ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމުގައި، ޓީވީން ވަގުތުން ދައްކަމުން ދިޔަ، ހުކުމް އިއްވުމުގެ ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މޫނުފުޅުން ފެނުނީ، ކެރިވަޑައިގަތުމުގެ އަސަރުތަކެއް ނޫނެވެ: މާޔޫސްކަމުގެ ކުލަތަކެވެ.
މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ އެއް ރައީސް، ކުޑަ މުއްދަތެއްގެ ތެރޭގައި ތަަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިންގެވި އެކަމަކު ހިޔާނާތާއި އަނިިޔާވެރިކަން އިސްކުރެއްވި ލީޑަރުގެ ބާރު ކެނޑި، ފަސް ގާޒީންގެ އިއްތިފާގުވި ހުކުމް އައީ އެމަނިކުފާނާ ދެކޮޅަށެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލުގެ ހުކުމާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ އެކެވެ.
މިއީ ޔާމީންގެ ސިޔާސީ ހަޔާތްޕުޅުގެ ނިމުން އަންނާނެ ގޮތް ކަމަށް، ސެޕްޓެމްބަރު 28، 2015 ގައި، "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއެރުމުގެ ކުރިން، އެކަކަށް ވެސް ހީކުރެވިފައި ނުވެދާނެ އެވެ.
އެކަމަކު އެމަނިކުފާނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ހައްޖުގެ އަޅުކަމަށް ފަހު މާލެ ވަޑައިގެންނެވި ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލުމާ އެކު، ހިންގި ބޮޑު ތަހުގީގުން، ޔާމީންގެ ވެރިކަމުގެ އަނދިރި ސަފުހާތައް ރަައްޔިތުންނަށް ހުޅުވެން ފެށުނެވެ. އަދީބުގެ ބޮލަށް އެ ކަންކަން ކަނޑާލައްވަން ޔާމީން މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، އެމަނިކުފާނަށް އެނގިވަޑައިނުގެން ހިޔާނާތުގެ އެވަރުގެ ބޮޑެތި ކުށްތަކެއް ނުހިންގޭނެ ކަން، އޭރު ވެސް ގިނަ ބަޔަކު ގަބޫލުކުރި އެވެ.
ރާއްޖޭގެ ވެރިކަމާ ޔާމީން ހަވާލުވެވަޑައިގަތީ އިގްތިސާދީ ބޮޑެތި ޕްލޭންތަކަކާ އެކު އެވެ. ހަމައެއާ އެކު، އެމަނިކުފާނު ބޯލަނބަން ޖެހިވަޑައިގަންނަވާ ގާނޫނުއަސާސީ އޮތީ، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އޭގެ ކުރިން ރައީސްކަން ކުރެއްވި އިބްރާހިމް ނާސިރުގެ ދުވަސްވަރުހާ ހަނި ގޮތަކަށެއް ނޫނެވެ. ސިޔާސީ ޕާޓީތައް ހަރަކާތްތެރިވުމާއި މިނިވަން މުއައްސަސާތައް އުފެއްދުމާއި އަސާސީ އެތައް ހައްގެއް، ސީދާ ބަހުން އެ ގާނޫނުއަސާސީގައި ލިއެފައިވެ އެވެ. އެހެންކަމުން އިދިކޮޅުގެ އަޑު ކަނޑުވާލައި، އިދިކޮޅު ލީޑަރުންނަށް ނުހައްގު އަދަބުތައް ދިނުމާއި، ގިނި ކަންޏާ މުޅި ދައުލަތް ހިންގެވުމުގެ ފުރުސަތެއް، ގާނޫނީ ގޮތުން ލިބިވަޑައިގެންފައެއް ނުވެ އެވެ.
ޔާމީނަށް އެކަން ގަބޫލުފުޅުކުރެއްވުނު ހެނެއް ހިއެއްނުވެ އެވެ. އެހެންކަމުން، އަޑިން ހިޔާނާތުގެ ބޮޑެތި މުއާމަލާތްތައް ސަަރުކާރު ތެރޭގައި، އެމަނިކުފާނުގެ އަރިސް ބޭފުޅުން ހިންގަވަމުން ގެންދެވި އިރު، ރައްޔިތުންގެ ލޯމަތިން ފެނުނީ ސިޔާސީ އިދިކޮޅު ހަރަކާތްތައް ވަޅުލެއްވުމުގެ މަސައްކަތެވެ.
އެކަމަކު، އެއީ ފަސޭހަފުޅުވި މަސައްކަތަކަށް ނުވި އެވެ. ބެދެމުން، ދުޝްމަނުން ގިނަވަމުން، ކޮންޓްރޯލްގައި އޮތް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލެމުން ދިޔައީ، ބޮޑެތި މަޝްރޫއުތަކުގައި މާލޭ/ހުޅުލޭ ބްރިޖް އެޅެމުން، ހުޅުމާލޭގައި 25 ބުރީގެ ފްލެޓް އިމާރާތްތައް މައްޗަށް އަރަމުން ދަނިކޮށެވެ.
ރައީސްކަމުގެ މަގާމު ގެއްލުމުން ކޮންމެ ލީޑަރެއްގެ ވެސް ބާރު ކެނޑެ އެވެ. ގާނޫނާ އެއްގޮތަށް ވެރިކަން ކުރަން ޖެހެނީ އެހެންވެގެންނެވެ. އެކަމަކު ޔާމީންގެ ފަރާތްޕުޅުން ފެނުނީ ބާރު ކެނޑުމުގެ އިތުރުން ކޯޓުތަކަށް ދަމާނެ އެތައް ސަބަބުތަކެއް ތިލަކުރެއްވި ތަނެވެ. އެހެންކަމުން ވެރިކަމުން ދުރުވެވަޑައިގަންނަވާ ހިނދެއްގައި ޝަރީއަތާ ކުރިމަތިލައްވަން ޖެހޭނެ އެތައް ތުހުމަތެއް އޮތީ އިސްތަށިފުޅުގައި އެޅިފަ އެވެ.
1 މިލިއަން ޑޮލަރަށްޓަކައި މުޅި ހަޔާތްޕުޅު!
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލައިވްކުރި ޝަރީއަތުގައި، އެއް މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ ކުށުން ބަރީއަވާން އަމިއްލަފުޅަށް ވެސް ޔާމީން އެތައް ވާހަކަފުޅެއް ދެއްކެވި އެވެ. އެކަމަކު އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް މަދުވެގެން ވަންނަން ޖެހޭ 73 މިލިއަން ޑޮލަރު ފޭރިގަތް އަމިއްލަ ކުންފުނި، އެސްއޯއެފްގެ ދެ ޗެކަކުން، ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުން ބަރީއަވެވޭ ވަރަށް ވުރެ، ހިންގެވި މުއާމަލާތްތައް މާ ސާފެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ހުކުމުގައި ބުނެފައިވާ ގޮތަށް، އެންމެ އާދައިގެ މީހެއްގެ ވިސްނުމުން ވިސްނާލިޔަސް، ގޯސް މުއާމަލާތްތަކެއްކަން އެނގޭ ވަރުގެ އަމަލެކެވެ.
މަނީ ލޯންޑަރިން ހުއްޓުވާ ގާނޫނު ބުނާ ގޮތުން ކުށް ކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭ މުއާމަލާތެއްގައި ވެސް ބައިވެރިވުމަކީ ކުށެކެވެ. އެސްއޯއެފުން ދިވެހި ދައުލަތުގެ ބޮޑު އާމްދަނީއެއް ފޭރިގަތް ކަމާއި އެ ފައިސާ އެކި މީހުންނަށް ފޯރުކޮށްދީފައިވާކަން އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޔާމީނެވެ. "ފިނިފެންމާ" ލޯންޗުގެ ހާދިސާ އަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް ކޯލިޝަންގެ މެމްބަރުންނާ މުލިއާގޭގައި ބައްދަލުކުރައްވައި ޔާމީން އެ ހިޔާނާތުގެ ވާހަކަ ފުރަތަމަ ފަހަރަށް ދެއްކެވި އެވެ. އޭރު އެކަން ކަނޑާލެއްވީ އަދީބުގެ ބޮލަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޔާމީން ހުޅުވާާފައި އޮތް ޑޮލަރު އެކައުންޓަކަށް، އޮކްޓޯބަރު 13-15، 2015 ގައި އެސްއޯއެފްގެ ދެ ޗެކަކުން 1 މިލިއަން ޑޮލަރު ޖަމާވެފައި އެ އޮތީ، މަޖިލިހުގެ މެމްބަރުން ކުރިމަތީގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އިއުލާން ކުރެއްވި ފަހުންނެވެ. އެހެންކަމުން އެ ފައިސާއާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ޝައްކެތް އުފެދެން ނުޖެހޭ ސަބަބެއް ނެތެވެ.
އެތެރޭގެ މައުލޫމާތު ހުރި ބައެއް މީހުން އޭރު ހީކުރީ އެއީ، އަދީބު އަޑީގައި ހުންނަވައިގެން ޔާމީނުގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލިހުގައި ނަގަން ކުރި ކަމެއް ކަމަށެވެ. ރައީސްގެ އެކައުންޓަކަށް ގޮތް ނޭނގޭ އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ވަން ކަމަށް ހަދާފައި، އެއީ ކުށެއް ކަމަށް ބަލައި، މަޖިލިހުގެ ތެރެއިން ވޯޓަކާ ހަމައަށް ދާން އަދީބު މަސައްކަތް ކުރެއްވުން ކައިރި އެވެ.
ޔާމީނާ ދެކޮޅަށް އެއްވެސް މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ވެއްދޭ ވަރެއް ނުވި އެވެ. އޭގެ ކުރިން އަދީބު ހައްޔަރުކުރި އެވެ. އެކަމަކު 1 މިލިއަން ޑޮލަރު، ޔާމީންގެ އެކައުންޓްގައި އޮތީ އެވެ.
ސަލާމަތްވާން ފުރުސަތު ލިބިވަޑައިގެންނެވި
އެ މުއާމަލާތް ފަޅާއެރުމުން، އެ ފައިސާ ދައުލަތާ ހަވާލުކުރައްވަން ޔާމީން ދެކޮޅުހެއްދެވި އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި، އިސްލާމިކް ބޭންކްގެ އެކައުންޓުން 1 މިލިއަން ޑޮލަރު، އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށެވެ.
އެކަމަކު އެ މުއާމަލާތުގައި ވެސް ޔާމީން ހެއްދެވީ މަކަރެވެ. އޭރު އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާ އިން އެއް މިލިއަން ޑޮލަރު ވަނީ އެ ބޭންކްގައި އިންވެސްޓްމެންޓް އެކައުންޓެއް ހުޅުއްވައި އެއިން އިތުރު މަންފާ ނެރެވޭ ގޮތަށް ޖަމާކުރައްވައިފަ އެވެ.
އެސްކްރޯ އެކައުންޓަށް ލެއްވީ، ތަހުގީގުން އެނގޭ ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން، ފަހުން ދައްކަވާ ގޮތަށް ހޯއްދެވި 1 މިލިއަން ޑޮލަރެވެ.
މި ހުރިހާ މުއާމަލާތްތަކެއް ފެތެނީ މަނީ ލޯންޑަރިންނަށް ކަމަށް، ދައުލަތުން ވަނީ ކޯޓުގައި ސާބިތުކޮށްދީފަ އެވެ.
މިއީ ގޮތްދޫނުކުރެއްވުމުގެ ނަތީޖާ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ސިޔާސީ ގޮތުން ކޮންމެ ވާހަކަފުޅެއް ދެއްކެވިޔަސް، އަަދި މިހާރުގެ ސަރުކާރާއި ޝަރުއީ ނިޒާމުގެ ބޮލަށް ކަންކަން ކަނޑާލެއްވިޔަސް، ޔާމީންގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ވަދެފައިވާ ކަމުގެ އެތައް ހެއްކެއް، ތަހުގީގީ އިދާރާތަކަށް ލިބިފައިވެ އެވެ. މިހާތަނަށް ހާމަވި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން 100 މިލިއަން ރުފިޔާ ހުރިކަން އެނގިފައި ވަނީ ޔާމީންގެ އެކައުންޓްތަކުގައި އެކަންޏެވެ.
ހިޔާނާތުގެ ތުހުމަތުތަކެއްގައި، ޔާމީން ނޫނީ، ފަހުގެ އެއްވެސް ރައީސެއްގެ އެކައުންޓްތައް ފްރީޒްކޮށް، އޭގައި ހުރި ފައިސާގެ އަދަދެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ހިތާމައަކީ ވެރިކަން ކުރުމުގެ ނިޔަތް ގޯސްވުން
ރާއްޖޭގެ ރައީސެއްގެ މައްޗަށް އެފަދަ ހުތުރު އަމަލެއްގެ ކުށް ސާބިތުވުމަކީ، ގައުމީ ނަޒަރަކުން ވިސްނާލާ ނަމަ، ވަރަށް ދެރަ މައްސަލައެކެވެ. ގައުމުގެ ރައީސުންނާއި މަތީ އެހެން ވެރިން ވާން ޖެހެނީ ނަމޫނާ ބަޔަކަށެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ ދާއިރާ އިން، އާ ގާނޫނުއަސާސީއަކާ އެކު ވެސް، ފެންނަނީ ހިޔާނާތަށް މަގުފަހިވާ ގޮތަށް ސަރުކާރުތަކުން އަމަލްކުރާ ތަނެވެ. އޭގެ ފަހުގެ ނަތީޖާއަކަށް މިވަނީ، ވެރިކަން ނިމޭ އިރު، ގާނޫނުތަކާ ހިލާފު ކުށްތައް ވެރިންގެ އިސްތަށިފުޅުގައި އެޅި، ޝަރީއަތާ ކުރިމަތިވާ ތަނެވެ.
ވެރިކަން ހިންގުމުގެ ނިޔަތާއި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްނުކުރާހާ ހިނދަކު މި ނޫން ދުވަހެއް ރާއްޖެ ނުދެކޭނެ އެވެ. ކުޑަކުޑަ ގައުމަކަށް ވާތީ، މިފަދަ ކޮންމެ ޝަރީއަތަކާއި ހުކުމަކާ އެކު އުފެދޭ ދެކޮޅުވެރި ހިޔާލުތަކާއި ޒުވާބުން ލިބޭ ގެއްލުން ބޮޑެވެ. އެކަމަކު މިހާރުގެ ސަގާފަތަށް ބަލާ ނަމަ މިއީ ހަމަޖެހުމެއް އޮތް ސަފުހާއެއް ނޫނެވެ.
ސިޔާސީ ހަމަޖެހުން ރާއްޖެއަށް އަންނާނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ވެރިކަން ކޮށްގެންނެވެ. ދައުލަތުގެ ކޮންމެ ވެރިޔަކު ވެސް، ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބޯލަނބައި ކިޔަމަންވެގެންނެވެ. އެ ކިޔަމަންތެރިކަން ދަސްނުވާހާ ހިނދަކު ފެންނާނީ މި މަންޒަރެވެ.
ތަފާތު ވާނީ ކޯޓަށް އެފަހަރަކު ދަމާ ސިޔާސީ ލީޑަރެކެވެ.