28 ޑިސެމްބަރ 2021 - 23:32
ބާސެލޯނާ (ޑިސެމްބަރު 28) - މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒް ބާސެލޯނާއަށް ބަދަލުވުމާ އެކު އޭނާގެ ރިލީޒް ކްލޯސަކީ އެއް ބިލިއަން ޔޫރޯ ކަމަށް އެ ޓީމުން ހާމަކޮށްފި އެވެ.
މިދިޔަ ހަފްތާގައި ޓޮރޭޒް ވަނީ ބާސެލޯނާއަށް ބަދަލުވާން އެއްބަސްވެފަ އެވެ. ބާސެލޯނާއާ އެކު އިއްޔެ މެޑިކަލް ފުރިހަމަ ކުރުމަށް ފަހު މިއަދު އޭނާ އެ ޓީމަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 65 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. ޖެނުއަރީ މަހު ފުރަތަމަ 55 މިލިއަން ޔޫރޯ ދެއްކުމަށް ފަހު ބާކީ 10 މިލިއަން ޔޫރޯ ދައްކާނީ ބަހާލައިގެންނެވެ.
ޓޮރޭޒް އަކީ މި ފަހުން ބާސެލޯނާއިން އެއް ބިލިއަން ޔޫރޯގެ ރިލީޒް ކްލައުސްއެއް ހަމަޖެއްސި ތިންވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުގެ އަންސޫ ފާޓީ އާއި ޕެޑްރީ ވެސް ވަނީ އެއް ބިލިއަން ޔޫރޯގެ ރިލީޒް ކްލޯސަކާ އެކު ދިގު މުއްދަތަކަށް އެއްބަސްވުން އާކޮށްފަ އެވެ.
ސްޕެއިންގެ ވެލެންސިއާ އިން މިދިޔަ އަހަރުގެ އޮގަސްޓް މަހު 23 މިލިއަން ޔޫރޯއަށް މެންޗެސްޓާ ސިޓީއަށް ގެނައި ފެރާން ޓޮރޭޒް، 21، ވަނީ އެ ޓީމަށް ކުޅެދިން 43 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. މި ސީޒަނުގެ ކުރީކޮޅު ސިޓީގެ ޓީމުގައި ހިމެނިގެން ކުޅުނު ނަމަވެސް ސްޕެއިންގެ ގައުމީ ޓީމަށް ދޫކޮށްފައި ވަނިކޮށް ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ.
ޓޮރޭޒް އަކީ މި ސީޒަނުގައި މެންޗެސްޓާ ސިޓީން ބާސެލޯނާއަށް ބަދަލުވި ތިންވަނަ ކުޅުންތެރިޔާ އެވެ. އޮގަސްޓް މަހުގެ ޓްރާންސްފާ ބާޒާރުގައި ވަނީ ސިޓީގެ ޑިފެންޑަރު އެރިކް ގާސިއާ އަދި ފޯވަޑް ސާޖިއޯ އަގުއެރޯ ބާސެލޯނާއަށް ބަދަލު ވެފަ އެވެ.
ފެރާން ޓޮރޭޒް ވަނީ ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ދެ ކޯޗުން ކަމަށްވާ ޕެޕް ގާޑިއޯލާ އާއި ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. ސިޓީގައި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅޭއިރު ސްޕެއިންގެ ސީނިއާ ގައުމީ ޓީމުން އޭނާއަށް ޖާގަ ދިނީ އެންރީކޭ އެވެ.
ޓޮރޭޒް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 22 މެޗުން 12 ލަނޑު ޖަހައިފަ އެވެ. މި އަހަރު އޮތް ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިނުން އިޓަލީ ބަލިކުރިއިރު، މެޗުގައި ސްޕެއިނުން ޖެހި ދެ ލަނޑު ވެސް ޖެހީ ޓޮރޭޒެވެ.
ދަށް ނަތީޖާތަކަކާ އެކު މި ސީޒަން ފެށި ބާސެލޯނާގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން މިދިޔަ އޮކްޓޯބަރު މަހު މަގާމުން ދުރުކޮށް އެ ޓީމުގެ ކޯޗުކަން ހަވާލުކުރީ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އާއެވެ.
ބާސެލޯނާގެ މާލީ ދަތިތަކާ ހުރެ ވެސް ޖެނުއަރީ ޓްރާންސްފާގައި ހަރަދު ކުރަން ނިންމީ އެޓީމަށް ފޯވާޑުންގެ މުހިއްމުކަން ބޮޑުވެފައި ވާތީ އެވެ. އެ ޓީމުން ވަނީ ކުޅުންތެރިން ގަންނަން ބޭންކު ލޯނެއް ވެސް ނަގައިފަ އެވެ. ނަމަވެސް ލަ ލީގާގެ ފައިނޭންޝިއަލް ފެއާޕްލޭ މިންގަނޑުގެ ތެރެއިން ފެރާން ޓޮރޭޒް ބާސެލޯނާ ޓީމުގައި ހިމެނޭނީ އެޓީމުގެ ކުޅުންތެރިންތަކެއް ވިއްކާލައިގެންނެވެ.
ލީގުގެ ހަރަދުކުރުމުގެ އުސޫލަށް ނުފެތޭތީވެ މުހިއްމު ދެ ފޯވަޑުން ކަމަށްވާ ލިއޮނެލް މެސީ އާއި އެންޓޮއިން ގްރީޒްމަން ދޫކޮށްލަން ޖެހުނުއިރު، ހިލޭ ޓްރާންސްފާއެއްގައި ގެނައި ސާޖިއޯ އަގުއެރޯ ވަނީ ހިތުގެ މައްސަލައަކާ ހުރެ ފުޓުބޯޅައިން ރިޓަޔާ ކޮށްފަ އެވެ. ބާސާ އިން ހަރަދުކުރަން ލަ ލީގާއިން ކަނޑައަޅާފައިވާ ލިމިޓަކީ 97 މިލިއަން ޔޫރޯ އެވެ. އޭގެ ތެރޭގައި ކުޅުންތެރިން ގަންނަން ހޭދަކުރާ ހަރަދާއި އެ ކުޅުންތެރިންގެ މުސާރަ ވެސް ހިމެނެ އެވެ. ބާސެލޯނާ އިން ހަރަދު ކުރަން ސްޕެނިޝް ލީގުން ހުއްދަ ދެނީ މުސާރައިން ސަލާމަތްވާ އަދަދުގެ 25 ޕަސެންޓް ފައިސާ ނުވަތަ ކުޅުންތެރިން ވިއްކައިގެން ލިބޭ ފައިސާއިންނެވެ.
ޓޮރޭޒްގެ އިތުރުން ފުލްބެކް ޑެނީ އަލްވޭސް ވެސް ބާސެލޯނާ ޓީމުގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އެޓީމަށް ލޯނު އުސޫލުން ކުޅޭ ޔޫސުފް ޑެމާ އާއި ލޫކް ޑި ޔޮންގުގެ ލޯން ކޮންޓްރެކްޓް އުވާލައި، އިތުރު ކުޅުންތެރިން ވިއްކާލަން ތައްޔާރު ވަމުން އަންނަ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.
ފެރާން ޓޮރޭޒް ރަސްމީކޮށް ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
29 December 2021
ކޮބާ ފެނޭތަ؟؟ ފެނޭ ދޯ.ބައެއް މީހުންނަށް މިކަހަލަ އާޓިކަލް ފެނުނަސް ނުފެނޭ.
ޑިކްޝަނަރީ އަންއޮފިޝިއަލް
29 December 2021
ފެނިއްޖެ. ދެން ފެންނާނީ ފެރާން ޓޮރޭސް އަށް ޓްރޮފީ އެއް ނުލިބި ކްލަބް ކެރިއަރު ނިމިގެން ދާތަން.