އެކަނިމާއެކަނި ދިރިއުޅޭތާ 22 އަހަރު، ބަލި އެނދުގައި އަށް އަހަރު!

ސ. ހުޅުދު އަށް އުފަން، ސަމީހާ ހަސަން، 83، ބިން މައްޗަށް ވެއްޓިފައި އޮންނަ ދުވަސް ދުވަހު، އެ ގެއަށް ގޮސް ނަގައި އެހީތެރިވަނީ އަވަށްޓެރިންނެވެ. ސަމީހާގެ ފިރިއަކު، ދަރިއަކު ނެތް އިރު، އެއްބަނޑު އެއްބަފާ މުހައްމަދު ހަސަން ވެސް ހުރީ އެހީވެވޭ ހާލަތެއްގައެއް ނޫނެވެ. މުހައްމަދުގެ އުމުރުން 90 އަހަރަށް ވުރެ މަތިވެ، ގައިގެ ބާރު ވެސް ވަނީ ދޫވެފަ އެވެ.


ސަމީހާގެ ފިރިމީހާ އަލިފުތާ މަރުވީ މީގެ ބާވީހަކަށް އަހަރު ކުރިންނެވެ. އޭގެ ފަހުން ސަމީހާ ދިރިއުޅެމުން ދަނީ އެކަނިމާއެކަންޏެވެ.

މީގެ ދިހަ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ސިއްހީ ހާލަތު ރަނގަޅެވެ. އެކަމަކު ގައިބާރު ދޫވެ، ހެލިފެލުވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ވެއިތުވެދިޔަ އަށް އަހަރު ދުވަހު ސަމީހާ އޮންނަން ޖެހުނީ ބަލި އެނދުގަ އެވެ.

ސަމީހާގެ އެއް ފަޅީގެ ވާގި ގާތްގަނޑަކަށް ވަނީ ގޮސްފަ އެވެ. ހިނގަން ޖެހެނީ ތަންތަނުގައި ހިފަހައްޓައިގެންނެވެ. ބޭރަށް ނުކުމެ، ހެދުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، އަބަދުވެސް މިހާރު އޮންނަން ޖެހެނީ އެނދުގަ އެވެ.

ސަމީހާ އަށް އެހީތެރިކަން ފޯރުކޮށްދޭން ތިމާގެ މީހަކު ނުދެ އެވެ. އޭގެ ބަދަލުގައި ސަމީހާގެ ހުރިހާ ކަމެއްހެން މިހާރު ބަލަހައްޓަނީ އަވަށްޓެރިންނެވެ.

ސަމީހާގެ ވާހަކަ ފޭސްބުކްގައި ޖެހީ ކުރިން ވެސް މިފަދަ އިޖުތިމާއީ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެނެސްފައި ހުރި ހުޅުދޫ އަލީ އަންވަރެވެ. އޭނާ މީގެ ކުރިން ވަނީ އުމުރުން 79 އަހަރުގެ އަލިތަކުރުގެ ނިކަމެތި ހާލު އާންމުންނާ ހިއްސާކޮށްފަ އެވެ. އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް އައިސް، އަލިތަކުރު މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އަންވަރުގެ ޕޯސްޓްގައިވާ ގޮތުން ސަމީހާއަކީ ފިރިއަކު އަދި ދަރިއަކު ނެތި ފަޅުގެއެއްގައި ދިރިއުޅޭ ބަލި އަންހެނެކެވެ. ބަލި ހާލު ބޮޑުވެ ތަންމަތީގައި އެކަނިވީ ދުވަހު، އަޅާލާނެ މީހަކު ނެތް ކަމަށް އެ ޕޯސްޓްގައިވެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން އަންވަރު ބުނީ ބަލި ނަމަވެސް،ސަމީހާއަކީ ވަރަށް "ލޯ އަލި" މީހެއް ކަމަށެވެ. އެގޮތުން ކަމެއް ބޭނުންވިޔަސް، ސަމީހާ ފޯނުން ގުޅާފައި ބުނަނީ އަވަށްޓެރިން ގާތުގައި ކަމަށް އަންވަރު ބުންޏެވެ. އޭނާއަށް އަވަށްޓެރި ތިން ގެއަކުން އަންނަނީ އެހީތެރިވަމުންނެވެ.

"ސަމީހާއަކީ ފޯނު ފަސޭހަ އިން ބޭނުންކުރެވޭހާ ލޯ އަލި މީހެއް. އަވަށްޓެރިންގެ އެހީ ހޯދާނީ ފޯން މެދުވެރިކޮށް ގުޅައިގެން. އަވައްޓެރިން ގާތުގައި ބޮޑަށް ބުނާނީ ކާބޯތަކެތި ހޯދައިދޭން. މަދު ފަހަރެއްގައި ފާހަނާއަށް ދާން އަވަށްޓެރިން އެހީވާން ޖެހެނީ،" އަންވަރު ބުންޏެވެ.

"ބައެއް ރޭތަކުގައި ބިންމައްޗަށް ވެއްޓިފައި އޮންނާނީ. އަމިއްލައަށް ނުވެސް ތެދުވެވޭނެ. އެކަމަކު ހެނދުނު ގުޅާނެ އަވަށްޓެރިންނަށް. [އެކަހަލަ ވަގުތެއްގައި] ގިނަ ފަހަރު އެމީހުން ސަމީހާ ގެންގޮސް އެނދަށް ލާނީ ވެސް."

އަންވަރު ބުނި ގޮތުގައި ފަހުން އައިސް، ސަމީހާ އަށް އެކަނިވެރިކަން މާ ބޮޑަށް އިހްސާސްވީ އެވެ. އެގޮތުން، ގޭގެ ސަލާމަތްތެރިކަމާ މެދު މާ ބޮޑަށް ސަމީހާ ވިސްނަން ޖެހުނީ ކަމަށް އަންވަރު ބުންޏެވެ. އޭނާގެ ގެއަށް ވަގުން ވަދެ، އެކި ފަހަރު ވައްކަން ކޮށްފައި ހުރި ކަމަށް ވެސް އަންވަރު ބުންޏެވެ.

ސަމީހާ އަށް މިވަގުތު އެންމެ ބޮޑަށް އެހީވަމުން އަންނަ ދެ އަވަށްޓެރިންނަކީ އަންވަރުގެ އަންހެނުން ސަފޫރާ ހަސަނާއި ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް ޕަވީލް އަބްދުލްމުހުސިނެވެ. އޭގެ އިތުރުން، ނަންރީތި މާގެ، ސިނާރީ، އަދި ގްރޭވީ ވިލާގައި ދިރިއުޅޭ މީހުން ވެސް ސަމީހާ އަށް ބޮޑެތި އެހީތަކެއްވެ އެވެ.

އަންވަރު ކިޔައިދިން ގޮތުގައި ސަމީހާގެ ހުރިހާ ކަމެއް ހަމަޖައްސަނީ އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުން އަންނަ 5،000ރ. އިންނެވެ. އެ ފައިސާ އިން ސަމީހާގެ ކެއުން ބުއިމާއި އެހެނިހެން ހަރަދުތައް ހަމަޖައްސާ އިރު، އެހީތެރިވާ ބައެއް މީހުން ފައިސާގެ އެހީ ވެސް ދީފައި އެބަ ހުއްޓެވެ.

ސަމީހާއަކީ އެއްވެސް އިރެއްގައި އެއްވެސް ކަހަލަ ވަޒީފާއެއް އަދާކުރި މީހެއް ނޫނެވެ. އެކަމަކު ގައިބާރު ހުރި ދުވަސްވަރު އަވަށްޓެރިންގެ ގޭގެއަށް ގޮސް، މަސައްކަތްކޮށްދީ ހެދި އެވެ.

ސަމީހާގެ ބަލި ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އިއްޔެ ހުޅުދޫ ހެލްތު ސެންޓަރަށް ގެންދަން ޖެހެނެވެ. އެކަމަކު މިހާރު ވަނީ އަލުން ގެއަށް ބަދަލުކޮށްފަ އެވެ.

އެތައް ހާސް ދިވެހިންނެއް ކޮންމެ ދުވަހަކު ވަންނަ ފޭސްބުކުގައި ސަމީހާއާ ބެހޭ މައުލޫމާތު ހާމަކޮށް، އަންވަރު ބޭނުންވަނީ ސަމީހާ ބަލާނެ މީހެކެވެ.

ހުޅުދޫގައި ހުންނަ ޖެންޑާ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އަންނަ އަންވަރަށް ހުޅުދޫން ހަމަގައިމުވެސް ފެންނަނީ ހިތްދަތި މަންޒަރެކެވެ. އެކަނިވެފައިވާ އަދި އާއިލާގެ އެހީތެރިކަން ނުލިބޭ އުމުރުން ދުވަސްވީ އެތައް ބައެކެވެ. މިފަދަ މީހުންނަށް އެންމެ ބޮޑަށް ބޭނުންވާނީ އަޅާލުމާއި ލޯބި ކަން އަންވަރު ފާހަގަކުރި އެވެ.

"ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ގެ އިނާޔަތެއް ދިނަސް، ރަނގަޅު ސިއްހީ ހިދުމަތަކާއި އަޅާލުމާއި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނީ. އަސްލު މިކަހަލަ މަންޒަރު ރަށުން ފެނިފައި ވަރަށް ހިތްދަތިވޭ،" ގާތްގަނޑަކަށް 1100 މީހުން ދިރިއުޅޭ ހުޅުދުއަށް އުފަން އަންވަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ސަމީހާގެ ބަލަދުއަރާ މީހުންނާ ވާހަކަ ދައްކައިގެން ހައްލެއް ލިބޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އޭނާގެ ހާލަތު ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ވެސް މިހާރު ވަނީ ގެނެސްފަ އެވެ.