ރިޕޯޓް / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

ގޮތް ހުސްވެ އެހީ އަށް އެދުން، ހިތްދަތި ހާލަތެއް

މާލެ އިން މިދިޔަ އަހަރުގެ އީދު ބަންދަށް ފުރި ބޯޓެއްގައި މީހުންތަކެއް: ކުރިމަތިވެފައި މިވާ ކޮވިޑުގެ ބަލިމަޑުކަމުގައި ގިނަ ބަޔަކު ދަނީ ހިތްދަތި ދުވަސްތަކެއް ގުނަމުން. --ފޮޓޯ/މިހާރު

މާލޭގައި ކާނެ އެއްޗެއް ނުލިބި، ހާލުގައި ޖެހިގެން އެހީ އަށް އެދޭ އާއިލާތައް ދަނީ އިތުރުވަމުންނެވެ. މީގެ ތެރެއިން ޖެންޑާ މިނިސްޓްރީން ކޮންމެ ދުވަހަކު ކާބޯތަކެތި ފޯރުކޮށްދޭ މީހުންގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ވަޒީފާ ގެއްލި ކުރިމަތިވި ހާސްކަމުގައި ގިނަ ބަޔަކު މަގުމަތިވީ އެވެ. އިތުރު ތަކުލީފަކަށް ވީ ކުލި ދެއްކޭނެ ގޮތެއް ނެތިފައި ތިއްބައި ގެއިން ނެރެނޭތީ އެވެ. މި އަދަދު ވެސް ދަނީ މަތިވަމުންނެވެ. ދިރިއުޅޭ ތަނުގެ ކުލި ނުދެއްކިގެން ޖެންޑާ މިނިސްޓްރީގެ އެހީ އަށް މިހާތަނަށް 220 މީހަކު އެދިފައިވެ އެވެ. ދެ ދުވަސް ތެރޭގައި ހަތަރު އާއިލާއެއްގެ 26 މީހަކު ވެސް ގެއިން ނެރެލާފައި ވެސް އެބަހުއްޓެވެ. މި ހާލު ޖެހުނު ގިނަ ބަޔަކު ތިބީ މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

މާލޭގައި ކުއްޔަށް އުޅުނު ތަނާއި ގެންގުޅުނު ތަކެތި ދޫކޮށްލައި، ރަށަށް ފޮނުވައިދޭން ވެސް ގިނަ އާއިލާތަކުން އެބަ އެދެ އެވެ. ބަންދުވެ ތިބެން ޖެހުމުން ނުކުންނަ ތަފާތު މައްސަލަތައް ވެސް އިންތިހާ އަށް މައްޗެވެ. ކޮންމެ ދުވަހަކު ޖެންޑާ މިނިސްޓްރީގެ 1421 ނަންބަރަށް 600 އަށް ވުރެން ގިނަ މީހުން ގުޅަ އެވެ. މީގެތެރެއިން އެންމެ ބޮޑު އެހީތެރިކަން ބޭނުންވާ މީހުންގެ ކަންކަން މިނިސްޓްރީން އަންނަނީ ގާތުން ބަލަމުންނެވެ.

ޖެންޑާ މިނިސްޓްރީން އާއްމުކުރި މި މައުލޫމާތުން އެނގެނީ، ގޮތް ހުސްވެ ވަރަށް ހާލުގައި އެތައް އާއިލާއެއް ތިބި ކަމެވެ. ކަންބޮޑުވުމަކީ މި އަދަދު މަތިވަމުން ދިއުމެވެ. މިދިޔަ އެޕްރީލް މަހުގެ 15 އިން މިހާތަނަށް މިނިސްޓްރީން 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އެންމެ ބޮޑު ހޭދައެއް ކުރަން ޖެހުނީ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދޭށެވެ. ވަންނާނެ ތަނެއް ނެތުމުން މިނިސްޓްރީން ބަލަހައްޓަން ޖެހޭ އަދަދު ވެސް ދަނީ މައްޗަށެވެ.

މާލެއަކީ ކުރިން ވެސް އިޖުތިމާއީ މައްސަލަތަކުގެ ހާއްޔެކެވެ. ކުރިމަތިވި ބަލިމަޑުކަމުގެ މި ހާލަތާ އެކު ކޮންމެ ދުވަހަކު ތިލަވަނީ، އަހަރުތަކެއް ވަންދެން އަޅާނުލެވި ފުނިޖެހިފައި ހުރި މައްސަލަތަކުގެ އެންމެ ސީރިއަސް ހާލަތެވެ. ލޮކްޑައުންއާ އެކު ޖެންޑާ މިނިސްޓްރީން ކުރިން ލަފާކުރި ވަރަށް ވުރެން ވެސް މި ހާލަތު ފެންނަނީ ގޯސްކޮށެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ކުރިމަތިވި މައްސަލަތަކަށް ހައްލު ހޯދަން އަންނަނީ މަސައްކަތް ކުރަމުން.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ "މިހާރު"އަށް ވިދާޅުވީ އެ މިނިސްޓްރީން ވެސް ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން އަދި އިޖުތިމާއީ ރައްކާތެރިކަމަށް ކުރަމުން އައި މަސައްކަތުގައި، ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިވީ މުޅިން އާ މައްސަލަތަކެއް ކަމަށެވެ. އިޖުތިމާއީ އެ މައްސަލަތަކަށް އަވަސް ހައްލުތަކެއް ކަމާ ގުޅޭ އިދާރާތަކުން ހޯދަން ޖެހިފައިވާ ކަން ފާހަގަކުރެއްވި އެވެ.

ފެންމަތިވި ގިނަ ކަންކަމުގެ ވަގުތީ ހައްލުތަކެއްގައި ޖެންޑާ މިނިސްޓްރީ މިވަގުތު ތާށިވިޔަސް މިނިސްޓަރުގެ ވިސްނުމަކީ ކަމާ ބެހޭ އިދާރާތަކާ އެކު މިކަންކަމަށް ހައްލު ހޯދުމެވެ. އެއީ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ދިގު މުއްދަތަކަށް އެކަށައެޅޭ ހައްލުތަކަކަށް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފުރަތަމަ ދުވަހުން ފެށިގެން ހިތްދަތި މަންޒަރުތަކެއް

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެ އިން ފެނުމުން އެޕްރީލް 15ގައި މާލެ ލޮކްޑައުންކުރީ ކުއްލި ގޮތަކަށެވެ. ކަމާ ބެހޭ އިދާރާތަކުން ދިން މަދު ވަގުތުކޮޅުގައި، ގިނަ ބަޔަކު ގެތަކަށް ވަދެ ނިމުނު އިރު މާލޭގެ މަގުމަތިން ފެނުނީ ހިތްދަތި މަންޒަރުތަކެކެވެ. އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި ބިދޭސީންތަކެއް ވަންނާނެ ތަނެއް ނެތި މަގުމަތިވެފައި ތިބި ތަނެވެ.

އެ މައުލޫމާތު ޖެންޑަ މިނިސްޓަރު އައިޝާ އަށް ލިބިވަޑައިގަތީ ފުލުހުންގެ ފަރާތުންނެވެ. ސޯޝަލް ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސް، މަޝްވަރާކޮށް ހޯދުނު ހައްލަކީ މަގުމަތިވި މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައިދިނުމެވެ. ހުރިހާ ކަމެއް ދައުލަތުން ބަލަހައްޓާ ގޮތަށް އެ މީހުން ބޭތިއްބީ އިމާދުއްދީން ސްކޫލްގަ އެވެ.

"ފުރަތަމަ ދެ ދުވަހު އެކަނި ވެސް މަގުމަތިވެފައި ތިބި 70 މީހުން ގެނައި. އަޅުގަނޑުމެން އެސެސްކޮށް ބަލާލި އިރު އޭގެ ތެރޭގައި ތިބި ވަރަށް ގިނަ ދުވަހު މާލޭގެ މަގުމަތީގައި އުޅެފައި ތިބި މީހުން. މުސްކުޅިން ވެސް ތިބި. ބަލި މީހުން ތިބި. އަޅުގަނޑުމެންނަށް ޖެހުނު ހާލު ބޮޑު މީހެއްގެ އޮޕަރޭޝަނެއް ވެސް ކުރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަދަދު އިތުރުވެ، 340 މީހުން މިނިސްޓްރީން ބަލަހައްޓަން ޖެހުނެވެ.

ބްރިޖް ކައިރީގައި ބަޔަކު ވާހަކަ ދައްކާލަން މަޑުކޮށްލައިގެން: ހާލުގައި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން--. ފޮޓޯ: ނިޝާން އަލީ/މިހާރު

އޭގެތެރޭގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ގިނަ ބަޔަކު ތިބުމާ އެކު މާލޭގައި ވަގުތީ ޑިޓޮކްސް ސެންޓަރެއް ގަލޮޅު ދަނޑުގައި ހަދަން ޖެހުނެވެ. ޑިޓޮކްސް އަށް ދާން ބޭނުންވި ގިނަ ބަޔަކަށް ވަނީ އެކަން ފަހިކޮށްދީފަ އެވެ. މި ސެންޓަރު ހިންގަން ފެށުމާ އެކު، މާލޭގެ ގެތަކުން މައިންބަފައިން ގުޅައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ހަވާލުވާން ވެސް ޖެންޑަ މިނިސްޓްރީގައި އެދުނެވެ.

އެ ސެންޓަރުގެ ޖާގައަކީ އެއްފަހަރާ 40 ޖާގަ ކަމަށް ވާތީ އެދުނު އެންމެން މިނިސްޓްރީއަކަށް ނުގެންދެވުނެވެ. މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި، މިނިސްޓްރީއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ބަޔަކީ ޖާނީ އެވެ.

"މައިންބަފައިންނާ ވާހަކަ ދައްކައި ބޭހާ އެކު ހަވާލުކުރީ އެއް ބަޔަކު ގޭގައި ބައިތިއްބައިގެން ބޭސްދީގެން ފަރުވާ ކުރިއަށް ގެންދަން،" އައިޝާ ވިދާޅުވި އެވެ.

އެންމެ ބޮޑު ދައްޗަކަށް މިނިސްޓްރީ އަށް ދެން ކުރިމަތިވީ، ބޭހާއި ޒަރޫރީ އެހެން ބޭނުންތަކަށް މާލެ އައިސް ތިއްބައި ލޮކްޑައުންކުރުމުން އެނބުރި ރަށަށް ނުދެވި ތާށިވި މީހުންގެ މައްސަލަތަކެވެ. ގެސްޓްހައުސްތަކާއި ގޭގޭގައި ދުވަހު ކުއްޔަށް އުޅެމުން އައި މީހުންގެ އަތްމަތި ހުސްވީ އެވެ. ނުވަތަ އަތުގައި ހުރި މަދު ފައިސާކޮޅު ދީފައި ތަންތަނުގައި ކުއްޔަށް ތިބެން ބޭނުން ނުވީ އެވެ. މިނިސްޓްރީން މި މީހުންނަށް އެހީތެރިވީ ކާބޯތަކެތި ފޯރުކޮށްދީގެންނެވެ.

"މިއަދާ ހަމައަށް ވެސް ނުފުރި، ހާލުގައި ތިބި އެންމެންނަށް އެކަން ކުރަމުން މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުގައި ނެތް ގިނަ ބަޔަކު ވެސް ކާބޯތަކެއްޗަށް އެދި އެ ތަނާއި މާލެ ސިޓީ ކައުންސިލަށް ގުޅަ އެވެ. އެހާ ގިނަ ބަޔަކު އެދޭތީ ކާބޯތަކެތި ފޯރުކޮށްދެނީ އެސެސްމެންޓެއް ހެދުމަށް ފަހު އެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަނީ: ގިނަ ބަޔަކު ތިބީ މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައި.- ފޮޓޯ -- އަހުމަދު އަވްޝަން/މިހާރު

ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން އެކަނި ވަނީ 45،000 މީލް ޕެކް އެކި މީހުންނަށް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ވެސް އަންނަނީ ހާލުގައި ތިބި މީހުންނަށް، މެދުކެނޑުމެއް ނެތި މިގޮތަށް އެހީވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވާން ފެށިއިރު، އެ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދަން ޔުނިސެފުން މާލީ އެހީ ދިނެވެ. އޭގެ ފަހުން ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ އާއި ކެނޭޑިއަން ފަންޑުން 1.5 މިލިއަން ރުފިޔާގެ އިތުރުން، ހެޔޮ އެދޭ ދިވެހިން ވެސް ފައިސާ އާއި އެހީގެ ތަކެތި ފޯރުކޮށްދިނެވެ.

ކުލި ނުދެއްކިގެން ނެރެލާ އަދަދު އިތުރުވަނީ!

މި މައްސަލަތަކުގެ ތެރެއަށް އިތުރުވި ގޮންޖެހުމަކީ، މިނިސްޓަރު އައިޝާ ވިދާޅުވި ގޮތުގައި، ކުލި ނުދެއްކިގެން އާއިލާތައް ގެއިން ނެރެލުމެވެ. ކުޑަކުދިންނާ އެކު ބަޔަކު މަގުމަތިވުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ކުއްޔާ ގުޅިގެން ގެއިން ނެރެލުމަކީ ހައުސިން މިނިސްޓްރީގެ އަޅާލުން ބޭނުންވާ މައްސަލައަކަށް ވިޔަސް ޖެންޑާ މިނިސްޓްރީން އެކަމުގައި އެހީވަނީ އޭގެތެރޭގައި، އަތޮޅުތަކުގެ މީހުން ވެސް ހިމެނޭތީއާ އެކު އެއްވެސް މީހަކު މަގުމަތިވިޔަ ނުދޭށެވެ. އެއްވެސް މީހަކު މަގުމަތީގައި ކާން ނުލިބި ސަލާން ޖަހަން ނުޖެހޭވަރު ކުރެވޭތޯ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަން އައިޝާ ފާހަގަކުރެއްވި އެވެ.

ގެއިން ނެރެލާ މީހުން ބައިތިއްބާފައި ތިބީ ދަނާލުގަ އެވެ. އެއީ، ކުޑަކުދިން ވެސް ތިބުމާ އެކު ސްކޫލެއް ފަދަ ތަނެއްގައި ބޭތިއްބުން ރައްކާތެރި ނުވާނެތީ އެވެ. މީގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމް އެލްޖީއޭއާ ގުޅިގެން އަންނަނީ ހަމަޖައްސައިދެމުންނެވެ.

އަޅުގަނޑަށް އެބަ ފާހަގަކުރެވޭ، ވޭތުވެދިޔަ ދެތިން ހަތަރު ދުވަހަކު [ގެއިން ނެރެލާ] މި އަދަދު އިތުރުވަމުންދާ ކަން. މިކަމަށް ހޯދާނީ ކޮން ހައްލެއްތޯ ބަލަން ހައުސިން މިނިސްޓްރީއާ އެކު ވެސް އަޅުގަނޑުމެން މަޝްވަރާކޮށްފިން.

ކުލި ނުދެއްކިގެން ގެއިން ނެރެލާ މީހުންގެ މައްސަލަތަކަށް ހައްލު ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލް ފާސްވެއްޖެ ނަމަ ކޮންމެވެސް ވަރެއްގެ ހައްލަކަށް ވެދާނެ އެވެ. މިނިސްޓަރުގެ އުއްމީދަކީ ވެސް އެ އެވެ.

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް: މިތަނަކީ އިޖުތިމާއީ އެތައް މައްސަލައެއްގެ ހާއްޔެއް.--ފޮޓޯ/މިހާރު

އަވަސް ހައްލަކަށް ދާން ޖެހޭ އެތައް ކަމެއް

ގިނަ ބައެއްގެ އުދާސްތައް އަޑުއެއްސެވި މިނިސްޓަރު އައިޝާ އަށް ފާހަގަކުރެއްވުނު އެއް ކަމަކީ، މާލޭގައި ދިރިއުޅުމަށް މުޅި އުމުރު މަސައްކަތުގައި ހޭދަކުރާއިރު ވެސް އަތުގައި ލާރި ރައްކާކުރެވިފައި ނުހުންނަ ކަމެވެ. ގިނަ ބަޔަކު ބޭނުންތައް ފުއްދަނީ، އެ މަހަކު އެ ލިބޭ އެއްޗަކުން ކަމަށް ވުމަކީ މި ހިތްދަތި ހާލުގެ ތެރެއަށް އެތައް ބަޔަކު ގެނބިގެން ދިޔަ އެއް ސަބަބު ކަމަށް ވިދާޅުވި އެވެ.

"ވަޒީފާއެއް ނެތި ދެތިން ހަތަރު މަހު އުޅެލެވޭނެ އެއްވެސް ގޮތެއް ގިނަ ބަޔަކަށް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތަށް އަޅުގަނޑަށް ފާހަގަކުރެވުނީ. ޕެންޝަންގެ އިތުރަށް ވަޒީފާތަކުގައި ވެސް މީހުންނަށް ފަހަށް ރައްކާކުރެވޭނެ ސްކީމްތައް ފަދަ ކަންކަން އެބަ އޮންނަން ޖެހޭ. އެއީ ކުއްލި ހާލަތެއް، ބައްޔެއް ދިމާވެއްޖިއްޔާ ވެސް މިސާލަކަށް އާސަންދައިގެ އިތުރުން ނަމަވެސް،" އައިޝާ ވިދާޅުވި އެވެ.

"ސޯޝަލް ހައުސިންއަކީ އަނެއްކާވެސް ސަރުކާރުން ވިސްނަން ޖެހިފައި އޮތް ބޮޑު މައްސަލައެއް. ކިހިނެއްތޯ ސޯޝަލް ހައުސިން އަތޮޅުތަކަށް ގެންދާނީ ވެސް، ރަށަށް ގޮސް ގެ އަޅާނެ ހާލަތު ނެތް މީހުން ގިނައީ."

ހިތްދަތި ހާލު ކުރިމަތިވި އާއިލާތަކުގެ ތެރެއިން ވެސް ގިނަ ބަޔަކަށް އަނބުރާ ރަށަށް ނުދެވޭނެ ސަބަބުތަކެއް ވެސް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެތެރޭގައި ކެންސަރު ފަދަ ބަލިތަކާއި ޑައިލިސިސް ހެދުން ފަދަ ކަންކަމަށް މާލޭގައި ތިބެން އެއް ބަޔަކަށް ވަނީ މަޖުބޫރުވެފަ އެވެ.

މިކަމުގައި އޮތީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މީހުން މަދު ކުޑަ ރަށެއްގައި އުޅެން ޖެހުނު ކަމަށް ވިޔަސް ސިއްހީ ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ފަރުވާ ލިބޭނެ ކަމުގެ ކަށަވަރުކަން އޮތުމެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ފަރުވާގެ އިތުރުން ތައުލީމާއި އެހެން ކަންކަމުގައި ވެސް މާލެ އަށް ބަރޯސާވުން ކުޑަކުރަން އަވަސް ފިޔަވަޅު އަޅަން ޖެހިފައިވާ ކަން މި ހާލަތުން ލިބުނު ފިލާވަޅުތަކުން ސާފު ކަމަށެވެ. އެ ފިލާވަޅުތަކުން، މިނިސްޓްރީ އަށް އަދާކުރަން ޖެހުނު ޒިންމާއަށް އިތުރަށް ވިސްނައި ހައްލުތަކަކަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"އަޅުގަނޑުމެން މިހާރު އިސްކަން މިދެނީ އެކަކު ވެސް މަގުމަތިވިޔަ ނުދީ، ކާބޯތަކެއްޗަށް ސަލާން ޖަހަން ނުޖެހި މި ހާލަތުގައި ވާނެ ގޮތްތަކެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

109 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 68%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

05 June 2020

ކުލީގެ މައްސަލައާއި ބަންގާޅިންގެ މައްސަލަ އަކީ، ގަސްދުގައި އެގޮތަށް ބާއްވާފައިއޮތް ކަންކަމެވެ. މެންބަރުންނާއި އިސްމަގާމުތަކުގެ މުސާރަކަނޑައަޅަންވީމާ ސިންގަޕޫރުފަދަ ގައުމުތައްކުން މިސާލުނަގާއިރު ކުލީގެމައްސަލައާއި ބަންގާޅިންގެ މައްސަލަ މި ގައުމުތަކުގައި ހައްލުކުރާގޮތް ނުބަލަނީ ގަސްދުގައިނޫންހެއްޔެއެވެ. ކުލީގެ ގާނޫނެއް ހަދައިފިނަމަ ޖީބައްވަންނަވަރު މަދުވަނީއެވެ. ބަންގާޅިންގެ ކަންކަން ހަމަޔަކަށް އަޅުވައިފިނަމަ އިސްފަރާތްތަކުގެ ބިޒުނަސް ހުއްޓެއެވެ.

The name is already taken The name is available. Register?

ރިހި ރާންބާގަސް

04 June 2020

މާލެއާއި އެއްފެންވަރަށް ރާއްޖެތެރެވެސް ތަރައްގީކުރަންވީ! ދަރިންނަށް ކިޔަވައިދިނުމާއި ސިއްހީ ރަނގަޅުހިދުމަތް އަތޮޅުތެރޭގެ ކައިރި ރަށްރަށުންވެސް ލިބޭނެގޮތްހަދަންވީ! ދުނިޔެ އިލެކްޓްރޯނިކް ސިސްޓަމަށް ބަދަލްވާއިރު އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފުޅާކުރަންވީ

The name is already taken The name is available. Register?

ސދފދ67

04 June 2020

ތިޔަ ބިލް އަވަހަށް ފާސްކޮށްބަލަ. މިފަދަ ދަޑިވަޅެއްގައި ކުލި ނުދައްކައިގެން ނެރެލުން މަނާކުރަން އެބަޖެހޭ. އެއީ ކުށަކަށް ހަދަން އެބަޖެހޭ!

The name is already taken The name is available. Register?

މަޝްރިގާއި މަޣްރިބު

04 June 2020

މިހާލުގަވެސް އަމިއްލަ ރަށަށްދާން ހުއްދަ ނުލިބި ހަމަ ތިބެންވީއްޔޯ މިވެސް ހަމަ ސަރުކާރުގެ ހެއުފުޅު ކަމަޭ ބުނަންވީއްޔޯ ސަރުކާރުން އޮތީ ހަސީނާގެ މީހުންނަށް ކަމޭ ހިތުން

The name is already taken The name is available. Register?

ދޮންއަލީ

04 June 2020

ރަށްފުށުގެ ރައްޔިތުންގެ އިޙްސާސްތައް ރަނގަޅަށް އެނގޭ ބަޔަކު ވެރިކަމަށް އައި ދުވަހަކުންނޫނީ މިފަދަ ނާތަހުޒީބު ކަންކަމަށް ޙައްލެއް ނުލިބޭނެ. އެދުވަހަކުން އަހަރެމެން ނުޖެހޭނެ މާލޭމީހުންގެ ފައިބުޑަށް ވެއްޓެން އަންނާކަށް.

The name is already taken The name is available. Register?

މުހައްމާ

04 June 2020

މިމާލޭގައި އަމިއްލަ ގެދޮރު، ދުލުކުރިޔަށް އައިހާބޮޑު ޢަދަދެއްކިޔައި، އާމްދަނީ ހޯދުމަށާއި ދަރިންނަށް ކިޔަވައިދިނުމަށް ރަށްރަށުން މާލެއައިސް އުޅޭ މީހުންނަށް ކުއްޔަށްދީގެން ޖީބުފުރަމުން ދާއިރު، މިފަދަ ބައެއް މީހުންނަކީ އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއް ވެސް ހިތުގަނެތް ޖާހިލު ބައެއް. ކުލިކުޑަކޮށްފަ ދިނަސް އެފަދަ ގޭގެއިން އެއްވެސް ބަޔަކު ތަންތަން ކުއްޔަށް ނުހިފުމަށް ގޮވާލަން. ޙާލުގައި ޖެހުނު މީހުން އެފަދަ ގޭގެ ހާމަކޮށްލާނަމަ ސަޅިވާނެ

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

03 June 2020

ކުލީގެ މައްސަލައިގަ ހުރހާއެންމެން ޢަމަލުކުރަނީ އެއް އުޞޫލަކުން ނޫން. ކުލި ކުޑަކޮށް ދިން މީހުން އެބަ އުޅޭ. ކުލި މަޢާފް ކޮށްދިން މީހުންވެސް އެބަ އުޅޭ. ލިބޭ ހުރިހާ ފައިސާއެއް, ފަހަށް ރައްކާކުރުމެއް ނެތިތަޅާ ބުރުވާލީމަ ޙާލުގަ ޖެހުނު މީހުންވެސް އެބަ އުޅޭ.

The name is already taken The name is available. Register?

ބޮޑުމީހާ

03 June 2020

ހައްލަކީ އެއްފަސްކުރުން. ހައްލަކީ ސިޔާސީ މީހުން ކައިރީ ސަލާން ނުޖަހާ އެމީހުންނަށް ސަނާ ނުކިޔައި ޒިންމާދާރުކުރުން. ހައްލަކީ ދީންވެރި ތައުލީމީ މީހުން އިސްމަގާމުތަކަށް ހޮވުން. ބާރު އޮތީ ރައްޔިތުންގެ އަތުގަ

The name is already taken The name is available. Register?

ސަލީމު އިދުރީސް

04 June 2020

ހައްލަކީ އެއްފަސް ކުރުމެއްނޫން އެއްފަސްވެފަ މާލެ އެއޮތީ! ހައްލަކީ މީހުން އުޅޭރައްތަކުގަ އުފެއްދުން ތެރިކަން އިތުކުރަން އިންވެސްޓު ކުރުން

The name is already taken The name is available. Register?

ބޮޑުމީހާ

04 June 2020

މާލެއަކީ އެއްފަސް ނޫން. 200 ރަށް ތަރައްގީ ނުވާނެ. ކޮންމެ އަތަޅަކުން ރަށެއް ތަރައްގީކޮށް އަތޮޅު އެންމެން ބަދަލުކުރުމަށް އެއްފަސްކުރުން މިކިޔަނީ

The name is already taken The name is available. Register?

ފޫހި

03 June 2020

މާލޭ ދިރިއުޅުމަކީ ނިމުމެއްނެތް ހިތްދަތި ފެށުމެއް. އުމުރު ހޭދަވާނީ ކޮންކްރީޓް ކުޑަ ކޮޓަރިއެއްގައި ކުލީގެ އަޅުންގެގޮތުގައި. ސަރުކާރުތަކުން ހިޖްރަކުރި އަތޮޅުތެރޭމީހުންނަށް ދުވަހަކުވެސް މި މާލޭ އޭރިޔާއިން ބިންކޮޅެއް ނުދޭނެ ބަންގާޅީންނަށް ދިނަސް. ސަރުކާރު އިހްލާސްތެރިނަމަ މިދަނޑިވަޅުގައި އަމިއްލަ ރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެވެއަރނެސް ޕްރޮގްރާމެއް ހިންގާނެ. ޢަދި އެމީހުން އެނބު ރަށަށް ގޮސް ދިރިއުޅުން އަލުން ފެށުމަށްޓަކައި ހަމަޖައްސައި ދޭންޖެހޭކަންކަން ހަމަޖައްސައިދީ ސެޓްލްމެންޓް އެލަވަންސަކަށް 50000 ހާސް ރުފިޔާ ދިނުންރަނގަޅު

The name is already taken The name is available. Register?

ތެދު

03 June 2020

އަހަންނަކީ ވެސް ރަށެއްގެ މީހެއް. މާލޭގައި މުޅި އުމުރުހެން މިހޭދަކުރީ. މިހާރު 50 އަހަރުން މަތިވީ. މިހާރު ސަރުކާރުން ފްލެޓެއް ވަނީ ލިބިފަ. އެކަމަކު ހާސްކަން ކުޑައެއްނޫން. ފްލެޓަށް 7350 ރުފިޔާ ދިނުމުން މުސާރައިން އޮންނާނީ 500 އެއްހާ ރުފިޔާ. ދަރިން އަދި ވަޒީފާއަކަށްނުދޭ. ދެން އުޅެންޖެހެނީ އެތައްމަސައްކަތެއްކޮށްގެން. ފަސްއެނބުރި ރަށަށް ބަލާލާއިރު މިހާރުހިތަށްއަރާ ރަށުގައި ދިރިއުޅުނުނަމަ މާރަނގަޅުވީހޭ. އޭރުން ރަށިގައި ގެއެއްވެސް އެޅުނީހޭ ކުއްޔަށް މިހުރިހާދުވަހު ހޭދަކުރި ފައިސާއިން. ޢަދި މުސްކުޅި ވީދުވަހު ކުއްޔެއް ނުދައްކާ އަރާމުގައި އަތިރިމަތީ ފިނިވައިޖައްސާލާ އަޅުކަންކޮށްގެން ގޯތި ތެރޭ ގަސްހައްދާލައިގެން އުޅެވޭނޭ.

The name is already taken The name is available. Register?

ލުތުފީ

03 June 2020

ތީވަރަށް ރަގަޅުވާހަކައެއް. މާލޭ އަންނަންޖެހުނު ސަބަބުތަކެއްވެސް ހުންނާނެ. އަދިވެސް އެނބުރި ރަށަށްދެވޭނެ ބޭނުމިއްޔާ. މީގައޮތީ އެމީހަކު އަމިއްލަޔަށް ނިންމާ ނިންމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454