އެކުއެކީ އަވަހާރަވި ސިއްތި އާއި ހާލިދު: އާދަޔާ ޚިލާފު ލޯތްބެއް!

ދުނިޔެ އަނދިރިވެ ހަ ފަރާތުން އިހުސާސްކުރެވެން ފެށީ އެކަނިވެރިކަމެވެ. ނޭވާ ހާސްކުރުވާ ފަދަ އެކަނިވެރިކަމެކެވެ. ހިތަށްކުރި އަސަރުން ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނައިގެ ސައިލުތައް ދެމިގެން ދިޔަ އެވެ. ދެ ލޯ ނޭދި އެދޭ ހަޔާތުގެ ބައިވެރިޔާ މި ދުނިޔެ ދޫކުރީ އެވެ. ލޯތްބާއި އަޅާލުމާއި އިހުތިރާމުން ފުރިފައިވި ގުޅުމެއްގެ، ދުނިޔެމަތީގެ ވަކިވުމުގެ ސިއްކަ ޖެހުނީ އެވެ. އެކަމަކު ގުދުރަތުން ގުޅުވައިދިން ދެ ހިތެއް ވަކިކުރެވިދާނެ ހެއްޔެވެ؟


މީގެ 45 އަހަރު ކުރިން، ޖޫން 6، 1973 ވީ ހުކުރު ދުވަހު މި ފުރަމާލެ ސިއްސުވާލީ، އެފަދަ ދެ ހިތެއްގެ ދުނިޔެވީ ވަކިވުމުގެ ޚަބަރުންނެވެ. އެ ދުވަހުގެ ހެނދުނު، ބުއްދިގޭ ސީދީގެ ތުއްތު ސިއްތި އަވަހާރަވުމުން، މަހާނަ ދޮށުގައި ފިރިކަލުން މއ. ވައިމަތީގޭ ހާލިދު ހަސަން ދީދީ ހަތް ސާއަތަށް ގުރުއާން ކިޔަވާ ވިދާޅުވާން އިންނަވަނިކޮށް އަވަހާރަވީ އެވެ.

އެއީ ހިއްސުތައް އައްސިކޮށްލި މޮޅިވެރިކަމެކެވެ. އެކަމަކު އެ ދުވަހުގެ އިރު ފެނު ޖެހުމުގެ ކުރިން، ކުޅަދާނަ ޅެންވެރިއެއްގެ ގަލަންކޮޅު، ގަދަ ހިތްވަރުފުޅާ އެކު ހިންގަވާލެއްވި އެވެ. ޝާއިރުއްޝަބާބް އިބްރާހިމް ޝިހާބު އެ ގަލަންކޮޅުގެ ދެލި ކަރުނައާ އެކު، ފޭދެމުން ދިޔައީ އެ އަސަރުތައް ޅެން ބަހަށް ތިލަކުރައްމުންނެވެ. އައްސަވަ އެވެ؛

މިއީ ގުދުރަތުގެ ރަހުމަތް މެ ނޫންތޯ އެވެ؟ މިއީ ގުދުރަތުގެ އިބުރަތް މެ ނޫންތޯ އެވެ؟ ގުދުރަތުން ގުޅުވައިފި ދެ ހިތެއް ވަކިނުވާކަން އެނގި ނުދޭތޯ އެވެ؟

"ގުދުރަތުގެ އިބުރަތާއި ރަހުމަތް" މި ނަމުގައި އެމަނިކުފާނު ހެއްދެވި އެ ޅެން، ފަހުން ހޮޅުދޫ އަބްދުﷲ ހަސަންގެ އަޑުން ރެކޯޑްކުރެވުނު ލަވަ، ވެގެން ދިޔައީ ހާލިދާއި ސިއްތީގެ ލޯބީގެ ރަމްޒަކަށެވެ. އެ ލޯބީގައި ފޮޅުވާލި މާތަކުގެ މީރު ވަސް، ތާޒާކަންމަތީގައި ފަތުރަމުން، އަދި އެ ހިތާމަވެރި ހާދިސާ އިން އާއިލާ އަށް ކުރުވި ފުން އަސަރު، ރީތި ހަނދާނަކަށް ވެސް ބަދަލުކޮށްދެއްވަމުންނެވެ. ހަމަ އެއާ އެކު، އެކަމުން އިބުރަތް ހާސިލްކުރެވޭ ނަމަ ދަރުހަކަށް ވެސް ފުދޭނޭހެންނެވެ.

އެއީ ޝިހާބު ޅެމުގައި ވިދާޅުވެފައިވާ ގޮތުގައި، އެކަން ހިނގައިދިޔަ ގޮތާ މެދު ވިސްނައި ބަލައިފި ނަމަ އެތައް ނަސޭހަތެއް ލިބޭ ފަދަ މަންޒަރެކެވެ. އެ ދެކަނބަލުންގެ ދިރިއުޅުއްވުމަކީ ނަމޫނާއެކެވެ. އަނެއް ބޭފުޅަކަށް އަޅައިލެއްވުމެވެ. އިހުތިރާމްކުރެއްވުމެވެ. އެހެން ޒިންމާތަކާ އެކު ވެސް، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަނެކަކަށް ވަގުތު ދެއްވުމެވެ. ދަރިންނާއި ކާފަ އަދި މާމަ ދަރިން ދެކެ ލޯބިވުމުގެ މުހިއްމުކަމެވެ.

"އަޅުގަނޑުމެންނަށް ލޯބި ދަސްކޮށްދެއްވީ މާމަ އާއި ކާފަ،" ކާފަ ދަރިކަނބަލުން އައިޝަތު އަލިދީދީ (އައިސާދީ) ވިދާޅުވި އެވެ.

ހާލިދު ހަސަން ދީދީ: އަތޮޅުވެރިކަން ކުރައްވައި އަދި ބަންޑާރަ ނައިބުގެ އޮފީހާއި ކަސްޓަމްސްގައި ވެސް މަސައްކަތްކުރެއްވި ހިދުމަތްތެރިއެއް.

އެ ކުދިން ބަލިވެއްޖެ ނަމަ ގެޔަށް ވަޑައިގެން އުރާލައްވައިގެން ގެންގޮސް ގޭގެ އުނދޯލީގައި ބާއްވައިގެން ފިރުމަ އެވެ. ދަރިފުޅާއޭ ނޫން ގޮތަކަށް ދަރިންނަށް ވެސް ކާފަ ދަރިންނަށް ވެސް ހާލިދު މުހާތަބެއް ނުކުރައްވަ އެވެ.

"ދަރިން ދެކެ ވެސް އާދަޔާހިލާފަށް ލޯބިފުޅުވާނީ. ކާފަ ދެން މާ ބޮޑަށް. އާދަޔާހިލާފު ރަނގަޅު އިންސާނެއް އެއީ. އެހެންވީމާ ކަންނޭނގެ އެވަރުގެ އަސަރެއް އެކުރީ،" އައިސާދީ ވިދާޅުވި އެވެ.

ސިއްތި އަށް ހަކުރުބަލީގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާއަށް 1968 ގައި ސްރީ ލަންކާ އަށް ވަޑައިގެން ފައިންޕުޅު ބުރިކޮށްލައްވަން ޖެހިވަޑައިގަތް ހިސާބުން، ފުރޮޅުލީ ގޮނޑީގައި އިންނަވަން ޖެހިވަޑައިގަތެވެ. އެއީ ހާލިދުގެ ހިތްޕުޅުގައި ސިއްތިއަށް އޮތް ލޯބި ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ދުވަސްތަކެކެވެ.

"ސިއްތި އަށް ވަރަށް އޯގާތެރި ބޭފުޅެއް އެއީ. އަދި ވަކިން ހާއްސަކޮށް އާލާސްކަންފުޅު ޖެހިވަޑައިގަތުމުން އިންތިހާ ދަރަޖައިގައި ލޯބިދެއްވި،" ހާލިދުގެ ގާތް އެކުވެރިޔާ ކެނެރީ އަބްދުއްސައްތާރު ވިދާޅުވި އެވެ.

ތެދުވެރިކަމާއި ވަފާތެރިކަން އެކުވެ އުފެދޭ ލޯތްބަކީ ޖަވާހިރެއް ފަދަ ގުޅުމެއް ކަމާއި އެފަދަ ކައިވެންޏަކީ އަޖާއިބެއް ކަމަށް، އެ ޅެމުގައި ޝިހާބު ބަޔާންކުރެއްވީ އެފަދަ ކަންކަން ގާތުން ފެނިވަޑައިގެން ހުންނެވުމުންނެވެ. އެކަމަށް، އެ އެދެކަނބަލުންގެ ދިރިއުޅުއްވުމުގެ ޒައްރެއްގެ މިންވަރު ކުޑަކުޑަ ވަގުތުކޮޅަކަށް ތަޖުރިބާކުރެވުނު މީހުން ވެސް ހެކިވެ އެވެ. އެކަން އެނގެނީ ދެ ބޭފުޅުން އަވަހާރަވި ދުވަހު ހިނގި އާދަޔާހިލާފު ކަމެއްގެ ސަބަބުންނެވެ. ސެންޓްރަލް ހޮސްޕިޓަލުގައި ސިއްތި އަށް ފަރުވާ ދެއްވި ޑޮކްޓަރަށް ބޭއިހުތިޔާރުގައި ބުނެވުނީ "އަންހެން މީހާ އަށް ގޮތެއް ވެއްޖެއްޔާ ފިރިހެން މީހާއާ ދޭތެރޭ ޝައްކޭ" ކަމަށެވެ.

"އެތަނުގައި ތިއްބެވި އާއިލާ މެމްބަރުން ގާތު ޑޮކްޓަރު އެހެން ވިދާޅުވި. ޑޮކްޓަރަށް ވިދާޅުވެވުނީ ފިރިހެންމީހާ (ހާލިދު) ހާދަވަރަކުންނޭ އު އެޅެނީ،" އައިސާދީ ވިދާޅުވި އެވެ.

"ގުދުރަތުގެ އިބުރަތާއި ރަހުމަތް" ލަވައިގެ ލިންކް.

އެންމެ ފަހުން އެ ހާލަތު މެދުވެރިވީ އެވެ. އަނބިކަނބަލުން އަވަހާރަވިކަމުގެ، އެ ހިތި، އަސަރުފުރިގެންވާ، ޚަބަރު އިވިވަޑައިގެން، ހާލިދުގެ ދުނިޔެ ހަ ފަރާތުން ފިތި ބާރުވި އެވެ. އެކަމަކު އެ ވަގުތު ހާލިދު އިސްކުރެއްވީ، ހިތާމަ ފާޅުކޮށް، ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ހޯއްދެވުމެއް ނޫނެވެ. މަރާ އެކު، މައްޔިތެއްގެ މައްޗަށްކުރުން ވާޖިބުތައް އަދާކުރެެއްވުމައިގެން އޭނާ އަވަސްވެވަޑައިގަތެވެ. ހިތްޕުޅަށް ވެރިވި ރިހުމުގެ މައްޗަށް، އިންސާނީ ގަދަރު އިސްކުރައްވައިގެންނެވެ. ލޯފުޅަށް ޖަމާވަމުން ދިޔަ ކަރުނަތައް، ހިންދިރުއްވާލައްވާފައި، އޮބަހައްޓައި، ކޮޅުކޮޅުމައްޗަށް ހިންގަވަމުން ގެންދެވީ ކަށުކަމާކެމީގެ ކަންކަން އަވަސްކުރެއްވުމަށެވެ.

އަނބިކަނބަލުންގެ ސަންދޯއް، މައްޗަންގޮޅީ ސަހަރާގެ ވެލީގެ ދާނުގައި ބާއްވަވައި ތިންމުއްވެލިން އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމަށް ފަހު ވެސް އެނބުރި ގެޔަށް ވަޑައިގަތުމުގެ ހިޔާލުފުޅެއް ހާލިދު ނުކުރެއްވި އެވެ.

އޭނާ ބޭނުންފުޅުވީ މަހާނަ ދޮށުގައި، ހަތް ސާއަތަށް ގުރުއާން ކިޔަވައި ވިދާޅުވާން އިންނެވުމަށެވެ. އާއްމުކޮށް އެއީ އެހެން ބަޔަކު ލައްވާ ކުރުވާ ކަމަކަށް ވީ ނަމަވެސް ހާލިދު ނިންމެވީ އަމިއްލަފުޅަށް ކިޔަވާ ވިދާޅުވުމަށެވެ. އޭރު ހުކުރު ވަގުތު ވެސް ޖެހެމުން އަންނާތީ ފަހަރަކު މީހަކު ދަމުން ގޮސް ސަހަރާ ތެރޭގައި އޭނާ ގިނިކަންޏާ އެވެ. ބޭރުގައި، ހުރި އެގޭ ކުއްޖަކު، ސަހަރާ ތެރެއަށް ބޯދިއްކޮށްލީ ހާލިދު ކޮބައިތޯ ބެލުމަށެވެ. އޭރު އިންނެވީ މަހާނަފުޅަށް ކުރިމަތިލައްވައިގެން، އިސްދަށަށް ޖައްސަވައިގެންނެވެ. އެކަމަކު ކައިރިއަށް ގޮސް ބެލިއިރު ހާލިދުގެ ހަރަކާތެއް ނެތެވެ. ވަގުތުން އެމްބިއުލާންސަށް ގުޅައިގެން ގެންދެވުނެވެ. އޭރު އޭނާ އަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ ޚަބަރު، ގެޔާ ހަމަޔަށް އޮތީ ފޯރައިފަ އެވެ.

"ދައްތަމެން އޭރު ތިބީ އެ ޚަބަރު ލިބިގެން ގޭ ދޮރުމަތީގައި. އެމްބިއުލާންސް އަންނަލެއް މަޑުކަމުން ހީވެއްޖެ ކަމެއް ގޯސްވީހެން. އެއީ ބަލި މީހަކު ގޮވައިގެން އެމްބިއުލާންސް އެހާ މަޑުން ނާންނާނެތީވެ،" އައިސާދީ ވިދާޅުވި އެވެ.

އާނއެކެވެ. ހާލިދު އަވަހާރަވީ އެވެ. އަނބިކަނބަލުން އަވަހާރަތިވާ ބަރާބަރު ތިން ގަޑިއިރު ވީތަނާ އެވެ. ކޮން ފަދަ އާދަޔާހިލާފު ހާދިސާއެއް ހެއްޔެވެ؟ އެއީ ޝިހާބު ވިދާޅުވެފައިވާ ގޮތުގައި، ދުރުގައި މަންޒަރު ބަލާން ތިބި މީހުންނަށް، އެ މަންޒަރު ފެނި ހިތާއި މެޔަށް ކުރި އަސަރު ރަމަތަކޮށް އޮބަހައްޓަން ކުޅަދާނަވާވަރުގެ އަސަރެއް ނޫނެވެ. އާއިލާގެ ހާލަކީ ކޮބައިތޯ އެވެ. ދަރިންނަކީ ލޮލުގެ ކޮއި ކަމުގައި ދުށް މަންމަ އާއި ބައްޕަ، އެއް ދުވަހެއްގެ ތެރޭގައި، ފަސް ކުދިންގެ ލޯމަތިން ގެއްލިގެން ދިޔައީ އެވެ.

ދޮށީ ދަރިފުޅު އަލީ ހާލިދަށް ކުރި އަސަރުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އެވެ. އޭނާގެ އަނބިކަނބަލުންނަށް ކުރެއްވި އަސަރުވެ ބޮޑުވެ، އޮޕަރޭޝަނެއް ކުރައްވަން ޖެހުނެވެ. ދެން ހުންނެވި އިބްރާހިމް ހާލިދު ހުންނެވީ މެޑްރާހުގައި ކިޔަވާވިދާޅުވާށެވެ. އޭނާ އަށް އެ ޚަބަރު ދެއްވުމަށް، އެވަގުތު ސްރީ ލަންކާގައި ހުންނެވި ކެނެރީ ސައްތާރު މެޑްރާހަށް ވަޑައިގަތެވެ.

"އަޅުގަނޑަށް ވެސް ވަރަށް ވަރަށް އަސަރުކުރި ދުވަހެއް އެއީ. އަޅުގަނޑާ ވަރަށް ގާތް ބަޔެއް އެއީ. ވަރަށް އެހެން ކަހަލަ އަސަރެއް ކުރި. ކީކޭތޯ އެކަމުގައި ވަކި ދަންނަވާނީ ވެސް. ގުދުރަތުގެ ރޭވުން އެއީ،" ސައްތާރު ވިދާޅުވި އެވެ.

"ގުދުރަތުގެ އިބުރަތާއި ރަހުމަތް" މި ޅެން ހެއްދެވި އިބްރާހިމް ޝިހާބު.

ބޮޑު ބުރާސްފައްޗާ ގުޅިގެން ކުރެވުނު ޖަލު ހުކުމަށް ފަހު، ދިރިއުޅުން އަލުން އާރާސްތުކުރެއްވުމުގެ މަސައްކަތެއްގައި އޭރު ސިންގަޕޫރުގައި ހުންނެވި ހުސެއިން ހާލިދަށް ވެސް ބައްޕާފުޅުގެ މޫނުފުޅު ފެންނަ ގޮތެއް ނުވި އެވެ.

ކާފަ ބޭފުޅުންގެ ތެރެއިން އައިސާދީ އޭރު ހުންނެވީ ސްރީ ލަންކާގައި ކިޔަވާވިދާޅުވާށެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ އަށް ޚަބަރު ގެނެސްދެއްވީ ސިއްކަ އަހުމަދު އިސްމާއިލް މަނިކެވެ. އެ މާޔޫސީ ޚަބަރާ އެކު އޭނާގެ ޅަ ސިކުނޑި އަށް ކުރީ ބުނެދޭން ނޭނގޭ ކަހަލަ އަސަރެކެވެ.

"އަޅުގަނޑު ރޯން ފެށި ގޮތަށް ހުއްޓައެއް ނުލެވުނު. އަޅުގަނޑު ހިތްހަމަޖައްސައިދޭން، ގޭގައި އުޅޭ ދައްތަ ބުނީ އެކަހަލަ ކަންކަން ވާނޭ. އެކަމަކު އަޅުގަނޑު ބުނިން ދުނިޔޭގެ ކޮން ތާކުހޭ މިފަދަ ކަމެއް ވާނީ؟" އައިސާދީ ވިދާޅުވި އެވެ.

ތެދެކެވެ. އެއީ ކޮން ތާކު ވާނެ ކަމެއް ހެއްޔެވެ؟ އެކަމުގެ އާދަޔާހިލާފުކަން އެ ދުވަހުގެ މޫންލައިޓުގެ ސުރުހީން ވެސް އެނގެ އެވެ. ނޫސް ޗާޕަށް ދަނިކޮށް ލިބުނު އެ ކުއްލި ޚަބަރުގެ ސުރުހީގައި އޮތީ "އަވަހާރަވެއްޖެ! އަވަހާރަވެއްޖެ!" ކަމަށެވެ. އެ ބަސް ތަކުރާރުކޮށްފައި އެ އޮތީ، ދެ ބޭފުޅުން އަވަހާރަވުމުންނެވެ.

އެ މޮޅުވެރިކަމުގައި، އާއިލާ އަށް ވަރަށް ގިނަ ބަޔަކު މަދަދުވެރިވި އެވެ. އެ އެހީތެރިކަން ފާހަގަކޮށް އާއިލާގެ ފަރާތުން އޭގެ އެއް ދުވަސް ފަހުން "މޫންލައިޓް" ނޫހުގައި ޖެހި ސިޓީން އެނގެނީ، ބައްޕާފުޅާއި މަންމާފުޅު ފަދައިން ބޭފުޅުންގެ ކިބައިގައި ވެސް ހުރި އިހުސާންތެރިކަމެވެ.

"އަޅުގަނޑުމެން އަދު ގަލަން މި އުފުލައިލީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ފުންމިން އެނގުންނުވާ ހިތާމައިގައި، އާދެ ލޯބިވާ ލޮބުވެތި މަންމަ އާއި ބައްޕަ، އެއްދުވަހާ މި ދުނިޔެ ދޫކުރައްވާ ދެމިއޮތުމުގެ އާލަމަށް، ދަތުރުކުރެއްވުމާ ގުޅިގެން އަޅުގަނޑުމެންގެ ހުރިހާ އެންމެންނާއި އިންސާނިއްޔަތުގެ ކަމުގެ ގޮތުން ނުހަނު މަތިވެރި މިންވަރަކަށް އެހީވެވަޑައިގަން ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާނުލާ ހަމަ އެއްގޮތަކަށް ހިތްހަމަނުޖެހިގެންނެވެ،" ޖުލައި 1 ގެ މޫންލައިޓުގައިވާ ސިޓީގައި ބުނެފައިވެ އެވެ.

"އެ ޝުކުރު އަދާކުރުން އެއް ދުވަސް ލަސްކުރެވުނީ ވެސް މިފަދަ ކަމަކާ އުޅޭހާ ހިތްވަރެއް އަމުދުންނެތިގެންނެވެ. މާފުކުރެއްވުން އެދެމެވެ."

އާއިލާ އިން ނޫހުގައި ޖެހި ސިޓީ (ކ) އަދި ޝިހާބުގެ ޅެން.

އެކި ގޮތްގޮތުން ލިބުނު އެހީތަކުގެ ތެރޭގައި ޝިހާބުގެ އެ ރީތި ޅެން ހިމަނަން ޖެހެނީ ވަރަށް މަތީ ހިސާބެއްގަ އެވެ. ޝިހާބު ފަދަ ގާބިލް ބޭފުޅަކު، އެ ހާދިސާގެ ހަނދާންތަކާއި އިބުރަތްތައް ހިމެނޭ ގޮތަށް އެކަށީގެންވާ ލަވައެއް ހެއްދެވުމަކީ، އައިސާދީ ވިދާޅުވި ގޮތުގައި، ކާފަ އާއި މާމަގެ ލޯބީގެ ދަންމަރުގެ އަލިކަން ހުންނަން މެދުވެރިވި ސަބަބެކެވެ. ކާފަފުޅާއި މާމާފުޅަށް "ނުރޯށެ ކަލޭ މައި ޑިއަރު މިތުރާ" ފަދަ ލަވަތައް ވިދާޅުވެދެއްވި ހޮޅުދޫ އަބްދުﷲގެ އަޑުން، ޝިހާބުގެ އެ ޅެން ރެކޯޑްކުރެވިގެން އައީ ދަރިންނަށް "މަގޭ މިތުރާއޭ، ނުރޯށޭ" ވިދާޅުވަމުންނެވެ.

"ރޭޑިއޯ އިން ވެސް ވަރަށް ގިނައިން އަންނާނެ އެ ލަވަ. އެންމެ ފުރަތަމަ ލަވަ އަޑުއިވުމުން ގޭ މީހުން ވެސް ދެރަވެގެން އުޅުއްވި. އެކަމަކު ހަގީގަތުގައި ވެސް އެއީ ކާފާފުޅާއި މާމާފުޅުގެ އުޅުއްވުމާ ވަރަށް ގުޅޭ ލަވައެއް،" އައިސާދީ ވިދާޅުވި އެވެ.

އެ ލަވައާ އެކު ހާލިދާއި ސިއްތީގެ ވާހަކަ ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ ލޯބީގެ ރީތި މިސާލެއްގެ ގޮތުގަ އެވެ. މާތްﷲ ގެ ވަޖުހަފުޅަށްޓަކައި މީހަކު ދެކެ ލޯބިވެއްޖެ މީހާ ވާނީ ގިޔާމަތް ދުވަހު އެމީހަކާ އެކުގައިކަން ބަޔާންވާ ހަދީސްތަކާ އެކު، ކިޔޭ ވާހަކައެއް ކަމުގައިވި އެވެ. އަދި އިސްލާމީ ތާރީހުގެ ލޯބީގެ މަޝްހޫރު ވާހަކައެއް ކަމަށްވާ، އަބާ އަބްދުއްރަހްމާނުން ސަހަރުގެ މަހާނަމައްޗަށް އަނބިކަނބަލުން އަވަހާރަވި ވާހަކަ ކުދިންނަށް ކިޔައިދޭއިރު އެ ވާހަކަ ވެސް މައިންބަފައިން ފަށްކުރަމުން ދިޔަ އެވެ.

"އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންގެ ވެސް ވާޖިބެކޭ ދަރިން ދެކެ އެވަރަށް ލޯބިވުމަކީ،" އުމުރުން 67 ގައި އަވަހާރަވި ކާފަފުޅާއި 59 އަހަރުގައި އަވަހާރަވި މާމަފުޅާ ބެހޭ ގޮތުން އައިސާދީ ވިދާޅުވި އެވެ.

"މާ ގިނަ ލާރިތަކެއް ލިބިގެން އުޅުނު ޒަމާނެއް ނޫން. އެކަމަކު ކިހާ ލޯބިން އެ އުޅުނީ. އެއީ ހިތުން ފިލައިގެން ދާނެ ލޯތްބެއް ނޫން."

އެއީ ހަމަ ހިތުން ފިލައިގެން ނުދާނެ ފަދަ މިސާލަކަށް ފުދޭ ލޯތްބެކެވެ. އެކުގައި ދުނިޔޭގައި ހޭދަކުރި އުފާވެރި ވަގުތުތަކަށް ފަހު، ދެން އޮތް ރޫހާނީ ދުނިޔެ އަށް ބައިވެރިޔާ ފެށި ދަތުރުގައި ރޭވެ އަނދިރިވުމުގެ ކުރީގައި އެ ދަތުރުގެ ބައިވެރިއަކަށް އޭނާ ވި އެވެ. ޝިހާބު ލިޔުއްވާފައިވާ ފަދައިން "އަތު ގުޅާލައިގެން މި ދުނިޔޭގައި ހަވީރާ ރޭތަކުގައި ދަތުރުކުރިހެން ސުވަރެގޭގައި އެކުވުމީ ކުޑަ ނިއުމަތެއް ހެއްޔެވެ؟" އެއީ ގުދުރަތުގެ ރަހުމަތެވެ. ގުދުރަތުން ގުޅުވައިފި ދެ ހިތެއް ވަކިނުވާކަން ސާބިތުކޮށްދޭނެ އިބުރަތެކެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ