09 ޑިސެމްބަރ 2021 - 09:36
ލަންޑަން (ޑިސެމްބަރު 9) - ޔޫއެފާއިން މި ސީޒަނުގައި ބާއްވަން ފެށި ޔޫރަޕުގެ ތިންވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، ޔޫރޮޕާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގައި އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ މުހިއްމު މެޗަކަށް ތައްޔާރު ވަމުން ދަނިކޮށް އެ ޓީމުގެ އަށް ކުޅުންތެރިއަކަށް ކޮވިޑުޖެހުމުން, މެޗު ފަސްކުރަން ޖެހިއްޖެ އެވެ.
މިރޭ ކުޅެން ތާވަލް ކޮށްފައިވާ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ގެންދަން ޔޫއެފާއިން ނިންމި ނަމަވެސް، މިހާރު މެޗް ފަސްކޮށްފައިވާކަން ޓޮޓެންހަމުން ރޭ ވަނީ އިއުލާން ކޮށްފަ އެވެ.
ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް އިނގިރޭސި ވިލާތާއި ޔޫރަޕުގައި ހަލުވިކަމާ އެކު ފެތުތެމުންދާ މި ދަނޑިވަޅުގައި ޓޮޓެންހަމްގެ އަށް ކުޅުންތެރިއަކާއި، ޓީމުގެ ފަސް ސްޓާފަކަށް ބަލި ޖެހިފައިވާކަން، ކޮންފަރެންސް ލީގު މެޗުގެ ކުރިން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ޔަގީން ކޮށްދީފަ އެވެ.
ކޮންޓޭ ބުނީ، ކޮންމެ ދުވަހަކު ޓީމުން ކޮވިޑު ކޭސްތައް ފެންނަމުން ދާތީވެ މެޗަށް ތައްޔާރުވާން އުނދަގޫވާ ކަމަށެވެ. އަދި ޓީމުގެ ތެރޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން އެކަމާ ކަންބޮޑު ވާކަމަށާއި، ފުޓުބޯޅަ މެޗާމެދު އެއްޗެއް ބުނަން ވެސް ދަތިވާ ކަމަށް ކޮންޓޭ ބުންޏެވެ.
ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖު ފަހު މެޗުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް ޓޮޓެންހަމް އަމިއްލަ ދަނޑުގައި ނުކުންނަން ޖެހޭއިރު، މުބާރާތުގައި އިތުރަށް ކުރިޔަށް ދާން މި މެޗުން މޮޅުވާން އެޓީމަށް ވަރަށް މުހިންމެވެ. ތިންވަނައިގައި އޮތް ނެދަލެންޑްސްގެ ވިޓޭސޭއާ އެއްވަރަށް ހަތް ޕޮއިންޓް ހޯދައި، ޓޮޓެންހަމް ދެވަނައިގައި އޮތީ ހެޑް-ޓު-ހެޑް ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. ވިޓެސޭ ފަހު މެޗުގައި ބައްދަލުކުރާނީ ފުލުގައި އޮތް ސްލޮވީނިއާގެ މޫރާއާ އެވެ.
މި މެޗަށް ފަހު އަންނަ ހަފްތާގެ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ޓޮޓެންހަމް ކުޅެން އޮތްއިރު، އެ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އެއަށް ފަހު މި މަހު 19 ވަނަ ދުވަހުގެ ރޭ ކުޅޭނީ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށެވެ.
ޓޮޓެންހަމުން ޕޮޒިޓިވްވި ކުޅުންތެރިންގެ ނަންތައް އެޓީމުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ދެކުނު ކޮރެއާގެ ޖޫންގަން ޑެއިލީ ނޫހުން ރިޕޯޓް ކުރާ ގޮތުގައި ޓޮޓެންހަމުގެ ސޮން ހެއުން މިން އާއި ލޫކަސް މޯރާ އާއި ބެން ޑޭވިސް އަދި ކްރިސްޓިއަން ރޮމޭރޯ އަށް ވަނީ ކޮވިޑު ޖެހިފަ އެވެ. މީގެ އިތުރުން އެ ޓީމުގެ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ރަޔާން މޭސަން އާއި ކްރިސްޓިއަން ސްޓެނިއްލީ އަށް ވެސް ވަނީ ކޮވިޑު ޖެހިފަ އެވެ.
ޓޮޓެންހަމްގެ ފުލްބެކް އެމަސަން ރޯޔަލް އާއި ވިންގާ އެމަސަން އަށް ވެސް ވަނީ ކޮވިޑު ޖެހިފައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. ޓޮޓެންހަމް އެންމެ ފަހުން ލީގުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ދެ ކުޅުންތެރިން ޓީމުގައި ހިމަނައިފައެއް ނުވެ އެވެ.
ޓޮޓެންހަމުން ކޮވިޑު ޖެހުނު ކުޅުންތެރިން 10 ދުވަހުގެ އައިސޮލޭޝަން މުއްދަތު ފުރިހަމަ ކުރަން ޖެހޭއިރު، އުސޫލެއްގެ ގޮތުން ޓީމުގައި 13 ކުޅުންތެރިން ހަމަވާ ނަމަ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު މެޗުތައް ކުރިޔަށް ގެންދާނެ އެވެ. މެޗު ފަސް ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް، ގުރޫޕް ސްޓޭޖުގެ މެޗްތައް މި މަހުގެ 31 ގެ ކުރިން ނިންމަން ޔޫއެފާ އިން ވަނީ ނިންމައިފަ އެވެ.
ޕްރިމިއާ ލީގުގައި މެޗުތައް ފަސް ކުރަން ނިންމާނީ ކުލަބަކުން އެކަމަށް އެދިއްޖެ ހާލަތެއްގައި، ލީގުގެ ބޯޑުންނެވެ. އަދި އުސޫލެއްގެ ގޮތުން ޓީމުގައި މަދުވެގެން 14 ކުޅުންތެރިން ހަމަވާނަމަ މެޗު ފަސް ނުކޮށް، ތާވަލު ކުރެވިފައިވާ ގޮތަށް ކުރިޔަށް ގެންދާނެ އެވެ. އެހެން ނަމަވެސް ލީގުގައި ބްރައިޓންއާ ދެކޮޅަށް ކުޅޭ މެޗު ފަސް ކުރަން އެ ކުލަބުން އަންނަނީ ޕްރިމިއާ ލީގުގެ ބޯޑާ މަޝްވަރާ ކުރަމުންނެވެ.
ޕްރިމިއާ ލީގުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، އެންމެ ފަހުން މެޗުތައް ކުޅެން އޮތް ދުވަސްތަކުގައި (ނޮވެމްބަރު 29 އާއި ޑިސެމްބަރު 5އާ ދެމެދު) ނެގި ސާމްޕަލްތަކުން، 12 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ކުރީ ހަފްތާގައި ފެނުނީ ކޮވިޑަށް ޕޮޒިޓިވްވި ހަތް ކޭހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy