ޝެޑޯ ޕާމްގެ ޓީމާ އެކު ދަތުރު ދިޔަ ޓޫރިސްޓަކު މިޔަރުތަކެއްގެ ތެރޭގައި: ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބައެއް -- ފޮޓޯ: ޝެޑޯޕާމް
04 ޑިސެމްބަރ 2019 - 15:23
މާފުއްޓަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އެކްސްކާޝަންތަކުގައި ޝެޑޯ ޕާމް ގެސްޓްހައުސްގެ ޓީމުން ކޮންމެ ދުވަހަކު ހެން، މިޔަރާއި ރާއްޖޭގެ މޫދުގެ ދިރުންތަކާއި ހިތްގައިމު މަންޒަރުތަކުގެ ވީޑިއޯ ކުރެ އެވެ. އެކަމަކު އެތައް ބައިވަރު މިޔަރުތަކެއްގެ ތެރޭގައި ޓޫރިސްޓަކު އުއްޑުން މޫދުގައި އޮތް ވީޑިއޯއަށް ލިބުނު ވަރުގެ މަޝްހޫރުކަމެއް މިހާތަނަށް އެ ޓީމު ތަޖުރިބާކޮށްފައެއް ނުވެ އެވެ.
ޝެޑޯ ޕާމް ގެސްޓް ހައުސްގެ ޓީމުން ޓޫރިސްޓުންގެ އެކްސްކާޝަނަށް ސަމާލުކަން ދީގެން، ފޮޓޯ އާއި ވީޑިއޯތަކުން އެ ދަތުރުތައް މުއްސަނދިކުރުމުގެ މަސައްކަތް ފެށިތާ ދެ އަހަރު ވެއްޖެ އެވެ. އެ ޓީމުން ޑްރޯން އާއި އެންމެ ޒަމާނީ ވީޑިއޯ/އަދި ފޮޓޯ ކެމެރާތައް ގެންގުޅެ އެވެ. އެކަމަށް ބޮޑު އިންވެސްޓެއް ވެސް ކޮށްފި އެވެ.
"ޓޫރިސްޓުން މި އަންނަނީ ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކޮށްލުމަށް. އެކަންކަން ކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން،" ޝެޑޯ ޕާމްގެ އެކްސްކާޝަން މެނޭޖަރު ރައްޒާނު އަލީ ބުންޏެވެ.
އޭނާ ލަފާކުރާ ގޮތުގައި އެކަމަށް ބޭނުންވާ ތަކެތި ގަތުމަށް މިހާތަނަށް 300،000ރ ހޭދަވެދާނެ އެވެ.
އަންހެން ޓޫރިސްޓަކު ބޮޑު މިޔަރަކާ އެއް ވަރަށް ފީނޭތޯ މަސައްކަތްކުރަނީ: މިއީ ރާއްޖޭގެ ހިތްގައިމު މަންޒަރެއް - ފޮޓޯ: ޝެޑޯޕާމް
އެމެރިކާގެ މީޑިއާ ކުންފުންޏެއް ކަމަށް ވާ އޭބީސީގެ ޓްވިޓާ އިން މި މަހު 2 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ހިމެނޭ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
ރައްޒާން ބުނި ގޮތުގައި އެއީ ވ. އަތޮޅަށް ކުރި ދަތުރެއްގައި ނެގި ވީޑިއޯއެކެވެ. ވ. ދިއްގަރު ކައިރީގައި އޮންނަ މިޔަރު އެއްވާ ސަރަހައްދެގައި ނެގި ވީޑިއޯގައި، އަންހެން ޓޫރިސްޓަކު ހަތަރެސްފައި ދަމާލައިގެން އުއްޑުން ލޮނުގަނޑު މަތީ އޮންނަ އިރު އޭނާގެ ވަށައިގެން މިޔަރުތަކާއި އެތައް ސަތޭކަ ކުދި މަސް އުޅެ އެވެ.
ޝެޑޯ ޕާމް ގެސްޓްހައުސް އެކްސްކާޝަން ޓީމުގައި ހިމެނެނީ ޑައިވް ކުރުމާއި ސްނޯކްލިން ހަރަކާތްތަކަށް މަރުދޭ ޒުވާނުންތަކެކެވެ. މާފުއްޓަށް ދާ ޓޫރިސްޓުން ގޮވައިގެން ކޮންމެ ދުވަހަކު ވެސް އެކި ސަރަހައްދުތަކަށް އެ ޓީމު ދަތުރު ކުރެ އެވެ.
ޝެޑޯ ޕާމްގެ ދަތުރެއްގައި ޓޫރިސްޓަކު މިޔަރުތަކާ އެކު ފީނަނީ -- ފޮޓޯ: ޝެޑޯޕާމް
މަޝްހޫރުވި ވީޑިއޯއާ އެކު ޝެޑޯ ޕާމްގެ ޓީމަށް ވަނީ ފުރުސަތުތައް ވެސް ތަނަވަސްވެފަ އެވެ. އެގޮތުން އެ ޓީމުން ނެގި މިޔަަރަށް ހާއްސަ ރީތި އެހެން ވީޑިއޯއެއް، މަޝްހޫރު ޓްރެވެލް ބްލޮގަރެއް ކަމަށް ވާ ނަސް ޑެއިލީ އިން އަންނަ ހުކުރު ދުވަހު އާންމުކުރަން ވަނީ ހަމަޖެހިފަ އެވެ.
ރައްޒާނު ބުނި ގޮތުގައި އެ ވީޑިއޯ އަދި މާ ތަފާތު ވާނެ އެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ތަފާތު މަންޒަރުތައް، ޓޫރިސްޓުންނަށް ދައްކާ، އެމީހުންގެ ތަޖުރިބާތައް ތަފާތު ކޮށްލުމަށް. ކުރިއަށް ވެސް އެބަ ހުރި އެފަދަ އިތުރު ކަންކަން ރޭވިފައި،" އޭނާ ބުންޏެވެ.
އުމުރުން އެންމެ 20 އަހަރުގައި ބައްޕަގެ ގެސްޓްހައުސް މަސައްކަތުގެ ތެރެއަށް ވަން ޒުވާނާ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ، ޓޫރިސްޓުންނަށް ރާއްޖޭގެ މޫދުގެ ހިތްގައިމު ތަޖުރިބާތައް ކުރެވޭނެ ފުރުސަތުތައް ހޯދައިދޭށެވެ.
ގިނަ މީހުންނަށް އެންމެ މަގުބޫލީ ވ. އަތޮޅަށް ކުރާ ދަތުރުތަކެވެ. ހެނދުނު 8:30 ގައި މާފުށިން ނައްޓާލާ މި ދަތުރުތަކުގައި މިޔަރުތައް ކައިރީ ފީނުމުގެ އިތުރަށް އެ އަތޮޅުގެ ސޭންޑް ބޭންކްތަކަށް މަޑުކުރެ އެވެ. އެ ދަތުރު ނިންމާލަނީ ހަވީރު 4:30 ގަ އެވެ.
މި ދަތުރުގައި ކޮންމެ ޓޫރިސްޓެއްގެ އަތުން 50 ޑޮލަރު ނަގަ އެވެ. އެކަމަކު ޑްރޯނުން ވީޑިއޯ ނަގާ ނަމަ އިތުރު 20 ޑޮލަރު ދައްކަން ޖެހެ އެވެ.
ރައްޒާނު ބުނި ގޮތުގައި ވީޑިއޯއަށް އެވަރުގެ އަގެއް ނެގިޔަސް 70 ޑޮލަރަށް އެ ދަތުރު ދާން ގިނަ ޓޫރިސްޓުން ބޭނުންވެ އެވެ.
ޝެޑޯ ޕާމްގެ އެކްސްކާޝަންގައި ބޭނުންކުރާ ލޯންޗުގައި ޓޫރިސްޓުން ރާއްޖޭގެ ރީތި ފަޅެއް ތެރޭގައި -- ފޮޓޯ: ޝެޑޯޕާމް
ނާޝް ޝާކު ނުވަތަ ނިދަން މިޔަރު އެއްވާ ސަރަހައްދަށް އާންމު ގޮތެއްގައި 30 ހަކަށް މިޔަރު، އެއް ވަގުތެއްގައި ޖަމާވެ އެވެ. އެ އެއްޗެހީގެ ބޮޑުމިން އުޅެނީ އެއް މީޓަރުން ފެށިގެން ތިން މީޓަރާ ދެމެދުގަ އެވެ.
ރައްޒާނު ބުނީ ޓޫރިސްޓުންނާ އެކު ފީނުމުގައި އަބަދުވެސް ޝެޑޯ ޕާމްގެ ތިން ހަތަރު މީހުން އުޅޭނެ ކަމަށެވެ.
"ޓޫރިސްޓުންނަށް މި ޝާކްތައް ފެނުމުން ވަރަށް ބިރު ވެސް ގަނޭ. އެތަނަށް އެރި އުޅެން ޖެހޭ ގޮތް ވަރަށް ރަނގަޅަށް ގައިޑްކޮށްދެން،" އޭނާ ބުންޏެވެ.
"އާންމުކޮށް ޓޫރިސްޓުންނާ އެކު އެތަނަށް އެރޭނެ ތިން ހަތަރު ޑައިވަރުން ވެސް. މިހާތަނަށް އެއްވެސް އެޓޭކެއް، ނުވަތަ އެފަދަ ހާދިސާއެއް ވެސް ނުހިނގާ."
Tourist dares to float on sea of sharks off Maldives. https://t.co/3It40RnDb6 pic.twitter.com/3XDLlkPxBw
— ABC News (@ABC) December 2, 2019
އޭބީސީން ޓްވީޓްކުރި ޝެޑޯ ޕާމްގެ ވީޑިއޯ
ނިދަން މިޔަރަކީ ވެސް ބައެއް ފަހަރަށް ވަރަށް ނުރައްކާތެރި އެއްޗެކެވެ. ނަމަވެސް އެ ސަރަހައްދަށް ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުގެ ޓޫރިސްޓުން ގޮސް، މިޔަރުތަކަށް އަބަދު ކާންދޭތީ އެ އެއްޗެހި ވަރަށް އޮޅެވެ.
ރައްޒާނު ބުނީ އޭނާގެ ޓީމުން ބޭނުންވަނީ ރިސޯޓްތަކުން ވެސް އެމީހުންނާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓޫރިސްޓުންގެ އެކްސްކާޝަން ދަތުރުތައް ރާވާނެ ފުރުސަތު ހޯދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފެ
06 December 2019
ކަލޯ ތިއީ ނިދާ މިޔަރު ތިކަހަލަ މިޔަރާ އެކު ކުޑަކުއް ޖަކައްވެސް ވީޑިއޯ ކުރެވިދާނެ ތިއީ ދަތްތައް ތިބޭ މިޔަރެއް ނޫން މިޔަރު ނުދައްނަ މީހުންވެސްއުޅޭދޯ؟
ދޮންބެއްޔާ
05 December 2019
ވަރަށް ހިތްގައިމު
ދޮންހަސަނު
04 December 2019
ކަލޯ ކިތަންމެ ކިޔައިދިނަސް މަނަކަށް ނުކެރޭނެ އެހެން އޮންނާކަށް
ތާސީރު
04 December 2019
ހާދަ ކުޑައަގެއް ތިނަގަނީ ބޮލަކަށް، ތޮއްޑޫވަށައި ބުރެއްޖެހުމަށް ބަގީއަކުން ނަގާ 200 ރުފިޔާ.
ެރރގެރ
05 December 2019
ބްރޯ 70 ޑޮލަރު އެއީ 1,079.4 ރުފިޔާ
ތުއްތޮންބެ..
04 December 2019
ރައްޒާންއަކީ އަޖައިއްބެއްފަދަ ކްރިއޭޓިވް ވިސްނުންތޫނު ކުއްޖެއް.... އަބަދުވެސްކާމިޔާބީއަށްއެދެން..
އަބުއާ
04 December 2019
ވީޑިއޯޓީމަށް މަރުހަބާ. ނަމަވެސް ތިޔަކަމަކީ ވަރަށް ބަލައިގެން އެނގިގެން ކުރަންޖެހޭކަމެއް. ބާރަށް ކުރިޔަށް.
ރޮނދިލަ
04 December 2019
ކޮބާ މިތާ ފޭކެކޭ ކިޔައި ކޮމެންޓު ކުރި ގުރޫޕުގަޑު. މާ އެގިގަނެގެން ދުވަހަކު ކަޑު އޮޅިމައްޗައް ނުނުކުންނަ ބަޔަކު މި ކޮމެންޓު ކުރަނީ.
2019
04 December 2019
ދިއްގަރު އޮންނާނީ މ. ޢަތޮޅުގައި
މުހައްމދު
04 December 2019
ވ.ދިއްގިގި، ދިއްގަރު އެއް ނޫން
ފޮނިޓައްޕު ހަސަނު
04 December 2019
ގަދަަ.