01 މާޗް 2020 - 07:12
ރަށުގައި އުޅޭއިރު ހެނދުނު ހޭލެވެނީ ކޮވެލި ގޮވާ އަޑަށެވެ. ހާލާއި ކާޅުގެ އަޑަށެވެ. ގޮނޑުދޮށަށް ބީއްސާ ރާޅުގެ މިޔުޒިކާއި، ހިޔާ ބޮޑު ގަސްތަކުގެ ފިނިކަމާއި، މައިންބަފައިންގެ ބޮޑު ގޭގެ ހިތްހަމަޖެހުން ހޯދެނީ ވެސް ރަށުންނެވެ. ރާއްޖެތެރެއިންނެވެ. އުމުރުގެ ކުރީކޮޅު ހޭދަވީ މައިންބަފައިންނާ އެކުގައި، އަމިއްލަ ގޭގައެވެ. ފަރަށް ގޮސް މަސްހިފުމާއި، ވަލަށް ގޮސް ދަރުހޮވުމާއި، ތުނޑިއަށް ގޮސް ދޫނިހިފުމަކީ އަހަރެން ކުރާހިތްވާ ކަންކަމެވެ. ބޯކަށިކެޔޮ ފަތުން ދޯނި ހެދުމާއި، ކުއްލިކުޅުމާއި، މަންޑިކުޅުމުގައި އުޅެނިކޮށް އިރުއޮއްސެއެވެ. އެކުވެެރިންނާ އެކުގައި ގޭދޮށުގައި ފީކޯއިކުޅުމާއި، ގަނޑުފިއްލާކުޅުމާއި، ވަގުފުލުސް ކުޅުމުގައި އިރާދަން ހޭދަވެއެވެ. އުޅެބޮޑުވާ މާހައުލަކީ ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ތަނެކެވެ. އެ ތަނަކަށް ޓަކައި ހިތުގައި ހާއްސަ ލޯތްބެއް އުފެދެއެވެ. އެކަމަކު ކުރިމަގު އުޖާލާކުރުމަށް ޓަކައި އުފާތައް ގުރުބާންކުރަން މަޖުބޫރުވީއެވެ. މާލެދާން ޖެހުނީއެވެ.
އަހަރެންގެ ހަޔާތުގެ ބޮޑުބައި ހޭދަވީ މާލޭގައެވެ. އަހަންނާ އެކުގައި މައިންބަފައިން ވެސް މާލެއައެވެ. އަލުން އެނބުރި ރަށަށް ދާކަށް އެ މީހުން ވެސް ބޭނުމެއް ނުވިއެވެ. ކުއްޔަށް އުޅެންޖެހޭ ތަންކޮޅު ކުޑަވިޔަސް، މާލެ ކިތަންމެ ހަލަބޮލި ނަމަވެސް، ރާއްޖޭގެ އެހެން ރަށެއްގައި އުޅުމުގެ ޚިޔާލު ޖެހުނީ ދޫކޮށްލާށެވެ. ހިތުންރުހުމަކުން ނޫނެވެ. ވެރިރަށް ނޫން ރަށްރަށުގައި، ދިރިއުޅުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް މަދީއެވެ. ނުވަތަ ނެތީއެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މުސްތަގުބަލު އުޖާލާކުރަން ބޭނުންވެއެވެ. ވީހާ ވެސް ރަނގަޅު އާމްދަނީއަކަށް ހިތްއެދެއެވެ. ފައިސާއަށް އުފަލެއް ނުގަނެވޭނޭ ކިޔަނީއެވެ. ހަގީގަތަކީ މުޅީން އެހެން އެއްޗެކެވެ. ހިތްދަތި މަހުޖަނުން ނޫޅެއެކޭ ނޫނެވެ. އެކަމަކު އަތްމަތި ދަތިވުމުން އުފާ ބީރައްޓެހިވެއެވެ.
އަހަރެންގެ ޒުވާން އުމުރުގައި، ވަރަށް ލޯބިން މީހަކާ ކައިވެނިކުރީމެވެ. އޭނާގެ ނަމަކީ ދީމާއެވެ. ލޮލަށް ވެއްޓުނު ކުނިކޮޅެއްހެން ދީމާ ގެންގުޅުނީމެވެ. ބަދަލުގައި އޭނަ ދިނީ ކޮޅުކެއްސެވެ. އަހަރެންގެ ހިތުގައި ކޮޅުފައިން ޖަހައިފައި އެހެން މީހަކާ ހިތާވުމުގެ ސަބަބުން އެ ކައިވެނި ޖެހުނީ ރޫޅައިލާށެވެ. ފުރަތަމަ ކައިވެންޏެވެ. ފުރަތަމަ ވަރިއެވެ. ފުރަތަމަ ހިތް ހަލާކުވި ފަހަރެވެ. އެ ހިތްދަތިކަމުން ސަލާމަތްވާނެ ގޮތެއް، ވަރިކުރިފުޅު ހަނދާންނައްތައިލާނެ ގޮތެއް ވެސް ނޭނގުނެވެ. އަހަރެން ބޭނުންވީ އެންމެ ކަމެކެވެ. އެއީ އަހަންނަށް ފެންނަ ހިސާބަށް ދީމާ ނައުމެވެ. މަގެއް މަތިން ވެސް ދީމާޔާ ދިމާނުވާނެ ތަނެއްގައި ދިރިއުޅުމެވެ. އެހެންކަމުން މާލެ ދޫކޮށް ރާއްޖެތެރެއަށް ދިޔައީމެވެ. އަހަރެންގެ ރަށަކަށް ނޫނެވެ. މާލެޔާ ވީހާ ވެސް ދުރު ރަށަކަށެވެ. ދިރިއުޅުން ހަމައަކަށްއެޅެން ފެށީ އެ ހިސާބުންނެވެ.
އަތުފޯނު ރާއްޖެއަށް އައިތާ ކައިރިއެވެ. އެންމެން ކަހަލަ ގޮތަކަށް ގެންގުޅެނީ ބައްތި ފޯނެވެ. ފޯނުކުރުން ފިޔަވައި އެހެން ކަމެއް ނުކުރެވޭ، ކުރަން ނުވެސް ޖެހޭ ދުވަސްވަރެވެ. އަހަރެން ހުރީ ރަށު ސިއްހީމަރުކަޒުގެ މެނޭޖަރަކަށެވެ. އޮފީސް ހިންގުމާއި މުވައްޒަފުން ބެލެހެއްޓުމަކީ އަހަރެންގެ ހުނަރެކެވެ. ލިބިފައިވާ މަދު ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، ނިކަން ހަލުވި އިސްޕީޑެއްގައި ތަން ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީމަރުކަޒަށް ހޮސްޕިޓަލެއްގެ ދަރަޖަ ލިބުނެވެ. ތަނުގެ ނަން ބަދަލުކޮށް، އިތުރު ވަސީލަތްތަކާ އެކުގައި، އާ ބާރެއް ލައިފައި ހޮސްޕިޓަލުގެ ޒިންމާތައް ކޮނޑުއަޅައިގެން ހިންދަމައިލީމެވެ. އަހަރެން އެންމެ އުފާވީ އަހަރެންގެ މަގާމު މަތިވީމައި އެކަންޏެއް ނޫނެވެ. ހޮސްޕިޓަލަށް އިތުރު ސާމާނާއި، ބޭހާއި، ޚިދުމަތްތައް ތައާރަފުވީމައެއް ވެސް ނޫނެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނީ، ތަނަށް ލިބުނު ތަރައްގީއާ އެކުގައި ހޮސްޕިޓަލަށް ވަން ޒުވާން ނަރުސްކުއްޖެއްގެ ސަބަބުންނެވެ. އޭނަގެ ނަމަކީ ރާނިޔާއެވެ. ނަމެއް މީހަކާ ގުޅޭނީ އެހާކަންހާ ވަރަށެވެ. ރާނިޔާއަކީ ރާނީއެއް ކަހަލަ ކުއްޖެކެވެ. ކުލަ އޮޅައްޔެވެ. އިސްތަށިގަނޑު ދިގެވެ. ކަޅިރަވަ ތޫނެވެ. ސިފަ ފަތްމިންޏެއް ފަދައެވެ. އަހަރެންގެ ލޮލުގައި ރާނިޔާ އަޅައިގަތީ އެކަންޏެއް ނޫނެވެ. ރާނިޔާ ފެންނަން ހުރެއްޖެއްޔާ އަހަރެން އެއްޗެއްގައި އަޅައިނުގަންނަ ފަހަރެއް މަދެވެ. ހިނގާއިރު މަގަށް ނުބަލާ ރާނިޔާއަށް ބަލަންޏާ ވާނީ އެހެން ކޮން ގޮތެއް ހެއްޔެވެ؟
ހޮސްޕިޓަލު ހުރީ ދިއްދޫގައެވެ. ރާނިޔާއަކީ ދިއްދޫގައި ދިރިއުޅޭ ބުރުނީ ކުއްޖެކެވެ. މުޅި ދިއްދޫގެ ކަޅި ހުއްޓިފައިވަނީ ރާނިޔާއަށެވެ. ހުސްހަށިބައި ފިރިހެނުންނާއި، މީހުންގެ ފިރިން ރާނިޔާ ވަށައިގެން މުގޯލިއަޅާތީ، މީހުންގެ އަނބިން ތިބެނީ ރާނިޔާއަށް ކަޅިއަޅައިގެންނެެވެ. އެއްބަޔަކު ރާނިޔާ ދެކެ ލޯބިވާއިރު އަނެއްބަޔެއްގެ ހިތުގައި ރޯވެ އަނދަމުންދިޔައީ އަލިފާނެވެ. އަހަންނަކީ ބީރައްޓެއްސެކެވެ. އަހަންނަށް ރާނިޔާ ލިބޭނީ ކިހިނެއްހޭ ހިތަށްއަރާ ވަރުން އަހަރެން ހިތަށް ވެރިވެފައިވަނީ ޒާތެއްގެ ފިނޑިކަމެކެވެ. ވެރިޔަކާއި މުވައްޒަފެއްގެ ދެމެދުގައި އޮންނަ ގުޅުން ރާނިޔާއާ އޮވެއެވެ. އަހަރުމެން ވާހަކަދައްކަމެވެ. ތަނުގެ ވާހަކައާއި އަމިއްލަ ވާހަކަ ވެސް ދައްކަމެވެ. އުނދަގުވީ އެ ވާހަކަތައް އެހެން ހަރުފަތަކަށް ގެންދާށެވެ. ރާނިޔާގެ ފިރިޔެއް ނެތެވެ. ލޯބިވެރިޔެއް ހުންނަކަމެއް ނޭނގެއެވެ. އަހަރެންގެ ހިތް ބުނީ، އެހާ ރީތި އަންހެންކުއްޖަކު ސަލާމަތުން ނުހުންނާނެ ކަމުގައެވެ.
ލޯބިވާ މީހަކު ބޭވަފާތެރިވުމުން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅެއެވެ. މަޑުމަޑުން ހިތް ބުނެއެެވެ. ދުވަހަކު ވެސް ދެން މީހެއް ދެކެ ލޯތްބެެއް ނުވާނަމެވެ. އެކަކަށް ވެސް ދެން އިތުބާރެއް ނުކުރާނަމެވެ. އެކަމަކު އެ ގޮތުގައި ހުރެވެނީ އަނެއްކާ ވެސް ގަޔާވާ ކަހަލަ މީހަކު ފެންނަންދެނެވެ. ފެންނައިރަށް މާޒީ ހަނދާންނެތެވެ. އެއަށް އިންސާނީ ތަބީއަތު ނުވަތަ އަހަރެންގެ ބަލިފައި ވެސް ކިއިދާނެއެވެ. ދީމާގެ ފަރާތުން އަހަންނަށް ލިބުނު ލަނޑު ހަނދާންނެތި، ރާނިޔާއަށް އަހަރެންގެ ހިތް ފިދާވިއެވެ. އިންތިހާ ދަރަޖައަށެވެ. ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ ބުނަންވެގެންނެވެ. ލޯބިވާ ވާހަކަ ރާނިޔާ ގާތުގައި ބުނަން އަހަރެން ނިންމިއިރު، ރާނިޔާ ނޫނެކޭ ބުނެފި ނަމަ ދެން ނުކުމެދާނެ މައްސަލަތަކަކަށް އަހަންނަކަށް ނުވިސްނުނެވެ.
ދުނިޔަވީ ކޮންމެ ކަމަކަށް ވެސް ފެށުމަކާއި ނިމުމެއް ވެއެވެ. އަހަރެންގެ ހިތުގައި ކަފުންކޮށްފައިވާ ސިއްރު، ސަންދޯކުން ނަގަން އަހަރެން ނިންމީ ޖުލައި މަހެއްގެ ސައްބީސް ވަނަ ދުވަހުއެވެ. އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ. އަމުދުން ހެނދުނުކޮޅު ހޮސްޕިޓަލުގައި މުވައްޒަފުން ވަރަށް މަދުވާނެކަން އަހަންނަށް އެނގެއެވެ. ރާނިޔާއަކީ މުސާރައަށް ވުރެ ބޮޑަށް ޚިދުމަތަށް އިސްކަންދޭ ކުއްޖެކެވެ. އެ ކަން ވެސް އަހަންނަށް އެނގެއެވެ. ގޭގައި ހުރުމުގެ ބަދަލުގައި އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ. ރާނިޔާ އުޅޭނެކަމުގެ އުންމީދުގައެވެ. ހޮސްޕިޓަލަށް ވަންނަ ދޮރާއި އިމާރާތުގެ ތެރެއަށް ވަންނަ ދޮރާ ދެމެދު ތިރީހަކަށް ފޫޓުގެ ހުސް ޖާގައެއް އޮވެއެވެ. ހަމީދު ހުރީ އެ ސަރަހައްދު ކުނިކަހާށެވެ. އަހަރެން ރަށަށް އައިއިރު ހަމީދަކީ ވަޒީފާ ނެތް މީހެކެވެ. އޭނައަށް މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖައްސައިދީ، މުސާރައިގެ އިތުރުން އިނާޔަތް ލިބޭނެ ގޮތް ފަހިކޮށްދިނީ އަހަރެންނެވެ. ހަމީދު އެ ކަން ދަނެއެވެ. އަހަރެން ކަމަކު ބުނެފިއްޔާ އެހެން ހުރިހާ ކަމެއް ހުއްޓާލައިފައި ވެސް އަހަރެންގެ ކަންތަކަށް ހަމީދު އިސްކަންދެއެވެ. އަހަރެން ހިތަށްއެރިއެވެ. ބޮނބިގަނޑު ފުރުވަން ހަމީދަށް ވުރެ ރަނގަޅު މީހަކު ނެތެވެ. އަހަރެން ފެނުމުން އޭނަ ސަލާން ގޮވައިލިއެވެ. އަހަރެން ސަލާން ބަލައިގަތީމެވެ.
"އެބަ ޖެހޭ ކުޑަ ކަމަކު ކިޔަން." ހަމީދާ ސަލާންކޮށްލައިފައި މަޑުމަޑުން އަހަރެން ބުނީމެވެ.
"އަޅުގަނޑު ގާތުގަ ތި ވާހަކަ ބުނި ނަމަ މިހާރު ތިކަން ނިމިއްޖައީސް." ހަމީދު ވަރަށް ހިނިއައިސްފައި ބުންޏެވެ.
އަހަރެންނަށް ލިބުނީ ޝޮކެކެވެ. ހިތުގެ ބިންގަރާހުގައި ފޮރުވައިފައި އޮތް ސިއްރެއް ހަމީދަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
"އަޅުގަނޑަކީ ނުބެހޭ ކަންތަކާ ބެހޭ މީހެއް ނޫން،" ހަމީދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު އަޅުގަނޑަކީ ވަރަށް ދުރުން އެއްޗެހި ފެންނަ މީހެއް. ރާނިޔާއާ ވާހަކަދައްކާއިރު ހަންނާނުގެ މޫނަށް އަންނަ ބަދަލުތައް އަޅުގަނޑަށް އެކަނި ފެންނާތީ ދެރައީ. އަޅުގަނޑު ތިކަން ކޮށްދީފާނަން. ރާނިޔާއަކީ އަޅުގަނޑާ ދުރުތާ ތިމާގެ ކުއްޖެކޭ."
ރަނގަޅު ދުވަހެއްގެ ރަނގަޅު ފެށުމެކެވެ. މާ ގިނަ ވާހަކަތަކެއް އަހަރެން ދައްކާކަށް ނުވެސް ޖެހުނެވެ. ހަމީދާ ކުޑަކޮށް އަނގަތަޅައިލައިފައި އަހަރެން ދިޔައީއެވެ. ހުރިހާ ކަމެއް އޭނައަށް ދޫކޮށްލީއެވެ. އެކަމަކު އެއް ސުވާލުކުރީމެވެ.
"ރާނިޔާ ހުއްސަރިބައިތަ އަނެއްކާ؟" އަހަރެން އެހީމެވެ.
"ހުއްސަރިބައި ނޫނިއްޔާ ހުއްސަރިބައި ކޮށްގެން ނަމަވެސް ތިކަން ކުރުވާނަން،" ވަރުގަދަ އަޒުމަކާ އެކުގައި ހަމީދު ބުންޏެވެ. "އަހަރެންގެ ކޮއްކޮއަކަށް ރަނގަޅު ގޮތް ހޯދައިދިނުމަކީ އަހަރެންގެ ވެސް ވާޖިބެއްނު! މިއަދު ރާނިޔާ ލައްވާ ހަންނާނަށް ގުޅުވާނަން. ފޯނު ރަނގަޅަށް ޗާޖުކޮށްފަ ބާއްވާ!"
އެ ދުވަހު ރާނިޔާ ވެސް ހޮސްޕިޓަލުގައި އުޅުނެވެ. އަހަރުމެން ދެ މީހުން ދިމާ ވެސް ވިއެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް އޭރު ދޫމައްޗަށް ތިލަ ވެސް ވެއްޖެއެވެ. އެހެންނަމަވެސް، ހަމީދުގެ މަސައްކަތަށް ހުރަހެއްއެޅިދާނެތީ ކެތްކޮށްލައިގެން ހުރީއެވެ. ނުވަގަޑީ ސައިބޯން ސައި ކޮޓަރީގައި ތަންކޮޅެއް ގިނައިރު އަހަރުމެންނަށް ތިބެވުނެވެ. އެ ދުވަސްވަރު ހިނގަމުންދިޔަ މަސައްކަތު ބައްދަލުވުމަކާ ބެހޭގޮތުން މަޝްވަރާކުރުމުގައެވެ. އެހެން ތިއްބާ ރާނިޔާއަށް ފޯނެއް އައެވެ. އެ ވަގުތު ވެސް އަހަރެންގެ ހިތަށްއެރިއެވެ. އެ ވާނީ ހަމީދަށެވެ. މި ކުރިމަތިވީ ކޮން ފަދަ ބޮޑު ލަދުވެތިކަމެއް ހެއްޔެވެ؟ ރާނިޔާ އިންކާރުކޮށްފިއްޔާ އަހަރެން ވަގުތުން ގެއްލޭނީއެވެ. ރާނިޔާ ފޯނު ނެގިއެވެ. ވާހަކަދައްކަން ފެށިއެވެ. އަހަންނަށް ހަމައެކަނި އިވެނީ ރާނިޔާ ދައްކާ ވާހަކައެވެ. އެ ވާހަކަ އަޑުނާހާކަމަށް ހެދިގެން ސިއްރުން އަހަރެން އަޑުއެހީމެވެ. ރާނިޔާ ދެއްކީ ތިމާގެ ބޭބެޔަކާ ދައްކާ ކަހަލަ ވާހަކަތަކެކެވެ. ރާނިޔާ ކުރީ، ކުރިމަތީގައި އިން މީހަކާ ބެހޭ ގޮތުން މީހަކު ވާހަކަދެއްކީމައި ކުރާނެ ކަހަލަ ހަރަކާތްތަކެކެވެ. ބިރުވެރިކަމަކީ ރާނިޔާގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރެވެ. ބުދެއްހެން އިނދެ، ވައްކަޅިން ރާނިޔާގެ މޫނަށް އަހަރެން ބެލީމެވެ. ވަކި ހިސާބަކުން ރާނިޔާގެ ދެ ޖަވާބެއް ތަކުރާރުވާން ފެށިއެވެ.
"އާނ! އާނ! އުހުނ! އާނ!" ރާނިޔާ ކިއިހާ ވެސް އެއްޗަކީ އެއީއެވެ.
ވާހަކަދައްކައި ނިމުމުން، އިރުކޮޅެއް ވަންދެން ރާނިޔާ އިސްޖަހައިގެން އިނެވެ. ވަރަށް ހިތްހަމަނުޖެހިފައެވެ. ނޭވާ ހިފަހައްޓައިލައިގެން އަހަރެން އިނީމެވެ. ހީވިއެވެ. ހިތުގައި ޖެހި ވިންދާ އެއްވަރަށް ކޮފީމޭޒު ހެލެމުންދިޔައެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
13 April 2020
ވަރަށް ބަރާބަރު
ޔޭސް
08 March 2020
ލޮލަށް ވެއްޓުނު ކުނިކޮޅެއްހެން ދީމާ ގެންގުޅުނީމެވެ. އަޅެފަހެ މީހުން ލޮލަށް ކުނި ވެއްޓުނީމައި އުޅެނީ ތެޅިގެންފަި އެ ލޮލުންނަގާ ލޯސާފުނުކުރެވިގެން.. ލޮލަސްވެއްޓޭ ކުނިހެން ގެންގުޅުނީ މައި ތި ސަކަރާތްވީ..ގެންގުޅެން ޖެހޭނީ ފޯނު ގެންގުޅޭހެން..އަބަދު އަތުގަ ނޫނީ ޖީބުގަ،ވެއްޓިހަލާކު ވެދާނެތީ ކޫރުމެއް ނާޅުވާ(ފޯނު ބަދަލުކުރާމީހުނާ ބިތަށް ފޯނުޖަހާ މީހުންގެ ވާހަކަ ނުލާ މިބުނީ)
ާަސެންގުއިން
08 March 2020
ބިތަށް ފޯނު ޖަހާ ވާހަކަ،އައި ތޯޓް އައި ވޯޒް ދި އޮންލީ ވަން?? ?????ހައު ޑިޑް ޔޫ ނޯވ، އޮޕޯ ފޯން ވަރެއް ނޯންނާނެ ބިތަށް ޖަހަން.
ބާބޫ
03 March 2020
ދީމާ އަކީ އަނެއްކާ ބިންމާ ބުރޯގެ އޮޅުނުވި މައިނާތަ؟ ނޫނީ ނުހިފުނު ފުއްގަހު ގުރާބާ؟ ހާދަ އެއްޗެއް ހީވޭއެބަ؟ އެކަމް ވެސް ދީމާ އަކީ ރީތި ނަމެއް................ވާހަކަ ވ ރީތި ބުރޯ...
އަނާތ
01 March 2020
ކުރީ ހަފްތާ ވާހަކައިގެ ސީކުއަލް އެއް ދޯ!
ނާޝް
01 March 2020
މީ ކުރިން ހަފްތާ ނިމުނު ވާހަކައިގެ އަނެއް ބައި. ފެށޭ ކޮޅުގަ އެއޮތީނުން ދީމާޔާއިން ވާހަކަ އަދި ވަރިކުރި ސަބަބު. ދިރިއުޅޭ ކުޑަ ތަންކޮޅުގެ ވާހަކަވެސް. ކުރީގެ ވާހަކައާ ގުޅުވާލާފަ މިއޮތީ. މަށަށް ދޭހަވީ އެގޮތަށް. ވާހަކަ ވަރަށް ރީތިވާނެކަމަށް ފެނެ.
ކިޔާމީހާ
02 March 2020
ކުރީ ވާހަކައިގައި ހަންނާނު އަދި ދީމާ އަކަށް ދަރިއަކު ނުލިބެ އެއްނު. ވ ފޫހިދެން ބިންމާގެ ހުރިހާ ވާހަކައެއްގަވެސް ހަންނާނު ?
ޒަރީރުހުސެއިން
01 March 2020
އާ ދުވަހަކެވެ. އާ ވާހަކަ އެކެވެ. އެހެނަސް ބާ ނަންތަކެކެވެ. ހަންނާނަކާ ދީމާ އެކެވެ.
ހުނަރުކުޑަބެ
01 March 2020
ނޭވާ ހިފަހައްޓައިގެން އިންދާ ހިތް ތެޅޭ ވަރުން ދެންމެ ދެންމެ މީހާ ޑިކޯ ވެގެން ޗެންބަރަށް ލާންޖެހިދާނޭ ހީވަމުން ދެއެވެ. މީހާ އޮއްދާ ހިއްލާ ދެލޮލުގެ ކަޅުކަޅި ގެއްލެން އުޅޭހެން ހީވެއެވެ. ކޮފީ މޭޒުމަތިން ދިޔަ ކަނޑައެއް ގޮވާއިލިއަޑު އިވުނެވެ. ''ކަލެޔަކަށް ތިޔަކަމެއް ނުވާނެ، ވެއްޖެއްޔާ މަ ކަލެއަށް ބަނޑުފުރާ ސައިދޭނަން''. ކައިރިން ދިޔަ އެހެން ކަނޑައެއް ޕަކަ ޕަކަ ލައިފައި ހީނގަތްއަޑު އިވުނެވެ. ތުރު ތުރު އަޅަމުން ރާނިޔާ މޫނަށް ބަލައިލީމެވެ. ސުބުހާނަﷲ އެވެ
ޒައިނީ
01 March 2020
ހަހަހަހަ
ބިންމާބޭބެ
01 March 2020
ބިންމާ ބޭބޭ! ހަންނާނު، ދީމާ، މީ ބިންމާ ބޭބެ ހާދަ ގަޔާވާ ނަންތަކެއް ހެން ހީވެޔޭ! ވަރަށް ގިނަ ވާހަކަ ތަކެއްގައި ހެން މި ނަން ކިޔާ މީހުން އުޅޭތީ! ކޮބައިބާ އެކަމުގެ ސިއްރަކީ؟