ކުޅިވަރު / ދިވެހި ކުޅިވަރު

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ޖުލައި މަހު އިންޑިއާގައި، ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލް

2018 ވަނަ އަހަރުގެ ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން.-- ފައިލް ފޮޓޯ: ފާއިދު އިބްރާހިމް/ އެފްއޭއެމް

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަނުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު އިންޑިއާގެ ބުބަނޭޝްވަރުގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ޖުލައި މަހުގެ 25 ގައި ފަށާ މި މުބާރާތުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ ނޭޕާލާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އާއި މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އިތުރުން ދިވެހިރާއްޖެ އެވެ.

ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލުން ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށެވެ. ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އެވެ.

މީގެ ކުރިން ސާފް އިން 18 އަހަރުން ދަށާއި 19 އަހަރުން ދަށަށް މުބާރާތް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހަތުގެ މުބާރާތް ކުރިޔަށް ގެންދަނީ 20 އަހަރުން ދަށުގެ އުމުރުފުރާއަށެވެ.

ފުރަތަމަ މެޗުގައި ރާއްޖޭން ނުކުންނާނީ އެންމެ ކާމިޔާބު ނޭޕާލާ ދެކޮޅަށް

ކަލިންގާ ސްޓޭޑިއަމްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގެ ޝެޑިއުލް ދެކުނު އޭޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން އާއްމު ކޮށްފައި ވާއިރު ފުރަތަމަ މެޗުގައި ޖުލައި 25 ވަނަ ދުވަހު ރާއްޖޭން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއަށް ފަހު 29 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ، ތިންވަނަ މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ލީގު ބުރު ނިންމާލާނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ރާއްޖޭން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ނޭޕާލުގައި މުބާރާތް ކާމިޔާބުކުރީ އިންޑިއާގެ 18 އަހަރުން ދަށުގެ ޓީމެވެ. އޭގެ ކުރިން ބޭއްވި ދެ ފަހަރު ވެސް މުބާރާތް ކާމިޔާބުކުރީ ނޭޕާލް އެވެ. ފުރަތަމަ މުބާރާތް 19 އަހަރުން ދަށުގެ ޓީމު ކާމިޔާބު ކުރިއިރު ދެން ކާމިޔާބުކުރީ 18 އަހަރުން ދަށުގެ ޓީމެވެ.

2018 ވަނަ އަހަރުގެ ތިންވަނަ ހޮވި މެޗު ކާމިޔާބު ކުރުމަށް ފަހު ރާއްޖޭގެ ޒުވާން ޓީމު އުފާފާޅުކުރަނީ.-- ފައިލް ފޮޓޯ: ފާއިދު އިބްރާހިމް/ އެފްއޭއެމް

ރާއްޖޭން ވަނީ މީގެ ކުރީ ތިން މުބާރާތުގައި ވެސް ވާދަ ކޮށްފަ އެވެ. ފުރަތަމަ ދެ މުބާރާތުގައި ނާކާމިޔާބު ވިޔަސް އެންމެ ފަހުން ނޭޕާލުގައި ބޭއްވި މުބާރާތުގައި ރާއްޖޭން ވަނީ ތިންވަނަ ހޯދައިފަ އެވެ. އެންމެ ފަހުން ނޭޕާލުގައި ބޭއްވި މުބާރާތުގައި ވެސް ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެ އާއި ނޭޕާލެވެ. ނޭޕާލުން ފަހަތުން އަރައި އެއްވަރު ކުރި އެ މެޗު ނިމުނީ 1-1 އިންނެވެ.

ކުރީ ދެ ފަހަރު ޗެމްޕިއަންކަން ހޯދި ނޭޕާލް ގުރޫޕް ސްޓޭޖުން ކަޓުވާލައި ސެމީ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ. ނަމަވެސް ތިންވަނަ ހޮވި މެޗުގައި ވަނީ ބޫޓާން ބަލި ކޮށް ލޯ މެޑަލް ހޯދައިފަ އެވެ. އެ ފަހަރު ރާއްޖޭގެ ކޯޗަކަށް ހުރީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޔޫތު ފުޓުބޯޅަ މުބާރާތް ވެސް 2019 ވަނަ އަހަރަށް ފަހު މެދުކެނޑުނު ނަމަވެސް މިއަހަރުގެ ކުރީކޮޅު ވަނީ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. އެ މުބާރާތުން ވިދާލި ޒުވާން ގިނަ ކުޅުންތެރިންތަކެއް ސީނިއާ ޓީމާއެކު ދިވެހި ޕްރިމިއާ ލީގު މެޗުތަކުން ވެސް އަންނަނީ ފުރުސަތު ހޯދައި އުންމީދީ ކުޅުމެއް ދައްކަމުންނެވެ.

ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން އަންނަ ޖޫން މަހު، އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރަށް ތައްޔާރުވާން ނެގި ޕްރިލިމިނަރީ ސްކޮޑުގައި ވެސް ޒުވާން ކުޅުންތެރިންނަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު 18 އަހަރުން ދަށުގެ ޓީމާ އެކު ލޯ މެޑަލް ހޯދި ކުޅުންތެރިން ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454