"މިއީ އެއް ބަފައެއްގެ ދެ އަމައެއްގެ ދަރިން، ތަފާތަކީ ދެ ގެއެއްގައި ދިރިއުޅޭކަން،" މަލިކާއި ރާއްޖެ އާ އޮތް ގުޅުމަށް އިޝާރާތްކޮށް އޭނާ ބުނެލި އެވެ.
މަލިކޭ ބުނުމުން، އޭގެ މާނައަކީ އެއީ އަދި އަހަރެމެންނެކޭ ނޫނެވެ. ހަގީގަތުގައި ދިވެހިންނާ މާ ކުރީގެ ތިމާގެ ކަމެއް އޮވެ، ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު އެ ރަށުގައި މަދުން އުޅުނަސް، މިހާރު އެއީ އަހަރެމެންގެ އަތުން ބީވެފައިވާ، އިންޑިޔާގެ ވެރިކަމެއް ހިނގާ ރަށެކެވެ. މަލިކުގެ ގާތްގަނޑަކަށް ދިހަވަރަކަށް ހާސް މީހުންގެ ތެރެއިން މިހާރު ދިވެހިން ބަހުން ރަނގަޅަށް ވާހަކަ ދައްކާ މީހުން އުޅުނަސް، އަދި ދިވެހި ތާރީހު އެނގޭ އުޅެނީ ވެސް މަދު ބައެކެވެ. ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް އޮތުުން މީގެ 300 އަހަރު ކުރިން ނިމުމަކަށް އައިފަހުން އެ ރަށުގައި ސީދާ ދިވެހި ސަގާފަތް ކުރިއެރުވުމަށް އަސްލު މާ ބޮޑު ކަމެއް ނުވެސް ހިނގަ އެވެ. ބަލާބެލުމަށް ރާއްޖޭގެ ރަށެއްގެ ހުރިހާ ގުދުރަތީ ރީތިކަމެއް އޮތަސް، މަލިކުން އިހުގެ އާދަކާދަ ދަނީ މަޑުމަޑުން ފަނޑުވަމުން، ފޮހެވި، ގެއްލެމުންނެވެ. އެހެން ނަމަވެސް، އެއީ ދިވެހި ދަރިފަސްކޮޅު ކަން ގަބޫލުކުރާ ބަޔަކު އަދިވެސް މަލިކުގައި އެބަތިއްބެވެ. އަހަރެމެންނަކީ އެ މީހުންގެ ވެސް ލޭ ކަމާއި ރާއްޖެ އަކީ އެ މީހުންގެ ވެސް ކާބަފައިންގެ ބިންކަން ގަބޫލުކޮށް ރާއްޖެ ދެކެ ވަރަށް ލޯބިވާ، މި ބިމަށް އިހުތިރާމު ކުރާ ކޮންމެވެސް ބަޔަކު އެ ރަށުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ވަރަށް ޚާއްސަ މީހަކު ހިމެނެ އެވެ. އޭނާ އަކީ ދިވެހިންނަށް ވެސް ވަރަށް ފަރިތަ ރާއްޖެއާ ހެދި މޮޔަވެފައިވާ މީހެކެވެ. އެއީ މަލިކުގެ ހަމައެކަނި ބޭންކުގެ ޑެޕިއުޓީ މެނޭޖަރެވެ.
ނަމަކީ އިބްރާހިމް މަނިކުފާނެވެ. އެކަމަކު އޭނާ އަކީ ދިވެއްސެއް ނޫނެވެ. ދިވެހިންނާ ގުޅިފައި އޮތީ ކިހާ ހިސާބަކުން ކަމެއް އޭނާ އަކަށް ވެސް ނޭނގެ އެވެ. ދިވެހި ބަހުން ވާހަކަ ދައްކަން މިހާރު ފަރިތަޔަސް، އަދި މި އިންޓަވިއު ދިން އިރު ވަރަށް ކުރީގެ މުސްކުޅި ދިވެހި ބަސްބަސް ބޭނުންކުރިޔަސް، އޭނާގެ އުމުރުގެ ބޮޑުބައި ވާހަކަ ދެއްކީ ދިވެހި ބަހަކުން ނޫނެވެ. އޭނާ އަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާ ބުނާ ގޮތުން އޭނާގެ ގެއަށް "ނައިބުގެ" ކިޔަސް، ރަށުގެ މަގުތަކަށް ދިވެހި ބަހުން ނަން ދިނަސް އަދި މަލިކުގައި އޭނާ އުޅުނަސް އޭނާ އަކީ ހަމައެކަނި ދިވެހި ހިތެއް އޮތް، އިންޑިއާ ރައްޔިތެކެވެ.
"އަޅުގަނޑު ހުންނަނީ ރާއްޖެއާ ހެދި މޮޔަވެފައި. މިހެން އައިސް ކިތަންމެ ދުވަހަކު ވެސް ހުރެވިދާނެ،" މަލިކުގެ ސަގާފީ ގުރޫޕެއް ގޮވައިގެން މިހާރު ހއ. އިހަވަންދޫގައި ހުރި މަނިކުފާނު، 54، ބުންޏެވެ. "މި ރަށަށް އައިސް އުފަލުން ރޮވިއްޖެ. ހާދަހާ ބޮޑު ސަޕޯޓެކޭ މިއޮތީ އަޅުގަނޑުމެންނަށް. ދިވެހިން މީ ހާދަ ރަނގަޅު ބައެކޭ."
މަނިކުފާނަށް ރާއްޖެ އެނގުނީ މީގެ ތިރީހަކަށް އަހަރު ކުރިންނެވެ. އޭނާގެ މަންމަގެ ކޮއްކޮ އިނދެގެން އުޅެނީ ހއ. ދިއްދޫ މީހަކާ އެވެ. އެއީ ބޯޓު ދަތުރުކުރާ މީހަކަށް ވާތީ، އޭނާ މަލިކަށް ދާއިރު ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްފޮތް ގެންދެ އެވެ. އެހެންވެ، މަނިކުފާނު މަޑުމަޑުން ދިވެހި ބަހަށް ލެބެން ފެށި އެވެ. ދިއްދޫގެ "ބޮޑުގޯތީ"ގައި މަންމަގެ ކޮއްކޮގެ އާއިލާ އޮވެ އެވެ. މަނިކުފާނު ބުނާ ގޮތުން އެ މީހުން ދޭތެރެދޭތެރެއިން ދިއްދު އަށް ދެ އެވެ.
"އެކަމަކު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑުގެ މަންމަ ވެސް ބައްޕަ ވެސް އަދި މާމަ އާއި ކާފަ ވެސް ރާއްޖެއެއް ނޫންް،" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "އަޅުގަނޑަކަށް ނޭނގެ ކިހާ ހިސާބަކުން ކަމެއް އަޅުގަނޑު ގުޅިފައި އޮތީ. އެކަމަކު ޔަގީނުން ވެސް މަލިކުގައި ނޫޅޭނެ ދިވެހިރާއްޖެ އަށް ނިސްބަތް ނުވާ މީހުންނެއް. އެހެންވީމަ އަޅުގަނޑަކީ ވެސް ވަކި ހިސާބަކުންް ދިވެހި ދަރިކޮޅު. ނަމުން ވެސް އެނގޭ ނޫންތޯ؟"
އެއީ މައްސަލައެއް ނޫނެވެ. އެއީ އޭނާ ވިސްނާ ކަމެއް ވެސް ނޫނެވެ. އޭނާގެ ހިތް ހަގީގީ ދިވެއްސަކަށް ވުރެ ވެސް މާ ބޮޑަށް އޮތީ ރާއްޖެ ކޮޅުގަ އެވެ. ދިވެހި ބަހަށް އިސްކަން ދިނުމާއި ބަސް ކުރިއެރުވުމަށާއި ދިވެހި ސަގާފަތަށް އިސްކަން އެ ދެނީ އާންމު ދިވެހިން ވެސް ނުދޭ ވަރަށެވެ. މަލިކުގައި ގްރޭޑް 4އާ ހަމައަށް ސްކޫލުގައި ދިވެހި ބަސް ކިޔަވައިދިން ނަމަވެސް، އޭގެ ފަހުން އެކަން ދިރުވައި އާލާކުރުމުގެ ވަރަށް ބޮޑު ޒިންމާއެއް މަނިިކުފާނު އަދާކުރެ އެވެ. ދިވެހި ބަހުން ލަވަ އާއި ޅެންތައް ފަރިތަ ކަމާ އެކު ހަދަ އެވެ. އޭނާގެ ބައެއް ޅެންތައް ރާއްޖޭގެ ޓީވީތަކުން ވެސް ދައްކަ އެވެ. މަލިކުގައި ދިވެހި ބަހުގެ ވައިބް ގުރޫޕުތައް ހަދައި، މަލިކު މީހުންނަށް ދިވެހި ލަވަތައް ހަދައިދެ އެވެ. ރާއްޖޭގައި ފާހަގަކުރާ ދުވަސްތައް އިސް ނަގައިގެން ފާހަގަ ކުރުމުގައި އޭނާ އުޅެނީ އަވަދިނެތި އެވެ. މަލިކަށް ދާ ދިވެހިންގެ އެންމެ ބޮޑު އެކުވެރިޔާ އަށް އޭނާ އޮތީ ވެފަ އެވެ.
"މަލިކަށް ދިވެއްސަކު ވަރަށް ނުދާނެ އަޅުގަނޑަށް ނޭނގިއެއް. މަލިކަށް ދިއުމަށް ފަހު އަޅުގަނޑު އެ މީހުންގެ ހުރިހާ ކަމެއްހެން ބަލަހައްޓައި އެހީތެރިވެދެން. ސަރުކާރުގެ ވަފުދުތައް މަލިކަށް ދިޔައީމަ އަޅުގަނޑު އެ މީހުންނާ އެކު އުޅެނީ. އަޅުގަނޑުމެންގެ ގެއިން ކައިބޮއި ހަދާނެ. ވަރަށް މަޖާވާނެ. ހަމަ ހީވާނީ އެއްބަނޑު އެއްބަފާ ބައެއްހެން،" އޭނާ ބުންޏެވެ.
މަނިކުފާނު ވެސް ދޭތެރެދޭތެރެއިން ރާއްޖެ އަށް އާދެ އެވެ. ވަކި ބޭނުމެއް ނެތެވެ. އޭނާ ބުނާ ގޮތުން "ހިތް އޮތްތާނކަށް މީހާ ދާނެ" އެވެ.
"ހަގީގަތުގައި އަންނަން ޖެހޭ ސަބަބެއް ނެތް. މާލޭގެ ގެއެއްގައި ހުރެފައި ދެން ދަނީ ރަށްރަށަށް. ތުރާކުނުން ފެށިގެން އައްޑޫގައި ވެސް އަޅުގަނޑުގެ ހަމަ ވަރަށް ގާތް ރަހުމަތްތެރިން ތިބޭނެ. ސަރުކާރުގެ ވެސް އަދި ރާއްޖޭގެ ވެސް ވަރަށް ބޮޑެތި ބޭފުޅުން ތިބޭނެ އަޅުގަނޑުގެ ވަރަށް ގާތް އަބަދު ގުޅުން އޮންނަ ބޭފުޅުން. ހާހެއްހާ މީހުން އެއީ އަޅުގަނޑާ އަބަދު ވެސް ގުޅުން އޮތް މީހުން،" އޭނާ ބުންޏެވެ. "މާލެ އައިސް އަޅުގަނޑު ކުރާ ކަމަކީ ފޮތް ކިޔުން. ދެން އެ ފޮތްތައް އެއްކޮށްގެން މަލިކަށް ގޮސް ފޮތްތައް މީހުންނަށް ދީ ހަދަނީ."
ރާއްޖޭގެ ވަރަށް ގިނަ ވައިބަ ގުރޫޕުތަކުގައި ވެސް އޭނާ އުޅޭނެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރަސްމީ ބައެއް ވައިބް ގުރޫޕުތަކާއި ދިވެހި ބަހާއި ޅެންވެރިިކަމާ ބެހޭ ވައިބަ ގުރޫޕުތަކުގައި ވެސް އޭނާ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވެ އެވެ. ފޭސް ބުކްގައި ހިންގާ މަލިކާއި ރާއްޖެއާ ގުޅޭ ތަފާތު ފޭސްބުކް ގުރޫޕުތަކުގައި ވެސް އޭނާ ވަރަށް ހަރަކާތްތެރި އެވެ. މަލިކުގައި ހިނގާ ކަންތައްތަކާއި ދިވެހި ޅެންތަކާއި ދިވެހިން މަލިކުގައި ދުވަސްތައް ހޭދަކުރާ ގޮތުގެ ފޮޓޯތަކާއި މަލިކުގައި ކައްކާ ދިވެހި ކެއުންތަކާއި އެ ރަށުގައި ފާހަގަކުރާ ދިވެހި ދުވަސްތައް ތާޒާކަމާ އެކު އޭނާ ވަގުތުން ވަގުތަށް ގެނެސްދެ އެވެ. އެހެންވެ، އޭނާ ފޮލޯ ކުރާ މީހުން އޭނާ ކުރާ މަސައްކަތަށް އަބަދުހެން ސާބަސް ދެ އެވެ. ދިވެހިން މަލިކަށް ދާން އޭނާ ހިތްވަރު ދެ އެވެ. އިބްރާހިމް މަނިކުފާނަކީ، ހަގީގަތުގައި މަލިކާއި ރާއްޖެ ދުރުވަމުން ގޮސްް ހަނދާން ނެތޭ ހިސާބަށް ގޮސްފައި އޮއްވައި އެކަން އަނެއް ފުށަށް ޖަހާލި މީހާ އެވެ. އޭނާ ދަރިންނާއި އަނބިމީހާ އާ އެކު 18 މީހުންގެ ގުރޫޕެެއް ގޮވައިގެން މިހާރު އެ ހުރީ މަލިކުގެ ދިވެހި ސަގާފަތް ފެތުރުމަށް ރާއްޖެ އައިހެވެ.
"މިއީ އަޅުގަނޑު ވަރަށް ލޯބިވާ ގައުމެއް. މިތާނގައި މިތިބީ އަޅުގަނޑުގެ ހަމަ އެއްބަނޑު އެއްބަފާ މީހުން. އަޅުގަނޑު ވަރަށް އުފާވޭ ރާއްޖެ އާދެވުނީމަ. މިހާރު މިއީ އަޅުގަނޑުގެ ވެސް ހަމަ ގައުމު. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް، މުޅިން އެހެން އިހުސާސެއް އަޅުގަނޑަށް ކުރެވެނީ މިތަނަށް އާދެވުނީމަ. މިއީ ބުނަން ވެސް ނޭނގޭ އިހުސާސެއް. ހަނިމާދޫން ވިޔަސް މިރަށުން ވިޔަސް އެހެން ރަށަކުން ވިޔަސް އަޅުގަނޑުމެންނަށް ބަހައްޓާ ގާތްކަން ފެނިފައި އަޅުގަނޑަށްް ހަމަ ރޮވޭ،" އޭނާ ބުންޏެވެ. "އަޅުގަނޑަކީ ހިތުން ދިވެއްސެއް. އެކަމަކު އިންޑިއާ މީހެއް. ދިވެއްސަކަށް ވާން ބޭނުންވި އެކަމަކު ނުވި މީހެއް."