ސްކޫލް ގައިޑް: ޗުއްޓީގައި ކުރާނީ ކޮން ކަމެއް؟

ކިޔެވުމުގައި ބުރަ ވަގުތުތަކެއް ހޭދަކޮށްފައިވާ ދަރިވަރުންނަށާއި ކުދިންގެ ޒިންމާތަކުގައި އަވަދި ނެތި ބުރަކޮށް އުޅުނު ބެލެނިވެރިންނަށް ކުރިއަށް އޮތީ ދޮޅު މަހެއްހާ ދުވަހުގެ ޗުއްޓީއެކެވެ. ދަރިވަރުން ވެސް އަރާމުކުރުން މުހިންމެވެ. އެއީ ކިޔެވުމުގެ ޓެންޝަނުން ދުރުވެ، އާ އަހަރަށް ތައްޔާރުވުމަށެވެ. މިއީ އާއިލީ ގުޅުމާއި ލޯބި، ބޮޑުކޮށް، ދަމަހައްޓަން ލިބޭ ފުރުސަތެކެވެ. އެކަން ކުރަން ރަނގަޅު ގޮތުގައި ޗުއްޓީ ހޭދަކުރަން ރާވާލަން ޖެހެ އެވެ.


އެންމެ ގިނަ ދަރިވަރުން އުޅޭ މާލެއަށް ސުކޫލު ބަންދުގައި ބޮޑު ލުޔެއް ލިބެ އެވެ. އުފާވެރި ޗުއްޓީއެއް ހޭދަކުރަން ރާއްޖެއިން ބޭރަށާއި އެހެން ރަށްތަކަށް އާއިލާތަކުން ދަތުރުކުރެ އެވެ. ތިމާގެ މީހުންނާ ބައްދަލުކުރާށާއި އެހެން ކަންކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން، އާސިމް އަބްދުލް ސައްތާރު ވިދާޅުވާ ގޮތުގައި އާއްމުކޮށް އުޅޭ މާހައުލު ނޫން އެހެން ތަނަކަށް ދިއުމަކީ، ސިކުނޑީގެ ވަރުބަލިކަން ފިލުވަން، ވަރަށް މުހިންމު ކަމެކެވެ.

"އެކި ބެލެނިވެރިންނަށް އެފޯޑް ކުރެވޭނީ އެކި ވަރަށް. ނަމަވެސް ދާން ނިންމާ ތަނަކީ ކުދިންގެ އުމުރާ ގުޅޭ ތަނަކަށް ވުން ވަރަށް މުހިންމު،" ކުރިން ސްކޫލްތަކުގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާ އާސިމް ވިދާޅުވި އެވެ.

"އެތަނަކީ ކުދިންނަށް އާ އެއްޗެއް ދަސްވާނެ ތަނަކަށް ވުން ވެސް މުހިންމު."

ޗުއްޓީއަށް ދާ ޚިޔާރުކުރާ ތަނުން ކުދިންނަށް އާ ކަންކަން ދަސްވެ، އިލްމީ ނަޒަރަކުން ވިސްނުމުގެ ފުރުސަތު ފަހިވުން ރަނގަޅުވާނެ ކަމަށް، ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރަނީ ސަބަބުތަކެއް ހުރެގެންނެވެ. ތަހުޒީބީ މުޖުތަމައުއަކަށް ކުދިން ހޭލުންތެރިކުރުވަން ޖެހެ އެވެ. އެހެން މާހައުލަތުގެ ދިރިއުޅުމުގެ އާދަތަކަށް އަހުލުވެރިކުރުވަން ޖެހެ އެވެ.

"ސައިޓް ސީނަކަށް ދާއިރު ވެސް ނޫނީ ރަށަކަށް ދާއިރު ވެސް އެތަނަކުން ފެންނަ ކަންކަމަކީ އެ ކުދިންނަށް އިލްމީ ގޮތަކަށް ވިސްނަން ފުރުސަތު ލިބޭނެ ކަންކަމަށް ވާން ޖެހޭ،" އާސިމް ވިދާޅުވި އެވެ.

"މިސާލަކަށް ރަށެއްގެ ކުނީގެ މައްސަލަ. ކުނި ނައްތާނުލެވެނީ ކީއްވެ ކަމާ، އެކަމަށް އޮތް ހައްލަކީ ކޮބާކަން ދެނެގަތުމަށް ކުދިންނަށް ވިސްނަން ފުރުސަތު އޮންނާނެ."

ޗުއްޓީއަކީ ހަމައެކަނި ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަކުރުމެއް ނޫނެވެ. އެގޮތަށް ވަގުތު ހޭދަކުރާ ނަމަ އަލުން ކިޔަވަން ފަށާއިރު އުނދަގޫތަކާ ކުރިމަތިވެ އެވެ. އެހެންކަމުން ވަކި ޝެޑިއުލްއަކުން ކިޔެވުމުގެ ކަންކަން ވެސް ޗިއްޓީީގައި ކުރިއަށް ގެންދަން ޖެހެ އެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދުގެ ނަޒަރުގައި ޗުއްޓީ ތެރޭގައި ވެސް ދަރިވަރުން ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ ކޮންމެވެސް ވަގުތުކޮޅެއް ފޮތް ކިޔަން ހުސްކުރަން ޖެހޭ ކަމެވެ. އަދި ސުކޫލުން ދަސްކޮށްދިން ރީތި އާދަތަކުން ދުރުނުވެ އުޅެން ވެސް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގުތުތައް ބޭކާރު ނުކޮށް އުފާވެރިކަމާ އެކު، އާއިލާއާ އެއްކޮށް ހިތްހަމަޖައްސާލަން ވާނެ. ޝެޑިއުލެއްގެ ތެރެއިން އެކަން ކުރެވޭނެ،" މުޖާހިދު ވިދާޅުވި އެވެ.

ސްކޫލު ދުވަސްތަކުގައި ދަރިވަރުން އުޅެނީ ވަރަށް ބުރަކޮށެވެ. އެހެންކަމުން ޗުއްޓީގައި، ރަނގަޅަށް ނިދަން ސަމާލުކަން ދޭން ޖެހެ އެވެ. ގަޑިން ގަޑިއަށް ކެއުން ވެސް އެހާމެ މުހިންމެވެ. ވަގުތުން ވަގުތަށް ނަމާދުކުރަން އިސްކަން ދޭން ޖެހެ އެވެ.

މުނިފޫހިފިލުވަން ޓެބްލެޓްތަކާއި ފޯނުތަކާއި ޓީވީ ގޭމްތަކުގެ ބަދަލުގައި ކުޅިވަރުތަކެއްގައި ބައިވެރިވުން ރަނގަޅު ކަމަށް، ތައުލީމީ ތަޖުރިބާކާރުން ލަފާދެ އެވެ. ޗުއްޓީ ތެރޭގައި އެކި ވައްތަރުގެ ކެއުންތައް ކެވޭލެއް ގިނަވެދާނެ އެވެ. އެހެންކަމުން ހަރަކާތްތެރި ކުޅިވަރުތަކުގައި ކުދިން ބައިވެރިކުރުން، ސިއްހީ ގޮތުން މުހިންމެވެ.

ތަޖުރިބާކާރު ޓީޗަރެއް ކަމަށްވާ މަރިޔަމް ޝުޒުރާ ވިދާޅުވި ގޮތުގައި ފެށޭ އަހަރަށް ރަނގަޅަށް ތައްޔާރުވާން މި ޗުއްޓީގައި "މެންޓަލް ބްރޭކެއް" ނެގުން ދަރިވަރުންނަށް މޮޅުއިތުރެވެ. އެއީ ކިޔަވަން މަޖުބޫރު ނުކުރުވައި ޗުއްޓީ އަށް ފުރުސަތު ދިނުމެވެ.

މަޖުބޫރުކުރުވައިގެން ކިޔަވަން ބޭތިއްބުމާއި ކުދިންނަށް ވިސްނައިދީގެން، ކޮންމެވެސް ވަރަކަށް ފޮތްތައް ބަލައިލުމަކީ މުޅިން ތަފާތު ދެ ކަމެކެވެ.

އުފާވެރި އަދި ބާއްޖަވެރި ޗުއްޓީއަކަށް އެދެމެވެ.