26 ޖެނުއަރީ 2020 - 09:03
ބުދަ ދުވަހާ ގުޅޭ
ހީވަނީ އަހަރެންގެ މޫނުމަތީގައި ބާލީސް އަޅައިފައި އޮތްހެންނެވެ. އަހަރެން ހަޅޭއްލަވަން ފެށީމެވެ. އަޑު ބޭރަށް ނުކުންނަކަމެއް ނޭނގެއެވެ. މޫނުމަތީގައި ބާލީސްއަޅައިގެން ހުރީ ކާކުކަމެއް ވެސް ނޭނގެއެވެ. އަހަރެން އެއްލި އަތުން ހިފުނީ އެ މީހާގެ އަތުގެ މުލައްދަނޑީގައެވެ. އެ އަތުގެ ވަށަމިނާ ދޭތެރެއަކު އަހަންނަކަށް ނުވިސްނުނެވެ. އަހަރެން އޮތީ ވަރަށް ހާސްވެފައެވެ. އޭރު ވެސް ލެވޭ އެންމެ ބާރަކަށް އަހަރެން ހަޅޭއްލެވީމެވެ. ކޮޓަރީގެ ދޮރުގައި ނިކަން ބާރަށް ތަޅައިގަތް އަޑު އިވުނުހެން ހީވިއެވެ. އޭރު އަހަރެންގެ ކަންފަތަށް ޒާތެއްގެ ތޫލިއަޑެއް އަރައި، މޫނުމައްޗަށް އަނދިރިވެ، ގައިން ބާރު ހުސްވަނީއެވެ. ދެން ވީ ގޮތެއް ނޭނގެއެވެ.
އަހަންނަށް ލޯ ހުޅުވައިލެވުނުއިރު އަހަރެން އޮތީ އެނދުގައެވެ. އެނދުގެ ފައިލާކޮޅުގައި އާސިމާއި، އާސިމްގެ ބޮޑުދައިތަ ވެސް އިނެވެ. އަހަރެން ވިސްނައިލީމެވެ. އަހަރެންގެ މޫނުމަތީގައި ބާލީސް ނުވަތަ އެ ފާޑުގެ އެއްޗެއް އެޅުން އެއީ ހުވަފެނެއްގައި ހިނގި ކަމެއް ހެއްޔެވެ؟ ހަގީގަތެއް ހެއްޔެވެ؟
"އަހަރުމެންގެ އަޑުގަދަވެގެން ހޭލެވުނީ ދޯ؟" އަހަރެން ލޯ ހުޅުވިތަން ފެނުމުން ވަރަށް އޯގާތެރިކަމާއެކު އާސިމް އެހިއެވެ. "މަ ބުނެފީމޭ ބޮޑުދައިތަ ކައިރީގަ ބޭރަށް ހިނގާށޭ ނާނާ ހޭލަފާނޭ."
"ތެދެއް!" ބޮޑުދައިތަ އެއްބަސްވިއެވެ. "މިރޭ މަސް ފިހަންވެގެން މިއުޅެނީ. އެހެންވެ ދެ ކުދިން ކޮބައިތޯ ބަލައިލަން މިއައީ. ކޮބާ ބޮލުގަރިއްސުން ކިހިނެއް؟"
އަހަރެންނަކަށް ޖަވާބެއް ނުދެވުނެވެ. ހިތުގައި ތަކުރާރުވަމުންއައީ އެންމެ ސުވާލެކެވެ. އަހަރެންގެ މޫނުމަތީގައި އެއްޗެއް އެޅީ ހުވަފެނެއްގައި ހެއްޔެވެ؟ ނުވަތަ އެއީ ހަގީގަތެއް ހެއްޔެވެ؟ އަހަރެން ނިދިއިރު އާސިމް ލައިގެންހުރީ އަތްކުރު ޓީޝާޓެކެވެ. ފަހުން އަތްދިގު ގަމީހަކަށް ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ މަސް ފިހަން ހަމަޖެހިފައި އޮތަސް، ބޮޑުދައިތަ ވަނީ އަހަރެންގެ ހަޅޭކުގެ އަޑު އިވިގެން ހެއްޔެވެ؟ އެ ކަހަލަ ކަމެއް ކޮށްފައި އާސިމް އެހާ ހަމަޖެހިލައިގެން އިންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މަރާލަން އާސިމް އުޅެންވީ ކީއްވެގެން ހެއްޔެވެ؟ ކޮން ކަމެއް ބޭނުންވެގެން ހެއްޔެވެ؟
"އަހަރެން އަންނާނަން ބޭރަށް ނުކުމެލާފަ އިނގޭ،" އާސިމް ތެދުވަމުން ބުންޏެވެ. "ނާނާ ރެސްޓުކޮށްލާ!"
ބޮޑުދައިތައާއި އާސިމް ނުކުމެގެން ދިޔައެވެ. އަހަރެން އެތައް އިރަކު ވިސްނަން އޮތީމެވެ. ހިތަށްއެރިއެވެ. ހަގީގަތާ ހާދަހާ ވައްތަރު ހުވަފެނެކެވެ. އެ ރެޔަކު ދެނެއް އަހަންނަކަށް ނުނިދުނެވެ. ތެދުވީމެވެ. ބޭރަށް ނުކުތީމެވެ. އޭރު މޭޒުމަތީގައި މަސްތައް އަތުރައިފައި ހުއްޓެވެ. ކަނޑުމަހާއި، ފަރުމަހާއި، ހޮރުމަހާއި، ކުކުޅުމަސް ވެސް ހުއްޓެވެ. ހޮރުމަހުގެ ތެރެއިން ބޯވައާއި، ކަކުނި ކެއީމެވެ. މަސްތައް ހުރީ އުލުން ކެވޭ ގޮތަށް ތަށްޓަކަށް އަޅައިފައެވެ. ވަރަށް މީރެވެ. ކައި ނިމިގެން އިރުކޮޅަކު ބޭރުގައި އިނދެލައިފައި އަހަރެން ކޮޓަރިއަށް ވަނީމެވެ. ދަތްއުނގުޅަން ފާހާނާއަށް ވަދެފައި ބުރުގައި ބޭސްޖަހަން އުޅުނިކޮށް، އަހަރެންގެ ކަނާއަތުގެ ކަށިއިނގިލީގެ ނިޔަފަތީގެ ދަށް އަހަންނަށް ފެނުނެވެ. އެ ނިޔަފަތީގެ ދަށުގައި ކޮންމެވެސް އެއްޗެއް ހުއްޓެވެ. އެއީ ކޯޗެއް ހެއްޔެވެ؟ ފިހެފައިވާ އެއްވެސް މަހަކު އަހަރެން އަތެއް ނުލަމެވެ. އަހަރެން ބޭނުންކުރީ އުލެކެވެ. އެ ވަރުން ވެސް، ކޮންމެވެސް ގޮތަކުން ނިޔަފަތި ދަށަށް އެތިކޮޅެއް ވަނީ ހެއްޔެވެ؟
ނިދަންއޮއްވައި ކުއްލިއަކަށް އަހަރެން ހަނދާންވިއެވެ. އެ ރޭ އަހަރެން ނިދައިފައި އޮއްވައި މޫނުމަތީގައި އެއްޗެއް އަޅައިގެން އުޅުނު ވަގުތު، އެ ކަން ކުރި މީހާގެ އަތުގައި އަހަރެން ވަކިއެޅީމެވެ. އަހަރެންގެ ނިޔަފަތިގަނޑު ދަށުގައި ހުރީ އެ މީހާގެ ލޭ ހެއްޔެވެ؟ އެ ވަގުތު މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އެ ހާދިސާއަކީ އަހަންނަށް ފެނުނު ހުވަފެނެއް ނޫން ހެއްޔެވެ؟ އަހަރެން މަރާލަން އުޅުނީ ކާކު ހެއްޔެވެ؟ ފުންމައިގެން ތެދުވެވުނެވެ. އާސިމަށް ގުޅީމެވެ. އައުމަށް އެދުނީމެވެ. ވަރަށް އަވަހަށް އާސިމް އައެވެ. އަހަރެން ހާސްވެފައި ހުރިތަން ފެނުމުން އާސިމް ހައިރާންވިއެވެ.
"ކިހިނެެއްވީ؟" އާސިމް ސުވާލުކުރިއެވެ.
ވީ ގޮތް އަހަރެން ކިޔައިދިނީމެވެ. އެއީ އަހަރެންގެ މޮޔަކަމެވެ. އެކަމަކު ބުއްދިވެރިކަމެއް ވެސް ކުރެވުނެވެ. އެ ކަން ކުރި މީހާގެ އަތުގައި ވަކިއެޅި ވާހަކައެއް އަހަރެން ނުބުނަމެވެ.
"ތި ވާނީ ހުވަފެނަކަށް،" ވަރަށް ހަމަޖެހިލައިފައި އާސިމް ބުންޏެވެ. "އަހަރެން ކޮޓަރިން ނުވެސް ނުކުންނަން. އެކަކު ވެސް ކޮޓަރިޔަކަށް ނުވަދޭ! ވެދާނެ މާ ބޮޑަށް ބޮލުގަރިއްސާތީ ނާނާ ކުޑަކޮށް އެނބުރުންއެރީކަމަށް. ކަނޑުދަތުރުކުރީމަ ބައެއް މީހުންނަށް އެ ކަހަލަ ކަންތައް ވެއެއްނު. ހިނގާބަލަ ހިނގާލަން ދާން. ވައިޖައްސާލަން. އޭރުން ހަމައަކަށްއެޅިދާނެ."
އަހަރެން ހިނގާލަން ގެންދަން އާސިމް އުޅެނީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ އެތިފަހަރުން ނުކުރެވުނު ކަންތައް ދެވަނަ އެތިފަހަރުން ކުރަން ހެއްޔެވެ؟ އަހަރެން ނުދަމެވެ. ނިދަން އޮށޯތީމެވެ. އާސިމް ބޭރަށް ނުކުމެފައި ނިދަން އައިއިރު އަހަރެން އޮތީ ނިދާކަމަށް ހެދިގެންނެވެ. އެކަމަކު ވަރަށް ވިސްނައިގެންނެވެ.
"ނިދީ؟" އާސިމް އެހިއެވެ.
އަހަރެން އެއްޗެއް ނުބުނުމުން ގާތަށް އައިސް، ގުދުވެފައި ބަލައިލިއެވެ. އޭނަ ލައިގެންހުރި އަތްދިގު ގަމީސް ބަދަލުކުރީ ބޮކި ނިއްވައިލައިފައެވެ. އެއީ ދުވަހަކު ވެސް އާސިމް ކުރިކަމެއް ނޫނެވެ. ނިދަން އޮށޯންނަމުން ބޮކި ދިއްލިއެވެ. އިރުކޮޅެއް ނުވެ އާސިމް ގުގުރިދަމަން ފެށިއެވެ. ކިތަންމެ ފަހަރަކު އަހަރެން ހިތަށްއެރިއެވެ. އާސިމްގެ މުލައްދަނޑި ބަލައިލަންވީއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން، އަހަރެންގެ ގަޔާ ކައިރިޔަށް އޮތް އަތް ބެލީމެވެ. އެ އަތަކު ވަކިއެޅިފައެއް ނެތެވެ. އަނެއް އަތް ބަލާނެ ހިތްވަރެއް ނުލިބުނެވެ. އިރުއަރަންދެން ވެސް އަހަރެން އޮތީ ހޭލައެވެ.
ރޭގަނޑުގެ އަނދިރިކަން ފޫދުއްވަމުން އިރުގެ އަލިކަން އުދަރެހުން ފާޅުވީ، އާސިމްގެ ކެހިވެރި މަކަރު ބޭޒާރުކުރަމުންނެވެ. އާސިމް ހިތުން ފުރަތަމަ ހޭލީ އާސިމެވެ. އަހަރެން އޮތީ ނިދައިފައެވެ. ޓީޝާޓު ބަދަލުކޮށްފައި ގަމީސްލުމުގެ ކުރިން ލޯގަނޑު ކައިރިއަށް ގޮސް އާސިމްގެ އަތް ވަރަށް ރަނގަޅަށް އާސިމް ބެލިއެވެ. ނޫނެކެވެ. ބޭއިހުތިޔާރުގައި އަހަންނަށް އެ އަތް ދެއްކުނީއެވެ. ތިން ނިޔަފަތީގެ ނިޝާން އާސިމްގެ މުލައްދަނޑީގައި ހުއްޓެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. އެ ސިކުންތުގައި އަހަރެން އަޒުމްކަނޑައެޅީމެވެ. އާސިމްގެ އަތްދަށުން އަހަރެން ޖެހޭނީ ސަލާމަތްވާށެވެ. ދެވަނަ ފުރުސަތެއް އާސިމަކަށް ނުދޭނަމެވެ.
ބޮލުގެރިހުން ރަނގަޅު ނުވިކަމަށް އަހަރެން ހެދުނީމެވެ. ވޭނުގައި ތެޅިފޮޅެން ފެށީމެވެ. އެހެން މީހުންނަށް މަކަރުހަދާ އާސިމަކަށް އަހަރެންގެ މަކަރެއް ނުވިސްނުނެވެ. އެ ދުވަހުން އެ ދުވަހަށް ދަތުރުހަދައިގެން މާލެއައީމެވެ. މާލޭގެ ފަސްގަނޑުގައި ފައިޖެހުމާއެކު އަހަރެންގެ ބޮލުގަރިހުން ހުއްޓިއްޖެއެވެ. އެހެންވެ ޑަކުޓަރަކަށް ނުދައްކަމެވެ. ލަފާކުރެވޭ ގޮތުގައި، އަހަރެން މަކަރުހެދިކަން އާސިމަށް ފަހުން ޝައްކުވިއެވެ. އެހެނަސް ޔަގީނެއް ނުވިއެވެ.
ވަގުތު ފާއިތުނުވަނީސް އަހަރެންގެ ލޯ ހުޅުވުނެވެ. އަހަރެންނަށް ދިމާވި ހާދިސާއަކީ ހުވަފެނެއްކަމެއް ނުވަތަ ހަގީގަތެއްކަމެއް ކަށަވަރެއް ނުކުރެވުނެވެ. އާސިމްގެ މުލައްދަނޑީގައި ހުރި ތިން ރޮނގުގެ ހަގީގަތެއް ވެސް ނޭނގެއެވެ. އަހަރެން އެ ވާހަކައެއް ނާހަމެވެ. ނުވެސް އަހާނަމެވެ. ހިތަށްއެރިއެވެ. އާސިމްގެ އެހެން އަނބިންނަށް ވެސް ދިމާވީ އެ ކަހަލަ ގޮތެއް ހެއްޔެވެ؟ އެ ފަދަ އެއްވެސް ވާހަކައެއް އެ މީހުން ނުދައްކައެވެ. އަހަރެން ފަދައިންނެވެ. ހިތަށް ހަމަޖެހުން ލިބެނީ ބައެއް ވާހަކަ ސިއްރުކުރީމައެވެ. އެކަމަކު އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭނެއެވެ. އެ ކަމަށް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. ގޮތް ނޭނގޭ މަރުގެ ލިސްޓުގައި އަހަރެންގެ ނަން އޮންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.
ނަފުސާނީގޮތުން އަހަރެން ފޮށިތަންމަތި ބަންނަން ފެށީމެވެ. ފުރަތަމަ ކަމަކީ، އާސިމާ އެކުގައި ނޫޅެން ނިންމުމެވެ. ދެވަނަ ކަމަކީ، މީހުން ކިޔާނެ އެއްޗަކަށް ބީރުކަންފަތް ދިނުމެވެ. ތިންވަނަ ކަމަކީ، ހުސިޔާރުވެގެން ހުރުމެވެ. ލިސްޓު ވަރަށް ދިގެވެ. އާސިމް ކަހަލަ ފިރިން ހިތްފުރެނީ އަނބިމީހާ ކިހާ ވަރަކަށް ކޮންޓުރޯލުކުރެވުނީމައި ހެއްޔެވެ؟ އެ ކަމާ ވިސްނާލުމުން އަހަރެންގެ ސިކުނޑި ސުމަކަށް ދެއެވެ. އަހަރެންގެ އަންނައުނާއި، ހިނގަންވާ ގޮތާއި، ޖަހަންވާ ސެންޓާއި، ކެއުންބުއިން ބަހައްޓަންވީ ގޮތް އެނގެނީ އާސިމަށެވެ. އަހަރެންގެ ހުރިހާ އާދަތަކަށް އާސިމް ބޭނުންވާ ބަދަލުތައް ގެނައެވެ. ކުޑަމިނުން އަހަރެން ހިނިތުންވާން ޖެހެނީ ވެސް އަހަރެން ހިނިތުންވާ ގޮތަކަށް ނޫނެވެ. އާސިމަށް ރީތިވާ ގޮތަށެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިހުރެގެން އަހަރެން ހިތާހިތުން ސުވާލުކުރަމެވެ. އަހަރެން ކޮބައި ހެއްޔެވެ؟ ދިރިހުއްޓާ ވަޅުލަން އަހަރެން ރުހުނީ ކީއްވެގެން ހެއްޔެވެ؟
އާސިމް ކިހާ ކުޅަދާނަކަން އަހަންނަށް އެނގުނީ، އޭނަ ކައިރިން ވަރިވާން ދައްކާނެ ބަހަނާއެއް ވިސްނައިލުމުންނެވެ. އެންމެ އުޒުރެއް ވެސް ސިކުނޑިއަކަށް ނަޔެވެ. އާސިމަކީ ލާމަސީލު ދެއްކުންތެރިޔެކެވެ. އަހަރުމެންގެ ދިރިއުޅުމަށް ނަޒަރުހިންގައިލި ކޮންމެ މީހަކަށް ފެންނާނީ އާސިމްގެ ހެޔޮކަމެވެ. އޯގާތެރިކަމެވެ. އަހަރެން އަނދިރީގައި ބަހައްޓައިގެން އާސިމް ކުޅިބައި އަތުރައި ނިންމައިފިއެވެ. ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟
އެފްބީން އަހަރެން "ބްލޮކްކުރި" މީހާ ހޯދުމުގެ މަސައްކަތް ފެށީމެވެ. މާ އުނދަގޫކަމަކަށް ނުވިއެވެ. އޭނަގެ އަސްލު ނަމަކީ ނުޒުހާއެވެ. ނުޒުހާއަކީ ހަގީގަތުގައި ވެސް އާސިމް ކުރިން އިން މީހެކެވެ. އަހަންނަކަށް އޭނަ ދޮގެއްނަހަދައެވެ. ނުޒުހާގެ ނަންބަރު ހޯދައިގެން ވަޓްސްއެޕުން ގިނަ މެސެޖުތަކެއް ކުރުމަށް ފަހު، އަހަރުމެން ދެ މީހުން ބައްދަލުކުރީމެވެ. އަހަރެން އުންމީދުކުރި ގޮތާ ހިލާފަށް ނުޒުހާއަކީ ވަރަށް ރީތި ކުއްޖެކެވެ. އަހަރެންގެ މޫނާއި ނުޒުހާގެ މޫނު ވައްތަރު ނޫނަސް، އަހަރުމެން ދެ މީހުންގެ އެއްގޮތް ސިފަތަކެއް ހުއްޓެވެ. އިސްތަށިގަނޑު ހަދައިފައިހުރި ގޮތެވެ. ހެދުންއަޅާ ގޮތެވެ. ހީނލާ ގޮތެވެ. އިސާހިތަކު އަހަރުމެން ދެ މީހުންނަށް ވެސް އެ ކަން ފާހަގަވިއެވެ. އެކުވެރިކަން ވަކި ހިސާބަކަށް ބަދަހިވުމުން އަހަރެން ބޭނުންވި ސުވާލުކުރަން ހިތްވަރުލިބުނެވެ.
"ނުޒުހާ ކީއްވެ ޑިވޯސްވީ؟" އަހަރެން އެހީމެވެ.
"އަހަރެން ބުންޏަސް ނާނާ ގަބޫލެއް ނުކުރާނެ،" ވިސްނަން އިރުކޮޅަކު އިނދެލައިފައި ނުޒުހާ ބުންޏެވެ. "އެކަކު ވެސް ގަބޫލެއް ނުކުރާނެ. އާސިމަކީ ނުލާހިކު ފޭމަސް މީހެއް. އަންހެންކުދިން މޮޔަވާ މީހެއް. ވައިފަށް ނުލާހިކު ނައިސް މީހެއް. އޭނަގެ ސޯޝަލް މީޑިޔާ ބަލާލަބަލަ!"
"އަހަރެން ގަބޫލުކުރާނަމޭ!" އަހަރެން ބުނީމެވެ. "ބުނެބަލަ!"
"އެއީ ވަރަށް ބިރުވެރި ވާހަކައެއް،" ނުޒުހާ ބުންޏެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައިމްމަ
27 April 2020
ދެން ކޮންދުވަހަކުންނޮ ބާކީ ބައި ނިކުންނަނީ ވ ރީތި ވާހަކަތަަށް
މީ ކަމެެއް ވާ
26 January 2020
މި ކުރަފަތްބޭބެ ގެ ފަސްޓެއް ދޯ
ބޫމް
26 January 2020
މިއަދުވެސް ނުނިންމަންތަ؟
އަމީ
26 January 2020
ވަރަށް ރީތި
ރަދީފް
26 January 2020
ވާހަކަ ވަރަށް ހަޑި!
ގަނޑިޔާ!!!
26 January 2020
ދެން ނުކިޔަންވީނު. ކީއްކުރަން ކިޔަނީ
ކުރަފަތްބޭބެ
26 January 2020
ޔޭ މަ ފަަަސްޓު
ނާޝް
26 January 2020
މާވެސް ކުރު މިއަދުގެ ބައި. ވަރަށް ރީތި މިއަދުގެ ބައި. އާސިމް ކައިރިން ނާނާ ސަލާމަތް ކުރާތި ބިންމާ. އެވެސް ރަނގަޅަށް އެންމެނަށް އޭނާގެ ކަންކަން ފަޅާއަރުވާލާފަ.
ކްއިކްގަން މުރުގަން
26 January 2020
އިންޓްރެސްޓިންގ.