ކުޑަފުޅަދޫ: 1974: ފްރޭންކްގެ އާއިލާއަށް ހަދިޔާ ހިފައިގެން ޒިޔާރަތްކުރި ބަޔަކު ގޭލް އާއި ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިގެން .---ފޮޓޯ: ފްރޭންކް
27 އެޕްރީލް 2019 - 09:20
އެމެރިކާގެ ފްރޭންކް ބާނަބީ އާއި އޭނާގެ އަންހެނުން ގޭލް، އެ މީހުންގެ ޔޮޓުގައި މީގެ 45 އަހަރު ކުރިން ކަނޑަށް ނިކުތީ ދުނިޔެ ބަލާލުމަށެވެ. އެއްވެސް އިންޖީނަކާ ނުލައި ހަމައެކަނި ރިޔަލުގެ އެހީގައި ކުރަމުން ދިޔަ އެ ދަތުރަށް ހުރަސް އެޅުނީ ލަންކާގެ ކައިރީގައި އުފެދުނު ތޫފާނުންނެވެ. ތޫފާނުން ނެއްޓެން ކުރި މަސައްކަތުން އޭނާގެ ރާޑަރަށް ރާއްޖެ އެރި އެވެ.
ދުވަހަކު ވެސް އަޑުނާހާ އަދި ކުރިން އޮންނަކަން ވެސް ނޭނގޭ ކުދި ރަށްތަކަށް އޭނާ އުފެދުނު ޝައުގުވެރިކަން ބޮޑުކަމުން، އެންމެ ފަހުން އޭނާ ނިންމީ އެއިން ރަށެއްގައި ދިރިއުޅޭށެވެ.
ފްރޭންކް (ކަނާއަތުގައި) އާއި އޭނާގެ އެކުވެރިއަކު ޔޮޓުގައި ސެއިލް ކުރަނީ
އޭރު އުމުރުން އެންމެ 33 އަހަރުގެ ފްރޭންކްގެ ވާހަކައަށް ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދުނީ، އޭނާ ރާއްޖޭގައި ކުރި ތަޖުރިބާގެ ފޮޓޯތައް އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުންނެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖެ އޮތް ގޮތް ފެންނަ މި ފޮޓޯތައް ވީ ގިނަ ބަޔަކު ޝައުގުވެރިވި އެއްޗަކަށެވެ.
ރާއްޖެއަށް ނުފޭބެނީސް، އޭނާ ދަތުރުކުރި ޔޮޓު ކ. ކާށިދޫގެ ފަރަށް އަރައި ހަލާކުވި އެވެ. އެހެންވެ، އެ ދެމަފިރިންނަށް ވެރިރަށް މާލެއަށް އާދެވުނީ ވަރަށް އުނދަގުލުންނެވެ.
އަލަތު ދަރިފުޅަށް އަންހެނުން ބަލިވެ އިންކަން ފްރޭންކަށް އެނގުނީ މާލޭގައި ހުއްޓަ އެވެ. އެނބުރި ގައުމަށް ދާން ބޭނުންވި ނަމަވެސް ޔޮޓު ހަލާކުވެފައި އޮތުމުން އެއީ ފަސޭހަކަމަކަށް ނުވި އެވެ. އެހެންވެ، މާލޭގައި ހުރެގެން، ސަރުކާރުގެ އިސް މީހަކާއި އިތުރު މީހަކާ ގުޅިގެން ފެށީ ޔޮޓު ހެދުމުގެ މަސައްކަތެވެ.
ބޮޑުފޮޅުދޫގެ ބަޔަކު ކުޑަ ދޯންޏެއްގައި ފްރޭންކް ކައިރިއަށް އައިސް އެނބުރި ރަށަށް ދަނީ
އަރިއަތޮޅަށް އެ ދެމަފިރިން ދިޔައީ ފުރުމުގެ ކުރިން ރަށްރަށް ބަލައިލުމުގެ ބޭނުމުގަ އެވެ. އެކަމަކު އޭރު ބަނޑަށް ހައެއްކަ މަސް ވެފައިވާ ގޭލަށް ފުރަތަމަ ނަޒަރުން ވެސް އއ. ބޮޑުފޮޅުދޫ ކައިރީގައި އޮންނަ ކުޑަފޮޅުދޫ ކަމުހިނގައްޖެ އެވެ.
"ހަމަ އެ ވަގުތު ގޭލްއަށް އެނގިއްޖެ އޭނާ ވިހަންވީ އެ ރަށުގައި ކަން. އެ ވަގުތު ކަންކުރަންވީ ގޮތް އަހަރުމެން ދެ މީހުންނަށް ވެސް އެނގުނު،" "މިހާރު"އާ ވާހަކަ ދައްކަމުން ފްރޭންކް ބުންޏެވެ.
އެ ދެމަފިރިންގެ ނިންމުން ޔަގީންވީ ބޮޑުފޮޅުދުއަށް ގޮސް، އެ ރަށުގައި މީހުން އުޅޭ ގޮތް ފެނިފަ އެވެ. ދިވެހިންގެ ދިރިއުޅުން ދެކެ އެ މީހުންނަށް ލޯބި ވެވުނެވެ.
އޭނާ ބުނިގޮތުގައި 100 މީހުން ވެސް ހަމަނުވާ ބޮޑުފޮޅުދޫގައި އެންމެން ވެސް ވަރަށް އެކުވެރި އެވެ. އެއްގެއިން އަނެއް ގެއިން ކުޑަކުދިން ދުވެ ކުޅެ އުޅޭއިރު އެއީ ކާކުގެ ދަރިއެއް ކަމެއް ވަތްކެއް ނުވެ އެވެ. ހުރިހާ އެންމެން ވެސް ކުދިންނަށް އަޅާލަ އެވެ. މިއީ އެ މީހުންނަށް އެހެން ތަނަކުން ފެނިފައިވާ މަންޒަރަކަށް ނުވާތީ، ދަރިއަކު ވިހަން ރާއްޖެއަށް ވުރެ ރަނގަޅު ގައުމެއް އެ ދެމަފިރިންނަކަށް ނުފެނުނެވެ.
"އަމިއްލަ ގައުމުގައި، އަމިއްލަ ގޭގައި ވެސް ރާއްޖޭގައި ކުރެވުނު ކަހަލަ އިހުސާސެއް ނުކުރެވޭ. ރާއްޖެއަކީ އަހަރެންގެ ގެ،" މިހާރު 75 އަހަރު ވެފައިވާ ފްރޭންކް ބުންޏެވެ.
ކުޑަފުޅަދޫ: 1974: ކުޑަފުޅަދޫ ކައިރިން ދެމީހަކު ރިޔަލު ދޯންޏެއްގައި ދުއްވާފައިދަނީ .---ފޮޓޯ: ފްރޭންކް
މިހާރު ނިކަ އައިލެންޑް ރިސޯޓު ހަދާފައި އޮތް ކުޑަފޮޅުދޫގައި ފްރޭންކްގެ ދެމަފިރިން އުޅެން ފެށީ އެކަމަށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ. އެއީ ސަރުކާރުން ބޮޑުފޮޅުދޫ މީހަކަށް ދޫކޮށްފައި އޮތް ރަށެކެވެ.
ފްރޭންކްމެންގެ ގެ އަޅަން ވެއްޔާއި ގާ ނަގައި އެ މަސައްކަތް ކުރީ ބޮޑުފޮޅުދޫގެ މީހުންނެވެ. އޭރު ގޭލް އިނީ ވިހަންވެފަ އެވެ. އޭނާ ބުނިގޮތުގައި ވިހަންވީ އިރު ވެސް ގޭގެ މަސައްކަތް މުޅިން ނުނިމެ އެވެ. ފުރާޅެއް، ކުޑަދޮރެއް ނެތެވެ.
ކުޑަފުޅަދޫ: 1974: ފްރޭންކްގެ އާއިލާއަށް ހަދިޔާ ހިފައިގެން ޒިޔާރަތްކުރި ބަޔަކު ދޯނިން ފައިބަނީ .---ފޮޓޯ: ފްރޭންކް
"އެވަރުން ވެސް ގޭލް ބޭނުމެއް ނުވި މާލެ ދާކަށް. އެހެންވެ، އަހަރުމެން ފުރާޅުގެ ބަދަލުގައި އެނދާ ދިމާލު މަތިން ރިޔަލަކުން ހިޔާކޮށްލައިގެން އުޅުނީ. ވާރޭ ވެހުން ނަމަ އޭނާ ތެމޭނެ،" ފްރޭންކް ބުންޏެވެ.
"އެކަމަކު ބޮޑުފޮޅުދޫ މީހުން އަހަރުމެންނަށް އަޅައިދިނީ ވަރަށް ރީތި ގެއެއް"
ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ އޭރާ ބަލާއިރު ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ތަނެކެވެ. ކުދި ގަލުން ރާނާފައި ހުރި އިރު ފުރާޅު ހަދާފައި ހުރީ ފަނުންނެވެ. ގޭގެ ދޮރުމަތީގައި ފެން ވަޅެވެ. ކުޑަދޮރުތައް ހުރީ ބިއްލޫރީންނެވެ. އިށީނުމަށް ބޭރުގައި ލަކުޑި ގޮނޑިތައް ވެސް ޖަހާފައި ހުއްޓެވެ.
ވިހަން ގާތްވެފައިވާ ގޭލް އޭނާގެ ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން
ފްރޭންކް ބުނިގޮތުގައި ބަނޑުބޮޑު އިރު ގޭލްއަށް އޭރު ރާއްޖޭގައި އުޅުނު ހެޕަޓައިޓިސް ޖެހުނެވެ. އަދި ދަރިފުޅު ވިހޭއިރު ލިވާއަށް އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި ކަމަށާއި އެކަމަކު ދަރިފުޅުގެ ސިއްހަތު ގޯސް ނޫން ކަމަށް ބުންޏެވެ.
ފްރޭންކްގެ ދަރިފުޅު ވިއްސީ، ބޮޑުފޮޅުދޫގެ ފޫޅުމައިން ގޮސްގެންނެވެ. އެ ރަށު މީހުން އެ ކުއްޖާއަށް ދިން ނަމަކީ ދޮންކޮއްކޮ އެވެ. މިހާރު 42 އަހަރު ވެފައިވާ ދޮންކޮއްކޮގެ އަސްލު ނަމަކީ ވެސް އެއީ އެވެ.
"އޭނާގެ އުފަން ދުވަހުގެ ސެޓްފިކެޓުގައި އިންނާނީ ޑޮންކޮއްކޮ. އެކަމަކު އޭނާ ފަހުން ރާއްޖެ އައި ދަތުރުގައި އެނގުނީ އެއީ އަސްލު ދޮންކޮއްކޮކަން. އެހެންވެ، މިހާރު އެހެން ބަދަލުކޮށްފައިވަނީ،" ދޮންކޮއްކޮގެ އިތުރުން އިތުރު ތިން ކުދިން ހުންނަ ފްރޭންކް ބުންޏެވެ.
ފްރޭންކް އެމީހުންގެ ތުއްތު ދަރިފުޅާ އެކު: އެމީހުން ރާއްޖެ ދޫކޮށް ދިޔައީ ކުއްޖާގެ އުމުރުން ފަސް މަހުގައި
ދުވަހަކު ވެސް ދޮން ނަސްލުގެ ކުއްޖެއް ނުދެކޭތީ ދަތުރު ހަަދައިގެން، ދުރު ރަށްރަށުގެ މީހުން ވެސް އެ ކުއްޖާ ދެކިލަން ދިޔަ ކަމަށް ފްރޭންކް ބުންޏެވެ.
އޭނާ ބުނިގޮތުގައި މަދިރީގެ އުނދަގޫ ބޮޑުވުމުން، ނޫނީ މާ ބޮޑަށް ހޫނުވުމުން ކުޑަ ދޯންޏެއްގައި އެ މީހުން ނުކުންނަނީ ފަޅުތެރެއަށެވެ.
"ފޮޅުދޫގެ ބައެއް ކުދިން އަންނާނެ މި ރަށަށް ކާށި ހޮވަން. ދެން މިގޭ ކުޑަދޮރުގައި ލޯޖަހައިގެން އެތެރެ ބަލަން ތިބޭ. އެއީ ވަރަށް އެކުވެރި ކުދިންތަކެއް،" ފްރޭންކް ބުންޏެވެ.
ކުޑަފުޅަދޫ: 1974: ގޭލް އޭނާގެ ދަރިފުޅު ގޮވައިގެން ކުޑަފުޅަދޫ ފަޅުތެރޭގައި ރިޔަލު ދޯންޏެއް ދުއްވަނީ.---ފޮޓޯ: ފްރޭންކް
އަލަތު ދަރިފުޅަށް ވުމާ އެކު، ފަޅުރަށެއްގައި އެކަނި ދިރިއުޅުމަކީ އެ މީހުންނަށް ފަސޭހަކަމަށް ނުވި އެވެ. އެކަމަކު ފްރޭންކް ބުނިގޮތުގައި އެއީ އުފާވެރި ދުވަސްތަކެކެވެ.
"އަހަރެން ދަރިފުޅުގެ ނެޕީ ފޮތިގަނޑު ދޮންނަން މޫދުގައި އޮންނައިރު ކައިރިން ދާ ދޯނިތަކުން ހަނާ އަޅާނެ. ބޮޑު މަހެއް ނަގާ ދައްކާލާނެ. އަހަރެން ދައްކާލަނީ ނެޕީ،" އެ ދުވަސްތަކުގެ ހަނދާންތައް އާކުރަމުން ފްރޭންކް ބުންޏެވެ.
ބޮޑުފޮޅުދޫގެ އޭރުގެ ދިރިއުޅުން ސިފަކޮށްދެމުން އޭނާ ބުނީ ރަށުގެ އެންމެންނަކީ ވެސް އެކައްޗެކެވެ. ކޮންމެ ބޮޑު މީހަކީ ޓީޗަރެކެވެ. ފުރާވަރުގެ ދަރިން ގޮވައިގެން ބައްޕަމެން މަހަށް ދާއިރު، ކުޑަ އަންހެން ކުދިންނަށް މަންމަމެން އެކި ކަހަލަ ހުނަރުތައް ދަސްކޮށްދެ އެވެ. ކަރަންޓު ނެތި، ގެތައް ވަރަށް އާދައިގެ ކޮށް ހުރި ނަމަވެސް ހުރިހާ އެންމެން ވެސް ވަރަށް އުފާވެރި އެވެ.
ގޭލް އޭނާގެ ތުއްތު ދަރިފުޅާއި ބޮޑުފޮޅުދޫގެ ދެ މީހަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން
އެ މީހުން އެ ރަށަށް ދިޔައީ އެންޓިބަޔޮޓިކްސް ފަދަ އެކި ކަހަލަ ބޭސް ހިފައިގެން ކަމުން، ބޮޑުފޮޅަދޫގެ ބައެއް ކުޑަކުދިން ވެސް އެމީހުން ކައރިން ފަރުވާ ހޯދި އެވެ. އެހެންވެ މިއަދާ ހަމައަށް ވެސް ބޮޑުފޮޅުދޫ މީހުން ހީކުރަނީ ގޭލްއަކީ ޑޮކްޓަރެއް ކަމަށެވެ.
ފްރޭންކްގެ ދެމަފިރިންނާއި ދަރިފުޅު އެ ރަށުން ފުރައިގެން ދިޔައީ ފަސް މަސް ފަހުންނެވެ. މިހާރު ވެސް އެ މީހުން ދިރިއުޅު ގޭގެ ހަތަރު ފާރު ނިކަ ރިސޯޓުގައި ހުންނަ ކަމަށް ވެ އެވެ.
ފްރޭންކާއި ގޭލްގެ ގެއަށް ޒިޔާރަތްކުރި ބައެއް މީހުން ގޭދޮށުގައި މަޑުކޮށްލައިގެން: އެކި ރަށްރަށުން މީހުން އެ އާއިލާ ދެކިލަން ދިޔަ
ދޮންކޮއްކޮ ލިބުނު ފަހުން އެ މީހުން ފުރަތަމަ ފަހަރަށް ރާއްޖެ އައީ މި މަހުގެ ކުރީކޮޅެވެ. މީގެ އަހަރުތަކެއް ކުރިން ގޭލް ވަނީ މަރުވެފަ އެވެ. ދޮންކޮއްކޮ އާއި ފްރޭންކްގެ އެހެން ބައެއް ދަރިން އެ ދަތުރުގައި ބައިވެރިވި އެވެ.
ފްރޭންކް ބުނިގޮތުގައި އެއީ ދޮންކޮއްކޮ އޭނާ އުފަންވި ފަސްގަނޑު ދެކިލަން، އަމިއްލައަށް ހަރަދުކޮށްގެން ރޭވި ދަތުރެކެވެ. ރާއްޖެ އައިސް އެ މީހުން ތިބީ ވެސް ނިކަ ރިސޯޓުގަ އެވެ. އެކަމަކު ބޮޑުފޮޅުދުއަށް ޒިޔާރަތްކޮށް، އޭރު އެ މީހުންނާ އެންމެ ގާތްކޮށް އުޅުނު މީހުންގެ އާއިލާއާ ބައްދަލުކުރި އެވެ.
ފްރޭންކް (ކ-3) އާއި ރާއްޖޭގައި އުފަންވި އޭނާގެ ދަރިފުޅު (ކ-2) އާއި ކާފަދަރިންނާ އެކު ބޮޑުފޮޅަދޫގެ އާއިލާއަކާ އެކު
"އޭރު އަހަރުމެންނާ އެންމެ ގާތްކޮށް އުޅުނު ގިނަ މީހުން މިހާރު ދުނިޔެއަކު ވެސް ނެތް. އެކަމަކު އެ މީހުންގެ ދަރިންނާއި ކާފަދަރިންނާ ބައްދަލުވުމުން ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. އޭރުގެ ހަނދާންތައް ވަރަށް ބޮޑަށް އާވި،" ފްރޭންކް ބުންޏެވެ.
ފްރޭންކްގެ ދެމަފިރިން ރާއްޖޭގައި ހޭދަކުރި ދުވަސްތައް ފްރޭންކް ވަނީ ވަރަށް ރަނގަޅަށް ފޮޓޯއިން ރައްކާކޮށްފަ އެވެ. އެ ފޮޓޯތައް މިއަދު އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ފޮޓޯތައް ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެއީ މީގެ ކުރިން ރާއްޖޭގެ އެފަދަ މަންޒަރުތަކުގެ ފޮޓޯތައް މަދުކަމުންނެވެ.
ފްރޭންކްގެ ދެމަފިރިންގެ ގެ އާއި އެ ރަށުގެ އިތުރުން ބޮޑުފޮޅުދޫގެ އެކި ތަންތަނާއި މީހުންގެ ފޮޓޯ އޭނާ ވަނީ ނަގާފަ އެވެ. ރިޔަލު ދޯނީގައި ދަތުރު ކުރާ ރީތި މަންޒަރުތަކާއި ރަށްތަކުގެ ފެހިކަން ވެސް ފޮޓޯތަކުން ފެނެ އެވެ.
"އޭރު [ބޮޑުފޮޅަދޫގެ] އެއްވެސް މީހެއްގެ އަތުގައި ކެމެރާއެއް ނޯވޭ. އެހެންވެ، އަހަރެންގެ އަތުގައި ހުރި ފޮޓޯތަކަކީ އޭރުގެ މަންޒަރުތައް ފެންނަ ހަމައެކަނި ރެކޯޑް. މިހާރު މަރުވެފައިވާ އާއިލާ މީހުންނާއި މަންމަ އާއި ބައްޕަގެ ކުޑައިރުގެ ފޮޓޯތައް ފެނިގެން ވަރަށް ގިނަ ބަޔަކު އެބަ އުފާފާޅުކުރޭ. އަހަރެން ހިތަށްއަރާ ތަންކޮޅެއް ގިނައިން ފޮޓޯތައް ނެގުނު ނަމައޭ،" ފްރޭންކް ބުންޏެވެ.
އޭނާ ވަނީ ރާއްޖޭގައި ކުރި ތަޖުރިބާގެ މައްޗަށް، "އައިލެންޑް ބޯން"ގެ ނަމުގައި 2012 ވަނަ އަހަރު ފޮތެއް ވެސް ނެރެފަ އެވެ. ރާއްޖޭގެ ހަނދަންތައް އޭނާ އެންމެންނަށް ކިޔައިދެން ބޭނުންވެ އެވެ. މިހަރު ވެސް އޭނާގެ ކާފަދަރިންނަށް އެވާހަކަތައް ކިޔައިދެނީ ފަހުރވެރިކަމާ އެކުގަ އެވެ.
ފްްްްރޭންކްގެ އާއިލާގެ އާާދަޔާ ހިލާފު ދަތުރުން ދިވެހިންގެ ހިތް މިވަނީ އަތުލައިފަ އެވެ. އެއީ ހިތްގައިމު، ހިތްހެޔޮ ދިވެހިންގެ މާޒީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހުރަ
29 April 2019
ފޮޓޯތައް ވައިރަލްވިއިރު މިއަށް ފިލްމެއް ހަދާލަން ޝައުގުވެރިވި ހޮލީވުޑުގެ ޑައިރެކްޓަރަކު ނޫޅޭތަ؟؟؟
ފިރުޓޭ
28 April 2019
މިހާރު އެ ދެމަފިރިންނާ އެ ދެމަފިރިންނަށް ލިބުނު ދަރިފުޅު މެން ކޮބައިބާ! އެ މީހުންނަށް ދައުވަތު ދީގެން ބޮޑު ފުޅަދޫ އަށް ގެންނަންވީނު ކޮންމެވެސް ބަޔަކު ވެގެން އަޅެ!
ދޮންކޮއްކޮ
28 April 2019
ފިރުޓޭ ހަބަރު ކީންތަ ރަނގަޅައް؟
ޢަބްދުﷲނާފިޒް
28 April 2019
ފިރުޓޭ، އާޓިކަލް އެއްކޮށް ނުކިޔަންދޯ
އަލިފުތާ
28 April 2019
މި ލިޔުން ނިންމާލާފައިވާ ޢިބާރާތް : “އެއީ ހިތްގައިމު، ހިތްހެޔޮ ދިވެހިންގެ މާޒީ އެވެ.” ތެދެކެވެ. އެކަން މާޒީވެ ހިންގައްޖެއެވެ. މިއަދު އެފަދަ ހިތްހެޔޮ ދިވެހީންނެއް ނެތެވެ. މިއީ ހިތަށް ތަދުކުރާ ހިތި ހަގީގަތެވެ.
ނަޖްވާ
28 April 2019
މިހާ ދުވަސް ވަންދެން މިކަން ނޭނގި އޮތީ ކީއްވެބާ ވެއޭ މި ހިތަށް އަރަނީ އިނގޭ! އެމީހުން ރާއްޖެ މަތިން ހަދާން ނެތުނީތަ އަޅެ ފަހެ މި ދިޔަ ސާޅިސް އަހަރު!
އަހުމަދުބެ
28 April 2019
ދޮންކޮއްކޮ ކިއިދާނެ އަންހެނަކައްވެސް
އަރޫ
28 April 2019
ސެއިލްކުރުމަކީ ކޮބާބާ
ރަދީފް
28 April 2019
''ޕްލޭން ކުރެވިފައިވާ ޝެޑިއުލްއަކާއި އެއްގޮތަށް ފެރީ ، ޔޮޓް ނުވަތަ ކްރޫޒް ޝިޕެއްގަ ކުރާ ދަތުރަށް ކިޔާ ނަމެއް ސެއިލްކުރުން އެއީ.''މިއީ މަށަށް އިނގޭ މިންވަރު.އިތުރު އެކްސްޕްލެނޭޝަނެއް ދެވޭނެ މީހަކު ހުރިނަމަ ކިޔާދިނުން އެދެން.ވ.ވެދުން
މަގުފުޅާޓިނު
28 April 2019
ތިސުވާލު ކުރައްވަންޖެހޭނީ އިސްލާމިކް މިނިސްޓަރާ، .....
އައްބެ
28 April 2019
މިހައި ރީތިކޮށް އޮތް ދިވެހި ރާއްޖެއެކޭ އަންނި އައިސް ހަލާކުކޮށްލީ.
ހަސަން ނުވަވަނަ
28 April 2019
އާނއެކޭ އާނއެކޭ
ރީތި މޫސަ
27 April 2019
ތާރީޚައްޓަކައި މީގެ އަސްލުނުގެއްލޭގޮތަށް ފިލްމެއްކުޅެން ވަރަށްފައްކާވާނެ
ޢަބޫ ބަކުރު
28 April 2019
ވަރަށް ރަނގަޅު ޚިޔާލެެއް...
އިންޓެލިޖެންސް
27 April 2019
ބޮޑުފުޅަދޫ އަކީ މިހާރުވެސް ކޮށިއަރާ ޒާތުގެ ކަންކަން ހިނގާ ރަށެއް.
އައްޕިގެ
27 April 2019
ވ ސަޅި އަސަރުގަދަ ފެންވަރު ރަގަޅު ލިޔުމެއް.... އަސްލު ދިވެހިންގެ އަސްލު ދިރި އުޅުން ސިފަވޭ... "ފްރޭންކްމެންގެ ގެ އަޅަން ވެއްޔާއި ގާ ނަގައި އެ މަސައްކަތް ކުރީ ބޮޑުފޮޅުދޫގެ މީހުންނެވެ. އޭރު ގޭލް އިނީ ވިހަންވެފަ އެވެ. އޭނާ ބުނިގޮތުގައި ވިހަންވީ އިރު ވެސް ގޭގެ މަސައްކަތް މުޅިން ނުނިމެ އެވެ..." ފުރާޅެއް، ކުޑަދޮރެއް ނެތެވެ. އެކަމު ފޮޓޯއިން އެބަފެނޭ ބަނޑު ބޮޑުދުވަސްވަރު ފުރާޅު ލާފަ ކުޑަ ދޮރާ ބޯޑު ދޮރުގަ ދޮރުފަތްތައް ލެވިފަ ހުރިތަން..