ކ. މާފުއްޓަކީ ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށެވެ. ގެސްޓްހައުސްގެ ދާއިރާ އިން ނަމޫނާ ރަށެއްގެ ގޮތުގައި މާފުށި ފާހަގަކުރެވޭ އިރު މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފުރަތަމަ ދަތުރު ވެސް ހާއްސަ ކުރެއްވީ މާފުއްޓަށެވެ.
މިދިއަ ހުކުރުދުވަހު ކުރެއްވި އެ ދަތުރުގައި ގެސްޓް ހައުސް ހިންގާ މީހުންނާއި ރަށު ކައުންސިލާ ވެސް ބައްދަލު ކުރެއްވި އެވެ. މިހާރު ވެސް 52 ގެސްޓްހައުސް ހުރި ރަަށުގެ ރައްޔިތުންގެ އުއްމީދަކީ އާ ސަރުކާރާ އެކު އެ ވިޔަފާރި ފުޅާވުމެވެ.
އެކަމަކު މި ވިޔަފާރި ފުޅާކުރުމަށް މާފުއްޓަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށުގައި އެކަށީގެންވާ ބީޗެއް ނެތުން ކަމަށެވެ.
"ރަށުގައި މިހާރު އޮތީ 300 ފޫޓުގެ ހަނި ބީޗެއް. ރަށުގެ ހުރިހާ ގެސްޓް ހައުސްތަކުން ބޭނުން ކުރަނީ އެ ބީޗު،" އުސްމާން ވިދާޅުވި އެވެ.
މާފުށީގެ ގެސްޓްހައުސް ވިޔަފާރި ކުރުކޮށް
52: މިހާރު ހިންގާ ގެސްޓްހައުސްތަކުގެ އަަދަަދު
1300: އެނދުގެ ޖުމްލަ
200: އަލަށް ހަދާ ގެސްޓްހައުސްތަކުން އިތުރުވާނެ އެނދު
42: ރަށު ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް
160،000ރ: މަހަކު ކައުންސިލަށް ލިބޭ ކުލީގެ ޖުމްލަ
"އަނެއްކާ އެ ސަރަހައްދު ވަރަށް ބޮޑަށް ގިރާ. އިތުރު ސަރަހައްދެއް ބީޗުގެ ގޮތުގައި ތަރައްގީ ކުރެވިއްޖެ ނަމަ މި ވިޔަފާރި ފުޅާކުރުމަށް އިތުރަށް ފަހިވާނެ."
ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ކުރިން އޮތް ބައެއް ފުރުސަތުތައް މިހާރު ވަނީ ގެއްލިފަ އެވެ. އެގޮތުން މާފުށީގައި ގެސްޓްހައުސްތައް ފުރަތަމަ ހެދިއިރު ޓޫރިސްޓުން ދަތުރު ދެވޭ ގޮތަށް އޮތް ވަށުގިރި އާއި ވާގިލި އަދި މާދޫފިނޮޅު ފަދަ ރަށްރަށް ރިސޯޓް ހަދަން ދޫކުރުމުން، ކައިރީގައި އެހެން ރަށެއް ނެތުމަކީ ވެސް ގޮންޖެހުމެއް ކަމަށް، ވިޔަފާރިވެރިން ގަބޫލުކުރެ އެވެ.
މާފުށީ ކައުސިލުން ބުނާ ގޮތުގައި އެ ރަށާ ކައިރީގައި ޕިކްނިކް އައިލެންޑެއް ހެދުމަކީ، ވިޔަފާރި ފުޅާކުރަން ލިބޭނެ ފުރުސަތެކެވެ.
"ފަޅެއް ހިއްކައިގެން ސޭންޑް ބޭންކެއް ވެސް ހެދިދާނެ. އެކަން ކުރެވިއްޖެއްޔާ ރަށަށް ފަތުރުވެރިން އަންނާނެ އިތުރު ސަބަބެއް ލިބުނީ،" އުސްމާން ވިދާޅުވި އެވެ.
ކުނި ނައްތާލުމާއި މަގުތަައް ހެދުމާއި ބަނދަރު ބޮޑުކުރުން
މިނިސްޓަރު އަލީ ވަހީދު ކުރެއްވި ދަތުރުގައި މާފުށީގެ ކުނި ކޮށި އޮތް ސަރަހައްދު ވެސް ބައްލަވާލެއްވި އެވެ. މިހާރު ކުނި ނައްތާލާ ގޮތުން އާންމު ރައްޔިތުންގެ އިތުރުން ޓޫރިސްޓުންނަށް ވެސް އުނދަގޫތައް ކުރިމަތިވެ އެވެ. އޭގެ ތެރޭގައި ނުބައި ވަސް ފެތުރުމާއި ދުމުގެ ނުރައްކާ ވެސް ހިމެނެ އެވެ. އެހެންކަމުން ޓޫރިޒަމްގެ ވިޔަފާރި ހިންގާ ރަށެއްގައި އެއަށް ވުރެ ރަނގަޅު ނިޒާމެއް ގާއިމްކުރުން މުހިންމެވެ.
ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައިގެ އިތުރުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދަން ޖެހިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ބަނދަރު ކުޑަވެ، މިހާރުގެ ބޭނުންތަކަށް ބޮޑުކުރުން ނޫން ގޮތެއް ނެތް ކަމަށް ވެސް، ކައުސިލުން ދެކެ އެވެ.
މި ހުރިހާ މައްސަލަތަކެއް ރަށު ކައުންސިލުން ވަނީ އަލީ ވަހީދާ ހިއްސާކޮށްފަ އެވެ.
"މި މައްސަލަތަކަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި. އަޅުގަނޑުމެން އުއްމީދުކުރަން އާ ސަރުކާރާ އެކު ހައްލުތައް އަންނާނެ ކަމަށް،" އުސްމާން ވިދާޅުވި އެވެ.