06 ނޮވެމްބަރ 2019 - 09:08
ހޯލުގެ އަޑު މަޑުވި ހިނދުކޮޅެކެވެ. ވަގުތަކީ އޭލެވެލް އިމްތިހާނުގެ ނަތީޖާ ފާޅުކުރެވެމުންދިޔަ ވަގުތެވެ. މައިކަށް ނުވަތަ އިސްޕީކަރަށް ކޮންމެވެސް މައްސަލައެއް ދިމާވެގެން ޖަލްސާ އޮތީ މެދުކެނޑިފައެވެ. ކޮންމެ މީހަކު ވެސް، ޖެހިގެންއިން މީހާޔާ ކޮންމެވެސް ވާހަކައެއް ސިއްރުސިއްރުން ދައްކަމުންގެންދިޔައެވެ. ނުވަތަ ފޯނު ނަގައިގެން ކުޅެން ފެށިއެވެ. އަހަރެންގެ އަތްދަބަހުގައި ފޯނު އޮތެވެ. ވައަތްފަރާތުގައި ނަސީމު އިނެވެ. ނަސީމަކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައީ މުޅީން އެހެން މަންޒަރުތަކެކެެވެ. މަންޒަރުތައް ހީވަނީ އަވަސްކޮށްފައި ހުރިހެންނެވެ. ފުރަތަމަ ފެނުނީ އަނދިރިގަނޑެކެވެ.
އަހަރެން އުއްބައްތި ރޯކޮށްލީމެވެ. ގޭގައި ކަރަންޓެއް ނެތް ވަގުތެކެވެ. ކަރަންޓު އަންނާނެ އިރެއް ވެސް ނޭނގެއެވެ. ރޯކޮށްފައިވާ އުއްބައްތީގެ ހުޅުކޮޅަށް ބަލަހައްޓައިގެން އަހަރެން ހުރީމެވެ. އަހަރެންގެ ދެ ދަރިން ތިބީ ނިދާފައެވެ. ކުޑަދޮރު ހުޅުވައިފައި ހުރުމުން، ކުދިންގެ އެނދާ ދިމާއަށް ކޮންމެވެސް ވަރަކަށް ރޯޅި ވަންނާނެކަމަށް އަހަރެން އުންމީދުކުރީމެވެ. ދުރުން ފެންނަންއޮތީ މާލޭގެ ތޮއްޖެހިފައިވާ މަގުތަކެވެ. ބައެއް ހިސާބުތަކުގައި ކަރަންޓު ހުރުމުން މުޅި މާލެ ހުއްޓުމަކަށް ނާންނަކަން އަހަންނަށް އެނގުނެވެ. ހިތަށްއެރިއެވެ. ދުރުން ބަލައިލާއިރު ހުރިހާ ތަނެއް ވެސް ފެންނަލެއް ހާދަހާ އަމާނެވެ. ހަމަހިމޭންވެފައި މަޑުމައިތިރިއެވެ. ހަގީގަތް އެނގެނީ ގާތުން ބެލީމައެވެ. ގޭގެއަށް ވަނީމައެވެ. ހިތް ފަޅައިފައި އޭގެ އެތެރެ "ބެލީމައެވެ." ހަސަދަވެރިކަމުގެ ގެދަބުޅި ނުބުރާ ހިތެއް ފެންނާނެބާއެވެ؟
އަހަންނަށް އޭރު ދިރިއުޅެންޖެހިފައިވަނީ ނަސީމުގެ ގެއިން އޭނައަށް ލިބުނު ކުޑަ ތަންކޮޅުގައެވެ. ދެ އަންހެންދަރިންނާއި އަހަރުމެން ދެމަފިރިން ނިދަނީ އެއް ކޮޓަރީގައެވެ. ތަނުގެ މެދުގައި ބިއްގަނޑެއް ޖަހައިގެން ކޮޓަރި ބައިކޮށްފައި ހުއްޓަސް އެއީ ދެ ކޮޓަރިއެއް ނޫނެވެ. ކުޑަކުޑަ ދެ ކޮށްޓެވެ. ދަރިން ބޮޑެތިވަނީއެވެ. މާދަމާ އެ ކުދިން އަމިއްލަ ކޮޓަރި ބޭނުންވާނެއެވެ. ހައްލަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ގެއިން އަހަންނަށް ވެސް ލިބުނީ ހަމަ އެވަރުގެ ތަންކޮޅެކެވެ. ވީމާ، ދެ ތަން ކުއްޔަށްދީފައި ބޮޑު ތަނަކަށް ބަދަލުވުން ނޫން ހައްލެއް އަހަންނަކަށް ނުވިސްނެއެވެ. ކުއްލިއަކަށް ޖެހިލި ރޯޅިއަކާ އެކުގައި ބައްތީގެ ހުޅުކޮޅު ނަށައިލިއެވެ. އަހަރެން ދެއަތުން ހުޅުކޮޅު ރައްކާތެރިކުރީމެވެ. އާއިލާއެއްގެ ބޭނުމަކީ ވެސް އެއީއެވެ. ހިމާޔަތްކުރުމެވެ. އެހީތެރިވުމެވެ. އަހަންނަށް ދިމާވީ އެއާ އިދިކޮޅަށެވެ.
ހަފީޒާއަކީ ނަސީމުގެ ދޮންތައެވެ. އޭނަ އުޅެނީ ޖެހިގެންހުރި ބައިގައެވެ. ނަސީމާއި ހަފީޒާ އެއްބަޑުއެއްބަފާ ނަމަވެސް، އެ ދެމެދުގައި އޮންނަނީ އަޖައިބެއް ކަހަލަ ގުޅުމެކެވެ. ނަސީމުގެ އާއިލާގެ އެންމެންނަކީ ވެސް އެ ކަހަލަ ބަޔެކެވެ. ނަސީމަކީ އެ އާއިލާގެ ހަމައެކަނި ފިރިހެން ދަރިއެވެ. ދެން ތިބެނީ ހަތަރު އަންހެންކުދިންނެވެ. މައިންބަފައިން ވެސް އެބަތިއްބެވެ. ކޮންމެ މީހަކަށް ވެސް ނަސީމު ފެންނަނީ ކަމެއް ޖެހުނީމައެވެ. އެ ކަމެއްގައި ނަސީމު ދެކޮޅަށް ދުވެ، ކިތަންމެ މަސައްކަތެއް ކުރިޔަސް ކަން ނިމުނީމައި ނަސީމު ވެސް ގެއްލޭނެއެވެ. އަނެއްކާ ވެސް ކަމެއް ޖެހެންދެން ނަސީމަކީ ނުފެންނަ ތާކިހާ އަޅައިގެން އުޅޭ މީހެއް ކަހަލައެވެ. މީހަކަށް އަހަރެއް ފުރިގެން ސަޔެއް ހެދިޔަސް، ނަސީމަށް އެ ކަން އެނގޭނީ އެ ތަނަކަށް ނަސީމަށް ވަދެވިއްޖެއްޔާއެވެ. ނަސީމަކީ އާއިލީ ގުޅުން ވަރުގަދަކުރަން ފައިވިއްދާފައި ހުންނަ މީހެކެވެ. ގޭގެ އެކި ބައިބަޔަށް ވަދެ، އެކި މީހުންނަށް ފޯނުކޮށް، އެކުގައި ވަގުތު ހޭދަކުރަން ނަސީމު މަސައްކަތް ކުރިއެވެ. ނަސީމާއި އަހަރެން އެކަންޏެއް ނޫނެވެ. އަހަރުމެންގެ ދަރިންނަކީ ވެސް އެހެން މީހުންގެ ވަށްބުރުން ބޭރުގައި އުޅޭ ބަޔެކެވެ. ކޮންމެ ފަދަ އެއްޗެއް ގެއަށް ގެނެސްގެން ކެޔަސް، އަހަރުމެންގެ ކުދިންނަކަށް ދައުވަތެއް ނުލިބޭނެއެވެ.
އިމްތިހާނެއް ނިމިއްޖެއްޔާ އަހަރެންގެ ދަރިންގެ މާކުސްތައް ބަލަން ހަފީޒާ އާދެއެވެ. ގިނަ ފަހަރަށް އޭނަ އަންނަނީ އަހަރެން ކޮޓަރީގައި ނޫޅޭ ވަގުތެއްގައެވެ. ހަފީޒާ އައިސް އަހަރެންގެ ދޮށީ ދަރިފުޅު ލީނާއާއި ހަގު ދަރިފުޅު ސަނާޔާގެ މާކުސްތައް، ފޯނުން ފޮޓޯނަގާކަން އަހަންނަށް އެނގުނީ، އެ ކަމެއް އޭނަ ކުރާތާ ދުވަސްތަކެއް ފަހުންނެވެ. ލީނާޔާ އެއް އުމުރެއްގެ އަންހެންކުއްޖެއް ހަފީޒާގެ ހުރެއެވެ. އޭނަގެ ނަމަކީ ތަސްލީމާއެވެ. ތަސްލީމާގެ އެއްވެސް މާކުސްއެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ހީކުރަނީ އަހަންނާއި ހަފީޒާއާ ދެމެދު ގުޅުމެއް ނޯންނާތީ އަހަންނަށް ނޭނގެނީ ކަމަށެވެ. ފަހުން އެނގުނު ގޮތުގައި ނަސީމަކަށް ވެސް ނޭނގެއެވެ. ނަސީމު އެހިޔަސް ހަފީޒާ ދެނީ ވަރަށް ކުރު ޖަވާބެކެވެ. މާކުސް ރަނގަޅޭ ނުވަތަ ދެން ގޯހެއް ނޫނޭ ބުނެފައި ފުއްދައިލަފާނެއެވެ. އެތަކެއް ދުވަހެއް ވީއިރު ވެސް އޭގެ ސިއްރެއް އަހަންނަކަށް ނޭނގެއެވެ.
އާއިލާޔާ ވަކިނުވާން ހޮރެއްގައި އުޅުމަކީ އާއިލާ ބަދަހިވާކަމެއް ނޫނެވެ. އެއިން ވާނެ ހަމައެކަނި ކަމަކީ އަހަރުމެން ދަތިހާލުގައި އުޅުމެވެ. ބަދަހި އާއިލާއަކީ ތިމާގެކަމުގެ ގުުޅުން ދަމަހައްޓާ އާއިލާއެވެ. ނަސީމަށް އެ ކަން ވިސްނައިދެވުނީ އަހަރެން ވަރަށް މަސައްކަތްކޮށްގެންނެވެ. އެ ހިސާބުން އަހަރުމެން އެހެން ތަނެއް ކުއްޔަށް ހިފައިގެން އެ ތަނަށް ބަދަލުވީމެވެ. ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނަން ފެށީ އެ ހިސާބުންނެވެ. މާ ބޮޑު މުއްސަނދިކަމެއް ނުލިބުނު ނަމަވެސް، ހަމަޖެހިލައިގެން އަހަރުމެންނަށް އުޅެވެން ފެށިއެވެ. ދެ ކުދިންނަށް ދެ ކޮޓަރި ލިބިފައި އަހަރުމެން ދެމަފިރިންނަށް ވަކި ކޮޓަރިއެއް ހަމަޖެހުނެވެ. އަހަރެން ކިޔަވަން ފެށީމެވެ. އަބަދުވެސް އަހަރެން ދެކެމުންއައި ހުވަފެނުގައި ކުލަޖެއްސޭތޯ މަސައްކަތް ފެށީމެވެ.
ވަކިން އުޅެން ފެށުމުން ނަސީމުގެ އާއިލާއާއި އަހަރުމެންނާ ދެމެދުގައި އޮތް ގުޅުން ކުރިޔަށް ވުރެ ކުޑަވިއެވެ. ހާލަކުން ފަހަރަކު އެއިން މީހަކު ގެއަށް ވަދެލިޔަސް، ވަންނައިރު އޮންނަނީ ނުކުންނަންޖެހިފައެވެ. ތަފާތު ގޮތަކަށް ގުޅުން ބަދަހިކުރީ، އަނެއްކާ ވެސް ނަސީމުގެ ދޮންތައެވެ. ހަފީޒާއެވެ. އަހަރުމެންނާ ބައްދަލުކުރާކަށް އޭނަ ނާދެއެވެ. އެކަމަކު އިމްތިހާނެއް ނިމިއްޖެއްޔާ ލީނާގެ މާކުސް އޮޅުންފިލުވަން ހަފީޒާ ގުޅައެވެ. އޭރު ހަފީޒާގެ ދަރިފުޅު ތަސްލީމާ ވެސް އުޅެނީ ލީނާޔާ އެއް ގުރޭޑެއްގައެވެ. އެކަމަކު ދެ އިސްކޫލެއްގައެވެ. ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖަކު ކިޔަވާ އިސްކޫލުގެ އެ ގުރޭޑުން އެއްވަނައެވެ. ފެށުނީއްސުރެ ހަފީޒާގެ ހިތުގައި ވާދަވެރިކަމެއް އޮންނަކަމެއް، އޭރަކު ވެސް އަހަންނަކަށް ނޭނގެއެވެ. ލީނާގެ މާކުސްތައް ނޯޓުކޮށްގެން ތަސްލީމާގެ މާކުސްތަކާ އަޅާކިޔައިހަދާކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ކޮންމެ ފަހަރަކު ފޯމުލިބުނީމައި ހަފީޒާ ގުޅަނީ ނަސީމަށެވެ. ގުޅައިގެން ލީނާގެ މާކުސްތައް އޮޅުންފިލުވައެވެ. ކިތައް އޭ ލިބުނުތޯއެވެ. ކިތައް ބީ ލިބުނުތޯއެވެ.
އަހަރެން ގާތުގައި ނަސީމު އެ ވާހަކަ ބުނެއެވެ. އެ ކަން ބޮޑުކަމަކަށް ހެދުމުގެ ބަދަލުގައި އަހަރުމެން ބެލީ އެއީ ހަފީޒާގެ ހިތްހެޔޮކަން ކަމުގައެވެ. ތަސްލީމާގެ މާކްސްތަކެއް ނަސީމު ނާހައެވެ. ހަމައެކަނި ބަލައިލަނީ ފާސްވިތޯއެވެ. އެހެންވެސް އަހަނީ ހަފީޒާ ގުޅީމައެވެ. އިސްވެ ހަފީޒާއަށް ގުޅައިގެން ތަސްލީމާގެ މާކްސްތައް އޮޅުންފިލުވުމަކީ އަހަރުމެން ކުރާ ކަމެއް ނޫނެވެ.
ކިޔެވުމުގެ އިތުރަށް ލީނާ ބައިވެރިވާ ކުޅިވަރުތަކާއި، އެހެނިހެން ހަރަކާތްތައް ވެސް ހަފީޒާ އޮޅުންފިލުވައެވެ. އަދި ތަސްލީމާގެ އިސްކޫލުގެ ހަމަ އެ ހަރަކާތްތަކުގައި ތަސްލީމާ ބައިވެރިކުރުވާކަމެއް ވެސް އަހަރުމެން ނުދެނަހުރީމެވެ. ނެޓުބޯޅައިން ލީނާއަށް ކާމިޔާބެއް ހާސިލުކުރެވިއްޖެއްޔާ ތަސްލީމާ ވެސް އެ ފެންވަރުގެ ކާމިޔާބެއް ހޯދައެވެ. އެ ކަން އެނގިއްޖެއްޔާ އަހަރުމެން ބަލަނީ އެއީ ލޭގައި ހުރި ކަމެއްކަމަށެވެ. އަހަރުމެން ވީ އުފަލެވެ. ވެވެން އޮތް އެހީއެއް ވެސް ވަމެވެ. ލީނާގެ ކަންކަން އަހަރުމެން ކުރަނީ ފާޅުގައެވެ. ކުޅިވަރެއްގައި ބައިވެރިވިޔަސް ސިއްރެއް ނުކުރަމެވެ. ތަސްލީމާ ކަމެއްގައި ބައިވެރިވިކަން އެނގޭނީ އެ ތަނަކުން ތަސްލީމާ ފެނުނީމައެވެ.
ދެ އިސްކޫލަކުން އެއް ފެންވަރެއްގެ ވަނަތަކެއް ދެ ކުދިން ހޯދަމުން ގޮސް އޯލެވެލް އިމްތިހާނުގައި އިށީންނަން ޖެހުނެވެ. އެ އިމްތިހާނަކީ، ދެ އިސްކޫލަކުން ހެދިޔަސް އެއް ނަތީޖާއެއް ހިއްސާކުރާ އިމްތިހާނެކެވެ. ދުވަސް ކައިރިވަމުން އައިއިރު ހަފީޒާ ގެއަށް ވެސް އަންނަން ފެށިއެވެ. ލީނާ ފިލާވަޅު ދަސްކުރަން ކުރާ ކަންތައް ބަލައި، މައުލޫމާތު އޮޅުންފިލުވައި ހެދިއެވެ. ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ތަސްލީމާ ވެސް އެ އިމްތިހާން ހަދާތީ، ލީނާ ގެންގުޅޭ އުކުޅުތައް ބަލަން ހަފީޒާގެ ހިތުގައި ޝައުގުވެރިކަމެއް ހުރެދާނެއެވެ. އެކަމަކު، އެންމެ ފަހަރަކު ވެސް ތަސްލީމާއެއް ނުގެނެއެވެ. ލީނާ އަކަށް ތަސްލީމާ ނުވެސް ގުޅައެވެ. އަހަރުމެންނަށް އެ ކަން ފާހަގަވެއެވެ. ކަމަކަށް ނަހަދަނީއެވެ. ހަފީޒާގެ އެ ކަހަލަ ގޮތެއް ހުންނާނެއެވެ. ނަސީމު އަބަދުވެސް އެހެން ބުނެއެވެ.
އިމްތިހާން ތެރޭގައި ހަފީޒާ ދަންވަރު ވެސް ނަސީމަށް ގުޅިއެވެ. ލީނާ ނިދަންދެން ހަފީޒާ ވާނުވާ ބެލިއެވެ. ބަޔަކު އެކުވެގެން ފިލާވަޅު ދަސްކުރާ ނަމަ ކުދިންގެ އަދަދު އަހައެވެ. ކޮން ކުދިންނެއްތޯ ބަލައެވެ. އެ ކުދިންގެ ފެންވަރު ވެސް އަހައެވެ. އަހަރުމެންނަށް ބުނެދޭން ނޭނގޭތީ ނުބުނެވެނީއެވެ. އެކަމަކު ދަންވަރު އެކެއްޖަހާއިރު ކުދިން ފިލާވަޅުދަސްކުރަން ހޭލާ ތިބޭ ހެއްޔެވެ؟ ޖެހިގެން އަންނަ ދުވަހު ޓެސްޓަށް ދާންޖެހޭއިރު ދަންވަރު ފިލާވަޅު ދަސްކުރާނީ ކާކު ހެއްޔެވެ؟ އެ ހިސާބުން އަހަރެންގެ ހިތުގައި ޝައްކުއުފެދެން ފެށިއެވެ. ހަފީޒާގެ އަސްލު ބޭނުމަކީ ކޮބައިހެއްޔެވެ؟ ހިތްއަލިކުރަން ކާނެ އެއްޗެއްސާއި، ބޯނެ އެއްޗެހި ހަފީޒާ ބުނެދެއެވެ. އަހަރުމެން އެ އަޑެއް ނާހަމެވެ. ހަފީޒާގެ ގޭގައި އެއްޗެހި ހަދައިފައި ފޮނުވަން ފެށިއެވެ. އެއިން އެކައްޗެއް ވެސް ކުދިން ކެޔަކަ ނުދެމެވެ. އޭރު ކަންބޮޑުވީ ނުގުޅޭ އެއްޗެއް ކެވިގެން ލީނާއަށް ޓެސްޓަށް ނުދެވިދާނެތީއެވެ. ކާހިތްވާ އެއްޗެއް ހުރެއްޖެއްޔާ އަހަރުމެން ކަމެވެ. ކުދިންނަކަށް ނުދެމެވެ.
އެއްރެޔަކު ހަފީޒާ އައިއިރު އޭނަ އަތުގައި މާމުއިފުޅިއެއް އޮތެވެ. އެރެޔަކީ އަހަރެންގެ ޝައްކު ކުރިން ހުރި ހަރުފަތަށް ވުރެ މަތީ ހަރުފަތެއްގައި ބެހެއްޓުނު ރެޔެކެވެ.
"ތީ ކޯޗެއް؟" ނަސީމު އެ ސުވާލުކުރީ ވަކި މުހިންމު ބޭނުމެއް އޮވެގެނެއް ނޫނެވެ.
"މިއުޅެނީ ތަސްލީމާއަށް..." ބޭއިހުތިޔާރުގައި ހަފީޒާއަށް އެ ހިސާބަށް ބުނެވުނެވެ.
ހަފީޒާ ޖުމުލަ ފުރިހަމަކުރި ނަމަ މާ ރަނގަޅުވީހެވެ. ފަހަތަށް ކޮންމެ އެއްޗެއް ވެސް އިތުރުކުރެވުނީހެވެ. ކާއެއްޗެއް ހަދާށޭ ވެސް ބުނެވުނީހެވެ. ހަކުރުގެ ބަދަލުގައި ބޭނުންކުރާށޭ ވެސް ބުނެވުނީހެވެ. އައިބުކަމެއް ނެތި ނިކަން ރީއްޗަށް އެ ކަން ކުރެވުނީހެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔޯ
07 November 2019
އާއިލާ ވިޔަސް ކޮންމެ މީހެއް ވިޔަސް ތި ހަފީޒާހެން މަގޭ ކައިރީގައި އުޅެފިއްޔާ ފުކަކަށް ބަވާ ހަމަ ލެވޭނީ!
ކަނދޮޅޮދޫ މީހާ
06 November 2019
އެސްފިނާ ޖެހުމަކީ ވަރަށް ޢާއްމު ކަމެއް. އަހަރެމެންގެ އަވަށްޓެރި ދޮންބޭބެ އަށް ވެސް ބައެއްގެ އެސްފިނާ ޖެހިގެން އެސޮރުގެ މުޅި ދިރިއުޅުން ވިއްސިވިހާލީ ވެގެން ދިޔައީ.
ޖޭކް
06 November 2019
މިކަހަލަ ކަންތައް ވ ދިމާވޭ
އެކުވެރިޔާ
06 November 2019
ގަބޫލު ކުރިޔަސް ނުކުރިޔަސް ރަށުގައުޅޭ އާއިލާތަކައްވެސް މާލޭގައުޅޭ އާއިލާތަކައްވެސް ކުރީގަވެސް މިހާރުވެސް ވަރަށް ގިނައިން ދިމާވާކަމެއްމީ.
ޢޯ އެމް ޖީ
06 November 2019
މަގޭ ހަޒްބަންޑްގެ އަންހެން ކޮއްކޮއެއް ހުރޭ ހަފީޒާ ކަހަލަ. އޭނަގެ ހުންނާނީ ފިރިހެން ކުއްޖެއް. ޢަހަރެންގެ އަންހެން. ވަރަށް ކަންކަމުގަ އަޅާކިޔާނެ. ކުދިން ވަރަށް ކުޑަ އިރު ބަރުދަނުން އަޅާ ކިޔަން ފަށައިފި. ސްކޫލް ފެށީ އަދި މި، ސްކޫލް އަޅާ ކިޔާނެ. ހެދި ބޮޑުވަމުން އަންނަވަރަށް އެއްޗިސް ބުނޭ. އޭނަ ކައިރިން އެޗެއް އަހާލިޔަސް ވަރަށް ކުރު ޖަވާބެއް ދޭނީ. އެކަމު އަހަރެން ކައިރިން ވަރަށް ސުވާލު ކުރާނެ.
2019
06 November 2019
Ma✌
ކުރަފަތްބޭބެ
06 November 2019
ޔޭ މަ ފަސްޓު!
އީނު (ކެބިންކުރޫ)
06 November 2019
މަވެސް
ކުރަފަތް ދައްތަ
06 November 2019
ޔޭ މަ ސެކަންޑް!