އަހުމަދު އިހުސާން މީގެ އަހަރުތަކެއް ކުރިން އޭނާގެ ދަރިފުޅު އިޔާންއާ އެކު (ކ) އަދި އިޔާން ކުޑައިރު: މިހާރު އުމުރުން 15 އަހަރުގެ އިޔާން ތިން އަހަރުގައި ދެ ކަންފަތުގެ އިވުން ގެއްލުނު މައްސަލައިގައި އިންސާފު ހޯދަން ބައްޕަ ދަނީ މަސައްކަތްކުރަމުން.
03 އެޕްރީލް 2019 - 08:29
ތިން އަހަރުގެ އައިޝަތު އިޔާން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ހުން އައިސްފައި އަތެއް ދުޅަވެގެންނެވެ. ދެ ފަހަރު މަތިން އެ އަތް ފަޅާލައި ފަރުވާދެމުން ދަނިކޮށް އޭނާ ރުޅި ގަދަވާން ފެށި އެވެ. ކަންފަތަށް ކޮއްޕާފައި ހުރީ ކޯއްޗެއްތޯ މަންމަ އާއި ބައްޕަ ގާތު ސުވާލުކުރަން ފެށި އެވެ. ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން އިޔާންގެ ދެ ކަންފަތުގެ އިވުން ދާއިމަށް ގެއްލުނު ކަމުގެ ފުރަތަމަ އިޝާރާތަކީ އެއީ އެވެ.
އެއީ ޖުލައި 2007 އެވެ. އަތުގެ ފުރަތަމަ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ފަހު ކެއުމަކަށް ދޮށީ ދަރިފުޅު ކާން ބޭނުންވީ ބިސްގަނޑެއް ކަން ވެސް އަހުމަދު އިހުސާން ހަނދާން އެބަ ހުއްޓެވެ. އިޔާން ބީރުވެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިގެންދިޔަ ހާދިސާ ހިނދުކޮޅަކަށް ވެސް އޭނާގެ ސިކުނޑިން ކައްސާނުލާތީ އެވެ. ދަރިފުޅަށް އިންސާފު ހޯދައިދޭން އިހުސާން މަސައްކަތްކުރާތާ 12 އަހަރު ވަނީ އެވެ.
"ރާއްޖޭގައި އިންސާފު ލިބޭނެ ކަމަކަށް، ލިބުނީމާ ނޫނީ، ގަބޫލެއް ނުކުރަން. އެކަމަކު މަސައްކަތްކުރުމަކީ އޮތް ކަމެއް. މާދަމާ ވެސް އަހަރެންގެ ދަރިފުޅަކަށް ނުބުނެވޭނެ ބައްޕަ ތިމަންނަގެ ހައްގު ހޯދަން މަސައްކަތެއް ނުކުރިއޭ."
އަމިއްލަ ރަށް ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒަށް ފަހު ތިނަދޫ ހޮސްޕިޓަލުން ފަރުވާ ހޯދަން ދިޔުމުން އިޔާން އަށް އެންޓިބަޔޮޓިކް ބޭހެއް ކަމަށްވާ ޖެންޓަމައިސިން ދިނީ، އިހުސާން ބުނާގޮތުގައި، އޭނާގެ ބަރުދަން ނުބަލަ އެވެ. އަދި ޖެންޓަމައިސިންގެ ސައިޑް އިފެކްޓެއްގެ ގޮތުން ދަރިފުޅު ބީރުވީ ބަރުދަނަށް ބަލާ އިރު އޭނާ އަށް ދޭން ޖެހޭ ވަރަށް ވުރެ ގިނައިން އެ ބޭސް ދިނުމުން ކަމަށް ވެސް އިހުސާން ދެކެ އެވެ.
ތިން ކުދިންގެ ބައްޕަ ވޭތުވެދިޔަ 11 އަހަރު ހޭދަކުރީ ޝަރީއަތަށް އެކަން ސާބިތުކޮށްދޭން ކުރެވުނު ހުރިހާ ކަމެއް ކުރުމުގަ އެވެ. ކޯޓުތަކުގައި މައްސަލަ ތާށިވެ އެތައް އަހަރެއް ވޭތުވުމުގެ ރުޅީގަ އެވެ. ދައުވާ ސާބިތުވާ ވަރަށް ހެކި ހުރިކަން އޭނާ އަށް ގަބޫލުކުރެވޭ އިރު ވެސް ދަށު ކޯޓުންނާއި ހައި ކޯޓުން އޭނާއާ ދެކޮޅަށް ހުކުމް ކުރުމުގެ މާޔޫސްކަމުގަ އެވެ.
ސުޕްރީމް ކޯޓަށް 2015 ނިމެނިކޮށް ހުށަހެޅި އިސްތިއުނާފު މިހާރު ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ. އެކަމަކު މިދިޔަ މަހު 25ގައި ބާއްވަން އޮތް ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.
އިހުސާން، އިންސާފުގެ އިންތިޒާރުގަ އެވެ.
"މިހެން ހުއްޓާ ހަތަރު ވެރިކަން ބަދަލުވެއްޖެ. މި މަސައްކަތް ފެށި އިރު ބޮލުގައި ނުރައެއް ނެތް. މިހާރު ބޯ ނުރަ ވެސް ވެއްޖެ،" އޭނާ ބުނެލި އެވެ.
ތިނަދޫ ހޮސްޕިޓަލުގައި އޭރު މަސައްކަތްކުރި ކުޑަކުދިންގެ ޑޮކްޓަރު ޕަވަލް ބޮބްކޯ އިޔާން އަށް ޖެންޓަމައިސިން ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ހޯދަން، ހެލްތު މިނިސްޓްރީގެ މައްޗަށް އިހުސާން ދައުވާކުރި އެވެ. އެ ބޭހުގެ ސައިޑް އިފެކްޓްތައް ޑޮކްޓަރު ކިޔައިދީފައި ނުވުމަކީ މައްސަލައެއްކަން އޭނާ ފާހަގަކުރި އެވެ. މަދަނީ ކޯޓުން 2009ގައި ނިންމީ އިޔާން އަށް ޖެންޓަމައިސިން ދިނުމުގައި ޑޮކްޓަރުގެ އިހުމާލެއް އޮތްކަން ސާބިތު ނުވާ ކަމަށެވެ.
ހޮސްޕިޓަލުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް އިހުސާން ކުރެ އެވެ.
އެންމެ ބޮޑު ކަމަކީ، މި މައްސަލަ ކޯޓަށް ވެއްދުމުން ކަންކަން ފޮރުވަން ހޮސްޕިޓަލުގެ ރެކޯޑްތައް އޮޅުވާލި ކަމަށް އޭނާ ބުނާ ބުނުމެވެ. އެންމެ ފަހުން ހައި ކޯޓުން ފުލުހުން ލައްވައި ފޮރެންސިކް ތަހުލީލު ހެއްދި އިރު، އެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައި ހުރިކަން އެނގުނެވެ. ޝަރީއަތުގައި ހެލްތު މިނިސްޓްރީގެ ދިފާއުގައި ދައުލަތުން ބުނެފައި ވަނީ ޓިޕެކްސް ޖަހައި ކަނޑާލާފައި ހުރީ އިދާރީ އޮޅުމަކުން ލިޔެވިފައި ހުރި ތަންތަން ކަމަށެވެ.
އިހުސާން ބުނާގޮތުގައި އިޔާން އަށް ޖެންޓަމައިސިން އިންޖެކްޝަން ދިނީ ރަނގަޅަށް ކަމަށް އެކްސްޕާޓް ޑޮކްޓަރަކު ބުނެފައި އޮތަސް، އޭނާ ބަޔާން ދީފައި އޮތީ ސުވާލު އުފެދިފައި ހުރި ލިޔުންތަކަށް ބިނާކޮށް ކަމަށް ވާތީ އެ ބަޔާނުގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. އަދި އިޔާން އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން ދަށު ކޯޓުގައި ދޮގު ހެކިބަސް ދީފައިވާ ކަމަށާއި އެ މީހުންގެ ބަޔާންތަކުގައި ދިމާނުވާ ކަންކަން ހުރި ކަމަށް ވެސް އޭނާ ބުނެ އެވެ.
ޖުމްލަ ގޮތެއްގައި އިހުސާންގެ ވާހަކައަކީ އިޔާންގެ ބަރުދަން ބެލުމާއި ބަރުދަނަކީ ކިހާ ވަރެއް ކަމާއި އޭނާ އަށް ޖެންޓަމައިސިން ދިން މުއްދަތާއި ދިން މިންވަރާ ބެހޭ ގޮތުން އެ މީހުން ހަދަނީ ދޮގުކަމާއި އެ ދޮގުތައް "ފޫބައްދަން" ލިޔެކިޔުންތައް އޮޅުވާލާފައި ހުރި ކަމެވެ. ލިޔެކިޔުންތަކަށް ބަދަލުގެނައީ އިޔާން ހޮސްޕިޓަލުން ދޫކޮށްލި ފަހުންތޯ ބަލަން އިހުސާން ހަދަން ބޭނުންވި ފޮރެންސިކް ތަހުލީލު، ވަސީލަތްތައް ނެތުމުން، ފުލުހުންނަށް ހެދޭ ގޮތެއް ނުވި އެވެ.
ހައި ކޯޓުން 2015ގައި ނިންމީ އިހުސާން ބުނާ މުއްދަތަށް ޖެންޓަމައިސިން ދިން ކަމަށް ބެލިޔަސް އެއީ ހަ ދުވަސް ކަމަށް ވާތީ އެއީ އެ ބޭސް ދިގު މުއްދަތަކަށް ދިނުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޖެންޓަމައިސިންގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި، އިވުމަށް އުނިކަން ލިބުން ހިމެނޭ އިރު އިޔާން ބީރުވީ ޖެންޓަމައިސިންގެ ސަބަބުން ކަމަށް ބެލެވިދާނެ ކަމަށް ފަހުން އޭނާ ބެލި ޑޮކްޓަރުން ބުނެފައި އޮތަސް، އޭނާ އަށް ޖެންޓަމައިސިން ދީފައި ވަނީ އެ ބޭސް ދޭން ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަމަށް ބެލެވެން ވެސް ނެތް ކަމަށެވެ.
ޖެންޓަމައިސިން ރަނގަޅަށް ދޭ ހާލަތުގައި ވެސް 17 ޕަސެންޓް މީހުންނަށް، އެ މީހުން ނިސްބަތްވާ ޖީންގެ ގޮތުން، އިވުމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް އެކްސްޕާޓަކު ބުނެފައި ވާތީ އިހުސާން ވަނީ އަމިއްލަ ހަރަދުގައި ރާއްޖެ އިން ބޭރުން ތަހުލީލެއް ހަދައި ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ ތަހުލީލު ދައްކާ ގޮތުން އިޔާންއަކީ ޖެންޓަމައިސިންގެ ސަބަބުން އިވުމަށް ނޭދެވޭ އަސަރު ކުރާ ޖީން ހުރި ކުއްޖެއް ނޫނެވެ.
ދައުލަތުން ބުނަނީ 17 ޕަސެންޓް ނަގާފައި ބާކީ 83 ޕަސެންޓް މީހުންނަކީ ވެސް އެކި ސަބަބުތަކާ ހެދި ޖެންޓަމައިސިންގެ ނޭދެވޭ އަސަރު ކޮށްފާނެ މީހުން ކަމަށެވެ. އަދި އެހެންވެ، ރަނގަޅަށް އެ ބޭސް ދޭ ހާލަތުގައި ވެސް އެހެން ސަބަބުތަކާ ހެދި އިވުމަށް އަސަރު ކުރުމުގެ ފުރުސަތު އެބަ އޮތް ބުނެ އެވެ. އިޔާން ބީރުވި ސަބަބު ހޯދިފައި ނެތް ކަމަށް ވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ. ދައުލަތުން ބުނެފައި ވަނީ އިޔާން އަށް ދިނީ އެ ވަގުތު ކޮންމެ ޑޮކްޓަރަކު ވެސް ދޭން ފަރުވާ ކަމަށާއި ބޭސް ލިޔެދިނީ ކުއްޖާގެ ބަރުދަން ނުބަލާ ކަމަށް ބުނާ ވާހަކަ އަކީ ވެސް ދޮގެއް ކަމަށެވެ. އަދި އިޔާން އަކީ ޖެންޓަމައިސިން ރަނގަޅަށް ދޭ ހާލަތުގައި ވެސް އިވުމަށް ނޭދެވޭ އަސަރުކުރާ ޖީން ނެތް ކުއްޖެއްކަން ތަހުލީލު ރިޕޯޓުން ކަނޑައެޅިގެން ސާބިތުނުވާ ކަމަށެވެ.
http://www.highcourt.gov.mv/dhi/mediamanager/2009-368.pdf
ހައި ކޯޓުން ގަޒިއްޔާ ނިންމި ގޮތުގެ ހުލާސާގައި މި މައްސަލައިގެ ތަފްސީލް ހިމެނޭ
ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ގޮސްގެން ބަދަލުދިނުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި ހެލްތު މިނިސްޓްރީން ވެސް އިހުސާނަށް ބަދަލު ދޭން ބޭނުންވެގެން އުޅުނު ކަމަށް އިހުސާން އަށާއި ބައެއް ނޫސްވެރިން ނުރަސްމީކޮށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި ޑރ. އާމިނަތު ޖަމީލް ވިދާޅުވަނީ އެއީ ހިނގި ކަމެއް ނޫން ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުގައި 2013 ވަނަ އަަހަރު ފަހުކޮޅު، ހައި ކޯޓަށް ފޮރެންސިކް ރިޕޯޓް ހުށަހެޅި ދުވަހު ވެސް މި ވާހަކަ ދެކެވުނު ކަމަށް ވެސް އިހުސާން ބުންޏެވެ.
"...އަހަރެން ބުނިން މަރުހަބާއޭ، މީޓިންއެއް ހަމަޖައްސާފައި ގުޅާށޭ،" އެކަމަކު އިހުސާން ބުނީ ފަހުން ޚަބަރެއް ނުވާ ކަމަށެވެ.
އެކަމަކު މި މައްސަލާގައި އޭރު ކޯޓަށް ވަޑައިގެންނެވި ދައުލަތުގެ ވަކީލުންގެ ފަރާތުން އެނގުނު ގޮތުގައި، އޭރު ބަދަލުދޭން ރަސްމީކޮށް ހުށަހެޅީއެއް ނޫނެވެ. އެމްޑީޕީ ސަރުކާރުގައި ވެސް އެ ވާހަކަ ދެކެވިފައި އޮތުމުން އަދިވެސް އެ ފުރުސަތު އޮތް ވާހަކަ ބުނި ކަމަށް ވަކީލުން ވިދާޅުވިި އެވެ.
ބަދަލު ދިނުމާ ބެހޭ ގޮތުން ދައްކާ ވާހަކަ އަށް އެމްޑީޕީ ސަރުކާރުގެ ހެލްތު މިނިސްޓަރު ދެއްވި ޖަވާބު ވެސް ތަފާތެވެ.
"މި ކަހަލަ ކަމަކަށް ވާތީ، އެ މައްސަލަ އަވަސްކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އަޅުގަނޑުމެން ހަމައެކަނި އޭޖީ އޮފީހާ މަޝްވަރާކޮށްލީ،" ޑރ. އާމިނަތު ޖަމީލް ވިދާޅުވި އެވެ.
"ބަދަލެއް ދޭން ޖެހެންޏާ ވަކީލުންތާ އެ ބައި ހުށަހަޅުއްވާނީ؟ އަޅުގަނޑުމެން ކޮމްޕެންސޭޝަނެއް ހުށައެއް ނާޅަން."
"އަހަރެމެން ގާތު ބުނަނީ ތިމަންނަގެ ކަންފަތަކަށް އަޑެއް ނީވެއޭ، ކޯއްޗެއް ހެއްޔޭ ކޮއްޕާފައި ހުރީ؟" ބީރުވެގެން އިޔާން ކުރި ފުރަތަމަ ޝަކުވާ އިހުސާން ކިޔައިދިނެވެ.
އިޔާން (ވ) ކުޑައިރު އޭނާގެ ކޮއްކޮއާ އެކު
ތިން އަހަރާއި ނުވަ މަހުގައި ރަނގަޅަށް ވާހަކަދައްކަމުން އައި، މީހުންނާ ގުޅޭ، އުފާވެރި އިޔާން ވާހަކަދެއްކުމާއި ހިނގުން ވެސް ހުއްޓުނީ އެވެ. އިހުސާން ކިޔައިދިން ގޮތުގައި ޖެންޓަމައިސިންގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހިމެނޭ "ކިޑްނީގެ މައްސަލަ ފިޔަވައި އެހެން ހުރިހާ ކަމެއް" އިޔާން އަށް ކުރިމަތިވި އެވެ.
"ނާރުތަކުގެ ބާރު ދެރަވެގެން ނުވެސް ހިނގުނީ. ތިން މަސް ވަންދެން އުރައިގެން ގެންގުޅުނީ. ލަންކާގައި އެކިއުޕަންކްޗާ ހަދައިގެން ހިނގުނީ. ދަރިފުޅަށް ވަރަށް ބޮޑަށް އަސަރުކުރި. ވާހަކަދައްކަން ނޭނގިގެން ރުޅި އައިސް. ވަރަށް ބޮޑަށް ހިކިފައި ހުރީ ވެސް،" އޭނާ ބުންޏެވެ.
އެ ހާލަތަށް އިޔާން ދިޔައީ ހޮސްޕިޓަލުގެ ސަބަބުން ކަމަކަށް އިހުސާން ފުރަތަމަ ހިއެއް ނުކުރެ އެވެ. އެކަމަކު އޭނާ އަށް ވިސްނުނު ގޮތުގައި ދެ ކަންފަތުގެ އިވުން އެއްކޮށް ގެއްލިގެން ދިޔުމަކީ އާދައިގެ ކަމެއް ނޫނެވެ. ވީ ކިހިނެއްތޯ ބަލަން ދަރިފުޅު ގޮވައިގެން އޭނާ ދިޔައީ އިންޑިއާއަށެވެ.
"ތިނަދޫން ދީފައި ހުރި ލިޔެކިޔުންތަކާ އެއްޗެހި ބަލާފައި ބުނީ މިކަން މެދުވެރިވެގެން މި އުޅެނީ މި އިންޖެކްޝަންގެ ސަބަބުންނޭ. ކޮންމެ ބޭހެއްގައި ވެސް ސައިޑް އިފެކްޓްސް ހުރެއޭ. އެކަމަކު ކޮންމެ ބޭހެއް ވެސް ބޭނުންކުރަންވާނީ ވަކި އުސޫލަކުންނޭ،" އިހުސާން ބުންޏެވެ.
އެނބުރި ރާއްޖެ އައިސް މާލޭގައި އިޔާން ދެއްކި ދިވެހި އީއެންޓީ ޑޮކްޓަރު ވެސް ދިނީ އެއް ޖާވަބެކެވެ.
"[އެ ޑޮކްޓަރު] ހުރިހާ ޑޮކިއުމެންޓްތަކެއް ބަލާފައި ބުނީ ހަމަ މިއޭ މައްސަލައަކީ. ޑޮކްޓަރު ލިޔުމެއް ވެސް ދިން. ކޯޓަށް އެ ލިޔުން ވެސް ހުށަހެޅިން،" އިހުސާން ކިޔައިދިނެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އިޔާން ބީރުވީ އޭނާ އަށް ޖެންޓަމައިސިންގެ މަތީ ޑޯޒެއް ދިނުމުގެ ސަބަބުން ކަމަށް ބެލެވިދާނެއޭ، އޭނާ ބެލި ބައެއް ޑޮކްޓަރުން ބުންޏަސް، އެ ގޮތަށް ބުނެފައިވަނީ "އެ ފަރާތްތަކަށް ދީފައިވާ މައުލޫމާތު ސަބަބުން ކަމަށް ގަބޫލުކުރެވޭ" ކަމަށެވެ.
އިންޑިއާގެ އެކި ތަންތަނުގައި އިޔާން ދެއްކި ހުރިހާ ޑޮކްޓަރުން ވެސް އިއްތިފާގުވީ އޭނާ އަށް އަޑުއިވޭ ގޮތް ހަދަން ދެވެން އޮތް ހަމައެކަނި ފަރުވާއަކީ ކޯކްލިއާ އިމްޕްލާންޓް ލެއްވުން ކަމަށެވެ. އެކަމާ ބެހޭ ހުރިހާ މައުލޫމާތާއި ފައިސާ ހޯދަން މަސްތަކެއް ހޭދަކުރުމަށް ފަހު 2008ގައި ސްރީ ލަންކާގައި އިމްޕްލާންޓް ލެއްވި އެވެ.
"ކޯކްލިއާ އިމްޕްލާންޓް ލެއްވީމާ ތަފާތަކީ ދަރިފުޅަށް އިވެނީ އިލެކްޓްރޯނިކް އަޑެއް، ފޯނުން ދައްކާ ވާހަކަ އަޑުއިވޭ ގޮތަށް،" އިހުސާން ބުންޏެވެ.
އަގުބޮޑު އެ އޮޕަރޭޝަނަށް 28،000 ޑޮލަރު ހަރަދުކުރަން އެހީތެރިވެދިނީ އިހުސާންގެ ގާތް މީހުންނެވެ. ފަރުވާ އަށް އިހުސާން އާއި އަންހެނުން، އިޔާން އާއި އޭނާ އަށް ވުރެ ހަގު އަނެއް ދަރިފުޅު ގޮވައިގެން، ލަންކާގައި އެއް އަހަރު ހޭދަކުރި އެވެ.
"ވާހަކަދެއްކުން އެއްކޮށް ހުއްޓުނުތާ އަށް މަސް ފަހުން އޮޕަރޭޝަން ކުރެވުނީ. ލަންކާގައި އެހެން އަބަދު ތިބެން އުނދަގޫވީމަ ރާއްޖެ އައިސް އަހަރެމެން އަމިއްލަ އަށް ސްޕީޗު ތެރަޕީ ދީ ހެދީ. ފަހުން ހަމަ ރަނގަޅަށް ވާހަކަދެއްކޭ،" އިހުސާން ބުންޏެވެ.
އުމުރު ދުވަހު އިޔާން ބޭނުންކުރަން ޖެހޭ އިމްޕްލާންޓްގެ މެއިންޓެނެންސަށް މިހާރު ވެސް ބޮޑެތި މަސައްކަތްތަކާއި ހަރަދު ކުރަން ޖެހެ އެވެ.
"އަބަދުވެސް އެ ކަމުގައި އުޅެން ޖެހެނީ. އޭގެ އެންމެ ބެޓެރިއެއްގެ އަގަކީ ވެސް އެއް ހާސް ޑޮލަރު. އިމްޕްލާންޓްގައި މައްސަލަ ޖެހިގެން ސްޕެއާތަކެއް ގަންނަން ލަންކާ އަށް ފުރަން މިހާރު ވެސް މި އުޅެނީ،" މިދިޔަ ހަފްތާގައި އިހުސާން ކިޔައިދިނެވެ.
"އަހަރެމެން ބޮޑުވަމުންދާ ވަރަކަށް ހުރިހާ އަޑުތަކެއް ގުދުރަތީ ގޮތުން މި ދަނީ ބެލެންސް ވަމުން. އެކަމަކު މިއީ އަޅާފައި ހުންނަ ސޮފްޓްވެއާއެއް ވީމާ މީތި ބެލެންސް ކުރަން ޖެހެނީ. ކޮމްޕިއުޓަ ސިސްޓަމަކަށް ގުޅައިގެން އެ މީހުން ހަދާފައި ހުންނަ ސޮފްޓްވެއާގެ ވޮލިއުމް، ކަންފަތަށާއި ބޮލަށް އުނދަގޫ ނުވާ ވަރަށް ބެލެންސްކުރަމުން ދާނީ."
އިޔާން އޮޕަރޭޝަނަށް ފަހު ކޯކްލިއާ އިމްޕްލާންޓް މެދުވެރިކޮށް އަޑުއަހަނީ (ވ) އަދި ކުޑައިރު މައިންބަފައިންނާ އެކު
ބަދަލު ހޯދަން ކޯޓަށް ދިޔުމަކީ އިހުސާންގެ ފުރަތަމަ ނިންމުމެއް ނޫނެވެ. އޭނާ ފުރަތަމަ މަސައްކަތްކުރީ ސަރުކާރަށް ކޮށްދެވޭނެ ކަމެއް އޮތްތޯ ބަލާށެވެ. އެކަމަކު ލަންކާގައި ކޯކްލިއާ އިމްޕްލާންޓް ލައްވަން ސަރުކާރުގެ އެހީއަކަށް އެދުނީމާ ޓްރިވެންޑްރަމަށް ދެކޮޅު ޓިކެޓާއި 300 ޑޮލަރު ހަމަޖެހިއްޖެއޭ ބުނުން ފިޔަވައި (އިހުސާން އެއަކު ނުހިފި) މާލީ އެހީތެރިކަމެއް ނުލިބުނު އިރު އޭރުގެ ހެލްތު މިނިސްޓަރު އިލްޔާސް އިބްރާހިމާ ބައްދަލުކުރަން އޭނާ ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށް ވެސް ބުންޏެވެ.
"ހެލްތު މިނިސްޓަރާ ބައްދަލުކުރަން ފުރާފައި ލީ ފޯމުގައި ލިޔެފައި އޮންނާނީ ތިނަދޫ ހޮސްޕިޓަލުން ކުރި ފަރުވާއަކާ ގުޅިގެން ލިބުނު ގެއްލުމަކާ ބެހޭ ގޮތުން މިނިސްޓަރާ މަޝްވަރާކޮށް ލަފައެއް ހޯދަން ބޭނުންވާ ކަމަށް. ހަފްތާގެ ރަސްމީ ފަސް ދުވަހު އަހަރެން ހެލްތު މިނިސްޓްރީގެ ރިސެޕްޝަން ކުރިމަތީގައި ތިން ހަތަރު ގަޑި އިރު އިނިން އެއް މަސް ވަންދެން. ފުރުސަތެއް ނުލިބުނު،" އިހުސާން ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި "އެއްވެސް ކޮޅަކުން ކުރިއެރުމެއް ނުލިބުނީމާ" ކޯޓަށް ދާން ހިޔާލުކުރީ "ރާއްޖޭގައި ދެވަނަ މީހަކަށް މިހެން ކަންތައް ވިޔަ ނުދޭން" އަޒުމު ކަނޑައަޅައިގެންނެވެ.
ސިއްހީ ފަރުވާދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ މައްސަލަތައް ތަކުރާރުވަމުންދާ އިރު ވެސް އެ ކަންކަން ހުއްޓުވައި އާއްމުންގެ ހައްގުތައް ލިބިދޭނެ ގާނޫނީ އެއްވެސް މަގެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްކަން އިހުސާން ފާހަގަކުރެ އެވެ. އޭނާ ބުނީ ކަމެއް ދިމާވީމާ ޑޮކްޓަރުންނަށާއި ނަރުހުންނަށް ހަމަލާދީ މާރާމާރީ ހިންގުމުގެ ހާދިސާތައް ހިނގުމަކީ "ގަބޫލުކުރަން ދަތި ކަންތައްތަކެއް" ކަމަށެވެ.
"މިސާލަކަށް އައިޖީއެމްއެޗަށް ވިހަން ދިޔަ މާބަނޑު މީހެއްގެ ގަޔަށް އެޗްއައިވީ ލޭ އެޅީ. ލ. އަތޮޅުގައި އުމެއް ނަގަން ދިޔަ މީހަކު އައިސީޔޫގައި އޮވެފައި ނިޔާވެގެން ދިޔައީ. އެހެންވީމާ މި ކަހަލަ ބައިވަރު ކޭސްތައް ރާއްޖޭގައި ހިނގަމުންދޭ،" އޭނާ ބުންޏެވެ.
"އޮފީހެއްގެ ތިޖޫރީގައި އޮންނަ ބައި ރުފިޔާއެއް މީހެއްގެ އަތުން ގެއްލުނަސް އޭނާގެ މައްޗަށް އެބަ ދައުވާކުރެވޭ. އެކަމަކު ޑޮކްޓަރަކު އަތުން މީހަކު މަރުވިޔަސް އެ މީހާ އަށް ނެތޭ އެއްވެސް ކަހަލަ ހައްގެއް މި ގައުމުގައި."
ކޯޓަށް މައްސަލަ ގެންގޮސްދެއްވައި ހިލޭ ސާބަހަށް އިހުސާން ތަމްސީލްކުރައްވަނީ ވަކީލު ޝާހިން ހަމީދެވެ.
"ޖެންޓަމައިސިން އިންޖެކްޝަން ޖެހީމަ ދަރިފުޅަށް ވީ ގޮތުގެ ވީޑިއޯއެއް ވެސް އިއްތިފާގުން ނެގިފައި އަހަރެމެންގެ އަތުގައި އޮތް. ލިޔެކިޔުންތަކާ އެއްކޮށް އޭތި ދައްކާލީމާ ޝާހީން ބުނީ އެ މީހެއްގެ ހައްގު ހޯދަން އުޅޭނީ އެ މީހެކޭ، ހިނގާށޭ ކޯޓަށް ދާން،" އިހުސާން ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި މަދަނީ ކޯޓުގައި ޝަރީއަތް ފެށި އިރު ދައުލަތުން އޭނާގެ ދައުވާ ސިފަކުރީ ސިޔާސީ ކަމެއްގެ ގޮތުގަ އެވެ. އެއީ "ދައުލަތް ބަދުނާމުކުރަން" ހުށަހެޅި މައްސަލައެއް ކަމަށް ދައުލަތުގެ ވަކީލު ކޯޓުގައި ބުންޏެވެ.
"އެހެންވީމާ އަހަރެމެން ގަބޫލުކުރަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދައުލަތުން މި ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް،" އިހުސާން ބުންޏެވެ.
"އަހަރެން ބުނިން ތި ބޭފުޅާ ތި ކޯޓު ލައިގެން މި ކޯޓަށް ތި ގޮތަށް ވަކާލާތުކުރާކަށް ނާންނާނެއޭ މިއީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭ ނަމަ. މި ދައްކަނީ ކުޑަކުޑަ ކުއްޖެއްގެ ގުނަވަނެއްގެ ވާހަކައޭ. އަހަރެން ބުނިން އިއްޒަތްތެރި ފަނޑިޔާރޭ، ދައުލަތަކީ ކޮބާ ހެއްޔޭ؟ ރައްޔިތުން ނެތް ތަނެއްގައި ދައުލަތެއް ނޯންނާނެއޭ."
އިންސާފު ހޯދަން އޭރު އެ ހިފި ގޮތަށް ވޭތުވެދިޔަ 11 އަހަރު އިހުސާން ދުލެއް ނުދެ އެވެ. ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކުރާ ކޮންމެ ފަހަރަކު ރަށުގައި ހުރެފައި މާލެ ދެ އެވެ. ވަކީލުންގެ އިތުރުން އޭނާ އަމިއްލަ އަށް ވެސް ކޯޓުގައި ވާހަކަދައްކަ އެވެ. ބޭނުންވާ މައުލޫމާތުތައް ހޯދައި އެކްސްޕާޓުންގެ ގޮތުގައި ހެކިބަސް ދޭނެ ޑޮކްޓަރުން ހޯދައި ވަކީލުންނަށް ހުރިހާ ކަމެއް ހަމަޖައްސައިދިނީ އިހުސާނެވެ.
އޭނާގެ އެންމެ ބޮޑު ފާޑުކިޔުމަކީ މި ކަމަށް މިހާ ގިނަ ދުވަސް ނެގުމެވެ. މަދަނީ ކޯޓުން ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭ މައްސަލަ ނިންމިޔަސް ހައި ކޯޓުގައި ހަ އަހަރު ހޭދަވި އެވެ. އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން އަހަރު ވެއްޖެ އެވެ. ތާވަލްކުރާ ޝަރީއަތްތައް ފަހު ވަގުތު ކެންސަލްކުރުން ތަކުރާރުވުމަކީ އިންސާފެއްތޯ އިހުސާން ސުވާލުކުރެ އެވެ. އެއީ ކޯޓުތަކަށް ސިޓީ ލިޔެގެންނާއި އެ ތަންތަނަށް ގޮސްގެން އޭނާ ތަކުރާރުކޮށް ކުރަމުން ގެންދާ ޝަކުވާއެކެވެ.
"ކޮންމެ ފަހަރަކު މި ކޭސް އަށް މާލެ އަށް މި އަންނަނީ. އައިމަ މި ގޮތަށް ހެދީމަ މި ރުޅި އަންނަނީ،" އެންމެ ފަހުން ބާއްވަން އޮތް ޝަރީއަތް ކެންސަލްކުރުމުން އިހުސާން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
އިހުސާން ދެކެނީ "ސިޔާސީ ޕާޓީތައް އަޔޭ ކިޔާފައެއް ވެސް ހަގީގަތުގައި ރައްޔިތުންނަށް، އުއްމީދުކުރާ ކަންތައްތަކެއް ނުލިބޭ" ކަމަށެވެ. އޭނާ ބުނަނީ 2007-2008 އާއި މިހާރުގެ ހަމައެކަނި ތަފާތަކީ "ސޯޝަލް މީޑިއާގަ އާއި ޕޯޑިއަމްތަކުގައި ތަންކޮޅެއް ބާރަށް ވާހަކަދެއްކުމުގެ ފުރުސަތު އޮތްކަން" ކަމަށެވެ.
"މި ކަމުގައި އަހަރެން ނުވަންނަ ތަނެއް ނުހުންނާނެ،" އިހުސާން ބުންޏެވެ.
"އަހަރެން ސިޔާސީ މީހުންނާ ގުޅިގެން ޕޯޑިއަމަށް އަރައި ވާހަކަދެއްކީމައެއް ނޫން އިންސާފު ދޭން ޖެހޭނީ. އަދި ފަނޑިޔާރުގެ ގެއަށް ގޮސް އޭނާގެ ގޭގެ އުނދޯލިކޮޅުގައި އިނދެގެނެއް ނުވަތަ އޭނާ އަށް އެއްޗެއް ދީގެނެއް ވެސް ނޫން."
އިޔާން އަށް ފަރުވާ އަދި އިންސާފު ހޯދަން މަސައްކަތްކުރި ގޮތުގެ ޓައިމްލައިން
އިޔާން ބީރުވި ހާދިސާގެ އަސަރުތައް އެތައް ގޮތަކުން އިހުސާންމެން އިހުސާސްކޮށްފި އެވެ.
"އަހަންނަށް ވުރެ މާ ބޮޑަށް އަސަރު ކުރި އަންހެނުންނަށް،" އިހުސާން ކިޔައިދިނެވެ.
"އަނެއްކޮޅުން ދިރިއުޅުމުގައި ކޮށްފައި ހުރި ޕްލޭންތަކާ އެއްޗެހި ފުނޑުފުނޑުވެގެންތާ ދާނީ މިކަހަލަ ކަމެއް ދިމާވީމާ؟ ފަހުން ދަރިއަކު ވެސް ހޯދަން ބޭނުންވެ، އެކަމަކު ނުހޯދިފައި ހުރެފައި މި ފަހުން މި ހޯދީ."
ފައިސާ އާއި ވަގުތު ހޭދަކުރުމުގައި ވެސް އިޔާންގެ ހައްގުތައް ބައްޕަ އިސްކުރާކަން އޭނާ އަށް ވެސް އިހުސާސްކުރެ އެވެ.
"ދަރިފުޅަށް މި ކަންކަން ވަރަށް ރަނގަޅަށް އެނގޭ. އެންމެ ކުޑައިރުއްސުރެ މި ކަމުގައި ވިއްޔާ މި އުޅެނީ. ދަރިފުޅު ކަންބޮޑުވަނީ، ބައްޕަ އަށް ލިބޭ ހުރިހާ ލާރިއެއް މި ހަރަދުކުރަނީ ތިމަންނައަށޭ،" މިހާރު އުމުރުން 15 އަހަރުގެ އިޔާންއާ ބެހޭ ގޮތުން އިހުސާން ބުންޏެވެ.
"އެހެން މީހުންނަށް ހީވެދާނެ 7.1 މިލިއަން ރުފިޔާއޭ ބުނީމަ، އެއީ ވަރަށް ބޮޑު އެއްޗެކޭ. އިންޑިއާ، ލަންކާ ދަތުރާއި އޮޕަރޭޝަން ނިންމާފައި ރާއްޖެ އާދެވުނު އިރު، ބިލްތަކުން ފެންނަން ހުރި – ވަކި ހިސާބަކުން ބިލްތައް ބަހައްޓަން ވެސް ފެށީ – ދެ މިލިއަން ކޮންމެވެސް ވަރެއް ހަރަދުވެފައި ހުރިކަން. އަދި އިމްޕްލާންޓްގެ މެއިންޓެނެންސަށް ހަރަދު އެބަ ހިނގާ."
އޭޖެންޓެއްގެ ގޮތުގައި ސަފާރީއެއް އޮޕަރޭޓްކޮށް ވިޔަފާރިކުރަން މާލޭގައި އުޅެނިކޮށް ދިމާވި ހާދިސާ އަށް ފަހު އެ ކަންކަން ދޫކޮށްލައި އާއިލާ ގާތަށް ދިޔަ ގޮތަށް އިހުސާން ދިރިއުޅެމުން އަންނަނީ ރަށުގަ އެވެ.
"މި ކަންތައް ދިމާވީމާ ހިތަށްއެރީ އާއިލާއާ ވަކިނުވެ ކައިރީގައި ހުންނާނީއޭ. ފަހުން ވަޒީފާއަކަށް ނުދިޔައީ ވެސް އެހެންވެ. އަނެއްކޮޅުން އިރުއިރުކޮޅާ ކޯޓަށް ދާން އެބަ ޖެހޭ،" މިހާރު ރަށުގައި ރެސްޓޯރެންޓެއް ހިންގަމުން އަންނަ އިހުސާން ކިޔައިދިނެވެ.
އޭނާ ބުނަނީ، އިންސާފުގެ އުއްމީދުގައި ކިތަންމެ ގިނަ ދުވަހެއް ހޭދަކުރަން ޖެހުނަސް، އޭނާއަކީ "އުނދަގޫ ހުރިހާ ކަމެއް ކުރަން ވަރަށް ފޯރި ހުންނަ މީހެއް" ކަމަށް ވާތީ ފޫހިވުމެއް ނެތް ކަމަށެވެ. ގާތް މީހުންނާއި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ވަކީލުންނާއި ހެޔޮ އެދޭ މީހުންގެ އެހީތެރިކަމާ ނުލައި މިކަން ނުކުރެވުނީސް ކަން ވެސް އޭނާ ގަބޫލުކުރެ އެވެ.
"އެނގޭ، ދުނިޔޭގައި އުޅުމަކީ ހަނގުރާމައެއްކަން. އެހެންވީމާ ކޯޓަށް ދާކަށް ވެސް އަހަރެން ފޫއްސެއް ވެސް ނުވޭ. އެތާ އިނދެދާނަން ދެ ދުވަސް ވަންދެން ވެސް،" އިހުސާން ބުނެލި އެވެ. "އަހަރެންގެ އަތުގައި ހެއްކާއި ގަރީނާ ހުރެފައި ބައިވަރު ރައްޓެހިން ތިބެފައި ހެޔޮއެދޭ މީހުންނާއި ލޯޔަރުންނާއި ޑޮކްޓަރުންގެ ފުލް ސަޕޯޓް ލިބޭތީ މިކަން މި ކުރެވެނީ. ކޮންމެ ކޮންމެ މީހެއްގެ ނުހުންނާނެ މިފަދަ މީހުންނެއް."
އޭނާއާ ދެކޮޅަށް މައްސަލަ ނިމުނަސް، އިހުސާން އެހެރީ އެއް ކަމެއް ޔަގީންކޮށްގެންނެވެ؛ ދަރިފުޅަށްޓަކައި "މި ދުނިޔެ މަތިން ކުރެވެން އޮތް ހުރިހާ ކަމެއް" އޭނާ ކޮށްފި އެވެ.
"ރާއްޖޭގައި އިންސާފު ލިބޭނެ ކަމަކަށް، ލިބުނީމާ ނޫނީ، ގަބޫލެއް ނުކުރަން. އެކަމަކު މަސައްކަތްކުރުމަކީ އޮތް ކަމެއް. މާދަމާ ވެސް އަހަރެންގެ ދަރިފުޅަކަށް ނުބުނެވޭނެ ބައްޕަ ތިމަންނަގެ ހައްގު ހޯދަން މަސައްކަތެއް ނުކުރިއޭ، ކުރި ނަމަ ތިމަންނަ އަށް ހައްގު ލިބުނީހޭ،" އިހުސާން ބުނެލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ މިއު މަ
29 May 2019
ކީކޭ ބުނާނީ... މި އާއިލާގެ ހައްގު ހިފަހައްޓައިގެން ތިބި އިސްވެރިންގެ ދަރިއަކަށް މިހެންވިނަމަވެސް ދައުލަތާ މެދު ވިސްނާލައިގެން ތިބޭނީތަ ދަރިއަށް އިންސާފު ހޯދަން މަސައްކަތް ނުކޮށް؟
ސޯބެ
04 April 2019
ތިޔަކކުރާ ހިތްވަރަށް ސާބަސް ހައްގުވޭ، އަދި ސަރުކާރުން މިފަދަ ހިތްވަރުގަދަ މީހުންގެ އަގުވަޒަން ކުރަންވެސް ޖެހޭ، ތިޔަމައްސަލަ ކޯޓުންބޭރުގައި ބަދަލުދީގެން ނިންމާލަން އެބަޖެހޭ މިސަރުކާރުން.
އާސިޔާ
04 April 2019
މިލިޔުން ކިޔާފައި ލޮލުން ކަރުނައައިސްފި. ބައްޕައަކާއި އާއިލާއަކުން އިންސާފު ހޯދަން ކުރި ބުރަ މަސައްކަތް ފެނިފައި. ދަރިފުޅަށް އަވަސްޝިފާއަކަށް އެދެން.
ސާހީލް
04 April 2019
މިގައުމަކީ އަހަރެއްގެ މައްޗަށް ބޮލަކަށް 15000 ޑޮލަރު ޖެހޭ ގައުމެކެވެ. ނަމަވެސް ގައުމު މިއޮތްގޮތް ނިކަން ބަލާލަބަލާށެވެ. ނިކަމެތިން ހައްތާ ނިކަމެތިވަނީއެވެ. އެމީހުންނަށް ކުޑަމިނުން އިންސާފެއް ވެސް ލިބެނީކީނޫނެވެ. މިކަންކަން މިހެން އޮތް އިރުވެސް ރައްޔިތުން އަދިވެސް މިއުޅޭ މީހުން ވަރެއް ނެތިގެން ހަމައުޅެނީއެވެ.
ހިތަދޫމީހާ
04 April 2019
އިހުސާނަކީ ހަގީގަތުގައިވެސް ގަދަމީހެކެވެ. އޭނާއަކީ މީހުންނާއި ގުޅޭ އަދި ރައްޓެހިންނާއި ގުޅުން ބާއްވާ އެމީހުންގެ ކަންކަންކަމުގައި އެހީތެރިވެ އުޅޭ މީހެވެ. އެހެން ކަމުން އޭނާއަށް ކަމެއް ދިމާވުމުން އެހީތެރިވާނެ ރައްޓެހިން ވަރަށް ގިނަވާނެއެވެ. އިހުސާނުގެ މަސައްކަތަށް ކާމިޔާބަށް އެދެމެވެ. މިދުނިޔޭގައި އިންސާފު ނުލިބިވެސް ހިނގައިދާނެއެވެ. އެކަމަކު އިންސާފު ލިބޭނެ ދުވަހެއް ޔަގީނުންވެސް އަންނާނެއެވެ.
ރައްޒާގު
04 April 2019
ވަކީލް ޝާހީން ހަމީދު ހިލޭ ސާބަހަށް އިހުސާނަށް ވެދިން އެހީއަށް ޝުކުރު ދަންނަވަމެވެ. ތިޔައީ ސީނިޔާ ވަކީލެއްގެ ފަރާތުން އެހެން ވަކީލުންނަށް ފެންނަން ޖެހޭ ލާމަސީލު ނަމޫނާއެކެވެ. ރާއްޖޭގެ އެހެނިހެންވަކީލުންވެސް މިފަދައިން ނިކަމެތިންނަށް އެހީތެރިވާނެ ކަމަށް އުންމީދުކުރަމެވެ.
އިގުބާލް
04 April 2019
އިހުސާނަކީ ސިޔާސީ މީހެއް ނޫންވީމަ އޭނާގެ އަތުގައި ހިފާނެ އެއްވެސް ޕާޓީއެއް ޖަމާއަތެއް ޓްރާންސްޕޭރެންޓެއް ނެތެއްނު. މިގައުމު މީ ސިޔާސީ މީހުން މޮޑެންގެންގުޅޭ ފުށްގަނޑެއްތަ. ސިޔާސީވުމުގެ ޝަރުތަކީ ވަކިވަރަކަށް ހަޔާތްކުޑަވުން.
ޔާސްމީން
04 April 2019
ރާއްޖޭގެ ސިއްހީ ފަރުވާގެ ނިޒާމް އަކީ ހަމަ ބޮޑު މައްސުނި ގަނޑެއް. އެއްވެސް ގޮތަކަށް ޑަކްޓަރުންނާއި ނަރުހުން ފަދަ މީހުން ޖަވާބު ދާރީ ކުރެވޭނެ ގޮތެއް ނޯވޭ. މީހަމަ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ކުރާ ކަމެއް، ފުރަތަމަ ފައިސާ، ދެން މީހުންނަށް ވާނުވާ ބެލޭނީ.
ސޮއްބެ
04 April 2019
ޢިހުސާން އަކީ ވަރަށް ހިއްވަރުގަދަ ބައްޕައެއް އަދި އަހަރެންގެ ގާތް ރައްޓެއްސެއް. ޙިއްވަރާއެކު ތިކުރަމުން ގެންދާ މަސައްކަތަށް މާތްالله ގެ ވާގިފުޅާއެއްކޮށް ކާމިޔާބު މިންވަރު ކުރަށްވާންދޭވެ.
ޤައުމު
04 April 2019
މިކަހަލަ ކަމެއްގައި އެއްބާރުލުން ދޭނެ އެއްވެސް މީހަކު ނުހުންނާނެ.. ސިޔާސީކަމެއް ވިއްޔާ ވަރަށް ފޯރި ނަގާނެ. ކޯޓުގަ އިހުސާންއާއި ދެކޮޅަށް ވަކާލާތު ކުރި ވަކީލުންގެ އާއިލާ މީހަލަކަށް ނޫނީ ގާތް މީހަކަށް މިކަހަލަ ކަމެއް ދިމާވީމަ ވިސްނޭނެ މީކިހާ ވަރެއްގެ ކަމެއްކަން. އޭރަކުން ނުބުނާނެ ސިޔާސީ ބޭނުމެއްގަ ކުރާ ދައުވާއެކޭ ވެސް.. އިހުސާންއަށް ކާމިޔާބު ލިބުން އެދެން މިކަމުގަ.