ރިޕޯޓް / ތާރީހް

މާފަންނުގެ ފަހުރުވެރި މުދައްރިސް: އުޖާލާކަން ގެނެސްދެއްވި!

ސަރުކާރުގެ ހަފްލާއެއްގައި އިބްރާހިމް ހަސަން (ކ) ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ސަލާމްކުރައްވަނީ.

ދެ އަވަށެއްގައި ހުއްޓަސް ދެ ގެއަކަށް އެއް ނަމެއް ނުކިޔޭނެ ކަމަށް ސަރުކާރުން އެންގުމާ އެކު، މާފަންނު އެތުމާގެ އާއި މައްޗަންގޮޅީ އެތުމާގޭގެ ތެރެއިން ކޮންމެވެސް އެއް ގެއެއްގެ ނަން ބަދަލުކުރަން ޖެހުނެވެ. އެހިސާބުން ނަން ބަދަލުކުރާނެ ގެއެއް ކަނޑައަޅަން ގުރެއް ނެގި އެވެ. ނާކާމިޔާބުވެވަޑައިގަތީ މ. އެތުމާގޭ މަރްހޫމް އިބްރާހިމް ހަސަނަށެވެ. އެގެޔަށް އޭނާ ދެން ދެއްވި ނަމަކީ އަރަބި ބަހުން ހެނދުނުގެ ވައިރޯޅިތަކަށް ނިސްބަތްކޮށް "ރީހުއްސަބާ" އެވެ. އެއަށް ވުރެ ވަކި ފުރިހަމަ ނަމެއް އެގެއަށް ކީދާނެ ހެއްޔެވެ؟ އިލްމީ ފަތިހަކަށް ދިވެހިން ހޭލައި ލޯ އުނގުޅަމުން ދަނިކޮށް މާފަންނު މީހުންގެ މޫނުމަތީގައި ބީހިލީ ހެނދުނުގެ އުޖާލާ ވައިރޯޅިތައް އުފެދުނީ އެގެއިންނެވެ. ޖަމިއްޔަތުލް ފަލާހާއި މަދަރަސަތުލް ނޫރައިން ވުޖޫދަށް ގެންނަވައި އެތައް ބަޔަކަށް އޭނާ ކިޔަވައިދެއްވި އެވެ. މާފަންނު އޯކިޑް ކްލަބް އުފައްދަވައި ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވައި މާފަންނަށް ފަހުރުވެރިވެރި އެތައް ކާމިޔާބީތަކެއް ކުޅިވަރު ދަނޑުގައި ހޯއްދަވައިދެއްވި އެވެ. ސަރުކާރަށް 62 އަހަރު އަގުހުރި ހިދުމަތްތަކެއް ކުރެއްވި އެވެ.

އެކަމަކު ރީހުއްސަބާ އިބްރާހިމް ހަސަންގެ ފުރަތަމަ އަދި ހަމައެކަނި ލޯތްބަކީ ދީނީ އިލްމެވެ. އެންމެ ޅަ ދުވަހުން ފެށިގެން މަރުދުވަހާ ހަމައަށް ވެސް، އޭނާގެ މުޅި ދިރިއުޅުމުގެ އެންމެ މުހިއްމު މަގުސަދަކަށް ހެއްދެވީ އިލްމު އުނގެނުމާއި ފެތުރުއްވުމެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރަމުން ގެންދަވަނިކޮށް ސްކޫލުގެ އޭރުގެ ޕްރިންސިޕަލް މުހައްމަދު އަމީން، އޭނާ ތ. ކަނޑޫދުއަށް އަދި ފަހުން ށ. މާއުނގޫދުއަށް ފޮނުވާލެއްވި އެވެ. އަތޮޅުތެރެއަށް ތައުލީމް ފެތުރުއްވުމަށްޓަކަ އެވެ. ޒުވާން އުމުރުގައި ތ. އަތޮޅު ރައްޔިތުންގެ "މުދައްރިސު އިބްރާހީމަ"ށް އަދި ށ. އަތޮޅު ރައްޔިތުންގެ "އެދުރުބެ އިބްރާހިމަ"ށް ބަދަލުވިޔަސް އެނބުރި މާލެ ވަޑައިގެން އަނެއްކާވެސް "ދަރިވަރު އިބްރާހިމަ"ށް ބަދަލުވެވަޑައިގަތެވެ. ދަސްކުރައްވަން ބޭނުންފުޅުވެފައި ހުންނެވިލެއް ބޮޑުކަމުންނެވެ. ދިވެހިރާއްޖޭގެ އުސްތާޒުއްޖީލް އައްޝައިހް މުހައްމަދު ޖަމީލް ދީދީ ހިންގެވި ކިލާސްތަކުން އަދި ފަލީލަތުއްޝައިހް އަލީ ހުސެއިން ދީދީގެ އަރިއަހުން ދީނީ އިލްމު އުނގެނިވަޑައިގަތެވެ. އިސްލާމީ ދުނިޔެ ދުށް އެންމެ ބޮޑު އެއް އިލްމުވެރިޔާ ތުރުކީގެ މުފްތީގެ އަރިހުންނާއި އަލް އަޒްހަރުން ކިޔަވާ ވިދާޅުވެގެން ހުންނެވި ޝައިހް އަލީ ހުސެއިން ދީދީގެ ފަރާތުން އުނގެނިވަޑައިގަތުމަކީ އިބްރާހިމް ހަސަންގެ އެންމެ ބޮޑު އެއް ނަސީބެވެ.

އެކަމަކު އެއީ އިޖްތިމާއީ ކަންކަމުގައި އިބްރާހިމް ހަސަންގެ ބައިވެރިވެވަޑައިގަތުމެއް ނޯންނަންވީ ސަބަބަކަށް ނުވި އެވެ. މާލޭ މުނިސިޕަލް ކައުންސިލުގައި މާފަންނު ތަމްސީލްކުރެއްވުމާއި ފުއްޕާހަމުގައި ފޮތި އޮޅައިގެން ބޯޅަ ކުޅެމުން ދިޔަ މާފަންނު ކުދިންނަށް ކުޅިވަރުގެ ތެރެއިން ހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި އޭނާ އިސްވެ ހުންނަވައި އުފެއްދެވި އެމް އޯކިޑް ކްލަބަކީ އޭގެ ސާފު ހެއްކެކެވެ. ގައުމީ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފެށިތާ އަށް އަހަރު ފަހުން 1957 ގައި ފަށައިގަތް އެ ކްލަބަކީ ދިވެހި ތާރީހުގައި އަމިއްލަ ބަޔަކު އުފެއްދި ފުރަތަމަ ކުޅިވަރު ކްލަބެވެ. މެޗުގެ ކުރިން ޓީމު އެއްކޮށް އިބްރާހިމް ހަސަން އިއްވާ ބަސްތައް އެއީ ކުޅުންތެރިންގެ ލޭކައްކުވާލައި ކަށިން ހިތްވަރު ނެރުމަށް މަޖުބޫރުކުރުވާ ފަދަ އަންބާތަކެކެވެ. ދިވެހި ފުޓްބޯޅައިގެ ޅަފަތުގެ ތަރިން ކަމަށްވާ އަނދިރިބޭ މުހައްމަދު ފުޅާއި އަހުމަދު ކަމާލަކީ ވިދުންތަކާ އެކު ފުޓްބޯޅަ، ހޮކީ އަދި ބައިސިކަލް ރޭސްތަކުގައި އެ ކްލަބް ދިޔައީ ބަބުޅަމުންނެވެ.

މާފަންނު އޯކިޑް ކްލަބުގެ ޖަލްސާއެއްގައި އިބްރާހިމް ހަސަން (ދެ ވަނަ ބަރީގެ މެދުގައި ބޮޑު ތާކިލަހުގައި): ދެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ހައްތި އަހުމަދު މަނިކު، އިބްރާހިމް މަނިކުގެ ދޮންމަނިކު އަދި ސަރުސޫނު މުހައްމަދު ދީދީ ހިމެނިވަޑައިގަންނަވާ.

ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް ކޮށްޓަވައިދެއްވި މަގުން އެ ޒުވާނުންގެ ފަސްފަހަތުން ހިންގަވަމުން ވަޑައިގަންނަވިކޮށް އޭނާ ކުރިމައްޗަށް ހުއްޓިވަޑައިގަތީ، އޭނާގެ އުސްތާޒް އަދި އޭރު ރާއްޖޭގެ ނިޔާ ކަނޑައަލާ ކޮމިޓީގެ ރައީސް ޝައިޚް އަލީ ހުސެއިން ދީދީ އެވެ. މަޖީދިއްޔާ ސްކޫލުގައި އަރަބި މީޑިއައަމަށް ކިޔަވައިދިނުން ހުއްޓާލުމުން ގުރުއާނާއި އިސްލާމް ފަދަ މާއްދާތައް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައި އޮތުމުން އިބްރާހިމް ހަސަންގެ އަރިހުގައި ޝައިޚް އެދިވަޑައިގަތީ އެ މާއްދާތައް ކިޔަވައިދިނުމަށެވެ. އެއީ މިއަދާ ހަމައަށް ވެސް ނުނިވި ހުރި ދަންމަރެއްގެ ހުޅުކޮޅު ރޯކޮއްލުމެވެ. މީގެ 57 އަހަރު ކުރިން 1961 ގައި ޖަމިއްޔަތުލް ފަލާހް އުފެދުމުގެ ފަހަތުގައި އޮތީ އެ ސަބަބެވެ. މައުހަދުލްދިރާސަތުލް އިސްލާމިއްޔާ 1981 ގައި އުފެދުމާ ހަމައަށް ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް އިސްލާމީ ތައުލީމީގެ ހިޔަލަކީ އެތަނަށް ވުމުގެ އެންމެ ބޮޑު ސާބަހަކާއި ޝުކުރެއް ހައްގުވާ އެއް ފަރާތަކީ އިބްރާހިމް ހަސަނެވެ. މ. ކަންޑާގޭގައި އެ ޖަމިއްޔާގެ ފަރާތުން ބާއްވާ ގުރުއާނާއި ދީނިއްޔާތު ކިލާސްތަކުގައި ނަގައިދެއްވީ އިބްރާހިމް ހަސަނެވެ. ފަހުން އިލްމުވެރިންނާއި އުސްތާޒުންނާއި މުދައްރިސުންނަށްވި އެތައް ބަޔަކު އިލްމީ ކަނޑުގައި އެންމެ ފުރަތަމަ ފެށި ދަތުރުގެ މާލިމީއަކީ އޭނާ އެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުގެ ރައީސްކަންކުރެއްވި ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އަހަރުތަކެއް ފަހުން މަދަރަސަލަތުލް ނޫރައިންގެ ނަމުގައި އަމިއްލަ އަށް ސްކޫލެއް ހިންގަވައި އެތަނުގައި ތަފާތު އެކި މާއްދާތަކަށް ދަރިވަރުންނަށް ކިޔެވޭނެ ގޮތް ހަމަޖެއްސެވި އެވެ. އުނގަންނައިދިނުމުގެ މި ބުރަ އުފުލެއްލެވީ ސަރުކާރުގެ ރަސްމީ ވަޒީފާއަދާކުރައްވަމުން ފަސް ކުދިން ބަލަމުންނެވެ. އުމުރުން 32 އަހަރުގައި އަނބިކަނބަލުން ނިޔާވުމުން އެ ކުދިންގެ ކަންކަމާ ހަވާލުވެވަޑައިގަންނަން ޖެހިވަޑައިގަތީ އެވެ. އޭނާ އަށް ރައީސް އިބްރާހިމް ނާސިރު އަތޮޅުވެރިކަން ހުށަހެޅުއްވުމުން "އަޅުގަނޑަކީ ދުވާލު ބައްޕައެއް، ރޭގަނޑު މަންމައެއް" ކަމަށް ދެންނެވި ދެންވުމުން ވެސް އޭރުގެ ބުރަ ދިރިއުޅުއްވުން ސިފަކުރެވެ އެވެ.

ބިދޭސީންތަކެއް އިސްލާމްދީން ގަބޫލުކުރުމުން އެ ފަރާތްތަކަށް ދީނީ ނަސޭހަތް ދިނުމަށް އިިބްރާހިމް ހަސަން (ކ-2) އަދި ޖަމިއްޔަތުލް ފަލާހުގެ ރައީސް އަބޫބަކުރު އިބްރާހިމް ކިލާހެއް ނަގައިދެނީ.

އިބްރާހިމް ހަސަންގެ އެ އޯގާތެރި ހިޔަލުން ހިޔާވަހިކަން ލިބުނީ އޭނާގެ އުފަންދަރިންނަށް އެކަންޏެއް ނޫނެވެ. އެކި ރަށްރަށުން ކިޔަވަން މާލެ އަންނަ ކުދިން އެގޭގައި ބައިތިއްބައި އެ ކުދިންގެ ބެލެނެވެރިކަމުގެ ޒިންމާ ވެސް އަދާކުރެއްވި އެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމް ފުރުއްވި ޑރ. މުހައްމަދު ލަތީފެވެ. އިބްރާހިމް ހަސަންގެ އިލްމުވެރިކަމަށް މިއަދު އެންމެ ބޮޑަށް ހެކިވެވަޑައިގަންނަވާ ބޭފުޅަކީ ވެސް ލަތީފެވެ.

"ރަސްމީ ގޮތުން ބޭރަށް ވަޑައިގެން ތައުލީމު ހާސިލްކުރައްވާފައި ނެތް ނަމަވެސް ޝެއިޚުން ފެންވަރަށް ކަންކަން އެނގިލައްވާނެ. ހަދީސް އިލްމާއި ދީނީ އެފަދަ އިލްމުތަކަށް ވަރަށް ތަރޯވާނެ،" ޑރ. ލަތީފް ވިދާޅުވި އެވެ.

"ބައެއް މީހުން ތިބޭ ސީދާ އިބްރާހިމް ހަސަން ބުނީމާ ނޫނީ ދީނީ ކަންކަން ގަބޫލުނުކުރާ މީހުން ވެސް."

ކޮޅުނބުގައި ހުންނަ އިބްރާހިމް ހަސަންގެ ގޭގައި އޭނާ އާއި ސައިކުރާ ޅަހުއްތު (ވ).

އެހެން އެކަން ދިމާވި ސަބަބުތަކެއް ވެސް ވެ އެވެ. އެއް ކަމަކީ ރާއްޖެ ދުށް އެންމެ ބޮޑު އެއް އިލްމުވެރިޔާ ޝައިޚް އަލީ ހުސެއިން ދީދީ ކުރެއްވި ވަސިއްޔަތެވެ. އެމަނިކުފާނުގެ ހަޔާތުގެ ފަހުކޮޅު މީހަކު މައުލޫމާތެއް ހޯދަން ދިއުމުން ވިދާޅުވީ އޭނާ ދެން މާ ގިނަ ދުވަހަކު ދުނިޔޭގައި ނުހުންނާނެ ކަމަށާއި އޭނާ ނެތިއްޖެ ނަމަ ދެން މި ބާވަތުގެ މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވަން ޖެހޭނީ އިބްރާހިމް ހަސަން ނުވަތަ މުހައްމަދު އަލި ދީދީ (ކުއްޅަވަޅަށް މުހައްމައިދީ) ގެ އަރިހަށް ކަމަށެވެ. މީގެ އިތުރުން ބޭރު މީހުން އިސްލާމްކޮށް ޝަހާދަތްލައިދީ އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައި ދެއްވުމުގެ މަސްއޫލިއްޔަތު އޭރުގެ އުއްތަމަ ފަނޑިޔާރު ހަވާލުކުރެއްވި އެއް ބޭފުޅަކީ ވެސް އިބްރާހިމް ހަސަން ކަމަށް ވުމަކީ ވެސް އާއްމުންގެ އިތުބާރު ލިބިވަޑައިގެތް އެއް ސަބަބެވެ.

އެފަދަ ގިނަ ކަންކަން އެއީ ހިލޭ ސާބަހަށް ޖަމާއަތުގެ ފައިދާއަށް ކުރެއްވި މަސައްކަތްތަކެވެ. ރަސްމީ ވަޒީފާއަކީ، ދިވެހި އިގްތިސާދު ދިވެހިންގެ އަތްމައްޗަށް ގެނެސްދެއްވުމަށްޓަކައި ރައީސް ނާސިރު އުފެއްދެވި މޯލްޑިވްސް ގަވަރްމެންޓް ބޮޑު ސްޓޯރު (އެމްޖީބީއެސް) ގެ ފިހާރައެއްގެ މެނޭޖަރުކަމެވެ. އެއީ އޭރު ވެރިއެއްގެ ފެންވަރުގެ މަގާމަކަށް ވީ ނަމަވެސް ފަހުން އެސްޓީއޯ އުފެދި އެއީ އާދައިގެ މަގާމަކަށް ބަދަލުވި އެވެ. އެކަމަކު ޝަކުވާއެއް ނެތި ސަރުކާރަށް 62 އަހަރު ހިދުމަތްކުރެއްވި އެވެ. އެސްޓީއޯގައި މަސައްކަތްކުރައްވާތާ 20 އަހަރު ފުރުމުން ލިއުއްވި ސިޓީއެއްގައި ވިދާޅުވި ފަދައިން "އަމިއްލަ ވެރިކަން ވަކިވެ، ބަލިފައި މައްޗަށް ކޮރުޖަހަމުން ލައްބަ! ލައްބަ! ދަންނަވަން ޖެހިފައިވުމާ އެކު ވެސް" ފަހު ދުވަހާ ހަމައަށް މަސައްކަތުގައި ދެމި ހުންނެވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގައި "ދަތުގައި ހޭކޭހާ ގާތުގައި" ހުންނެވި ނަމަވެސް އޭނާ އެއީ އަމާނާތްތެރިކަމުގެ ނަމޫނާއެކެވެ. "ފައިސާ އެއްޗެއްގެ ތެރެއަށް ކޮއްޕައި ވައްޓާލިޔަސް" އިބްރާހިމް ހަސަން "ތެދުވެ ހިނގައިގަންނާނީ ގައި ފޮޅާލާފައޭ" ބުނެ އިހު މީހުން މިސާލު ޖަހާ ކަމަށް އިނގުރު ވަހީދު ބުނެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ގެދޮރު ހުރިލެއް ތިރިކަމަށް ނިސްބަތްކުރައްވައި އޭނާގެ އަމާނާތްތެރިކަން މަޝްހޫރު ޅެންވެރިއާ އާދަމް ނަސީރު އިބްރާހިމް ސިފަކުރައްވާފައިވެ އެވެ.

ރީހުއްސަބާ އިބްރާހިމް ހަސަން އެސްޓީއޯގެ މަސައްކަތުގައި.

އެކަމަކު އެ ވާހަކަތަކަށް އެންމެ ބޮޑަށް ބާރު ދެއްވަނީ އިބްރާހިމް ހަސަންގެ މަދަރަސަތުލް ނޫރައިންގެ އޭރުގެ މުދައްރިސެއް ކަމަށްވާ ފާތިމަތު އަބްދުލްކަރީމެވެ. އެ ސްކޫލުގެ ޕާޓްޓައިމް ޓީޗަރެއްގެ ވަޒީފާގައި ހުއްޓާ ވަރަށް ވެސް ކުއްލި ގޮތަކަށް ފުރައިގެން ދާން ޖެހި، އޭގެ އަހަރުތަކެއް ފަހުން އޭނާ އެނބުރި ރާއްޖެ އައުމުން އިބްރާހިމް ހަސަން އެގޭ ދޮށަށް ވަޑައިގެން އޭނާގެ މުސާރަ ދެއްވި އެވެ.

"އަޅުގަނޑު އޭގެ މަތިން ހަނދާނެއް ވެސް ނެތް. އޭރު އެތައް ޒަމާނެއް ވެއްޖެ. އެކަމަކު އަޅުގަނޑު މާލެ އައުމާ އެކު އަޅުގަނޑު ހޯދައިގެން މުސާރަ ދެއްވި. އަޅުގަނޑު ހިތަށް އެރި ހާދަ އަމާތްނެތެރި ބޭފުޅެކޭ،" ފާތިމަތު އަބްދުލްކަރީމް ބުންޏެވެ.

ޑރ ލަތީފް ވެސް ވިދާޅުވީ އިބްރާހިމް ހަސަނަކީ މުއްސަނދި ކަމަށާއި މުދާ ހޯދަން ޝައުގުވެރި ބޭފުޅެއް ނޫން ކަމަށާއި އަބަދުވެސް ބެލީ އަތުގައި އެއްޗެއް އޮތިއްޔާ އެއެއްޗެއް އެހެން މީހުންނަށް ވެސް ދެއްވައިގެން އުޅުއްވަން ކަމަށެވެ. އެ ބޮޑު ސިންގާ ގޯތިން ވެސް ދުވަހަކު ވެސް ކުއްޔެއް ނުނަގަ އެވެ. ކިޔެވުމަށާއި ބޭހަށާއި އެނޫން ވެސް ކަންކަމު މާލެ އަންނަ މީހުންނަށް އޭރު ވެސް މިހާރު ވެސް އެގޭ ދޮރު ހުންނަނީ ހުޅުވާލެވިފަ އެވެ.

ރީހުއްސަބާ އިބްރާހިމް ހަސަންގެ ފަހުގެ ފޮޓޮއެއް.

ހަގީގަތުގައި ތައުލީމަށް ބެހެއްޓެވި ލޯބީގެ ބޮޑުކަމުން ދުނިޔެވީ އެފަދަ ކަންކަމުގެ ހިޔާލެއް ނުމެ ނެތް ވެސް މެ އެވެ. އަބަދުވެސް އުޅުއްވީ އެހީގެ އަތެއް ދިއްކުރެވޭނެ މަގަކީ ކޮބައިތޯ ބެއްލުވުމުގަ އެވެ. ހައްޖު މޫސުން އައުމުން ހައްޖާޖީންނަށް ދީނީ ވައުޒުދިނުމުން ފެށިގެން ހާޖީން ގެންދާ ރިހާކުރު ފުޅިފުޅީގައި ތަތްކުރަން އަރަބި ލޭބަލްކޮޅުކޮޅު ހައްދަވައިދެއްވުމަކީ އުފަލެއް ކަމަށް ހެއްދެވި އެވެ. ޖަމިއްޔަތުލް ރޫހިލްއިސްލާމްގެ އުފައްދަވައި ފަހުގެ އިލްމުވެރިންނަށް ފުރުސަތުތައް ފަހިކޮށްދެއްވި އެވެ. އެގޮތުން ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބޮޑު އެއް އިލްމުވެރިޔާ މަރްހޫމް ޑރ. އަފްރާޝީމް އަލީގެ އަތްޕުޅުގައި އެންމެ ފުރަތަމަ ހިއްޕެވި ބޭފުޅަކީ އޭނާ އެވެ. އެ މަސައްކަތުގައި ގަލަމުގެ ބޭނުން ވެސް ކުރެއްވި އެވެ. އޭނާގެ އެޑިޓަރުކަމުގެ ދަށުން "މަޖައްލަތުލް އިސްލާހް" ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއިރު، ހަތްދިހައިގެ އަހަރުތަކުގައި އާބާރު، އަމާޒު އަދި މަދަދުގައި ދީނީ މަޒްމޫންތައް ލިއުއްވި އެވެ. "މާ ލަކުމް ކައިފަ ތަހްކޫމް" ނުވަތަ ތިޔަ ބައި މީހުން ހުކުމްކޮށް ތިޔަ އުޅެނީ ކިހިނެހެއްޔޭ" މިއީ އޭރު ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގުނު މަޒްމޫނެކެވެ.

އުމުރުން 88 އަހަރުގައި މާޗު 16، 2017 ގައި މި ދުނިޔެ ދޫކުރެއްވި އިރު ހިތްވަރު ދިނުމުގެ ނުވަތަ ޝަރަފްވެރިކަމުގެ އިނާމެއް ލިބިވަޑައެއްނުގަންނަވަ އެވެ. ޕެންޝަނެއް ނެތެވެ. ބޭނުންފުޅެއް ވެސް ނުވެ އެވެ. އޭނާގެ އިލްމީ ހިޔަލުން އެތައް ބަޔަކު ހިޔާވަހިކަން ހޯދާފައިވުމަކީ އިބްރާހިމް ހަސަނަށް ފުދިފައި އިތުރު ވެސް މިންވަރެކެވެ. "ރީހުއްސަބާ" ގެ ނަން ބޯޑް އަރަބި އަކުރުން އަޅައިދެއްވުމަށް އެފަދަ ދެވަނައެއް ނެތް ކެލިގްރާފަރު ތަބައްއަލިފުޅު ގާތު އެދުމުން މަރުތަންމަތީގައި އޮވެމެ އެ މަސައްކަތް އޭނާ ކޮށްދެއްވީ އިބްރާހިމް ހަސަނަށް ކުރައްވާ އިހުތިރާމާއި ގަދަރުގެ ސަބަބުންނެވެ. އެއަށް ވުރެ ބޮޑު އުފަލެއް ލިބޭނެ ހެއްޔެވެ؟

17 ކޮމެންޓް, 104 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސެންބެ

23 July 2018

ޝުކުރިއްޔާ ހަމްދޫން. މަރްޙޫމް އިބްރާހިމް ޙަސަންއަކީ ދީނީޢިލްމުގެ އިތުރުން ދިވެހިތާރީހުވެސް ވަރަށް ރަގަޅަށް ދެނިލައްވާ ބޭފުޅެއް. މައުލޫމާތުގެ ހަޒާނާ ވަރަށް މުއްސަނދި ބޭފުޅެއް. ގިނަދުވަހު އެކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު. އޮފީހުގައި އެންމެންނާ ގުޅިގެން މަސައްކަތް ކުރާ މަޑުމައިތިރި ހިތްހެޔޮ ބޭފުޅެއް. އަލްޙަމްދު ލިއްލާހި. މަރުޙޫމްގެ ފުރާނަޔަށް ހެޔޮރަޙްމަތްލައްވާ ސުވަރުގޭގެ އެންމެމަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

ނަޖްވާ

22 July 2018

އެ މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް އެދި ދުޢާ ކުރަން!

The name is already taken The name is available. Register?

މުހައްމާ

22 July 2018

ހަމްދޫނަށް ފަށްފަށުން ޝުކުރިއްޔާއެވެ. މަރުޙަބާއެވެ. ހިތްހެޔޮ އަޚުލާޤު ރަނގަޅު މަޑުމައިތިރި އަދަބުވެރި އަބުރުވެރި ބަނިޔާދަން އިއްޒަތްތެރި ބޭބޭފުޅުން މި ޤައުމުގައި މަދުން ނަމަވެސް އެބަތިއްބެވިއެވެ. ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ޒިންމާ ތިރީސް އަހަރު، ސާޅީސް އަހަރު އުފުއްލެވިއިރުވެސް ބައިރުފިޔާ ފޮއްޗެއްގައި ނުހޭކޭ ބޭފުޅުން އެބަތިއްބެވިއެވެ. އެކަމަކު ހިތާމައަކީ އެފަދަ ބޭބޭފުޅުންގެ ވާހަކަ ދައްކާނެ މީހަކު ނުވާ ކަމެވެ. ގ.ޓޮޕާޒް މުޙައްމަދު ޤާސިމަކީވެސް މިފަދަ ރީތި ނަމޫނާއެކެވެ. ނޫސްތަކުގައިވެސް ގިނައިން މިލިޔެވެނީ ހަޑިމުޑުދާރު ގޮތެއް ފޮތެއް ނެތް މީހުންގެ ވާހަކައެވެ.

The name is already taken The name is available. Register?

ޖަމީލު

22 July 2018

މަރުޙޫމް އިބްރާހީމް ޙަސަންގެ ފުރާނަޔަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! އެތިބެނީ މީހުންނަކީ. ހަމްދޫނުމެންނަށްވެސް މިހާރު އެނގޭނެ މީހުންނަކީ ކޮބައިކަން. ހުސް އަގުހުރި ދެމެހެއްޓެނިވި މަސައްކަތް ކުރެއްވީ. މީހަކު ބުނާނެ ބަދުބަހެއް ނެތް. ކޮންތާކުން ހޯދާނީ މިކަހަލަ މީހުން. އަޅެ ފެނޭތޯ ބަލައިގެންވެސް މިކަހަލަ ޢިބުރަތްތެރި މަޒުމޫނުތައް ލިޔެލަދީބަލަ ހަމްދޫނޫ. ޤައުމަށް ބޭނުންވަނީ މިކަހަލަ މީހުން. ޖެހޭނީ އުފައްދަން. ވަރަށް މަސައްކަތްކުރަންޖެހޭނެ

The name is already taken The name is available. Register?

/ދަރިވަރު

21 July 2018

ވަރަށް ގިނަދުވަހު އެކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު. އެދުވަސްވަރަކީ މިފަދަ ބައިބައިވުންތަކެއް ނެތް ދުވަސްވަރަކަށްވެފައި އޮފީހުގަވެސް އެންމެން ގުޅިގެން މަސައްކަތް ކުރި ދުވަސްވަރަކަށްވާތީ، ލިބޭ ހުސްވަގުތުގައި އެކުގައި އުޅުނު މީހުނަށް ދީނީ ގޮތުން ހަރުދަނާ ގިނަގުނަ އަގުހުރި ފިލާވަޅުތަކާ ނަޞޭހަތްތަކެއް ދެއްވީ ހެއްކާ ޤަރީނާއާއެކު. ދުނިޔޭގެ މި ދިރިއުޅުމުގައި އަބަދުވެސް ދީނީގޮތުން އެހަނދާންތައް އާވެ އާވެހުރެ. އަލްޙަމްދު ލިއްލާހި. މަރުޙޫމްގެ ފުރާނަޔަށް ހެޔޮރަޙްމަތްލައްވާ ސުވަރުގޭގެ އެންމެމަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

ހަސީނާގެ

21 July 2018

ކުރީގެ ހިދުމަތްތެރިންގެ މައުލޫމާތު ގެނެސްދީބަލަ ނިކަން، މަރްޙޫމް މުޙައްމަދު ޖަމީލް، މޫސާ ފަތުހީ، އިބްރާހީމްޝިހާބު، ކަލަހަ ބޭފުޅުންގެ ޕްލީސް..މިހެން ގޮސް ބައިވަރު

The name is already taken The name is available. Register?

ފަތުޙީ

21 July 2018

ޢިބްރާހީމް ޙަސަން (ބޭބެ) ފަހުން ކައިވެނި ބައްލަވައި ގެންނެވި، މިހާރު ދުނިޔޭގައި އިންނެވި އިބްރާހީމް ޙަސަންގެ ހުވަފަތް އަނބި "ދޮންކަމަނަ" ގާތު، ގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ސްކޫލް ނިމޭދެކަށް ކިޔަވަން ހުރިން. ބޭބެއަކީ ވަރަށް ޢިލްމުވެރި، ދީނުގެ ކަންކަން ވަރަށް ރަނގަޅަށް އޮޅުން ފިލުއްވާދެއްވާ ބޭފުޅެއް. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ ފާހަގަ ކުރެވެނީ ބޭބެ ނިޔާވީ ވަރަށް ގިނަދުވަގު ބަލި އެނދުގައި އެކަނި ހިނގާ ބިނގާވެ ނޫޅެވޭ ހާލުގައި އޮވެފައިމެ، ބޭބެ އެޙާލުގައި އޮއްވާ ބޭބެގެ ޙާލާމެދު އެހެން މީހަކު ސުވާލުކޮށްފިނަމަ "الحمدالله" އޭ ބުނެ ޝުކުރުވެރި ކަމާއެކު ދެއްވާ ޖަވާބު.. ޙާލާމެދު އެއްވެސް ޝަކުވާއެއް ނުކުރައްވާ.. ކުރިން ގަދަވެ ސަލާމަތުން މިއަށްވުރެ މާގިނަ ދުވަހު ލެއްވިކަން ފާހަގަކޮށް އެކަމަށްޓަކައި الله އަށް ޙަމްދުކުރާ ކުރުން.. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވާން ޖެހޭކަން ހަނދާން ކޮށްދެއްވާ ދެއްވުން.. اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ.

The name is already taken The name is available. Register?

ގައިމް

21 July 2018

ވަރަށް ހެޔޮލަފާ ބޭފުޅެއް. އެދުމެއްނެތި ވެދުން ކުރެއްވި ބޭކަލެއް. މިހާރު ވާގޮތަކީ ބަލި އޮންނަ މީހާ އަށް 10 ރުފިޔާ ގަނޑު ދީފައި ވެސް ބުނާނެ މަށަށް ވޯޓް ލައްޗެއް. މަމީ ދިވެހިންނަށް އެހީވާ މީހާ އޭ. ތިޔަ ބޭބެ ހުރިނަމަ ރައީސް ކަމަށް ވަރަށް ފައްކާ ވީސް

The name is already taken The name is available. Register?

ޚައްޠާތު

21 July 2018

އަލްމަރްޙޫމް އިބްރާހީމް ޙަސަނަކީ އަޅުގަނޑު ސްކޫލްގައި ދަރިވަރެއްގެ ގޮތުގައި އުޅުނު ދުވަސްވަރުން ފެށިގެން އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް. އިބްރާހީމް ޙަސަން އަޅުގަނޑު ލައްވައި އެކި އެކި ލިޔުންތައް ލިޔުއްވައި ހެއްދެވި. އަދި ޢަރަބި ޤައުމުތަކާ ބެހޭ ގޮތުންނާއި ދީނީ އެކިއެކި މައުޟޫޢުތަކަށް ދެމީހުން މަޝްވަރާކުރިން. އެއީ، އަޅުގަނޑުގެ ބައްޕައަށް ވުރެ ދޮށީ ބޭފުޅަކަށް ވިޔަސް، އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން އުޅުނު ދެ ރަޙްމަތްތެރިން. ޢެއީ، ހެޔޮލަފާ، ހިތްހެޔޮ، ޢިލްމުވެރި އަދި ޚިދުމަތްތެރި ބޭފުޅެއް. ﷲ އިބްރާހީމް ޙަސަނަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި!

The name is already taken The name is available. Register?

އާމިރު

21 July 2018

ލޮލުން ކަރުނަ ހިލިއްޖެ. އިބްރާހީމް ޙަސަންގެ ހިތްޕުޅު ހެޔޮކަމާއި ޚުލްޤްގެ މާތްކަމާއި ދީލަތިކަން ގާތުން ދުށް ޒުވާނެއްގެ ހައިސިއްޔަތުން ވަރަށް އުފާވެއްޖެ. ހަމްދޫންގެ ބަލާޣާތްތެރި އެތުރުންތަކުން ޖުމްލަތައް ގުޅިލާމެހި އިޙްސާސްތައް އުތުރި އަރައިފި. ވަރަށްފުރިހަމަ ލިޔުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!