އާ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އެންމެ ބޮޑަށް ދައްކަމުން ދިޔަ ވާހަކައަކީ ކުރީ ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމުގައި ޗައިނާ އަށް ބަރޯސާވެފައިވާ މިންވަރުގެ ވާހަކަ އެވެ. ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކުގެ ވާހަކަ އެވެ. މިކަން މިހެން އޮތްއިރު މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ފެނިގެންދަނީ އަވައްޓެރި އިންޑިޔާއިން ބޮޑެތި އެހީތަކެއް ހޯދަމުންދާ ތަނެވެ.
ޗައިނާއިން ލޯނު ނެގުމާއި އިންޑިޔާއިން ލޯނު ނެގުމުގައި ހުރީ ކޮން ތަފާތެއްތޯ، މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ގައުމެއްގެ އިގްތިސާދު ބިނާ ކުރުމުގައި އެއްވެސް ގައުމަކަށް މާބޮޑަށް ބަރޯސާ ވެއްޖެ ނަމަ ވާނެ ގޮތް ދުނިޔޭގެ ތާރީހުން ވަރަށް ސާފުކޮށް ފެނެ އެވެ. ޗައިނާގެ އިގްތިސާދީ މަޅީގައި ސްރީލަންކާ އާއި ޕާކިސްތާނާއި އެފްރިކާގެ ގިނަ ގައުމުތަކެއް ޖެހި އެކަމުގެ ހިތި އަންނަނީ ތަޖުރިބާ ކުރަމުންނެވެ. ހަމައެހެންމެ، އާ ސަރުކާރުން އިންޑިޔާއާ އެކު ބަދަހިކުރި ގުޅުމަކީ ކުރީ ސަރުކާރުން ޗައިނާއާ އެކު އުފެއްދި ކަހަލަ ގުޅުމެއް ނޫން ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ސަރުކާރުން އިންޑިޔާއިން ގިނައިން ހޯދާފައިވާނީ ހިލޭ އެހީ ކަމަށެވެ. އެ ގައުމު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީ ލިބިފައިވަނީ 1.5 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި ޗައިނާއިން ނަގާފައިވާ ސީދާ ލޯނުތަކަކީ ވެސް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ނަގާފައިވާ ލޯނުތަކެއް ކަމަށެވެ. އެގޮތުން ގިނަ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ ދެ ޕަސެންޓުގަ އެވެ.
މިދިޔަ އޭޕްރީލް މަހު ޗައިނާގެ ސަފީރު ޒަން ލިޒޮން ވެސް ވަނީ ޗައިނާއިން ލޯނު ހޯދާފައިވާ ގިނަ މަޝްރޫއުތަކަކީ ރާއްޖެ އަށް ފައިދާވާނެ މަޝްރޫއުތަކަކަށް ނަގާފައިވާ ލޯނުތަކެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ އަދަދު 3.4 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު އެ ވިދާޅުވާ އަދަދު ފިނޭންސް މިނިސްޓްރީން ފާހަގަކުރާ އަދަދާ ވަރަށް ބޮޑަށް ތަފާތެކެވެ.
ފިނޭންސް މިނިސްޓަރު އަމީރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ލޯނާއި ގެރެންޓީގެ ގޮތުގައި ޗައިނާ ސަރުކާރަށް ދަރަނިވެރިވެފައި ވަނީ 1.4 ބިލިއަން ޑޮލަރު ކަމަށެވެ. މި އަދަދުތަކުން އެނގެނީ އިންޑިޔާ އެކޭ އެއްގޮތަށް ކުރީ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކަމެވެ.
މައްސަލައަކީ ޗައިނާގެ ގެރެންޓީތައް
އަމީރު ވިދާޅުވީ، ލޯނުތައް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހުއްޓަސް ސޮވެރިން ގެރެންޓީދިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ. އެގޮތުން މާކެޓް ރޭޓަށް ވުރެ ބޮޑު އިންޓްރެސްޓް ރޭޓެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ގެރެންޓީ ދީފައިވަނީ ގިނައިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.
"އަޅުގަނޑުމެން ކުރިއަށްދާ އިރު ޗައިނާގެ އިންވެސްޓްމެންޓްތައް ވެސް ބޭނުން. ޗައިނާގެ ކުންފުނިތަކުން ރާއްޖެ އަށް އިންވެސްޓް ކުރަން ވެސް ބޭނުން،" އަމީރު
އެގޮތުން މިދިޔަ ސަރުކާރުން އެކަނި ނުވަ ލޯނަކަށް ޗައިނާގެ ބޭންކްތަކަށް ގެރެންޓީދީފައިވެ އެވެ. އޭގެ ތެރޭގައި އެޗްޑީސީ އާއި ސްޓެލްކޯ އާއި އެމްއޭސީއެލްގެ އިތުރުން ސަންޓްރެވެލް އަހުމަދު ސިޔާމް ހޯލްޑިންސް ހިމެނެ އެވެ. އެންމެ ގިނައިން ގެރެންޓީދީފައި ވަނީ އެޗްޑީސީއަށެވެ. އެގޮތުން ޗައިނާ އިން އެކަނި ނަގާފައިވާ ލޯނުގެ އަދަދު 9.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ކުރީ ސަރުކާރުން ޗައިނާ އިން ބޮޑެތި އަދަދުތަކުން ގެރެންޓީ ނެގިއަސް، މި ސަރުކާރުން ބޭނުންވަނީ އެ ގައުމާ ވެސް ގުޅިގެން ކުރިއަށް ދާށެވެ.
"އަޅުގަނޑުމެން ކުރިއަށްދާ އިރު ޗައިނާގެ އިންވެސްޓްމެންޓްތައް ވެސް ބޭނުން. ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް އިންވެސްޓް ކުރަން ވެސް ބޭނުން،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، މި ސަރުކާރާ ކުރީ ސަރުކާރާ ހުރި އެންމެ ބޮޑު ތަފާތަކީ ކުރީގެ ސަރުކާރުން ޗައިނާއިން އެކަނި އެހީ ހޯދާފައިވުމެވެ. މި ސަރުކާރުން މުޅި ދުނިޔެ އަށް ހުޅުވާލާފައި ކަމަށާއި ހަމަ އެކަނި އިންވެސްޓްމެންޓް ހޯދަނީ އިންޑިޔާއިން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސައުދީ އަރަބިއްޔާ އިން ވެސް ޔޫއޭއީ ވެސް، އެމެރިކާ ސަރުކާރުން ވެސް، ވަރަށް ފަހުން ފޮރިން މިނިސްޓަރު ވަޑައިގެން 10 މިލިއަން ޑޮލަރުގެ އެހީ ހޯއްދެވި. ޔޫރަޕިއަން ޔޫނިއަން އިން ވެސް އަޅުގަނޑުމެންނާ ވަރަށް ބޮޑަށް އެހީ ލިބޭ. އޭޑީބީގެ ގްރާންޓް ލިބޭ. ވޯލްޑް ބޭންކްގެ ގްރާންޓް ލިބޭ،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތާއި މާލީ ސިޔާސަތު ބަައްޓަންކުރަނީ އެންމެންނާ ގުޅިގެން ކުރިއަށް ގެންދެވޭނެ ނިޒާމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިޔާއިން ނަގާ ދަރަނި މެނޭޖް ކުރެވޭނެ
އަމީރު ވިދާޅުވީ، މި ސަރުކާރުން އިންޑިޔާއިން ލޯނުތައް ނަގާނީ މެނޭޖް ކުރެވޭނެ މިންވަރަކަށް ކަމަށެވެ. މިހާރު ވެސް ނުވިސްނައިފި ނަމަ، ނުވަތަ ބަލައިގެން ނުގެންގޮސްފި ނަމަ ދަރަނީގެ ބުރަ އުފުލަން ޖެހިދާނެކަން އޭނާ ފާހަގަކުރައްވަ އެވެ. އެހެންކަމުން ދަރަނި މެނޭޖް ކުރުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ލޯނުތައް ނެގުމުގައި އެންމެ ފުރިހަމަ އަށް ބަލާފައިނުވާތީ، މި ސަރުކާރަށް އެކަމުގެ ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ.
"އަޅުގަނޑުމެން މިހާރު އެހެން ގޮތްތަކެއް ވެސް އެބަ ރާވަން އެގްޒިސްޓިން ޑެޓް ޕޯޓްފޯލިއޯ ކުޑަ ކުރެވޭނެ ގޮތްތައް. އެގޮތުން ހައި އިންޓްރެސްޓް ރޭޓް ކޮމްޕޯނެންޓް ލޯ އިންޓްރެސްޓް ރޭޓް ކޮމްޕޯނެންޓަށް ބަދަލު ކުރެވޭނެ ގޮތްތައް ބަލަން،" އޭނާ ވިދާޅުވި އެވެ.
އެއާ އެކު މިހާރު ހުރި ދަރަނި ވަރަށް ބޮޑުތަން ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ދައުލަތުގެ ދަރަނި ލޯނާއި ގެރެންޓީއާ އެކު 62 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ 70 ޕަސެންޓެވެ.
ސަރުކާރުން އަމާޒު ހިފަނީ ކުރިއަރާ މިންވަރަށް ވުރެ ދަރަނި ބޮޑުވާ މިންވަރު ދަށް ކުރުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ ލެވެލް ހިފަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ތިން އަހަރު ނިމޭ އިރު ދަރަނި ކުޑަވާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ ސަރުކާރުގެ އަމާޒެވެ.