އެ ދުވަސް: ކުޑަ ހިނދުކޮޅެއް ތެރޭގައި މާލެ ލޮނުގަނޑުގެ އަޑިއަށް

މިއީ ދުވަހު ނޫސް "ހަވީރު" ގައި، ޑިސެމްބަރު 27، 2004 ގައި ޖެހި ރިޕޯޓެކެވެ. ސުނާމީއަށް 15 އަހަރު ފުރުމާ ދިމަކޮށް މި ރިޕޯޓް ކިއުންތެރިންނާ ހަމައަށް މި ގެނެސްދެނީ، އެދުވަހު ދިވެހި ރައްޔިތުން ކުރި ބިރުވެރި ތަޖުރިބާ އަލުން ހަނދާންކޮށްލުމުގެ ގޮތުންނެވެ.

ހެދިގޮނޑުދޮށުގެ ލައިފްގާޑު މުހައްމަދު ރަޝީދު (ސެންޓަރޭ) އިނީ އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މޫދުގައި އުޅޭ މީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ކަނޑު މަޑެވެ. ވައިރޯޅި ވެސް މަޑެވެ. އެކަމަކު 0930 ހާ އިރު މަޑުމަޑުން ކަނޑު ކެކެމުން ފޮނަށް ވަމުން އަ އެވެ. އޭނާ ބުނާ ގޮތުން "ތިރީހަކަށް ސިކުންތު" ވެސް ނުނަގަ އެވެ. މުޅި ކަނޑު އުފުލި، ހެދިގޮނޑުދޮށުގެ މޫދު، ރަށު ތެރެއަށް ބަންޑުން ޖަހާލި އެވެ.


"ދުވަހަކު ވެސް އެކަހަލަ މަންޒަރެއް ނުދެކެން،" ސެންޓަރޭ ބުންޏެވެ.

"މުޅި ކަނޑު އޮތީ ކެކިފައި. ހުޅުލޭ ރަންވޭ ކޮޅުން ފެންނަނީ ހުދު ފޮނަށް ވެފައި ވަނިކޮށް. އިރުކޮޅެއްގެ ތެރޭގައި ލޮނުގަނޑު އަރާ މުޅި ހިސާބުގައި ބޮޑުކޮށްލައިފި."

ބޮޑު ރާޅު އަރާތަން ފެނުނު ކޮންމެ މީހަކަށް ވެސް ލިބުނީ ބޮޑު ސިހުމަކާއި ބިރުވެރިކަމެކެވެ. މިފަދަ ވަރުގަދަ ރާޅުއެރުމެއް މީގެ ކުރިން ދިވެހިން ތަޖުރިބާކޮށްފައިވާ ކަމެއް އެނގޭކަށް ނެތެވެ.

އަލަށް ވިނަ އިންދައިގެން ހަދާފައިވާ ކްރިކެޓް ދަނޑުގައި މިއަދު މެޗެއް ކުޅެން ހުރި ކުޅުންތެރިޔަކު ބުނި ގޮތުގައި އޭނާ އަށް ފެނުނީ ކަނޑުގެ ލޮނުގަނޑު "މައްޗަށް އަރަމުން އަންނަ ތަނެ"ވެ.

"އިސާހިތަކު މުޅި ތަނުގައި ފެން ބޮޑުވެއްޖެ،" އޭނާ ބުންޏެވެ.

އޭނާއާ އެކު ހުރި އެހެން ކުޅުންތެރިޔަކު ބުނީ "މިކަމުން މި އެނގެނީ ކަމެއް ވާން ވެއްޖެ ނަމަ ހިނދުކޮޅެއް ވެސް ނުނަގާނެ ކަމެ"ވެ.

ހުޅުމާލޭގައި ދިރިއުޅޭ ދެ އަންހެން ކުއްޖަކު ހެނދުނު ފްލެޓުން ނުކުމެގެން ދިޔައީ ކުނި އުކާލާށެވެ. އޭރު ފުއްޓަރު އޮތީ ހިކިކޮށް ގާތައް ވެސް ފެންނާށެވެ.

"ހަމަ ކުއްލިއަކަށް ރާޅު ބޮޑުވެ އަރަން ފެށީ،" އޭގެ ތެރެއިން އެކަކު ބުންޏެވެ.

"އަހަރެމެން ދުއްވައިގަތީ. ފްލެޓަށް ވަދެވުނީ ވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްގެން. ހީވަނީ ލޮނުގަނޑު ތެރޭގައި ދަމާފައި ގެންދާހެން. އެހާ ވެސް ބާރު ހުރި."

މާލޭ ދެކުނު ކޮޅުގައި ހުރި މިފްކޯ އިމާރާތުގައި ހަދާފައިވާ ޖީ ސިކްސް ރެސްޓޯރެންޓްގައި ނާސްތާ ކުރަން އިން އަބްދުއް ރަޝީދު (އަބުސީ) އާއި އޭނާގެ ބައިވެރިންނަށް ކުއްލިއަކަށް ފެނުނީ ސައިކަލްތައް ވެއްޓޭ ތަނެވެ. ލޮނުގަނޑު މުޅި ތަން ދޮވެލީ ހައިރާންވާހާ އަވަހަށެވެ.

ސްޓެލްކޯ ކައިރީގައި ހުރި ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑްގައި ސައިކަލަށް ޕެޓްރޯލް އަޅަން އަލީ ސަލީމް (ބްލޭ) ހުއްޓެވެ.

"ކުރިމަތިން ފެންނަން ފެށީ ލޮނުގަނޑު އުފުލެމުން ދާ ތަން. އިސްކޮޅަށް ވުރެ މައްޗަށް އަރާފައި މުޅި ތަނަށް އަރައިގެން ދިޔައީ،" ލޮނުގަނޑު ތެރޭގައި އުޅެނިކޮށް ފައިގެ ކަށިމައްޗަށް އަނިޔާ ވެސް ލިބުނު ބްލޭ ބުންޏެވެ.

"މުޅި ތަން ލޮނުން ފުރި އެތާ ހުރި ފީފާތަކާއި އެއްޗެހި އޮޔާ އެކު އެއްގަމަށް އަރައިގެން ދިޔައީ."

މާލޭ ދެކުނު ކޮޅު ތޮށިގަނޑާ ވަރަށް ކައިރީގައި ހުރި "ހަވީރު" އޮފީހަކީ ލޮނުގަނޑު އެންމެ ފުރަތަމަ ބޮޑުވި އެއް ސަރަހައްދެވެ.

ރާޅު އެރުމާ އެކު ހަވީރުގެ ބައެއް ރިޕޯޓަރުން އެކި ހިސާބުތަކަށް ދިޔަ އިރު އާންމުންގެ މޫނުމަތިން ފެނުނީ ހައިރާންކަމާއި ކަންބޮޑުވުމެވެ.

"މީހުން ތިބީ ހަމަ ޝޮކެއްގައި. ބައެއް މީހުން ގުޑާލާން ވެސް ނޭނގިފައި ތިބިހެން ހީވަނީ،" މާލޭގެ އެކި ތަންތަން ފޮޓޯ ނަގަމުން ދިޔަ ހަވީރުގެ ރިޕޯޓަރަކު ބުންޏެވެ.

"މީހުންނަކަށް ގަބޫލެއް ވެސް ނުކުރެވޭ މިހާ ކުއްލި ގޮތަކަށް ލޮނު އަރާފާނެއޭ."

މިއަދަކީ އީރާނުގެ ތާރީޚީ ސިޓީ ބާމް އަށް ބިންހެލުން އައިތާ އެއް އަހަރު ފުރުނު ދުވަހެވެ. އެ ބިންހެލުމުގައި 30،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އާންމުންނަށް ލިބުނު ބިރުވެރިކަމާއި ނަފުސާނީ މައްސަލަތައް އަދިވެސް ފިލައިގެންނެއް ނުދެ އެވެ.

މިއަދުގެ މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ބައެއް ދިވެހިންނަށް ވެސް މިފަހަރު ވަރަށް ބޮޑު ޝޮކެއް ލިބޭނެ އެވެ.

"އެއީ ސިފަކުރަން ވެސް އުނދަގޫ މަންޒަރެއް،" ޒުވާން ފިރިހެން ކުއްޖަކު ބުންޏެވެ.

މި ރިޕޯޓްގެ ލިއުންތެރިންނާ ބެހޭ
މޫސާ ލަތީފް (ކ) އާއި އާދަމް ހަލީމް.

މޫސާ ލަތީފަކީ "މިހާރު"ގެ އެޑިޓަރެވެ. ސުނާމީ އެރިއިރު އޭނާ ހުންނެވީ "ހަވީރު"ގެ އެކްޓިން އެޑިޓަރުގެ މަގާމުގަ އެވެ. "ހަވީރު" ނެރުން މިވަގުތު ހުއްޓާލާފައި ވިޔަސް، އަދިވެސް އެ ނޫހުގެ އެޑިޓަރުގެ މަގާމުގައި ހުންނެވީ މޫސަ އެވެ.

އާދަމް ހަލީމަކީ މިހާރު "އަވަސް"ގެ ޗީފް އެޑިޓަރެވެ. ނޫސްވެރިކަމުގައި އޭނާ އުޅުއްވާތާ 25 އަހަރު ވެއްޖެ އެވެ.