05 ފެބުރުއަރީ 2020 - 09:11
އާދިއްތަ ދުވަހާ ގުޅޭ
ދެން ބަލައިލިއިރު އާސިމެއް ނެތެވެ. އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. ދުވެފައި ގޮސް ތިރި ބަލައިލިއިރު ތިރިން ފެންނަންހުރީ ގަސްތަކެވެ. އެ ދިމާގައި މާ ބޮޑު އަލިކަމެއް ވެސް ނެތެވެ. ކިރިޔާ ގަސްތައް ފެންނަކަމެވެ. އެއީ ހޮޓަލާ އިންވެގެން އޮންނަ ބިމެއްގައި ހުންނަ ގަސްތަކެކެވެ. އަހަރެންގެ ފައި ތުރުތުރުއަޅަން ފެށިއެވެ. ދެން ހަދަންވީ ގޮތެއް އަހަންނަކަށް ނޭނގުނެވެ. އޭރު ވެސް ފޯނު ރަނގަބީލުވެއެވެ. އަޑުއައީ އާސިމްގެ ދަބަސްތެރެއިންނެވެ. ފޯނު ނަގާކަށް އަހަރެން ނުވިސްނަމެވެ. އަމިއްލަ ނަފުސާ ސުވާލުކުރަން ފެށީމެވެ. އާސިމް ފުންމާލީ ހެއްޔެވެ؟ އަހަރެން ބިރުގަންނަވަން އުޅެނިކޮށް ވެއްޓުނީ ހެއްޔެވެ؟ އާސިމްގެ ހަޔާތުގެ އެންމެ ފަހު ސިކުންތުކޮޅުގައި ކަންތައްވީ ގޮތް އަހަންނަކަށް ނުފެނެއެވެ.
"ހަމަޖެހޭ ހަމަޖެހޭ!" ހިތާހިތުން އަހަރެން ބުނެލީމެވެ. "ރިސެޕްޝަން!"
ކޮޓަރީގައި ފޯނު ހުރި ނަމަވެސް އަހަރެން ކޮޓަރިން ނުކުމެގެން ދުވެފައި ތިރިޔަށް ފޭބީމެވެ. އޭރު އިސްތިގުބާލު ކައިރީގައި ވަރަށް ގިނަ މީހުން ތިއްބެވެ. ހީވަނީ ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅޭ ބަޔަކު ހޮޓަލަށް އައިސްގެން އުޅޭހެންނެވެ.
"ހެލްޕް!" އަހަރެން ވަރަށް ބާރަށް ހަޅޭއްލަވައިގަތީމެވެ. "ހެލްޕް މީ!"
އެންމެންގެ ސަމާލުކަން ލިބުމުން މީހަކު ވެއްޓުނު ވާހަކަ ބުނީމެވެ. ކޮޓަރީގެ ނަންބަރު ވެސް ބުނީމެވެ. އަހަރެން ހުރި ކޮޓަރިން މީހަކު ވެއްޓުމުން އެ މީހާ އޮންނާނެކަމަށް ލަފާކުރެވޭ ދިމާއަށް ދެތިން މީހަކު ދުއްވައިގަތެވެ. އެ މީހުންގެ ފަހަތުން އަހަރެން ވެސް ދިޔައީމެވެ. އެކަކު އަތަކު ވެސް ބައްތިއެއް ނެތެވެ. އެންމެން ވެސް އަލިކުރީ ފޯނުންނެވެ. މުޅި އެ ހިސާބު ބެލިއިރު ވެސް އެ ތާކު މީހަކު ނެތެވެ. އެ ތަނުގައި ހުރެފައި އަހަރެން މަތި ބަލައިލީމެވެ. ގަސްތަކާ ހެދި ތިންވަނަ ފަންގިފިލަޔަށް ވުރެ މައްޗެއް ނުފެނެއެވެ.
"ވެދާނެ ގަހުގަ ހަރުލީކަމަށް،" އެކަކު ބުންޏެވެ. "އެހާ މަތިން ވެއްޓޭއިރު ވަރަށް ދުރަށް ވެސް ހިނގައިދާނެ."
އަހަންނަށް ވެސް ލަފާކުރެވުނީ އެހެންނެވެ. އެކަމަކު އެ ބިޔަ ގަސްތަކުގެ އެތެރެ ބެލޭނެ ގޮތެއް ނެތެވެ. އިރުކޮޅަކުން ބައްތިއެއް ގެނައެވެ. ބައްތީގެ އަލިގަދައެވެ. ގަސްތަކުގެ އެތެރެ ފެންނަހާ އަލިގަދަ ނޫނީއެވެ. އިރުކޮޅަކުން ފުލުހުން އަތުވެއްޖެއެވެ. ބޮޑު ކަންތައްގަނޑަކަށް ވެއްޖެއެވެ. އަހަންނާ ސުވާލުކުރަން ފެށިއެވެ. ކުރި ހުރިހާ ސުވާލަކަށް އަހަރެން ޖަވާބުދިނީމެވެ.
"އަހަންނަކަށް ނޭނގެ އޭނަ ކުޑަދޮރު މައްޗަށް އެރީ ކީއްވެގެންކަމެއް،" އަހަރެން ބުނީމެވެ. "ފުންމާލީކަމެއް، ވެއްޓުނީކަމެއް ވެސް ނޭނގެ. ފޯނަށް ބަލައިލައިފަ ދެން ބަލައިލިއިރު އޭނައެއް ނެތް."
ފުލުހުން ކޮޓަރިއަށް ވަދެ ގޮނޑީގެ އަތްގަނޑުންނާއި ކުޑަދޮރުގެ ދެތިން ތާކުން އިނގިލީގެ ނިޝާން ނެގިއެވެ. އަހަންނަކަށް ނުއެއް ރޮވެއެވެ. އެ ކަމާ ސުވާލު އުފައްދާނެ ބަޔަކު އުފައްދަންވީއެވެ. ކަންތައް ހިނގައިދިޔަ ގޮތާއި ހިނގިލެއް އަވަސްކަމުން އަހަރެން ހުރީ ހައިރާންވެފައެވެ. އާސިމް ލަންކާއަށް އައީ އެ ފަދަ ނިންމުމެއް ނިންމައިގެން ހެއްޔެވެ؟ ނުވަތަ އެއީ ކުއްލިއަކަށް އޭނައަށް އައި ހިޔާލެއް ހެއްޔެވެ؟ އާސިމް ދިރިހުއްޓައި ފެންނާނެ ހެއްޔެވެ؟ މާލެއަށް އެ ޚަބަރު ދޭނީ ކިހިނެއް ހެއްޔެވެ؟ އާސިމް ފުންމާލީ ހެއްޔެވެ؟ ވެއްޓުނީ ހެއްޔެވެ؟
އާސިމް ފެނުނީ އިރުއެރިތާ ގަޑިއެއްހާއިރު ފަހުންނެވެ. އޭނަ އޮތީ ވަރަށް ދަތި ދޭތެރެއެއްގައި ތާށިވެގެން މަރުވެފައެވެ. ވާޖަހައި އެގޮތް މިގޮތް ހަދައިގެން އާސިމް ބިންމައްޗަށް ބޭލިއިރު މެންދުރު ވެއްޖެއެވެ. އަހަރެން މާލެއަށް ޚަބަރުދިނީ އެހާ ހިސާބުންނެވެ. އާސިމް ވެއްޓުނީއެވެ. ކަން ކޮންމެ ގޮތަކަށް ވިޔަސް ޚަބަރު ފެތުރީ އެހެންނެވެ. އަހަރެން ވާންޖެހޭނީ އުފާ ހެއްޔެވެ؟ ނުވަތަ ދެރަ ހެއްޔެވެ؟ އާސިމަކީ ދިރިއުޅުން އޮޅުންބޮޅުންވެފައިވާ މީހެކެވެ. ކަންކަމުގެ އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރަން އާސިމަށް ނޭނގެނީއެވެ. ކުރު މަގު އިހުތިޔާރުކުރުމަކީ ހައްލެއް ނޫންކަން ބުނެދޭނެ މީހަކު ނުވީއެވެ.
އަހަރެން މާލެއައީމެވެ. ހުސްކަން ވެރިވެފައިވާ ހިތަކައިގެންނެވެ. އާސިމްގެ ކައިވެނިން ރައްކާކުރެވުނު އެއްވެސް ފޮނި ހަނދާނެއް ނެތެވެ. އުފަލެއް ނެތެވެ. އެހެނަސް، އާސިމް ވަކިވެގެންދިޔަ ގޮތުން އޭނަ ހަނދާންނައްތައިލުމަކީ އަހަންނަށް ފަސޭހަކަމަކަށް ނުވިއެވެ. އާސިމްގެ ބޭނުމަކީ އެއީ ކަމުގައި ވެދާނެއެވެ. އަހަންނާ ކައިވެނިކުރެވުމުގެ ސަބަބުން އާސިމަށް އާސިމް ގެއްލުނުކަމެއް އަހަރެން ނުވެސް ދެނަހުރީމެވެ. އަހަރެން ހީކުރީ ގެއްލުނީ އަހަރެން ކަމަށެވެ. ހަގީގަތުގައި އާސިމާ ދޭތެރޭގައި ވިސްނައިލާނެ ފުރުސަތެއް އަހަންނަށް ނުލިބުނީއެވެ. އޭނަގެ ލޮލުން އަހަންނަށް ދުނިޔެ ނުބެލުނީއެވެ. އަހަންނަށް ފެނުނީ އާސިމްގެ ނުބައި ސިފަތައް އެކަންޏެވެ. ދެން ކުރެވުނީ ޝައްކެވެ. އާސިމް ނޫން އެހެން ހުރިހާ އެންމެންގެ ފަރާތުން އާސިމް ދަސްކުރެވުނެވެ.
އާސިމްގެ ދިރިއުޅުމާ ދޭތެރޭގައި އަހަންނަށް ވިސްނައިލެވުނީ ވަގުތު ފާއިތުވި ފަހުންނެވެ. އަހަރެންގެ ލޯ ހުޅުވުނީ އާސިމްގެ ލޯ މެރުނު ފަހުންނެވެ. އާސިމްގެ ހަނދާންތަކުގައި އަތްފުނާއަޅަމުން ދިޔައިރު، ކިތަންމެ ސުވާލެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އެންމެނަށް އެއް ކުލައެއް ރީތިވޭ ހެއްޔެވެ؟ އެއް ރަހައެއް މީރުވޭ ހެއްޔެވެ؟ އެއް ގޮތަކަށް ލޯބިވެވޭ ހެއްޔެވެ؟ އެކަކު ގަޔާވާ އެއްޗެއް ދެކެ އަނެކަކު ފޫހިވެދާނެއެވެ. ލޯބިވާ ވަރު އަންގަން އެކަކު ކުރާ ކަންތައް އަނެކަކުގެ ބޮލުގަރިހުމަކަށް ވެސް ވެދާނެއެވެ.
އާސިމަކީ ވަރަށް މަޖާ ސަމާސާކުރާ މީހެކެވެ. އާދަޔާހިލާފުކޮށް ކަންކަން ކުރާ މީހެކެވެ. އެއީ އޭނަގެ މިޒާޖެވެ. އެއަކު މައްސަލައެއް ނެތެވެ. މައްސަލައަކީ އަހަންނަށް ކުރެވުނު ޝައްކެވެ. އެ ބިންގަލުގެ މަތީގައި އަހަރެން ބިނާކުރި ލޯބީގެ ގަނޑުވަރެވެ. އަހަންނަށް ފެނުނީ އެ ގަނޑުވަރުގައި އަޅަމުންދިޔަ ރެނދުތަކެވެ. އޭރު އާސިމްގެ ހުވަފެންތައް ވެސް ދިޔައީ ކުދިކުދިވަމުން، ކުނޑިކުނޑިވަމުންނެވެ. އެ މަންޒަރު އަހަންނަކަށް ނުފެނުނެވެ.
އާސިމް އަބަދުވެސް ތަޅުލައިގެން ގެންގުޅޭ ވަތްގަނޑެއް ގޭގައި ހުރެއެވެ. އަހަރެން އެކަނިމާއެކަނި އެނދުގައި އިށީނދެލައިގެން އާސިމާ ދޭތެރޭގައި ވިސްނަންއިންދައި އެ ވަތްގަނޑުމަތިން ހަނދާންވިއެވެ. އާސިމްގެ ތަޅުދަނޑިފަތި ހިފައިގެން ގޮސް އަހަރެން އެ ވަތްގަނޑު ހުޅުވީމެވެ. ލިބުނީ ހައިރާންކަމެކެވެ. އުރަޔަށް ނުލައި އޮތް ސިޓީއަކާއި، ޕެންޑްރައިވެއް ފިޔަވައި އެހެން އެއްޗެއް ވަތްގަނޑަކު ނެތެވެ. ހިތަށްއެރިއެވެ. އެއީ އަހަރެންނަށް ފެންނަން އާސިމް ބޭނުންވާ އެއްޗެކެވެ. އަހަންނަށް ޓަކައި ބާއްވައިފައިވާ އެއްޗެކެވެ. އާސިމް ރާއްޖެއިން ފުރީ ރަނގަޅަށް ތައްޔާރުވެގެންނެވެ. އަހަރެން ސިޓީ ހުޅުވައިލީމެވެ.
"ސަލާންކޮށްނުލައި ވަކިވާންޖެހުނީތީ މާފަށްއެދެން،" ސިޓީގައި އޮތެވެ. "ނާނާ މި ސިޓީ ކިޔާއިރު އަހަރެން ހުންނާނީ ވަރަށް ދުރުގަ. ދެން އެނބުރި ރާއްޖެއަށް އަންނަހިތެއް ނެތް. އަހަރެން އަމިއްލައަށް މަރެއްނުވާނަން. އެހާ ފިނޑިއެއް ނުވާނެ. ހުރި ތާކު ގަދަވެ ސަލާމަތުން އެބަހުރިން. ނާނާ ބޭނުމީ އަހަންނާ ވަކިވާން ދޯ! ނުވެވޭނެ! ކިތަންމެ ދުރުގަ ހުއްޓަސް އަހަރެންގެ ހަނދާންތައް އަބަދުވެސް ނާނާއަށް އުނދަގޫކުރާނެ. ނިދިޔަކަ ނުދޭނެ."
ކުރިން ނުލިބިގެން އުޅުނު ސުވާލެއްގެ ޖަވާބު އާސިމްގެ ސިޓީއިން އަހަންނަށް ލިބުނެވެ. އާސިމް ކުޑަދޮރަށް އެރީ ފުންމާލަކަށް ނޫނެވެ. ލާނެތް ސަމާސާއެއް ކުރާށެވެ. އެއީ އާސިމްގެ މިޒާޖެވެ. އެ ތަނުން ފުންމާލުމުގެ ނިޔަތެއް އޭނަގެ ނެތެވެ. ލަންކާއަށް އާސިމް އައީ އަހަންނަށް ފިލަން ނިންމައިގެންނެވެ. އެނބުރި ރާއްޖެނާންނަ ގޮތަށެވެ. އޭނަ ހީކުރި ގޮތަށް ކަންތައް ނުވީއެވެ. އަހަރެންގެ ހިތަށް ވެރިވީ ފޮނި ތަދެކެވެ. ހިތަށްއެރިއެވެ. އަހަރުމެންނަކީ ދެމަފިރިން ގޮތުގައި އުޅުނު ދެ ބީރައްޓެހިންނެވެ. އެކަކަށް ވެސް އަނެކަކު ދަހެއްނުވިއެވެ.
އާސިމް އަހަންނަށް ކުރިން ފޮނުވި ލަވަތަކުން ދެން ވެސް އަހަރެން ހެއްވައިލައެވެ. ހަޔާތުގައި ދިމާވާ ކުދިކުދި ކަންތައްތަކުން ހިތްމަރުވެފައި ހުއްޓައި، އަހަރެންގެ މޫޑު ރަނގަޅުކޮށްލައެވެ. ނިދަންއޮންނައިރު ވެސް އެ ލަވަތައް އަހަރެން އަޑުއަހަމެވެ. އެކަނި އޮވެގެން އަހަރެން ރޮމެވެ. ހިތަށްއަރައެވެ. މީހުންގެ ނަޒަރުގައި އާސިމް ކުޑަދޮރަށް އަރައިހުއްޓައި ކައްސާލައިގެން ވެއްޓުނީއެވެ. މުޅި ދުނިޔެ އެހެން ގަބޫލުކުރިޔަސް އަހަރެންގެ ހިތް އެހެން ގަބޫލެއް ނުކުރެއެވެ. އާސިމް މަރުވީ އަހަރެން އަތުންނެވެ. އަހަރެން ލަންކާއަށް ނައި ނަމަ އާސިމް ވެސް ނައީހެވެ. އަހަރެން އެ ހޮޓަލުގައި ނުހުރި ނަމަ އާސިމް އެ ތާކަށް ވެސް ނައީހެވެ. އެ ކުޑަދޮރަކަށް ނޭރީހެވެ. ކައްސައެއް ވެސް ނުލީހެވެ. އާސިމަށް ކުރިން ކުރެވުނު ތުހުމަތު އަހަންނަށް ނުކުރެވެންވީ ސަބަބެއް ނެތެވެ. އަނިޔާކުރެވެނީ ގައިގަ އަތްލައިގެން އެކަނި ހެއްޔެވެ؟ އަހަރެންގެ ހިތްދަތިކުރީ އާސިމޭ ބުނާއިރު އާސިމަށް ދުނިޔެދަތިކުރީ ކާކު ހެއްޔެވެ؟
ހަޔާތަކީ ރަންދުކޮށްފައިވާ ސިއްރެކެވެ. ބައެއް ފަހަރު ވަސްވާސްތަކުންނެވެ. އަނެއްބައި ފަހަރު ޖަޒުބާތަކުންނެވެ. ހަޔާތުގެ އަލި އަނދިރި މަގުތަކާއި، ފަޅު ހަލަބޮލި މަގުތަކުން ބައްދަލުވާ ކޮންމެ މީހަކީ ވެސް އެ ކަހަލަ މީހެކެވެ. ކުރިމަތިވާ ކޮންމެ ކަމަކާއި، ލިބޭ ކޮންމެ އެއްޗަކީ ވެސް އެ ކަހަލަ އެއްޗެކެވެ. ކުރިން އުންމީދުކުރި ގޮތަށް ފަހުން ކަންތައް އޮންނަނީ ނުވެފައެވެ. ބޭރުފުށުން ފެނުނު ކަހަލަ މަންޒަރެއް އެތެރެފުށުން އޮންނަނީ ނުފެނިފައެވެ. އާސިމް ނުލިބިގެން އުޅުނީ ކޯޗެއް ހެއްޔެވެ؟ އުންމީދުކުރީ ކޯޗަކަށް ހެއްޔެވެ؟ އެ އެއްޗަކީ ސާދާ ލޯތްބެވެ. އެ ނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ. އެކި މީހުން ލޯބިވާ ގޮތް ތަފާތީއެވެ. ލޯބި ފާޅުކުރާ ގޮތް ތަފާތީއެވެ. ނުބައި މީހުންނާއި ހެޔޮ މީހުން އެއް ތިލަފަތަކުން އަހަރެން ވަޒަންކުރީ ކީއްވެގެން ހެއްެޔެވެ؟ ޝައްކުކުރާ ހިތުން ކަރުހިއްކައިގެންފައިވާ ބަޔަކަށް އިންސާނުން ވީ ކީއްވެގެން ހެއްޔެވެ؟
އަހަންނަކަށް ދުވަހަކު ވެސް ފިރިހެނުން ދަހެއް ނުވާނެއެވެ. އެއީ އޮޅުކުރަން އުނދަގޫ، އަޖައިބެއް ކަހަލަ މަޚްލޫގެކެވެ. އާސިމް ދިރިހުރިއިރު ވެސް އަހަރެން އުޅުނީ އަހަންނަށް ގެއްލިގެންނެވެ. އާސިމް ވަކިވެގެން ދިޔުމުން ވެސް އަހަންނަކަށް އަހަންނެއް ނުފެނުނެވެ. އެކަނިވެލިޔަސް، ލޯގަނޑުން އަހަރެންގެ ސޫރަ ފެނުނަސް އަހަރެން ހިމޭންވެފައި އިންނަމެވެ. އަހަންނާ ދޭތެރޭ ވިސްނާކަށް ނޫނެވެ. އަހަންނަށް ވިސްނެނީ އާސިމާ ދޭތެރޭގައެވެ. އާވެ އާލާވަނީ އާސިމްގެ ހަނދާންތަކެވެ. ކުރިން އަހަރެން މަށަށް ގެއްލުނެވެ. އަލުން ފެނުނުއިރު އަހަރެންގެ ހަމައެކަނި މިލްކަކީ އަހަރެންގެ ހިތެވެ. ލޯގަނޑު ތެރެއިން ބަލަހައްޓައިގެން ހުންނަނީ އާސިމެވެ. އޭނަގެ ލާނެތް ހިނިތުންވުމާ އެކުގައެވެ. މިހާރު ވެސް އެހެރީ އެ ލޮލުން އަހަންނަށް ބަލަހައްޓައިގެންނެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީ
06 February 2020
ކޮމެންޓަކުން ނަމަވެސް ޕެންޑްރައިވް ގެ ހަގީގަތް ބުނެލަދީބަ. ވާހަކަ ރީތި
ނަން
05 February 2020
އަލުން މި ވާހަކަ ކިޔަންވީތަ? ސަސްޕެންސް ވާހަކައެއް ކަމަށް ހީކޮށް ވަރަށް އުފަލުން ވާހަކަ ކިޔަމުންއައީ. އެއީ, ދިވެހި ވާހަކައެއް ވިއްޔާ އާއްމުކޮށް ހުންނަނީ ބިރުވެރި ނުވަތަ ލޯބީގެ ވާހަކަތައް. ހުރިހާ ޖޮންރާއެއްގެ ވާހަކަތައް ވެސް ލިޔަންވާނެ.
ނެކްސްޓް
05 February 2020
ވާހަކައެއް ނިމޭއިރު ލޫސް އެންޑްސް ހުރީމަ ވާހަކަ ހަޑިވަނީ. މިވާހަކަ ސަަސްޕެންސް ބޮޑުކުރަން ހަދައިގެން ވިއޮތީ ހަޑިވެފަ.
ބޫމް
05 February 2020
ފައިނަލީ..... މިވާހަކަ ނިމިއްޖެ. ތަންކޮޅެއް ހާސަރު މަދު ވާހަކައެއް ލިޔެބަލަ.
ވީނުޥީއެއް ނޭނގުނު
05 February 2020
މި އެޕިސޯޑުގައި ކިޔަމުން ދިޔައިރު ހުންނަން ޖެހުނީ ވާނުވާ ގައި........ ޖަވާބު ބޭނުންވާ ވަރަށްގިނަ ސުވާލުތަކަށް ޖަވާބެއް ނުލިބޭ....... ވާހަކަ ކަޑަ.............
ޖަވާބް ޕްލީޒް
05 February 2020
އާސިމްގެ ހުރިހާ އަނބިންން މަރަން އުޅުނު؟؟؟ ޕެންޑްރައިވް ގެ ހަޤީގަތް؟؟؟
ނީނަ
05 February 2020
ޕެންޑްރައިވް ގެ ހަޤީގަތް؟ ނޭގުން ؟
ފާތިމަތު ޒީނާ މޫސާ
05 February 2020
އަސްލުވެސް ވާހަކަ ވަރަށް ރީތީ އިނގޭ!! ވާހަކައިގެ އަސްލު ވާނުވާ އެނގެނީ ހުރިހާ އެޕިސޯޑެއް އެއްކޮން ކިޔާލީމަ، މިހާރު 03 ވަރަކަށް ފަހަރު ވާހަކަ ކިޔާ ލެވިއްޖެ؛ ހަމަ ވަރަށް ފުރިހަމަ!!
ނަން
05 February 2020
ކިޔާދީބަލަ.
ނާލާ
05 February 2020
ދެން، އާސިމްގެ ހުރިހާ އަނބިން މަރަން އުޅުނީ ކީއްވެ؟؟ ގެޓެއް ނުވޭ ވާނުވާއެއް!!!
ޒަރީރުހުސެއިން
05 February 2020
އަސްލުވެސް. އާސިމް ވާންޖެހޭނީ ހަމަ ވިލަން އަށް. އެހާ އެހާ އެއް ނޫން ދެން ކުއްލިއަކަށް އޭނަ ވިކްޓިމް އަކަށް ވީމަ.
ލީނީން
05 February 2020
މިހާރު މި ހިތަށް އަރަނީ: ވަޓް އަ ވޭސްޓް އޮފް ޓައިމް! ޑިސްއެޕޮއިންޓެޑް
ކްއިކްގަން މުރުގަން
05 February 2020
އިންޓްރެސްޓިންގ....