ކޮއްޔަ ހަސަން: ދެވަނައެއް ނުވާ އެކްޓަރެއް
20 ފެބުރުއަރީ 2021 - 12:55
އޭނާގެ ހަޔާތުގައި ކޮއްޔަ ހަސަން މަނިކަކީ ކިހާ މުހިންމު މީހެއްތޯ ފިލްމީ ބަތޮލު ޔޫސުފް ޝަފީއު (ޔޫއްޕެ) ކައިރީގައި އެހުމާ އެކު އިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު ދެން އައީ ހުސް ވަގުތުކޮޅެކެވެ. ދެން އިވުނީ ރޯ އަޑެވެ.
"ބައްޕައެއް ކަހަލަ ހިތްހެޔޮ މީހެއް އެއީ،" ގިސްލަމުން ޔޫއްޕެ ބުނެލި އެވެ.
ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެނިކޮށް މިއަދު ހެނދުނު ނިޔާވި ހ. ރޯޝަންލޭން ހަސަން އަލިމަނިކުގެ ހަނދާންތައް ކައްސާލާނެ މީހަކު ފިލްމީ ދާއިރާގައި ވެސް އަދި ކުޅިވަރުގެ ދާއިރާގައި ވެސް މަދުވާނެ އެވެ. އޭނާ އަކީ މޮޅު އެކްޓަރެކެވެ. ގަލޮޅު ދަނޑުގައި ނިއު ރޭޑިއަންޓްގެ ވަރުގަދަ ސަޕޯޓަރެކެވެ. އެކަމަކު، 67 އަހަރުގެ ހަސަންމަނިކު، ނުވަތަ އާންމު ނަމުން ނަމަ ހަސަނިކުގެ ލޯބި އާންމުންގެ ހިތްތަކުގައި އޮތީ އޭނާ ކެމެރާ ކުރިމަތީގައި ހޭދަކުރި ތިރީހަކަށް އަހަރުގެ ހަޔާތުގަ އެވެ.
"ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ހުނަރުވެރި އެކްޓަރު ކަމާ ދޭތެރޭ ޝައްކެއް ނެތް،" ހަސަންމަނިކާ ބެހޭ ގޮތުން، އެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވި އެވެ.
ތެދެކެވެ. އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ؛ ރާއްޖޭގެ އޭރުގެ މަޝްހޫރު ކޮމޭޑިއަނުން ކަމަށް ވާ ފީބޯ އަހުމަދު މަނިކާއި އަހުމަދު ޝާހިދު ހަލީމާ އެކު 1990ގެ ކުރީކޮޅު ޓީވީއެމުން އުފެއްދި "ބަޚަބަރު"ގައި ހަސަންމަނިކު އެ ދެއްކީ މޮޅު ހުނަރެކެވެ. އެއީ އޭނާގެ ފިލްމީ ހަޔާތުގެ ފެށުމެވެ. އޭގެ ފަހުން، ދިވެހި ފިލްމުތަކުން ހަނދާނުން ނުފޮހެވޭ ބައިތަކެއް ކުޅުމުގެ އިތުރުން ބައެއް ފިލްމުތައް ޑައިރެކްޓް ކުރުމާއި ޕްރޮޑިއުސް ވެސް ކުރި އެވެ. "އެ ބައްޕަ" އަކީ ހަސަން އުފެއްދި ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ފިލްމީ ތަރި ޔޫސުފް ޝަފީފު (ޔޫއްޕެ) އެވެ.
"އެއީ ކަންނޭނގެ ހަސަންމަނިކު އުފެއްދެވި ހަމައެކަނި ފިލްމަކީ ވެސް،" ޔޫއްޕެ ބުންޏެވެ.
"އެ ފިލްމަކީ ހަސަންމަނިކުގެ އާދަޔާ ހިލާފު ހުނަރުތަކެއް ފެނިގެން ދިޔަ ފިލްމެއް. އަޅުގަނޑު ބުނާނީ ރާއްޖޭގައި އެވަރުގެ އެކްޓަރުން ހަމަ ވަރަށް މަދުވާނެއޭ. މޮޅު އެކްޓަރެއް. ވަރަށް މޮޅު އެކްޓަރެއް. ކޮންމެ ކަހަލަ ރޯލަކަށް ވެސް ހަސަންމަނިކު ފިޓްވާނެ."
ކޮވިޑުގައި ނިޔާވި ކޮއްޔަ ހަސަން މަނިކު، ޔޫސުފް ޝަފީއުއާ އެކު
ރީކޯ މޫސަ ވެސް ވިދާޅުވަނީ އެވަރުގެ އެކްޓަރުން ވަރަށް މަދުވާނެ ކަމަށެވެ. އަދި އޭނާ ހަސަންމަނިކު ސިފަކުރެއްވީ، މޮޅު، ހުނަރުވެރި އަދި ހުރިހާ ކަމެއްގައި ވެސް އަޚުލާގުތަކެއް ހިފެހެއްޓި ފަންނާނެއްގެ ގޮތުގަ އެވެ.
"ފިލްމީ ދާއިރާގައި އެއީ ބައްޕައެއް. ރައްޓެއްސެއްގެ ގޮތުގައި ވެސް އެއީ ތިމާގެ މީހެކޭ އެއްފަދަ މީހެއް. ކުޅިވަރުގައި ނިއު ރޭޑިއަންޓަށް އެއީ ދެވަނައެއް ނުވާ ވަރުގެ ސަޕޯޓަރެއް،" ރީކޯ މޫސަ ވިދާޅުވި އެވެ.
"އެ ދުވަސްވަރު ނިއުރޭޑިއަންޓް ކުޅޭ ދުވަހެއްގައި ހަސަން މަނިކު ދަނޑަށް ވަދެއްޖިއްޔާ އެކަން އެނގޭނެ މުޅި ދަނޑަށް ވެސް. ލަވަ ކިޔައި އުޅުނު. އަނެއްކާ އަމިއްލަ އަށް އެތައް މަސައްކަތެއް ވަރަށް ރީތިކޮށް ކުރަން ދަނޭ."
ހަސަންމަނިކަކީ ފިލްމީ ދާއިރާ އެއްބައިވަންތަ ކުރުމާއި މައްސަލަތައް ހައްލުކުރުމުގައި ވެސް އިސް ރޯލެއް ކުޅުނު މީހެކެވެ. ފިލްމުތަކުގައި ކާސްޓުންގެ ތެރޭގައި، އަދި ކެމެރާގެ ފުރަގަހުގައި ވެސް ދިމާވާ މައްސަލަތަކަށް އޭނާ މެދުވެރިވެގެން ވަރަށް ގިނަ ފަހަރު ހައްލުތައް ހޯދި އެވެ. ދާއިރާގެ ބޮޑެތި މައްސަލަތަކުގައި ހައްލެއް ހޯދަން މެދުވެރިއެއްގެ ބައި އަދާކޮށްދިނުމަށް ވަރަށް ގިނަ ފަންނާނުންގެ ސިކުނޑި އަށް އެންމެ ފުރަަމަ ގެންނަ ނަމަކީ ވެސް ހަސަންމަނިކެވެ. އެހެންވެ، މި ދާއިރާގައި އޭނާއަކީ، ބައެއް ފަންނާނުން ސިފަކުރާ ގޮތުގައި، "ފިލްމީ ދާއިރާގެ ބައްޕަ" އެވެ.
ކޮއްޔަ ހަސަން އާއި އާއިލާ --ފޮޓޯ: ފޭސްބުކް
ހަސަންމަނިކު ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާއަށް އެ ލިބުނީ ވަރަށް ބޮޑު ނިކަމެތިކަމެއްކަން، ޔޫއްޕެ އާއި މޫސަގެ އިތުރުން އެހެން ބައެއް ފަންނާނުން ވެސް ފާހަގަކުރެ އެވެ. ބައެއް ތަރިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހަސަންމަނިކުގެ މަރާ ގުޅިގެން "ރޮއްވާލައި ކަރުނަ ފާއްދާލައިފި" ކަމަށެވެ.
"ފަހުންފަހުން ފިލްމެއް ނުހަދާނެ ހަސަންމަނިކު ނުލައި. އޭގެ މާނައަކީ އެއީ އެންމެންގެ ރުހުން ހޯދާފައިވާ ތަރިއެކޭ،" މޫސަ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ހަސަންގެ އެހީތެރިކަމެވެ. ހަސަންމަނިކަކީ ހުރިހާ ފަންނާނުންނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ތަރިއަކަށް ވާތީ ދާއިރާގެ އެންމެން ވެސް އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަން މޫސަ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަކީ ވަރަށް ކުރިން ފެށިގެން ވެސް ހަސަންމަނިކާއި އޭނާގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ މީހެއް. މިފަހަރު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވެސް އަދި އޭގެ ކުރިން ވެސް ފޯނުން ގުޅައިގެން ވާހަކަ ދެއްކިން،" މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެއް ގެއްލިގެން އެ ދިޔައީ. އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށުނީ ހަސަންގެ ސަބަބުން. ސަބަބަކީ އަޅުގަނޑު ލ. އަތޮޅަށް ގެންގޮސް އެ އަތޮޅަށް މަޖިލީހަށް ކުރިމަތިލެއްވީ ހަސަން ކަމަށް ވާތީ،" މޫސަ ވިދާޅުވި އެވެ.
ހަސަންގެ އާއިލާ އިން ބުނި ގޮތުގައި ހަސަން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު ފަސް ކުދިންގެ ބައްޕަ އެންމެ ފުރަތަމަ ޓްރީޓޮޕަށް ގެންދިޔައީ ކޮވިޑަށް ޓެސްޓް ކުރާކަށް ނޫނެވެ.
"ފަހަކަށް އައިސް ބައްޕަ ވަރަށް ބޮޑަށް ބަލިވެ އުޅެނީ. ބައްޕަގެ ކިޑްނީގެ މައްސަލައެއް ހުންނާނެ. ހިތުގެ ވެސް މައްސަލައެއް އުޅޭ. އެހެންވެ ކިޑްނީގެ ޓެސްޓަކަށް ގެންދިޔައީ. ގެންގޮސް ކޮވިޑަށް ޓެސްޓްކުރި އިރު ޓެސްޓް ޕޮސިޓިވްވީ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކޮއްޔަ ހަސަން: މޮޅު އެކްޓަރެއް
"ދެން ހުޅުމާލޭގެ ފެސިލިޓީ އަށް ގެންދިޔައީ. އޭގެ ފަހުން ހާލު ބޮޑުވެގެން ދަރުމަވަންތަ އަށް ގެންގޮސް ވެންޓިލޭޓަރުގައި އޮއްވާ ހިތް ހުއްޓުނީ މިއަދު."
ފިލްމީ ފަންނާނުން ބުނާ ގޮތުން ހަސަންމަނިކުގެ އުސޫލެއް، އަބަދު ވެސް ބުނާ ވާހަކައެއް އޮވެ އެވެ؛ "ކުރާ ކަމެއް ވަރަށް ވެގެން ކުރަން ވާނެ" އެވެ.
ހަސަންމަނިކު ދައްކައިދިން މިސާލަކީ ވެސް އެ އެވެ. ރަހުމަތެރިއެއްގެ ގޮތުގައި އެއީ ދެވަނައެއް ނުވާ ވަރުގެ މީހެކެވެ. ހުނަރުގެ ގޮތުން ބަލާ ނަމަ އެވަރެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު0001
21 February 2021
ނެޗުރަލް އެކްޓަރެއް. ނެގެޓިވް ބައިތައްވެސް އަދި ވަރަށް ހިތްހެޔޮ މަޑުމައިތި ބަައިތައް ކުޅުމުގަވެސް އެއް ފެންވަރެއްގަ ހިފެހެއްޓެވި މޮޅު އެކްޓަރެއް. އެއީ ވަރަށް މޮޅު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ވަރަށް މަދު އެކަޓަރުންނަށް ކުރެވޭކަމެއް. ހަސަނަކީ ކުޅެން ޖެހޭ ކެރެކްޓާއަށް މުޅިން ވަދެގެން ދެން އެއީ ހަސަނޭ ހަނދާން ނެތޭވަރަށް އެކެރެކްޓާއެއް ސްކްރީން ކުރިމަތީ ޕާފޯމް ކުރި އެކްޓަރެއް. ދެވެހި ފިލްމީ ލެޖެންޑެއް.
ބަބުރަންޖީ ހާޖީ
20 February 2021
އެކްޓަރެކޭ ބުންޏަސް އޭނާ އެކްޓުކުރީ ހަމަ ހަޤީޤަތޭ ހީވާހާ މޮޅަށް. ވަރަށް ނެޗުރަލް އެކްޓަރެއް އެއީ.
އައިޝާ ސައިދު
20 February 2021
މިއޭ މައްސަލައަކީ. ކިޑްނީ ހަލާކު ވެގެން ދިޔައިމަ ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއްޔާ އެހެން ހުރިހާ ބައްޔެއް ބަހައްޓާފަ ކޮވިޑް ފެސިލިޓިގައި އެޑްމިޓްކޮށް ކޮވިޑަށް "ފަރުވާ" ދެނީ. އެހެންތާ ވާނީ، ކޮވިޑަށް އިތުރު އެލަވަންސް ދެނީ. ކިޑްނީ ބައްޔަށް އެލަވަންސް ނުދޭ.
ފާތުމަތު
21 February 2021
ހިތުން މޮޅެތި ކޮމެންޓް ކުރާއިރު ކަމުގެ ވާނުވާ ބަލާލައިގެން ކޮމެންޓް ކުރުން ރަނގަޅުވާނެ
ފުންއަސަރު
20 February 2021
ކޮންމެ ފެށުމަކަށް ނިމުމެއް އަންނާނެ. ވަގުތު ޖެހުނީމާ ޖެހޭނީ ދާން. މަށަށްވެސް އަދި ދެންތިބިމީހުނަށްވެސް. މިއިމްތިޚާނުގެ ގޮވަތީގާ ބޭނުންވަނީ އިމްތިޚާނުން ފާސްވާވަރު ކޮށްލުން. އެއީކީ ބޮޑުކަމެއްނޫން. އިރާދަކުރެއްވިއްޔާ ހަސަންގެ ފުރާނަ ސުވަރުގޭގާ ލައްހައްޓަވާށި. އާމީން.
މޮހިތު
21 February 2021
ވަރައް މޮޅުވާހައެއް! މިއީ އަދި މީހުނަށް ނޭގޭ ކަމެއް!