22 ޖެނުއަރީ 2020 - 09:03
އާދިއްތަ ދުވަހާ ގުޅޭ
އެއީ އަހަރެން ދަންނަ އާސިމެއް ނޫނެވެ. އަހަރެންގެ ފިރިމީހާއަކީ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުންނަ ގޮތަށް އަނިޔާކުރާ މީހެއް ނޫނެވެ. އެ ކަހަލަ ކަމެއް ކޮށްފާނޭ ބުނާ މީހަކު އެ ބުނަނީ ތެދެއްކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ވީމާ، ފޭސްބުކް މެދުވެރިކޮށް ވާހަކަދެއްކި މީހާ ދެކެ އަހަރެން ފޫހިވިއެވެ. އެ މީހާއަށް އަހަންނާ ވާހަކަ ނުދެއްކޭނެ ގޮތް ހެދީމެވެ. މެސެޖުތައް ފުހެލީމެވެ. އެކަމަކު އަހަރެންގެ ހިތަކުން މެސެޖުތައް ފުހެއެއްނުލެވުނެވެ. ކުރިން މީހަކު ނުކުރާކަމެއް ފަހުން ވެސް ނުކުރާނެ ހެއްޔެވެ؟ ސުވާލަކީ އެއީއެވެ. އެ ސުވާލު އަހަރެންގެ ނޭވަޔާއި ނިންޖަށް ބާރުފޯރުވަން ފެށުމުން އާސިމަށް ޝައްކުގެ ނަޒަރަކުން ބެލެން ފެށިއެވެ. ވީހާ ވެސް ދުރުދުރުން އުޅެން ބޭނުންވިއެވެ. އަންބަކަށްވެ ހުރެ އެއް އެނދުގައި ނިދާއިރު ފިރިމީހާގެ އަތްދަށުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ އާސިމަކީ ދަސްކުރަން އުނދަގޫ ފިލާވަޅެކެވެ. ކިޔާ ވަރަކަށް އޮޅުންއަރާ ކަހަލަ ވާހަކައެކެވެ.
ކިރިޔާ ވެސް އަހަރެންގެ މިޒާޖަށް ބަދަލެއް އަތުވެއްޖެއްޔާ އާސިމްގެ "ހެޔޮކަން" ރޮކެޓެއްހެން މައްޗަށް ދެއެވެ. ދެން އޮންނާނީ ކަންދެއްކުމެވެ. ކުރިން އަހަރެން ހީކުރަނީ އެއީ ހާލިސް ލޯބިކަމަށެވެ. އެއަށް ދޭންވީ އަސްލު ނަން އެނގުނީ ފަހުންނެވެ. އެ ނަމަކީ، ގިރިޓީ ލޯތްބެވެ. އަހަރެން ހިތަށްއެރިއެވެ. އާސިމް އެ އުޅެނީ އަހަންނަށް ކޮންމެވެސް ކަމެއްކުރާށެވެ. ބޮނޑިއެއް ދޭށެވެ. އިރުއިރުކޮޅާ އާސިމް ގެންނަ ޗޮކުލެޓާއި، އައިސްކިރިމާއި، ސަބްމެރީންތަކުން އަހަރެން ޖެހޭނީ ސަލާމަތްވާށެވެ. ވިހައެއް ނުދޭނެކަން އަހަންނަށް ޔަގީނެއް ނޫނެވެ. ދުވަސްކޮޅެއް ވަންދެން އަހަރެން ވަރަށް މޮޅަށް އެކަން ކުރީމެވެ. އެހެންނަމަވެސް ފަޅާއަރާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. ވާނީ ވެސް އެހެންނެވެ. އެއިން އެއްޗެއް އަހަރެން ކާތަނެއް އާސިމަކަށް ނުފެނެއެވެ. އެކަމަކު އެ އެއްޗެހިތައް ފަހުން ފެންނާކަށް ނުހުރެއެވެ.
"އަސްލު ކިހިނެއްވެގެން މިއުޅެނީ؟" އެންމެ ފަހުން އާސިމް ސުވާލުކުރިއެވެ. "ނާނާ މިހާރު އަހަންނަށް ޝައްކުކުރަނީތަ؟"
އަހަންނަށް ނޫނެކޭ ބުނެވުނީހެވެ. ދޮގުހެދުނީހެވެ. އެއިން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަނެއްކާ ވެސް ނުކުންނާނީ އިތުރު މައްސަލައެކެވެ. އެއް ދޮގުހަދައިފިއްޔާ އެ ދޮގު ފޮރުވަން ދެވަނަ ދޮގެއްހަދަން މަޖުބޫރުވާނެއެވެ. އެންމެންނަކީ މޮޅެތި މީހުންނެއް ނޫނެވެ. ކަމުގެ އެންމެ މޮޅު ހައްލު ވިސްނޭ މީހުންނެއް ވެސް ނޫނެވެ.
"އާސިމް ގެންނަ އެއްޗެހި ކާކަށް މިހާރު ހިތްހަމައެއްނުޖެހޭ!" އަހަރެން ބުނީ ތެދަށެވެ. "އާސިމަކަށް މިހާރަކު ޓްރަސްޓެއް ނުކުރެވޭ! އަހަންނަށް ހީވަނީ އަހަރެން ޔޫސްކުރާހެން."
"ވައީ؟" ފަހަތު އަކުރަށް ދަމައިލައިފައި އާސިމް އެހެން ބުނިއިރު ހީވަނީ ހަމަ ނޭނގިގެން އެހިހެންނެވެ. "ދުވަހަކު ވެސް ނާނާ ދެރަވާ ކަހަލަ ކަމެއް އަހަރެން ކުރިންތަ؟ މިހާ ރަނގަޅަށް އަހަރެން އުޅެނިކޮށް ތިހެން ކަންތައް ކޮށްގެން ނުވާނެ. ތީ އެއްވެސް ގޮތެއް ނޫން. ކީއްވެގެންތަ އެންމެން އަހަންނަށް ތިހެން ކަންތައްކުރަނީ؟ ވައިފް ދެކެ ލޯބިވުމަކީ ކުށެއްތަ؟ މީހަކަށް ނައިސްކޮށް ކަންތައްކުރުމަކީ ފާފައެއްތަ؟ އަހަރެންގެ ފެމެލީއަށް ވުރެ ބޮޑަށް ނާނާ ދެކެ އަހަރެން ލޯބިވީ. އަހަރެން އުޅެނީ އަނބިދަށުވެގެންނޭ ކިޔާފަ ފްރެންޑްސްން ދިމާކުރާއިރު ވެސް އެ އަޑެއް ނާހަން. ނާނާއަށް އަހަރެންގެ ހަންރެޑް ޕަސަންޓް ދީގެން މިއުޅުނީ."
ވާހަކައިގެ ކޮޅު ބަދަލުވިއެވެ. ބޭޒާރުވާންޖެހޭ މީހާ ދުރުގައި ބަހައްޓައިފައި އަހަރެން ހިތުގަޖެހުނެވެ. ހުޅުވެމުންދިޔަ ދެލޯ މެރިފައި ގަދަ ނިންޖަކުން އަހަންނަށް ނިދުނެވެ. ހިތަށްއެރިއެވެ. ގޯސްހެދުނީ އަހަންނަށެވެ. އާސިމަކީ ކިހާ އެކަނިވެރި މީހެއް ހެއްޔެވެ؟ ކިހާ ލޯބިވާ މީހެއް ހެއްޔެވެ؟ ނުވެސް ދަންނަ މީސްމީހުން ޖަހާ ދަންތުރައިގައި އަހަރެން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ފޭސްބުކުން ދިމާވީ އަހަރެންގެ ކާކު ހެއްޔެވެ؟ ކުރިމަތީގައި އެހެރީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. އޭނައަށް އިތުބާރު ނުކުރަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟
"މިހާ ލޯބިވާ މީހެއް ނާނާއަކަށް ނުލިބޭނެ،" އާސިމް ވަރަށް ޔަގީންކަމާ އެކީގައި ބުންޏެވެ. "ވެދާނެ އަހަންނޭ ކިޔައިގެން މީހަކު ކޮންމެވެސް އެއްޗެކޭ ކިއީކަމަށް. ނާނާއޭ ކިޔައިގެން މީހުން ދައްކާ ވާހަކަ މަދެއް ނޫނޭ. އެކަމަކު ލާހިކެއް ނޫން އެއިން އެއްވެސް ވާހަކައެއް އަހަރެން ލައްވާ ގަބޫލުކުރުވާކަށް. އެޔެއް ނޫންތަ ލޯތްބަކީ؟"
އަހަރެން މާފަށްއެދުނީމެވެ. ހިތާ ދެކޮޅަށެވެ. ހެދުނު ގޯސްތައް ވިސްނުނީ ފަހުންނެވެ. އާސިމެކޭ ޖާދޫގަރެކޭ އެއްގޮތެވެ. ކުރިމަތީގައި ހުރެފައި ހަދާ މޮޅެތި އުކުޅުތައް އެއީ މަކަރެއްކަން އެނގޭއިރު ވެސް ގަބޫލުކުރަން ހާދަހާ ފަސޭހައެވެ. އެ ކަހަލަ ފިރިންނަކީ ވަރަށް ނުރައްކާތެރި ބަޔެކެވެ. ޖިސްމާނީ އަނިޔާކުރާ މީހަކަށް ވުރެ ބިރުވެރިއެވެ. ސަބަބަކީ، ލިބޭ އަނިޔާ ސާބިތުކޮށް ނުދެއްކޭނެތީއެވެ. ބޭރުފުށުން ކޫރެއްއެޅިފައި ހުއްޓަސް ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެއެވެ. އެތެރެއެތެރެއިން ހަފުސްވިޔަސް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އަހަންނަށް ވިސްނައިލެވުނު ނަމައެވެ. ކުއްލިމަރު ގިނަވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ވަލުތެރެޔާއި، ފަޅުތެރެޔާއި، ގޭތެރޭގައި މީހުން މަރުވެފައިތިއްބާ ފެންނަނީ ކީއްވެެގެން ހެއްޔެވެ؟ ނުރައްކާތެރި ހާދިސާއެއް ހިނގަނީ، ރައްކާތެރި އެތައް ފިޔަވަޅުތަކަކަށް ފަރުވާކުޑަ ކުރެވިގެންނެވެ. ކަމެއް ހިނގުމުގެ ކުރިން އިންޒާރުގެ ރަތް ސިގުނަލު ދައްކާނެއެވެ. ބެލުމާއި ނުބެލުން އެއީ މުޅީން އެހެން ކަމެކެވެ. އާސިމް ގެންނަ ކާއެއްޗެހި އަހަރެން މަދުމަދުން ކަމެވެ. ގިނަ ފަހަރަށް އުކައިލަނީއެވެ. އެ ކައިގެން އަހަރެން މަރެއްނުވެއެވެ. އެހެން ކަމެއް ނުވާކަމެއް ނޭނގެއެވެ. އަހަރެން ސަލާމަތުންހުރީ އާސިމްގެ އޯގާވެރިކަމުންނެވެ. ނުވަތަ އަހަރެން ހުސިޔާރުވީމައެވެ. އެ އަހަރު ލިބުނު ބޮޑު ޗުއްޓީގައި ކޮންމެވެސް ތާކަށް ޖައްސާލަން އާސިމް ބޭނުންވިއެވެ. އަހަރެން ވެސް ހުރީ ބޭނުންވެފައެވެ. އަހަރެން ދާން ބޭނުންވީ އިންޑިޔާއަށެވެ. އާސިމް ދާން ބޭނުންވީ މެލޭޝިޔާއަށެވެ. މީހަކު ބުނެފާނެއެވެ. އާސިމްގެ ނިންމުން މާ ރަނގަޅެވެ. އޭނަގެ ބޭނުމަކީ ވީހާ ވެސް ރަނގަޅު ތަނަކަށް އަހަރެން ގެންދިޔުމެވެ. އަންނައުނު ހޯދުމުގައި އަހަރެން ބޭނުންވަނީ މާލެއިން ހެދުން ފަހާށެވެ. އާސިމް ހެދުން ގެނެސްދެނީ ރާއްޖެއިން ބޭރުންނެވެ. އަހަންނަށް ރީތި ފެހީގެ ކުލަތަކާއި ނުލުގެ ކުލަތަކެވެ. އާސިމަށް ކަމުދަނީ ރަތުގެ ކުލަތަކާއި ދަނބުގެ ކުލަތަކެވެ. އާސިމް ގެންނަނީ ވެސް އެ ކުލަތަކެވެ. އިސްތަށިގަނޑު ވީހާ ވެސް ދިގުކޮށް ބަހައްޓަން އަހަރެން ބޭނުމެވެ. އާސިމަށް ކަމުދަނީ ކޮނޑާ ހަމަޔަށް ހުރެފައި، މުށިކުލަ ޖެއްސީމައެވެ. އެ ކަން ވެސް އޮންނަނީ އެހެންނެވެ. ގިނަ ކަންތައް އާސިމް ކޮށްދެނީ އަހަރެން ބޭނުންވާ ވަރަށް ވުރެ ރަނގަޅަށެވެ. މީހުންނަށް ފެންނާނީ އެ މަންޒަރެވެ. އާސިމަށް އަހަރެން ކަމުދަނީ އަހަރެންގެ ގޮތުގައެއް ނޫނެވެ. އާސިމަށް ކަމުދާ ކޮންމެވެސް އެހެން އަންހެނެއްގެ ގޮތުގައެވެ. އެއީ އާސިމަށް ކާމިޔާބު ނުވި ލޯތްބެކެވެ. ނުވަތަ ކޮންމެވެސް ގައުމެއްގެ ފިލްމީތަރިޔެކެވެ. އޭގެ ހަގީގަތެއް އަހަންނަކަށް ނޭނގެއެވެ. އެނގޭކަމަކީ، އަހަރެން ކޮންމެވެސް އެހެން މީހަކަށް ހަދަން އާސިމް ބޭނުންވާކަމެވެ. ހުރިހާ ކަމެއްގައި ވެސް އާސިމް ބޭނުންވާ ގޮތް އިސްކުރާ ފަދައިންނެވެ. އަހަރެން ބޭނުންވާ ގޮތް މުހިންމެއް ނޫނެވެ. އަހަންނަކީ ނެތް މީހެކެވެ.
އަހަރެންގެ އުންމީދުތަކާއި ހުވަފެންތައް މުހިންމެއް ނޫނެވެ. ފިރިމީހާ ތަޅައިއަނިޔާއެއް ނުކުރެއެވެ. އެހެންވީމާ ދެން އުޅުނީމައި ނިމުނީއެވެ. މީހުން ކިޔާ އަޑު އިވެނީ އެހެންނެވެ. އަހަރެން ކެތްކުރީ އެހެންވެގެން އެކަންޏެއް ނޫނެވެ. ތިންވަނަ ކައިވެނި ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ޓަކައެވެ. އަހަރެން ހަމަ މޮޔައީއެވެ. މަވެތިވަންތަ ސިފަތައް ހުންނަ މީހުން ބަދަލުވޭ ހެއްޔެވެ؟ ކޮންމެ ކަމެއްގައި ތިމާ ބޭނުންވާ ގޮތަށް އިސްކަންދޭ މީހެއްގެ ފަރާތުން އުފަލެއް ލިބޭނެ ހެއްޔެވެ؟
އަހަރުމެން މެލޭޝިޔާއަކަށް ނުދަމެވެ. އިންޑިޔާއަކަށް ވެސް ނުދަމެވެ. އެންމެ ފަހުން ދިޔައީ ރާއްޖޭގެ ރަށަކަށެވެ. ހުރިހާ ކަމެއް ހަމަޖެހިގެން ދަތުރަށް ފަށައިފައި ވެސް ފަހުން ލެފީ އާސިމް ބޭނުންވި އެހެން ރަށަކަށެވެ. އާސިމް ބުނި ގޮތުގައި އެ ރަށުގައި އާސިމްގެ ބޮޑުދައިތައެއް ހުރެއެވެ. އަހަރެން ޝަކުވާއެއް ނުކުރަމެވެ. ހިތްހަމަނުޖެހުމުގެ ބަދަލުގައި ހިތްހަމަޖެހޭނެ ގޮތްތަކެއް އަހަރެންނަށް ހޯދުނީއެވެ. އެ ރަށަކީ، އަހަރެން ވަރަށް ޒުވާންއިރު އައި ރަށެކެވެ. ވަރަށް ރީތި މީހަކު ފެނުނު ރަށެކެވެ. އޭނަގެ އަސްލު ނަމެއް އަހަންނަކަށް ނޭނގެއެވެ. މީހުން ކިޔަނީ ކައްޕިއެވެ. ސަބަބަކީ، އެ މީހާއަކީ ކޮންމެވެސް ދޯންޏެއްގެ ކެޕްޓަނެކެވެ. އަހަރެންގެ ބަދުނަސީބުކަމުން ކައްޕިއަކީ މީހެއްގެ ފިރިޔެކެވެ. ދެ ދަރިން ވެސް ތިއްބެވެ. އެހެންވިޔަސް، ކޮންމެ ދުވަހަކު ވެސް ކައްޕި ދެކިލަން އަހަރެން ކުރި މަސައްކަތް އަހަރެންގެ ހިތުގައި ލިޔުނީ ރަން ދެއްޔަކުންނެވެ. އެއީ އުފާވެރި ދުވަސްތަކެކެވެ. މަޖާ ދުވަސްތަކެކެވެ. އެ ރަށުގެ ކޮންމެ މަގަކާއި، ކޮންމެ ގޯޅިޔަކީ އަހަރެންގެ މާޒީގެ ހިއްސާއެކެވެ. ހިތަށް ތަދުކުރި ފޮނި ހަނދާނެކެވެ.
އާސިމް ހިތުން އަހަރެން އެ ރަށަށް ފޭބީ އާސިމާ އެކީގައެވެ. އަހަރެން ފޭބީ ކައްޕިޔާ އެކީގައެވެ. އާންމުކޮށް އޭނަ ފެންނަ ތަންތަނަށް އަހަންނަށް ބެލުނެވެ. އަހަރެންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ގެނެސްދިނެވެ. ރަށަށް ފޭބީއްސުރެ އާސިމް ދެއްކީ އާސިމް ރުކަށް އަރަން ކިހާ ކުޅަދާނަ ވާހަކައެވެ. ރާއަރަން އެނގޭ ވާހަކައެވެ. މުޅީން ވެސް އާސިމްގެ މޮޅުކަމާއި ކުޅަދާނަކަމުގެ ވާހަކައެވެ. އަހަރެން އެ ވާހަކަތައް އަޑުއެހީމެވެ. ލޯމަތީގައި ސިފަކުރަމުން ގެންދިޔައީ ކައްޕިއެވެ. ވަރަށް ހިތްހަމަޖެހިލައިގެން ހިނިއައިސްފައި އަހަރެން ހުރީ އެހެންވެއެވެ. ރާއަރަން އުޅެނިކޮށް އެއްފަހަރަކު އާސިމް ކައްސައިލައިގެން ވެއްޓި ފަޔަށް ތަދެއްއެރި ވާހަކަ ބުނުމުން ވެސް އަހަންނަށް ހިނިއައިސްފައި ހުރެވުނީ އެހެންވެއެވެ. އެ ފަހަރު އާސިމަށް ޝައްކުވިހެން ހީވިއެވެ. އޮޅިގެން ނަމަވެސް އެ ރަށަށް ކުރެވުނު ދަތުރަކީ، ކައިވެންޏާ މެދު އަހަންނަށް ގޮތެއް ނިންމުނު ބިރުވެރި ދަތުރެކެވެ.
ރަށަށް ދިޔަތާ ފުރަތަމަ ދުވަހެވެ. އަހަރުމެން ތިބީ އާސިމްގެ ބޮޑުދައިތަ ގޭގައެވެ. އިރުއޮއްސުނުތަނާ އަހަރެންގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަން ފެށިއެވެ. ހިނގާލަން ދާން އާސިމް ކިޔަކިޔާހުއްޓައި، ރޭގަނޑު ނުވައެއް ނުޖަހަނީސް އަހަރެން ނިދަން އޮށޯތީމެވެ. ބޮލުގަރިއްސާކަމެއް އެކަކަށް ވެސް ނާންގަމެވެ. ނިދުނު ވަގުތެއް ނޭނގެއެވެ. ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. ހީވަނީ އަހަރެންގެ މޫނުމަތީގައި ބާލީސް އަޅައިފައި އޮތްހެންނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނާ
24 January 2020
ހައިފާ... އެއީ ޝެލްފިޝް. ރަންކޮޅާ!!!
ހަސަންކޮ
23 January 2020
މުޅިވާހަކައިގަ އެއްވާހަކައެއް...!! ކިޔަން ވަރަށް ފޫހި ވާހަކައެއް..!! ބިންމާގެ ވާހަކައެއް މިނޫނީ މަ ފޫހި ކުރުވި ވާހަކައެއް ނުކިޔަން..!!
އަހުސަނު
22 January 2020
މިވާހަހަ މިހާރު ވައްތަރުވާން މިއުޅެނީ ‘ދެކޭހިތްވޭނިކަން’ މިވާހަކަޔާ. “ރާޝިދު”ފެންނަން އުޅެނީ
ފޮނިބޮކި
22 January 2020
ކުރީގެ ބައިތަކާ އެއްގޮތަށް މިބައިވެސް ދެން ހަމަ ފުދޭވަރަކަށް ފޫއްސޭ ބުނެވޭނީ. ދެން ބާލީސްގަނޑު އެއްލާލާފައި އާސިމްކައިރިން ވަރިވުމަށްފަހު މަމިއޮތީ މަށަށް ގެއްލިފައޭ ކިޔާފައި މަވެތިވަންތަ ގޮތަކަށް ނިންމާލަން އުޅޭ.
މަށާމަ
23 January 2020
އަސްލުވެސް.. މީ ބިންމާއެހެން މީހަކު ލައްވާ ލިޔުއްވާ ވާހަކައެއް ތޯޗެއް.
ފަޒީލް
22 January 2020
އަހަރެން މަށަށް ގެއްލިފައި. ކޮަބައިތަ މާނައަކީ. ކީކޭބާ މި ކިޔަނީ
ފޮނިބޮކި
22 January 2020
ތިޔައީ ވަރަށް މަވެތިވަންތަ ނަމެއް
ނާނާ
22 January 2020
ޖިސްމާނީ އަނިޔާކުރާ މީހަކަށް ވުރެ ބިރުވެރިއެވެ. ސަބަބަކީ، ލިބޭ އަނިޔާ ސާބިތުކޮށް ނުދެއްކޭނެތީއެވެ
ކުއްވެރި
22 January 2020
އާސިމް ގެ ކަމަކަށް ވާނީ
ސްނޯ
22 January 2020
މި ބައި ވ ރަަގަޅު.
އަމީ
22 January 2020
އެބަ ރަނގަޅުވޭ..
ކްއިކްގަން މުރުގަން
22 January 2020
އިންޓްރެސްޓިންގ