ލުތުފީގެ ބަހަށް ހެއްލިގެން ޕްލޯޓަށް ވެސް ލިބުނީ ކެހި

ލޭ އޮހޮރުވާލައިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ރޭވި ދިވެހިންނަށް އެހީވި ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އަކީ ވެސް ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި އެތައް ޖަމާއަތެއްގެ ތެރެއިން އެއް ޖަމާއަތެވެ. މި ހަނގުރާމާގައި އެންމެ ވަރުގަދަ އަށް އުޅުނު ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އާ ޕްލޯޓް ގުޅިގެން، ފުރަތަމަކޮޅު، ދުވަސްތަކެއް ހޭދަކުރި އެވެ. އެލްޓީޓީއީގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން އާއި ޕްލޯޓްގެ ލީޑަރު އުމާ މަހޭޝްވަރަންއާ ޖެހުނު މައްސަލަތަކަށް ފަހު އަނެއްކާވެސް ވަކިވީ އެވެ. ރާއްޖޭގެ ވެރިކަން ވައްޓާލަން ކުރި މަސައްކަތަށް ޕްލޯޓުން 80 ހަނގުރާމަވެރިންނާއި އިތުރު އެހީތައް ދިނީ އެލްޓީޓީއީއާ ވަކިވި ފަހުންނެވެ. މި ޖަމާއަތްތަކަށް ކުރިން ކިޔައި އުޅުނީ މި ނަންނަމެއް ވެސް ނޫނެވެ.


ޕްލޯޓްގެ އެހީއާ އެކު ނޮވެމްބަރު 3، 1988 ގައި މާލެ އަށް ހަތިޔާރާ އެކު އަރައި ދިވެހިންގެ އެތައް ބަޔަކު ޝަހީދުކޮށްލި އުދުވާނަށް މިއަދު 32 އަހަރު ވީ އެވެ.

ޕްލޯޓާއި އެލްޓީޓީއީގެ ގުޅުން އަދި ވަކިވުން

ތަމަޅައިންނަށް ބާރުވެރިކަން ހޯދައިދޭން ޕްރަބާކަރަން ގެންގުޅު ވިސްނުމާއި ވާހަކަތަކަށް އުމާއަށް ކުރެވުނު އިތުބާރާ އެކު 1977ގެ ފަހުކޮޅު އޭނާ ޕްރަބާކަރަންއާ ގުޅުނެވެ. އޭރު ޕްރަބާކަރަންގެ ޖަމާއަތަށް ކިޔަނީ ދަ ނިއު ޓައިގާސް (ޓީއެންޓީ) އެވެ. އުމާ ޓީއެންޓީއާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެ، ތަމަޅައިންގެ ވަކިވެގަތުމުގެ ހަރަކާތް ފެށި އަދި މިކަމުގައި ހަތިޔާރު ބޭނުންކުރަން ނިންމައި އެކަމަށް މީހުން ތަމްރީނުކުރަން ފެށި އެލިއަތަމްބީ ރަތުނަސަބަޕަތީގެ އީލާމް ރިވޮލިއުޝަނަރީ އޯގަނައިޒޭޝަން އޮފް ސްޓޫޑެންޓްސް (އީރޮސް) އިން ލަންޑަނުގައި ބޭއްވި ތަމްރީން ޕްރޮގްރާމަކަށް ޓީއެންޓީ އަށް ދައުވަތު ލިބުނެވެ. އެކަމަކު ޓީއެންޓީގެ ލީޑަރު ޕްރަބާކަރަން އަކީ ތަމަޅަ ނޫން ބަހަކަށް ފަރިތަ މީހަކަށް ނުވާތީ އެ ޕްރޮގްރާމަށް ފޮނުވީ އިނގިރޭސި ބަހަށް ފަރިތަ އުމާ އެވެ.

ލަންޑަނުގައި ބޭއްވި މި ޕްރޮގްރާމުގައި ބައިވެރިކުރަން ޖެހެނީ ޖަމާއަތުގެ ލީޑަޝިޕްގައި ހިމެނޭ، އިނގިރޭސި ބަސް ދަންނަ މީހުން ކަމަށް ވާތީ ޕްރަބާކަރަން ނިންމީ ޓީއެންޓީގެ ޗެއާމަނަކަށް އުމާ ހަމަޖެއްސުމަށެވެ. ޓީއެންޓީގެ ނަން އެލްޓީޓީއީ އަށް ބަދަލުވީ އުމާގެ ޗެއާމަންކަމުގަ އެވެ. އެކަމަކު ލަންޑަން ދަތުރަށް ފަހު އުމާ އާއި ޕްރަބާކަރަންގެ މެދުގައި މައްސަލަތައް ޖެހެން ފެށި އެވެ. އުމާގެ އެންމެ ބޮޑު ޝަކުވާއަކަށްވާން ފެށީ ޕާޓީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުކުރެވޭ ޕާޓީގެ އާންމުންނާ މެދު "ކެންގަރޫ ކޯޓްތަކުން" ހުކުމް އިއްވައި މެރުން ފަދަ އަދަބުތައް ދިނުމެވެ. މި ދެބަސްވުން އޭގެ އެންމެ މައްޗަށް ދިޔައީ ޕާޓީގެ އިސް މީހަކަށް ކުރި މިފަދަ ތުހުމަތެއްގައި އޭނާ މަރާލުމަށް ފަހު ބޭއްވި ބައްދަލުވުމެއްގެ ތެރޭގަ އެވެ. އެ ބައްދަލުވުމުގައި ޕްރަބާކަރަން އުމާއަށް ރައްދު ދިނީ ރުޅިވެރިކަމާއި އިންޒާރާ އެކުގަ އެވެ. ޕްރަބާކަރަންގެ ފިސްތޯލަ އުމާއަށް ދިނުމަށް ފަހު ބުނީ ގޯސްކޮށް ކަމެއް ކޮށްފައިވާ ނަމަ އެއިން ހަމަލާދީ އޭނާ މަރާލުމަށެވެ.

އެކަމަކު ޕްރަބާކަރަން ސީދާ އުމާއާ ދެކޮޅަށް ތެދުވެ އޭނާ ބޭރުކޮށްލުމުގެ މަސައްކަތް ފެށީ އެލްޓީޓީއީގެ ޗެއާމަންކަމުގައި އުމާ ހުރެގެން އެ ޖަމާއަތް ރޫޅާލަން އުޅޭ ކަމަށް ގަބޫލުކުރެވުނު ހިސާބުންނެވެ. އެ ހިސާބުން އުމާއަށް ތުހުމަތުކުރީ އެލްޓީޓީއީގެ އަންހެން ހަނގުރާމަވެރިޔަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. އެއީ އެލްޓީޓީއީގެ އުސޫލުތަކާ ޚިލާފް ކަމެކެވެ. އެ ހިސާބުން އުމާ އާއި ޕްރަބާކަރަންގެ ގުޅުން ކެނޑި، އުމާ ވަކިވީ އެވެ. އުމާ ދެން ފެށީ ތަމަޅައިންގެ ފަގީރުންނަށް އެކި ގޮތްގޮތުން އެހީވުމުގެ މަސައްކަތެވެ. އޭގެ ތެރެއިން ގޮސް ހޯދި މަގުބޫލުކަމުގައި އޭނާ ވެސް ވީ ނުފޫޒު ގަދަ މީހަކަށެވެ.

ޕްލޯޓް އުފެއްދުމާއި އުމާ އާއި ޕްރަބާކަރަންގެ ވާދަ

މެދުއިރުމަތީގެ ހަނގުރާމަވެރި އެކި ޖަމާއަތްތަކާ އެކު ތަމްރީންތައް ހަދާފައިވާ އުމާ އޭނާގެ ބައިވެރިންނާ އެކު ޕްލޯޓް އުފެއްދީ އެލްޓީޓީއީއާ ވަކިވެ 1980 ވަނަ އަހަރު އެވެ. އެލްޓީޓީއީގައި އޭނާ އަށް ލިބުނު އެކި ފުރުސަތުތަކުގައި އެކި ގައުމުތަކުގެ މީހުންނާ ބައްދަލުވެފައި ވާތީ އޭނާ ވެފައި ހުރީ އެކި ދާއިރާތަކުން އެކި މީހުންނާ ގުޅުން ބޮޑު މީހަކަށެވެ. ހަނގުރާމަވެރި ޖަމާއަތްތަކާއި ސަރުކާރުތަކާ ދެކޮޅަށް އުޅޭ މީހުންނާއި ސިޔާސީ މީހުންނާ ވެސް ގުޅުން ބޮޑެވެ.

ޕްލޯޓް އުފެދި ހަރަކާތްތައް ވަރުގަދަވުމާ އެކު ފެންނަން ފެށީ ޕްރަބާކަރަން އާއި އުމާގެ ވާދަވެރިކަމެވެ. ލަންކާގައި ސުލްހަ ބެލެހެއްޓުމަށް އިންޑިއާ ސިފައިން ކުރި މަސައްކަތާއި ކުރިމަތިވި އެކި ފިއްތުންތަކާ ހެދި ލަންކާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ހިމާޔަތް ހޯދާ ތަނަކަށް އިންޑިއާގެ މެޑްރާސް ބަދަލުވި އިރު އެ މީހުންނަށް އިންޑިއާގެ ސިޔާސީ އެކި ފަރާތްތަކުން މަދަދުވެރިވަމުން ދިޔަ އެވެ. ހަތިޔާރު ބޭނުންކުރުމުގެ ތަމްރީންތައް ވެސް ހޯދަމުން ދިޔައީ ފާޅުގަ އެވެ. މެޑްރާސްގައި ޕްލޯޓްގެ ހަނގުރާމަވެރިން އުޅޭ ސަރަހައްދަކާއި އެލްޓީޓީއީގެ ހަނގުރާމަވެރިން އުޅޭ ސަރަހައްދަކާއި އަދި އިތުރު ދެ ގްރޫޕަކަށް ނިސްބަތްވާ ދެ ސަރަހައްދެއް ވެސް އޮތެވެ. އޭރު އޮތް ވާދަވެރިކަމުގައި، އެއްވެސް ގްރޫޕެއްގެ ބަޔަކު އަނެއް ގްރޫޕެއްގެ ސަރަހައްދަށް އަރައިފި ނަމަ ބޮޑު ހަމަނުޖެހުމެއް ހިނގަ އެވެ.

އެލްޓީޓީއީގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން

އުމާ އާއި ޕްރަބާކަރަން ބޮޑު މައްސަލަގަނޑަކަށް ފަހު ވަކިވެ، އެކަކު އަނެކަކު އަތު ނުޖެހި އުޅެނިކޮށް ދިމާވަނީ މެޑްރާސްގެ ޕޮންޑީ ބާޒާރުންނެވެ. ޕްރަބާކަރަން ގަދަކޮށްގެން އުޅުނު ސަރަހައްދުން މެއި 19، 1982 ގައި ޕްރަބާކަރަން އަށް އުމާ ފެންނަނީ އެހެން މީހަކާ އެކު ސައިކަލަކަށް އަރަނިކޮށް ކަމަށް، ނޫސްވެރިޔާ ނަރަޔަން ސްވާމީ، ޕްރަބާކަރަންއާ ބެހޭ ގޮތުން ލިޔުނު "އިންސައިޑް އެން އެލޫސިވް މައިންޑް: ޕްރަބާކަރަން" ފޮތުގައި ލިޔެފައިވެ އެވެ. އެ ފޮތުގައިވެ އެވެ؛

އެކަކު އަނެކަކަށް ފެނުމާ އެކު ދެ މީހުން އެއްފަހަރާ ފިސްތޯލަ ނެގި އެވެ. އެކަމަކު އެންމެ ފުރަތަމަ ހަމަލާ އައީ ޕްރަބާކަރަންގެ ފަރާތުންނެވެ. ބަޔަކު ޒަހަމްވި މި ހާދިސާ އަށް ފަހު ޓެމިލް ނާޑޫ ފުލުހުން އުމާ އާއި ޕްރަބާކަރަން ހައްޔަރުކުރި އެވެ. މި ދެ މީހުންނަކީ ވެސް ކުށްވެރިންގެ ގޮތުގައި ސްރީ ލަންކާ އިން ހައްޔަރުކުރަން ބޭނުންވާ ދެ މީހުންނެވެ. އެހެންވެ ޓެމިލްނާޑޫ އިން ނިންމީ ދެ މީހުން ވެސް ލަންކާއާ ހަވާލުކުރާށެވެ. އެކަމަކު ލަންކާގެ ތަމަޅައިން އެކި ގޮތްގޮތުން ޕްރެޝަރުކޮށްގެން މި ދެ މީހުން މިނިވަންކުރި އެވެ.

އެލްޓީޓީ އާއި ޕްލޯޓްގެ ވާދަވެރިކަން ބޮޑުވެ އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ބާރު ގަދަކުރަން މަސައްކަތްކުރަމުން ދިޔައިރު ލަންކާ އަށް ސުލްހަ ގެނައުމުގެ މަސައްކަތުގައި ވެސް ހަނގުރާމަވެރި ޖަމާއަތްތަކަށް އިންޑިއާ އާއި ލަންކާގެ ސިޔާސީ ފިއްތުން ދިޔައީ އިތުރުވަމުންނެވެ. ލަންކާގެ ހަނގުރާމަވެރި ޖަމާއަތްތަަކަށް އިންޑިއާ އިން ހިމާޔަތްދީ ހުރިހާ ގޮތަކުން އެހީވަމުން ދިޔަ ނަމަވެސް ފަހުން އެ ކަންކަން ބަދަލުވީ އެވެ. އެހެންވެ ކޮންމެ ބަޔަކު ވެސް ދިޔައީ ސަލާމަތްވާނެ މަގުތައް ހޯދަމުންނެވެ.

ހާޖަރާގޭ އަބްދުﷲ ލުތުފީއާ ގުޅިގެން ރާއްޖެ އަރަން އުމާ ބޭނުންވުމުގައި ވެސް އޭނާގެ ނެތެމުން ދިޔަ ބާރު ދެމެހެއްޓުން ހިމެނެ އެވެ.

އުމާ މަހޭޝްވަރަން އާއި ލުތުފީގެ ގުޅުން

ލުތުފީ އާއި އުމާ ބައްދަލުވީ ކޮން އިރަކު، ކިހިނެއް ކަމެއް ނޭނގެ އެވެ. އެކަމަކު އެ މީހުން އެތައް ފަހަރަކު ބައްދަލުވެފައިވާކަން ޕްލޯޓްގެ މެންބަރުންގެ ވާހަކަތަކުން އެނގެ އެވެ.

ޕްލޯޓްގެ ތަރުޖަމާނު "ސްކަންތާ" ކިޔައިދީފައިވާ ގޮތުގައި ރާއްޖެ އަށް ހަމަލާ ދިނުމުގައި މޭސްތިރިއަކަށް ހުރި، ލުތުފީ އާއި އުމާގެ ބައްދަލުވުންތަކުން އެތައް ފަހަރަކު ލުތުފީއާ ދިމާވެ ވާހަކަ ދެކެވުނެވެ.

ސްކަންތާ ގަބޫލުކުރާ ގޮތުގައި ލުތުފީ އާއި އުމާގެ ގުޅުން ބަދަހިވެގެން ދިޔައީ އެ ދެ މީހުންގެ ވިސްނުން އެއްގޮތްކަމުންނެވެ. ސްކަންތާ ބުނެފައިވަނީ ލުތުފީ އަކީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރި މީހެއް ކަމަށް އުމާ ގަބޫލުކުރި ކަމަށެވެ. އަދި އުމާ ވަނީ ލަންކާގެ ތަމަޅައިންނާއި ދިވެހިންނަކީ އެއް ހާލަތެއްގައި ތިބި ބައެއް ކަމަށް ދޭހަވާ ގޮތަށް ސްކަންތާ ގާތު ބުނެފަ އެވެ. ސްކަންތާ ބުނި ގޮތުގައި ރާއްޖެ އަށް ދިން ހަމަލާގެ ދިފާއުގައި އުމާ ވާހަކަ ދެއްކީ، ރާއްޖެ އަށް ދިން ހަމަލާ ނާކާމިޔާބުވެ ޕްލޯޓަށް ލިބުނު ބޮޑު ގެއްލުމާ އެކު އުމާ އަށް އަމާޒުވި ފާޑުކިޔުމާ ހެދި އެވެ. އެއީ ލުތުފީ އަށް އެހީވުމަށް އުމާ އަމިއްލަ އަށް ނިންމައި އެކަމުގައި ޖަމާއަތުގެ އެހެން މީހުންގެ ލަފާ ނުހޯދި މައްސަލައިގަ އެވެ.

އުމާގެ ޖަވާބަކަށް ވީ ރާއްޖޭގެ ވެރިކަން ބަދަލުކުރެވުނު ނަމަ އޭނާ އަކީ ބަތަލަކަށް ވާނެ ކަމަށެވެ. އެކަމަކު އުމާ މިހެން ވާހަކަ ދެއްކި ނަމަވެސް އޭނާގެ އެންމެ ބޮޑު އެދުމަކަށް އޮތީ ލުތުފީ އަށް ވެރިކަން ހޯދައިދެވިއްޖެ ނަމަ ޕްލޯޓަށް ރާއްޖޭން ރަށެއް ދޭން އެއްބަސްވެފައި އޮތުމުން އެ ރަށް ހޯދުމެވެ. އެއީ ޕްލޯޓްގެ ހަތިޔާރު އިންޑިއާގެ ސުލްހަ ބަލަހައްޓާ ސިފައިންނާ ހަވާލުކުރަން ނިންމާފައި އޮތުމުން ޕްލޯޓްގެ ބާރު ކެނޑޭނެތީ އެވެ.

"...އެނގޭތަ، އިންޑިއާ ސިފައިންނާ ހަތިޔާރު ހަވާލުކުރަން ޖެހޭ ހަމައެކަނި ގްރޫޕަށް ވާނީ އަހަރެމެން. ލުތުފީ އޮތީ އަހަރެމެންގެ ހަތިޔާރު ބަހައްޓަން ރާއްޖޭން ރަށެއް ދޭން އެއްބަސްވެފައި. އޭރުން އަހަރެމެން ބޭނުން ނަމަ އެ ހަތިޔާރު ފަހުން އަނެއްކާ ގެނެވިދާނެ. މިއީ އެކަން އަހަރެން އަމިއްލަ އަށް ނިންމި ބައެއް ސަބަބު. އަހަރެން މިކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހުނު. ފަހަރެއްގައި އެއީ އަހަންނަށް އެންމެ ރަނގަޅަށް ނިންމުނު ކަމަކަށް ނުވެދާނެ،" އުމާއާ ހަވާލާދީ ސްކަންތާ ބުނެފައިވެ އެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ އަށް ފަހު އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްގެން ގެންދަނީ.

ވެރިކަން ވައްޓާލަން މި ނޫން އެހެން އެއްޗެއް ލުތުފީގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް އުމާއާ ހަވާލާދީ ސްކަންތާ ބުނެފައިވެ އެވެ. އޭނާ މިހެން ބުނެފައިވަނީ ރާއްޖެ އަށް ހަނގުރާމަވެރިން ފޮނުވަން އުމާ އެއްބަސްވީ އެތައް މިލިއަން ޑޮލަރެއް ލުތުފީ ދިނުމުން ކަމަށް ބުނާ ވާހަކައާ ގުޅުވައިގެންނެވެ.

"ބަދަލުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ހުށައެއްނާޅާ. އަހަރެމެންނަށް ފައިސާ އާއި މީހުން ވެސް ގެއްލުނު،" އޭނާ ބުނެފައިވެ އެވެ.

އެލްޓީޓީއީއާ އޮތް ވާދަވެރިކަމުގައި އެ ޖަމާއަތް ވަރުގަދަވެ މުޅި ސަރަހައްދަށް ބިރަކަށް ވެގެން ދިޔައިރު ޕްލޯޓުން ރާއްޖެ އަށް ހަނގުރާމަވެރިން ފޮނުވުމަކީ ބާރު ކެނޑެމުން ދިޔަ އެ ޖަމާއަތް ސަލާމަތްކުރުމުގެ މަސައްކަތެކެވެ. ނަމަވެސް އެކަމުން ލިބުނީ އިތުރު ގެއްލުމަކާއި ނިކަމެތިކަމެއްކަން ހަމަލާގެ ފަހުން ޕްލޯޓް ތެރޭ ޖެހުނު މައްސަލަތަކުން އެނގެ އެވެ. ޕްލޯޓްގެ އޭރު ތަރުޖަމާނު ކިޔައިދީފައިވާ ގޮތުގައި ލުތުފީއާ ގުޅެން އުމާ އަމިއްލަ އަށް ނިންމުމުން ޕްލޯޓްގެ ލީޑަޝިޕް ތެރޭ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އަދި އެ މައްސަލަތައް ހައްލުކުރަން އުމާ ވަރަށް ވާހަކަދެއްކި އެވެ.

ހަތިޔާރާ އެކު ރާއްޖެ އެރުމުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ފަސޭހަކަމާ އެކު ވައްޓާލެވޭނެ ކަމަށާއި މާލޭން ހަނގުރާމަވެރިންނާ ބައިވެރިވާނެ މީހުން ވެސް އަންނާނެ ކަމަށް ލުތުފީ އޮތީ އުމާ ގާތު ބުނެފަ އެވެ. ބައިވެރިވާނެ ކަމަށް ބުނި މީހުން ވެސް ހިމެނޭ ގޮތަށް އުމާ އޭނާގެ ސިއްރު 80 ހަނގުރާމަވެރިން ހަނގުރާމައަށް ތަމްރީނުކޮށް ފޮނުވީ އެ ހުރިހާ ޕްލޭނެއް ހަނގުރާމައިގެ ކޮމާންޑަރު ވަސަންތީ އަށް ކިޔައިދީފަ އެވެ. އެކަމަކު މާލެ އަރައި ސިފައިންގެ އަށް ދިން ފުރަތަމަ ހަމަލާއާ އެކު ދިވެހި ސިފައިންގެ ރައްދުގައި ވަސަންތީ މަރުވުމުން ހުރިހާ ޕްލޭނެއް ފަނުފުލުން ދިޔައީ ކަމަށް ޕްލޯޓްގެ ތަރުޖަމާނު ކިޔައިދީފައިވެ އެވެ.

މާލޭން އެހީވާން ނުކުންނާނެ ކަމަށް ލުތުފީ ބުނި މީހަކު ވެސް ނުފެނުނެވެ. ދެން ހަދަންވީ ކިހިނެއްކަން ނޭނގި ލުތުފީ އާއި ހަނގުރާމަވެރިންގެ މެދުގައި ޒުވާބު އުފެދި އެ އެންމެން ވެސް ބޭނުންވީ އަވަހަށް ފިލައިގެން ދާށެވެ.

އުމާ މަހޭޝްވަރަން މަރާލުން

ރާއްޖެ އަށް ހަމަލާ ދިންތާ އަހަރެއް ވެސް ނުވަނީސް ބަޑިން ހަމަލާދީ އުމާ މަރާލި އެވެ. ޖުލައި 16، 1989 ގައި އުމާ މަރާލާފައި އޮއްވައި ފެނުނީ ބަމްބަލަޕިޓިޔާގައި، ފްރެންކްފަޓް ޕްލޭސްއިންނެވެ. އެއީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ކައިރި އެވެ. އެހެންވެ އޭނާގެ މަރާއި ރާއްޖެ އަށް ދިން ހަމަލާއާ ގުޅުވަން ވެސް ސަބަބަކަށް ވި އެވެ. އެކަމަކު މިއީ ހަރުދަނާ އެއްވެސް ހެއްކެއް ހުރި ވާހަކަތަކެއް ނޫނެވެ.

އޭނާ މަރާލީ މަގުމަތިން ދަނިކޮށް ބަޑިން ހަމަލާދީގެން ކަމަށް ބުނި ނަމަވެސް، ހަ މީހަކު ވެގެން އޭނާ ރަހީނުކޮށް ބަޑިޖަހައި މަރާލުމަށް ފަހު މަގުމައްޗަށް އެއްލައިލީ ކަމަށް ވެސް ބުނެ އެވެ.

ޑެއިލީ މިރާ އަށް ސްކަންތާ ކިޔައިދީފައިވާ ގޮތުގައި އުމާއަށް ހަމަލާ ދިން މީހާ ޕްލޯޓަށް އެނގުނަސް އެ ހަމަލާ ރޭވުމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަމެއް ނޭނގެ އެވެ. އެކަމަކު ޕްލޯޓް ތެރޭ ވަކި ޖަމާއަތެއްގެ ގޮތުގައި ބަޔަކު ގެންގުޅުނު "ޕްރަންތަން ރަޖަން" ވަނީ އުމާ މަރާލުމުގެ ޒިންމާ ނަގައިފަ އެވެ. ރަޖަން ބުނަނީ އޭނާ އަކީ އިންޑިއާގެ އިންޓެލިޖެންސުން އެހީ ލިބޭ މީހެއް ކަމަށެވެ. އޭނާގެ މި ވާހަކަ ގަބޫލުކުރާ މީހުން މިކަން އިންޑިއާއާ ވެސް ގުޅުވަ އެވެ. ނަމަވެސް އެލްޓީޓީއީގެ ހަމަލާއެއްގައި އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރާކޮށްލުމުން އެ ހުރިހާ ކަމަކީ ވެސް އެލްޓީޓީއާ ދެކޮޅު ކޮންމެ މީހަކު ނައްތާލަން ހިންގި ސިލްސިލާއެއް ކަމަށް ބަލަން ވެސް ފުރުސަތު އެބަ އޮތެވެ.

އެލްޓީޓީއީން ވެސް ދިޔައީ ހަތިޔާރު ބަހައްޓައި އަމާންދޭން ޖެހިދާނެ ކަމަށް ބަލައި ކުރެވުނު ކޮންމެ ކަމެއް ކުރަމުންނެވެ. އެ މީހުން އެކަން ކާމިޔާބު ވެސް ކުރި އެވެ. އެކަމަކު ޕްލޯޓުން އެ ޖަމާއަތުގެ ބާރު ގަދަކުރުމުގެ ވިސްނުމާ އެކު ލުތުފީގެ ބަހަށް ނޮވެމްބަރު 3، 1988 ގައި މާލެ އަރައި 19 ދިވެއްސަކު ޝަހީދުކޮށްލި އަނިޔާވެރި އުދުވާނަށް ފަހު ޕްލޯޓްގެ ބާރު މާ އަވަހަށް ކެނޑި ނިމުން އައީ އެވެ.