މިދިޔަ އަހަރު ބޭއްވި މިނިވަން 50ގެ ކުޅިވަރެއް ކުރިއަށް ދަނީ -- ފޮޓޯ: އިބްރާހިމް ފާއިދު
28 ޖުލައި 2016 - 07:13
ރާއްޖޭގެ މިނިވަން ރަން ޔޫބީލްގެ އަހަރު ބަނަވާނެކަމުގެ ކުޑަކުޑަ ނިޝާންތަކެއް 2014 ގެ ފަހުކޮޅު ފެންނަން ފެށި އެވެ. އެކަމަކު 2015 ގައި މުޅި ގައުމު އެހާ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ވެއްޓި، އެ އުފާވެރި އަހަރުގެ ކިލަނބުކަން އެ މިންވަރަށް އުފެދިދާނެއޭ އެކަކު ވެސް ހިއެއްނުކުރާނެ އެވެ.
ރައްޔިތުންގެ ފަރާތުން ދިން މިނިވަން ޖާފަތުގެ ތެރެއަށް ހިޔާނާތް ވަދެ، ރަހަތަކުގެ މީރުކަން ވަގަށް ގެންދިއުން އެކަންޏެއް ނޫނެވެ. އެ ރަސްމީ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ބޭރުގެ ހަމައެކަނި ވެރިޔާ ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ފަރިއްކުޅުވާނެ އެއްޗެއް ލިބިވަޑައިގަތުން ލަސްވެ، ދިވެހިންގެ މެހެމާންދާރީގެ އަގު ވެއްޓުން އެކަންޏެއް ވެސް ނޫނެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ނައިބު ރައީސް އަހުމަދު އަދީބު އަޑީގައި ހުންނަވައި ދެއްވި ހަމަލާ އާއި ރައްޔިތުންގެ މުދަލުން ކުރި 1.2 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމުން ވެސް ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް އަހަރު ނިވާކޮށްލީ، ހަގީގަތުގައި، އަނދިރިކަމުގެ ސާލަކުންނެވެ.
ތެދެކެވެ. އަޅުގަނޑުމެން އެންމެންނަށް ކުލަބޮކިތައް ފެނުނެވެ. ހަވާގެ ހިތްގައިމުކަމާއި ބޭރުގެ އެކި ފަންނާނުންގެ މިޔުޒިކާއި ލަވަތަކުގެ ޖާދޫގައި ޖެހުނެވެ. ރާއްޖޭގައި އޭގެ ކުރިން ނުބާއްވާ ވަރުގެ ފެންވަރުމަތީ ކުޅިވަރުތަކުން ގަލޮޅު ދަނޑު އުޖާލާކޮށްލި އެވެ. ގިނަ ރައްޔިތުންނަަށް މިނިވަން 50 ނިމިގެން ދިޔައީ އުފާވެރި ހަނދާންތަކާ އެކުގަ އެވެ. އެ ރައްޔިތުންގެ ކުށެއް ނެތެވެ.
އެކަމަކު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ "ކުށްތައް" ބައިވަރެވެ. މިނިވަން 50 ފާހަގަކުރިތާ މި ހަފުތާ އަށް އަހަރެއް ވީ އިރު ވެސް ގައުމާ މެދު ވިސްނާ ދިވެހިންގެ ތެރެއަށް ފެތުރިފައި އޮތް މާޔޫސްކަމަށް ބަދަލެއް ނާދެ އެވެ.
ގާތް ރައްޓެއްސަކު އަޅުގަނޑަށް މިނިވަން ދުވަހުގެ މަރުހަބާއާ އެކު ކާޑެއްގެ ފޮޓޯ، ވައިބާ އިން ފޮނުވި އެވެ. އެކަމުން އަޅުގަނޑަށް އުފަލެއް ލިބުނު ހެއްޔެވެ؟ ކިއުންތެރިންނަށް ދޮގެއް ހެދުމުގެ ބޭނުމެއް ނެތެވެ. ނުލިބެ އެވެ. އެއީ ރާއްޖޭގެ މިނިވަން ދުވަސް ގަބޫލުނުކުރާތީއެއް ނޫނެވެ. އެ ދުވަހަށް އަޅުގަނޑުގެ ހިތުގައި އިހުތިރާމެއް ނެތިގެންނެއް ވެސް ނޫނެވެ. އެކަމަކު ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައި އޮތް އެތައް ހައްގުތަކެއް ރާއްޖޭގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ދާއިރާ އިން ނިގުޅައި ގަންނަމުން ދާ އިރު މިނިވަން ދުވަހޭ ކިޔައިގެން ދެއްކުންތެރިކަމުގެ އުފަލެއް ލިބިގަންނަން ބޭނުންނުވަނީ އެވެ.
އާންމު ގިނަ ރައްޔިތުންނަކީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި، މުޒާހަރާގައި ބައިވެރިވާ ބައެއް ނޫނެވެ. މަގުމައްޗަށް ނުކުމެ އަޑުއުފުލާ ބައެއް ވެސް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕާޓީގެ މެމްބަރުން ފާސްކުރަން މިހާރު އެ އުޅޭ "އަބުރު ރައްކާތެރިކުރުމުގެ ގާނޫނު" ގެ ހަގީގަތެއް ގިނަ ރައްޔިތުންނަކަށް ނޭނގެ އެވެ. ގެއްލެން އެ އުޅެނީ ހަމައެކަނި ރާއްޖޭގައި ނޫސްވެރިކަން ކުރާ 200 ވަރަކަށް ނޫސްވެރިންގެ ހައްގެއް ނޫނޭ، ވިސްނާކަށް ވެސް ގިނަ ރައްޔިތުން ބޭނުމެއް ނުވެ އެވެ. އެއަށް ވުރެ ބޮޑަށް އެ މީހުންގެ ސަމާލުކަން، ހިންދީ ސިލްސިލާއެއްގައި އުޅޭ އަންހެނަކަށް ވެސް ލިބޭކަން، އަންގާރަދުވަހު "ރަސްފަންނު" އަށް އެއްވި މީހުންގެ އަދަދުން އެ ސާބިތުވީ އެވެ.
ބާރުގަދަ ވެރިން އަބަދުވެސް ނަގާނީ އެ ހާލަތުގެ ނާޖާއިޒު ފައިދާ އެވެ. މިނިވަން 50 އާ ގުޅުވައިގެން، ކުރީގެ ނައިބު ރައީސް އަދީބު އިސްކޮށް ހުންނަވައި ރާއްޖެ ގެނައި އެކި ވަރުވަރުގެ ތަރިންނަށް އެހާ ބޮޑު ހޭދައެއް އެކުރީ އެކަން އެނގިވަޑައިގެން ހުންނަވަ އެވެ. ގިނަ ރައްޔިތުންގެ ބޮލަށް އެރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ.
މިދިޔަ އަހަރު ބޭއްވި މިނިވަން 50ގެ ކުޅިވަރެއް ކުރިއަށް ދަނީ -- ފޮޓޯ: އިބްރާހިމް ފާއިދު
އެކަމަކު ވިސްނޭ މަދު ބަޔަކު އަބަދުވެސް އެ މީހުންގެ އަޑު، އެފަހަރަކު އުފުލުނު ގޮތަކަށް، އުފުލާނެ އެވެ. އެހެންކަމުން މިދިއަ އަހަރެކޭ އެއްގޮތަށް އެ މީހުންނަށް މި އަހަރުގެ މިނިވަންދުވަހުގެ އުފަލެއް ވެސް ނެތެވެ. އެމީހުންގެ ޝަކުވާތައް ހުރީ ފުނިޖެހިފަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ނުވަތަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މެދު އޮތް ޒާތީ ރުޅިވެރިކަމެއް ނޫނެވެ. ގައުމުގައި ތަރައްގީގެ ކިތައްމެ މަޝްރޫއުއެއް ހިންގިޔަސް، މާލޭ/ހުޅުލޭ ބްރިޖް އެޅިޔަސް، އެއާޕޯޓް ބޮޑުކުރިޔަސް، ރައްޔިތުންގެ އަސާސީ ބައެއް ހައްގުތަކަށް އަރައިގަނެ، ދައުލަތުގެ މިނިވަން މުއައްސަސާތައް ބޭކާރު ތަންތަނަށް ހަދަމުން ދާ ކަމަށް ވަންޏާ އެއީ ގައުމަށް ލިބޭ އަސްލު ތަރައްގީއެއް ކަމަށް، މި ދެންނެވި މަދު މީހުން ގަބޫލެއް ނުކުރާނެ އެވެ؛ އެއީ ގައުމުގެ މޫނުގައި ހަވީރު ފުށް ޖެހުން ފަދަ ކަމެކެވެ. އެފުށުގެ ރީތިކަން، ކުޑައިރުކޮޅެއްގެ ތެރޭގައި އޮންނާނީ ގެއްލިފަ އެވެ.
ވިސްނޭ އެ މަދު ދިވެހިންނަކީ، ގައުމުގެ ބާރު ހުރި ފަރާތްތަކުގެ ނަޒަރުގައި "މޮޔައިންނެ"ވެ. ހަމާގައި ތިބީ، ނުވަތަ ގައުމު ދާންވާ މިސްރާބު އެނގޭނީ، އެވެރިން ގަބޫލުކުރާ ގޮތުގައި، ހަމައެކަނި އެމީހުންނަށެވެ. އެކަމަކު ބިރުދައްކައިގެން ބަޔަކު މައިތިރިކުރުމަކީ ދާއިމީ ހައްލަކަށް ވާނެ ހެއްޔެވެ؟ ނުވާނެ އެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ވެރިޔަކަށް މިވަގުތު ދުނިޔޭގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި އުނދަގޫ މަރުހަލާގެ ހުރިހާ ކަމެއް މިހާރުގެ ރައީސް ޔާމީން ވާނީ ތަޖުރިބާކުރައްވައިފަ އެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ރައީސް ޔާމީން، ރާއްޖޭގައި ނާކާމިޔާބުވެފައި އޮތް ސިޔާސަތެއް އެ ގެންގުޅުއްވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ހުރިހާ ބާރެއް އަތްޕުޅަށް އެރުމުން މާޒީ ހަނދުމަފުޅު ނެތުމެވެ.
ރައީސް މައުމޫން ރާއްޖޭގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރައްވައިގެން 25 އަހަރު ވެރިކަން ކުރެއްވި އެވެ. ފަހު ފަސް އަހަރު ދިޔައީ އެ ކޮންޓްރޯލް ނެތި އެވެ. އެކަމަކު މިހާރު ރާއްޖެ އިން ފެންނަ ފަދަ އިލްމީ އަދި މައުލޫމާތު ހުރި ދިވެހިންނެއް، މައުމޫންގެ ވެރިކަމުގެ ބޮޑު ބައެއްގައި ނުއުފެދެ އެވެ. އަދި މިހާރުގެ ޒަމާނީ ވަސީލަތްތަކެއް ވެސް ނެތެވެ. އެ ދެ ބައި އެކުވުމުން، 1980 އާއި 1990ގެ އަހަރުތަކުގައި މައުމޫން ވެރިކަން ކުރެއްވި ގޮތަށް މިހާރު ރާއްޖޭގެ ވެރިންނަށް ވެރިކަމެއް ނުކުރެއްވޭނެ އެވެ. ގާނޫނުއަސާސީއާ ކަނޑައެޅިގެން ފުށުއަރާ ގާނޫނުތަކުން ރައްޔިތުން ބިރުގެންނެވިޔަސް، ފާޑުކިޔުން ކުރިއަށް ގެންދާނެ ނިޒާމް އަދުގެ ޓެކްނޮލޮޖީން ވަނީ ފަހިކޮށްދީފަ އެވެ.
ވިސްނޭ މަދު ބަޔަކު، ނުވިސްނޭ ގިނަ ބަޔަކާ ހަމައަށް މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި އެ މައުލޫމާތު ދޮންވެ ފައްކާވެ، އޭގެ ބޭނުން ހިފޭނެ ދުވަސް ވެސް ނުފެންނާނެއޭ ހީކޮށްގެން ނުވާނެ އެވެ. އެކަމަށް މެދުވެރިވާނީ ނުބައި ވަގުތެއްގައި އެޅޭ ނުބައި އެންމެ ފިޔަވަޅެކެވެ. ޖަލުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން، ބާރުގަދަ ރައީސް މައުމޫނަށް އިސްލާހީ އެޖެންޑާއެއް އިއުލާންކުރައްވަން ޖެހިވަޑައިގަންނަވާ ހިސާބަށް ގައުމުގެ ހާލަތު ވެއްޓިދާނެ ކަމަށް ހީކުރީ ފަހެ ކާކު ހެއްޔެވެ؟ އެކަމަކު މައުމޫނާއި ރައީސް ޔާމީނާ ވަރަށް ބޮޑު ތަފާތެއް އެބަ ހުއްޓެވެ. މައުމޫން ދޫދެއްވަ އެވެ. ރައީސް ޔާމީންގެ ވިސްނުންފުޅުގައި، ދޫދެއްވުމަކީ ބަލިވުމެވެ.
މިނިވަން 50 ފާހަގަކުރިތާ އެއް އަހަރު ވެގެން ދިޔައީ އެވެ. އެކަމަކު ރީތި ކުލަތަކުން ގައުމު ޖަރީ ކުރިޔަސް ، ސިޔާސީ ގޮތުން ފެނުނު ހަމަނުޖެހުންތަކާއި، ބޮޑެތި ވައްކަންތަކާއި ނުހައްގުން އެތައް ބަޔަކަށް ލިބެމުން އަންނަ އަނިޔާތަކުން ފެތުރުނު މާޔޫސްކަން މިހާރު ވެސް ހަމަ މި އޮތީ އެވެ. ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ ތެރޭގައި ވެސް އެ މާޔޫސްކަން އެބަ އޮތެވެ. ބައެއް މީހުން އަމިއްލަ ގޮތުން ދައްކާ ވާހަކަތަކުގައި "ކުރާނީ ކީއްހޭ، މި ނޫން ގޮތެއް މިވަގުތު އަހަރެމެންނަކަށް ނެތޭ" އެ ބުނަނީ ގައިމު ހިތުގެ އަޑިން ގަބޫލުނުކުރާ ކަންކަން ހިނގަމުން ދާތީތާ އެވެ.
ދައުލަތުގެ ބޮޑެތި މުސާރަވެރިން، ގައުމުގެ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި، ޓައި އަޅައިގެން، ނަލަހެދިގެން، މިނިވަން ދުވަސް ފާހަގަކުރިޔަސް، ހުޅުވިފައިވާ ސިކުނޑިއަކުން، ތެދުވެރިކަމާ އެކު ވިސްނާލައިފި ނަމަ، އަޅުގަނޑު މި ދަންނަވާ މާޔޫސްކަން އިހުސާސްނުކުރެވި ނުދާނެ އެވެ. މިނިވަން ދުވަހުގެ ޖާފަތުން ކޭ އެއްޗެއް ހޮޑަށް އަންނާކަށް ވެސް މާ ގިނައިރެއް ނުނަގާނެ އެވެ.
މޫސާ ލަތީފަކީ މިހާރު ހުއްޓާލައިފައިވާ "ހަވީރު"ގެ އެޑިޓަރެވެ. މި އަހަރުގެ މިނިވަން ދުވަހުގެ އަދަދަށް މަޒުމޫނެއް ލިއެދެއްވަން ދިން ފުރުސަތުގައި މި މަޒުމޫން "މިހާރު"އާ ހިއްސާކުރެއްވީތީ އަޅުގަނޑުމެން ޝުކުރު ދަންނަވަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޫޔާ
30 July 2016
މޮޅު ލިޔުމެއް! ހަޤީގަތަކީ، ދިވެހިރާއްޖެފަދަ ކުޑަ ގައުމެއްގައި، ވެރިކަން ކުރާ ބަޔަކަށް ސީދާ ގޮތުންވެސް ނުސީދާ ގޮތުންވެސް ފާޑުކިޔުމަކީ އެބަޔަކާއި، ދެކޮޅުވުން ކަމުގައި ގަބޫލްކުރެވުން. ހަޤީގަތަކީ، ބިނާކުރަނިވި ފާޑުކިޔުމަކަށް މި މުޖްތަމައުގައި ޖާގައެއްނެތްކަން. އެއްބަޔަކު އަނެއް ބަޔެއްގެ އަޑު ނެތިކޮއްލަން މަސައްކަތްކުރުމުގައިއަވަދިނެތި އުޅޭކަން. 2008 ގައި ހޮވުނު ސަރުކާރު ނެތިގެން ދިޔައީ އެ ވެރިކަން ގިނަ ރައްޔިތުންތަކަކަށް ގަބޫލްނުކުރެވުމުން. ނަމަވެސް، އެ ވެރިކަމުގައިވެސް ހެޔޮ ކަންތައްތަކެއް ކުރެވިފައިވާނަމަ އެކަން ގަބޫލްކުރަންޖެހޭ. މި ވެރިކަން ކަމުނުގޮސްގެން ބަޔަކު މީހުން ފާޑުކިޔަން ފެށީމާ އެކަން ކަން ރަނގަޅު ކުރަން ނުވަތަ އަޑުއެހުމަށް ފުރުސަތުވެސް ދޭންޖެހޭ. ކޮންމެ ބަޔަކަށްވެސް ފެންނަނީ ގޯސްކޮށް ކުރެވޭ ކަންތައްތައް. ހެޔޮކަންތައްތަކަށް ތަރުހީބުދީ ގޯސްކަންތައްތައް ރަނގަޅުކުރުމަށް އެއްބާރުލުން ދިނުމަކީވެސް ހަމަ ފާޑުކިޔާ ފަރާތްތަކުގެ ޒިންމާއެއް. ހައްލަކީ ކޮންމެމީހެއްވެސް ގައުމާއި ދޭތެރޭ ވިސްނުން.
ރަދުން
29 July 2016
ވެރިންނަށް ފާޑު ކިޔުމަކީ އަބުރާ ބެހުމެއް ނޫން، ފާޑު ކިޔުން ބަލައިގަންނަން ޖެހޭނެ: އިންޑިއާ ސުޕްރީމް ކޯޓު
ވިސްނާމީީހާ
29 July 2016
މިގައުމުގެ މިނިވަންކަން އޮތީ އެހެންއެއްވެސް ގައުމެއްގައި ދީފައިވާ ވަރަށްވުރެ މާބޮޑުކޮށް އެހެންވީމާ ކޮންޓްރޯލް ކުރުންްކޮންމެހެން ކުރަންޖެހިފައޮތް ކަމެއް
މޫސަ
29 July 2016
ކަލެޔައް މިނިވަންކަމުގެ ރަހައާއި ލައްޒަތާއި އުފާވެރިކަމާއި މިނިވަންކަމުގެ ވައިބަރއިން ފޮނުވާ މެސެޖުތަކާއި މިހުރިހާކަމެއްވެސް ރަނގަލުވީސް އެމް.ޑީ.ޕީ ވެރިކަމުގައި އޮތްނަމަ، 2009 ، 2010 ، 2011 ގައި ރާއްޖެ އޮތީ ކޮންހާލަތެއްގައިތޯ؟ މިރާއްޖޭގެ މީހުން މިތިބި މާތްވެގެންވާ އިސްލާމްދީނާއި ޖުޑިޝަރީއާއި ދައުލަތުގެ ޚަޒާނާއިން ވައްކަންކުރި ވަޒީރުންނާއި 400 ފަޅުރައް އެކިމީސްމީހުންނަށް ބަހާލާފައި އޮތުމާއި ރާއްޖޭގެ ރައްތަކުގައި ބުދުބެހެއްޓުމާއި މިކަންކަން ހިނގިރިރު ތިޔަލިޔާ ގަލަންކޮބާތޯއޭ މިހާރު އިބަހިތައްއަރާ.
ޝަމްހީދު
29 July 2016
އަދުގެ ރާއްޖެ ވަރަށް ސާފްސާދާ ކޮށް ލިޔެވިފައިވާ ވަރަށް މޮޅު މަޒުމޫންއެއް.
ރޯޅި
29 July 2016
މިހާރު އަހަންނަށް އެއްވެސް ކަހަލަ އުފަލެއް އިހްސާސު ނުކުރެވޭ. މާޔޫސްކަން ހިތަށް ވެރިވެފައިވާ މިންވަރު ބަޔާންކުރުން ދަތި. މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ތިއިން އެއްސްކަމެއް ނުބަލަން. ހަމަ ބަލާހިތްނުވަނީ. ނޫންނަމަ އަހަންނަކީ ތިފަދަ ކޮންމެ ކަމެއްގައި ވަރަށް ޖޯޝާ ފޯރިއާއެކު ބައިވެރިވެ އުޅުނު މީހެއް. މިހާރު މިނިވަންކަން އިހްސާސުނުވޭ. ޕާޓީއެއްގެ މިހެއް ނޫން. އަދި ވަކި ވެރިޔަކަށްޓަކައި ވަކި ސަރުކާރަކަށްޓަކައި މަރުވާ މީހެއްވެސް ނޫން. އެކަމަކު ހަމަ އަޅުވެތިކަން ނޫންކަމެއް އިހްސާސު ނުވޭ. ހުރިހާ ގޮތަކުންވެސް ބިރުވެރިކަމެއްގެ ތެރޭ އުޅެވެނީ.
މަދޫ
28 July 2016
ތީ ކޮންމެ ބަޔަކު ތިއްބަސް ތިމާމެން އަތަށް ވެރިކަން ލިބެންދެން ލިބިދާނެކަމަށް އުޅޭ ފިތުނަވެރި މީހުންނެވެ. ތިޔަކަހަލަ މީހުން މަދުވާނެއެވެ. އެއީކީ މާމޮޅަށް ވިސްނޭ ބައެއްވެގެން މަދީއެއް ނޫނެވެ. މަސައްކަތް ކޮށްގެން ކުރިނުލިބޭނެ އެކަކު ވެސް ހަމަނެތެވެ. ދެންކޮން ހައްގެއް ނެތިގެން އުޅޭ ވާހަކައެއް ހެއްޔެވެ. މޮޔައިންނަށްވަނީ ހަމަތިހެންވީމައެވެ.
ޙައްދުންމަތިން
28 July 2016
ކާކުގެ ލިޔުމެއްތޯ ބަލާލައިފިން
ށަލ8މް
28 July 2016
މައްސަލައިގެ ހައްލު ބުނެދިން މިދިޔަ ހުކުރު ހުރުބާގަ... ހައްލުއޮތީ ހައްލުކުރަން ނުކުތުނުގަ.. ވާހަކަ ދައްކާ ހިޔާލު ފާޅު ކުރިއަކަސް ނުނިމޭ.. އަމަލުން ކަންކަން ބަދަލުނކުރަން ހިފަންވީ..
ޢަބްދުﷲނާފިޒު
28 July 2016
އަހުން މި އިންތިޒާރުކުރަނީ ސަރުކާރުގެ ނޭއްގާނީ ސިޔާސަތުތަކާމެދު ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލާހިސާބަށް ދާނެ ދުވަހަކަށް، ކިތަންމެ ދެކެން ބޭނުން ދުވަހެއް ނޫނަސް ދެން މިހާރު އެނޫންގޮތެއް ނެތް، އހ.