ގިނަ މަޢުލޫމާތުތަކެއް ނެތެވެ.

The name is already taken The name is available. Register?

ޢަހުމަދު

30 November 2017

ތިވާހަކައިން އެންމެ ފާހަގަވީ އޭރުގެ ދިވެހި ޒުވާނުންނާ ކުދިން ދުވަސްވީ މީހުނަންގެ ބަސްގަބޫލުކުރި މިންވަރާ އެމީހުނަށް ކުރި އިހްތިރާމް.

The name is already taken The name is available. Register?

ޙަާން

30 November 2017

އަހަރެންގެ ބައްޕަމެންވެސް ފެންނާނެނަމަ، އެމީހުންވެސް ވަނީ މީގެ 30 އަހަރު ކުރިން މަހަށް ގޮސް އުޅެނިކޮށް ގެއްލިގަ?

The name is already taken The name is available. Register?

ޅިޔަންބެ

30 November 2017

ވަރައް ސަޅި އަސަރުގަދަ ވާހައެއް. މިކަހަލަ ހަގީގީ ވާހަކަ ގިނަގިނައިން ނޫހުގަ ޖަހާބަލަ.

The name is already taken The name is available. Register?

އަލިހޮއްކޮ

30 November 2017

ހަނިމާދޫ މީހުން މިއީ މާ ޓެޓު ޖަހާ ހިތްވާ ބައެއްދޯ އެހެންވީމަ. ބަކުރު (އަހަރުމެންގެ ބަހުންނަމަ ބަކޭ މިހާރު ގާތްގަޑަކަށް 65 އިން މަތި) އިންނާނެ ވަރުގަދަ އެންކަރެއް ޖަހާފަ.

The name is already taken The name is available. Register?

ރަދީފް

30 November 2017

ވަރަށް ގިނަ ތަޖްރިބާ ހުންނާނެ ތިދޯނިން ބެހިގެން އިންޑިޔާއަށް ދެވުނު މީހުންގެ.ރަދީފް މިދުނިޔެއަށް އުފަންނުވަނީސް ހިނގި މިހާދިސާއިން ސަލާމަތްވެ އަހްމަދު އިދުރީސް (ބޮޑޭ) އާއި މޫސާ ސައީދަށް ރާއްޖެ އާދެވި މިއަދު އަހަރުމެން ކިޔާލަން އެހާދިސާގެ ވާހަކަ ނޫސްތަކަށް ކިޔާދިނުމުގެ މަގު މިންވަރުކުރެއްވީތީ މާތްﷲ އަށް ޝުކުރުކުރަން.

The name is already taken The name is available. Register?

ތަފާތުމަތު

30 November 2017

ފިލްމެއްކުޅެލަން ސަޅި ވާހަކައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454