ރިޕޯޓް

ރާއްޖޭގައި މައިކްރޯޕްލާސްޓިކްގެ ތަޣައްޔަރުވުން މަތީ ދަރަޖައަކަށް

އޮސްޓްރޭލިއާގެ ޔުނިވަސިޓީއަކުން ކުރި ދިރާސާއެއްގެ ރިޕޯޓްގައި ބުނެފައި ވަނީ ނައިފަރު ކައިރިން މައިކްރޯޕްލާސްޓިކްސް ފެނުނީ ދުނިޔޭގައި ވެސް އެންމެ މަތީ ދަރަޖަތަކުގެ ތެރެއިން އަދަދަކަށް ކަމަށް. ފ. އަތޮޅުގައި ވެސް މައިކްރޯޕްލާސްޓިކްސްގެ ތަޣައްޔަރުކަން ބޮޑުކަން މީގެ ކުރިން އެނގިފައިވޭ.

ރާއްޖޭގެ ރަށްރަށުން ފެންނަ އާއްމު މަންޒަރެއް: ފިޒް.އޯގްގައި ޝާއިއުކޮށްފައިވާ ފްލިންޑާސް ޔުނިވަސިޓީގެ ވީޑިއޯ އިން މި ފެންނަނީ ނައިފަރުގެ އަތިރިމަތި ޕްލާސްޓިކާއި އެހެނިހެން ކުނިބުނިން ހަޑިވެފައި އޮތްތަން.

މޫދު ކައިރީ އަންދަމުންދާ ކުނިފުނިން އަރާ ދުމުގެ މަތިން ދޫނިތައް އުދުހެ އެވެ. ދޮން ވެލިގަނޑާއި ރާޅުޖަހާފަށުގެ ރީތިކަން ފޮރުވިފަ އެވެ؛ ހުސް ޕްލާސްޓިކް ފުޅި އާއި ދަޅާއި އެ ނޫން ވެސް ކުނިބުނިންނެވެ. ރާއްޖޭގެ ރަށެއްގެ އަތިރިމަތި ދައްކާލާ ވީޑިއޯއެކެވެ. އެތައް ރަށަކުން ފެންނަ އާއްމު މަންޒަރެކެވެ.

"ދުނިޔޭގެ އެންމެ މަތީ ލެވެލްގެ މައިކްރޯ ޕްލާސްޓިކް ތަޣައްޔަރުކަން ދިވެހިރާއްޖޭގައި ރެކޯޑްކުރެވިއްޖެ،" ވީޑިއޯގެ މަތީގައި އޮތް ސުރުހީ ބުނެ އެވެ.

ސައިންސްގެ ޚަބަރުތައް ޝާއިއުކުރާ ވެބްސައިޓެއް ކަމަށްވާ ފިޒް.އޯގްގެ އާޓިކަލް ފަށަމުން ލިޔެފައިވެ އެވެ؛ "އައްސޭރިފަށުގެ ރީތިކަމަށް މަޝްހޫރު ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށްވާ ދިވެހިރާއްޖޭގެ ކަނޑުގައި މައިކްރޯ ޕްލާސްޓިކްގެ ތަޣައްޔަރުކަން ހުރި މިންވަރު ދުނިޔޭގައި ވެސް އެންމެ މަތީ ދަރަޖައިގެ ތެރޭގައި ހިމެނެ އެވެ. މީގެ ސަބަބުން ތިލަ ފަރުތަކުގެ ދިރުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށް ޖަޒީރާ ރަށްތަކުގެ މީހުން ދިރިއުޅެން ކުރާ މަސައްކަތްތައް ނެތިދިޔުމުގެ ބިރު އެބަ އޮތެވެ."

ކަނޑުގެ ދިރުންތަކާއި އިންސާނުންގެ ސިއްހަތަށް ބޮޑު ނުރައްކަލަކަށް ވެފައިވާ މައިކްރޯޕްލާސްޓިކްސް، ނުވަތަ އާއްމުކޮށް ލޮލަށް ވެސް ނުފެންނަހާ ކުދި ޕްލާސްޓިކް އެތިކޮޅުތަކުން ރާއްޖޭގެ ސަރަހައްދެއް ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ކަމުގެ މި ޚަބަރަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީއަކުން ކުރި ދިރާސާއެއްގެ ހޯދުމެކެވެ. ފްލިންޑާސް ޔުނިވަސިޓީގެ މެރިން ސައިންޓިސްޓުން، ރާއްޖޭގައި މައިކްރޯޕްލާސްޓިކްސްގެ ތަޣައްޔަރުކަން ހުރި މިންވަރު ބެލުމަށް ކޭސް ސްޓަޑީއަކަށް ހެދީ ޅ. ނައިފަރެވެ.

"ވާ ގޮތަކީ އެއްވެސް ފެސިލިޓީއެއް ނުހުންނާނެ. ރީސައިކަލްއެއް ވެސް ނުކުރާނެތާ. ގޮނޑަށް އަޅާލާނީ. ގޮނޑު ވަކި ވަރަކަށް ފުރުނީމާ ހައި މާކުން ކަހާލާނީ ގޮނޑުދޮށާ ކައިރި އަށް. ފުންޏަކަށް ޖަހާނީ. ދެން ގިރުމުގެ މައްސަލަ ދިމާވީމާ މޫދަށް ފައިބައިގެން ދަނީ."

"ސައިންސް އޮފް ދަ ޓޯޓަލް އެންވަޔަރްމެންޓް" ޖާނަލްގައި ހޮނިހިރުދުވަހު ޝާއިއުކޮށްފައިވާ އެ ދިރާސާ އަށް ނައިފަރާއި އެ ރަށް ކައިރީގެ ފަރާއި ގޮނޑުދޮށުގެ 22 ތަނަކުން ސާމްޕަލް ނަގައި ފަސް މިލިމީޓަރަށް ވުރެ ކުދި ޕްލާސްޓިކްކޮޅު ހުރި މިންވަރު ބެލި އިރު، ކިލޯއަކަށް 55-1127.5 މައިކްރޯޕްލާސްޓިކްސް ފެނުނެވެ.

ދިރާސާގެ ރިޕޯޓްގައި ބުނެފައި ވަނީ މިއީ ދުނިޔޭގައި ވެސް، އެއް ތަނަކުން މައިކްރޯޕްލާސްޓިކްސް ފެނިފައިވާ އެންމެ މަތީ ދަރަޖަތަކުގެ ތެރެއިން މިންވަރެއް ކަމަށެވެ.

ގިނަ ދުވަސް ވުމުން ޕްލާސްޓިކް ފުޅި ފަދަ ކުނިބުނިން ވަކިވެގެންދާ މައިކްރޯޕްލާސްޓިކްސް ނައިފަރު ވަށައިގެން ހުރި މިންވަރު އެހެން ބައެއް ދިރާސާތަކާ އަޅާކިޔައި ދިރާސާވެރިން ލިޔެފައިވާ ގޮތުގައި އެއީ އިންޑިއާގެ ޓެމިލް ނާޑޫގެ ތޮއްޖެހިފައިވާ ސަރަހައްދެއްގައި މައިކްރޯޕްލާސްޓިކްސް ހުރި ކަމަށް ދައްކާފައިވާ އަދަދު ކަމަށްވާ ކިލޯއަކަށް 3-611 މައިކްރޯޕްލާސްޓިކްސް އަށް ވުރެ މަތި އަދި ރާއްޖޭގެ އެހެން ސަރަހައްދަކުން ރެކޯޑްކުރެވިފައިވާ އަދަދާ ދާދި އެއްވަރެއްގެ މިންވަރެކެވެ.

އިޓަލީގެ ޔުނިވަސިޓީ އޮފް މިލާނޯ ބިކޯކާ އިން ފ. އަތޮޅުގައި ކުރި އަދި "މެރިން ޕޮލިއުޝަން ބުލެޓިން"ގައި 2018ގައި ޝާއިއުކޮށްފައިވާ އެ ދިރާސާ އިން ދައްކާފައި ވަނީ އެ އަތޮޅުގައި ކިލޯއަކަށް 197-822 ޕްލާސްޓިކްކޮޅު ހުރި ކަމަށެވެ.

ނައިފަރުން ނެގި ސާމްޕަލްތަކުގައި، ރޮއްޖެއްހެން ހަނި ދިގުކޮށް ހުރި ޕްލާސްޓިކް އެތިކޮޅުތައް 49 ޕަސެންޓަށް އަދި ކުނޑިކުނޑިވެފައި ހުރި އެހެނިހެން ޕްލާސްޓިކް 51 ޕަސެންޓަށް ހުއްޓެވެ.

"މި ހޯދުންތަކުން އެނގެނީ ކަނޑުގެ ދިރުންތަކަށް ދިރުވައިލެވޭ ސައިޒުގެ ކުދި ޕްލާސްޓިކްކޮޅުތައް، މުރަކައިގެ ރަށެއް ވަށައިގެންވާ ކަނޑުގެ މާހައުލުގައި ފެތުރިފައިވާ ކަމެވެ. މިއީ ފަރުތަކުގައި އުޅޭ ދިރޭއެއްޗެއްސަށް މައިކްރޯޕްލާސްޓިކްސް ކެވުމުގެ ސަބަބުން ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވާން ޖެހޭ ކަމެކެވެ،" ފްލިންޑާސް ޔުނިވަސިޓީގެ ދިރާސާވެރިން ލިޔެފައިވެ އެވެ.

ދިރާސާގައި އިސްކޮށް އުޅުނު އޮނާސް ދަރިވަރު ޓޯބީ ޕެޓީ "ފިޒް.އޯގް" އަށް ބުނިގޮތުގައި މައިކްރޯޕްލާސްޓިކްސް ގިނަވުމަކީ މާހައުލީ ނިޒާމާ މެދު އަދި ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވެގެން ދިރިއުޅޭ އާބާދީތަކާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމެކެވެ. އެއީ އިންސާނުންގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރުހުރި ކަމެއްކަން އޭނާ ފާހަގަކުރި އެވެ.

މި ޕްލާސްޓިކްކޮޅުތައް އަންނަނީ ކޮން ތާކުން؟

ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނައިފަރުން ނެގި ސާމްޕަލްތަކުން ފެނުނު ބައެއް ޕްލާސްޓިކްކޮޅުތައް ހުރި ގޮތުން، އެއީ ދިގު ރާސްތާއެއް ކަޑައްތުކޮށްފައި ހުރި އެއްޗެހި ކަމަށް ބެލެވެ އެވެ. އެހެންކަމުން ބައެއް މައިކްރޯޕްލާސްޓިކްސް ރާއްޖޭގެ އެހެން ރަށްރަށުންނާއި އިންޑިއާ އާއި ސްރީ ލަންކާ ފަދަ އަވައްޓެރި ގައުމުތަކުން ނައިފަރު ކައިރި އަށް އޮޔާ ގޮސްފައި ހުރީ ކަމަށް ގަބޫލުކުރެވެ އެވެ.

އެކަމަކު އެހާ މަތީ އަދަދަކަށް މައިކްރޯޕްލާސްޓިކްސް ހުރީ ނައިފަރު މީހުންނާއި އެ ރަށާ ކައިރީ މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކުގެ އަމަލުތަކާއި ގޮނޑުގެ ގޮތުގައި ބޭނުންކުރާ ރަށްރަށުން ކުނި އޮޔާ ދިޔުމާ ވެސް ގުޅިގެން ކަމަށް ބެލެވިދާނެ ކަމަށް ދިރާސާވެރިން ދެކެ އެވެ. ރިޕޯޓުގައި އެ ގޮތަށް ބުނެފައި ވަނީ ރާއްޖޭގައި، ރަނގަޅަށް މެނޭޖު ނުކޮށް ޕްލާސްޓިކް ކުނިބުނި އުފެދޭ މިންވަރު އިތުރުވުމާއި ކުނި ނައްތާލުމުގެ ކަންކަން ހުރި ގޮތަށް ބިނާކޮށްފަ އެވެ.

ފްލިންޑާސްގެ ޕްރޮފެސަރު ކެރެން ބާކް ޑަ ސިލްވާ ފިޒް.އޯގް އަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުވަމުންދާ އާބާދީ އާއި ތަރައްގީގެ ދުވެއްޔާ އެއްވަރަކަށް ކުނި މެނޭޖުކުރުމުގެ މަސައްކަތެއް ނުކުރެވެ އެވެ. ކުނި އުފައްދާ މިންވަރު މަދުކޮށް ވޭސްޓް މެނޭޖްމެންޓަށް ހަލުވި ކުރިއެރުންތަކެއް ނުގެންނަހާ ހިނދަކު ކަނޑުގެ މާހައުލުތަކުން މަތީ ދަރަޖައަކަށް މައިކްރޯޕްލާސްޓިކްސްގެ ތަޣައްޔަރުކަން ފާހަގަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތި ލެވެލް އަށް ހިނގައިދާނެ ކަމަކަށް ނުވިސްނަން"

ފްލިންޑާސްގެ ދިރާސާވެރިން މިދިޔަ އަހަރު ނައިފަރަށް ކުރި ޒިޔާރަތުގައި އެ މީހުންނަށް ނައިފަރު އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ ޖުވެނައިލް އިން އެހީތެރިވެދިނެވެ. ތިމާވެށީގެ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވާ އެ ޖަމްއިއްޔާގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދަށް، ކުނީގެ މައްސަލައަކީ އާ ކަމެއް ނޫނެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި ނައިފަރުގައި ކުނި ރަނގަޅަށް މެނޭޖުކުރެވޭނެ ގޮތެއް ނެތުމުން ގިނަ އަދަދެއްގެ ކުނި މޫދަށް ބޭރުވެ އެވެ.

"ވާ ގޮތަކީ އެއްވެސް ފެސިލިޓީއެއް ނުހުންނާނެ. ރީސައިކަލްއެއް ވެސް ނުކުރާނެތާ. ގޮނޑަށް އަޅާލާނީ. ގޮނޑު ވަކި ވަރަކަށް ފުރުނީމާ ހައި މާކުން ކަހާލާނީ ގޮނޑުދޮށާ ކައިރި އަށް. ފުންޏަކަށް ޖަހާނީ. ދެން ގިރުމުގެ މައްސަލަ ދިމާވީމާ މޫދަށް ފައިބައިގެން ދަނީ. އެ ގޮތަށް ވަރަށް ބައިވަރު ވާނެ ފައިބައިގެން ގޮސްފައި،" މުހައްމަދު "މިހާރު" އަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ފަޅުތެރެއަށް އަޅާ ކުންޏާއި އޮޔާ އަންނަ ކުނީގެ ސަބަބުން، މުހައްމަދު ވިދާޅުވީ، ކައިރި ފަޅު ރަށްރަށުގެ ގޮނޑުދޮށާއި މޫދު ވެސް ހުންނަނީ ވަރަށް ހަޑިކޮށް ކަމަށެވެ.

އެންމެ ބޮޑު އެއް މައްސަލައަކީ ރިސޯޓުތަކުގެ ކުނި ތިލަފުއްޓަށް ގެންދާ މީހުން ދަތުރުގެ ވަކި ހިސާބަކުން ކުނިތައް ކަނޑަށް އަޅާލުމެވެ. އަތޮޅުގައި އެކަން އާއްމު ކަމަކަށް ވެފައިވާކަން މަސްވެރިންނަށާއި އެހެން މީހުންނަށް ވެސް ކަނޑުމަތިން ފެންނަ މަންޒަރުތަކުން އެނގިފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތިލަފުއްޓަށް ކުނި އުފުލުމުގެ މަސައްކަތްކުރަނީ ރިސޯޓުތަކުން އެކަން ހަވާލުކޮށްފައިވާ ތާޑް ޕާޓީ ފަރާތްތަކުން ކަމަށެވެ.

"އެއް ފަހަރު އަޅުގަނޑުމެން ގޮސް ބަލާފައި ވެސް ހުންނާނެ. ހަމަ ޑަސްބިން ކޮތަޅުގައި ހުރި ގޮތަށް ހުރޭ، ދޯނި ފަހަރުން ބޭރުކޮށްލާފައި ކަނޑު ތެރެއަށް. ރިސޯޓުގެ ނަން ޖަހާފައި ހުންނަ ޕްރޮޑަކްޓްތައް ވެސް ފެނޭ. މި އަތޮޅު އެތެރެވަރީގައި ވެސް އެ މައްސަލަ ދިމާވޭ، ވަރަށް ގިނައިން،" އޭނާ ވިދާޅުވި އެވެ.

ޅ. އަތޮޅާއި ނައިފަރަށް ދިމާވެފައި ހުރި މި މައްސަލަތަކީ ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކާއި ކިތަންމެ ރަށެއްގައި އާއްމު ކަންކަމެވެ. މީހުން ޖެހުނު ތަނަކަށް ކުނި އެޅުމާއި ކުނި މެނޭޖުކުރާނެ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދީފައި ނެތުމުގެ ސަބަބުން ގޮނޑުދޮށާއި މޫދު ކުނިބުނިން ފުރިފަ އެވެ.

ފްލިންޑާސްގެ ދިރާސާވެރިންނަށް އެހީތެރިވާން އުޅުއްވި އިރު ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވުނީ، މުހައްމަދު ވިދާޅުވި ގޮތުގައި، ކުނީގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރެވެ. އެކަމަކު ދިރާސާގެ ނަތީޖާ ފުރަތަމަ ފަހަރަށް އަޑުއައްސަވާފައި އޭނާ ފާޅުކުރެއްވީ ހައިރާންކަމެވެ.

މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޗާލު މޫދާއި ކަނޑުގައި މައިކްރޯޕްލާސްޓިކްސްގެ ތަޣައްޔަރުކަން މިހާ ބޮޑުވެފައި އޮވެދާނެ ކަމަށް ކުރިން ހީނުކުރައްވާ ކަމަށެވެ.

"އޭރު އެ މީހުން ދިރާސާކުރަމުންދިޔަ އިރު އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތަށް ބަލާފައި އެހާ ސީރިއަސް ކަމެއްގެ ގޮތަކު ނުވިސްނަން؛ ތި ލެވެލް އަށް ހިނގައިދާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

"އެއީ އެހެން ތަންތަނާ އަޅާބަލާ އިރު ފެންގަނޑު ވެސް މިހާ ސާފުކޮށް، ރީތިކޮށް ފެންނަ ތަނެއްގައި، ރަށެއްގެ ގޮނޑުދޮށުގައި ހުންނަ ކުޑަކުޑަ ކުނިކޮޅަކުން އަހަރެމެންގެ މުޅި ވެށި އެހާ ކޮންޓެމިނޭޓެޑް ކަމަކަށް ނުވިސްނޭނެތާ. ތިއީ ވަރަށް ބޮޑު ކަމެއް."

އަމުދުން، މުޅި ރާއްޖޭގައި ކުނީގެ މައްސަލަ މިހާ ބޮޑުވެފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ އިރު މައިކްރޯޕްލާސްޓިކްގެ ތަޣައްޔަރުކަން އެހެން ހިސާބުތަކުގައި ވެސް މި ދަރަޖަ އަށް ހުރެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

23 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 70%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަސް

06 August 2020

މިކަމުގެ ފަސޭހަ ހައްލަކީ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ވަށައިގެން ބީޗްވިލާ ހަދައި ޓުއަރިސްޓުން ގެނައުމެވެ. ރިސޯޓުތަކުގެ ބީޗްތައްހެން ސާފުވެ ރީތިވާނެއެވެ. ކޮންމެ ރަށެއްގެ ރައްޔިތުންނަށް ފުދިގެން ތަނަވަސް ދިރިއުޅުމެއް އުޅެވޭނެއެވެ.

The name is already taken The name is available. Register?

ޔާގޫތު

06 August 2020

ތިވަރުގެ ކުދިކުދި ދިރާސާ ހަދަން އޮސްޓްރޭލިއާމީހުން މިތަނަށް ގެންނާކަށްނުޖެހޭ. ތިޔައީ އެންވައިރޮމެންޓް މިނިސްޓްރީއިންވެސް ދެތިންކުއްަކު ވެގެން ހެދޭނެވަރުގެ ކުދިކުދި ދިރާސާ.

The name is already taken The name is available. Register?

މރ.ސޭބޯ0

06 August 2020

ތިއީ ހަމަ އެކަނި ނައިފަރަށް ދިމާވެގެން އުޅޭކަމެއްނޫން.. ރާއްޖޭގެ ހުރިހާ ރަށެއްގަވެސް ހާލަތުހުންނާނީ ތިގޮތަށް.. ޓެސްޓްލުރީމަ އެނގޭނީ..

The name is already taken The name is available. Register?

މާކަނާކަލޯ

06 August 2020

ޕްލާސްޓިކް ފުޅީގައި ބަންދުކުރި ފެނާ އެހެން ބުއިންތަައް މަދުކުރަންވީ. ފުޅީފެނުގެ ބަދަލުގައި ފިލްޓަރުކޮއްގެން ސަޕްލައި ފެން ބޯންވީ. މިހާރު ވަރަށް ރަގަޅު ފިލްޓަރު ހުރޭ. އެހެން ތަންތަނުން އަންނަ ޕްލާސްޓިކޭ ނުކިޔާ ފަރުދީ ޒިންމާ އަދާކުރުމުން ފަށަމާ. ފަރުތަކުގެ ދިރުމާ އަހަރެމެންގެ ދިރިއުޅުމާ ވަނީ ގުޅިލާމެހިފަ.

The name is already taken The name is available. Register?

ޕީއެސްއެމްގެ ސިޔާސީރައިވަރު

06 August 2020

ތަޣައްޔަރު އެއީ ކޯންޗެއް؟

The name is already taken The name is available. Register?

ސްމައިލީ

06 August 2020

ނޫސްވެރިން ގޮސް ވިލިމާލެ ފުއްޓަރުފަރާތް ނިކަން ގޮސްބަލާލަބަލަ. ސަރުކާރުން މުޅި އެސަރަހައްދު ކުނިގޮންޑަކައް ހަދައިފި، ކުރިން ހިމާޔަތް ކުރެވި މީހުން މޫދައް އެރިއުޅުނު ސަރަހައްދެއް. ސަރުކާރުން މޫދު ކުނިގޮންޑަކައް ހެދުން ކޯކޭތަ؟ ތިމާވެށިހިމާޔަތް ކުރުމައް މަސައްކަތް ކުރާ ފަރާތްތަކާ ޖަމިއްޔާ ތަކައް ގޮވާލައް ސަރުކާރައް ދައުވާކޮއް އިހު ހުރިގޮތައް ތަން ސާފުކުކުރުވާ ބަދަލުހޯދުމައް. މީ ރާއްޖޭޖެ ގިނަ ރައްތަކުގެ ހާލަތު

The name is already taken The name is available. Register?

ޛުންޔެ

06 August 2020

ތި ރިޕޯޓުގެ މެތަޑޮ ލޮޖީ އާއި މެދު ސުވާ ލު އުފެދޭ. ޢެއްމެ ތަނަކުން ނަގާ ސާމްޕަ ލް އަކުން ކިހިނެތްތޯ މުޅި ރާއްޖެއަށް ނިސްބަތްކޮށް އެއްޗެކޭ ބުނަނީ؟ ރާއްޖޭގައި ހުރި ހުރިހާ މައިކްރޯ ޕް ލާސްޓިކެއްގެ ބަރުދަން ޗައިނާގެ އައްސޭރި ފަށުގައި ނުހުންނާނެތޯ؟

The name is already taken The name is available. Register?

އަޅުކަލޭގެ

06 August 2020

ޕްލާސްޓިކް ކޮތަޅު ބޭން ކުރަންވީ... ޕްލާސްޓިކު ފުޅި އެއްކުރުމުގެ ޒިންމާ ފެން އުފައްދާ ކުންފުނިން ނަގަން މަޖުބޫރު ކުރަންވީ.

The name is already taken The name is available. Register?

ވޭޓަރުސޮރު

06 August 2020

ގާބޫލުކުރިއަސް ނުކުރިއަސް ރާއްޖޭގެ ކަނޑަށް 80% ޕުލާސްޓިކާއި ފާޑުފާޑުގެ ކުނިއަޅަނީ ރިސޫޓުތަކުންނެވެ.

The name is already taken The name is available. Register?

ޙިނި

06 August 2020

ނައިފަރު ހިންނަވަރުގަވެސް ހުސް މެހި، ހިސާބައްވުރެ ގޮނޑީ. ދެން މިހާރުގެ ބަޒް ވާޑަކީ ފަރުދީޒިންމާ، މީގެން ހިސްތިސްނާ ވާނެ މިނިސްޓުރީތަކާ، ސަރުކާރާ، ކަންކަން ޕްލޭންކުރަން ތިބޭމީހުން.

The name is already taken The name is available. Register?

ބަޑީ

06 August 2020

ފަރުދީ ޒިންމާ ހަމަ މާބޮޑަށްވެސް ނެތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!