ކޯލް ފީލްޑާ ޖެހިގެން ހުރި އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލަން ރޭ ފޮގް ޖަހަނީ -- ފޮޓޯ: މިހާރު
21 ސެޕްޓެމްބަރ 2019 - 10:46
"ހަމަ ކުއްލިއަކަށް އިވުނީ ވަރަށް ބާރުގަދަ އަޑެއް،" މާލޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާ ވަރަށް ކައިރިން ތަޖުރިބާ ކުރެއްވި ވިޔަފާރިވެރިޔާ މައްލާ އަހުމަދު ނާސިރު (ނާބެ) ވިދާޅުވި އެވެ. "އެއީ ހަމަ ވަރަށް ވަރުގަދަ އަޑެއް. ބާރު އަޑަކާ އެކު ބޮމެއްހެން އެއްޗެއް ގޮވި އަޑެއް. އަޅުގަނޑު ދެން ދޮރުން ނުކުމެ ބޭރު ބަލާލީ. އޭރު ދުންގަނޑާ އެކު ހުޅުގަނޑު ބޭރަށް ފެންނަން ހުރި. އެއީ އަނެއް ފަރާތު މަގު (އަބަދަށް ފެހި މަގު). އަޅުގަނޑުމެންގެ ގެއާ ބެހޭ ހިސާބެއް ވެސް ނޫން އެއީ."
އެކަމަކު ކަންވީ ހީކުރި ގޮތަކާ މުޅިން ހިލާފަށެވެ. ގާތްގަނޑަކަށް ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި އަލިފާންގަނޑު ނާބެ ގެ، ހ. ކޯލް ފީލްޑްގެ ކުރިމައްޗަށް ހުއްޓުނެވެ. މި ހުންނަނީ ކަޅުހުރާ މަގުގަ އެވެ.
"އަޅުގަނޑު އިރުކޮޅަކުން ޓެރަސް އަށް އަރައި ވީގޮތް ބަލާލި އިރު ހުޅުގަނޑު އައިސް މިއޮއް އަރާ ހަމަވަނީ،" ރާއްޖޭގެ އެންމެ ވަރުގަދަ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލިލީ އެންޓަޕްރައިސަސްގެ އޯނަރު ވިދާޅުވި އެވެ. "އެއީ އާދަޔާހިލާފު ބާރުމިނެއްގައި ފެތުރިގެން އައި އަލިފާންގަނޑެއް."
ޒަމާނީ ފެންވަރަށް، 10 ބުރިއަށް އިމާރާތް ކުރި ނާބެގެ ގެ ކޯލް ފީލްޑް ހުންނަނީ އަލިފާން އެންމެ ފުރަތަމަ ރޯވި ގެއާ 300 ވަރަކަށް ފޫޓު ދުރުގައި، އެ އިމާރާތް ހުންނަ ކޮށީގެ ކުރިމަތީގައި އޮތް ކޮށީގަ އެވެ. އަލިފާންގަނޑު ފެތުރިގެން އައިސް، އެންމެ ފަހުން އަލިފާންގަނޑު ކޮންޓްރޯލްވި އިރު އަނދައިހުލިވި ތިން އިމާރާތެއް ހުރީ ނާބެގެ ގެއާ އިންވެގެންނެވެ. އެ ތިން އިމާރާތަކީ ލިލީ އެފްއެންބީން ކުއްޔަށް ނަގައިފައިވާ ތިން އިމާރާތެވެ. ނާބެ ވިދާޅުވީ އޭގެ ތެރޭގައި ދެ ބުރިއަށް އިމާރާތް ކޮށްފައިވާ ދެ ގުދަނާއި ލިލީ އެފްއެންބީގެ ބިދޭސީން ތިބޭ ލޭބާ ކުއާޓާ ވެސް ހިމެނޭ ކަމަށެވެ.
"އެންމެ ފުރަތަމަ އަލިފާންގަނޑު ރޯވިއިރު ހަމަ ހިތަކަށް ވެސް ނާރާ މި ހިސާބަށް އަލިފާންގަނޑު ފޯރައިފާނެ ކަމަކަށް. އެއީ ކޮން ހިސާބެއް؟ މިއީ ކޮން ހިސާބެއް،" އޭނާ ވިދާޅުވި އެވެ. އެކަމަކު ޓެރަސްގައި ބަލަބަލަ ހުއްޓާ މި ހިސާބަށް އަލިފާންގަނޑު ފޯރައިފި. އޭގެ ކުރިން އަޅުގަނޑުމެން މުޅި ގެ ހުސްކޮށްފިން،" އޭނާ ވިދާޅުވި އެވެ. "ސިފައިން އައިސް ބުނެފި މި ގެ ހުސްކުރާށޭ. އަލިފާންގަނޑު މި ހިސާބަށް ފޯރައިފާނެއޭ."
އަލިފާނުގެ އެކި ހާދިސާތަކުގައި ނާބެގެ ބައެއް ގުދަންތައް މީގެ ކުރިން ވެސް އަނދައިގެން ގޮސްފައި ވެ އެވެ. ނާބެ ވިދާޅުވީ، މިއީ އޭނާ އަށް ފެނިވަޑައިގަތް އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށެވެ.
އޭނާ ވިދާޅުވީ ގެ އަށް ދުން ވަނުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިވާކަން އަދި އެނގެން ނެތް ކަމަށެވެ. އަދި ގެއިން ނުކުތް ފަހުން އެނބުރި ގެއަށް ވަނުމުގެ ހުއްދަ ލިބުނީ ދާދި ދެންމެއަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނުބޭ
22 September 2019
މައްލާ ނާސިރު ތަނަވަސްވޮގތާޢިމެދު މައްލާ ނާސިރު ވިސްނާލެއްވުން މިދަނޑިވަލު މުހިއްމު.
އިންސާނާ
21 September 2019
ކަމާބެހޭ ފަރާއްތަކަށް ދޭން އޮތްނަސޭހަތަކީ ކެމިކަލް ގުދަންތައް މާލެން ބޭރުކުރާނަމޭކިޔާފަ އަމާބުނީމާ ފަރައްދާހެން ހުރިހާގުދަންތައް ހުޅުމާލެއާ ވިލިމާލެއައް ބަދަލުނުކުރާށޭ އެތަންތަނުގަވެސްތިވީ ދިވެހިރައްޔިތުނޭ