2015 ވަނަ އަހަރު އޮވޮނިއީ ލިވަޕޫލަށް ސޮއިކުރަނީ.-- ފޮޓޯ: ލިވަޕޫލް
26 ޖޫން 2022 - 21:14
ނޮޓިންހަމްޝަޔާ (ޖޫން 26) - އެންމެ ފަހުގެ އިނގިރޭސި ޗެމްޕިއަންޝިޕް ސީޒަނުގެ ޕްލޭއޮފް ކާމިޔާބުކޮށްގެން ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެފައިވާ ނޮޓިންހަމް ފޮރެސްޓުން އެ ކްލަބުގެ ރެކޯޑް އަގަކަށް ފޯވާޑެއް ގެނެސްފި އެވެ.
ޕްރިމިއާ ލީގުގެ ފައުންޑިން ކްލަބުތަކުގެ ތެރޭގައި ވެސް ހިމެނޭ ފޮރެސްޓުން 23 ސީޒަނަށް ފަހު އަލުން ޕްރިމިއާ ލީގަށް ކޮލިފައިވެފައި ވާއިރު، އެ ޓީމުން ސޮއިކުރުވީ ނައިޖީރިއާގެ ގައުމީ ޓިމަށް ކުޅޭ 24 އަހަރުގެ ފޯވާޑް ޓައިވޯ އޮވޮނިއީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަންގެ ޔޫނިއަން ބާލިންއަށް ކުޅެމުން އައި ފޯވާޑް ފޮރެސްޓަށް ގެނައީ 17 މިލިއަން ޕައުންޑަށް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިއީ ފޮރެސްޓުން އާ ސީޒަނަށް ސޮއިކުރުވި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޓައިވޯ އޮވޮނިއީ ވަނީ މިދިޔަ ސީޒަނުގައި ބުންޑެސްލިގާ އާއި ޖަރުމަން ކަޕާއި އަދި ކޮންފަރެންސް ލީގުގައި 43 މެޗު ކުޅެ 20 ލަނޑު ޖަހައިފަ އެވެ.
އޮވޮނިއީ، ބުންޑެސްލިގާ ގައި ޔޫނިއަން ބާލިން އަށް ލަނޑެއް ޖެހުމަށް ފަހު.-- ފޮޓޯ: ގެޓީ އިމޭޖަސް
"ޕްރިމިއާ ލީގުގައި ކުޅުމަކީ އަހަރެންގެ އަބަދުވެސް ހުވަފެނެއް. (ފޮރެސްޓުގެ މެނޭޖަރު) ސްޓީވް ކޫޕާ އާ އަހަރެން ވާހަކަ ދައްކައިފިން އަަހަރެމެން ސީޒަނުގައި ހާސިލްކުރަންޖެހޭ ޓާގެޓާ ގުޅޭގޮތުން، އަދި މުއްސަނދި ތާރީހެއް އޮތް ކުލަބަކަށް އާދެވުމުން އަހަރެން ވެސް ބޭނުން ކުލަބުގެ ތާރީހުން ޖާގަ ހޯދަން،" އޮވޮނިއީ ބުންޏެވެ.
ނައިޖީރިއާގެ އިމްޕީރިއަލް ސޮކާ އެކަޑަމީ އަށް ކުޅެމުން އައި އޮވޮނިއީ އަށް ފުރަތަމަ ސީނިއާ ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ދިނީ 2015 ވަނަ އަހަރު ލިވަޕޫލުންނެވެ. އޭނާ ލިވަޕޫލަށް ސޮއިކުރީ 400،000 ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. ނަމަވެސް ލިވަޕޫލަށް އޭނާ މެޗެއް ކުޅެފައި ނުވާއިރު، މިދިޔަ ސީޒަނުގައި ދާއިމީކޮށް ޔޫނިއަން ބާލިންއަށް ސޮއިކުރަން ވަންދެން އޭނާ ވަނީ ލޯނު އުސޫލުން ހަ ކްލަބަކަށް ކުޅެފަ އެވެ.
އެންމެ ފުރަތަމަ ޖަރުމަން ދެވަނަ ޑިވިޝަނުގެ އެފްއެސްވީ ފްރޭންކްފާޓަށް ކުޅުނު އިރު ޖެހިގެން އައި ސީޒަނުގައި ކުޅުނީ ނެދަލެންޑްސް ލީގުގެ އެންއީސީ އަށެވެ. އެއަށް ފަހު ބެލްޖިއަމް ލީގުގެ މޮސްކްރޯން އާއި ގެންޓް އަށް ކުޅުމަށް ފަހު 2019 ގައި އެނބުރި ޖަރުމަނަށް ބަދަލުވި އެވެ. ބުންޑެސްލިގާ ގައި ފުރަތަމަ ސީޒަނުގައި އޭނާ ކުޅުނީ މެއިންޒް އަށެވެ. އެއަށް ފަހު މިދިޔަ ސީޒަނުގައި ޔޫނިއަން ބާލިން އާއެކު ދާއިމީ ކޮންޓްރެކްޓެއް ހެދުމުގެ ކުރިން އޭނާ ވަނީ އެޓީމަށް ލޯނު އުސޫލުން އެއް ސީޒަން ކުޅެދީފަ އެވެ.
އޮވޮނިއީ ވަނީ މިދިޔަ ސީޒަނުގައި ޔޫނިއަން ބާލިން އަށް ލީގުގައި ކުޅެދިން 31 މެޗުގައި 15 ލަނޑު ޖަހައިދީފަ އެވެ. މިއާ އެކު އޭނާ ލީގު ނިންމާލީ ލަނޑު ލިސްޓުގެ ހަވަނައިގަ އެވެ. އަދި ޔޫނިއަން ބާލިން ވަނީ ލީގު ފަސްވަނައިގައި ނިންމައި، 2001/02 ސީޒަނުގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގަށް ކޮލިފައި ވެފަ އެވެ.
ލިވަޕޫލްގެ އޮފާ ލިބުމުގެ ކުރިން އޮވޮނިއީ ވަނީ ނައިޖީރިއާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު 2013 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި އެއަށް ފަހު 2015 ގައި ވަނީ 20 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު އެފްރިކާ ބައްރުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
އޮވޮނިއީ ނައިޖީރިއާގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ މިއަހަރު ކުރީކޮޅު އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ގޯލު ވެސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy