އައިލެންޑް އޭވިއޭޝަންގެ ބޯޓަކަށް މީހުން އަރަނީ: ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ސަރުކާރުން ވަނީ ނިންމާފައި -- ފައިލް ފޮޓޯ: މޯލްޑިވިއަން
17 ނޮވެމްބަރ 2020 - 08:43
އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރެއްގައި ވެސް އިވޭ އާންމު އެއް ވާހަކައަކީ ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުން ނުވަތަ އެ ކުންފުނިތަކުގެ ހިއްސާ ވިއްކާ ވާހަކަ އެވެ. އެކަމަކު މިއީ ގިނަ ބަޔަކު މާ އަޑުއަހާ ހިތްވާ ވާހަކައެއް ނޫނެވެ. އިދިކޮޅުން ސިފަކުރާ ގޮތުގައި، އެއީ ގައުމު ވިއްކާލުމެވެ. ނުވަތަ، ބައެއް އެހެން މީހުން އެކަން ސިފަކުރަނީ "ފައްޓަރުބައި ވިއްކާލުން" ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުން އެއީ ގައުމުގެ ހަރުމުދާ ވިއްކުމެވެ.
ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި، އޭރު ވަރަށް ވަރުގަދަ އަށް އޮތް ތިން ކުންފުންޏެއްގެ ތެރެއިން ދެ ކުންފުންޏެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލައި، އަދި ގައުމުގެ މައި ދޮރާށި ނުވަތަ މާލޭ އިންޓަނޭޝަލް އެއާޕޯޓް ޖީއެމްއާރަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނެވެ. ދިރާގުގެ ހިއްސާގެ ހަތް ޕަސެންޓް ކޭބަލް އެންޑް ވަޔަލެސް އަށް، އަދި އެމްޑަބްްލިޔުއެސްސީގެ 20 ޕަސެންޓް ހިއްސާ ހިޓާޗީ އަށް ދޫކޮށްލި އެވެ. އެކަމާ ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ. ހަގީގަތަކީ، އެ ވެރިކަން ވެއްޓުމުގެ ފެށުން އައީ ވެސް އެއާޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރި ހިސާބުން، އެކަން ސިޔާސީ ހަރަކާތަކަށް ބަދަލުވެ ކުރި މުޒާހަރާތަކެއްގެ ތެރެއިން ކަމެވެ.
ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް މާނަކުރިޔަސް، އެކަމާ އެމްޑީޕީ އަދި މިހާރު އެ ޕާޓީގެ ބޮޑު ހިއްސާއެއް އޮތް ސަރުކާރަށް މައްސަލައެއް ނެތެވެ؛ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި، ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ އެމްޑީޕީގެ ފިކުރެވެ. އެއީ އެ ޕާޓީގެ ސިޔާސަތެވެ. އެހެންވެ އެ ސިޔާސަތު ކުރިއަށް ނެރެ، ކުންފުނިތައް އަންނަ އަހަރު ޕްރައިވެޓައިޒް ކުރާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން އަންނަ އަހަރު ދައުލަތަށް 462 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެކަމަކު ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ އެއީ "ހަމައެކަނި ލަފާކޮށްލާފައި އޮތް" އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހިއްސާ ވިއްކާނީ ކޮން ކުންފުނިތަކެއްގެ ކަމެއް ވެސް އަދި ނިންމައިފައެއް ނުވެ އެވެ.
"އަޅުގަނޑުމެން މި ނެގި ޑިޒިޝަނަކީ ކޮންމެވެސް ވަރެއްގެ ޕްރައިވެޓައިޒޭޝަނެއް އައުން. [ބަޖެޓްގައި] އެއީ މިކަން ފެށުމުގެ ގޮތުން ޖަހާފައި އޮތް އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިންޓަނޭޝަނަލް ޕާޓްނަރެއް ލައްވާ ކުންފުނިތަކުގެ އެނަލައިސިސްއެއް ހަދާފައި ސްޓްރެޖެޓިކް ޕްލޭނެއް ހެދުމަށް ފަހު ހިއްސާ ވިއްކަން ލިސްޓް ކުރަންވީ ތަންތަނަކީ ކޮބައިތޯ ބަލައި އަދި އޭގެން ޕާޓްނަރެއް ހޯދަންވީ ކޮން ތަނެއްތޯ ދެނެގަންނަން."
ފައްޔާޒް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފައިލް ފޮޓޯ: އަހުމަދު އައުޝަން
އެކަމަކު އޭނާގެ މުޅި ވާހަކަ ބިނާކުރެއްވީ ކުންފުނިތައް އޮތް ހާލަތުން ދެން އަރައިގަތުމަށް ނުވަތަ ދެން އޮތް މަރުހަލާއަށް ކުންފުނިތައް ގެންދިއުމުގެ ބޭނުމުގައި ހިއްސާ ވިއްކުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމުގެ މައްޗަށެވެ.
"އަނެއްކާވެސް މިހެން ވާހަކަ ދެއްކީމަ ބުނާނެ ގައުމު ވިއްކާލަނިއްއޭ. އެކަމަކު ވަރަށް ސާފުކޮށް މި ދަންނަވަނީ ސަރުކާރުން ވިޔަފާރި ކުރާނެ ކަމެއް ނެތް. ޕްރައިވެޓް ސެކްޓާ އިން ވިޔަފާރިކޮށްފައި ޓެކްސް ދައްކާ ސަރުކާރަށް،" ހުރިހާ ކަމެއްގައި ވެސް ވަރަށް ސީދަލަށް ބަސް ވިދާޅުވުމުގެ އާދަ ގެންގުޅުއްވާ ފައްޔާޒު ވިދާޅުވި އެވެ.
"ހަގީގަތަކީ ބޭންކް އޮފް މޯލްޑިވްސް ބޭންކަކަށް ވީ، ދިރާގު ދިރާގަކަށް ވީ އެމްޑަބްލިޔުއެސްސީ އެމްޑަބްލިޔުއެސްސީ އަކަށް ވީ ނުވަތަ އެތަންތަން ރަނގަޅަށް ފަންކްޝަން ކުރީ ބޭރުގެ ޕާޓްނަރެއް އޮތީމަ. ސްޓްރެޓެޖެޓިކް ޕާޓްނަރެއް އޮތީމަ. މިއީ ދެބަސްވެވޭނެ ހަގީގަތެއް ނޫން."
އޭގެ އިތުރުން ޒަމާނީ ވިސްނުމެއްގެ ތެރެއިން ކުންފުނިތައް ހިންގަން ސިޔާސީ ނުފޫޒުން އެއްކިބާ ވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ފައްޔާޒު ގަބޫލުކުރައްވަ އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، އެމްޑަބްލިޔުއެސްސީގައި ހިޓާޗީގެ ޝެއާ އޮތުމުން ސަރުކާރަށް ބޭނުންހާ ކަމެއް ނުކުރެވުމެވެ. އެހެންވެ، ސިޔާސީ ނުފޫޒުތައް މިހާރު އޮތް ގޮތުން ސަރުކާރުގެ 100 ޕަސެންޓް ހިއްސާ ކުންފުނިތައް ކޮންޓްރޯލް ކުރުމަކީ އެ ކުންފުނިތަކުގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި ކުންފުނިތައް އޭގެ ޒާތުގައި ފަންކްޝަން ނުކުރަނީ ވެސް ސިޔާސީ ޕްރެޝަރުތައް ބޮޑުވެގެން ކަމަށް ވިދާޅުވި އެވެ.
އަނެއްކޮޅުން ސަރުކާރުން ގަބޫލުކުރަނީ ހިއްސާ ވިއްކައިފި ނަމަ، މިހާރު އޮތް ދަތި ހާލަތުން ވަރަށް ގިނަ ކުންފުނިތައް އަރައިގަންނާނެ ކަމަށެވެ. ކުންފުނިތައް މިހާރު އޮތީ، އެ ކުންފުންޏަކުން ލިބޭ އެއްޗަކުން އިންވެސްޓް ކުރެވޭ ހިސާބުގައި ނޫން ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ބުނެފައި ވެ އެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރަށް އެ ކުންފުނިތަކަށް ދެވޭނެ މާލީ އެހީއެއް ވެސް ނެތް ކަމަށެވެ.
"މިސާލަކަށް އައިލެންޑް އޭވިއޭޝަން، އަޅުގަނޑު ވަރަށް މަރުހަބާ ކިޔަން ގަތަރު ނޫނީ އެމިރޭޓްސް ކަހަލަ ބަޔަކު އައުން. އެހެން ލެވެލަކަށް ނުގެންދެވޭނެ އެހެން ނޫނީ އަޅުގަނޑުމެންނަކަށް. މިސާލަކަށް ބީއެމްއެލް އަނެއްކާވެސް އިތުރު ލެވެލްއަކަށް ގެންދަން ބޭނުން ނަމަ ޔޫރަޕިއަން ބޮޑު ބޭންކަކުން ދިހަ ވަރަކަށް، ވިއްސަކަށް ޕަސެންޓް ހިއްސާ ގަތިއްޔާ ކިތަންމެހާ ވެސް ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުން ބީއެމްއެލް ދުނިޔޭގެ ނުވަތަ ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ވެސް ލިސްޓް ކުރެވިދާނެ. މީގައި ކޮންމެ އޭންގަލަކުން ނެޝަނަލިސްޓް އެންގަލަކުން ބަލައިފައި 100 ޕަސެންޓް ހިއްސާއިން ލިބޭ އެއްޗަކާއި ނޫނިއްޔާ ހިއްސާއެއް ދޫކޮށްލީމަ އިތުރަށް އެއިން ލިބެން އޮތް އެއްޗަކާ މިއީ ދެއްތޯ ބަލަން ޖެހޭ ކަމަކީ."
ނަަމަވެސް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ދިރާގު ހިއްސާ ވިއްކާލުމުން އެ ކުންފުންޏަށް ވީ ފައިދާއަކީ ކޮބައިތޯ އާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލުމުންް ލިބުނު ފައިދާއަކީ ކޮބައިތޯ ދެންނެވުމުން ފައްޔާޒު ވިދާޅުވީ ބައެއް ނިންމުންތަކަކީ ފައިދާ އާއި ގެއްލުން ހިމެނޭ ނިންމުންތަކެއް ކަމަށެވެ. އެކަމަކު ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުން މިނިސްޓަރު ދިފާއު ކުރެއްވި އެވެ.
"ޖީއެމްއާރަށް އެއާޕޯޓް ދިން އިރު، ޖީއެސްޓީ އާއި ބީޕީޓީ އަކީ ސަރުކާރު ދަންނަ އެއްޗެއް ނޫން. ސަރުކާރަށް ލާރި ދައްކައިގެން ތަރައްގީ ކުރެވެން [އޭރު] އޮތް ތަނެއް ނޫން އެއީކީ،" ޖީއެމްއާރުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގެންނެވި ފައްޔާޒު ވިދާޅުވި އެވެ.
"ޖީއެމްއެމްއާރު އައިމާ އައި ތަފާތަކީ އިންޓަނޭޝަނަލް އޮޕަރޭޓަރެއް ވީމަ އެ އައި ވިސްނުން. ވިޔަފާރި މޮޑެލަށް މުޅިން ބަދަލުވީ. ދައުލަތުން އެއްވެސް އެއްޗެއް ލޯނެއް ނުނަގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓް މި ކުރަނީ އެ މީހުން އަމިއްލަ އަށް. އަޅުގަނޑުމެން ނުޖެހޭ ދަރަންޏަކަށް ޒިންމާވާކަށް."
އެކަމަކު ފައްޔާޒު ވެސް ގަބޫލުކުރައްވާ ގޮތުގައި ކޮންޓްރޯލް ބާއްވަން ޖެހޭ ކުންފުނިތަކެއް ވެސް ދައުލަތުގައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ވެމްކޯ، އެސްޓީއޯ ކަހަލަ ތަންތަން އޭނާ ފާހަގަކުރެއްވި އެވެ.
"އެސްޓީއޯ ވެސް ކުދި ވިޔަފާރިތަކުން ހަމަ މުޅިން ދުރުވާން ޖެހޭ. އެސްޓީއޯ އިން ކީއްކުރަންތޯ ސުޕަމާޓް ހިންގަންވީ،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން ބައެއް ކުންފުނިތައް އެބަހުރި އަޅުގަނޑުމެން އެ ކުންފުނިތަކުގެ ކޮންޓްރޯލް އޮންނަން ޖެހޭ ތަންތަން. މިސާލަކަށް ވެމްކޯ. ކިހިނެއްތޯ އަޅުގަނޑުމެން ބޭނުންވާ އަގެއްގައި، ބޭނުންވާ ގޮތަށް ކުނި ނައްތާލާނީ އެތަން ނެތިއްޔާ."
ކުންފުނިތަކުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތުމަކީ ސިޔާސީ ގޮތުންނާއި ޚަރަދުގެ ގޮތުން ބަލާއިރު ވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިވެހިން އަބަދުވެސް ގަބޫލުކުރަނީ ހުރިހާ ކަމެއް ކޮށްދޭން ޖެހޭނީ ސަރުކާރުން ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ބަދަލުކުރަން ވެއްޖެ ވިސްނުމެކެވެ.
"ސަރުކާރަކީ ފެސިލިޓޭޓަރެއް. ސަރުކާރުން އެތަންތަން ރެގިއުލޭޓް ކުރާނީ. ޑޮލަރު އަގުބޮޑުވީމަ ޑޮލަރު ބަހަން ސަރުކާރުން ނުކުތުމެއް ނޫން ހައްލަކީ. އެކަންކަން ރެގިއުލޭޓް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންވީ. މިނިވަން ކުންފުނިތަކަށް އެތަންތަން ބަދަލުވީމަ އަޅުގަނޑުމެން މި ވަކާލާތުކުރާ އަދި ބޭނުންވާ ކުޑަ ސަރުކާރެއް އުފެއްދޭނީ ވެސް،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދުގެ ސަރުކާރުން ވިއްކާލި ހިއްސާތައް އަނބުރާ ހޯދުމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެންމެ އިސްކަން ދެއްވި އެއް ކަންތަކެވެ. އޭގެ ތެރެއިން ކާމިޔާބުވީ އެންމެ ތަނެކެވެ. އެއީ އެއާޕޯޓެވެ. ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި ގޮތަށް ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދިނުމަށް ފަހު، އަނބުރާ އެއާޕޯޓް ހޯދައި މިދިޔަ އަހަރު އެމްއޭސީއެލް ވަނީ އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ފައިދާއެއް ހޯދައިފަ އެވެ. އެމްޑަބްލިޔުއެސްސީގެ 20 ޕަސެންޓް ޝެއާ އަނބުރާ ގަތުމުގެ ކަންކަން އޮތީ ވެސް މުޅިންްހެން ނިމުމަކަށް އައިސްފައި ކަމަށް، އޭރުގެ ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ކުންފުނިތަކުގެ ހިއްސާ ވިއްކަން އަންނަ އަހަރުގެ ބަޖެޓްގައި ޖެހުމާ އެކު ފުންމައިގެން ގޮސް އިދިކޮޅުން ވަނީ ފާޑުކިޔަން ފަށައިފަ އެވެ. މިއީ އެމްޑީޕީގެ ސަރުކާރެއްގައި ކުރާނެ ކަމެއްކަން ކުރިން ވެސް އިދިކޮޅުން ބުނަމުން އަ އެވެ. ޔާމީން ވެސް މިދިޔަ ރިޔާސީ ކެމްޕޭންގެ ތެރޭގައި އެހެން ވިދާޅުވި އެވެ.
ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވި ގޮތުގައި ދިފާއުގައި އެމްޑީޕީން ކޮންމެ ވާހަކައެއް ދެއްކިޔަސް، ހިއްސާ ވިއްކަނީ އެންމެ ބޭނުމެއްގަ އެވެ. އެއީ ހަމައެކަނި "ލާރިކޮޅެއް ހޯދާލުމެ"ވެ.
"އެހެން ނޫނީ ދެން ކޮން ކަމަކަށްތޯ،" ސައީދު ސުވާލު އުފެއްދެވި އެވެ.
ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު.--- ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެމްޑީޕީގެ ފިލޯސަފީއަކީ، ކުންފުނިތައް ސިޔާސީ ނުފޫޒުން ދުރުކޮށް އެފިޝެންޓްކޮށް ހިންގުން ކަމަށް އެ ޕާޓީން ބުނާ ކަމަށް ދެންނެވުމުން ސައީދު ވިދާޅުވަނީ އެއީ "ރޯބުހުތާނު ދޮގު ވާހަކަ" ކަމަށެވެ.
"ތިކަހަލަ ވާހަކަ ދިވެހި ރައްޔިތުން މިހާރަކު ގަބޫލެއް ނުކުރާނެ. ކުރިން ވެސް ހަމަ ތިހެން ކިޔައިގެން ހިއްސާ ވިއްކީ. ކޮބައިތޯ ނަތީޖާ އަކީ؟ ދިރާގު ބައްލަވާ. އެންމެން އެ ގޮވަނީ އިންޓަނެޓްގެ އަގުހެޔޮ ކުރާށޭ. ކީއްވެގެންތޯ ނުކުރެވިގެން އެ އުޅެނީ. ސަރުކާރުގެ މެޖޯރިޓީ ޝެއާ ވިއްކާލީމަ ދެން ކިހިނެއްތޯ ސަރުކާރުން ބޭނުންވާ ކަމެއް ކުރާނީ؟" ސައީދު ވިދާޅުވި އެވެ.
އެހެން ބައެއް މިސާލުތައް ދެއްވަމުން އޭނާ ވެސް ޖީއެމްއާރުގެ ވާހަކަ ގެންނެވި އެވެ. އެއާޕޯޓް ކުއްޔަށް ދިނުމަކީ ދިވެހިންގެ އިސްތިގުލާލު ނަގާލުން ކަމަށް ސިފަކުރައްވައި ސައީދު ވިދާޅުވީ އެއީ ދިވެހިން ކައިބޮއިގެން އުޅޭ ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ދިން ވަރުގަދަ ހަމަލާއެއް ކަމަށެވެ.
"އެ ހިސާބަށް ޖެހިލަމާ ހިނގާ... ޖީއެމްއާރަކުން ނެތް އެތަން ފުޅާކުރުމުގެ އެއްވެސް ވިސްނުމެއް. ހުރި އެއްޗަކުން ފައިދާ ނެގުމުގެ ވިސްނުމެއްގައި ހިންގީ ވެސް. އިތުރު ރަންވޭއެއް އަޅާކަށް ނެތް. ޖީއެމްއާރުގެ ވިޔަފާރި ބޮޑުވެގެން ގޮސް ޗާޖްތައް އިތުރުވެގެން ކިތައް ޓުއާ އޮޕަރޭޓަރުންްނާއި ކިތައް އެއާލައިނުންތޯ މައްސަލަ ޖެއްސީ. އޭގެ ސަބަބުން ޓޫރިޒަމަށް ލިބުނީ ކިހާ ބޮޑު ގެއްލުމެއްތޯ،" އޭރު ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ސައީދު ވިދާޅުވި އެވެ.
އެހެންވެ، ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަކީ، ސައީދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ސިޔާސީ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުން ކުރެއްވި މުހިންމު ކަމެކެވެ. (ޖީއެމްއާރުގެ އެއްބަސްވުން އުވާލީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެކަމަކު އާބިޓްރޭޝަންގެ ކަންކަން ނިމުނީ ޔާމީންގެ ސަރުކާރުގަ އެވެ.)
"އިގްތިސާދީ މިނިވަންކަމެއް އެމަނިކުފާނު އެ ހޯއްދަވައިދެއްވީ،" ސައީދު ސިފަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނިތައް އިތުރު ހަރުފަތްތަކަކަށް ގެންދަން ހިއްސާ ވިއްކުން ނޫން ގޮތްގޮތް ވެސް އެބަ ހުއްޓެވެ. މިސާލަކަށް އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަނާ ބެހޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަ އެވެ.
"އަޅުގަނޑުމެންގެ ސަރުކާރު ނިމުނުއިރު އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންްފުންޏެއް. އަޅުގަނޑުމެން އެ ކުންފުނި ކޮޅަށް ޖަހަން ބޮޑު ހަރަދެއްކޮށް އެކި ގައުމުތަކަށް ދަތުރުތައް ކުރަމުން ދިޔައިން،" ސައީދު ވިދާޅުވި އެވެ.
ކުންފުނިތައް ރީސްޓްރަކްޗާކޮށް، މީހުން ބިނާކޮށް އިތުރު ދިމާތަކަށް އެ ކުންފުނިތައް ގެންދެވެން އޮއްވާ އެއިން އެއްވެސް ކަމެއް ނުކޮށް، ދައުލަތުގެ ބަޖެޓްގެ ދަރަނި ފޫބައްދަން ކޮންމެ ފަހަރަކު ކުންފުނިތައް ވިއްކުމަކީ، ސައީދުގެ ނަޒަރުގައި، ހިތާމަހުރި ކަމެކެވެ.
އެކަމަކު ފައްޔާޒު ވިސްނުން ވަރަށް ތަފާތެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ކުންފުނިތައް އެހެން ލެވެލްއަކަށް ގެންދާށާއި ސަރުކާރުގެ ބެހުމެއް ނެތި ކުންފުނިތައް އަރައިގަތުމަށް ހިއްސާ ވިއްކުން ނުވަތަ ޕްރައިވެޓައިޒްކުރުން މުހިންމު ކަމަށެވެ. އެމްޑީޕީގެ އެ ފިލޯސަފީގައި ކުރިއަށް ދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން، އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތަކުން ފެންނަން އެ ހުރީ އެވެ. އިދިކޮޅުން ކޮންމެ އެއްޗެއް ކިޔަސް، ސަރުކާރުގެ ބައެއް ކުންފުނިތަކަށް އަންނަ އަހަރު ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުވަޒީރު
17 November 2020
ކުންފުނިތަށް ހިނގަންވާ ގޮތަށް ނުހިނގަނީ ސަރުކާރުން އެތަންތަނަށް އަތްބާނާތީ. ވައްކަން ކުރަން ބޭނުންވާތީ. ބޯޑަށް މީހުން ލަނީ ސިޔާސީ މީހުން. މެރިޓް އުސޫލަކުން ނެއް ނޫން. ބީއެމްއެލް ކުރިއެރީ ބޭރު ބައެއްގެ ހިއްސާ އޮވެގެނެއް ނޫން. މޯލްޑިވިއަން މިހާރު އޮތްވަރުވީވެސް ބޭރު ބައެއް ތިބެގެނެއް ނޫން. . އެއްވެސް ގައުމެއްގައި އެގައުމެއްގެ ސްޓްރެޓީޖިކް އެސެޓްސް ހިމެނޭ ކުންފުނިތަކެއްގެ ކޮންޓްރޯލް ބޭރަށް ދޫކޮށެއް ނުލާނެ.
ފަންސުރު
17 November 2020
ސައީދުގެ ވާހަކައިގަ ބްރެކެޓް ޖަހާފަ ޖީއެމްއާރު އެއްބަސްވުން އުވާލީ ޑރ. ވަހީދޭ ޖެހިހެން ފައްޔާޒުގެ ވާހަކައިގަ ސަރުކާރުން ޖީއެމްއާރުން ނެގި ލޯނަށް ގެރެންޓީ ނުދެޔޭ ބުނި ތަނުގަ ބްރެކެޓެއް ޖަހާފަ ސަރުކާރުން ގެރެންޓީ ދިން ވާހަކައާ 250 މިލިއަން ޑޮލަރު ދޭންޖެހުނީވެސް އެ ގޮތަށް ގެރެންޓީ ދިނުމުން ކަމަށް ޖަހާލަބަލަ.
ައަފުރާސިޔާބު
17 November 2020
މަށަށް ފެންނަ ގޮތަކީ މޯލްޑިވިއަން އިންޑިއާ އަށް ވިއްކާލާފައި ބީ.އެމް.އެލް. އެސްބީއައި އަށް ވިއްކާލުން. އެއިރުން އެއްވެސް ކަމެއް ނުކޮށް ހިނގަހިނގާއޮތް ދެ ކުންފުނި އިންޑިއާއަށް ލިބުނީނުން. ދެން އަދިވެސް އެބައޮތް ރަނގަޅުކަމެއް. މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމް.އެން.ޑީ.އެފް ވެސް އިންޑިއާ އަށް ވިއްކާ ލާފައި ރާއީސް އޮފީސް ޕްރަވަޓައިޒް ކޮށްލުން. ދެން މަނިޓަރީ އޮތޯރިޓީ އާއި އިމިގްރޭޝަން ބަންގާޅަށް ވިއްކާލުން. ބަނދަރު ދޭނީ ވޯރާއިންނަށް.
ހާމަ333
17 November 2020
ތިބޭފުޅާ ބޮޑުވީވެސް އެސްޓީއޯ އިން ގަތް ސާމާނު ބޭނުންކޮށްގެން...ދެން ކޮން މޮޅުވާހަކައެއް....އެހެނެއްނޫން ތިމާމެންގެ އެކްޓިވިސްޓުންގެ ވިޔަފާރި ކުރިއަރުވަން ދަންތުރަޖަހާ އާންމު ރައްޔިތުނަށް އޮޅުވާލަން ރާވާރޭވުންތަ...
ހާމަ333
17 November 2020
އިބުރޭ އިސްތިއުފާ ދީ...ދުވަހަކު އެމްޑީޕީއަކަށް ވެރިކަމެއް ލިބުނަސް ހިންގައި އާމްދަނީ ހޯދާނެގޮތެއްނޭގޭ....ގައުމު ބަނގުރޫޓުވެ ހަރުމުދާ ވިއްކުން މީ ކުރަންޖެހޭކަަމަކީ...ޔާމީނު ވައްކަން ކޮށްފަވެސް ގައުމު ވިއްކައެއްނުލާ....ނުވީތާކަށް ލޯނުނަގާފަ އެ ދެއްކޭނެ އިންތިޒާމު ހަމަޖެއްސި...އެކަން ބޮއްސުންލީ މިސަރުކާރުގެ ދޯހަޅިކަމުން...ގައުމު ތަރައްގީ ދިޔައީ ދުވަހަކުވެސް ނުދެކޭ ސްޕީޑުގަ ކުރިއަށް....އެމްޑީޕީ ލަދުގަންނަންޖެހޭ....
މާނުމަނިކެ
17 November 2020
ވިޔަފާރި ކުރުމުގެ ތަޖުރިބާއެއް ނެތް، އިގްތިސާދީ ދާއިރާއިން ކިޔަވާފައި ނެތް މީހެއް ޤައުމުގެ ޓްރޭޑް މިނިސްޓަރުކަމަށް
މައި6
17 November 2020
ދެކޮޅުވެސް އެބައޮތް. ބޮޑަށް ބުރަވެވެނީ ސްޓްރެޓެޖިކް ތަންތަން ފިޔަވައި ހިއްސާ ވިއްކަން. ހަމަ ގައިމުވެސް ޕްރައިވެޓައިޒްކުރީމާ "މެޑަމްގެ ލިސްޓަށް" ވަޒީފާއެއް ނުދެވޭނެ. އެތަންތަނުން ކޮރަޕްޝަން ހިންގަން ދަތިވާނެ. އެފިޝަންޓްވާނެ. ދައުލަތަށްވެސް ޚަރަދު ކުޑަވާނެ. ޕާޓީގެ ކުދިންނަށް ވަޒީފާ ބަހާނެ ދޮރު ބަންދުވާނެ. އެއީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. ކޮރަޕްޓް ވަގުންނަށް ލިބޭނެ ދެރަކަމެއް.
މަރީ
17 November 2020
އެހެން ގައުމުތަކުން ވެސް ސަރުކާރ ވިޔަފާރިއެއް ނުކުރާނެ.. ނުޖެހޭ ކުދި ވިޔަފާރި ހުއްޓާ އެސްޓީއޯއިން އިސްތިރި ވިއްކާކަށް. ހަމަ ރަނގަޅު ނިންމުމެއް.
ބޭރު
17 November 2020
ޖީއެމްއާރަށް އެއަރޕޯޓް ކުށްޔަންދިންކަން އެއީ ދިވެހިިންގެ ނަސީބެކެވެ. އަދި އަބުރާ ޖީއެމްއާރު އަތުން އެއަރޕޯޓް ހޯދުމަކީވެސް ރަގަޅު ވިސްނުމެކެވެ. ޖީއެމްއާރުން ވަނީ އެއަރޕޯޓްގެ ހިންގުމަށް ބަދަލުތަކެއް ގެނެސް ފައިދާވާނެ ގޮތްގޮތް ހޯދާފައެވެ. ދިވެހިން ހިންގި އިރު އެތަނުގެ ބިމާއި ވަސީލަތްތައް ރަގަޅު ފައިދާ ލިބޭގޮތަކަށް ބަދަލުކުރާނެ ވިސްނުމެއް ނެތެވެ. ދެން ފައިދާވާގޮތަށް ބަދަލުތައް ގެނައުމުން އެމީހުން އަތުން އަތުލުމަކުން ގޯހެއް ނެތެވެ.
ރަންދެލި
18 November 2020
ޖީއެމްއާރު ގެ ކުރިން އެއަރޕޯޓު ހިންގީ ސަރުކާރު އޮފީހެއް ހިންގާ އުސޫލުންނެވެ. އެއަކު ވިޔަފާރީގެ ކަންފުޅެއްވެސް ނެތެވެ. ޖީއެމްއާރުން އެތަން މޮޑަން ވިޔަފާރިއަކަށް ބަދަލުކޮށްލީ ހައިރާންވާ އަވަހަށް އެހާމެ ތަރުތީބުންނެވެ. މިވާހަކަ މި ލިޔަނީ ޖީއެމްޢާރަށް އެއާޕޯޓު ދިނުމަށް ދެކޮޅު ހަދާ އެމީހުން އަތުން އެއާޕޯޓު އަތުލުމަަށް ކުރި ބައެއް މުޒާހަރާ ތަކުގަވެސް ބައިވެރިވީ މީހަކީމެވެ.
ފޫހި
17 November 2020
ލޯޔަރެއް އިކޮނޮމިސްޓަކަށް ނުވާނެ. ހަރުމުދާ ވިއްކައިގެން ނޫންގޮތަކަށް ގައުމު ހިންގަންނޭންގޭނަމަ އެންމެހާ ދިވެހިންގެ ހައްގުގައި އަވަހަށް އިސްތިއުފާދީފަ އެބްމެން ގެއަށްދޭ.