ރިޕޯޓް

ކަރަންޓު ނެތި 12 ދުވަސް، ގިނަ އާއިލާތައް ފަގީރުކަމުގައި

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: އާބާދީގެ ބޮޑުބައެއް މާލޭގައި ދިރިއުޅޭއިރު ފަގީރުންގެ ނިސްބަތް ގިނަ

މާލެ އާއި ރަށްރަށުގައި އުޅޭ ނިކަމެތި އާއިލާތަކަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ، "އެހީ"އިން މިދިޔަ ހަފުތާގައި އެ ގެއަށް ދިޔަ އިރު، ގެއިން ހަމައެކަނި ފެންނަން ހުރީ އުުއްބައްތީގެ އަލިކަމެވެ. ގިނަ ކުޑަކުދިން ތިބި ދެ ކޮޓަރީގެ އުދާސްކަން ވަރަށް ބޮޑެވެ. އެހީ ދޭން ދިޔަ މީހުންނަށް، ގޭގެ ހާލަތު ވަޒަން ކުރަން ޖެހުނީ ފޯނުން އަލިކޮށްގެންނެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ އެ އާއިލާ، ފުޅިބައްތީގެ އަލީގައި ދިރިއުޅޭތާ އޭރު 12 ދުވަސް ވެއްޖެ އެވެ. ކަރަންޓު ބިލް ނުދެއްކި، ގިނަ ދުވަސް ވެގެން ސްޓެލްކޯއިން ކަރަންޓް ކަނޑާލުމާ އެކު، ބޮތްކާއި ފަންކާ އާއި އޭސީ އަދި ރެފްރިޖަރޭޓަރުގެ ފިނިކަމުން މަހުރޫމްވީ އެވެ.

"ކުޑަ ހަތަރު ކުދިން ވެސް ގޭތެރޭގައި، އެ އަނދިރިކަމުގައި ތިބި. އުއްބައްތި ފިޔަވައި، އެހެން އަލިކަމެއް އެތަނުގައި ނެތް. ވައި ބޭރުވާނެ ގޮތެއް ނެތް. އެކި ދިމަދިމާގައި ބައްތި ބަހައްޓާފައި ހުރީމައި އަދި އެތަން ވަރަށް ހޫނު ގަދަ،" އެހީ ޖަމިއްޔާގެ ރަޖިސްޓްރާ އަބްދުﷲ ޝަމީމް، އެ ގެ ސިފަކޮށްދެމުން ކިޔައިދިނެވެ.

ދެ ކޮޓަރީގެ ތަނެއް ނަމަވެސް، ގިނަ ބަޔަަކަށް އެތަނުގައި އުޅެވޭ ގޮތަށް، ތަން ވަނީ ބަހާލައިފަ އެވެ. ޝަމީމް ބުނިގޮތުގައި އެ ތަނުގައި ދިރިއުޅެނީ ގިނައިން އަންހެނުންނެވެ. ތަނުގެ ކުލި ދައްކަނީ، އާއިލާގެ އެންމެ އިސް މީހާގެ ގޮތުގައި ހުރި 58 އަހަރުގެ މަންމަ އާއި އޭނާގެ އަންހެން ދަރިއެއް ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިންނެވެ. ކައިވެނި ރޫޅުމުގެ ސަބަބުން، ދަރިންނާ އެކު އެ ގޭގައި ދިރިއުޅޭ އެހެން ދެ އަންހެނުން ވެސް ތިއްބެވެ. ވަޒީފާއަށް ދެވޭ ހާލަތުގައި ތިބި ދެމައިންގެ މުސާރައިން ގޭގެ ކުލި ދައްކާފައި ދެން ހަރަދު ކުރާނެ މާ ގިނަ ފައިސާއެއް ނުހުރެ އެވެ. ސިއްހީ ހާލަތު ހުރި ގޮތުން މާލޭގައި އުޅެން މަޖުބޫރުވެފައިވާއިރު، ރަށުގައި އަމިއްލަ ގޯއްޗެއް ނެތެވެ. އެހެންވެ، މާލޭގައި އެ މީހުންގެ، ކެއުމާއި ކުދިންގެ ކިޔެވުމުގެ ހަރަދު ހަމަޖައްސާލަނީ، އެއިރަކު ލިބުނު ވަރަކުން، ވަރަށް އާދައިގެ ގޮތަކަށެވެ.

އެހީ ޖަމިއްޔާގެ ވޮލަންޓިއަރެއް މީހަކަށް ހަދިޔާ ދެނީ: ފަގީރުންނަށް އެހީވުމުގައި މި ފަދަ ޖަމިއްޔާތަކުގެ ދައުރުބޮޑު

މިއީ އެ މީހުންގެ އުމުރުގެ ބޮޑު ބައި ހޭދަކުރަމުން އައި ގޮތް ނަމަވެސް، އެހީ ޖަމިއްޔާއަށް އެ މީހުން ފާހަގަކުރެވުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ކުރިއަށް ގެންދިޔަ ކެމްޕޭނެއްގެ ތެރެއިންނެވެ. އެ ޖަމިއްޔާއިން އެ ގެއަށް ދިޔައިރު، ގޭގައި ކަރަންޓު ނެތި، އެތައް ދުވަހެއް ވެފައިވާއިރު އެހެނިހެން ހިދުމަތްތަކުން ވެސް ވަނީ މަހުރޫމްވެފަ އެވެ.

"ކަރަންޓު ބިލަށް އަރާފައި އޮތް 15،000 ރުފިޔާ. ވޭތުވެ ދިޔަ ފެބުރުއަރީ މަހުން ފެށިގެން އެ މީހުންނަށް ބިލެއް ނުދެއްކޭ. ފައިސާ ނުދެއްކި ގިނަ ދުވަސް ވެގެން ސްޓެލްކޯއިން އޭރު ކަރަންޓު ކަނޑާލާފައި ހުރީ،" އޭނާ ބުންޏެވެ.

ގޭގެ ހާލަތު ކިޔައިދީ، ކަރަންޓު ކަނޑާނުލުމަށް އާއިލާއިން ސްޓެލްކޯގައި އެދުނެވެ. އެކަމަކު، ބިލް ނުދެއްކި މާ ގިނަ ދުވަސް ވީ އެވެ.

މީގެ ކުރިން، އެ އާއިލާއިން، މި ފަދަ ހަރަދުތައް އެންސްޕާ މެދުވެރިކޮށް ވެސް ހަމަޖައްސާފައި ހުއްޓެވެ. އެ ގޭގެ ހާލަތު، ޖަމިއްޔާއިން ސްޓެލްކޯގެ ސަމާލުކަމަށް ގެނައުމުން، ބިލްގެ 50 ޕަސެންޓް ދެއްކުމުން ކަރަންޓު ގުޅައިދޭން އެއްބަސްވި އެވެ. އެކަމަކު ސިޓީ ލައިގެން އެކަން ކުރުމަށް ވަގުތު ނަގާތީ، އަވަހަށް ކަރަންޓު ހޯދައިދިނުމަށް އެހީ ޖަމިއްޔާއިން ވަނީ ބިލް އެއްކޮށް ދައްކައިދީފަ އެވެ. އާއްމުންގެ އެހީތެރިކަމާ އެކު އެއްކޮށްފައިވާ ފައިސާއިން، ކަރަންޓު ބިލްގެ އިތުރުން، ކާބޯތަކެތި ވެސް އެ ޖަމިއްޔާއިން ފޯރުކޮށްދިނެވެ.

މިފަދަ އެތައް އާއިލާއެއް!

މީގެ އަށް އަހަރު ކުރިން ފެށިގެން، ނިކަމެތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއިން، މިހާރު ވެސް ގަވައިދުން، ކޮންމެ މަހަކު އެހީ ފޯރުކޮށްދޭ ވިއްސަކަށް އާއިލާ އެބަ ތިއްބެވެ. އޭގެ ތެރޭގައި ގިނައީ ތައުލީމާއި ސިއްހީ ފަރުވާ ހޯދުމަށް މާލެ ހިޖުރަކޮށް، ލިބޭ މުސާރައިން ގޭގެ ކުލި ދައްކާފައި އިތުރު ގިނަ ހަރަދުތައް ނުކުރެވޭ މީހުންނެވެ. އެހެންވެ، ޖަމިއްޔާގެ މަގްސަދަކީ، ގޭގެ ބިލްތައް ދެއްކުމުގެ ބަދަލުގައި އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

މިދިޔަ އީދު ދުވަހު އެހީ ޖަމިއްޔާއިން ގޭގެއަށް ކާތަކެތި ބަހަނީ

"ހަގީގަތުގައި ބިލްތައް ދައްކާފައި، އެ އާއިލާތަކަށް ކާނެ ގޮތެއް ނެތް. އެހެން ކަންކަމަށް ހަރަދު ކުރާނެ ފައިސާއެއް ނުހުރޭ. އެހެންވެ، އަޅުގަނޑުމެން ކާބޯތަކެތި ދިނުމުން، އެއަށް ވާ ފައިސާއިން އެހެން ހަރަދުތައް ކުރެވޭނެ ދެއްތޯ،" ޝަމީމް ބުންޏެވެ.

އެފަދަ އާއިލާތަކަށް، އެހީ ޖަމިއްޔާއިން ކޮންމެ މަހަކު ވެސް، ކާޑުގެ ބާވަތްތަކާއި ކަނޑުމަހާއި މަސްދަޅާއި ތެލާއި ކިރާއި މައިލޯ ފަދަ ތަކެތި ދެ އެވެ. އަދި ވަކި ކަހަލަ ކާއެއްޗެހި ހާއްސަ މީހުންނަށް، އެ ބާވަތެއްގެ ކާނާ އާއި ކުޑަކުދިންގެ ކާނާ އާއި ކިރާއި ނެޕީ ހަދިޔާ ކުރެ އެވެ.

ޝަމީމް ބުނިގޮތުގައި މިފަދަ ގިނަ އާއިލާތަކެއް އުޅެނީ ވަރަށް ނިކަމެތި ހާލުގަ އެވެ.

ރާއްޖޭގެ އާބާދީގެ ފުދުންތެރިކަމުގެ މިންގަނޑާއި ފަގީރުންގެ ހާލަތު ދެނެގަތުމަށް، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ދިރާސާތަކެއް ވަނީ ހަދާފަ އެވެ. އެގޮތުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން 2016 ވަނަ އަހަރު ހެދި، ފަގީރުކަމުގެ މިންގަނޑުން ދައްކާ ގޮތުގައި ރާއްޖޭގެ ގިނަ އާއިލާތަކުގެ ފުދުންތެރިކަން ދަށެވެ. އެންމެ ބޮޑު މައްސަލައަކީ، އާބާދީގެ މަދު ބަޔަކު ކުރާ ހޭދަ ބޮޑުވެފައި، ދެން ތިބި މީހުން ކުރާ ހަރަދުތައް ގިނަވުމެވެ. އެގޮތުން އާބާދީގެ 46.5 ޕަސެންޓް މީހުންނަކީ، އޭރު، މަހެއްގެ މައްޗަށް، 4،514 ރުފިޔާ ނުވަތަ ބޮލަކަށް 148 ރުފިޔާއަށް ވުރެ ދަށުން ހޭދަކުރާ މީހުންނެވެ. އާބާދީގެ 8.2 ޕަސެންޓަކީ މަހެއްގެ މައްޗަށް، 2،257 ރުފިޔާ ނުވަތަ ދުވާލަކު ބޮލަކަށް 74 ރުފިޔާއަށް ވުރެ ދަށުން ހޭދަކުރާ މީހުންނެވެ. އާބާދީގެ ބޮޑު ބައި ހިމެނެނީ، މި ދޭތެރެ ދެމެދުގަ އެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ،" އެ ދިރާސާގައި ބުނެފައި ވެ އެވެ.

"އޭގެ ސަބަބަކީ މި ގޭބިސީތަކުގެ ނާޒުކުކަން ބޮޑުކަމެވެ. ދިމާވާ ކަމަކާ ގުޅިގެން، ގޭބިސީގެ ފުދުންތެރިކަން ދަށްވެއްޖެ ނަމަ ނިސްބަތުން ބޮޑު އާބާދީއެއް، ފަސޭހައިން ފަގީރުކަމަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ."

މާލޭގެ މަގުމަތީގައި ބަޔަކު ދުއްވާ އެއްޗެހީގައި ދަނީ: ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް، ފަގީރުންގެ އަދަދު ވަނީ ގިނަވެފައި

މީގެ ހަ އަހަރު ކުރީގެ މި ތަފާސްހިސާބަށް ބަލާއިރު، މިހާރުގެ ހާލަތު ވަރަށް ބޮޑަށް ތަފާތެވެ. މާލޭގައި ގޭގެ ކުލި އިންތިހާއަށް ބޮޑުވެ، ދިރިއުޅުމުގެ އެހެން ހަރަދުތަކުގެ އަގު ވެސް މަތިވެއްޖެ އެވެ. އޭގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ އާއި އާމްދަނީ ހޯދުމަށް ކުރި މަސައްކަތް ގެއްލުމާ ގުޅިގެން، ގިނަ އާއިލާތަކެއްގެ އަތްމަތި ވަނީ ދަތިވެފަ އެވެ. ޖުމްލަކޮށް ބުނާ ނަމަ، ހުރިހާ އާއިލާއަކަށް ވެސް ވެސް މާލީ ގޮތުން ވަނީ އަސަރުކޮށްފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މީހުންގެ އާމްދަނީއަށް އައި އަސަރު ދެނެގަތުމަށް އެންބީއޯއެސްއިން ހެދި އެހެން ދިރާސާއަކުން ދައްކާ ގޮތުގައި، 65 ޕަސެންޓް މީހުންނަށް، މިހާރު ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖައްސަން ވަނީ ދަތިވެފަ އެވެ. އަދި 23 ޕަސެންޓް މީހުންނަށް، މި ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ ގެއްލި، ބޮޑު އަސަރެއް ނުކުރާއިރު، 12 ޕަސެންޓް މީހުންނަށް އަދި އެއްޗެއް ބުނަން އަވަހެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ބަލިމަޑުކަމާ ގުޅިގެން ކޮންމެ ދިހަ ވިޔަފާރިއަކުން ފަސް ވިޔަފާރިއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ކޮންމެ ހަތަރު ވިޔަފާރިއެއް ވަނީ އެއްކޮށް ހުއްޓިފަ އެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލުނު އިރު، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެހެން މީހުންނަށް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. ކޮންމެ ދިހަ މީހަކުން ތިން މީހެއްގެ މުސާރަ ވަނީ ކުޑަވެފަ އެވެ.

އެހެންވެ، ފަގީރުކަމުގެ މިންގަނޑު އަދި ފަގީރުކަމުގެ ނިސްބަތް ދެނެގަތުމަށް، 2016 ވަނަ އަހަރު ހެދި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް، ދިމާވި ސަބަބަކާ ގުޅިގެން އާބާދީގެ ބޮޑު ބައެއް ފަގީރުކަމަށް މި ވަނީ ވެއްޓިފަ އެވެ.

އެންބީއޯއެސްއިން މި އަހަރު ހެދި، މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް (އާމްދަނީގެ މައްޗަށް ބިނާކޮށް، އެކުލަވާލާ ފަގީރުކަމުގެ މިންގަނޑު (އިންކަމް ޕަވަޓީ)ގެ އިތުރުން ފަގީރުކަން މިނެކުރަން ބޭނުން ކުރާ އަނެއް މިންގަނޑު)ން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ދިހަ މީހުންގެ ތެރެއިން ތިން މީހުންނަކީ މިހާރު ފަގީރުންނެވެ. އެ މިންގަނޑަށް ބަލާއިރު ރާއްޖޭގައި 95،000 ފަގީރުން އެބަތިއްބެވެ.

ކުދިންތަކެއް މަގުމަތީގައި ކުޅޭއިރު، ދެ މީހަކު މަގުމަތީގައި ހުރި ޖޯލިފައްޗެއްގައި އިށީނދެލައިގެން: އާބާދީގެ ބޮޑު ބައެއްގެ އާމްދަނީއަށް މިހާރު ވަނީ އަސަރުކޮށްފައި --ފޮޓޯ: ނިޝާން އަލީ/މިހާރު

އިންކަމް ޕަވަޓީއަށް ބަލާ ނަމަ، އެ އަދަދު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ޒަކާތް ލިބޭ މީހުންގެ ގޮތުގައި މިދިޔަ އަހަރާ ހަމައަށް މާލޭގައި ތިބީ 8،764 މީހުންނެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ފަގީރުންގެ ލިސްޓު އަލުން ރިވިއު ކުރިއިރު، އެ އަދަދު ވަނީ 11،514އަށް އިތުރުވެފަ އެވެ. އެހެންވެ، މުޅި ރާއްޖެއަށް ބަލާއިރު ފަގީރުންގެ ލިސްޓު މާ ބޮޑަށް އިތުރުވާނެ އެވެ.

އިގްތިސޯދީ ގޮތުން ރާއްޖެ ވެއްޓިފައިވާ މި އަނދަވަޅުގެ ސަބަބުން ފަގީރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ ފަރާތްތަކަށް އެހީދޭނެ މެކޭނިޒަމްތަކެއް ވެސް މިހާރު ވަނީ ރާވައިފަ އެވެ. ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން ކޮންމެ މަހަކު ވެސް، މިލިޔަނުން ފައިސާގެ އެހީ ދޭއިރު، ހާލުގައި ޖެހިފައިވާ އެހެން އާއިލާތަކަށް ވެސް އެންސްޕާ ފަދަ ތަންތަން މެދުވެރިކޮށް އެހީ ދެ އެވެ. އެކަމަކު، އެހީ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި އެހީ ހޯދަން އޮންނަ ޕްރޮސެސްތައް ދިގެވެ.

"އެހެންވެ، އެ އެހީ ނުލިބި ހުއްޓައި، ގިނައިން މީހުން މި ހާލުގައި ޖެހެނީ. ދެން ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވުމުން، ސަރުކާރުން އެލަވަންސެއް ދިނަސް މެނޭޖް ނުކުރެވެނީ،" ޝަމީމް ބުންޏެވެ.

104 ކޮމެންޓް, 184 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 93%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެނދަބުޅި ސަރުކާރު

27 October 2020

މި ދީލަތި އޯގާތެރި ސަރުކާރުގައި އެފަދަ ޙާލެއްގާއި ރައްޔިތުންގެ ބަޔަކު އެބަ ތިބިތަ؟ ހާދަ ޤަބޫލް ނުކުރެވެޔޭ. ދީ އަންނީ ދޯ އިބޫ.

The name is already taken The name is available. Register?

އޭނަމީނަ

27 October 2020

އެފަދަ ދަތި ހާލުގައިވެސް ހަމަމާލޭގަދޯ އުޅެންވަނީ

The name is already taken The name is available. Register?

ވީނުވީ

27 October 2020

ރަނގަޅަށް ކިޔާލިނަމަ އެނގުނީސް ރަށުގަވެސް ގެދޮރު ނެތްކަމާއި ބަލިހާލު ހުރި ގޮތުން ބޭސްފަރުވާ ކުރަންޖެހޭތީ މާލޭގަ އުޅެން މަޖުބޫރުވީ ކަން.

The name is already taken The name is available. Register?

ހުސެން

27 October 2020

ކޮވިޑް19 ގެ ލޮކްޑައުން ރަނގަޅަށް ނުފިލާ ފޯނުތަކާ އިންޓަރނެޓަރ ކަރަނޓް ކަނޑަން ފެށިއިރު، ރައްޔިތުންގެ ނަމުގައި ނުވަތަ ކޮވިޑް19 ރިކަވަރީގެ ނަމުގައި ތަންތަނުން ހޯދިހާ އެހީގެ އެއްވެސް ކަންފުޅެއް ރައްޔިތުންނާ ހަމައަކަށް ނާދޭ! ކުދިން ކިޔަވަނީ އޮންލައިންކޮށް، ވީއިރު ކަރަންޓާ އިންޓަރނެޓް ފަދަ ހިދުމަތްތަށް ބިލްނުދެއްކުނަސް ކަނޑާލުމަކީ ފުރަތަމަ އަޅާ ފިޔަވަޅަށްވެގެންނުވާނެ

The name is already taken The name is available. Register?

ލަބީބު

27 October 2020

އެއްވެސް ގައުމެއްގެ ވެރި ރަށުގައި އެންމެންނަކަށް ނޫޅެވޭނެ. އެއީ އެންމެ އަގު ބޮޑު ރަށް.

The name is already taken The name is available. Register?

އެމްސް

27 October 2020

ޔާމީން ބުނީ އަންނާށޭ، ރާއްޖޭގެ އެންމެނަށް މިތާ/މާލޭގަ އުޅެވޭނެޔޭ! ދެނޯ؟

The name is already taken The name is available. Register?

ދ‫ޮންކަނމަނަ

27 October 2020

ކަރަންޓު އަދި ފެން ކަޑާ ދުވަސްވަރެއް ލުޔެއްދިނީ ކަރުދަން ޖެހޭގޮތަށް..ސަރުކާރަށްވުރެ ރަނގަޅު އަމިއްލަ ފަރުދުންވެސް.ކުލި ނުދެއްކިޔަސް ބޮޑުތަޅު ނާޅުވާނެ

The name is already taken The name is available. Register?

ައަހުމަދު

26 October 2020

މީ ވަރަށް އާދަޔާޚިލާފް ޤައުމެއް ހިޔެއްނުވޭ ދުނިޔޭގައި މިކަހަލަ ޤައުމެއް އޮންނާނެހެން މި ވަރަށްވާހަކަ . ނިކަމެތި ހާލުގައި އުޅޭ އާއިލާތަކަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ﷲ ޚަޟުރަތަށް ދުއާކުރަން.

The name is already taken The name is available. Register?

ބޭބެބެ

26 October 2020

ތި މީހުން އެބަތިބިތާ ތިތާގައި. ކުއްޔަށް ދީފައި ހުންނަ ބައެއްތަންތާގައި މިދިޔަ މާޗް މަހުންފެށިގެން ކަރަންޓް ބިލް ފެންބިލް ނުދައްކާ. ކުލިވެސް ނުދައްކާ. މިހެން ތިބެފައި ކަރަންޓް ކަނޑާލާނެހެން ހީވީމ މަ އެއްވެސް ބިލެއް ނުދައްކައި ރަށަށްދަނީ. ދެން ވެރިފަރާތުން ހުރިހާ ކަ މެއް ބޮލުގައި އަޅަންޖެހެނީ. މިބަލި މަޑުލަމުގައި ނާޖާއިޒްފައިދާ ނަގާ ދިވެހިން ވަރަށް ގިނަ މިހާރު.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

26 October 2020

ކުރީޒަމާނުގައި މިފަދަ ހާލަތްތަކުގައި (ރައީސް ނާސިރު) ދެއްވާ އުޅުނީ ކާޑް. ޒަމާނީ ބަދަލާ ގުޅިގެން ފައިސާ ގެ އެހީއެއް ލުބުނީ މާ އޮޕްޝަން ޕްރޮއިރިޓީ ކުރަން ދިމާވާ މަޖުބޫރީ ހާލަތުން ތިޔަހެން ވެދާނެ. އަދި މީޑިއާތަކަށް ތިލަނުވާ ތިޔަފަދަ ހާލަތް މަދެއް ނޫން. ކިތައްސަތެކަ އާއިލާތޯ ( ޚާައްސަކޮށް ) ޑަރައިވަރުން ނޫނީ ދުވަހު އާމްދަނީން ނުޗަލައިގެން ދަރިން އާއިމާ ރަށަށް ބަދަލްކޮށް ރަށު ސްކޫލްތަކަށްވެއްދީ.ވިޔަފާރިއެށް ނެތް. ކާބޯ ސާމާނާއިި މެޑީކަލް ދާއިރާގަ ނޫނީ.

The name is already taken The name is available. Register?

ނޮޅިވަރަމް

26 October 2020

ކޮބާތަ އަޅުގަނޑުމެންގެ މަހާރެހެންދީގެ ސަދަގާތް ފައުންޑޭށަން؟

The name is already taken The name is available. Register?

ށަނާ

26 October 2020

ރައްޔިތުންގެ ހާލުބަލާހިތުން ގޭގޭބަދިގެއަށްވަދެ ހުނިގާނާ ފޮޓޯނަގާރައީސް ކޮބައިތަ މަގާމުލިބުނީމާ ފޮޓޯނަގަން އުޅޭތަނެއް ނުފެނޭ އެމީހަކާއެމީހެއް ރައްޔިތުމީހާ ކަރަންޓްނެތި ހޫނުއާވީމާ އެޖެންޑާ 19 ހަމަ ތަފާތީ އިނގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454