ރިޕޯޓް / ތައުލީމް

ބީޓެކާއި ދަސްވާރުން އާ ފުރުސަތުތަކެއް

ދަސްވާރު ޕްރޮގްރާމުގެ ފުރަތަމަ ބެޗު ނިންމި ދަރިވަރަކަށް ރައީސް ޔާމީން ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ. --ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލުގައި ރަނގަޅު ނަތީޖާއެއް ހޯދިއަސް ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް ތަނަކަށް ސިޓީ ހިފައިގެން ދުވިއަސް ނަސީބު އަތުގައި ހިފާނީ ވަރަށް މަދު ފަހަރަކު އެވެ. ވަޒީފާތަކަށް ކުރިމަތިލާން ފޫހިވާ ހިސާބަށް ވެސް ބައެއް ފަހަރު ދެ އެވެ.

ނަތީޖާ ދަށް ކުއްޖަކު ނަމަ ވަޒީފާއެއް ހޯދަން ކިހާ އުނދަގުލެއް އުފުލަން ޖެހޭނެ ހެއްޔެވެ؟ އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން މިހާރު ބުނަނީ އެކަމާ ހާސްވާން ނުޖެހޭނެ ކަމަށެވެ. "އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު"ގެ ދަށުން ދަރިވަރުންނަށް އެތައް ފުރުސަތުތަކެއް ހުޅުވާލާނެ ކަމަށް މިިނިސްޓްރީން ބުނެ އެވެ.

ސަރުކާރާއި އަމިއްލަ ބޮޑެތި ކުންފުނިތަކާ ގުޅިގެން މިނިސްޓްރީން މިހާރު ވެސް އަންނަނީ ބީޓެކާއި ދަސްވާރު ނަމުގައި ދެ ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން އެމްޓީސީސީ އާއި އެސްޓީއޯ އާއި ހޮޓެލް ޖެން އާއި ޝީޝާ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އެ މީހުންގެ ސެންޓަރުތަކުގައި ދަސްވާރު ޕްރޮގްރާމުގެ ދަރިވަރުންނަށް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފަ އެވެ. އޭގެ ތެރެއިން ރަނގަޅަށް މަސައްކަތް ކުރާ ދަރިވަރުންނަށް އެ ކުންފުނިތަކުން ދާއިމީކޮށް ވަޒީފާ ދީފައި ވެސް ވެ އެވެ.

ދަސްވާރު ޕްރޮގްރާމް ނިންމި ފުރަަތަމަ ބެޗުގެ ދަރިވަރަކަށް ރައީސް ޔާމީން ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ. --ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ބީޓެކަކީ ކޯއްޗެއް؟ ވަޒީފާގެ ބާޒާރަށް ދަރިވަރުން ނެރެދޭން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ އެއް ޕްރޮގްރާމަކީ އެޑެކްސެލް ބިޒްނަސް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް (ބީޓެކް) ޕްރޮގްރާމެވެ. އެއީ ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި 2014 ގައި ތައާރަފްކުރި ޕްރޮގްރާމެކެވެ. ރާއްޖޭގެ ސްކޫލުތަކުގައި މިހާރު ވެސް ސައިންސާއި ކޮމާސް އާއި ބިޒްނަސްގެ އިތުރުން ބީޓެކް އަންނަނީ ކިޔަވައިދެމުންނެވެ.

ގްރޭޑް ހަތެއް ނިންމުމަށް ފަހު އަށަކަށް ބަދަލުވާ ދަރިވަރުންނަށް ބޭނުން ސްޓްރީމެއް ނެގުމުގެ އިހުތިޔާރު އޮވެ އެވެ. އޭގެ ތެރޭގައި އިހުތިޔާރީ ސްޓްރީމެއްގެ ގޮތުގައި ބީޓެކް ވެސް ނެގެ އެވެ. މި ކޯހުގެ ދަރިވަރުން ވެސް ނިމޭނީ ގްރޭޑް 10ގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރު ޒޫޝާން ކަމާލުއްދީން ވިދާޅުވީ ސްކޫލުތަކާއި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ވެސް އެ ޕްރޮގްރާމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ދަސްވެނިވުމުގެ ތެރެއިން: ކާމިޔާބުކަމާ އެކު ރާއްޖޭގެ ގިނަ ސްކޫލުތަކެއްގައި އެ ޕްރޮގްރާމް ކުރިއަށްގެންދޭ. --ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

"ކުދިން ގްރޭޑް ބަދަލުވާއިރު އަމިއްލަ އަށް އިހުތިޔާރު އޮންނާނެ ބޭނުން ސްޓްރީމެއް ނެގުމުގެ. ގްރޭޑް ހަތަކުން އަށަކަށް ބަދަލުވާ އެންމެ މޮޅު ދަރިވަރަށް ވެސް އޮންނާނެ ބީޓެކް ސްޓްރީމް ނެގުމުގެ ފުރުސަތު. ކުއްޖާގެ އަތްމަތީގައި އޮންނަ ކަމެއް އެއީ،" ޒޫޝާން ވިދާޅުވި އެވެ. "ވަރަށް ރަނގަޅު ތަރުހީބު. އަޅުގަނޑުމެން ސާވޭއެއް ހެދިން. މި އަހަރު ނިންމާ ކުދިންގެ ވެސް 91 ޕަސެންޓް ކުދިން ހަމަ ގަބޫލުކުރޭ އަދި ބެލެނިވެރިން ވެސް މިއީ ރަނގަޅު ޕްރޮގްރާމެއް ކަން،. ބީޓެކް ސްޓްރީމްގެ ތެރެއިން ފަސް ކޯހެއް ތައާރަފްކުރި އެވެ. އޭގެ ތެރޭގައި ހޮސްޕިޓާލިޓީ އާއި ސްޕޯޓްސް އާއި އާޓް އެންޑް ޑިޒައިނާއި ބިއުޓީ ތެރަޕީ އަދި ބިޒްނަސް ހިމެނެ އެވެ. ބީޓެކް ކިޔަވާ ދަރިވަރުންނަށް އެއިން ކޮންމެ ދާއިރާއެއް ވެސް ނެގިދާނެ އެވެ. އޭރުން ކިޔަވަން ޖެހޭނީ މަޖުބޫރު ހަތަރު މާއްދާގެ ގޮތުގައި އިސްލާމާއި ދިވެއްސާއި އިނގިރޭސި އަދި ހިސާބުގެ އިތުރުން ބީޓެކްގެ ސްޓްރީމެކެވެ.

ވަރަށް ރަނގަޅު ތަރުހީބު. އަޅުގަނޑުމެން ސާވޭއެއް ހެދިން. މި އަހަރު ނިންމާ ކުދިންގެ ވެސް 91 ޕަސެންޓް ކުދިން ހަމަ ގަބޫލުކުރޭ އަދި ބެލެނިވެރިން ވެސް މިއީ ރަނގަޅު ޕްރޮގްރާމެއް ކަން -- އެޑިޔުކޭޝަން

ބީޓެކަކީ ތިން އަހަރު ދުވަހަށް ކުރި އަށް ގެންދާ ކޯހެކެވެ. އެ ކޯހުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ނިމޭނީ މި އަހަރުގެ ދިރާސީ އަހަރު ނިމޭއިރު އެވެ. ފުރަތަމަ ބެޗުގައި މި އަހަރު 300-450 ވަރަކަށް ކުދިން ޕްރޮގްރާމް ފުރިހަމަކޮށް ނިންމާ އިރު މިހާރު 2055 ދަރިވަރަކު އަންނަނީ ބީޓެކް ކޯސް ހަދަމުންނެވެ.

ޒޫޝާން ވިދާޅުވީ ފުރަތަމަ ބެޗު ނިންމި ދަރިވަރުން ދެން ކިޔަވާނީ ބީޓެކް އޭ ލެވެލް ކަމަށެވެ.

އައްޑޫ ހައި ސްކޫލުގައި 2014 ވަަނަ އަހަރު ބީޓެކް ކުރިއަށް ގެންދަން ބޭއްވި ރަސްމިއްޔާތު. --ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

"ލެވެލް ދޭއް ނިންމާފައި ދެން އޮންނާނީ ލެވެލް ތިނެއް އެ ކުދިން ކިޔަވާ ކޯހެއްގެ. އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަމުން މި އަންނަނީ ހަޔާ ސެކަންޑްރީ ސްކޫލްތަކުގައި ބީޓެކް ފައްޓަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި އަންނަ އަހަރަށް ވިލާ ހައި ސްކޫލުގައި ވެސް ފައްޓާނެ. އޭރުން ދަރިވަރުންނަށް ވެސް އޮޕްޝަންސް ބޮޑުވެގެންދާނެ،" ޒޫޝާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބީޓެކްގެ ސެޓްފިކެޓް ދޭއް ފުރިހަމަ ކުރާ ދަރިވަރުން ގައުމީ ޔުނިވާސިޓީތަކަށް ވަދެގެން ވެސް އިތުރަށް ކިޔެވޭނެ ކަމަށެވެ. "މިސާލަކަށް ނޭޝަނަލް ޔުނިވާސިޓީގައި ސްޕޯޓްސް ނުވަތަ ފިޒިކަލް އެޑިއުކޭޝަން ނުވަތަ ހޮސްޕިޓާލިޓީ ދާއިރާއަކުން ކުރިއަށް ދާން ބޭނުން ކަމަށްވަންޏާ މިހާރު ހަމަ އެ ކުދިންނަށް އެ ލިބޭ ލެވެލް ދޭއްގެ ސެޓްފިކެޓުގެ ތެރެއިން ހަމަ އެ ކުދިންނަށް ކުރިއަށް ދެވޭނެ،" ޒޫޝާން ވިދާޅުވި އެވެ. ރާއްޖޭގެ 154 ސްކޫލެއްގައި ބީޓެކް ކިޔަވައިދޭ އިރު 32 ސްކޫލުގައި މި އަހަރުގެ ދެ ވަނަ ޓާމުގައި ކިޔަވައިދޭން ފަށަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ދަސްވާރުގެ ބޭނުން ވެސް ބޮޑު

ދަސްވާރަކީ ގްރޭޑް ދިހެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތަކުގައި ކުރިއަށް ގެންދާ ކޯހެކެވެ. އެ ކޯހުގެ ތެރޭގައި ވެސް ހޮސްޕިޓާލިޓީ ދާއިރާގެ އިތުރުން އޭސީ ފަދަ ތަކެތި މަރާމާތުކުރުމާއި ސިއްހީ ދާއިރާގެ އެކި މަސައްކަތްތައް ވެސް ކިޔަވައިދެ އެވެ.

މިހާރު ވެސް ރާއްޖޭގެ 150 އަށް ވުރެ ގިނަ ސްކޫލުގައި ދަސްވާރު ޕްރޮގްރާމް ހިންގަމުން އަންނަ އިރު ގްރޭޑް 10 ގައި ކިޔަވާ 1000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.

ޖަމާލުއްދީން ސްކޫލުން މި ކޯހުގައި ބައިވެރިވި ޒިދާން މުހައްމަދު ބުނީ ކޯހުގެ ސަބަބުން ތަފާތު ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހިފުމުން މިހާރު އުފާވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރަށް އުފާވޭ މި ޕްރޮގްރާމުގައި ބައިވެރިވެވުނީމަ. މަސައްކަތް ކުރާ ތަނުގެ މުވައްޒަފުން ވެސް ވަރަށް ރަނގަޅު. ކުރިއަށް ދާން ވަރަށް ހިތްވަރުދޭ،" މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން އެސްޓީއޯ ސާވިސް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ޒިދާން ބުންޏެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454