އިރުޝާދު އެކަން ކޮށްފި، ދެން ވެސް ކިޔެވުމުގައި

އަތުން އެހާ ބޮޑު ހަރަކާތެއް ނުކުރެވެ އެވެ. ހިނގުމުގެ ނަސީބުން ވަނީ މަހުރޫމްވެފަ އެވެ. އެއީ ކިޔެވުމަށް އޮތް ހުރަހެއް ކަމަށް ދެކޭ ނަމަ އިރުޝާދު ގާސިމް މިއަދު އޮންނާނީ އެނދުމަތިވެފަ އެވެ. އެކަމަކު އެ ގޮންޖެހުންތަކާ އެކު ވެސް އުފަން ރަށް، ށ. މަރޮށިން މިދިޔަ އަހަރު އޯ ލެވެލް ނިންމާލީ، އިމްތިހާނު ހެދި އަށް ކުދިންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ތިން ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.


ނުހިނގޭ ކުއްޖަކަށް ވުމުން ކިޔަވައިދީގެން ވާނެ ފައިދާއެއް ނެތް ކަމަށް ބުނެ އިރުޝާދަށް ބައެއް މީހުންނާއި ބައެއް ކުދިން މަލާމާތް ވެސް ކުރި އެވެ. އެކަމަކު އެ ފާޑުކިޔުންތަކަށް ބީރުކަންފަތެއް ދީ، ކުރިއަށް ދެވެން ހުރި ވަރަކުން ކިޔަވައިދޭން މަންމަ، ނަސީމާ އުސްމާން ހުރީ ތައްޔާރަށެވެ. އުމުރުން ގާތްގަނޑަކަށް ދިހަ އަހަރުގައި ނުހިނގެން ފެށުމުން ސްކޫލަށް އެންމެ ފުރަތަމަ ގެންދިޔައީ ބަރޯގަ އެވެ. ފުރޮޅުލީ ގޮނޑި ލިބުނީ އޭގެ ފަހުންނެވެ.

އެކަމަކު ރަށުގެ ގިނަ ބައެއްގެ ހީކުރުންތަކާ ހިލާފަށް، ކިޔެވުމުގެ ފުރަތަމަ 10 އަހަރު، އިރުޝާދު ނިންމާލީ ކާމިޔާބުކަމާ އެކު އެވެ. އޯ ލެވެލްގައި ފަސް މާއްދާއިން ރަނގަޅަށް ފާސްވި އެވެ. އޭގެ ތެރެއިން ދިވެހިން އޭ ސްޓާ ހޯދި އެވެ. އެ ނަތީޖާތަކާ އެކު އޭ ލެވެލްއަށް ކިޔަވަން މާލެ އައިސް މިހާރު އޭނާ އަކީ ސީއެޗުއެސްއީގެ ދަރިވަރެކެވެ. އެހެންކަމުން އޭނާގެ ކިޔެވުން ދެން ވެސް އެ އޮތީ ކުރިއަށެވެ.

އިރުޝާދު ބުނިގޮތުގައި އޯ ލެވެލްއާ ހަމައަށް ކިޔެވުމުގައި ކްލާސް ކުދިންނާއި ޓީޗަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. އެކަންކަމުން ހިތްވަރު ލިބިގަނެ، އޭ ލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަކީ ވަރަށް ބޮޑު އަމާޒެކެވެ.

އިރުޝާދު، ސީއެޗުއެސްއީގެ ކްލާހުގައި ކިޔަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނުހިނގުމުގެ އިތުރުން ވެސް އިރުޝާދަށް ޖިސްމާނީ އެހެން އުނދަގޫތަކެއް ކުރިމަތިވެ އެވެ. އޭގެ ތެރޭގައި ކަނދުރާ ހަރުނުލުމާއި އަމިއްލައަށް ފައިގެ އެއްވެސް ހަރަކާތެއް ނުކުރެވުން ހިމެނެ އެވެ. މިއީ ކިޔެވުމަށް ވެސް އޭނާ ކުރިމަތިލާން ޖެހުނު ގޮންޖެހުމެކެވެ. އެކަމަކު އަބަދުވެސް އުއްމީދުތައް ހާސިލްކުރުމުގައި ފަހަތަށް ޖެހޭކަށް ބޭނުމެއް ނުވެ އެވެ. ރަށު ސްކޫލުގައި ޕްރިފެކްޓްކަމާއި ތިމާވެށީގެ ކްލަބްގެ ރައީސްކަންކުރި އެވެ.

ފުރޮޅުލީ ގޮނޑީގައި އިރުޝާދު ސްކޫލަށް ގެންދަނީ މަންމަ އެވެ. އޭނާ ކްލާހަށް ވައްދައި، ކްލާހުގެ ގޮނޑީގައި ބައިންދަ އެވެ. ލިޔެވެނީ މީހަކު އަތަށް ގަލަން ލައިދިނުމުންނެވެ. މި ސަބަބުތަކަށްޓަކައި އޯ ލެވެލް އިމްތިހާނުގައި އޭނާއަށް އިތުރު ވަގުތު ލިބުނެވެ.

އިރުޝާދުގެ ރައްޓެހިންތަކަކާ އެކު އޭނާގެ އުފަން ދުވަހު ކޭކު ފަޅަނީ: ގާތް ރައްޓެހިންގެ އެހީތެރިކަން އޭނާ ފާހަގަކުރޭ

ނަސީމާ ބުނީ ގޭގައި ވެސް އިރުޝާދުގެ އަތަށް ފޮތް ދިނުމުން ކިޔަވާނެ ކަމަށެވެ. ކިޔެވުމަށް އޭނާގެ ބޮޑު ޝައުގެއް އޮތް ނަމަވެސް، ބައެއް މީހުންގެ ފަރާތުން އިވޭ ވާހަކަތަކުން ނަސީމާ ހިތުގައި ޖެހެ އެވެ. އެކަމަކު ބަރާބަރަށް ނަމާދުކޮށް، ރޯދަ ހިފައި ރަނގަޅު ދަރިޔަކު ތަރުބިއްޔަތު ކުރެވުމުގެ އުފާ ވެސް އެހާމެ ބޮޑެވެ.

"ކިޔަވައިދޭށާއި ކުދިން ޑޮކްޓަރަށް ދައްކަން މާލެ އަންނަން އުޅުނީމަ ވެސް ބައެއް މީހުން ބުނި ކީއްކުރަންހޭ ކިޔަވައިދެނީ. އެކަހަލަ ކުއްޖަކަށް ކިޔަވައިދީގެން ވާނެ ފައިދާއެއް ނޯންނާނެއޭ. އެކަމަކު އިރުޝާދަށް ކިޔެވުން ހުރި ވަރަކުން ކިޔަވައިދޭނަން،" 10 ކުދިންގެ މަންމަ ބުންޏެވެ.

ނަސީމާ (މ)، އޭނާގެ ދެ ކުދިން ކަމަށްވާ އިރުޝާދު އަދި ޒަހާއާ އެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނުހިނގޭތާ ހަތް އަހަރު، ވާ ގޮތެއް ނޭނގޭ!

އިރުޝާދުގެ އުމުރުން މިހާރު 17 އަހަރެވެ. އެއްކޮށް ނުހިނގެން ފެށުމުގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން އޭނާ ވެއްޓެ އެވެ. އެކަން އެނގުނީ ވެސް އިރުޝާދަށް ދެ އަހަރު ވީ ފަހުންނެވެ. އެކަމަކު ހިނގުމުން މަހުރޫމްވީ އިރުޝާދުގެ ބައްޕަ، ގާސިމް އަބްދުﷲ، މީގެ ހަތް އަހަރު ކުރިން، މަރުވި މަހު އެވެ.

ގާސިމް މަރުވުމުގެ ކުރިން، އިރުޝާދަށް ވާ ގޮތެއް ބަލަން ދެ ތިން ފަހަރަކު އިންޑިއާއަށް ވެސް ދިޔަ އެވެ. އެތަނަށް ގޮސް އަގުބޮޑު ޓެސްޓުތަކެއް ހެދި އެވެ. އެކަމަކު ވާ ގޮތެއް ނޭނގުނެވެ.

ނުހިނގެން ފެށުމުގެ ކުރިން އަމިއްލައަށް އަތުގެ ހަރަކާތް ވެސް ކުރެވެ އެވެ. އެކަމަކު ހިނގުމުގައި ދިމާވި މައްސަލަތަކާ އެކު، އަތަށް ވެސް އޭގެ ނުބައި އަސަރުތައް ކުރަން ފެށި އެވެ.

"ބޭރަށް ވެސް ދިޔައިން ދެ ތިން ފަހަރަކު އެ ކުއްޖާއަށް ވާ ގޮތެއް ބަލަން. ބޮޑެތި ޓެސްޓުތަކެއް ވެސް ހެދިން. އެކަމަކު ވާ ގޮތެއް ނޭނގޭ ހަމަ،" އެންމެ ހަގު ދަރިފުޅާ ބެހޭ ގޮތުން ނަސީމާ ބުންޏެވެ.

"މިހާރު ކުރިއަށް ވުރެ ހާލަތު ގޯސް. ދުވަސްވާ ވަރަކަށް ސަކަރާތް ވަމުންދަނީ."

ބޭބެއާ އެކު އިރުޝާދު އިއްޔެ ސްކޫލަށް ދަނީ .- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިރުޝާދުގެ އިތުރުން އެ އާއިލާގައި ނުހިނގޭ އިތުރު ދެ ކުދިން ތިއްބެވެ. އެ ދެ ކުދިން ވެސް އޯ ލެވެލްއާ ހަމައަށް ކިޔެވި އެވެ. އޭގެ ތެރެއިން ދޮއްޓަށް ހުރި ރިލްވާން ގާސިމް މިދިޔަ އޭޕްރީލް ވަނީ މަރުވެފަ އެވެ. ދެން ހުރި ޒަހާ ގާސިމްގެ އުއްމީދަކީ ފުރުސަތެއް ލިބިއްޖެ ނަމަ ގުރުއާން ނުވަތަ ދީނީ ރޮނގުން ކިޔެވުމެވެ.

އިރުޝާދަށް ކިޔަވައިދޭށާއި، އޭނާ އާއި އޭނާގެ ދައްތަގެ ބޭސްފަރުވާ ވެސް ފަސޭހައިން ހަމަޖެހޭނީ މާލޭގައި ކަމަށް ވާތީ، ނަސީމާމެން މިހާރު ވަނީ މާލެއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން އާއިލާއަށް ލިބެ އެވެ. އެހެންކަމުން އޭނާ އެ އެންމެންނަށް ޝުކުރު އަދާކުރި އެވެ.

ކިޔެވުމުގައި ފަހަތަށް ޖެހޭކަށް އިރުޝާދު ބޭނުމެއް ނުވެ އެވެ. އޭނާ އެވަނީ، ޖިސްމާނީ ނުކުޅެދުންތެރިކަމަކީ ދިރިއުޅުމުގެ އެހެން ކަންކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތީ ވެސް އެ ސާބިތުކަމުގައި ހުރެ، ތައުލީމައިގެން ކުރިއަށް ދިއުމުގެ އަޒުމެވެ.

ސީއެޗުއެސްއީގެ މެނޭޖްމަންޓާއި ކްލާހުގެ އެހެން ދަރިވަރުންގެ އެހީތެރިކަން މިހާރު ވެސް އޭނާއަށް ބޮޑެވެ. އެއީ ރަށުގައި، އޭނާގެ ގާތް ރަހުމަތްތެރިންގެ ފަރާތުން ވެސް ލިބުނު ފަދަ އެހީތެރިކަމެކެވެ. އިރުޝާދު ހިތުގައި އެ އެންމެންނަށް ވެސް އޮތީ ލޯތްބެވެ.

"ދެއްވި ނިއުމަތްތަކަށް މާތްﷲއަށް ޝުކުރުވެރިވަން،" ހިނިތުންވުމަކާ އެކު އިރުޝާދު ބުންޏެވެ.

"މިހާރުގެ އަމާޒަކީ އޭ ލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުން."